ހުންގާނުދޫނި އައްސާލައި ”އޮޓޯޕައިލެޓަށް ލުމަށްފަހު  ވިހިފޫޓުގެ ކުޑަ މަސްދޯނީގައި ދަތުރުކުރަމުންދިޔަ ފަޅުވެރިން ތިބީ ތާސްކުޅެ މަޖާ ކުރުމުގައެވެ. އެސަރަހައްދުގައި ދަތުރު ކުރަމުންދަނީ ތިމާމެން އެކަނިކަމުގައި ދެކި އިތުރު އުޅަނދަކަށް، މޫސުމަށް އަތުވެދާނެ ކުއްލި ބަދަލަކަށް ބެލުމެއްނެތި އެއްވެސް ފިކުރެއްނެތި އެކުޑަ މަސްދޯނި އުދުވަހުގެ ދަތުރު ނިންމާލީ ނިޔާމަ ދަތުރެކެވެ. ކުދިކުދި ބޮއްކުރާ ފަހަރުގައި އެކަނި މާއެކަނި ތަފާތު ވައްތަރުގެ މަސްވެރިކަމުގައި ކަނޑަށް ނުކުމެ އުޅޭ މަސްވެރިންވެސް ހިތާމަވެރި ޙާދިސާއެއް ކުރިމަތިނުވާހާ ހިނދު އެކުރެވެނީ މޮޅު ކަމެއްގެ ގޮތުގައި ދެކި އެކަނި މަސްވެރިކަން ކުރުމުގައި ދުވަސްތައް ގުނަމުންދެއެވެ. އަތުގައި މޮބައިލް ފޯނެއް އޮތުމުން ހުރިހާ ކަމެއް ފުރިހަމަވީކަމަށް ބަލައި އިތުރު މުއާސަލާތީ ވަސީލެތެއް އިޚުތިޔާރު ކުރުމެއްނެތި ބޮޑެތި ކަނޑުތައް ހުރަސްކުރުމަށް ދަތުރު ފަށައިގަންނަނީ ކުރިމަތިވެދާނެ ޙާދިސާއަކަށް ފަރުވާލެއްނެތިއެވެ.

މިއީ އަދުގެ ދިވެހި ކަނޑުދަތުުރުކުރާ ފަރާތްތަކުގެ ޙާލެވެ. ހިތާމަވެރި ޙާދިސާއެއް ތިމާއަށް ކުރިމަތި ނުވާހާ ހިނދަކު އެއްވެސް ކަމަކާ ކަންބޮޑުވުމެއް ނެތެވެ. ކުރިއަށް ވިސްނުމެއް ފަސްމަގުން ޢިބުރަތް ލިބިގަތުމެއްވެސް ނޭދެއެވެ. ޒަމާނީ  ވަސީލަތްތަކާއި އާލާތްތައް ލިބިގަތުމުގެ ފޯރުންތެރިކަން ހުރި ނަމަވެސް އެތަކެތި ބޭނުން ކުރުމަކީ ތިމާގެ ހުނަރުވެރިކަމަށް ލިބިދާނެ އުނިކަމެއްކަމަށް ބަލާ އެތަކެތީގެ ބޭނުން ހިފަނީ އަދިވެސް ނިސްބަތުން މަދުބައެކެވެ. އެއްވެސް ކަމަކީ އެކަމުގެ ޢިލްމާއި ހުނަރުވެރިކަން ހޯދައިގެން މެނުވީ އެންމެ ރަނގަޅު ގޮތުގައި ކުރެވޭނެ ކަންކަން ނޫންކަން ގިނަ ދިވެހިން ޤަބޫލުކުރުމަށް ފަސްޖެހެވެއެވެ. މޫސުމާއިބެހޭ ޢިލްމު ލިބިގަތުމުގެ ބޭނުންތެރިކަމާމެދު ފަރުވާ ކުޑަކުރެވޭކަމީވެސް އޮތް ހިތާމައެކެެވެ.   

ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ މޫސުމާ ގުޅިފައިވަނީ އޮޔާއި ވަޔެވެ. ރާއްޖޭގެ ކަނޑުތަކުގައި ތިން ވައްތަރެއްގެ އޮއި އޮވެއެވެ.  އެއީ އުދޮއި (ބޭރުއޮއި)، ވަވޮއި (އެތެރެ އޮއި) އަދި ފުޅޮއި (ރަށްގާތު އޮއި) އެވެ. އުދޮޔަކީ ހަނދު އަރައިގެން އައިސް މެދުޖެހުމާއި ހަމައަށް އޮންނަ އޮއިވަރެވެ. ނުވަތަ އެތެރެވަރިން ފުއްޓަރު ފަރާތުން މާކަނޑަށް ހިނގާ އޮއެވެ. މިއޮޔަކީ ދިޔަވަރު ބޮޑުވާއިރު އަޅާ އޮޔެވެ. ނުވަތަ އިރުމައްޗަށް ދަމާއޮޔެވެ. ވަވޮޔަކީ ހަނދު މެދުޖެހިގެން އޮއްސެންދެން އޮންނަ އޮއިވަރެވެ. ނުވަތަ ބޭރުކަނޑުން އެތެރެވަރިއަށް (އަތޮޅުތެރެއަށް ދެމޭ) އޮއިވަރެވެ. މިއޮޔަށް ހުޅަނގަށްދަމާއޮއި ނުވަތަ އިރުވައިއޮޔޭވެސް ކިޔައެވެ. ފުޅޮޔަކީ ތަބަޢީގޮތުން އަތޮޅެއް ނުވަތަ ރަށެއްގެ ހޭފަށަން ކައިރިވަމުން، އިދިކޮޅު އޮޔަށް އަރާ ހުއްޓުމާއި ގުޅިގެން ރަށާގާތަށް ހިފާ އޮއިވަރެވެ. ނުވަތަ މާކަނޑުގެ އޮއިވަރާއި ދިރިކޮޅަށް ފަރުކައިރީގައި   އޮންނަ ރަށާދިމާލަށް ދަމާ އޮއިވަރެވެ.  

ކަނޑުގައި އުފެދޭ ރާޅަކީ، ވައިރޯޅި ކަނޑުގެ ސަޠަޙާގައި ބީހިގެން ދިއުމާއި، ކަނޑުގެ ސަޠަޙާގައި މަސައްކަތްކުރާ ޖައްވުގެ ޕްރެޝަރ އަށް އަންނަ ތަފާތު ތަކެއްގެ ސަބަބުން ފެންގަނޑުގައި ހިނގާ ޙަރަކާތްތެރިކަމެކެވެ. ރާއްޖޭގެ ކަނޑުތަކުގައި އާންމުކޮށް އުފެދެނީ ބާނިރާޅާއި، ހުޅިރާޅާއި، ދިގުރާޅާއި، ބޮޑުރާޅާއި، ޖަހާރާޅެވެ. ބާނި ރާޅަކީ ރާޅުގެ ކުރި ތިރިވެ، ވަށްކޮށް އަދި އޮމާންކޮށް ފެންނަން ހުރުމާއެކު ރާޅުގެ ދިގުމިން ދިގުވެގެންދާ ރާޅެވެ. ހުޅިރާޅަކީ ހުޅިލައި ނަގާފައި ބިންދާލާ ރާޅެވެ. ދިގުރާޅަކީ ދުރުން ފަށައިގެން ބިންދަމުން ބިންދަމުން ދާ ރާޅެވެ.  ބޮޑުރާޅަކީ ހުޅިލާ ނަގާ ބިޔަރާޅެވެ. ޖަހާރާޅު މިއީ ގޮނޑުދޮށަށް ބިންދާލާ ރާޅެވެ. މީގެ އިތުރުން ގޮޑުދޮށު ރާޅުގެ ގޮތުގައި ބައެއް ވައްތާރުތައް ފާހަގަކޮށްފައި ހުރެއެވެ.

