13ވަނަ ގަރުނުގައި ޗައިނާއިން އީޖާދުކުރި ”ހޭންޑް ކެނަން“ އިން ފެށިގެން 21ވަނަ ޤަރުނުގައި ދުނިޔެ މި ދެކެމުންދާ އާޓިފިޝަލް އިންޓެލިޖެންސްއާ ހަމައަށް ދުނިޔޭގެ އެކިއެކި ގައުމުތަކުން ދިޔައީ އެހެން ބައެއްގެ އުފެއްދުންތައް ނަކަލު ކުރެވޭތޯ ބަލަމުންނެވެ. ހަނގުރާމައިގެ އާލާތްތަކުގެ އިތުރުން ސިއްހީ ދާއިރާއާއި، ތައުލީމާއި، ކުޅިވަރާއި، އުމްރާނީ ތަރައްގީގެ ދާއިރާއިން ވެސް ދުނިޔޭގެ ބާޒާރުގައި އެތައް ބާވަތްތަކެއް ލިބެން އެބަހުއްޓެވެ. އިންސާނުންނާ ދާދި އެއް ފަދަ އާޓިފިޝަލް އިންޓެލިޖެންސް ހިއުމަނޮއިޑް ރޮބަޓްސް ވެސް މިހާރު ވަނީ ދުނިޔޭގައި އުފައްދާފައެވެ. ނަމަވެސް ފަލަސްތީނުގެ ބިމުން މުޅި ދުނިޔެއަށް ފެނިގެން ދިޔައީ ނަކަލު ނުކުރެވޭނެ އެއްޗެކެވެ. އެއީ، ކަމެއް ތަހައްމަލު ކުރުމަށް ޓަކައި ބައެއްގެ ހަށިގަނޑުގައި ލައްވާފައިވާ ކެތްތެރިކަމެވެ. އެންމެ ދަތި ހާލަތުގައި ވެސް ހަނގުރާމަކުރުމުގައި ކުރިޔަށް ދިއުމަށް ހަށިގަނޑުގައި ވާ އެދުންވެރިކަމެވެ. މި ފަދަ ސިފަތަކަކީ އެއްވެސް މެޝިނެއް، ރޮބަޓެއް، އާލާތެއްގައި ލެވޭނޭ ސިފަތަކެއް ނޫނެވެ.
ދުނިޔެ ފެށުނީއްސުރެ ދުނިޔޭގައި ހަނގުރާމައާއި ހަމަނުޖެހުން ކޮންމެވެސް ސިފައެއްގައި ހިނގަމުންދާކަމީ ދެބަސްވެވޭނެ ކަމެއް ނޫނެވެ. ހަނގުރާމައަކީ އޭގެ މާނަ އެތައް ގޮތަކަށް ބަޔާންކޮށްދީފައިވާ އެއްޗެކެވެ. ޔޫއެސް އާރމީ ޑޮކްޓްރިނަލް ޕަބްލިކޭޝަން 0-3، ”އޮޕަރޭޝަންސް“ ބުނާގޮތުގައި ހަނގުރާމައަކީ ތަރުތީބު ކުރެވިފައިވާ ގްރޫޕްތަކަކުން އެއް ބަޔަކު އަނެއް ބައެއްގެ މައްޗަށް އެ ބަޔަކު ބޭނުންވާ ގޮތެއް ގަދަބާރުން ތަންފީޒުކުރުމެވެ. ކްލައުޓްވިޓްޒް 1976 ގައި، ”އޮން ވޯރ“ ގައި ބަޔާންކުރަނީ ހަނގުރާމައަކީ އަހަރެމެންނަށް ލިބިގެންވާ އިޚްތިޔާރުގެ ބޭނުން ހިފައިގެން، ދުޝްމަނުންނަށް ލިބިފައިވާ އިޚްތިޔާރު ފުނޑާލައި، އަހަރެމެންނަށް ބޭނުންވާ ގޮތަށް ކަންކަން އަނބުރާލުމަށް، ވަރުގަދަ ބާރެއްގެ ބޭނުން ހިފައިގެން ކަންކަން ކުރުމެވެ. ހަނގުރާމައިގެ ކޮންމެ ތަފުސީލެއް ބެލި ކަމުގައިވީ ނަމަވެސް ފެނިގެންދަނީ އެއް ބަޔަކު އަނެއް ބައެއްގެ މައްޗަށް ބާރުފޯރުވުން ބަޔާންކޮށްދީފައިވާ ތަނެވެ. ކުރުކޮށް ބުނާ ނަމަ، އަހަރެން