ތަޢާރަފު
ބައެއް ޤައުމުތަކުގައި ހުންނަ ތާރީޚީ ތަންތަނަކީ، އެ ޤައުމެއްގެ ހަނދާނާއި، ތާރީޚާއި، ސަޤާފަތާ ގުޅިފައިވާ ތަންތަނެވެ. މިކަމުގެ ވަރަށް ފުރިހަމަ އެއް މިސާލަކީ މާލޭގައި އިހުގައި އޮތް ”ގުޅަކުޅޭފަސްގަނޑެ“ ވެ. މިތަނަކީ އިހުގެ ބޮޑުގަނޑުވަރު (މިހާރު ސަލްޓަން ޕާކު އޮތް ތަން) ކުރިމަތީގައި، އެކިއެކި ރަސްމީ ބޭނުންތަކަށް ބާއްވައިފައި އޮންނަ ހުސް ބިމެކެވެ. ގުޅަކުޅޭފަސްގަނޑަކީ ގަނޑުވަރާ ގުޅިފައިވާ މައިދާނެކޭވެސް ދެންނެވިދާނެއެވެ. އެތަނަކީ ދިވެހި ތާރީޚާއި އާދަކާދައާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ތަނެކެވެ.
ގުޅަކުޅޭ ފަސްގަނޑަކީ ރަސްމީ ގޮތުން އިހުގައި ކުޅިޖަހާ ތަނެވެ. ”ގުޅަކުޅޭފަސްގަނޑު“ މި ނަމަށް ބަލައިލާއިރު، ”ގުޅަކުޅޭ“ މި ލަފުޒުގެ މާނައަކީ ގުޅަމަތިހިފުން ނުވަތަ، އިނގިރޭސި ބަހުން ދަންނަވާނަމަ، ރެސްޓްލިންގް އެވެ. މިއީ ހިފުމުގެ ހެވިކަން ދައްކައިދޭ، ފިރިހެނުންގެ ކުޅިވަރެކެވެ. މީގެ އިތުރަށް، ހެވިކަމުގެ އެހެނިހެން ފަންނުތައް ތަމްސީލުކުރުންވެސް މިތާގައި އޮތެވެ. މިފަދަ ކުޅިވަރުތަކުގައި ވަރަށް މޮޅު މީހުން ރާއްޖޭގައި އިހުގައި ތިބިކަމަށް ވެއެވެ. ބުނެވޭގޮތުގައި، މި ކުޅިވަރުތަކުގައި ރަސްރަސްކަލުންނާއި އަމީރުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. ކުޅިވަރު ބައްލަވައިލެއްވުމަށް، އެއިރަކު ތަޚުތުގައި އިންނެވި ރަސްކަލަކާއި ގަނޑުވަރުތެރޭގެ ބޭފުޅުންވެސް ވަޑައިގަންނަވާނެއެވެ.
ހަވަރު އެއްވާނީ ގުޅަކުޅޭ ފަސްގަނޑަށެވެ. ހަވަރަކީ، ހަނގުބޭކަލުން ބައްސަވައިފައި އޮންނަ 6 ވަރު ނުވަތަ 6 ބަޔެވެ. މިއީ ރަސްގެފާނުގެ ލަޝްކަރު ކަމަށް ވުމާއެކު، ވަރަށް ޚާއްޞަ ބައެކެވެ.
”ހަވަރުހުއްޓިލެއްވުން“ އޮންނަނީ ވެސް ގުޅަކުޅޭ ފަސްގަނޑުގައެވެ. މިކަން އޮންނަނީ، ރަސްމީ ގޮތުން ހަވަރުގެ ފަރާތުން ރަދުންގެ އަރިއަހުގައި މުހިންމު ކަމެއް ހަމަޖައްސަވައި ދެއްވުމަށް ދެންނެވުމަށް ގުޅަކުޅޭ ފަސްގަނޑަށް އެއްވުމުންނެވެ. މިކަންތައް ގިނައިން އޮންނަނީ ހުކުރު ދުވަހު ހުކުރު ނަމާދަށް ފަހުގައެވެ. މިކަން ދިމާވުމުން، ރަސްގެފާނުގެ ފައިވާންފުޅު ދެކެފައި އެވާހަކައެއް ދަންނަވައި، ވިދާޅުބަސްފުޅެއް ލިބުމުން ނޫނީ ހަވަރުގެ ބޭކަލުން ގެއަކަށް ނުދުރުވާނެއެވެ.