ކަނޑުގައި ދެމޭ އޮއިވަރު ހިގާގޮތާއި އޭގެ ބާރުމިނާއި، މަޑުމިން ބިނާވެގެންވަނީ މޫސުމުގެ މައްޗަށެވެ. ރާއްޖޭގެއެކި މޫސުމުގައި އެކި އޮއިވަރު އޮންނައިރު މޫސުމް ހަމަޖެހިފައިވަނީ ނަކަތްތަކެއްގެ މައްޗަށެވެ. މުލަ، ފުރަހަޅަ، އުތުރުހަޅަ، ހުވަން، ދިނަށަ މި 5 ނަކަތުގައި އޮންނާނީ އިރުވައި އޮއިވަރެވެ. ހިޔަވިހާ، ފުރަބަދުރުވަ، ފަސްބަދުރުވަ، ރޭވަ މި 4 ނަކަތްތަކުގައި އޮއިވަރު މަޑުވާނެއެވެ. އައްސިދަ، ބުރުނު، ކެތި، ރޯނު މި 4 ނަކަތުގައި އޮއިވަރު އޮންނާނީ އިރުބިތަށެވެ. މިއަހެލި، އަދަ، ފުނޯސް، ފުސް މި 4 ނަކަތްތަކުގައި ފެހުނުން ނޮރިންމައަށް  އާދަވެގެން ސީދާ އޮއިވަރު ހިނގައެވެ. އަހުލިހަ، މާ، ފުރަހަޅަ، އުތުރުހަޅަ،  މި 4 ނަކަތްތަކުގައި މާ ކަނޑުގައި އޮއިވަރު މަޑުވާނެއެވެ. އަތަ، ހިތަ، ހެއި، ވިހާ މި 4 ނަކަތްތަކުގައި އިރުބިތައް ދަމާ ބާރު އޮއި ހިނގައެވެ. އަދި ނޮރަ، ދޮށަ މި ދެ ނަކަތުގައި އޮއި މަޑުވާނެއެވެ. ހުޅަނގު މޫސުމުގައި މާކަނޑުގައި އޮއި އޮންނާނީ ހުޅަނގު ދެކުނުން އިރުއުތުރަށް، ނުވަތަ WSW  އިން ENE އަށެވެ. އިރުވައި މޫސުމުގައި އޮއިދަމާނީ އޭގެ އިދިކޮޅު މިސްރާބަށް ރާއްޖޭގެ އަތޮޅުތަކުގެ ބޭރުގައި އަޅާ ފުޅޮއިގެ މިސްރާބާއި އެއޮއި ދެމޭ ބާރުމިން ޖެހޭވަޔާއި، މާކަނޑުގައި ދެމޭ އޮޔާއި އަތޮޅުތަކުގެ ފުށްޓަރުން ރާޅާއެކު ފަހަތަށް ދަމާ އޮޔާއި ގުޅިގެން އަވަސްބަދަލުތަކެއް އަންނަކަން ފާހަގަކުރެވެއެވެ. އަސްދަނޑިއަކީ ދެކޮޅަށްދެމޭ އޮއިވަރުޖެހި އޮއި ހުއްޓިފައި އޮންނަތަކެވެ.

ދަތުރުފަތުރުކުރުމުގައި ބޭނުންކުރެވޭ ނުޖޫމީ ޢިލްމަކީ އުޑުގެ ފަލަކުތަކުތަކާއި ތަރިތަކުގެ ގޮތްތައް އަންގައިދެ ޢިލްމެވެ. މި ޢިލްމުގެ ތެރެއިން ދިވެހިން ދަތުރުކުރުމަށް ވަކި ޚާއްޞަ ތަރިތަކަކަށް ނަންދީ ފާހަގަ ކޮށްއުޅޭ އެއީ ގަހާތަރި (ޕޯލްސްޓަރ)، ކެތި (ޕްލައިއެޑެސް)، ދެކުނު ކާލި (ސަދަން ކުރޮސް)، އައްސަރަންގު (އުރުސާ މޭޖަރ) އަދި ތަރިބައި (ގެލެކްސީ) އެވެ.

ކަނޑާއި ރަށްތައް އޮންނަލެއް ކައިރި ކަމުން އާންމު ގޮތެއްގައި ރާއްޖޭގެ ވައިގެ ތެތްކަން ހުންނަނީ ވަރަށް މަތީގައެވެ. މީގެ ސަބަބުން މުޅި އަހަރު ތެރޭގައިވެސް ފިނިހޫނު މިނަށް މާބޮޑު ބަދަލުތަކެއް ނާދެއެވެ. ދިވެހިރާއްޖޭގެ އެވަރެޖު ފިނިހޫނުމިނަކީ ގާތްގަނޑަކަށް 30° ސެލްސިއަސްގައެވެ. އެންމެ ގިނައިން ވާރޭވެހޭކަމަށް ފާހަގަ ކުރެވިފައިވަނީ ޖޫން މަހާއި ނޮވެމްބަރުމަހާ ދެމެދުގައެވެ.

