ރުތު ނެލްސަން އުފަންވީ 9 އޮކްޓޯބަރ 1926 ގައި ވެލްޝްގެ ސީ ސައިޑް ރިސޯޓެއްކަމުގަވާ ރައިލް ގައެވެ. އޭނާއަކީ އެއާއިލާގެ ތިންވަނަ ކުއްޖާއެވެ. އެލިސް ކުޑައިރު އެ އާއިލާ ބޭސިންގސްޓޯކް އަށް ބަދަލުވިއެވެ. އެލިސްގެ މަންމައަކީ ބެލްޖިއަމްގެ ރެފިއުޖީއެކެވެ. ނަމަކީ އެލިސްބަރޓާ (ބާތާ) ކޯތަލްސް އެވެ. އެލިސްގެ ބައްޕަ އާތަރ ހޮމްބީ އަކީ މެންޗެސްޓަރ ގެ ޗެލޯ ކުޅޭމީހެކެވެ. އޭނަ ގިނަވަގުތު ހޭދަކުރަނީ އެޓްލާންޓިކް ކްރޫޒް ލައިނަރ ތަކުގައެވެ.

އެލިސް ތަޢުލީމު ހާސިލްކުރީ ބޭސިންގސްޓޯކްގެ ފެއަރފީލްޑްސް ސީނިއަރ ގާލްސް ސްކޫލް އިންނެވެ. އުމުރުން 14 އަހަރުގައި ކިޔެވުން ހުއްޓާލާފައި ވޭޓަރެއްގެ މަސައްކަތް ހޯދިއެވެ. 1941 ވަނައަހަރު އޭނާ ލަންޑަނަށްއައިސް ފެކްޓަރީއަކުން ވެއިޓަރެއްގެ  ވަޒީފާހޯދިއެވެ. އަދި އޭގެފަހުން ކަސްބީ ވިޔަފާރީގެ ތެރެއަށް ވަދެގެން ދިއައެވެ. ރުތު ގެ އުމުރުން އެންމެ 17 އަހަރުގައި ކެނެޑާގެ ސިފައިންގެ މީހަކާއި ކައިވެނީގެ ގޮތުންގުޅި ފިރިހެންކުއްޖަކު، އެންޑީ (ކާރލްސް އެންޑްރިއާ ނެލްސަން) ލިބުނެވެ. 1950 ވަނަ އަހަރު ޑެންޓަލް ސާރޖަން ޖޯޖް އެލިސް އާއި ކައިވެނިކުރިއެވެ. މި ކައިވެނި ދެމިއޮތީ އެއް އަހަރުއެވެ. މިކައިވެންޏަށް ރުތުއަށް އަންހެންކުއްޖަކު ލިބުނެވެ. 

އިނގިރޭސިވިލާތުގައި ޤާނޫނާއި ޚިލާފުކުށްކުރާ މީހުންގެ ލިސްޓުން ރުތު އެލިސް ޖާގަ ހޯދާ މަޝްހޫރުވީއޭނައަކީ، އިނގިރޭސިވިލާތުގައި އެންމެފަހުން ދަންޖެއްސި އަންހެނާއަށްވުމުންނެވެ. ރުތު އެލިސް ދަންޖެއްސުމާއެކު، އާންމުގޮތެއްގައި މަރުގެ އަދަބު ދިނުމާ ބެހޭގޮތުން، ޚާއްޞަކޮށް އަންހެނުންނަށް މަރުގެ އަދަބު ދިނުމާބެހެގޮތުން ފުޅާދާއިރާއެއްގަ ބަހުސްތައްކުރެވުނެވެ. އަދި އޭގެ ދިހަ އަހަރުފަހުން ކެޕިޓަލް ޕަނިޝްމަންޓް ދީ މީހުން މެރުންހުއްޓާލިއެވެ.

ރުތު އެލިސް ކުރި ކުށުގެ ހަޑިހުތުރު ޢަމަލުގެ ހިޔަނިވެގެން ދިއައީ ލަންޑަންގެ ކްލަބްލޭންޑްއަށް، ނައިޓް ލައިފަށް އެޅުނު ކަޅު އަދިރި ހިޔަންޏަކަށެވެ. އެކަން ހިގަން މެދުވެރިވިގޮތް ރުތު އޭނާ ޝަރީޢަތަށް ހުށައެޅި ލިޔުމުގައި ބަޔާންކޮށްފައި ވެއެވެ. 

ރުތު އާއިލީ ދިރިއުޅުމަށްވުރެ ބޮޑަށް ކުރިއަށް ދިއައީ ވިޔަފާރީގެ ރޮގުގައެވެ. ރުތުއަށް ވެލް-ޓް-ޑޫ ލަންޑަން އޭރިއާގެ ނައިޓްސްބްރިޖް ގެ ކުޑަ ކުލަބެއްގެ މެނޭޖަރުކަން ލިބުނެވެ.

