އެއީ ރަށްރަށުގެ އިޖްތިމާޢީ ގުޅުންތައް ހަރުދަނާކޮށް، ބައިބައިވެފައިވާ މުޖްތަމަޢުތައް އެކަތިގަނޑަކަށް ހަދާ ޕްރޮގްރާމެކެވެ. ރަށްރަށުގެ ޒުވާނުންނާއި ރައްޔިތުން އެރަށްރަށް މުސްތަޤްބަލުގައި އޮންނަން ބޭނުންވާ ގޮތުގެ ތަސައްވުރު ކުރަހައި އެނިމޭޓްކޮށް ޕްލޭންކުރާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމް ރޭވިފައިވާގޮތުން ދަރިވަރުންގެ އަޚްލާޤާއި ސުލޫކު ވަކި އިންތަކެއްގައި ބެހެއްޓުމަށް ދަސްކޮށްދީ ޒަމާނީ ތަޢުލީމުގެ ވިސްނުމުގެ ތެރެއަށް ދަރިވަރު ގެންގޮސްދެވެ. ކަންތައްތަކާމެދު ވިސްނާގޮތާއި ދެކޭގޮތް ތަފާތުވިނަމަވެސް އެކުވެރި އެއްބައިވަންތަ ބައެއްގެ ގޮތުގައި ރަށުގެ ކުރިއެރުމަށްޓަކައި މަސައްކަތްކުރުމުގެ ރޫޙު މި ޕްރޮގްރާމުން އުފައްދައިދެއެވެ. މި ޕްރޮގްރާމްދަނީ ކުރިއަށެވެ. މިހާތަނަށް ނުވަ ރަށެއްގައި މި ޕްރޮގްރާމް ހިންގައި އެއްހާހަށްވުރެ ގިނަ މީހުން ތަމްރީނުކޮށްފައިވެއެވެ. އޭގެތެރޭގައި ޒުވާނުންނާއި ސްކޫލުތަކުގެ ދަރިވަރުންވެސް ހިމެނެއެވެ.

ވޮރަންޓް އޮފިސަރ 1 މުޙައްމަދު ޔާމީނަކީ އެމްއެންޑީއެފް ކޯސްޓްގާޑުގައި މަސައްކަތްކުރަމުންދާ ޒުވާނެކެވެ. ހއ. އުލިގަމުގައި ހުންނަ އެމްއެންޑީއެފް ނޮދަންއޭރިއާ ޕޯސްޓަކީ ރާއްޖޭގެ އެންމެ އުތުރުގައި ހުންނަ ސިފައިންގެ މަރުކަޒެކެވެ. ޔާމީން މަސައްކަތް ކުރަމުންދިޔައީ އެ ޕޯސްޓުގައި ޤާއިމުކޮށްފައިވާ ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސަބް ސެންޓަރުގައެވެ. ތުރީޑީ އެނިމޭޝަން އިން އޮޓޯޑެސްކް މާޔާ އަދި ގްރެފިކްސް ޑިޒައިނިންގ އާއި ސްޕެޝަލް އިފެކްޓްސްއިން މަތީ ތަޢުލީމު ހާސިލުކޮށްވާފައިވާ ޔާމީން އުލިގަމުގައި ޑިއުޓީގައިހުރިއިރު އޭނާއަށް ލިބިފައިވާ ތަޢުލީމާއި ހުނަރުވެރިކަމުގެ ތެރެއިން އާންމު ރައްޔިތުންނަށް ފައިދާހުރި އެވެއަރނަސް ޕްރޮގްރާމެއްގެ ގޮތުގައި މަލްޓިމީޑިއާ ޕްރޮގްރާމެއް ފަރުމާކޮށް ނޮދަން އޭރިއާ ހެޑްކްއާޓާރޒަށް ހުށަހެޅިއެވެ. އޭރު އެ އޭރިއާގެ ކޮމާންޑަރަކަށް ހުންނެވީ މިހާރުގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު މުޙައްމަދެވެ. ޔާމީނުގެ އިސްނެގުމަށް މަރުޙަބާ ވިދާޅުވެ އުލިގަމުގައި އެޕްރޮގްރާމް ފެށުމަށް ދެއްވި ހުއްދައާއެކު އެމްއެންޑީއެފްގެ މަލްޓިމީޑއާ ޕްރޮގްރާމް ފެށިގެންދިޔައެވެ. އެއީ 2011 ވަނަ އަހަރެވެ.

