ފާއިތުވި ގަރުނެއްހާ ދުވަހުގެ ތެރޭގައި ސިފައިންގެ ލަޝްކަރުގައި އަންހެން ސިފައިންގެ ދައުރު ވަނީ ބަދަލުވަމުން އައިސްފައެވެ. އަންހެން ސިފައިންގެ ކުޅަދާނަކަމާއި ކަންކަމުގައި ހައްލު ހޯދުމުގައި އެމީހުން ގެންގުޅެމުންދާ ވައްޓަފާޅިއާއި އެމީހުންގެ ކެތްތެރިކަން ދަނީ ފިރިހެނުން ގިނަ މި ދާއިރާގައި، މި މާހައުލުގައި ބަލައިގަންނަމުންނެވެ. ހަމަމިއާއެކު ސިފައިންގެ ވަޒީފާއަށް ވަންނަމުންދާ އަންހެނުންގެ އަދަދު ގިނަވުމާއިއެކު، އަންހެން ސިފައިންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް ރިއާޔަތްކުރުމަކީ ވެސް މުހިންމު ކަމެކެވެ.
ފުރަތަމަ ބޮޑުހަނގުރާމައަށްފަހު އަންހެނުން ވެސް ސިފައިންގެ ލަޝްކަރަށް މުހިންމުކަން ވިސްނިގެން ދިޔަފަދައިން ނޮވެންބަރު ތިނެއްގެ އުދުވާނަށްފަހު ދިވެހި ސިފައިންގެ ތެރެއަށް ވެސް ވަނީ އަންހެނުން ވަނުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެންމެ ފުރަތަމަ އަންހެނުން ބޭނުންކުރަމުން އައީ ”އެޑްމިނިސްޓްރޭޓިވް“ މަސައްކަތްތަކުގައި، މޭޒު ދޮށުގައި ތިބެގެން މަސައްކަތްކުރާ ގޮތަށެވެ. މިގޮތުގައި އަންހެން ސިފައިން އެތަކެއް އަހަރުތަކެއް ހޭދަކުރިއެވެ. އެހެންނަމަވެސް ފާއިތުވި އަހަރުތަކުގައި މި ދައުރު ބާރު މިނެއްގައި ބަދަލުވަމުން އައިސްފައި ވެއެވެ. ސަބަބެއް ވެސް ނެތިއެއް ނޫނެވެ. އަންހެން ސިފައިންގެ ހިތްވަރެވެ. މަސައްކަތުގައި ދައްކައިދިން ކުޅަދާނަކަމެވެ. މަސައްކަތްކުރެވެނީ ހަމައެކަނި މޭޒުދަށުގައި، ގަލަން ހިފައިގެން އެކަނި ނޫންކަން ސާބިތުކޮށްދެމުންނެވެ. ކޮމްޕިއުޓަރުން މޭޒުދޮށުގައި ކުރާ މަސައްކަތާއެއްވަރަށް އެހެން ދާއިރާތަކުން ވެސް މަސައްކަތް ކުރެވޭނެކަން ދައްކައިދިނުމުންނެވެ. އަންހެން ސިފައިންގެ މި ކުރިއެރުންތަކާއެކު ސިފައިންގެ މަތީ ފަންތިއަށް އަންހެނުން މިސްރާބުޖަހާ މިހާރު ވަނީ އެކި ދާއިރާތަކުން އިސް މަޤާމުތަކާ ހަމައަށް ދަތުރުކޮށްފައެވެ. އަދި މި މަގުން ކުރިޔަށްދިއުމުގެ ފުރުސަތު ވެސް މިއަދު އަންހެން ސިފައިންނަށް އެބައޮތެވެ.
