ދިރިއުޅުމަށްޓަކައި އެކި މީހުން ކުރަނީ އެކިއެކި މަސައްކަތްތަކެވެ. އަދި ހަމަ އެހެންމެ އެކި މީހުން މަސައްކަތްކުރާ ގޮތާއި، މަސައްކަތުގައި ހޭދަކުރާ ވަގުތާއި ހާލަތު ވެސް ތަފާތެވެ. ބައެއް މީހުން ދުވާލުގެ ގަޑިތަކުގައި މަސައްކަތްކުރާ އިރު އަނެއްބައި މީހުން މަސައްކަތް ކުރަނީ ދުވަހުގެ ގަޑިތައް ބަހާލައިގެން ޝިފްޓް ޑިއުޓީ އުސޫލުންނެވެ.
އާންމުކޮން ޝިފްޓް ޑިއުޓީ ކުރަމުން އަންނަނީ ތިނެއް ނުވަތަ ހަތަރު ދަންފަޅިއަށް ވާނޭހެން ވަގުތު ބަހާލައިގެންނެވެ. މިހެން މަސައްކަތް ކުރަމުން އަންނަނީ ސައުވީސް ގަޑިއިރު ޚިދުމަތް ދޭންޖެހޭ މުއައްސަސާތަކުގައެވެ. އެހެންކަމުން ޞިއްޙީ ޚިދުމަތާއި، އަމާންކަމާއި ސުލްހަ މަސަލަސްކަން ބަލަހައްޓަމުންދާ ދާއިރާތަކުގައި މި ދެންނެވިހެން ޑިއުޓީ އަދާކުރަމުން ދެއެވެ.އަދި މިނޫން އެހެން ދާއިރާތައް ވެސް މިފަދައިން މަސައްކަތް ކުރެއެވެ. ޞިއްޙީ ދާއިރާއަށް ބަލާލާ އިރު ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ ނަރުހުންނާއި ޑަކްޓަރުންނާއި އެހެނިހެން ސަޕޯޓް ސްޓާފުންނަކީ ބަހާލެވިފައިވާ ޝިފްޓްގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. ދުވަހުގެ ގަޑިތައް ބަހާލައިގެން މަސައްކަތް ކުރުމުގައި ފައިދާ އަދި ދެމިގެންދާ ގެއްލުންތަކެއް ވެސް ހުރެއެވެ.
ފުރަތަމަ ޝިފްޓް ޑިއުޓީގެ ސަބަބުން ލިބޭ ފައިދާތަކަށް ބަލާލާނަމެވެ. ކޮންމެ ކަމަކީ ވެސް އެކަމެއްގައި ދެމިހުންނަން ބޭނުންވެއްޖެ ނަމަ މާބޮޑު އުނދަގޫ ކަމެއް ނޫނެވެ. އަދި ހަމަ އެހެންމެ ޝިފްޓް ޑިއުޑީއަކީ ވެސް ކޮންމެވެސް ބަޔަކު ކުރަންޖެހިފައިވާ ކަމެކެވެ. އިންސާނިއްޔަތަށް އެހީތެރިވުމަށް ޓަކައި އެއް ވަގުތެއްގައި މުޅި ދުނިޔެއަށް ލޯމަރާލެވޭކަށް ނެތެވެ. އެއް ބަޔަކު އިންސާނިއްޔަތަށް ޚިދުމަތްތައް ދިނުމަށް ޓަކައި ހޭލާ ތިބެން ޖެހެއެވެ. ފުރަތަމަ ވެސް މިއީ ޝިފްޓް ޑިއުޓީން ލިބިދޭ އަދަދު ނުކުރެވޭ ހެވެކެވެ.
ދެންއޮތީ ޚިދުމަތްތެރީންގެ ހާލަތެވެ. ބައެއް މީހުންނަށް ދަތިއުދަނގޫ ކަމެއް އިހުސާސް ވީނަމަވެސް ދިރިއުޅުމުގެ ކަންކަން ޝިފްޓް ޑިއުޓީތަކާ އެއްގޮތަށް ބައްޓަން ކުރެއެވެ. އެހެންކަމުން ހަފުތާއެއްގެ ހުރިހާ ދުވަސްތަކެއްގައި ކުރަން ހުންނަ ތަފާތު މުހިންމު މަސައްކަތްތަކަށް ވަގުތު ލިބިގެން ދެއެވެ. ގަވާއިދުން ދާންޖެހޭ ވަކި ގަޑިއެއް ނެތުމުން ކޮންމެ ދުވަހަކު ވެސް މުހިންމު ކަންކަން ނިންމާލުމަށް ވަގުތު ލިބިގެންދެއެވެ.