ޒުވާން، ބަލާލުމަށް ރީތި ރަން ރީދޫކުލައިގެ އިސްތަށިގަނޑެއް ލިބިފައިވާ ރުތުއަކީ ކުލަބަށް ލިބިފައިވާ ރަގަނޅު އެސެޓެކެވެ. އޭނާގެ މުސާރައިގެ އިތުރުން ހަފުތާއަކު 15 ޕައުންޑްއާއި ހަފުތާއަކު 10 ޕައުންޑް އެންޓަޓޭންމަނީ ގެ އިތުރުންވެސް ހިނދުން ހިނދަށް އެތައްއުޖޫރައެއް ދެވެއެވެ. އަދި އޭނާދިރިއުޅުމަށް އެޕާޓްމެންޓްއެއް ދީފައިހުރެއެވެ.

1953 ވަނަ އަހަރު ރުތުއަށްވުރެ ތިންއަހަރު ހަގު ރޭސިންގ ޑްރައިވަރ، ޑޭވިޑް ބްލެކްލީ އާ ލޯބީގެ ގުޅުން އުފެއްދިއެވެ. ޝަޚުޞީގޮތުން ބަލިކަށި އެކަމަކު މީހުންގެ ހިތްދަމައިގަންނަ ސިފަ ލިބިފައިވާ ބްލެކްލީ އަކީ މުޅިންތަފާތު އިޖުތިމާޢީ ބެކްގްރައުންޑްއަކުން އައިސްފަވާ ޒުވާނެކެވެ.

ބްލެކްލީ ފުރަތަމަ ރުތުއާ ބައްދަލުވީއިރު އޭނަ ވަނީ އެހެން އަންހެނަކާ އެންގޭޖް ވެފައެވެ. އެކަމަކު ރުތު ބްލެކްލީއަށް މާބަޑުވުމުން އޭނަ ރުތުގެ އެޕާޓް މަންޓަށް ބަދަލުވެ ކައިވެނިކުރުމަށް ހުށައެޅިއެވެ. ރުތު ކައިވެންޏަށް އިޢުތިރާޟުކޮށް އެބޯސަން ހެދީއެވެ.

ކުލަބްގެ އެހެނިހެން ކަސްޓަމަރުންނާ އާންމުކޮށް އޮންނަންޖެހޭ ގުޅުމަށްވުރެ އިތުރުގުޅުމެއް ކުލަބަށް އަންނަ ކުންފުންޏެއްގެ ޑިރެކްޓަރއަކާއެކު ރުތު ބާއްވައެވެ. އެދެމީހުންގެ މެދުގައޮތް ގުޅުން އެނގިފައި ނުވާއިރު، ބްލެކްލީ އޭނާގެ ލޯބިވެރިޔާ ޙަސަދަވެރިވި ހަސަދަވެރިވުން ފިނިކުރުމަށްޓަކައި މިސްޓަރ އެންޑް މިސިޒް އެލިސްގެ ނަމުގަ 1955ވަނަ އަހަރު ރުތު، ބްލެކީއާއެކު 44 އީގަޓަން ގާރޑްންސް، ކެންސިންގޓަން ގެ ކުލީކޮޓަރިއަކަށް ބަދަލުވިއެވެ.

ރުތުއަށް މާލީ ދަތިކަން ކަމާކުރިމަތިލާން ޖެހިފައިވާ މިދަނޑިވަޅުގައި ދެވަނަ އެބޯސަންއެއް ހައްދާ ބަޑުގައި އޮތްދަރިފުޅު ވައްޓާލަން ޖެހުނެވެ. ނުތަނަވަސްކަމާއި ދަތިކަން ކުރިމަތިވާވަރަކަށް، އާންމުކޮށްވެސް ގިނައިންރާބޯ ބްލެކްލީގެ ރާބުއިން އިތުރުވެގެން ދިއައެވެ. ދެމީހުންގެ މެދުގައި އަވަސްއަވަހަށް ކަންކަމާ ޒުވާބުކުރުންތަކާއި ސުލުހަވުންތައް އިތުރުވެގެންދިޔައެވެ.

ކާރލޯ އާއި ފިންޑްލޭޓަރ އަކީ ކައިވެނިކޮށްގެންއުޅޭ ބްލެކްލީ ރައްޓެހި ދެމަފިރިންނެވެ. ރުތު އާއި ބްލެކްލީގެ ގުޅުން އެންމެ ނާޒުކުވެގެންދިއައީ ބްލެކްލީގެ މާޔޫސްކަން އެދެމަފިރިންނަށް ކިޔާދިނުމާއި، ފިންޑްލޭޓަރގެ ހެމްޕްސް ސްޓީޑްގެ ޓޭންސާ ރޯޑްގައި ހުންނަ އެމީހުންގެ ފްލެޓް ބްލެކްލީ ހުރުމަށް ދުވަސްކޮޅަކަށްދިނުމުންނެވެ.