އަންހެން ސިފައިންގެ ދައުރު މިއަދު ފެންނަނީ ހަމައެކަނި އޮފީސް މަސައްކަތްތަކުގައެއް ނޫނެވެ. އޮފީސް މަސައްކަތްތަކެކޭ އެއްފަދައިން މީސްކޮޅު މަދުނަމަވެސް މަތީ މަޤާމުތަކަށް ދާ އަންހެން ސިފައިން މިއަދު އިތުރު ވެއްޖެއެވެ. ހުރިހާ ދާއިރާތަކުގައި އަންހެން ސިފައިންގެ ދައުރު މިއަދު ފެނިގެން އެބަދެއެވެ. ފުރުސަތު ބަންދުވެފައި ވާ އެންމެ ދާއިރާއެއް ވެސް ނެތެވެ. ކަލާސީނުން، މެރީންސް، ފަޔަރ ފައިޓަރުން، ޑޮކްޓަރުން، ނަރުހުން، ފާމަސިސްޓުން، ފޮޓޯގްރާފަރުން، ޑައިވަރުން، އިންޓެލިޖެސް އޮފިސަރުން، ޑްރައިވަރުން، ވެޕަން އިންސްޓްރަކްޓަރުން، ފިޒިކަލް އިންސްޓްރަކްޓަރުން، ރެޕެލިންގ އިންސްޓްރަކްޓަރުން، ޑްރިލް އިންސްޓްރަކްޓަރުން، ސްވިމިންގ އިންސްޓްރަކްޓަރުން، އާރކިޓެކްޗަރުން، އިންޖިނިއަރުން، ލޯޔަރުން، ސައިކޮލޮޖިސްޓުން، ސެކިއރިޓީ ގާރޑުން، ބޮޑީގާރޑުން، ބޭންޑް މެންބަރުން، ވިޔަފާރި ހިންގުންތެރިންގެ އިތުރުން އަދިވެސް އެތައް ދާއިރާތަކަކުން އަންހެން ސިފައިން ފެނިގެން ދެއެވެ. އަދި އެކިއެކި ކުޅިވަރުތަކުގައި ރަންވަނަތައް ހޯދާ އެކިއެކި ކާމިޔާބީތައް ދިވެހި ސިފައިންނަށާއި ދިވެހި ޤައުމަށް ދަނީ ހޯދައިދެމުންނެވެ.
ނިސްބަތުން ފިރިހެނުން ގިނަ މި ދާއިރާތަކުގައި އަންހެނުން ފައިތިލަ ސާބިތުކޮށްގެން ތިބުމަކީ ނުހަނު ފަހުރުވެރިވާ ކަމެކެވެ. ކުރިއަރަމުން ދާ މިންވަރާ ސިފައިންގެ އަށް އަލަށް ގުޅެމުންދާ އަންހެނުންގެ ނިސްބަތް އިތުރުވުމާއެކު އަންހެނުންނަށް މި ދާއިރާގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ މަގުތައް ދެނެގަތުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. މިގޮތުން އަންހެނަކަށް ވީތީ މިވެނިކަމެއް ނުވާނޭ ބުނެ ކިޔޭ ފާޑުކިޔުންތަކުގެ ސަބަބުން ވަރަށް ގިނަ އަންހެނުން ކަންކަމުގައި ފަސްޖެހޭތަން އާދެއެވެ. މިފަދަ ފާޑުކިޔުމަށް ފަސްޖެހުމުގެ ބަދަލުގައި ދައްކުވައިދޭންވީ ކެރުމެވެ. ސާބިތުކޮށްދޭންވީ އަންހެނަކަށް ވިޔަސް ދާއިރާގައި އެއްހަމައެއްގައި މަސައްކަތްކުރެވޭނެ ކަމެވެ.
އަންހެނުން ނުވަތަ އަންހެން ސިފައިން ޒަމާނުއްސުރެ ވަކި ގޮތަކަށް މުވައްސަސާގައި އުޅެޖެހިފައި ވީނަމަވެސް، މިއަދު އެކަން ބަދަލުވަމުން ދާތަން އެބަ ފެނެއެވެ. އެހެން ނަމަވެސް އެ ކަންކަމުގެ ސަބަބުން ބައެއް ފަރާތްތަކުގެ ވިސްނުން އަދި ވެސް ހަމަ ބަދަލުނުވެ ހުރެދާނެއެވެ.
އަންހެނުންނަށް ދިމާވާ އެންމެ ބޮޑު ޖޮންޖެހުމެއް ކަމުގައި ވާނީ އަމިއްލަ ދިރިއުޅުމާއި މަސައްކަތް އެއްހަމައެއްގައި ދެމެހެއްޓުމެވެ. އެއީ ގިނަ އަންހެން ސިފައިންނަކީ މަންމައިންނެވެ. އަނބިންނެވެ. އަންހެން ދަރިންނެވެ. ”އަންހެނަކަށް“ ވީތީ ގޭތެރޭގައި ކުރަން ހުންނަ ވަރަށް ގިނަ ކަންކަން ވަޒީފާއަށް ދިޔައެއްކަމަކު ދޫކޮށްލެވޭކަށް ނޯވެއެވެ. ކެއްކުމާއި، ދޮވެ އިސްތިރިކުރުމާއި، ގޭތެރެ ސާފުކޮށް ބޭއްވުމާއި، ގޭތެރޭގެ ކަންކަން ބެލެހެއްޓުމެވެ. މިފަދަ ކަންކަމުގެ ސަބަބުން ސިފައިންގެ ތެރޭގައި ހަދާ ބައެއް ޓްރޭނިންގތައް ނުވަތަ ޕޯސްޓިންގތަކަށް ދިޔުމަށް އަންހެން ސިފައިންނަށް ދަތިތަކާ ކުރިމަތިވެއެވެ. މި ކަންކަމަކީ އެއްކޮޅެއް ނެގެން ނެތް ކަންކަމަށްވުމުން މިކަމުގައި އެންމެ ރަނގަޅު ގޮތެއް ކަމުގައި ފެންނަނީ ރޭވުންތެރިކަމާއެކު ވަޒީފާގެ ކަންކަމާއި ޓްރޭނިންގ އަދި އަމިއްލަ ދިރިއުޅުމުގެ ކަންކަން ވަކި ގޮތަކަށް ބައްޓަންކުރުމަށް މަސައްކަތްކުރުމެވެ.
އަންހެނެއްގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާއެކު ބައެއްފަހަރަށް ފިޓްނެސް ދެހެއްޓުމުގައި އުނދަގޫކަމެއް ދިމާވާ ފަރާތްތައްވެސް މަދެއް ނޫނެވެ. މިފަދަ ކޮންމެ ކަމަކީ އެކަމުގެ ސަބަބުން މީހާގެ ސިކުނޑީގެ ދުޅަހެޔޮކަމަށް ވެސް އަސަރުކުރުވާ ކަންކަމެވެ. މިއިން ކޮންމެ ކަމަކަށް ވެސް ބޭނުންވަނީ ހިތްވަރެވެ. ކުރަންވީ ބުރަ މަސައްކަތެވެ. ކާމިޔާބީއަށް ވާސިލް ވަމުންދާ ގިނަ އަންހެނުންގެ ފަރާތުން ނަގަންވީ ފިލާވަޅެވެ.
ފިރިހެނުން ގިނަ މި ދާއިރާގައި އަންހެނުންނަށް ފިރިހެނުންނަށްވުރެ ގިނަ ގޮންޖެހުންތައް ހުރިކަން ދެނެގަނެވި، އެކަމުގައި ފިރިހެނުންގެ ފަރާތުން އެއްބާރުލުން ލިބޭނަމަ އެތަނެއްގައި މަސައްކަތްކުރާ އަންހެނުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުވެ، މަސައްކަތުގެ މާހައުލުގައި އުފާވެރިކަން ދެމެހެއްޓޭނެއެވެ. އަދި ކަންކަމުގައި އިސްނަގައިގެން ކުރިޔަށް ދިޔުމަށް އަންހެނުންނަށް ހިތްވަރުދީ މަގުދައްކައި ދިނުމުގެ ޕްރޮގްރާމުތައް ވެސް ވަރަށް މުހިންމެވެ. އަންހެނަކަށް ވީތީ އެކަހެރިކޮށްނުލާ އެންމެންނާ އެކުގައި ގެންގުޅުމަށް މަސައްކަތްކުރުމަކީ ވެސް މުހިންމު ކަމެކެވެ. ގޭތެރޭގެ މަސައްކަތްތަކާއި އޮފީސް މަސައްކަތްތައް އެއްހަމައެއްގައި ދެމެހެއްޓޭނެ ގޮތްތައް ބުނެދިނުންވެސް މުހިންމެވެ. ފިޓްނެސް އެއްވަރެއްގައި ދެމެހެއްޓުމަށް އެއްބާރުލުން ދީ އެހީތެރިވެދިނުން ވެސް މުހިންމެވެ.
ފާއިތުވި އަހަރުތަކުގައި މި ބަދަލުތައް ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައި ވުމުގެ ސަބަބުން އަންހެން ސިފައިން މިއަދު ކުރިއަރަމުން ދާތަން ފެނިގެން ދެއެވެ. ހުރިހާ ދާއިރާތަކެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ފަހިވެ، ކުރިމަގު އުޖާލާކޮށް ފެންނަން ފަށައިފިއެވެ. ކުރިންވެސް ހުރި ހުރިހާ ގޮންޖެހުންތަކެއް ކުޑަކޮށް، ކުރިއެރުންތައް ހޯދަމުންދާތަން އެބަފެނެއެވެ. މަސައްކަތުގެ މާހައުލުގައި ލިބޭ އެއްބާރުލުން އިތުރުކުރެވިއްޖެނަމަ އަދި އަންހެންނަށް ހުރި ގޮންޖެހުންތަކަށް ރިއާޔަތްކުރެވޭކަމުގައި ވާނަމަ ވިޔަށްވުރެ އުޖާލާ ކުރިމަގެއް އަންހެން ސިފައިންނަށް އެބައޮތެވެ.