”ބޮޑުފަތަފޮޅި ބެއްސެވުން“، މިއީ ސަޤާފީ ގޮތުން ފާހަގަކުރެވިފައިވާ ކަމެކެވެ. މި ބޮޑުފަތަފޮޅިއަކީ، ހުވަދުއަތޮޅު ވާރުގެ ތެރޭގައި އަހަރަކު އެއްފަހަރު ހަވަރަށް ގެނެސް އުޅުނު، ބޯކޮށް ފިހެފައި އޮންނަ ފޮނިރަހަލާ ފަތަފޮޅިއެކެވެ. މިއާއެކީގައި ”ބޮޑުފަތަފޮޅި ކުނާ“ ކިޔާ ހުދު ކުނަލެއްވެސް އޮވެއެވެ. މިތަކެތި ބަހަނީ، ހަވަރު ބެރުޖަހައިފައި ގުޅަކުޅޭ ފަސްގަނޑަށް ހަވަރު އެއްކޮށްފައި، އެތާގައި ހުންނަ ބޭރު ބޮޑުއަށީގައެވެ. މި ބޭރު ބޮޑުއަށްޓަކީ ގުޅަކުޅޭފަސްގަނޑުން ގަނޑުވަރަށް ވަންނަން ހުންނަ ހިއްތަން ދޮރޯށީގެ އިރުމަތީގައި، އުސް ތަޅުމެއް އަޅައިފައި، ދެފުރާޅަށް ހިޔާކޮށްފައި ހުންނަ ތަނެކެވެ. މިއީ ހަވަރުގެ ތަކެތި ބަހައިއުޅޭ ތަނެކެވެ. ހަނގުބޭކަލުން މިއަށްޓަށް ދަމަށް ދުރުވެއެވެ. އެ ހިނދެއްގައި ހަނގުބޭކަލުން ހިތްހަމަޖެހިނުލައްވާ ކަމެއް އޮތްނަމަ، ބޮޑުފަތަފޮޅި ބެއްސެވުމަށްފަހު އެ ބޭކަލުން ގެއަކަށް ނުދުރުވާނެއެވެ. މިއީ އެއިރުގެ ސަޤާފަތުގައި އޮންނަ ”ޑެމޮކްރަޓިކް ނިޒާމް“ އެކޭވެސް ދެންނެވި ދާނެއެވެ. ކޮންމެ އަކަސް، މިބޭކަލުން ޤަބޫލުވެނުލައްވާކަމެއް ވާކަން ދައްކަވައިގެން، ތަޚުތުގައި އިންނެވި ރަސްކަލުންނާއި، ބޮޑުވަޒީރުން ވެސް ބަދަލު ކުރައްވައިފައިވާ ކަމަށް ތާރީޚު ހެކިދެއެވެ.
އެތެރެ ކޮއިލުގެ ބައެއް ކަމަށް ބެލެވޭ ގުޅަކުޅޭފަސްގަނޑުގެ ސަރަހައްދަށް ވަދެވެން ހުންނަނީ، މިދަންނަވާ ހަތަރު ދޮރޯށިންނެވެ. އިރުމަތިން ވަދެވެނީ މެދުމާ ދޮރޯށިންނެވެ. އުތުރުން ވަދެވެނީ ސައްކަރަންޏާ (ނުވަތަ ސައްކަރަންދުންޏާ) ދޮރޯށީންނެވެ. ހުޅަނގުން ވަދެވެނީ ބޮޑުކިބާ ފާލަމު ދޮރޯށިންނެވެ. ދެކުނު ފަރާތުގައި ހުންނަނީ، ބޮޑު ގަނޑުވަރާއި އެތަނަށް ވަންނަން ހުންނަ ހިއްތަން ދޮރޯށްޓެވެ. މިދެންނެވި ދޮރޯށިތަކަކީ އިހުޒަމާނުގައި ވަރަށް މުހިންމު ތަންތަނެވެ.