ބޭނުންވާ ގޮތް އެހެން ބައެއްގެ މައްޗަށް ތަންފީޒުކުރުމެވެ. ހަނގުރާމައަކީ ކަނޑިއާއި، ބަޑިއާއި، ބޮމާ އަދި މިސައިލްތަކުގެ ވަރުގަދަ ބައްދަލުވުމުގެ ބަދަލުގައި އެއީ ”ކްލޭޝް އޮފް ހިއުމަން ވިލް“އެވެ. އެންމެ ވަރުގަދަ ”ވިލް“އެއް ލިބިގެންވާ ބަޔަކު ހަނގުރާމައިގެ އާލާތްތަކުގެ އަދަދުގެ އިތުރުކަމުގެ މައްޗަށް ކުރިހޯދާފައިވާތަން ދުނިޔޭގެ ތާރީޚުން ހެކިކޮށްދެއެވެ.
މުސްލިމުންގެ ތާރީޚުގެ ފަތްފުށްތައް އުކާލާ އިރު ފެނިގެންދަނީ މިއަދު ޣައްޒާގެ ބިމުން ފެނިގެންދާ ފަދަ މަންޒަރުތަކެކެވެ. މުސްލިމުންގެ ބާރުތައް މަދުވެފައި އަތުގައިވާ އާލާތްތައް މަދެވެ. ނަމަވެސް މި ބަޔާންކުރެވުނު ”ކްލޭޝް އޮފް ހިއުމަން ވިލް“ގެ ކޮންސެޕްޓްގައި މުސްލިމުންގެ ”ވިލް“، އެ މީހުންގެ ކެތްތެރިކަން، ދަތިހާލަތްތައް ތަހައްމަލު ކުރަމުން ކުރިޔަށްދާން ބޭނުންވި އެދުންވެރިކަން ދުޝްމަނުންނަށް ވުރެ އެތައް ގުނައެއް ވަރުގަދަވެފައި ބޮޑެވެ. އެންމެ ފުރަތަމަ ކުރެވުނު ބަދުރު ހަނގުރާމައިން ފެށިގެން، ރޯދަ ހިފަމުން ގަދަ ހޫނުގައި ތަބޫކު ހަނގުރާމައަށް ދިޔަ ގޮތާއި، އެތައް ހާސް ދުޝްމަނުންނާ ކުރިމަތިލި މުއުތާ ހަނގުރާމައިން ފެނިގެންދިޔައީ މުސްލިމުންނަކީ ނުގުޑާނެ ފަދަ އަޤީދާއެއްގެ މަތީގައި ސާބިތުވެ ތިބޭ ބައެއް ކަމާއި، ދަތި އުނދަގޫ ކަންކަން ތަހައްމަލު ކުރުމަށް މުސްލިމުންގެ ހަށިގަނޑުގެ ތެރޭގައި ލައްވާފައިވާ ކެތްތެރިކަމާއި ހަނގުރާމަކޮށް ކާމިޔާބީއާ ހަމައަށް ކޮންމެ ގޮތެއް ހަދާފައި ވެސް ވާސިލުވުމަށް ހިތުތެރޭގައިވީ އެދުންވެރިކަމުގެ ބޮޑުކަމެވެ. މުސްލިމުންގެ ލަޝްކަރުގެ ކޮމާންޑަރ ބޭނުންވާގޮތް ދުޝްމަނުންގެ މައްޗަށް ތަންފީޒުކުރުމަށް ޓަކައި، ބޭނުންވެފައިވާ މިންވަރެވެ. އަދި މި ފަދަ ވަރުގަދަ ޖަޒުބާތެއް، އެދުންވެރިކަމެއް އަދި ކެތްތެރިކަމެއް ދުޝްމަނުންގެ ކިބައިން ފެނިގެން ގޮސްފައެއް ނުވެއެވެ. އަދި ދުޝްމަނުން އެ މީހުންގެ މީހުން އަދަދުގޮތުން ގިނަކަމާއި، ހަތިޔާރާއި އާލާތްތައް ވަރުގަދަކަމާއި، ލިބިފައިވާ ތަނަވަސްކަމުގެ މައްޗަށް ބޮޑާވެ، ފަޚުރުވެރިވެ، ކިބުރުވެރިވި މަންޒަރެވެ. މިއިން އެއްވެސް ކަމަކުން އެ މީހުންނަށް ދެމިގެންދާނެ ކާމިޔާބީއެއް ލިބިފައެއް ނެތެވެ.
