”ވޮރިއަރސް ފުޓްބޯލް ކްލަބް“ މިއީ އޭޝިއާގެ ނަމޫނާ ޤައުމެއް ކަމުގައިވާ ސިންގަޕޫރުގެ އާރމްޑް ފޯސަސް އަށް ނިސްބަތްވާ ކްލަބް އެކެވެ. މި ކްލަބް ސިންގަޕޫރުގެ އެންމެ މަތީ ފަންތީގެ ފުޓްބޯޅައިގައި ވާދަކުރަމުން އަންނަތާ މިހާރު މިވަނީ އެތަކެއް އަހަރު ވެފައެވެ. ސިންގަޕޫރުގެ ފުޓްބޯޅަ ތަރައްޤީ ކޮށް ކުރިއެރުވުމަށް ސިންގަޕޫރުގެ އާރމްޑް ފޯސަސް އިން ފުޓްބޯޅައިގެ ތެރެއަށް ނިކުމެފައިވަނީ 1975ވަނަ އަހަރުއެވެ. އަދި ސިންގަޕޫރުގެ އެންމެ މަތީ ލީގު ކަމުގައިވާ “ އެސް ލީގް “ 1996ވަނަ އަހަރު އިފްތިތާޙް ކުރެވުނު ފަހުން، އެދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް މި ކްލަބް ސިންގަޕޫރުގެ އެންމެ މަތީ ލީގް ގައި ވާދަކޮށް ގިނަ ކާމީޔާބީތަކެއް ހޯދާފައިވެއެވެ. މީގެ އިތުރުން އެ ކްލަބުން ވަނީ ޤައުމީ ފެންވަރުގެ މޮޅެތި ކުޅުންތެރިންތަކެއް އެޓީމްގެ ޖޯޒީގައި ނެރެ ސިންގަޕޫރު ފުޓްބޯޅައަށް ގިނަ ކުރިއެރުންތަކެއް ހޯދައިދީފައެވެ.
އެސް ލީގް މިހާތަނަށް 8ފަހަރު ކާމިޔާބުކޮށް ނިމިގެން ދިޔަ 2012ވަނަ އަހަރު ސިންގަޕޫރު ކަޕް ޗެމްޕިއަންކަމާއެކު ސިންގަޕޫރު ކަޕް 04 ފަހަރު މި ކްލަބު ވަނީ ހޯދާފައެވެ. މީގެ އިތުރުން 2011ވަނަ އަހަރު، އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި، އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީވެސް މި ކްލަބްގެ ކުޅުން ތެރިއެކެވެ. މިނޫނަސް އެތައްއެތައް ކާމީޔާބީ ތަކެއް މިކްލަބް ޙާޞިލް ކޮށްފައިވެއެވެ. އަޅުގަނޑު ދެން އިތުރަށް މި ކްލަބްގެ ވާހަކަ ލިޔާކަށް ނެތީމެވެ.
”www.safwarriors.net“ މި ސައިޓަށް ޒިޔާރަތް ކުރުމުން މި ކްލަބާ ބެހޭ މައުލޫމާތު ލިބޭނެއެވެ.
އަޅުގަނޑުމެން އެންމެން ދަންނަ މެލޭޝިޔާގައި ކަން ހުރީ ކިހިނެއްތޯއެވެ؟ މެލޭޝިޔާގެ އެންމެ މަތީ ލީގް ކަމުގައިވާ ”އެމް ލީގް“ ގައި މެލޭޝިއަން އާރމްޑް ފޯސަސްގެ ފުޓްބޯޅަ ޓީމް އަންނަނީ ވާދަކޮށް ކާމިޔާބީތަކެއް ޙާޞިލް ކުރަމުންނެވެ.
މި މަންޒަރުތައް ދިވެހި ފުޓްބޯޅައިގެ އިސް ސަފުގައި ތިބޭ ފަރާތްތަކަށް ނުފެންނަނީ ތޯއެވެ. ދިވެހި ސިފައިންނަށް ދިވެހި ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ވާދަކުރުމަށް ފުރުޞަތު ނުލިބެންވީ ކީއްވެ ހެއްޔެވެ؟ ދިވެހި ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ދިވެހި ސިފައިން ވާދަކުރުމުން މިކުޅިވަރަށް ލިބޭނެ ގެއްލުމަކީ ކޮބައިހެއްޔެވެ؟ ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފް.އޭ.އެމް އިން މިފުރުޞަތު ސިފައިންނަށް ދިނުމަށް ޖެހިލުންވަނީ ކީއްވެ ހެއްޔެވެ؟
މި ސުވާލުތަކަށް އަޅުގަނޑު ޖަވާބެއް ދޭކަށް ނެތީމެވެ. އަޅުގަނޑަށް ފާހަގަ ކުރެވެނީ ސިފައިން ބައިވެރިކޮށްގެން ކުރަމުން އަންނަ ކަންކަމުގައި ކުރިއެރުންތަކެއް ހޯދަމުން އަންނަ ކަމުގައެވެ.
ޒަމާން ތަކަކަށް ފަހު ދިވެހި ސިފައިންނަށް ޤައުމީ ފެންވަރުގައި ފުޓްބޯޅައިގައި ވާދަކުރުމަށް ފުރުޞަތު ލިބުނީ 2009 ވަނަ އަހަރުއެވެ. އެ އަހަރު ބޭއްވި ތިންވަނަ ޑިވިޜަނަށް ފުޓްބޯޅަ މުބާރާތް އެއްވެސް މެޗަކުން ބަލިނުވެ ދިވެހި ސިފައިންގެ ކްލަބް ކާމިޔާބު ކޮށް ދެވަނަ ޑިވިޜަނަށް ކޮލިފައިވިއެވެ. އަދި 2010 ވަނަ އަހަރު ދެވަނަ ޑިވިޝަންގައި ބައިވެރިވެ އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ފުރަތަމަ ޑިވިޝަން ކޮލިފައިންގައި ވާދަކުރުމުގެ ފުރުޞަތު ހޯދިއެވެ. މިހިސާބުން ސިފައިންނަށް ފުޓްބޯޅައިގެ ދޮރުތައް ބަންދުކުރިއެވެ. އަދި އަދަށްވެސް އެދޮރުތަށް ހުރީ އެގޮތަށް ބަންދު ކުރެވިފައެވެ. މި ދޮރުތައް ހުޅުވޭތޯ ދިވެހި ސިފައިންގެ ކްލަބްގެ އިސްވެރިންނާއި، ސިފައިންގެ އިސްވެރިންވެސް އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް އެފުރުޞަތު ތަނަވަސްވާގޮތް އަދިވަނީ ނުވެފައެވެ. ދިވެހި ސިފައިންގެ ތެރޭގައި ތިބި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން ތިބީ އެމީހުން ހުނަރުން ޤައުމަށް ރީތިނަން ހޯދައި ދިނުމުގެ އުއްމީދުގައި އެފުރުޞަތައް އެދިއެދި އެވެ.
