ގަމާއި މާންދޫއާއި ދެމެދު ގުޅުވާލުމުގެ ކުރިން މިދެރަށް ވަކިވެފައި އޮންނަނީ ގަމުމީހުން ”ކުޑަދޭތެރެ“ އޭ ކިޔާ ތިލަ ފަޅުންނެވެ. ކުޑަދޭތެރޭގެ އިރުމަތީކޮޅުން ނާއި ހުޅަނގުކޮޅުން ހިކިދިޔައިގައި ނުތެމި މިދޭތެރެ ހުރަސްކުރެވޭ ވަރަށް ތިލަ ނަމަވެސް، މެދުގައި އޮންނަނީ ރިތްނުޖެހޭވަރުގެ ފުންވިލެކެވެ. ކުރީ ޒަމާނުގައި ބޭނުންކުރާ 17 ރިޔަނުގެ މަސްދޯނީގެ 6 ގަނޑެތި މިތާގައި އަޅާފައި ބޭއްވޭ ކަމަށް ވެއެވެ.  އޮއިބާރު މިދޭތެރެއަށް ބޮޑު ދިޔަވަރުގައި ދަށޭ ފަރާތުން ދޯނި ފަހަރު ވެއްދުމަށްފަހު، ދަރު، ވަކަރު ކޮށާ ދޯނި ބަރާކޮށްގެން ދިޔަވަރުވުމުން ނެރުމަކީ މިތަން ހިއްކާލުމާއި ހަމައަށް މިތަނުގެ ބޭނުން ހިފެވެމުން ދިޔަގޮތެކެވެ.  ކުރުހިންނައިގައި ހުރި ”މުންބަރު“ ނުވަތަ ހައްދުންމަތީ މީހުންގެމެދުގައި މަޝްހޫރު ”ބުންބެރަ“ ދިރާސާކުރުމަށް އެޗް.ސީ.ޕީ ބެލް (ދުވަސްވީ މީހުން ކިޔާގޮތުންނަމަ، ބެލިސާ) ވަޑައިގަތީ ދައުލަތުގެ ބޮޑުނާކޮޅު ”ފަތުހުލްމަޖީދު“ ގަންބޭރުގައި އެޅުއްވުމަށްފަހު، އަތޮޅުވެރި ދަނބިދޫ އަލިފުޅު ކޮޔެގެ މަސްދޯންޏެއްގައި މިދޭތެރެއިންނެވެ. ދިޔަވަރު ހިކެންޖަހާފައިވުމުގެ ސަބަބުން، ވަކިހިސާބަކުން ފަޅުވެރިކުދިންނަށް ޖެހުނީ އޮއިވަރާ ދެކޮޅަށް ދޯނި ކޮށްޕާށެވެ.  1920 ވަނަ އަހަރު މާލޭގައި ބެލް ބައްދަލުކުރެއްވި، މާވަށު އާދަމް ގަދަހަމައިދިކަލޭގެފާނު ދެންނެވިފަދައިން، ބުންބެރަކީ ގަމުގެ ދެކުނުކޮޅުގައި އޮންނަ ކުރުހިންނަތެރޭގައި، މާންދޫއާއި ދިމާއިން ރަށުގެ ދެކުނުކޮޅުން އެއްގަމަށް އަރައިގެން  600 ވަރަކަށް ފޫޓަށް އުތުރަށް ދާއިރު އޮންނަ އާސާރީ ސަރަޙައްދެކެވެ.

