މިސްރުގެ ވެރިރަށް ޤާހިރާގެ ހުޅަނގު ދެކުނަށް އޮންނަ ޖީޒާގައިވާ ބޮޑެތި ތިން ޕިރަމިޑްގެ ތެރެއިން އެންމެ ބޮޑު ޕިރަމިޑަކީ ދުނިޔޭގެ ހަތް އަޖައިބުގެ ތެރެއިން މިހާތަނަށް މުޅިން ސަލާމަތުންހުރި ހަމައެކަނި އަޖައިބުކަމުގައި ވަނީ ބެލެވިފައެވެ. މިޕިރަމިޑަށް ދެވިފައިވާ ނަމަކީ ”ޚޫފޫ ޕިރަމިޑް“ އެވެ. ޚޫފޫ ޕިރަމިޑް ފިޔަވައި ދެން ހުރި ޕިރަމިޑްތަކަކީ ”ޚަފްރީ“ ނުވަތަ ”ޚަފްރަޢު“ އަދި ”މެންކޫރީ“ ނުވަތަ ”މުންޤަރަޢު“ ގެ ނަމުން ނަންދެވިފައިވާ ޕިރަމިޑްތަކެވެ.

ޚޫފޫ ޕިރަމިޑް ބިނާކުރުމަށް 20 އަހަރު ހޭދަވިކަމުގައިވެއެވެ. ބިނާކުރުމަށް ބޭނުންވާ ހިލަ ގާތަށް އެހިސާބަށް ގެންދިޔުމުގައި 100 ހާސް މީހުން ނުވަތަ އަޅުން އުޅުނުކަމުގައިވެއެވެ. އަދި މަސައްކަތްކުރާ ސަރަހައްދުގައި 4 ހާސް މީހުން ހަރަކާތްތެރިވެފައިވެއެވެ. ޕިރަމިޑް ހެދުމަށްޓަކައި ފުރަތަމަ ހަތަރެސްކަން ހިލަ ގާތަށް ޖަމާކޮށް ބެހެއްޓުނެވެ. އެއަށްފަހު މިގާތަކުގެ ވަށައިގެން އުވަ ފާޑުގެ ވެލިން ފަށަލައެއް ދުއްވުނެވެ. ނަމަވެސް މިފަށަލަވަނީ ޒަމާންތަކާއިއެކު ގާތަކުން ނެއްޓިގެން ވަކިވެ ގޮސްފައެވެ. ފިރަމިޑް ހެދުމަށް އޭގައި ފެންނަންހުރި ގާތަށް އެކަތި އަނެއްކައްޗާއި ގުޅި ހިފެހެއްޓޭގޮތަށް ބެހެއްޓިފައިވަނީ ކިހިނެތްކަމެއް އަދި ހޯދިފައެއް ނުވެއެވެ. މިހާރުވެސް މިކަމާއިގުޅޭގޮތުން އިތުރު ދިރާސާތައް ތާރީޚީ އަދި ބިމުގެ އިލްމާއިބެހޭ އިލްމުވެރިން ދަނީ ކުރަމުންނެވެ. ތާރީޚީ ބައެއް ބޮޑެތި ފޮތްތަކުގައި މިޕިރަމިޑަށް ”ފިރުއަޢުނުގެ ފަރުބަދަ“ މިނަމުން މުޙާތަބުކުރެވިފައިވެއެވެ.

ޝެއަރކުރެއްވުމަށް