ވިލަޔަކީ އުޑުމަތީގައި ތުނިކޮށާއި ބޯކޮށް ލޮލަށް ފެންނަން ހުންނަ ފިނިގަނޑުގަނޑެވެ. މައިގަނޑު 11 ވައްތަރެއްގެ ވިލާ ފާހަގަކުރެވޭއިރު އެވިލާ ދަތުރުކުރަނީ ތިން ލެވެލަކުންނެވެ. ބިމުގެ ސަތަހައިން ފެށިގެން 2000 މީޓަރުމަތިން ދަތުރުކުރާ ވިލަޔަކީ ތިރިން ދަތުރުކުރާ ވިލާ ނުވަތަ ލޯ ކްލްއުޑްސް އެވެ. މިޑްލް ކްލައުޑްސް ނުވަތަ މެދުތެރެއިން ދަތުރުކުރާ ވިލާ އާންމުކޮށް ދަތުރުކުރަނީ 2000 މީޓަރާއި 6000 މީޓަރާ ދެމެދުންނެވެ. މަތިން ދަތުރުކުރާވިލާ ނުވަތަ ހައި ކްލައުޑްސް ދަތުރުކުރަނީ 6000 މީޓަރާއި 20000 މީޓަރާ ދެމެދުންނެވެ. އެއީ އެންމެ ތިރިން ދަތުރުކުރާ ވިލަޔާއި، އެންމެ މަތިން ދަތުރުކުރާ ވިލަޔާއި އެދެމެދުން ދަތުރުކުރާ ވިލައެވެ. މީގެތެރެއިން ބައެއް ވިލާތަކަށް ދިވެހި ބަހުން ދެވިފައިވާ ނަންތަކަކީ ފުސްވިލާ(ފުސްކޮށް ހުންނަ ވިލާ) ކޮތަރިވިލާ(މަހުގެ ހުޅުނބު ހުންނަ ގޮތައް ކުރެހުމަކަށް ވާނޭހެން ހުންނަ ވިލާ)، ވިއްސާރަވިލާ(ވާރެ އާއި ވައި އެކުލެވިފައި ހުންނަ ވިލާ)، ރަތްވިލާ(އިރު އޮއްސޭއިރު ހުޅަނގު ފަރާތުއުދެރެހުން ކުލަކުލައިގާ ފެންނަވިލާ)، ފެންވިލާ(ކެރިއެކުލެވިގެން ނަގާ ވިލާ) އެވެ. މީގެ އިތުރުން ހާވިލާ( ވިއްސާރައިގެ ކުދިކުދި ވިލާކޮޅު)، ބުރުނުވިލާ (ބުރުނު ނަކަތް ލައިގަތުމުން އަންނަ ކޮޅިގަނޑު) އަދި ކައްބޯ ވިލާ (ފަށަލަ ފަށަލައަށް ބޯކޮށް ހުންނަ ވިލާ، މިކަހަލަ ވިލާތަކުގެ ކައިރިފަށް ހުދުވާނެއެވެ. މިއީ ވިއްސާރަ ގާތްވެއްޖެކަމުގެ ނިޝާނެކެވެ.)