މިތަނުގެ ނަމަކަށް ބެލް ލިޔުއްވާފައިވަނީ ”މުމްބަރު“ (Mumbaru)ކަމުގައެވެ.  ބެލްގެ މޮނޮގްރާފްގެ 150 ވަނަ ޞަފްޙާގެ ފޫޓްނޯޓްގައި ލިޔުއްވާފައިވަނީ ”މިނަމަކީ ޢަރަބި ބަހުގެ ”މިމްބަރް“ ކަމަށްވެދާނެއެވެ.“ އިތުރު ތަފްޞީލެއް ދެއްވާފައެއް ނުވެއެވެ. ރަދީފުގައި އޮންނަގޮތުން މިމްބަރު ނުވަތަ މިންބަރަކީ މިސްކިތުގައި ޚުޠުބާކިޔާ މީހާ އަރައިހުންނަން ހަދައިފައި ހުންނަ އެތި ނުވަތަ ތަނެވެ. ދިވެހިބަސްފޮތުގައި ވަނީ ”ބުންބަރު: މިސްކިތްދޮށުގައި ނުވަތަ މިސްކިތާ މީހުން އުޅޭ ހިސާބާ ދޭތެރޭ ހުންނަ މިންބަރު. މިއީ ހުކުރަށް ގޮވަން ހަދާފައި ހުންނަ ތަނެކެވެ.“ ދެން އޮންނަނީ ”ބުންބެރު: 1. ބުންބެރު ޖަހައިފައި ފުރެއްދެލަވަ ކިއަމުން ކުޅޭ ކުޅިވަރު. 2. ފުރެއްދެ ލަވަކިއާއިރު ޖަހަން ގެންގުޅޭ ބެރު“ ކަމަށެވެ.  ޤައުމީ މަރުކަޒުގެ ”ދިވެހިރާއްޖޭގައިހުރި އާސާރީ ތަންތަން“ މިފޮތުގެ (ސ.80)ގައި މިތަނުގެ ނަމަކަށް އޮތީ ”މުންބަރު“ އެވެ. މޮނޮގްރާފްގައި ބެލް ސާރވޭކުރެއްވި ހަތްތެލީގެ ނަމަށް ވަރަށް ތަފްޞީލްކޮށް ބައްލަވާލައްވާފައިވާއިރު ”މުމްބަރު“ އާމެދު ވަރަށް ފެންގޮތަކަށް ބައްލަވާލައްވާފައިވަނީ ކީއްވެބާއޭ ސުވާލުއުފެދެއެވެ. ހައްދުންމަތީގެ ދުވަސްވީމީހުން މިތަނަށް ކިޔަނީ ”ބުންބެރަ“ އެވެ. ހަމަމިގޮތަށް ކުރިން ދެންނެވި ޤައުމީ މަރުކަޒުގެ ފޮތުގައި ލ.ގާދޫގައި ހުންނަ ”ބޮޑުބުންބަރު“ އާއި ”ކުޑަބުންބަރު“ގެ ގޮތުގައި ފާހަގަކޮށްފައިވާ ދެތަނަށްވެސް ޚާއްޞަކޮށް އެރަށު މީހުން ޢާންމުކޮށް ހައްދުންމަތީ މީހުން ކިޔައިއުޅެނީ ”ބޮޑުބުންބެރަ“ އާއި ”ކުޑަބުންބެރަ“ ކަމަށެވެ. ކޮންމެއަކަސް ކުރިން މިދެންނެވުނު އެއްވެސް މަސްދަރަކުން ބުންބެރަށް މިކިޔޭ ނަމުގެ ޙަޤީޤަތެއް ދެނެއެއް ނުގެނެވެއެވެ.

ބެލްގެ މޮނޮގްރާފްގައިވަނީ މިތަން ފުރަތަމަ ފެނުމުން ވައްތަރުވީ، ލަންކާގެ ޕޮލޮންނަރުވަ (POLONNARUWA) ގައި ހުންނަ ހިންދޫއިންގެ ފައްޅިއެއްކަމަށްވާ ސިވާ ދެވާލެ ނަންބަރު:2 (SIVA DEVALE No.2) އާކަމަށް ބަޔާންކުރުމަށްފަހު، ފަހުން އެކަން ނަފީކޮށްފައިވެއެވެ. ސަބަބެއް ކަމަށް ލިޔުއްވާފައިވަނީ ބިންގަނޑު ރަނގަޅަށް ފެންނަ ވަރަށް ވިނަ ނޮޅާހެދުމުން ބެލިއިރު ސްޓޫޕާގެ އެންމެ ތިރީގައި ވަށްކޮށް ހަދާފައިވާ ޕްލެޓްފޯމް ތަފާތުވުން ކަމަށެވެ.

