ދިވެހިރާއްޖެއަކީ މާސިންގާ ކަނޑުގެ ބިޔަރާޅުތަކުގެ ތެރޭގައި ވަކިވަކި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ކުޑަ ޖަޒީރާ ޤައުމެކެވެ.  ހިކިފަސް ބިންތަކަށްވުރެ ކަނޑުގެ ސަރަހައްދު ވަރަށްވެސް ބޮޑެވެ. ސިފައިންނާއި ފުލުހުން އުފެދުނީއްސުރެ ފެށިގެން ސިފައިންގެ ޚިދުމަތް ބޮޑަށް އަމާޒުވެފައިއޮތީ މާލޭގައި އަމަން އަމާންކަން ޤާއިމްކުރުމަށެވެ. އެހެން ނަމަވެސް ސަރުކާރުން އެއިރަކަށް ގޮވާލި ކޮންމެ ކަމަކަށް ސިފައިން އަބަދުވެސް ތިބެނީ ތައްޔާރަށެވެ. އޭރު ސިފައިންނާއި ފުލުހުންނަކީ އެއްބައެކެވެ. މިގޮތުން 1960 ގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ އެކިއެކި ސަރަޙައްދަށް އުރެމުންދިޔަ ބޯޓް ފަހަރު ފުންކުރުމުގެ މަސައްކަތް، އާންމުންނާއި ގުޅިގެން ވަރަށް ބުރަކޮށް ސިފައިން ކޮށްފައިވެއެވެ.

ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދަށް ބޭރުގެ ބޯޓުފަހަރުތައް ވަދެ، ވަގަށް މަސްވެރިކަން ކުރަމުންދިޔައީ ދިވެހި އިގްތިޞާދަށް  ނުރައްކާވާފަދަ މިންވަރަކަށެވެ. އަދި ދިވެހިންގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ގެއްލުން ލިބޭ ގޮތްތަކަކަށެވެ. އެހެންކަމާއެކު 1970 ވަނަ އަހަރު އެޕްރީލްމަހުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ޕެޓްރޯލްކުރުމަށްޓަކައި އިސްދޫމުއްޔާ، ތިންގަނޑުވިނައާ، މޯލްޑިވްސްޓަރ އާއި ސިފައިންގެ 6 ނަމްބަރ މަސްބޯޓްގައި، މެޝިންބަޑިއާއެކު ސިފައިން ނުކުތެވެ. މިބޯޓުތަކުގެ އިތުރަށް ކޮލިގޭ މެކާނޯ ބޯޓާއި ގިއަރު 2 ގެ ސީހޯކު ބޯޓާއި، އަދިވެސް ބައެއް އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާއެކު ސަރަޙައްދު ބެލެހެއްޓުމުގައި ސިފައިން މަސައްކަތް ކުރަމުން ގެންދިޔައެވެ.

ސިފައިން ޑިއުޓީ އަދާކުރުމަށާއި، ސިފައިންގެ އެކިއެކި ޙަރަކާތްތައް ހިންގައި، މާލެކައިރީގެ ރަށްރަށަށް ދަތުރުކުރުމުގެ އިތުރަށް، ސަރަޙައްދު ބެލެހެއްޓުމަށާއި މަސްވެރިކަން ކުރުމަށާއި، އެނޫންވެސް ރަސްމީ ބޭނުންތަކުގައި 1978 އާއި ހަމައަށް އައިއިރު ސިފައިންގެ އުޅަނދުތަކުގެ ގޮތުގައި ބޭނުންކޮށްފައިވަނީ ސިފައިންގެ މަސްބޯޓުފަހަރެވެ.