ގުޅަކުޅޭފަސްގަނޑުގެ އުތުރު ފަރާތުގައި ހުންނަ ސައްކަރަންޏާ ދޮރޯށީގެ ހުޅަނގުން ހުންނަނީ ބަޑިބުރުޒެވެ. މި ބުރުޒުގެ ފާރުމައްޗަށް އެރުމަށްޓަކައި އެތެރޭ ފަރާތުގައި ގަލުން ހަދައިފައިވާ ހަރުފަތްތަކެއް ހުރެއެވެ. ގުޅަކުޅޭފަސްގަނޑުގެ ހުޅަނގު ފަރާތުގައި އެއިރު ހުންނާނީ އާކޯއްޓޭ ބުރުޒާއި އާކޯއްޓޭ މަތިގެއެވެ. އާކޯއްޓޭ ބުރުޒާއި ބަޑިބުރުޒަކީ އެތެރެކޮއިލުގެ ރައްކާތެރިކަމަށް ބިނާކޮށްފައިވާ މުހިންމު ދެބުރުޒެވެ. މިތަންތަން އަބަދުވެސް ހުންނަނީ ރަސްކަމުގެ ގަނޑުވަރު ދިފާޢުކުރުމަށްޓަކައި ތައްޔާރުކޮށްފައެވެ. ބޭރުން އަންނަ ހަމަލާއަކުން ނުވަތަ އެތެރޭގެ ނުރައްކަލަކުން ނަމަވެސް، ރަސްކަމުގެ ސަލާމަތަށްޓަކައި މިބުރުޒުތަކަކީ އަބަދުވެސް ބަލަހައްޓަން ޖެހިފައިވާ ތަންތަނެވެ. ގަނޑުވަރުގެ އުތުރުފަރާތުގައި އާކޯއްޓޭ ބުރުޒު ހުރެފައި، އަދި ގަނޑުވަރާ ބުރުޒާ ފާލަމަކުން ގުޅާފައިވުމާއިއެކު، އެތެރެކޮއިލަށް ދިމާވާ ނުރައްކާތަކުން ރައްކާތެރިވާނޭ ގޮތްތައް ރޭވުން ފަސޭހަވެފައިވެއެވެ.
އިހުޒަމާނުގައި، މުއާޞަލާތުގެ ގޮތުން އެކި ކަހަލަ އެންގުންތައް ރައްޔިތުންނަށް އެންގެވުމަށް، ބެރުގެ ބޭނުން ވަރަށް ގިނައިން ކޮށްފައިވެއެވެ. ބެރުޖަހާ ތަފާތު ގޮތްގޮތުން، އަންގަން ބޭނުންވާ މެސެޖެއް އަޑުއަހާމީހުންނަށް އަންގައިދެވެއެވެ. މިސާލަކަށް، ހަވަރުބެރު، އަލިފާންބެރު، ދަންބެރު، ބަޑިބެރު ފަދަ ބެރެވެ. މިގޮތުން ބޭނުންކުރާ ބެރުތައް ހުންނަނީ ގަނޑުވަރުގެ ހިއްތަންދޮރޯށި ހުންނަ ޢިމާރާތުގެ މަތީބައިގައި ހުންނަ ނާބުސްޚާންގައެވެ.
ސައްކަރަންޏާ ދޮރޯށީގެ އިރުމަތީގައި، ގުޅަކުޅޭފަސްގަނޑުގެ އިރުއުތުރުން ހުންނަނީ، އެއިރުގެ ވެޔޮދޮށު ގަނޑުވަރެވެ. ފަހުން މިތަނަށް ކިޔަނީ ”ބަނޑޭރިގެ“ އެވެ. ދައުލަތަށް ލިބޭ އެންމެހައި ތަކެތި ރައްކާކޮށް، ސަރުކާރުގެ ހުރިހައި ކަންތައް ކުރުމަށް ތަކެތި ދޫކުރަނީ ބަނޑޭރިގެއިންނެވެ. މިތާގެ އެތެރޭގައި އޮންނަ ވެވަކީ އަބަދުވެސް މާވަހަރު އަޅާފުރާފައި އޮންނަ ތަނެއް ކަމަށް ބުނެވެއެވެ.
ބަންޑާރައިންނަށް (ރަސްގެފާނަށް) ކުރިމަތިފުޅުވާ މުހިންމު ކަންތައްތަކުގައި، ރައްޔިތުންނާ މަޝްވަރާ ކުރައްވަން ބޭނުންފުޅުވެއެވެ. މިފަދަ ވަގުތުތަކުގައި، ރަދުންގެ އަމުރުފުޅަށް މާބަނޑޭރި ބޭކަލަކު މެދުވެރިކުރައްވައިގެން، ބެރުއެދުރަކަށް އަންގަވައިގެން، ނާބުސްޚާނުން ”ހަވަރަށް“ ބެރުޖަހާނެއެވެ. މިއަޑު އިވުމުން ހަވަރުގެ އެންމެން އައިސް، ގަނޑުވަރުގެ އުތުރު ފަރާތުގައި އޮންނަ ގުޅަކުޅޭފަސްގަނޑަށް އެއްވެ އެތުރިލާނެއެވެ. ދެން ރަދުންގެ ބަސްފުޅު އިއްވަވައިފައި، އޭގެ ފަހުން މީސްތަކުން އަރުވަން ބޭނުންވާ މަޝްވަރާތައް އަރުވާނެ ފުރުޞަތު ދެއްވާނެއެވެ.