 ހއ. އުލިގަމާއި ހއ.ތުރާކުނާއި ހދ. ނާވައިދޫއާއި ހދ. ނޭކުރެންދޫ އާއި ހދ. ކުޅުދުއްފުށްޓާއި ހދ. ކުރިނބީއާއި ހދ. މަކުނުދޫއާއި ށ. ފީވަކާއި ހއ. ހޯރަފުށީގައިވެސް މި ޕްރޮގްރާމް ހިންގައިފިއެވެ. މިހާރު މިޕްރޮގްރާމް ކުރިއަށްދަނީ ށ. މަރޮށީގައެވެ. ޕްރޮގްރާމް ހިންގަމުންދިޔަ ރަށްތަކުގައި ކުރެވެމުންދިޔަ ތަޖްރިބާގެ އަލީގައި ޔާމީންވަނީ މޮޑިއުލްތައް އިތުރަށް ތަރައްޤީކޮށް މިޕްރޮގްރާމް ފުޅާކޮށްފައެވެ. މި ކާމިޔާބު ޕްރޮގްރާމު ހިންގައިދިނުމަށް އެދި އެމްއެންޑީއެފްއަށް ހުށަހަޅާފައިވާ ރަށްތަކުގެ ލިސްޓް ވަރަށް ދިގެވެ. އެންމެ އުފާވެރި ޚަބަރަކީ މި ޕްރޮގްރާމުގެ ތެރެއިން އަލަށް މަލްޓިމީޑިއާ ދަސްކޮށްގެން ބައެއް ޒުވާނުން މިފަދަ ޕްރޮގްރާމްތައް މިހާރު އެހެން ރަށްރަށުގައި ހިންގަން ފަށާފައިވާކަމެވެ. އަދި ސިފައިންގެ ތެރެއިންވެސް އިތުރު މީހުން މިކަމަށް ޔާމީން ތަމްރީނު ކޮށްފައިވާކަމެވެ.

ސިފައިން ހިންގަމުންދާ މަލްޓިމީޑިއާ ޕްރޮގްރާމު ކާމިޔާބު ޕްރޮގްރާމަކަށް ވެގެންދިޔައީ ވޮރަންޓް އޮފިސަރ 1 މުޙައްމަދު ޔާމީނުގެ ހުނަރުވެރިކަމާއި މިދާއިރާއިން މީހުން ބިނާކުރުމަށް އޭނާދޭ ސަމާލުކަމުގެ ސަބަބުންނެވެ. އަދި ސިފަވަންތަ އުސޫލުތަކަކާއި އަޚްލާޤީ ހަރުދަނާ ސިފަތަކެއްގެމަތީގައި ކޯސް ކުރިއަށް ގެންދާ ގެންދިއުމެވެ.