ކަނޑުމަތީގައި ދިމާވާ ހާދިސާތައް މަދުކޮށް، ރައްކާތެރިކަމާއެކު ކަނޑުދަތުރު ފަތުރުކުރުމަށް މިމަޢުލޫމާތު ތަކަކީ ދަތުރު ކުރާހުރިހާ ފަރާތްތަކަށްް  ވަރަށް ރަނގަޅަށް އެންގެންޖެހޭނެ މަޢުލޫމާތުތަކެވެ. އެހެންނޫންނަމަ މޫސުމް ގޯސް ދުވަސްވަރެއްނަމަ އެންމެ ނުރަނގަޅު ވަގުތު ފުރި ނުރައްކާތަކާއި ކުރިމަތިކުރުވަފާނެއެވެ. ހިކިދިޔާގައި ވިލާގަނޑު އަޔަނުދީ ހިފަހައްޓަދޭނެކަމަށާއި ހިކޭ ދިޔާގައި ވިލާގަނޑެއް ހުއްޓަސް ތަނަކަށްދާން ފުރާކަށް ޖެހިލުންވާނެ ކަމެއްނެތްކަމަށާއި އެއްބަނދަރުން އަނެއްބަނދަރަށް ދެވޭވަރުގެ ވަގުތު ލިބޭނެކަމަށް ސިފައިންގެ ޚިދުމަތުގައި ޚާއްޞަކޮށް ކޯސްޓުގާޑުގެ ޚިދުމަތުގައި 38އަހަރު ޚިދުމަތް ކުރެއްވި ރިޓަޔަރޑް މޭޖަރ ފިއްލަދޫ ހުޞައިން މަނިކު ވިދާޅުވެއެވެ. މިއީ ވިއްސާރަވުމުގެ ސަބަބުން މަޑުކޮށްލަންޖެހޭ ވަގުތުތަކުގައި ކޮންމެހެން އެނގެންޖެހޭ މުހިންމު މަޢުލޫމާތެކެވެ. ހަމައެއާއެކު އޮއެވަރު ދެނެގަންނަން އެނގުމަކީވެސް އެހާމެ މުހިންމު ކަމެކެވެ. އޮއެވަރު ނޭންގި އޮޑި ދޯނިފަހަރު ރަށްރަށާއި ފަރުފަރުގެ ބޭރުގައި އަޅާފައި ބޭއްވުމުގެ ސަބަބުންވެސް މީހުންނަށާއި ދޯނިފަހަރަށް އަގުނުކުރެވޭ ވަރުގެ ގެއްލުންތައް ދަނީ ލިބެމުންނެވެ. މިކަމާބެހޭގޮތުން ޙުޞައިންމަނިކު ވިދާޅުވަނީ ”ކަނޑަށް ނުކުންނައިރު ކަނޑުގައި ހުންނަ  އޮއި އުދަރެހުން އެނގޭނެ. ދަންނަ މީހުންނަށް ކަނޑުގައި އޮތީ ކޮންކަހަލަ އޮޔެއްކަމާއި އޮއިވަރުގެ ބާރުމިން ވިލައިން އެނގޭނެ. އޮއެވަރުން ވިލާ ހިފަހައްޓާނެ. ވަޔާއި އޮއެ ދެކޮޅުވީމާ ވިލަޔަކަށް ދަތުރެއް ނުކުރެވޭނެ ދަތުރުކުރަންވީ ސްޕީޑްގައެއް“.

ދެމޫސުމް (ހުޅަނގު މޫސުމާއި/އިރުވައި މޫސުމް) ބެދޭ ދުވަސްވަރު މޫސުމަށް އަންނާނެ ބަދަލުތަކަކީވެސް އެންގެން ޖެހޭ މުހިންމު މަޢުލޫމާތުތަކެވެ. ޑިސެމްބަރު މަހު ނުވަވަނަ ދުވަހު ހުޅަނގު މޫސުމް ނިމި ޑިސެމްބަރު މަހުގެ 10ވަނަ ދުވަހު އިރުވައި މޫސުމް ފެށޭއިރު މޫސުމަށް އެއަންނަ ބަދަލުތަކަކަކީ ވަރަށްވެސް ފަރުވާތެރިވާންޖެހޭ ބަދަލުތަކެކެވެ. މިދުވަސްވަރު އަވަސް އަވަހަށް ވައި ބަދަލުވާނެއެވެ. ވައިޖެހެމުންދާނީ އިރު އުތުރުން ކަމަށްވާއިރު މިކަމަކަށް ބަދަލެއް ނާދެއެވެ. މީގައި ވިސްނަންޖެހޭ ކަމަކީ ވިލާކޮޅެއް ބާލާ ދިމާލަކަށް ވައި އެނބުރެމުން ދިޔުމަކީ ތަބީޢީ ކަމަކަށްވާއިރު މިއީ އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުގެ އިތުރުން ކަނޑާއި މޫދުގައި އެކިއެކި ބޭނުންތަކުގައި ފީނާ ހަދާ ފަރާތްތަކުންވެސް ސަމާލުކަން ދޭންޖެހޭކަމެކެވެ. މިކަން މިނިމިދިޔަ ޑިސެމްބަރުމަހު ހިނގާފައިވާ ޙާދިސާތަކުންވެސް ސާބިތުކޮށްދެއެވެ.

ރިފަރެންސް

  • ކަނޑުވައި މުޙައްމަދު މަނިކު. (1999). ވަނަވަރު. މާލެ. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ.
  • މުހައްމަދު އިބްރާހިމް ލުޠުފީ. (1995). ދިވެހިރާއްޖޭގެ ޖިއޯގްރަފީގެ ވަނަވަރު. މާލެ. ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް.
  • މުހައްމަދު ޙަސަން މަނިކު. (2002). ރާއްޖޭގައި ކަނޑުދަތުރުކުރުން. މާލެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީސް.
  • ދިވެހިބަހާއި ތާރީޚައް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.(2006). ދިވެހި ބަސްފޮތް. މާލެ، ދިވެހިބަހާއި ތާރީޚައް
  • ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ޝެއަރކުރެއްވުމަށް