ނަފުސޭ މި ދެންނެވީ އޭގެ އެންމެ ތަނަވަސް މާނައިގައެވެ. ދިވެހީން ހަށިގަނޑަށް ވެސް ނަފުސޭ ކިޔައެވެ. އެ ހަށިގަނޑުގެ ތެރޭގައި އުފެދޭ މާނަވީ އަދި ޖަޒުބާތީ އަސަރުތަކަށް ތަރުޙީބުދޭ ރަނގަޅު ނުރަނގަޅު ބާރަށް ވެސް ނަފުސޭ ކިޔައެވެ. ނަފުސުގެ ޢިއްޒަތާއި ކަރާމާތް ގެއްލި، އަގު ވެއްޓެނީ ނުރަނގަޅު ގޮވައިލުންތަކަށް ތިމާގެ ނަފުސުގެ އެދުންތައް ދީލައިލުމުންނެވެ. ޢަމަލުތައް ސޮއްސައިލުމުންނެވެ. ބައެއް ފަހަރަށް ހެޔޮ ނިޔަތުގައެވެ. ބައެއް ފަހަރަށް ނުބައި ނިޔަތުގައެވެ. އަނެއްބައި ފަހަރަށް ކޮންމެވެސް ބާވަތެއްގެ ނުރައްކާތެރި މަޖުބޫރީ ޙާލަތެއްގައެވެ.

ސިފައިންނަކީ، އެމީހުންގެ މުޅި ޢުމުރު ނަފުސުގެ ދިފާޢުގައި މަސައްކަތްކުރާ ބައެކެވެ. އެމީހުންގެ އެންމެ ވަރުގަދަ ހަނގުރާމައަކީ ނަފުސާ ކުރާ ހަނގުރާމައެވެ. އަމިއްލަ އެދުންތަކާއި އުންމީދުތަކާ ދެކޮޅަށް ކުރާ ޖިހާދެވެ. ޢާންމު އިންސާނީ އަމިއްލަ އުފާތަކާ އެކަހެރިވާން އަޅާ ފިޔަވަޅުތަކެވެ. ސަބަބަކީތޯއެވެ؟ ސިފައިންގެ ޤައުމީ ވާޖިބު މި ހުރިހައި ކަމަކަށް ވުރެ އިސްކުރުމެވެ. އުފަލަކީ، ހިތްހަމަ ޖެހުމަކީ އަދި ކާމިޔާބީއަކީ އެއީ ކަމަށް ދުށުމެވެ. ހިތުގެ އަޑީން ޤަބޫލު ކުރުމެވެ.

ދަންނަވަން މި އުޅޭ އެއްޗެއް މިއަށް ވުރެ ތިލަ ކޮށްލާނަމެވެ. ދިވެހި ސިފައިންނަކީ ހަމަ ދިވެހީންނެވެ. ދިވެހި ބިމަށް އުފަން ދިވެހީންނެވެ. ސިފައިންގެ ޚިދުމަތަށް 121 އަހަރު ފުރުނު އިރު ސިފައިންގެ ޔުނީފޯމު ލީ މީހުން ފިޔަވައި އެ ނޫން އެތައް ބަޔަކު ވެސް މި 121 އަހަރު ދުވަހުގެ ތެރޭގައި މި ދިވެހިރާއްޖޭގައި އުޅެފައި ވާނެއެވެ. ކައިވެނިކޮށް ޢާއިލީ ގުޅުން ބަދަހި ކޮށްގެންނެވެ. ވިޔަފާރިކޮށް ދިރިއުޅުން ފަހިކޮށްގެނެވެ. ގެދޮރު ބިނާކޮށް އޮޑިދޯނިފަހަރު ބަނދެގެންނެވެ. ދަތުރު ފަތުރުކޮށް ހޮޓާހޮޓަލަށް ވަދެ ސައިބޮއި ހޮޅުއަށިތަކުގައި ރައްޓެހިންނާ އެކު މުނިއަވަސް ފިލުވައިގެނެވެ. ސަމާސާއާއި މަޖާކޮށްގެނެވެ.