ބޭރުން ވަޑައިގަންނަވާ މެހެމާނުންނަށް އެކި ކަހަލަ ކުޅިވަރު ދައްކަވާލެއްވުންވެސް ގުޅަކުޅޭފަސްގަނޑުގައި އޮވެއެވެ. އަދި، އިހުގައި ކޮންމެ އަހަރަކު ރޯދަމަހުގެ ތެރޭގައި ހިތިވިލޭރޭތައް ފާހަގަކުރަމުން އައިއިރު، ގުޅަކުޅޭފަސްގަނޑާ ގުޅިފައި ހުންނަ އާކޯއްޓޭ މަތިގެއިން ބަޑިކުޅިއެރުވުންވެސް އޮތެވެ. މިއީ ހެންވޭރު ބޮޑުހިތީގައި ރަދުން ހިތިގެއިން ނިކުމެވަޑައިގަނެގެން ގުޅަކުޅޭފަސްގަނޑުގެ މެދުމާދޮރޯށްޓާ ހަމައަށް ވަޑައިގަތުމުންނެވެ. (ބާބާގޭ ދޮންމަނިކު، 1993، ދިވެހި އާދަކާދަ).
ގުޅަކުޅޭފަސްގަނޑަކީ ދިވެހި ތާރީޚުގައްޔާއި ދިވެހީންގެ ދިރިއުޅުމުގައި ވަރަށް މުހިންމު ރޯލެއް އަދާކޮށްފައިވާ ތަނެކެވެ. މިތަނަކީ މާލޭގެ ރައްޔިތުން އެއްވުމަށް ޒަމާނުއްސުރެ ޚާއްޞަވެފައިވާ ބިން ކަމަށްވުމާއެކު، މިތާނގައި މުހިންމު ގިނަ ކަންތައްތަކެއް ހިނގާފައިވުމަކީ ނުވެނުދާނޭ ކަމެކެވެ. މީގެ ތެރޭގައި ސަޤާފީ ކަންތަކާއި ސިޔާސީ ކަންތައް ހިމެނިފައިވެއެވެ. ގުޅަކުޅޭ ފަސްގަނޑަކީ، ދިވެހި ތާރީޚުގައި ހިނގާފައިވާ ވަރަށް ގިނަ ކަންތައްތަކުގެ ޙަޤީޤަތް ދެކިފައިވާ ތަނެކެވެ. މިތަނަކީ ރައްޔިތުން އެކި ކަންކަމަށް އެއްވުމަށާއި، ރަދުންގެ ފަރާތްޕުޅުން މުހިންމު ބަސްފުޅުތައް އެންގެވުމަށްޓަކައި އެމީހުން އެއްކުރެއްވުމަށް، ޒަމާނުއްސުރެ ޚާއްޞަވެފައިވާ ބިން ކަމަށް ވުމާއެކު، މިތާގައި ގިނަ ސިޔާސީ ކަންތައްތަކެއް ހިނގާފައި ވެއެވެ. އެކިއެކި ސަޤާފީ ކުޅިވަރުތައް ބާއްވަވަނީވެސް މިތާގައެވެ. މިލިޔުމުގައި އަޅުގަނޑު މި ބަލައިލަނީ، މިފަސްގަނޑާ ގުޅިފައިވާ، ނުވަތަ، މިތާ ހިނގައިފައިވާ ކަންތައްތަކުގެ ތެރެއިން، މަޢުލޫމާތު ލިބިފައިވާ ބައެއް ޚާއްޞަ ކަންތައްތަކަށެވެ.
