މި ލިޔުން ޚާއްޞަކޮށްލާނީ ދިވެހި އަސްކަރިއްޔާގެ ލަވައިގެ ކަޑިތަކުގައި އެވާ އަސްކަރިއްޔާއެއްގެ ދައުރުގެ މައްޗަށެވެ. އަޅުގަނޑަށް ފަހުމުވާ މިންވަރަކުން ކުޑަ މިންވަރަކަށް މި ކަޑިތަކުގައި އެވާ ލަފުޒުތައް ބަޔާންކޮށްދެވޭތޯ މަސައްކަތްކުރާނަމެވެ. އެހެނަސް މި ލިޔުމަކީ ޅެމަށް ފާޑުކިޔުމުގައި ހިމަނާ މިންވަރަށް ވުރެ ތިލަކޮށް ބަލައިލާފައިވާ ލިޔުމެކެވެ.

އަސްކަރިއްޔާގެ ދައުރު ދިވެހި އަސްކަރިއްޔާގެ ލަވައިގެ އެކި ކަޑިތަކުގައި ވަރަށް ސާފު އިބާރާތުން ހާމަކޮށްފައި އެބަވެއެވެ. އަސްކަރިއްޔާއެއްގެ އެންމެ މައިގަނޑު ބޭނުމަކީ ދިވެހި އަސްކަރިއްޔާގެ ލަވައިގެ އެންމެ ފަހު ކަޑީގައި ވާ ފަދައިން، ބޭރުން ގައުމަށް އަންނަހާ ފިތުނަޔާއި ބާޣީ ބާރާއި ބިރުތަކާއި ލާދީނީ ކަންކަމާއި ވިހަނުބައި ސުންޕާ އޮއިވަރު، ނެތިކޮށް، ފައްސަމުން ގައުމުން ބޭރަށްލަމުން، ނަޞްރު ދެމިއޮންނާނޭހެން، ފަސްގަނޑާއި ދީނާއި ގައުމަށް ޓަކައި، އެއްގަމާއި ކަނޑާއި ވައިގެ މަގުން ގައުމަށް ޚިދުމަތްކުރުމެވެ. މިއީ އެންމެ އަސާސީ އެއް ބޭނުމަށް ވާ އިރު މީގެ އިތުރުން ވެސް އަސްކަރިއްޔާއެއްގެ އެތަށް ބޭނުމެއް ވެއެވެ. އަދި މި ބޭނުންތައް ދިވެހި ސިފައިންގެ ލަވައިގެ އެކިއެކި ކަޑިތަކުގައި ވަރަށް ސާފުކޮށް ރީތި ފަށުވި އިބާރާތްތަކުން އަމުނާލެވިފައި އެވަނީއެވެ.

މީގެއިތުރުން، އަސްކަރިއްޔާތަކުން ފާހަގަކުރެވޭ މުހިންމު އެއް ބޭނުމަކީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ގައުމަށް ދިމާވާ ކާރިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިއީ ދިވެހި އަސްކަރިއްޔާއިން ރައްޔިތުންނަށް ފޯރުކޮށްދޭ ބޮޑު އެއް ޚިދުމަތެވެ. އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. ބަލިމީހުންނަށް އެހީތެރިވުމުގައާއި، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވުމާއި، ހުޅަނގު މޫސުމުގައި ކަނޑުގަދަވެ އުދައެރުމާއި، ކަނޑުގަދަވެ އޮޑިދޯނިފަހަރު ދިޔަވުމާއި ފަރަށްއެރުން ފަދަ ގުދުރަތީ ހާދިސާތަކުގައި ރައްޔިތުންނާއި މުދާ ރައްކާތެރިކޮށްދިނުމަށް އެއްގަމާއި ކަނޑާއި ވައިގެ މަގުން ދިވެހި އަސްކަރިއްޔާއިން ޚިދުމަތްކޮށްދެއެވެ. އަދި އެހެންމެ، ގައުމަށް ދިމާވާ ކާރިސާތަކުގައި ނަފުސަށް ވުރެ ދިވެހި ގައުމު އިސްކޮށް، ދިވެހި އަސްކަރިއްޔާއިން ދިވެހި ރައްޔިތުންގެ ޚިދުމަތުގައި ތިބިކަން ކައިރި ތާރީޚުން ހެކިދެއެވެ. ސިފައިންގެ ލަވައިގެ ތިންވަނަ ކަޑީގައި އެ ވަނީ މި ޚިދުމަތްތަކުގެ ވާހަކައެވެ. ޙާލާ މެދު ކަންބޮޑުވެދާ ހާދިސާތަކުގައި، އޯޑަރުއައުމުން ހުރިތަނުން ތައްޔާރުވެގެން، އިންސާނީ އެހީގެ ޚިދުމަތް ދިނުމުގައި އެއްގަމާއި ކަނޑުގައި، ވާރެޔާއި އަވީގައި ރޭދުވާ އެކީ ހޭދަކޮށްދޭކަމެވެ.