ބުންބެރަ ސަރަޙައްދުގެ ވަށައިގެން ލެވިފައިވާ ފާރުގެ ބޯމިނަކީ  6 ފޫޓް (1 ފެދަމް) އެވެ. އުތުރުން ދެކުނަށް 102 ފޫޓް (34 ޔާރޑް)އެވެ. އިރުން ހުޅަނގަށް 90 ފޫޓް (30 ޔާރޑް) އެވެ. މިތަނަށް ވަންނަންހުރި 2 ދޮރުގެ ތެރެއިން 1 ދޮރުހުރީ ދެކުނު ފާރުގެ އިރުމަތީކަނުގައި 8 ފޫޓްގެ ކެނޑުމެއްވެއެވެ. އުތުރުފާރުގެ މެދަށްވުރެ ކުޑަތަންކޮޅެއް ހުޅަނގުގައި 10 ފޫޓްގެ ކެނޑުމެއްވެއެވެ. (ލަފާކުރެވޭގޮތުން މިއީ މިތަނަށް ވަދެ ނިކުމެހެދުމަށް ބޭނުންކުރި ދޮރާށި ތަކެކެވެ.)

ވީރާނާވެފައިވާ މިތަނުގައި ވަކިވަކިން ހުރި ތިން ޢިމާރާތެއްގެ އަސަރުތައް ފެންނަން ހުއްޓެވެ. އެއްތަނަކީ ޢާންމު ދާގަބާތަކާއި އަޅާކިޔާއިރު ބޮޑުމިނުގެ ގޮތުން ކުޑަ، ވީރާނާވެފައިވާ ދާގަބާއެކެވެ. މިތަނަށް ކުރިމަތިވާގޮތަށް، ހުޅަނގު ފަރާތު އިންފާރާއި ކައިރީގައި، ވަކި ވަކިން ހުރި ދެތަނުގެ ތެރެއިން އެއްތަން ހުރީ އަކައެއްގެ ބައްޓަމަށް ހަތަރުބިތް ހަމަކޮށެވެ. އަނެއް ތަން ދިގުއަކައެއް ސިފަވާގޮތަށް އުތުރު ފާރާއި ދެކުނު ފާރު ތަންކޮޅެއް ދިގުކޮށްލާފައެވެ.