ހަނގުރާމައަށް ދެބުރުޒު ތައްޔާރު ކުރެއްވުން
މީލާދީން 1773 ވަނަ އަހަރުގެ ތެރޭގައި، ޣިޔާޘުއްދީން ރަދުން ޙައްޖަށް ފުރާވަޑައިގަތީ، ރަސްކަން ބެލެހެއްޓެވުން އެރަދުންގެ ޅިޔަނު ޢަލީ ވެލާނާމަނިކުފާނާ ހަވާލު ކުރައްވައިފައެވެ. ވެލާނާމަނިކުފާނު ހުންނެވީ ތަޚުތު ބޭނުންފުޅުވެފައި ކަމުން، ރަސްކަން ބެލެހެއްޓެވުމުގެ ބަދަލުގައި، މީނާ ގަނޑުވަރަށް ވަޑައިގެން ރަސްކަމުގެ މައްޗަށް ވެރިވެވަޑައިގަތީއެވެ. މިކަން އެނގިވަޑައިގަތުމުން، ރަސްކަން ބޭނުންފުޅުވެފައި ހުންނެވި ހުރާ މުޙައްމަދު މަނިކުފާނު (ދޮންބަންޑާރައިންގެ ބޭބޭފުޅު ހުރާ ޙުސައިން މަނިކުފާނުގެ ދަރިކަލުން)، އެމަނިކުފާނާ އެއްބައިވީ މީހުން ގޮވައިގެން، އަތިރިމަތީގައި ހުރި ބޮޑުކޯއްޓޭ ބުރުޒަށް ވެދެވަޑައިގަންނަވައި، ބަޑިތައް ތައްޔާރުކުރައްވައި، ގަނޑުވަރާ ޖެހިގެން ހުރި އާކޯއްޓޭ ބުރުޒަށް އަމާޒުކުރެއްވިއެވެ. ދެން، ބޮޑުކޯއްޓޭ ބުރުޒުން މުޙައްމަދު މަނިކުފާނު ފޮނުވާ ލައްވައިފާނެ ހަމަލާއަކަށްޓަކައި، ގުޅަކުޅޭ ފަސްގަނޑުގައި ގަނޑުވަރާ ޖެހިގެން ހުރި އާކޯއްޓޭ ބުރުޒުގެ ބަޑިތައް ޢަލީ ވެލާނާމަނިކުފާނު ތައްޔާރުކުރައްވައިފިއެވެ. ނަސީބު ދިމާކުރިގޮތުން، މުޙައްމަދު މުޙިއްބުއްދީން ފަނޑިޔާރުމަނިކުފާނަށް މިކަން އެނގިވަޑައިގަނެގެން، ދެބުރުޒުންމެ ބަޑިޖެހުން މަނާކުރައްވައިފިއެވެ. މިފިޔަވަޅު އެޅުއްވިކަމުން، މާލޭގައި ބޮޑުބަޑީގެ ހަނގުރާމައެއް ނުހިނގައި ސަލާމަތްވީއެވެ. ދިވެހި ރަސްކަން ހުރާދަރިކޮޅަށް ބަދަލުވީ، މިހާދިސާއާ ވިދިގެން، ދިވެހި ރައްޔިތުން ހުރާ މުޙައްމަދު މަނިކުފާނުގެ ވެރިކަން ޤަބޫލުކުރުމުންނެވެ.
ރަސްކަން ބަދަލުކުރުން
މީލާދީން 1893 ވަނަ އަހަރުގެ މެއި މަހުގެ 7 ވަނަ ދުވަހަކީ (20ޝައްވާލު 1310) ބޮޑުފަތަފޮޅި ބެއްސެވި ދުވަހެކެވެ. އެދުވަހު ގުޅަކުޅޭ ފަސްގަނޑުގައި ބޮޑުފަތަފޮޅި ބެއްސެވުމަށް ހަވަރު އެއްވެލައްވައިގެން އުޅުއްވައިފައި، އެކަން ނިމިގެންވެސް އެބޭކަލުން ގެއަކަށް ނުދުރުވިއެވެ. އިހުގެ ދިވެހި އާދަކާދަ އޮންނަ ގޮތުން، މިޢަމަލުން އެދައްކަވަނީ، އެބޭކަލުން ހިތްހަމަޖެހިނުލައްވާ، އަދި ހަމަޖައްސަވަން ބޭނުން ކަމެއް އޮތް ކަމެވެ. މިދުވަހު އޮތް ބޮޑު މައްސަލައަކީ، ރަސްކަމުގެ މައްސަލައެވެ. އެއިރު ތަޚުތަށް އިސްކުރެވިފައިވާ، އަށް އަހަރުފުޅަށް އޮތް، ތުއްޕުޅު މުޙައްމަދު ޢިމާދުއްދީން (ފަސްވަނަ) ގެ ބަދަލުގައި، އެރަދުންގެ ބޭބޭފުޅު، ނޫރައްދީން ބަންޑާރައިންގެ ދޮށީ ދަރިކަލުން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ)، ރަސްކަމަށް އިސްކުރަން ބޭނުންވާ ކަމުގެ މައްސަލައެވެ. އެދުވަހުގެ އިރު އޮއްސުމުގެ ކުރިން ރަސްކަން ބަދަލުވެ ނިމިއްޖެވެ. މިކަން ހިނގައިފައި ވަނީ އެއިރު ތިއްބެވި ބޮޑުންގެ ލަފާފުޅުގެ މަތިންނެވެ.