އަސްކަރިއްޔާއެއްގެ އެހެން ބޭނުންތަކަށް ބަލާ އިރު ފާހަގަކުރެވޭ އެއް ކަމަކީ ގައުމުގެ އެތެރޭގެ ހަމަޖެހުން ދެމެހެއްޓުމަށް އަސްކަރިއްޔާގެ އެހީތެރިކަން ފޯރުކޮށްދޭކަމެވެ. ދިވެހި ގައުމުގަށް ބެލި ނަމަވެސް ފެނިގެންދަނީ، މަދަނީ ހަމަނުޖެހުންތައް ހައްލުކުރުމަށާއި ކުއްލި ހާލަތުގައި އާންމުންގެ ތެރޭގައި ހަމަޖެހުން ދެމެހެއްޓުމަށް ދިވެހި އަސްކަރިއްޔާއިން ދިވެހި ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދޭ ތަނެވެ. ދިވެހި ސިފައިންގެ ލަވައިގައި ވާ ފަދައިން، ދިވެހި އަސްކަރިއްޔާއިން، ދިވެހި ރައްޔިތުންނާއި ޤާނޫނަށް ރައްކާތެރިކަން ދިނުމުގައާއި، ގެއްލުމާ ދެރަޔާ ވާ ކަންކަމުން އެންމެނަށް ފައިދާވާނެހެން ދިވެހި ރައްޔިތުންނަށް އެންމެ ހެޔޮހިތުން ޚިދުމަތްކޮށްދެއެވެ.

ފާހަގަކޮށްފައިވާ ނުކުތާތަކުގެ އިތުރުން ވެސް ދިވެހި އަސްކަރިއްޔާގެ ލަވައިގެ ކަޑިތަކާ ބެހޭގޮތުން ވަރަށް ގިނަ ވާހަކަ ދެއްކިދާނެއެވެ. އެހެނަސް މި ލިޔުމުގައި ފާގަހަކޮށްފައި މި ވަނީ ދިވެހި އަސްކަރިއްޔާގެ ލަވައިގެ ކަޑިތަކުގެ ހިމެނޭ ބައިތަކުގެ ތެރެއިން ވެސް ވަރަށް މަދު ބަޔެކެވެ. އަދި މި ލިޔުމުގައި ބަލައިލާފައި މިވަނީ އަސްކަރިއްޔާގެ ދައުރުގެ ތެރެއިން ވެސް އެކިދެތިން ނުކުތާއަށެވެ. މީގެ އިތުރުން ވެސް އަސްކަރިއްޔާއެއްގެ ދައުރާ ގުޅޭގޮތުން ވާހަކަދެއްކިދާނެއެވެ.

