މަޝްހޫރު ޣަޒަލް ލަވަކިޔުންތެރިޔާ މެހެދީ ޙަސަން ދުނިޔެ ދޫކުރެއްވިފަހުން މިހާރު އަހަރަކާ ގާތްވަނީއެވެ. ނަމަވެސް އިންޑިޔާގައިވެސް ޕާކިސްތާނުގައި ވެސް އަދި އޭނާގެ ޣަޒަލްތަކަށް ލޯބިކުރާ ފަރާތްތަކަށްވެސް މިހިތާމަ ފަނޑުވެގެންނެއް ނުދެއެވެ. އޭނާގެ ހަނދާންތަކަށް ބަދަލެއް ނާދެއެވެ. ހިތްތަކުގައިވަނީ، އެރީތި ޖާދުވީ ރާގުތައް ކުޅެވިކުޅެވިއެވެ.
ތެދެކެވެ. މިފަދަ ހަނދާންތަކަކީ، ވޭތުވެގެންދާ ދުވަސްތަކަކުން ދުނިޔެއަށް އަންނަމުންދާ ބަދަލުތަކަކުން އޭގެ އަސަރަށް އެއްވެސް ތަފާތެއް އަންނާނޭ ހަނދާންތަކެއް ނޫނެވެ.
ދުނިޔޭގެ އެންމެ ނަން ހިނގާ ޣަޒަލު ލަވަ ކިޔުމުގެ އެންމެ ކުޅަދާނަ އެކަކު ކަމުގައިވާ މެހެދީ ހަސަން ދިގު ސިއްޙީ ނުތަނަވަސްކަމެއްގައި އުޅުއްވުމަށްފަހު، 13 ޖޫން 2012 ވީ ބުދަދުވަހު މިދުނިޔެ ދޫކުރައްވައިފިއެވެ. އުމުރުފުޅުން 84 ގައެވެ.
މެހެދީ ހަސަން ވާގިނެތުމުގެ ބަލީގައި އެންމެ ފަހުދުވަސްތައް ވޭތުކުރެއްވީ ޕާކިސްތާނުގެ އާޣާޚާން ހޮސްޕިޓަލްގައެވެ.
އެތާނގެ މަސްއޫލު ފަރާތްތަކުން ހާމަކުރިގޮތުގައި 13 ޖޫން 2012 ވީ ބުދަދުވަހު ނުވަގަޑި ތިރީސް އެހައިކަށްހައިއިރު ހާލު ކުއްލިޔަކަށް މާބޮޑުވާން ފެށީއެވެ. އެއާއެކު މެންދުރު ބާރަގަޑި ފަނަރަމިނެޓްގައި ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވީއެވެ.
މިކަން މިހެން މި ދިމާވީ ކުރިން ރާޖިސްތާނު ސަރުކާރުން މެހެދީ ހަސަނަށް އިންޑިޔާއިން ބޭސް ކުރެވޭ ގޮތަށް ހުށަހެޅި މިކަމާގުޅޭ ގޮތުންއޭނަޔާ އޭނާގެ އާއިލާ އިންޑިޔާއަށް ގެނައުމަށް އިންޑިޔާގެ ޚާރިޖީ ވަޒީރު އެސް.އެމް. ކުރިޝްނާއާ ވާހަކަ ދެކެވިފައި ވަނިކޮށެވެ. މިއީ އިންޑިޔާވެސް އޭނަޔަށް އިޙްތިރާމް ކޮށް ޤަދަރު ކުރާކަމުގެ އަލިގަދަ ދަލީލެކެވެ. މެހެދީ ހަސަންގެ ކަށުކަމާކެމީގެ ކަންތައް ކުރުމުގައި ދެދުވަހެއްވަރު ލަސްކޮށްލަން ޖެހުނެވެ. އެއީ، އެމެރިކާގައި ހުރި އޭނާގެ ދަރިފުޅު އަންނަންދެނެވެ. އޭނާގެ ކަށުނަމާދު ކުރުންއޮތީ ޖޫން 15 ވީ ހުކުރުދުވަހު ހުކުރުނަމާދުގެ ފަހުގައެވެ. އަންނޫރު ސޮސައިޓީ ގްރައުންޑްގައެވެ.