ކޮންމެ ރަށެއްގައިވެސް އެއްމަސްދުވަހުގެ މުއްދަތަށް ސިފައިން ހިންގަމުންދާ މަލްޓިމީޑިއާ ޕްރޮގްރާމުގައި ކޮރަލްޑްރޯ އާއި ފޮޓޯޝޮޕާއި  ޕްރިމިއަރޕްރޯ އާއި ޕާޓިކަލް އިލިއުޝަން ފަދަ ޕްރޮގްރާމްތައް މޮޑިއުލްތަކެއްގެ ގޮތުގައި މިހާރު ކިޔަވައިދެއެވެ. މި މޮޑިއުލްތައް ކިޔަވައިދީ ނިމިގެންދާއިރު ކޮމްޕިއުޓަރުން ކުރަހަން ދަސްކޮށްދީ އެކިއެކި ޕްލޭންތައް ހަދަން ދަސްކޮށްދެވެއެވެ. އަދި ވީޑިއޯ ޕްރޮޑަކްޝަން އާއި ޓޫޑީ އެނިމޭޝަން ހަދަން ދަސްކޮށްދިމުގެ އިތުރުން ފޮޓޯނަގައި ވީޑިއޯ ކުރަން ދަސްކޮށްދެވެއެވެ. އަދި އިންޓަރނެޓާއި ސޯޝަލް މީޑިއާގެ މަޢުލޫމާތުދީ ރައްކާތެރިކަމާއިއެކު ހެޔޮގޮތުގައި އެވަސީލަތްތައް ބޭނުންކުރާނެ ގޮތްތައް އުގަންނައިދެވެއެވެ. މިޕްރޮގްރާމަކީ މަލްޓިމީޑިއާ އާއިބެހޭގޮތުން ގިނަ މަޢުލޫމާތު ތަކެއްދެވި، ޒަމާނީ ޓެކްނޮލަޖީއަށް ވަރަށްބޮޑަށް އަހުލުވެރިކޮށް ހޭލުންތެރިކަން އިތުރުކޮށްދޭ ޕްރަގްރާމެކެވެ.

މި ޕްރޮގްރާމުގެ ތެރޭގައި ތަފާތު ގިނަ އާ އުފެންދުންތައް ޕްރޮގްރާމުގެ ބައިވެރިންވަނީ އަލަށް އުފައްދައި ތަޢާރަފުކޮށްފައެވެ. އޭގެތެރޭގައި ބައެއް ރަށްރަށުގެ ތަރައްޤީގެ ޕްލޭނުތަކާއި ބިނާވެށީގެ ޕްލޭންތައް އެނިމޭޝަނާއެކު ތައްޔާރުކޮށްފައިވެއެވެ. އަދި ރަށުގެ ތާރީޚާއި އާދަކާދަ ދައްކުވައިދޭ ޑޮކިއުމެންޓްރީތަކާއި އެނިމޭޓެޑް ޕްލޭތައް ދުވަސްވީ މީހުންނާއި ތާރީޚީ ފަތްފުށްތަކުން ލިބެންހުރި މަޢުލޫމާތުގެ އަލީގައި އުފައްދާފައިވެއެވެ. އަދި ބައެއް ރަށްރަށުގައި ތަޢުލީމީގޮތުންނާއި އުމުރާނީގޮތުން އަދުގެ ޒުވާނުން ދެކެންބޭނުންވާ ތަސައްވުރުގެ ޕްލޭންތައްވެސް ތައްޔާރުކޮށްފައިވެއެވެ. މީގެއިތުރުން ކުޑަކުދިންނަށް ކިޔަވައިދިނުމުގަޔާއި އަކުރު ދަސްކޮށްދިނުމުގައި ބޭނުންކުރެވޭނެ އެނިމޭޓެޑް ޓީޗިންގ މެޓީރިއަލްތަކާއި ކާޓޫނު ކެރެކްޓަރތައް އެނިމޭޓްކޮށްގެން އަޑުއަޅައި ކުރުވާހަކަތައްވަނީ ތައްޔާރުކޮށްފައެވެ. މުޅިން އަލަށް މަލްޓިމީޑިއާގެ ތެރެއަށް ވަދެފައިވާ ޒުވާނުން މި ޕްރޮގްރާމުގެ ތެރެއިންވަނީ މުޅިން ތަފާތު މަރުހަލާއަކަށް އުފުލައިދީފައެވެ. ދެންއޮތީ އެފަރާތެއްގެ ހިތްވަރާއި ހިންމަތާއި މިންނަތުން ކުރިއަށް ދިއުމެވެ. ސިފައިން އިޖްތިމަޢީ ހަރަކާތެއްގެ ގޮތުގައި ހިންގަމުންދާ ޕްރޮގްރާމު މުޅި ރާއްޖެއަށްދަނީ ފޯކަސް ކުރަމުންނެވެ.  

ޝެއަރކުރެއްވުމަށް