ޝިފްޓް ޑިއުޓީކުރުމަކީ ވެސް ތަފާތު ހުނަރެއް ލިބޭނެ ކަމެކެވެ. ތަފާތު ވަގުތުތަކުގައި ހަށިގަނޑު ހޭލާ ބެހެއްޓުމާއި ކުރަން ޖެހޭ މަސައްކަތްތަކަށް ޝައުޤުވެރިކަން އުފެއްދުމާއި، އަދި ހަމަ އެހެންމެ ދޭދޭ ގުޅުންތަކަށް ވެސް އިންގިލާބެއް ގެނުވާ ކަމެކެވެ. މިކަމުގެ ސަބަބުން އެކުވެރި، ބަދަހި ގުޅުންތަކެއް އުފެދިގެން ދަނީ އެކުގައި ހޭދަކުރެވޭ ވަގުތުގެ ސަބަބުންނެވެ.
ދުނިޔޭގެ ކަންކަން ހިނގާ ގޮތަށް ބަލާއިރު މި ޒަމާނަކީ ދޭދޭ ފަރުދުންގެ ގުޅުންތައް އިހުގައި އޮތް ފަދައިން ގުޅުންތައް ހިނގާ ޒަމާނެއް ނޫނެވެ. އެހެންނަމަވެސް ޝިފްޓް ޑިއުޓީކުރާ ގިނަ މީހުން ދެކޭގޮތުގައި އެކުވެރިކަން ބަދަހި ވުމަށް މިއީ ވަރަށް ރަނގަޅު ގޮތެކެވެ. މުސާރައާއި އިނާޔަތަށް ބަލާ އިރު ވެސް ޝިފްޓް ޑިއުޓީއަކީ ފައިދާ ބޮޑު ގޮތެވެ. ކޮންމެ ކަމެއް ވެސް ހެޔޮކޮން ވިސްނައިފި ނަމަ ލިބިގެންދަނީ ހަމަ ހެވެކެވެ. ޝިފްޓް ޑިއުޓީ ކުރުމުގެ ސަބަބުން ކަންނެތްކަން ފިލައި މަސައްކަތުގައި މުރާލިކަމާއި ހިވާގިކަން ގެނުވާ ކަމަށް ގިނަ މީހުން ފާހަގަކުރެއެވެ. އެހެނީ މި ކަމަކީ ދިރިއުޅުމުގެ ކަންކަން ވަށާޖެހޭ އުސޫލަކުން ދިރިއުޅުމަށް ކުރާ މަސައްކަތާއި އެކުގައި ހަކަތަ ބޭނުން ހިފޭނެ ގޮތެކެވެ. ޝިފްޓް ފެށުމުގެ ކުރިން ދިރިއުޅުމުގެ އެހެން ބޭނުންތައް ވިސްނުންތެރިކަމާއި އެކުގައި އަތުރާލައި ވަގުތުތައް ހެޔޮ ގޮތުގައި ބޭނުން ހިފުމަށް ލިބޭ ކަސްރަތަށް މިކަން ވެގެންދެއެވެ.
ކޮންމެ ކަމެއްގައިވެސް ލިބޭނެ ފައިދާ އަދި ގެއްލުން ހުންނަ ފަދައިން ޝިފްޓް ޑިއުޑީކުރާ ބައެއް މީހުން ބުނާ ގޮތުން ޝިފްޓް ޑިއުޓީ އަދާކުރުމަކީ ބުރަ ކަމެކެވެ. ސަބަބަކީ ބައެއް ޝިފްޓް ޑިއުޓީކުރާ އިރު ހޭލާ ތިބެން ޖެހުމާއި ބައެއް ފަހަރު އަރާމު ކޮށްލާނެ ވަގުތު ނުލިބުން ފާހަގަ ކުރެއެވެ. ނަމަވެސް މިކަމަކީ މަސައްކަތްތައް ހުރިހާ މުވައްޒަފުންގެ ތެރޭގައި ހަމަހަމަ އުސޫލަކުން ބަހާލައި ވަކި މީހަކަށް ބޭއިންސާފު ނުވާނެހެން ކުރެވިއްޖެ ނަމަ ހައްލު ކުރެވިދާނެ މައްސަލައެއްކަން މިފަދައިން މަސައްކަތްކުރާ މީހުން ފާހަގަކުރެއެވެ. ބައެއް ފަހަރު ކަންހިނގާ އުސޫލަކީ ޝިފްޓްތަކަށް މީހުން ބަހާލާ އިރު މި ފާހަގަކުރި ފަދައިން ކަންކަންވެގެން ނުދާތީ މަސައްކަތްކުރަން ތިބޭ މީހުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް ކުރިމަތިވަނީއެވެ.