ދެން ފާހަގަކުރެވެނީ، އޭގެ ދެމަހާއި ދުވަސްކޮޅެއް ފަހުން އައި ހުކުރު ދުވަހެކެވެ. އެއީ 20 ޖުލައި 1893 ( 6 މުޙައްރަމް 1311) އެވެ. މިދުވަހު ހުކުރުން ފޭބުމަށްފަހު، ރަދުން ގަނޑުވަރުތެރެއަށް ވެދެވަޑައިގެންފިއެވެ. ނަމަވެސް، ސިލޭހަބަތް (ރަދުންގެ އަރިހުގައި ސިލޭހަ ހިފައިގެން ހުކުރަށްދާ ހަނގުބޭކަލުންނަށް ގަނޑުވަރުން ދެއްވާ ބޮނޑިބަތެއް) ހިފައިގެން ހަނގު ބޭކަލުން ގޭގެއަށް ނުދުރުވެ، ހުއްޓިލެއްވީ ގުޅަކުޅޭ ފަސްގަނޑުގައެވެ. އެދިލައްވަން ފެށްޓެވީ ރަސްކަން ބަދަލުކުރުމަށެވެ. މުޙައްމަދު ޝަމްސުއްދީން ރަދުން ތަޚުތުން ބާލައިފައި، މުޙައްމަދު ޢިމާދުއްދީން (ހަވަނަ) ތަޚުތަށް އިސްކުރުމަށެވެ. ބޮޑުވަޒީރު ކަމުގައި ހުންނެވި ކަކާގޭ މުޙައްމަދު ރަންނަބަނޑޭރިކިލެގެފާނު އެމަޤާމުން ދުރުކޮށް، އިބްރާހީމް ދޮށިމޭނާކިލެގެފާނަށް އެމަޤާމު އަނެއްކާވެސް އެރުވުމަށެވެ. މިބޭކަލުން ހަމަޖެއްސެވޭތޯ މުޙައްމަދު ރަންނަބަނޑޭރިކިލެގެފާނާއި އެމަނިކުފާނާ އެއްކޮޅަށް ތިއްބެވި ބޭފުޅުން މަސައްކަތް ކުރެއްވި ނަމަވެސް ކާމިޔާބެއްނުވިއެވެ. ހަނގުބޭކަލުން ގޭގެއަށް ދުރުވީ، ރަދުންނާއި ބޮޑުވަޒީރު ބަދަލުކުރައްވާފައެވެ.