މި ޖަނާޒާގައި އޭނާގެ އާއިލާމީހުންނާ، އަވަށްޓެރިންނާ އޭނާދެކެ ލޯބިވާ މީހުންނާ ދަރިވަރުންނާ ތަފާތު ހިސާބު ހިސާބުގެ ތަފާތު މީހުން ހިމެނުނެވެ.
މިޖަނާޒާއިން ފަންނާނުންގެ އިތުރަށް ސިޔާސީ ޝަޚްޞިޔަތުތައް ވެސް ފެންނަމުން ދިޔައެވެ. އޭގެ ތެރޭގައި ސިންދު އެސެމްބްލީގެ ސްޕީކަރު ނިސާރު ކޯލޯ ހިމެނިވަޑައިގަތެވެ.
އުމުރުން 84 ގެ މެހެދީ ހަސަނަށް ވަނީ ޣަޒަލް ރަސްގެފާނުގެ ލަގަބު ލިބިފައެވެ. އޭނާ ދުނިޔޭގެ އަލިކަން ދުށީ އިންޑިޔާގެ ރިޔާސަތެއް ކަމުގައިވާ ރާޖިސްތާނުގެ ލޫނާއޭ ކިޔޭ ރަށުގައެވެ.
ޕާކިސްތާނު އުފެދުމަށް ފަހު، އޭނާ ރާޖިސްތާނުން ކަރާޗީއަށް ނަގުލު ވީއެވެ. ހަޔާތުގެ ކުރީކޮޅުގައި ވޭތުކުރީ ވަރަށް ދަތި ދުވަސްވަރެކެވެ. އޭރު، އެއްދުވަސްވަރެއްގައި ސައިކަލް ހަދާ ގަރާޖެއްގައި އުޅުނެވެ. އަނެއް ދުވަސްވަރަކަށް ކާރުހަދާ ވޯކްޝޮޕަކާ ގުޅުނެވެ.
ތެދުތެދަށް ދަންނަވާނަމަ އެންމެ ޒުވާން ދުވަސްވަރާއި އޭގެ ކުރިންވެސް އޭނާގެ ކިބައިން ލަވަކިޔުމުގެ އަސަރުތަކާއި ނިޝާންތައް އައީ ފެންނަމުންނެވެ.
އެހެންނަމަވެސް އެދުވަސްވަރު އޭނާގެ މަސައްކަތަކަށްވީ ކަސްރަތާއި ހެލިފެލިވުން ކުރިޔަށް ގެންދެވުމެވެ. ރަނގަޅު ސިއްޙީ ހަށިގަނޑެއް ހޯދުމަށެވެ. މިއުޒިކީ ދުނިޔޭގެ ދަތުރު ގަވާއިދުން ފެށީ 1952 ގައި ރޭޑިޔޯ ޕާކިސްތާނުގެ ސްޓޫޑިޔޯއިންނެވެ. އެރޮނގުން އޭނާގެ އުފެއްދުންތަކުގެ އަދަދަށް ބަލައިލާއިރު ފަންސާސް ހާސް ލަވަ ކިޔައިފައިވާކަން އެނގެއެވެ. އެއީ ފިލްމު ލަވައާއި ޣަޒަލު ލަވައިންނެވެ.
1960 އާއި 1970 ގެ އަހަރުތަކުގައި އޭނާ ވިދައިގަތީ އާންމުން ނުހަނު ތަރުހީބުދިން ފިލްމީ ލަވަކިޔުންތެރިންގެ ތެރެއިން އެކެއްގެ ގޮތުގައެވެ. ނަތީޖާއެއްގެ ގޮތުން ޕާކިސްތާނު ސަރުކާރުން އޭނާގެ ޚިދުމަތުގެ އަގު ވަޒަންކޮށް އޭނާ ވަނީ، އިމްތިޔާޒުގެ މެޑަލާއި އެންމެ މޮޅު ހުށަހެޅުންތެރިޔާގެ މެޑަލް ދީ ޝަރަފުވެރިކޮށްދީފައެވެ.