ސިފައިންގެ ޔުނީފޯމުލީ މި ދިވެހިމީހާއަކީ ވެސް މި ވެށީގައި އުޅެ ޢުމުރު ކަންފަތި ކުރަމުންދާ މީހެކެވެ. ނަމަވެސް އޭނާގެ ދިރިއުޅުން ތަފާތެވެ. އޭނާއަކީ ވަކި މީހަކަށް ގުލާނު ކޮށްދޭ މީހެއް ނޫނެވެ. އަމިއްލަ ވިޔަފާރި ކުރާ މީހެއް ނޫނެވެ. މީހުން އަތުން ދަރަންޏަށް ފައިސާނަގައި، ކުންފުނިތައް ހަދައި ހިންގާ މީހެއް ނޫނެވެ. އޭނާ އަޅާ ކޮންމެ ފިޔަވަޅެއް އަޅަނީ ޤާނޫނު ދައްކާ ރޮނގުމަތީގައެވެ. އޭނާ ހޭލާ ހުންނަނީ ޤައުމާއި ރައްޔިތުންނަށް ދިމާވެދާނެ ކަމަކަށް ޓަކައެވެ. އޭނާ ފުރިހަމަކުރާ ތަމްރީނަކީ ދިރިއުޅުމުގެ އެހެން މަރުޙަލާއެއްގައި ބޭނުން ކުރެވޭނެ ތަމްރީނަކަށް ނުވިޔަސް ވެހެވެ. ރާއްޖެއިން ބޭރު ކަރަކަރައަށް ގޮސް އެ ތަންތާނގެ އުސް ފަރުބަދަތަކާއި ބޯޖަންގަލިތަކާއި ކިސަޑު ފެންކޯރުތަކުގައި ހައިބަނޑާ ހެދި ތަމްރީނުތައް ހަދަނީ އޭނާގެ ދިރިއުޅުން ތަރައްޤީކުރުމުގެ އެއްވެސް ބޭނުމެއް އޮވެގެނެއް ނޫނެވެ. އޭނާގެ ޤައުމީ ޚިދުމަތުން ޝަރަފުވެރިކަމާ އެކު ރިޓަޔަރކުރުމާ ހަމައަށް ޤައުމުގެ ސަލާމަތަށް ފާރަވެރިވެ ހުރުމުގެ ބޭނުމުގައެވެ. ސިފައިންގެ މީހެއްގެ ހައިސިއްޔަތުން ރައްޔިތުންނަށް އެކަށިގެންވާ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ. މި ދަންނަވަނީ އެ ޢިލްމާއި ހުނަރުގެ ބޭނުމެއް ނެތް ވާހަކައެއް ނޫނެވެ. އަމިއްލަ ޢާއިލީ ޙަޔާތާ ގުޅުމެއް ނެތް ވާހަކައެވެ. އެކަމަކު އެވަރުގެ ބުރަ، ބަރު، އުނދަގޫ ތަޖުރިބާތަކެއް ނުކޮށް ހަށިގަނޑުގެ އަނގުންތަކަށް އެ ވޭންތަކާއި ރިހުންތަކާއި ޒަޚުމްތައް ނުދީ ފަރުޖެހޭން އޮތް ވާހަކައެވެ. ނަމަވެސް އެހެނެއް ނުވެއެވެ. ނުވާނެއެވެ. ކީއްވެތޯއެވެ؟

ހަމައެކަނި ފާއިތުވި ސަތޭކަ ވަރަކަށް އަހަރަށް ބަލައިލިޔަސް، ދިވެހިރާއްޖެ ވަނީ ކަޅާއި ހުދުގެ އެތައް ޙަޤީޤަތެއް ދެކެފައެވެ. ކިތަންމެ ފަހަރަކު އޮތީ ކޮންމެވެސް ބަޔަކު ނުކުމެ ޤައުމު މިނިވަން ކުރަން ޖެހިފައެވެ. ހަތިޔާރު އަޅައިގެން ބޭރުން އައި އެތައް ބައެއްގެ ކިބައިން ދިވެހި ރައްޔިތުން ސަލާމަތް ކޮށްދޭން ޖެހިފައެވެ. ’ނަލަހެދުމުގައި‘ ދިވެހީންގެ ތެރޭގައި ތިބި އެތައް ބައެއްގެ ކިބައިން ވެސް ރައްކާތެރިކަން ހޯދަން ޖެހިފައެވެ. މީގެ އިތުރަށް ވިއްސާރައިގައި ހާލުގައި ޖެހުނު ދިވެހި ރައްޔިތުން މިންޖު ކޮށްދެވިފައި ވެއެވެ. އަލިފާން ރޯވި އެތައް ގެއަކާއި އުޅަނދުފަހަރެއް ހަނދާނަށް ގެންނަވާށެވެ. ބޮޑެތި ރޯގާތަކާއި، އެ ފަދަ ހާދިސާތަކެވެ. ސުނާމީއެވެ. 