އެއީ ގުޑް ފްރައިޑޭ ނައިޓްއެކެވެ. ބްލެކްލީ އެރޭ ނައުމުން، ރުތު، ފިންޑްލޭޓަރސްއަށް ފޯނުކޮށް ބްލޭކްލީ އުޅޭތޯ ސުވާލުކުރިއެވެ. ޖަވާބުގައި ނެތްކަމަށް ބުނިނަމަވެސް އެތައް ޝައްކުތަކަކާއެކު ރުތު އެފްލެޓްއަށް ފާރަލުމުގައި އެރޭގެ ގިނަވަގުތު ހޭދަކުރިއެވެ. ޖެހިގެން އައިދުވަހު ހެދުނު ފިންޑްލޭޓަރ އާއި ބްލޭކްލީ އެގެއިން ނުކުމެ ވޭނަށް އަރައި ދުއްވާލިތަން ރުތުދުށްޓެވެ.

ދޮގުހަދާ އޮޅުވާލުމުން ރުތު ވަރަށް ގަދައަށް ރުޅިއައެވެ. ހޮނިހިރު ދުވަހު އޭނާގެ ދެވަނަ ލޯބިވވެރިޔާއާއެކު ބްލޭކްލީ ހޯދުމަށް ދިއައެވެ. ބްލޭކްލީ ހޯދުމަށް އެމީހުން ބެލި އެއްސަރަހައްދަކީ ސައުތު ހިލްސް ޕާރކްގެ މަގްދާލާ ޕަބްލިކް ހައުސް ކައިރިއާއި ހޭމްޕްސް ސްޓީޑް، ފިންޑްލޭޓަރސް ގެ ފްލެޓް ކައިރި ތަކުރާރުކޮށް ބަލައިވެސް އެމީހުނަކަށް އެކަން ކާމިޔާބު ނުވިއެވެ. ރުތު އަނެއްކާވެސް ފިންޑްލޭޓަރސް ފްލެޓްއަށް ފާރަލާ ބަލަންފެށިއެވެ. ރުތު ގަބޫލުކުރީ ފިންޑްލޭޓަރސްގެ މާމަޔާ ލޯބީގެ ގުޅުން ބްލޭކްލީ ބާއްވަނީކަމުގައެވެ. މިޚިޔާލުގައި ރޭގަނޑު ހަތަރު ދަމު ނިދިނަގާލާފަ ފާރައަށް ހުރި ރުތުގެ ސިކުޑިއަށް ވެރިވެގެން އައި ނަފުރަތާ ރުޅިވެރިކަން އިންތިހާއަށް ދިއައެވެ.

އާދީއްތަ (އީސްޓަރ ސަންޑޭ) ދުވަހުގެ ހަވީރު އަނެއްކާވެސް ފިންޑަލޭޓަރސްގެ ފްލެޓަށް ރުތު ފާރަލުމުންދިއައެވެ. ބްލޭކްލީގެ އެއްވެސް ނިޝާނެއް ނުފެނުމުން ބްލޭކްލީ ހޯދުމަށް މަގްޑާލާ އަށްގޮސް އެހިސާބުހޯދުމަށް ކަނޑައެޅިއެވެ.

އެރޭ ނުވައެއް ޖަހާއެހާއިރު ރުތުއަށް ފިންޑްލޭޓަރގެ ފްލެޓް ކައިރިއަށް އާދެވުމުގެ ކުރިން، ކްލައިވް ގަންނެލް ކިޔާ ވިޔަފާރިވެރިއަކާއެކު އެފްލެޓްގައި ޕާރޓީ ބޭއްވުމަށް އެމީހުން ތައްޔާރުވަމުން ދިޔައެވެ. ގަންނެލް އާއި ބްލެކްލީ މަގްޑަލާއަށް ދިއައީ އިތުރަށް ބިއަރ ހޯދާށެވެ. ރުތުއަށް އެހިސާބަށްދެވުނުއިރު ރައްޓެއްސަކާއެކު ބްލޭކްލީ ބޮއިގެން ނުކުންނަނީއެވެ. އޭރުވެސް ބްލޭކްލީ އަތުގައި ހުސްނުވާ ބިއަރު ހުރި ފުޅިއެއް އޮތެވެ.