މި ތިން ތަނުންކުރެ އެންމެ ބޮޑަށްހުރީ ދާގަބާއެވެ. މިތަނުގެ އުސްމިނަކީގާތްގަނޑަކަށް 12 ފޫޓެވެ. ދާގަބާގެ އެންމެ ތިރީބަޔަކީ، ބިމުން ފެށިގެން 2 ފޫޓް 6 އިންޗިއަށް އުސްކޮށްފައިވާ ފުޅާމިނުގައި 32 ފޫޓް 6 އިންޗި ހުރި ވަށް ޕްލެޓްފޯމެކެވެ. ޕްލެޓްފޯމުގެ މެދުގައިވާ 18 ފޫޓް ފުޅާ 18 ފޫޓް ދިގު ހަތަރެސްކަން ޢިމާރާތު ގެ ކޮންމެ ބިތަކުން 4 ފޫޓް 6 އިންޗިއަށް ބޭރަށް ނެރެފައިވާ ބައިގެ ފުޅާމިނަކީ 7 ފޫޓެވެ. އެހެންކަމުން މިތަނުގެ މަތީގެ ޖުމްލަ ފުޅާމިނަކީ 27 ފޫޓެވެ. ރަނގަބީލުގެ ބައްޓަމަށް ހުންނަ ގުއްބުގެ ފެށޭހިސާބުގެ ފުޅާމިނުގައި 12 ފޫޓް 6 އިންޗި ހުއްޓެވެ. ދާގަބާގެތެރެއަށް ވަނުމަށް ހެދިފައިވާ ސިޑީ ވަނީ ތިރީގައިވާ ވަށް ޕްލެޓްފޯމާއި ގުޅޭގޮތަށެވެ. ހުޅަނގު ފަރާތުގައިވާ މިސިޑީގެ ފުޅާމިނުގައި 7 ފޫޓް 6 އިންޗި އެވެ. 7 ފޫޓް 2 އިންޗިއަށް ސިޑި ނެރެލާފައިވާއިރު 5 ހަރުފަތްވެއެވެ. މިތަނުގެ އިރުމަތީފަރާތުން ކޮނެގެން މިތަނުގެ ތެރޭގައިހުރި ބައެއްތަކެތި ނަގާފައިވާކަން ބެލް ފާހަގަކުރައްވާފައިވެއެވެ. އަދި އެތަން އިތުރަށް ކޮނެގެން ބެލްވަނީ ހިރިގަލުގެ ފޮށްޓެއް ހޯއްދަވާފައެވެ. މިފޮށީގައިހުރީ، އެކިކުލަކުލައިގެ ބިއްލޫރީގެ މިނާފުށްތަކަކާއި، ގާރނެޓް (Garnet) އަކާއި ޕޭލް ސަފަޔަރ (Pale Saphire) އެކެވެ.

ދާގަބާއާއި ވަކިން ހުރި އަނެއް 2 އުސްގަނޑުވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ. އޭގެތެރެއިން ކުޑަކޮށްހުރި ތަނުގެ ކޮންމެ ފާރެއްގެ ދިގުމިނުގައި 9 ފޫޓް 9 އިންޗި ހުރި ނަމަވެސް 1 ފާރުވަނީ ބިމާ ހަމަވެފައެވެ. ފާރުތަކުގެ އުސްމިނަކަށް ހުރީ، 2 ފޫޓް 6 އިންޗިއެވެ. މިތަނުގެ މަތީގައި ބުދެއް ބަހައްޓާފައިހުރި ކަމުގެ ނިޝާންތައް ފެންނަން ހުރިކަމަށް ބެލް ލިޔުއްވާފައިވެއެވެ. މިތަނުގެ 6 ފޫޓް ދެކުނުން ހުރި އަނެއް ވީރާނާވެފައިވާ ތަނުގެ ބޮޑުމިނަކީ، އުތުރުން ދެކުނަށް 16 ފޫޓާއި އިރުން ހުޅަނގަށް 14 ފޫޓެވެ. ބެލް ލަފާކުރައްވާފައިވަނީ މިއީ މިތަނުގެ ހާމުދުރުން ދިރިއުޅުނު ބައިކަމަށް ވެދާނެކަމުގައެވެ.

ގަމުގެ ތާރީޚަށް ލޯބިކުރެއްވި، އަލްމަރްޙޫމް މުޙައްމަދު އިބްރާހިމް ދީދީ ބުންބެރާއިބެހޭގޮތުން ލިޔުއްވާފައިވަނީ، ބުންބެރަ ދޮށުގައި ހުރި ބުދުތަކަކީ ރެދިންގެ ބުދުތައް ކަމާ އެބުދުތައް ފެނުނު ދުވަސްވީމީހުން ކިޔައިދީފާވާގޮތުން، ”ކައްކާ ބައެއްގެ މަންޒަރުކަން އެގާތަށް ފެނުނީމާ އެނގޭ“ ކަމަށެވެ. މިސާލަކަށް، ހުނިގާނާމީހާ ހުނިގޮނޑިމަތީ ކާށިކިބަ ހިފައިގެން އިންނައިރު ގޮނޑިދަށުގައި ހުނިތަގަރި ދައްކުވައިދޭ ބުދާއި، ހަނޑޫ ދޮންނަން ހުފެޔަށް އަތްލައިގެން ގުދަށް އޮންނަ ގޮތް ސިފަކޮށްދޭ ބުދާއި، ހަވާދުފުނޑާމީހާ ދައިމަތީ ފޮއި ބާއްވައިގެން އިންނައިރު، ކައިރީގައި ފުނޑިހަވާދު އަޅާ ކަންވާރު ބަހައްޓާފައި، ކައްކާ މީހާ ބަތްތެލި ކައިރީ އުދުނު އަލިފާން ޖައްސާން ގުދަށް ހުންނަ މަންޒަރު ސިފަވާފަދަ ގާތަކެއް އެތާހުއްޓެވެ.“