ޝަމްސުއްދީން ރަދުންނަށް ރަސްކަމަށް ކޮލިލުން
ޝަމްސުއްދީން ރަދުން ދެވަނަ ފަހަރު ރަސްކަމަށް އިސްކުރެވުނީ 11 މާޗް 1903 (11 ޛުލްޙިއްޖާ 1320) ގައެވެ. ނަމަވެސް ރަސްކަމަށް ކޮލިލެވުނީ 4 އޮގަސްޓް 1904 (23 ޖުމާދަލްއޫލާ 1322) ގައެވެ. ރަސްކަމަށް ކޮލިލެއްވުމަށް ކީރިތި މަހާރަދުން ޤަބޫލުފުޅުވީ، 17 މުޙައްރަމް 1322 ވީ ދުވަހު، ހަވަރާއި ހަތަރު އަވަށުގެ އެންމެން ގުޅަކުޅޭ ފަސްގަނޑަށް އެއްކުރައްވައިފައި، ރަދުންނަށް ކޮލިލުމުގެ ކަންތައް ބޮޑުވަޒީރު ސުމުއްވުލް އަމީރު އިބްރާހީމް ދޮށިމޭނާކިލެގެފާނު ހުށަހަޅުއްވައި، ރައްޔިތުން އެކަމާ ޤަބޫލުވުމުންނެވެ. މިކަމަށް ރައްޔިތުންގެ ރުހުން އޮތްކަން އެންމެންގެ ފަރާތުން އެނގިވަޑައިގަތުމުން، ބޮޑުވަޒީރު ގަނޑުވަރުތެރެއަށް ވަޑައިގެން، ރަދުން އަރިއަހުގައި މިވާހަކަ ވދާޅުވިއެވެ. އަދި ރައްޔިތުން ޤަބޫލުކަމަށްވަންޏާ ރަދުންވެސް ރުހިވަޑައިގެން އިންނެވި ކަމަށާއި، އެކަން ކުރިޔަށް ގެންދެވުމަށް ރަދުން ވިދާޅުވިއެވެ. މިރަސްމިއްޔާތު ބޭއްވެވުމަށް ހަމަޖެހުނީ އެއަހަރުގެ ޖުމާދަލްއޫލާ މަހުގެ 23 ވަނަ ދުވަހުއެވެ. މިކަން އެންގެވީ އާދަކާދައާ އެއްގޮތަށް، ގުޅަކުޅޭ ފަސްގަނޑުންނެވެ.
ފުރަތަމަ ޤާނޫނު އަސާސީ އުވިދިޔުމާއި ”މޮޓަރުބޯޓުގެ ގަޑުބަޑު“
ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އިޢުލާން ކުރެއްވިއިރު، ރާއްޖޭގެ ރައްޔިތުންގައި ޤާނޫނު އަސާސީއެއް ބަލައިގަނެވޭވަރުގެ ހޭލުންތެރިކަމެއް ނެތުމާއެކު، ބޮޑެތި ހަމަނުޖެހުންތަކެއް އުފެދުނެވެ. ކުރީގައި އާދަކާދައިގެ ގޮތުގައި ހުރި ކަންކަން ދިޔައީ ޤާނޫނުތަކަކަށް ބަދަލުވެގެންނެވެ. ނަތީޖާއަކަށްވީ، ރައްޔިތުން ހިތްހަމަނުޖެހުމާއި، ވުޒާރާތައް ހިންގަވަން ތިއްބެވި އިސްބޭފުޅުން ދެކެ އިންތިހާ ދަރަޖައަށް ރުޅިއައުމާއި، އެންމެފަހުން މިކަންތައްތަކައިގެން ގުޅަކުޅޭފަސްގަނޑަށް އެއްވުމެވެ. ޤާނޫނު އަސާސީ ވީދާލުމާއި އެއިރު ސަރުކާރުގައި ތިއްބެވި ބައެއް އިސްބޭފުޅުން މޮޓަރުބޯޓުގައި ސިލޯނަށް ”އަރުވައިލެއްވުމުގެ“ ހާދިސާ ހިނގަން މެދުވެރިވީ ވެސް ގުޅަކުޅޭ ފަސްގަނޑަށް މިއެއްވި އެއްވުމުން ފެށިގެންނެވެ.
ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ނިމުން
ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ 1 ޖަނަވަރީ 1953 (12 ރަބީޢުލްއާޚިރު 1372) ގައި އުފެދުނީ ރައްޔިތުންގެ ވަރަށް މަތިވެރި ތާއީދަކާ އެކީގައެވެ. ނަމަވެސް 7 މަހާއި 20 ދުވަސް ވީތަނާ އެޖުމްހޫރިއްޔާ އުވިގެން ހިނގައްޖެއެވެ. ރައްޔިތުން ރުޅިއައިސްގެން، ގުޅަކުޅޭ ފަސްގަނޑަށް އެއްވެ، އެޖުމްހޫރިއްޔާ ބޭނުން ނޫންކަމަށް ހަރުއަޑުން ގޮވާ އަންގައިގެންނެވެ. އާދަކާދަ ނިޔާކުރިގޮތުގެ މަތިން، އެއްވި މީހުންގެ ޝަކުވާތަކުގެ އަޑުއިއްވީ އެފަސްގަނޑުގައެވެ. މިޝަކުވާތަކަކީ، ކާއެއްޗެއް ނެތުމާއި، ބިންބިއާއި ފަތްޕިލާވެލި ކާންޖެހުމާއި، ދުންފަތް ނުލިބުމާއި، ބިޑި ސުއްޓާ ސިގިރެޓް މަގުމަތީގައި ބުއިން މަނާވުމާއި، އަދިވެސް އެ ވެރިކަމުގައި ހިނގައިފައިވާ ބައެއް އެހެން ކަންތައްތަކެވެ. ނަތީޖާއަކަށްވީ، 21 އޮގަސްޓު 1953 (11 ޛުލްޙައްޖާ 1372) ގައި ރައްޔިތުންގެ އެދުމުގެ މަތިން، މުޙައްމަދު އަމީން ވެރިކަމުން ދުރުކޮށް، އެމަނިކުފާނު ދޫނިދޫގައި ބަންދު ކުރުމެވެ.