1978 ނޮވެމްބަރު 11 ވަނަ ދުވަހު، އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ދިވެހި ސިފައިންނާއި ފުލުހުންގެ އެންމެމަތީ ވެރިޔާކަމާ ޙަވާލުވެވަޑައިގެންނެވުމަށްފަހު، ދިވެހިރާއްޖޭގެ މަސްކަނޑުތައް ޙިމާޔަތްކުރެއްވުމަށްޓަކައި ވަރަށް ބޮޑު އިސްކަމެއް ދެއްވިއެވެ. މިގޮތުން 6.95 މީޓަރުގެ އައުޓްބޯރޑް އިންޖީނުއެޅި 03 ލޯންޗް ގެނެސް، ލޯންޗް ސެކްޝަންގެ ނަމުގައި 01 ޖެނުއަރީ 1980 ވަނަ ދުވަހު، ސިފައިންގޭގައި ޔުނިޓެއް އުފެއްދިއެވެ. މިތާރީޚީ ދުވަހަކީ، ސިފައިންގެ ކޯސްޓް ގާރޑް އުފެދުނު ދުވަހެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަކީ ނުހަނު ބޮޑު ސަރަޙައްދަކަށްވާތީ، ލޯންޗް ސެކްޝަންގެ ނަމުގައި އުފެއްދުނު މިކުޑަ ޔުނިޓް، އެފަދަ ޚިދުމަތަކަށް ބޭނުން ވާވަރަށް ތަރައްޤީކޮށް ޚިދުމަތުގެ ދާއިރާ ފުޅާކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ. މިގޮތުން އިތުރު ލޯންޗްތައް ގެނެވި، ފަހުން ލޯންޗް ސެކްޝަންގެ ނަން ކޯސްޓްގާރޑަށް ބަދަލުކުރެވުނީއެވެ. އަދި ކޯސްޓްގާރޑްއުޅަދުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާންފެށިއެވެ. އަދި ހަމިއާއިއެކު ކަނޑުމަތީގައި ދިމާވާ ތަފާތު ހާދިސާތައް ފުލުހުންނާއެކު ތަޙްޤީޤްކުރަން ފެށުނެވެ. އޭރުވެސް ސިފައިންނާއި ފުލުހުން މަސައްކަތް ކުރަމުން ދިޔައީ އެއްބައެއްގެ ގޮތުގައެވެ.

ސިފައިންގެ ޚިދުމަތް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް މަޑުމަޑުން ފުޅާވަމުން ދިޔައިރު ފުލުހުންގެ ޚިދުމަތް ބޮޑަށް އަމާޒުވެފައިވަނީ މާލެއަށެވެ. ނަމަވެސް 1972 މާރޗް 13 ވަނަ ދުވަހު ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޯޓެއްގައި “Police“ ޖަހައިގެން ކަނޑުމަތީގައި ޙަރަކާތްތަކަށް ނިކުތެވެ. އެއީ އިނގިރޭސި ރާނީ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި މާލޭގެ ކާއިރި ކަނޑުމަތީގެ ސެކިއުރިޓީ ބެލެހެއްޓުމަށެވެ. މިއުޅަނދުގައި ހުދު ދަވާދުލައި ބޮޑު އަކުރުން “Police“ ޖަހާފައިވެއެވެ. އެއަށްފަހު ސުއްމުއްވުލް އަމީރު އިބްރާހިމް ނާސިރުގެ ވެރިކަން ބަދަލުވުމަށްފަހު 1979 ވަނަ އަހަރުން ފެށިގެން ބޭނުން ކުރަމުން ގެންދިޔައީ ތިނެއް ހަތަރެއް ނުވަތަ ފަސް ހަމީހުންނަށް އެރޭވަރުގެ ކުދި އައުޓުބޯޑް އިންޖީނު އެޅި ލޯންޗްތަކުގައި ޕޮލިސް ޖަހައިގެންނެވެ. ނަމަވެސް އޭގެ ފަހުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ގެ ކޯސްޓްގާރޑް ޔުނިޓަށް ކަނޑުގެ އުޅަނދުފަހަރު ބައްލަވައިގަނެ ކުދި ލޯންޗް ފަހަރުގައާއި ބޮޑެތި ލޯންޗް ފަހަރުގައި “Police“ ޖަހައިގެންނާއި ނޭޝަނަލް ސެކިއުރިޓީ ސަރވިސް ޖަހައިގެން އަތޮޅުތަކުގައި ސިފައިންނާއި ފުލުހުން ކުރަންޖެހޭ ދަތުރުތަކަށް ބޭނުން ކުރަމުން ދިޔައެވެ. ފުލުހުންގެ ޚިދުމަތް އޭރު ދެމުން ގެންދިޔައީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ޝެކިއުރިޓީ ސަރވިސްގެ ބެލުމުގެ ދަށުންނެވެ. އެދުވަސްވަރަކީ ރާއްޖޭގެ ރަށްތަކުގައި ބަނދަރު ހެދިފައިނުވާ ދުވަސްވަރަކަށްވެފައި ރަށްރަށަށްގޮސް އެރަށަކަށް ފޭބުމުގައާއި ތަޙްޤީޤްގެ މަސައްކަތްތައް ހިންގުމުގައި ލޯންޗް ފަހަރުގެ ފަޅުވެރިން ވަރަށް ބޮޑެތި ތަކްލީފްތަކެއް އުފުލަމުން ދިޔައެވެ. ބައެއް ޙާލަތްތަކުގައި ރަށަކަށް ފައިބާ ފުލުހުންގެ ކެއިން ބުއިމުގެ ކަންތައްތައްވެސް ހަމަޖައްސަން ޖެހެނީ ލޯންޗުގައި ކައްކައިގެން ކާބޯތަކެތި ރަށަށް ގެންގޮސްގެންނާއި އަނެއްބައި ފަހަރު ފުލުހުންގެ މަސައްކަތް މެދުކަނޑާލުމަށްފަހު ލޯންޗަށް އައިސްގެންނެވެ. އަދި އުޅަނދު ފަޅުން ބޭރުގައި ނަގިލީގައި އަޅައިފައިވާއިރު މޫސުމަށް އަންނަ ބަދަލުތަކުން ދިމާވެދާނެ ނުރައްކަލުން އުޅަނދު ސަލާމަތްކުރުމަށްވެސް އެ އުޅަނދުފަހަރުގެ ފަޅުވެރިން ވަރަށް ބޮޑެތި ތަކްލީފްތަކެއް އުފުލަން އޮންނަނީ ޖެހިފައެވެ.