ސިފައިންގެ މިހާރުގެ ލަވަ : ޤައުމީ ޚިދުމަތް

އިސްނަގާ ކުރިޔަށް ދާނީ ސިފައިން އަޒުމުގާ ސީދާ ވާހެން
ޤައުމީ ޚިދުމަތް ރޭދުވާ ހޭދަކޮށްލައިގެން ދޭނީ
ފަސްގަނޑާ ދީނާ ޤައުމަށްޓަކާ އޭގެ ރޫޙާނީ ބާރުން
ޤައުމީ ޚިދުމަތް ނަޞްރުއެދި ޝަހީދީލޭ ޖިހާދުގާ ދޭނީ

ޤައުމީ ބަޠަލުން ދެއްވިހާ އިބްރަތާ ދަރެހާ ރޫޙުން
ހިންމަތާ ޖޯޝާ އާ ހިތްވަރުން ކާމިޔާބު ދާނީ ހޯދަން، ކާމިޔާބު ވާނީ އޭރުން ސަފުން
ދުޝްމަނުން ރާވާ ރޭވުންތަކުން ގެއްލުމެއް ނާންނާނޭހެން
ޤައުމީ ޚިދުމަތް ރޭދުވާ ހޭދަކޮށްލައިގެން ދޭނީ
ފަސްގަ ނޑާ ދީނާ ޤައުމަށްޓަކާ އޭގެ ރޫޙާނީ ބާރުން
ޤައުމީ ޚިދުމަތް ދާއިމީ މި މިނިވަންކަން ދިފާޢުކޮށް ދޭނީ

ރައްކާތެރިކަން ދިނުމުގާ ރައްޔިތުންނާ ޤާނޫނަށް
ކެރިތިބީ ޤުރުބާނީ ޢަޒްމުގާ މަރުވެދާން ޤައުމީ ރޫޙުން، މަރުވެދާނީ ޤައުމީ ޚިދުމަތުން
ގެއްލުމާ ދެރަޔާ ވާ ކަންކަމުން އެންމެނަށް ފައިދާވާހެން
ޤައުމީ ޚިދުމަތް ރޭދުވާ ހޭދަކޮށްލައިގެން ދޭނީ
ފަސްގަ ނޑާ ދީނާ ޤައުމަށްޓަކާ އޭގެ ރޫޙާނީ ބާރުން
ޤައުމީ ޚިދުމަތް ދިވެހިރައްޔިތުންނަށް އެންމެ ހެޔޮހިތުން ދޭނީ

ޙާލާ މެދު ކަންބޮޑުވެދާ ހާދިސާ ތަކުގާ ސީދާ
އޯޑަރަށް ޤުރުބާނީ ޚިދުމަތުން ހުރިތަނުން ތައްޔާރުވެގެން، ދޭ އެހީ އިންސާނީ ޚިދުމަތުން
އެއްގަމާ ކަނޑުގާ ދީގެން އެހީ ލޭގެ ހަމްދަރްދީ ބާރުން
ޤައުމީ ޚިދުމަތް ރޭދުވާ ހޭދަކޮށްލައިގެން ދޭނީ
ފަސްގަނޑާ ދީނާ ޤައުމަށްޓަކާ އޭގެ ރޫޙާނީ ބާރުން
ޤައުމީ ޚިދުމަތް ވާރެޔާ އަވީގާ ރޭދުވާ އެކީ ދޭނީ

ބޭރުން ޤައުމަށް އަންނަހާ ފިތުނަޔާ ބާޣީ ބާރާ
ބިރުތަކާ ލާދީނީ ކަންކަމާ ވިހަނުބައި ސުންޕާ އޮއިވަރު، ނެތިކުރާނީ އެންމެން އެކުވެގެން
ފައްސަމުން ޤައުމުން ބޭރަށްލަމުން ނަޞްރު ދެމިއޮންނާނޭހެން
ޤައުމީ ޚިދުމަތް ރޭދުވާ ހޭދަކޮށްލައިގެން ދޭނީ
ފަސްގަނޑާ ދީނާ ޤައުމަށްޓަކާ އޭގެ ރޫޙާނީ ބާރުން
ޤައުމީ ޚިދުމަތް އެއްގަމާ ކަނޑާވައި ޚިދުމަތުން ފުރާދޭނީ

ޝެއަރކުރެއްވުމަށް