މުސްލިމުންގެ ތާރީޚުން ނޫނަސް ދުނިޔޭގައި ހިނގާފައިވާ ހަނގުރާމަތަކުން ”ކްލޭޝް އޮފް ހިއުމަން ވިލް“ގެ ކޮންސެޕްޓް ވަރަށް ރަނގަޅަށް ފެނިގެން ގޮސްފައިވެއެވެ. މީގެ ތެރޭގައި ފާހަގޮށްލެވޭ އެންމެ މަޝްހޫރު އެއް ހަނގުރާމައަކީ 1955 އިން 1975 އާ ދެމެދު ކުރެވުނު ވިއެޓްނާމް ހަނގުރާމައެވެ. އޭރު ދުނިޔޭގެ އެންމެ ބޮޑު ބާރު ކަމަށްވާ އެމެރިކާއާ ދެކޮޅަށް ވިއެޓްނާމްގެ، ވިއެޓް ކޮންގުން ކުރިޔަށްގެންދިޔައީ މި ފަދަ ހަނގުރާމައެކެވެ. ފޫނުބެއްދޭނެ އެތައް ގެއްލުންތަކެއް ގައުމަށް ލިބެމުންދިޔަ ހާލަތުގައި ވެސް އެ މީހުން ގަބޫލުކުރާ ގޮތްތަކުގެ މަތީގައި ހަނގުރާމަ ކުރަމުންދިއުމުގެ ނަތީޖާއަކީ ކާމިޔާބީއެވެ. 1979 އާއި 1989 އާ ދެމެދު އަފްޣާނިސްތާނުން، ހަތިޔާރާއި ވައިގެ ބާރުގެ ގޮތުން އެތައް ގުނައެއް ވަރުގަދަ ސޯވިއެޓް ޔޫނިއަން ބަލިކުރީ އަމިއްލަ ގައުމުގެ ޓެރެއިން ރަނގަޅަށް ބޭނުންކޮށްގެންނެވެ. އަދި ކޮންވެންޝަނަލް ޓެކްޓިކްސް ބޭނުންކުރުމުގެ ބަދަލުގައި ހިޓް އެންޑް ރަން ޓެކްޓިކްސް ބޭނުންކޮށްގެންނެވެ. މި ފަދަ ހަނގުރާމައިގެ އުކުޅުތައް ބޭނުންކޮށްގެން މި ކުޑަކުޑަ ދިވެހިރާއްޖެ ވެސް ވަނީ ޕޯޗުގީޒުންގެ މައްޗަށް ކާމިޔާބީއާއި ނަޞްރު ހޯދާފައެވެ. 1954 އިން 1962 އާ ދެމެދު އަލްޖީރިއާއިން ދުނިޔޭގެ އޭރު އެންމެ ވަރުގަދަ ކޮލޯނިއަލް ބާރެއްކަމަށްވާ ފްރާންސްއާ ދެކޮޅަށް މިނިވަންކަން ހޯދުމަށް ކުރި ހަނގުރާމައިން ފެނިގެންދިޔައީ އެއްބައިވަންތަކަމާއި އެއް މަޤުސަދެއްގައި ގައުމު މަސައްކަތްކޮށްފި ނަމަ ކާމިޔާބު ލިބޭނެ ތަނެވެ.