މަޝްހޫރު ޣަޒަލް ކިޔުންތެރިޔާ ސަލާމަތު އަލީ ބުނަނީ، ޙަޤީޤީ ޣަޒަލް ލަވަކިޔުންތެރިޔާއަކީ، މެހެދީ ހަސަނު ކަމުގައެވެ. އޭގެ ކުރިން މިބާވަތުގެ ޣަޒަލެއް ނުކިޔައެވެ. އެހައި ރީތިކޮށް އެކަކަށްވެސް ޣަޒަލްގެ ލަފުޒުތައް ކިޔޭކަމަކަށް ޤަބޫލެއް ނުކުރަމެވެ. ރާގަށް އެގޮތަށް ރީތިކޮށް ބަދަލު ގެންނަ މީހަކުވެސް ނެތެވެ. ލަވައިގެ ލަފުޒުތައް ވާހަކައާ ގުޅައިލެވޭ މީހަކުވެސް ނެތެވެ. މިޝަރަފުއޮތީ ހަމައެކަނި މެހެދީ ހަސަނަށެވެ.
މެހެދީ ހަސަނުގެ ލަވަތަކާއި ޣަޒަލްތައް އިންޑިޔާއާއި ޕާކިސްތާނުގައި އެއްގޮތެއްގެމަތިން ވަނީ، މަޝްހޫރުވެ މަޤްބޫލު ތަކެތި ކަމުގައި ވެފައެވެ.
އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކާރު އެއްފަހަރަކު ބަޔާންކުރިއެވެ. ”މެހެދީ ހަސަންގެ ލަވަތަކުގައި ހިމެނިފައިވަނީ، އިންސާނުންނަށްވުރެ މާ އާދަޔާޚިލާފު އަޑެކެވެ.“
ކަރާޗީގެ އަހަރެމެންގެ ރިޕޯޓަރު، ހަސަން ކާޒިމީ ބަޔާންކުރާ ގޮތުގައި މޫސީގާރު ލާލު މުޙައްމަދު އިޤްބާލް ބުންޏެވެ. މެހެދީ ހަސަން ހޯދާފައިވާ މަޤާމަށް ވާސިލު ވެވޭނީ ވަރަށްގަދަ މަސައްކަތުންނެވެ. އޭނާއަކީ އެ ރޮނގުން އެފަދަ އަނެކަކު ނެތް ފަދަ މީހެކެވެ. ފަހަތުގައި ވަނީ ކްލެސިކަލްއެވެ. މެހެދީ ހަސަނަކީ ވަރަށް އަޚްލާގު ރަނގަޅު ރަހްމަތްތެރީންނާ ގުޅުން ބަހައްޓާ އުފާވެރި މިޒާޖެއްގެ މީހެކެވެ.
އޭނާ ދުނިޔެ ދޫ ކުރެއްވީ އޭނަޔާމެދު ހިތާމަ ކުރާނޭ ނުވަ ފިރިހެން ކުދިންނާ ހަ އަންހެން ކުދިންނާއި ހިމަނައި ކޮޅުން ނުލާހައި ގިނަ މީހުން ދުނިޔެއަށް ދޫ ކުރެއްވުމަށް ފަހުގައެވެ.
މާތް ﷲ މެހެދީ ހަސަނަށް ސުވަރުގޭގެ ތަނަވަސް ނިއުމަތް މިންވަރު ކުރައްވާށި! އާމީން!
ޚިދުމަތެއް ކުރެވިއްޖެނަމަ ޤައުމަށްޓަކައި ވަތަނަށް ޓަކައި
ހިނދުހިނދުން އެކަމުގެ ހަނދާން އާލާކުރޭ ޤައުމުގެ ދަރީން