މިއިން ކޮންމެ ކަމެއްގައި ސިފައިންގެ ދައުރު އެނގޭނީ ހަމައެކަނި ސިފައިންގެ މީހާއަކަށް ނޫނެވެ. އޭނާގެ ޢާއިލާއަށެވެ. އަނބިދަރީންނަށެވެ. ހަމަ އެހެންމެ ހެޔޮ ނިޔަތުގައި ވިސްނައި ފިކުރުކުރާ ހެޔޮލަފާ މީހުންނަށެވެ. ސުނާމީގައި ރައްޔިތުން ހާލުގައި ޖެހިގެން އެއް ރަށެއްގެ ބަޔަކު ސަލާމަތްކުރަން ސިފައިންގެ މީހާ އެ ރަށަށް ދާއިރު، ޚުދު އޭނާގެ އަނބިދަރީން ވީނުވީއެއް ނޭނގި އެހެން ރަށެއްގައި ނުވަތަ އެހެން ތަނެއްގައި ވެއްޖެކަން އިޙްސާސް ކުރާނީ މި ފަދަ ހެޔޮ ވިސްނުންތެރިންނެވެ. ޢަދާވާތްތެރީން ޤައުމު ހިފައި ގަތުމަށް ބަޑިހިފައިގެން އަރައި ދިވެހި ރައްޔިތުން މަރައި، ހިފައި، ހައްޔަރު ކުރަމުން ދުވާއިރު، ދުޝްމަނުންގެ ކިބައިން ޤައުމާއި ދީން ދިފާޢު ކުރުމަށް ސިފައިންގެ މީހާ ފުރާނަ އަތްމައްޗަށް ލައިގެން އުންޑަތަކުގެ ކުރިމައްޗަށް ނުކުންނަނީ އޭނާގެ ވެސް ލޯބިވާ މައިންބަފައިންނާއި އަނބިދަރީންގެ ހާލެއް އަހުވާލެއް ނޭނގި ހުރެ އެ ހުރިހައި ކަމަކަށް ވުރެ މުޅި ޤައުމާއި ރައްޔިތުން އިސްކޮށްފައިކަން ދަންނާނީ އިޙްސާންތެރީންނެވެ.

ފާއިތުވީ ސަތޭކަ ވަރަށް އަހަރު ދުވަހުގެ ތެރޭގައި ސިފައިންގެ ޚިދުމަތުގައި ވަރަށް ގިނަ ބޭފުޅުން އުޅުއްވައިފައި ވެއެވެ. އެ ބޭފުޅުންނަކީ ޤައުމާއި ރައްޔިތުންގެ އައްޑަނައިގެ ގޮތުގައި އުޅުއްވި ބޭފުޅުންނެވެ. މިކަމަށް ހެކި ދޭނީ ދިވެހި ތާރީޚެވެ. ހެޔޮ ލަފާ ދިވެހި ދަރީންނެވެ.