އެއްފުރާޅެއްގެ ދަށުގައި ސިފައިންނާއި ފުލުހުން  މަސައްކަތް ކުރަމުން އައިސް 2004 ވަނަ އަހަރުގެ ސެޕްޓެމްބަރ 1 ވަނަ ދުވަހު ސިފައިންނާއި ފުލުހުން ވަކިވެ، ވަކި ދެމުއައްސަސާއެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ. މި ދެމުއައްސަސާއަށް ލިބުނު މިބަދަލާއެކު ކޯސްޓްގާރޑްގެ ބެލުމުގެދަށުން ބޭނުން ކުރަމުންދިޔަ ކުދި ލޯންޗް ފަހަރުތަކުގެ ތެރެއިން 36 ފޫޓްގެ 22 މީހުން ގޮވައިގެން ދަތުރުކުރެވޭ 5 ލޯންޗް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ބަދަލުވިއެވެ. އެއީ އައުޓްބޯރޑް އިންޖީނު އެޅި 3 ލޯންޗާއި އިންބޯރޑް ޖެކް ހަރުކުރެވިފައިވާ 2 ލޯންޗެވެ. މިއުޅަނދުފަހަރުގެ ކަންތައްތައް ބެލެހެއްޓުމަށާއި، ޕޮލިސް ސަރވިސްގައި ކުރަންޖެހޭ ދަތުރުތައް ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލޮޖިސްޓިކް ސަޕޯރޓް ޑިޕާރޓްމަންޓްގެ ދަށުން ބޯޓް ސެކްޝަންގެ ނަމުގައި ސެކްޝަނެއް އުފެދި މިސެކްޝަންގެ ލޯންޗް ފަހަރު ދޫނިދޫގައި ސްޓޭޝަން ކުރެވި ބޯޓް ސެކްޝަންގެ މުވައްޒަފުންގެ އަސާސީ އެންމެހައި ކަންކަން ދޫނިދޫގައި ހަމަޖެހިގެން ދިޔައެވެ. އަދި އެއަށްފަހު މޯލްޑިވްސް ޕޮލިސް ސަރވިސްގައި މެރިން ޕޮލިސް ޑިޕާރޓްމަންޓްގެ ނަމުގަ ވަކި ޑިޕާރޓްމަންޓެއް އުފެދި، މިޑިޕާރޓްމަންޓުގެ ދަށުން ކަނޑުމަތީގައި ހިނގާ ހާދިސާތައް ބަލައި ތަޙްޤީޤްކުރުމުގައި އެމްއެންޑީއެފް ކޯސްޓްގާޑް އާ ގުޅިގެން މަސައްކަތްތައް ކުރަން ފެށިއެވެ. 