ޝައްކެއް ވެސް ނެތެވެ. ނަކަލު ނުކުރެވެނީ ތިމާގެ ހިތުގައި ގޮތް އަޤީދާގެ ވަރުގަދަކަމާއި، ސާބިތުކަމެވެ. ކެތްތެރިކަމާއި، ދީނުގެ ހައްގުގައި، ގައުމުގެ ހައްގުގައި، ރައްޔިތުންގެ ހައްގުގައި ކުރިޔަށްދިއުމަށް ޓަކައި އޮތް ޑިޒަޔަރ ނޫނީ އެދުންވެރިކަމެވެ. ނުގުޑާ ފަދަ ވަރުގަދަ އަޒުމެވެ. އެހެން ހުރިހާ އެއްޗެއް ނަކަލު ކުރެވޭނެއެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ ކިބައިން ފެނިގެންދިޔައީ މި ސިފަތަކެވެ. މުސްލިމުންގެ ތާރީޚުން ފެނިގެން ގޮސްފައިވަނީ މި ސިފަތަކުގެ މަތީގައި ތިބެގެން ބޮޑެތި ބާރުތަކުގެ މައްޗަށް ކުރި ހޯދި ތަނެވެ. އަހަރަކާއި މަސްތަކެއް ފާއިތުވެގެން ދިޔަ އިރު، ޖަލެއްގެ ތެރޭގައި ބަންދުކޮށް، 75 އަހަރު ވަންދެން އަޅުވެތިކޮށް، އިންސާނީ އެތައް ހައްގުތަކަކުން މަހްރޫމްކޮށްފައި ތިބި ފަލަސްތީނު ރައްޔިތުންގެ ފަރާތުން ފެނިގެންދަނީ މި ސިފަތަކެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުން އަޅުގަނޑުމެންގެ ލޮލުގައި އަޅުވަމުންދާ ދުނިޔަވީ އަނދުނުން ސަލާމަތްވާން އެބަޖެހެއެވެ. ކިތަންމެ މޮޅު ހަތިޔާރަކާއި، އާލާތްތަކެއް ތިމާގެ އަތުގައި އޮތްކަމަށް ވިޔަސް، އަދި މެދުކެނޑުމެއް ނެތި މަދަދު ލިބެމުން ދިޔަޔަސް، ކާމިޔާބީއަކީ ކަށަވަރު އެއްޗެއް ނޫންކަން ސާބިތުވެގެން މިވަނީ ގޮސްފައެވެ. އަދި ކާމިޔާބީއަކީ ކޮން ފަރާތަކުން މިންވަރު ކުރައްވާ އެއްޗެއްކަން ކީރިތި ޤުރުއާނުގެ އަންފާލް ސޫރަތުގައި އެ ވަނީ ވަރަށް ސާފުކޮށް ބަޔާންކުރައްވާފައެވެ. އެންމެ ފަހުގެ އުފެއްދުންތަކަށް ހިތް ލެނބެމުންދާ އިރު، އެއީ ނަކަލު ކުރެވޭނެ އެއްޗެއްކަން ދަންނަން ޖެހެއެވެ. ވުމާ އެކު ނަކަލު ނުކުރެވޭނެ އެއްޗެއްގައި ހިފުމަކީ ދިގުމުއްދަތެއްގައި ފައިދާ ބޮޑު ކަމެއްކަން ދުނިޔެ މި ވަނީ އެތައް ހާދިސާތަކަކުން ސާބިތުކޮށްދީފައެވެ.