ބްލޭކްލީ، ރުތު ނުދެކެއެވެ. ރުތު ބްލޭކްލީއަށް ނަމުންގޮވާލުމުން ޖަވާބެއް ނުދެއެވެ. ބްލޭކްލީ އޭނަގެ ޖީބުން ވޭން ގެ ތަޅުދަނޑި ނަގަމުން ދިއައެވެ. ރުތު، ބްލެކްލީ ކައިރިއަށް އައުމާއެކު ރުތު އޭނާގެ އަތްދަބަހުން ސްމިތް އެންޑް ވެސަން 38. ގެ ރިވޯލްވަރ ފިސްތޯލަ ނެގުމުން ބްލެކްލީ ވޭނުގެ ފުރަގަހަށް ވަނުމަށް މަސައްކަތްކުރިއެވެ.  އޭރު ރުތު، ދެ ޝޮޓް އެފަރާތައް ފޮނުވާލައިފިއެވެ. ބިއަރުފުޅި މަގުމައްޗަށްވެއްޓި ތަޅައިގެން ހިގައްޖެއެވެ. އަދި ބްލޭކްލީ އޭނާގެ ރައްޓެހިމީހާއާ ދިމާއަށް އަރިއަޅަމުން ދަމުން އޭނާގެ ނަމުންގޮވިއެވެ. ”ކްލައިވް ކުރިމަތިން ދުރައްދޭ“ ރުތު ބުނުމާއެކު ބްލޭކްލީއާ އަމާޒުކޮށް ވަޒަންތައް ފޮނުވަންދިއައެވެ.

ބްލެކްލީ މަރުވެގެން މަގުގެ އެއްކައިރިއަށް ވެއްޓި އޭނާގެލެޔާއި ބިއަރުތައް އެއްވިއެވެ. ރީތިކޮށް ނަލަހެދިގެންހުރި ރުތު އެލިސް، ބްލެކްލީ ނުކުތް ޕަބް ގެ ފާރުގައި ލެނގިލައިގެން، އޮފް-ޑިއުޓީ ފުލުހަކު އައިސް އޭނާގެ އަތުން ފިސްތޯލައަތުލައި ހައްޔަރުކުރަންދެން ހުއްޓެވެ.

އޯލްޑް ބެއިލީގައި ހިންގި ރުތުގެ ޝަރީއަތުގައި އޭނާ ގަސްދުގައި ބްލޭކްލީ މަރާލިކަމަށް އިޢުތިރާފުވިއެވެ. އެހެން އެއްވެސް ނިންމުމަކަށް ތަނެއްނުދެއެވެ. މީހަކު މަރާލުމުގެ ކުށުންވަނީ ކުށްވެރިވެފައެވެ. ދަންޖައްސަން ނޫން އެހެން އެއްވެސް އަދަބެއް ނުވެއެވެ. އަންހެނުން ދަންޖައްސަން ޖެހޭނެކަމަށް އިނގިރޭސި ރައްޔިތުން ގަބޫލެއްނުކުރެއެވެ. އަދި ރުތު ގެ މަރުގެ އަދަބު ބަދަލުކުރުމަށް އެދި ވަރަށްގިނަބަޔަކު އިލްތިމާސް ހުށައެޅިއެވެ. އެކަމަކު 1955 ޖުލައި 13 ވަނަ ދުވަހު ހޮލޯވޭ ގައި ހުކުމް ތަންފީޒުކޮށް ޤާނޫނީ ތާރީޚުތެރެއަށް އެކަންވަދެގެން ދިއައީއެވެ. ރުތު އެލިސްގެ ހުރިހާ ރައްޓެހިން، އޭނާގެ އެންމެފަހު ދުވަހު، އޭނާގެ މަޑުމައިތިރި ރީތި އަޚުލާގާއި ގަދަހިތްވަރާއި ނުގުޑާއަޒުމުގެ މަތިވެރިކަމާ އޭނާގެ ކިބައިގައިވާ ރަނގަޅު ހަރުދަނާ ސިފައަށް ތަޢުރީފުކުރިއެވެ.

ބައެއް ލޯޔަރުން ގަބޫލުކުރަނީ ރުތު ގެ ޝަރީއަތުގައި ހެކިހޯދުމުގައި ފުރިހަމަނުކުރެވި ހުރިކަންތައްތަކެއް ހުރިކަމަށާއި އެކަންކަން ކުރިއަށް ނެރެވުނު ނަމަ ރުތު މަރުގެ ހުކުމުން ސަލާމަތްކުރެވުނީސް ކަމުގައެވެ. އަދި ރުތު މަރުވުމަށްފަހު ލިބުނު މަޝްހޫރުކަން ނުލިބުނީސް ކަމުގައެވެ.  

ޝެއަރކުރެއްވުމަށް