ކަނޑުމަތީގައި ދިމާވާ  ހާދިސާތަކުގައި ކޯސްޓްގާޑާއި މެރިން ޕޮލިސް ގެންދަނީ ހަރަކާތްތެރި ވަމުންނެވެ. މިގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި ކަނޑުމަތީގައި ދިމާވާ ކޮންމެ ހާދިސާއަކުން މިދިވެހި ރައްޔިތުން ސަލާމަތް ކުރުމަށް އެންމެ އިސްދަޢުރެއް އަދާކުރާ އެއްބައެވެ. ރާއްޖެއިން ބޭރުން އަތުވެދާނެ ނުރައްކަލަކަށްޓަކައި އަދި ރާއްޖޭގެ މަސްކަނޑުތަކުގައި ބޭރު ޤައުމުތަކުގެ މަސްބޯޓް ފަހަރުތަކުން ފޭރުމާއި، އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ދާއަޅައިގެން ބޭރުގެ މަސްބޯޓްތަކުން ކުރަމުންދާ ޤަވާޢިދާ ޚިލާފު ޢަމަލުތަކުން ރާއްޖެ ސަލާމަތް ކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރާ ފަރާތަކީވެސް ހަމަ ކަނޑުގެ ސިފައިން ނުވަތަ ކޯސްޓްގާރޑެވެ. އެބޭކަލުން ރެއާއިދުވާލު ވެހޭހާ ވާރޭގައި،  ޖެހޭހާ ވަޔާއި، ދޭހާ އަވީގައި ކުރަމުންދާ ބުރަ މިންނަތް މަސައްކަތްތައް މިއަދު އަޅުގަނޑުމެން ހުރިހާ ދިވެހިންވެސް ބަލައިގަނެ އެކަމަށް އިތުރު ހިތްވަރު ދިނުމަކީ މިދިވެހި ފަސްގަނޑަށް އުފަން ހަމަ ކޮންމެ ދިވެހި ދަރިއެއްގެ ކޮނޑުގައި އެޅިފައިވާ ވާޖިބެއްކަން ކަށަވަރެވެ.

މީގެއިތުރުން ދިވެހި މަސްވެރިންނަކީ ކޯސްޓްގާރޑް އެންމެ އިތުބާރުކުރާ ގާތް ރަހުމަތްތެރިން ކަމުގައި ހަދަން ޖެހެއެވެ. މިއަދު  މިހެން މިދަންނަވަން ޖެހޭ އެންމެބޮޑު އެއްސަބަބަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ނިސްބަތުން ބޮޑު ސަރަހައްދެއް ކަމަށްވެފައި، މިސަރަހައްދު އެންމެ ފުރިހަމަ ގޮތުގައި ބެލޭނެ ވަޞީލަތްތައް އެންމެ ފުރިހަމައަށް ޤާއިމް ވެފައި އަދި ނެތުމެވެ. އަދި ހަމަ އެހެންމެ ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި މުދަލާއި މީހުން ސަލާމަތް ކުރުމުގައި ކޯސްޓުގާރޑުން ކުރަމުންދާ ބުރަ މިންނަތް މަސައްކަތަކީ ތަޢުރީފް ޙައްޤު މަސައްކަތެކެވެ.

މީގެއިތުރުުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ޤަވާޢިދާ ޚިލާފަށް ވަންނަ ބޭރުގެ އުޅަނދުފަހަރާއި ކަނޑުމަތީގައި ދިމާވާ އެކްސިޑެންޓްތަކާއި، ޤަވާޢިދާ ޚިލާފަށް ކަނޑުމަތީގައި ދުއްވާ އުޅަނދު ފަހަރު ކޯސްޓްގާރޑުގެ ބެލުމުގެދަށަށް ގެނައުމަށްފަހު، މިފަދަ މައްސަލަތައް ތަންފީޒު ކުރާ ދެވަނަ ފަރާތެއްވެސް ވާނެ ކަން ކަށަވަރެވެ. ކަނޑުމަތީގެ ހާދިސާތައް ތަޙްޤީޤް ކުރާ ފަރާތަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މެރިން ޕޮލިހެވެ. ނަމަވެސް މެރިން ޕޮލިހުގެ ޒިންމާތަކާއި ވާޖިބް ތަަކަކީ ދިވެހި ކަނޑުގެ ސިފައިންގެ ފަހަތުގައި އެއްވަލެއްގައި ހިފައިގެން ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެނީ މެރިން ޕޮލިސް ބިނާވެފައި އޮންނަނީ ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގެ މައްސަލަ ބަލާ އެފަދަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައެވެ. 

މުޅި ރާއްޖެތެރެއަށް ބަލާއިރު ކޮންމެ އަތޮޅަކަށް ކޯސްޓް ގާރޑެއް ނެތެވެ. ނަމަވެސް ކަނޑައެޅޭ ވަކި ވަކި ސަރަހައްދުގައި ކޯސްޓްގާރޑް ފަސޭހަކަމާއެކު މެނޫއަށް ކުރެވޭނެ ޤާބިލުކަން އެބަހުއްޓެވެ. ހަމަ އެހެންމެ ކޮންމެ އަތޮޅެއްގައި ޕޮލިސް ލާންޗެއް ނޯވެ ހިނގައިދާނެއެވެ. އެހެންނަމަވެސް ޖެހިގެން އޮންނަ އަތޮޅުން އެއަތޮޅަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެއަތޮޅެއްގެ ޕޮލިސް ސްޓޭޝަންތަކުގެ ހިއްސާ ބޮޑެވެ. ރާއްޖޭގައި ކޯސްޓްގާރޑާއި ޕޮލިސް ލާންޗް ފަހަރަށްވުރެ ގިނައީ މަސްވެރިން މަހަށްފުރާ އުޅަނދު ފަހަރެވެ.  ކޮންމެ މަސް ދޯންޏަކަށް ނުވަތަ މަސްބޯޓަކަށް ފެންނަ ހިސާބުގައި ނުވަތަ އެސަރަހައްދަކު ކޯސްޓްގާރޑުގެ ނުވަތަ މެރިން ޕޮލިސް، އުޅަނދެއް ނެތުމަކީ އެކަށީގެންވާކަމެވެ.  ދިވެހި މަސްވެރިންނަކީ ޒަމާނުއްސުރެން ފެށިގެން ކަނޑުމަތީގެ ހާދިސާތަކުގައި ޤައުމުގެ ސަލަމަތީ ބާރުތަކަށް އެހީތެރިވާ ބޮޑު އާބާދީއެކެވެ. ކޮންމެ މަސްވެރިއަކުވެސް  އަދި މިދިވެހި ފަސްގަނޑަށް އުފަން ކޮންމެ ދަރިއަކުވެސް  މިއަދު ވިސްނަންވީ ކަނޑުމަތީގެ ހާދިސާއެއް ދިމާވެއްޖެނަމަ ވީހާވެސް އަވަހަކަށް ކޯސްޓްގާރޑަށް ( 191) އެންގުމަށެވެ. އެއަށްފަހުވީ އެންމެ އަވަހަކަށް ކައިރީ ހުންނަ ޕޮލިސް ސްޓޭޝަނަކަށް (119) އެންގުމަށެވެ. އެއީ ތިމާ އާއި އަނެކުންގެ ރައްކަލަށްޓަކައެވެ.   

ޝެއަރކުރެއްވުމަށް