މީގެ 90 ވަރަކަށް އަހަރުކުރިން އެޗް.ސީ.ޕީ ބެލް ގަމުގެ ކުރުހިންނަ ސަރޙައްދުގައި ހިމެނޭ އާސާރީތަންތަން ސާރވޭކުރެއްވިއިރު ބުންބެރަ ސަރަޙައްދުން އެއްވެސް ބުދެއް ފެނިފައި ނުވާކަން ފާހަގަކުރަންޖެހެއެވެ. އޭރުވެސް ވަރަށް ބޮޑަށް ވީރާނާވެފައިވާ މިސަރަޙައްދަށް މިއަދުވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ބުންބެރަ ހިމެނޭ ސަރަޙައްދުގައި ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރުމުގެ ހަރަކާތްތަކެއް ހިންގާފައިވެއެވެ. މަގުތަކެއް ކޮށާފައިވެއެވެ. އަދި މިހާރު އަނެއްކާވެސް މިސަރަޙައްދުގައި މިވަނީ، ދަނޑުވެރިކަމާއިބެހޭ ޓްރޭނިންގ ސެންޓަރެއް އެޅުމުގެ މަސައްކަތް ފެށިފައެވެ. ކޮންމެ ބޭނުމަކަށް މިތަން ބޭނުންކުރެވެމުން ދިޔަނަމަވެސް، މިސަރަޙައްދުގައިވާ ތާރީޚީ އާސާރީ ތަންތަން ހިމާޔަތްކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. އަލްމަރްޙޫމް މުޙައްމަދު އިބްރާހިމްދީދީ ލިޔުއްވާފައިވާ ފަދައިން، މިސަރަޙައްދުގައި ދިވެހިންގެ ދިރިއުޅުން ދައްކައިދޭ ތާރީޚީ ޘަޤާފީ ސަހަރެއް ޤާއިމުކުރެވިދާނެއެވެ. އަޅުގަނޑުމެންގެ މުއްސަނދި ސަޤާފަތާއި ތާރީޚް އަންނާން އޮތް ޖީލުތަކަށް ދައްކާލާނެ ރަނގަޅު ފުރުޞަތަކަށް މިތަން ނުހެދެންވީ އެއްވެސް ސަބަބެއް ނެތެވެ.

މަސްދަރުތައް:

  • ދަ މޯލްޑިވް އައިލެންޑްސް: އަ މޮނޮގްރާފް އޮން ހިސްޓްރީ، އާކިއޮލޮޖީ އެންޑް އެޕިގްރަފީ (އެޗް.ސީ.ޕީ ބެލް، 1940)
  • 2004 ޖުލައި ގައި ޤައުމީ މަރުކަޒުގެ ދިވެހިރާއްޖޭގައިހުރި އާސާރީ ތަންތަން
  • އަލިމަގު (މުޙައްމަދު އިބްރާހިމް ދީދީ، ލ.ގަމު މަތިމަރަދޫ ލިޔުއްވާފައިވާ ޗާޕްނުކުރާފޮތެއް)
ޝެއަރކުރެއްވުމަށް