މުޙައްމަދު އަމީން ދޫނިދޫގައި ބަންދުގައި ހުންނެވިއިރު، މާލޭގައި ތިއްބެވި ބައެއް ގާތް ބޭފުޅުންނާ ބަދަލުކުރެއްވި ސިއްރު ސިޓީތަކެއްގެ ނަތީޖާއަކަށްވީ، 31 ޑިސެމްބަރު 1953 (24 ރަބީޢުލްއާޚިރު 1373) ގައި، އޭނާ ސިއްރުން މާލެވަޑައިގަތުމެވެ. މިކަމާ ގުޅިގެން ނުހަނު ހިތާމަވެރި ހާދިސާއެއް ގުޅަކުޅޭ ފަސްގަނޑުގައި ހިނގައިދިޔައެވެ. އެތަނަށް މީސްތަކުން އެއްވެ، އައިސްފައިވާ ރުޅީގައި އެމަނިކުފާނަށް ވަރަށް ބޮޑަށް އަނިޔާކުރީއެވެ. އެމަނިކުފާނު އަވަހާރަވީވެސް އެޒަޚަމްތަކުގެ ސަބަބުންނެވެ. އެމަނިކުފާނު މާލެވަޑައިގެންނެވުމަށް ރޭއްވެވި ބޭފުޅުން ފުރަތަމަ ހައްޔަރު ކުރެވުނީ ގުޅަކުޅޭފަސްގަނޑުގެ އުތުރުގައި ހުރި ސިފައިންގޭގައެވެ.
ބޮޑު ބުރާސްފަތީގެ ހާދިސާ
ރެކޯޑްތަކަށް ބަލާއިރު ގުޅަކުޅޭ ފަސްގަނޑުގައި އެންމެ ފަހުން މީހުން އެއްވެ، ސިޔާސީ ރޮނގުން ފާހަގަކުރެވޭ ޚާއްޞަ ކަމެއް ހިނގައިފައިވަނީ ”ބޮޑުބުރާސްފަތި“ ހާދިސާގައެވެ. މިހާދިސާގައި، 13 ޖޫން 1974 (22 ޖުމާދަލްއޫލާ 1394) ވީ ބުރާސްފަތި ދުވަހު ގުޅަކުޅޭ ފަސްގަނޑަށް މީހުން އެއްވެ، ހަޅޭއްލަވައި އަޑުގަދަކޮށް، ސަރުކާރާ ދެކޮޅަށް ނުރުހުން ފާޅުކޮށްހެދިއެވެ.
މިލިޔުމުގައި ދެންނެވިފައިނުވާ އިތުރު ހާދިސާތައްވެސް، ރާއްޖޭގެ ތާރީޚުގައި ގުޅަކުޅޭފަސްގަނޑުގައި ހިނގައިފައިވާނެއެވެ. ނަމަވެސް މިދަންނަވާލެވުނު މިންވަރުންވެސް، ދިވެހީންގެ ތާރީޚުގައި، މިފަސްގަނޑުގެ މުހިންމުކަން އެނގިވަޑައިގަންނަވާނެއެވެ.
ރެފެރަންސް:
- ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު- ”މިޒަމާނުގެ ދިވެހިރާއްޖޭގެ ޙަޤީޤީ ބައްޕަ“
- އަލްފާޟިލް ބާބާގޭ ދޮންމަނިކު – ”ދިވެހި އާދަކާދަ“
- އަލްފާޟިލް މޫސާ ޢަލީ – ”ދިވެހީންގެ އާދަކާދަ“
- ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު – ”ގަނޑުވަރު“.
- ދިވެހި ބަހާއި ތަރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު – ”ދިވެހި ތާރީޚު“.