ޝިފްޓް ޑިއުޓީގެ ސަބަބުން ބައެއްކަހަލަ ޞިއްޙީ މައްސަލަތަކާއި އާއިލީ މައްސަލަތައް ވެސް ދިމާވާ ކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ. އެހެނީ މިފަދައިން މަސައްކަތް ކުރުމުން ހަށިގަނޑަށް ލިބެންޖެހޭ އަރާމާއި، ފުރިހަމަ ކާނާ އެންމެ އެދެވޭ ގޮތުގައި ލިބުމަށް ހުރަހަކަށް ވެދެއެވެ. ބައެއް ފަހަރު ހަށިގަޑު މާބޮޑަށް ފަލަވުމާއި އަރާމު ނިދި ނުލިބުމުގެ ސަބަބުން އެހެނިހެން ޞިއްޙީ މައްސަލަތައް ދިމާވެއެވެ.
ދިމާވާ އާއިލީ މައްސަލަތަކުގެ ތެރޭގައި ޝިފްޓްތައް ތަރުތީބު ކުރެވިފައިވާ ގޮތަކުން އާއިލާ އެކުގައި ބޭނުންވާ ވަރަށް ވަގުތު ހޭދަކުރުމަށް އުދަނގޫ ވުމާއި، ތިމާ އަދާކުރަން ޖެހޭ ބައެއް ޒިންމާ އަދާކުރުމަށް ފަސްޖެހުން ހިމެނެއެވެ. ޝިފްޓް ޑިއުޓީތައް އަދާކުރުމުގައި އަރާމެއްނެތި މަސައްކަތްކުރަން ޖެހުމުގެ ސަބަބުން މިފަދަ މައްސަލަތައް ދިމާވާ ކަމަށް ގިނަ މީހުން ފާހަގަކުރެއެވެ.
ޝިފްޓް ޑިއުޓީ ކުރުމުގައި ދަތިތަކެއް ހުރި ނަމަވެސް މިކަމަކީ ކޮންމެވެސް ބަޔަކު ކުރަންޖެހޭ ކަމެކެވެ. ވިސްނަން ޖެހޭ ކަމަކީ މިކަމުގައި ވެސް ޞިއްޙީ އަދި އިޖުތިމާޢީ މައްސަލަތަކެއް ހުރި ނަމަވެސް އެކަން ހައްލުކުރުމަށް ގުޅިގެން މަސައްކަތްތަކެއް ކުރެވިއްޖެ ނަމަ ހައްލު ވެގެންދާނެ ކަމެކެވެ. ޝިފްޓްތަކަށް މީހުން ބަހާލާ އިރު ވެސް ހަމަހަމަ އުސޫލަކުން ބަހާލެވިއްޖެ ނަމަ ވަކިވަކި ފަރުދުންނަށް އުފުލަން ޖެހޭ އުދަނގޫތައް ކުޑަވެގެން ދާނެކަމަށް ޤަބޫލުކުރެވެއެވެ. މީގެ ސަބަބުން އާއިލީ ގުޅުންތަކާއި ދޭދޭ ގުޅުންތައް ބަދަހިވެ، އުފާވެރި މުޖުތަމަޢުއެއް ބިނާކުރުމުގައި އެހީތެރިއަކަށް ވެގެންދާނެއެވެ. ޢާއިލީ ލޯތްބާއި އަޅާލުމަކީ މުޖުތަމަޢުގެ ހަމަޖެހުމާއި ގައުމުގެ އަމަންއަމާންކަމަށް އަސަރުކުރާނެ މުހިންމު ބަހާއެކެވެ. ވީމާ މިފަދައިން މަސައްކަތްކުރާ މުއައްސަސާތަކުން އިތުރަށް މިފަދައިން ވިސްނާ ފަރުދުންނަށް ލިބެން ހުރި ފައިދާތަކާ މެދު ވިސްނުމަކީ މުހިންމު ކަމެކެވެ.