ކަންމިހެން އޮތް އިރު، ޤައުމަށް ދިމާވި އެކި ކަންކަމުގައި ޤައުމަށް ޚިޔާނާތްތެރި ދިވެހީން ތިބިކަމީ ތާރީޚު ގަދައަޑުން ކުރާ އިޢުލާނެކެވެ. ދިވެހި ޖައްވުގައި އުދުހޭ ކުރަނގި، މާރަނގަ ވެސް އެސޮރުމެން ”ނުސިޔާނު މޫނުތައް“ ދަންނާނެއެވެ. އެ ފަދަ މީހުންގެ ފާސިދު ރޭވުންތައް ސުންނާފަތިކޮށް ޤައުމު ދިފާޢުކުރާ އައްޑައަކަށް ވަނީ ތެދުވެރި ކޮންމެ ސިފައެވެ. ސިފައިންގެ މީހެކެވެ. ސުވާލަކީ، މި ފަދަ މީހުންގެ ހިތް އެ ފަދަ ސިފައިންނާ މެދު ހަމަ ދުވަހަކު ވެސް ހެޔޮ ވެދާނެ ބާވައެވެ. ނުވާނެއެވެ. ބަޑިން ކަތި ނުލެވުނިއްޔާ ކަނޑިން، ނޫނިއްޔާ ހާވާހަޑިން ނަމަވެސް އެމީހެއްގެ ކަންތައް ނިންމާލައިގެން ނޫނީ ޢަދާވާތްތެރިޔާގެ ހިތަށް ލުޔެއް ނުލިބޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ވީމާ، މިހިސާބުން އައިސް މި ގުޅެނީ އަނެއްކާ ވެސް ނަފުސާއެވެ. ނަފުސުގެ ސާބިތުކަމާއެވެ. ނަފުސުގެ ޠާހިރުކަމާއެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ސިފައިންގެ ކޮންމެ ބޭކަލަކު، ކަނބަލަކު ދަސްކުރަންވީ ފިލާވަޅެކެވެ. ދިވެހި ކޮންމެ ރައްޔިތަކު ފަރުވާތެރި ވާންވީ ނުކުތާއެކެވެ.

ޚިދުމަތްތެރީންނަކީ ތިބޭ ބައެކެވެ. ކޮންމެ ޤައުމެއްގައި ވެސް ތިބޭބައެކެވެ. ޚާއްޞަކޮށް ޤައުމުގެ ދިފާޢުގައި އެމީހެއްގެ މުޅި ޢުމުރު ހޭދަކޮށް، ޢަދުއްވުންގެ ލަޝްކަރުގެ ކުރިމަތީގައި ކުޅިޖަހައި އެމީހުން ބަލިކުރާ ފަހުލަވާނުންނާ، މާތްވެގެންވާ އިސްލާމްދީނާ ރާއްޖޭގެ ޤާނޫނުއަސާސީއަށް ގޮންޖަހައި ދިވެހީންގެ އަމިއްލަވަންތަކަމާއި އިސްތިޤުލާލު ނުރައްކަލަށް ހުށަހޮޅިދާފަދަ މަކަރުވެރި ޢަމަލުތައް ހިންގާ ފަރާތްތަކާ މެދު ފާރަވެރިވުމަށް ތިބޭ ފާރަވެރީންނަކީ ޤައުމެއްގެ ތާރީޚުގެ އެންމެ އަލިގަދަ މުތްތަކެވެ. އެންމެ ވިދުންގަދަ އަލިމަސްތަކެވެ. އެންމެ އަގުހުރި ޖަވާހިރުތަކެވެ.

ދުނިޔޭގެ އޮއި ބަދަލުވަމުން ދެއެވެ. ހަސަދަ ފިލުވައިލާ ގޮތް ވެސް ބަދަލުވެއްޖެއެވެ. ކޮންމެ ހާލަތެއްގައި ވެސް ދިވެހި ސިފައިން ތިބޭންވީ ދިވެހި ސިފައިންގެ ގޮތުގައެވެ. ސިފައިންގެ ޤުރުބާނީއަކީ މި ދިވެހި ޤައުމު ހައިބަވެތިކަމާއި އިސްތިޤުލާލާ އެކު ދެމިއޮތުމުގެ ސިއްރެވެ. ރައްޔިތުންގެ ހިނިތުންވުމުގެ އަސްލެވެ. އެހެންކަމުން ސިފައިންގެ ކޮންމެ ބޭކަލެއް، ކަނބަލެއްގެ ޢަޒުމަކަށް ވާންވީ ދުޝްމަނުންނާ ކެހިވެރީންގެ މަޅިއަށް ނުމެހުމެވެ. ހޯދާންވީ އެ ޚުޝިޔާރުކަމެވެ. ސާބިތުވާންވީ ޤާނޫނުގެ މަތީގައެވެ. ކޮން ވަގުތަކު ހެއްޔެވެ؟ ކޮންމެ ވަގުތަކުއެވެ. ނަފުސުގެ އަގު ދެމެހެއްޓޭނީ އޭރުންނެވެ.

ޝެއަރކުރެއްވުމަށް