އެއްދުވަސްވަރެއްގައި ވިސްނުންތޫނު ޙިލްމުން ފުރިގެންވާ ޗިމަލްސީ ނަމަކަށް ކިޔާ މީހަކު އެފްރިކާގެ ރަށެއްގައި ދިރިއުޅުނެވެ. އޭނާއަކީ ދުވަހަކުވެސް އޭނާގެ ޙަޔާތުގައި ދޮގެއް ހަދާފައިވާ މީހެއްނޫނެވެ. މުޅި އެފްރިކާ ބައްރުގައި އޭނާއަކީ ތެދުވެރި ދޮގުނުހަދާ މީހެއްކަމަށް މަޝްހޫރުވެ، މީހުންގެ އިޙްތިރާމް ލިބިގެންވީ މީހެކެވެ. އެދުވަސްވަރު އޭނާ ދިރިއުޅޭ ސަހަރު ވަށައިގެންވާ ރަށްތަކުގެ މީހުންނާއި، މިނޫންވެސް އެފްރިކާގެ އެކިހިސާބުތަކުގެ މީހުންގެ މެދުގައި އޭނާއަކީ ވަރަށް މަޝްހޫރުކަން ލިބިގެންވީ މީހެކެވެ.

ޗިމަލްސީގެ މިޚަބަރު އެދުވަސްވަރު އެފްރިކާގެ ބައްރެއްގައި ރަސްކަން ކުރެއްވި، ރަސްކަލަށް އިވިވަޑައިގެން، އޭނާއާމެދު ޝަޢުޤުވެރިވެ ވަޑައިތެވެ. މިހެންކަމުން، ޗިމަލްސީ ރަސްގެފާނުގެ ދަރުބާރަށް ޙާޟިރުކުރުމަށް އަރިސް ބޭކަލުންނަށް އަމުރު ކުރެއްވިއެވެ. ރަސްގެފާނުގެ އަމުރާ އެއްގޮތަށް އޭނާ ރަސްގެފާނުގެ ދަރުބާރަށް ޙާޟިރު ކުރެވުނެވެ. ރަސްގެފާނުގެ އަރިހަށް މިދޮގު ނުހަދާ މީހާ ޙާޟިރު ކުރެވުމުން ރަސްގެފާނު އޭނާގެ މޫނަށް ބައްލަވައި އޭނާއަށް ވިދާޅުވިއެވެ.

އޭ ޗިމަލްސީއެވެ. ކަލޭ އަކީ ދުވަހަކުވެސް ދޮގެއް ހަދާފައިވާ އަދި ހަދާނެ މީހެއްނޫންކަމުގައި މީހުން ބުނެއުޅޭތީ އަހުރެން އަޑުއަހަމެވެ. އެއީ ތެދެއް ހެއްޔެވެ؟ ހަމަ ޙަޤީޤަތުގައިވެސް ކަލޭގެ ޙަޔާތުގައި ދުވަހަކުވެސް ދޮގެއް ހަދާފައި ނުވާނެ ހެއްޔެވެ؟ އަދި ނުވެސް ހަދާނަން ހެއްޔެވެ؟ އަހަރެން މިހެން ބުނިކަމުގައިވީނަމަވެސް، އެހެން މީހުން ފަދައިން ކަލޭ ދޮގެއް ނުހަދާނެކަން އަހުރެން ދެނަހުރީމެވެ. އެއަށްފަހު، ރަސްގެފާނުގެ ހަރުއަޑުފުޅުން ވިދާޅުވިއެވެ. ދޮގަކީ ހަދަން ފަސޭހަ އެއްޗެކެވެ. އަދި އިންސާނާގެ ދުލަކީ އެކަމަށް ފަސޭހަ ހަތިޔާރެކެވެ.

މިއީ އެދުވަހު ޗިމަލްސީ ރަސްގެފާނުގެ ވެރިކަމުގެ ދަރުބާރަށް ގެނެސް ރަސްގެފާނު ވިދާޅުވި ބަސްފުޅުތަކެވެ. މިއިން އެއްވެސް ސުވާލަކަށް ޗިމަލްސީ ޖަވާބެއް ނުދެއެވެ. މަޑުމައިތިރިކަމާއެކު ރަސްގެފާނު ވިދާޅުވި ވާހަކަތައް އަޑުއެހުން ފިޔަވައި އިތުރުކަމެއް އޭނާ އެދަރުބާރުގައި ނުކުރެއެވެ. ކޮންމެއަކަސް، އެދުވަހުގެ ދަރުބާރު އެހިސާބުން ނިމިއްޖެއެވެ.

ޗިމަލްސީ ރަސްގެފާނުގެ ދަރުބާރަށް ގެނެވުނު ޚަބަރު އެކި ސަަހަރުތަކުގައި އަލިފެތުރިގެންދާ ބާރު މިނުގައި ފެތުރިގެން ދިޔައެވެ. އޭގެ ހަތްދުވަސް ފަހެވެ. ޗިމަލްސީ ރަސްގެފާނުގެ ދަރުބާރަށް އަނެއްކާވެސް ގެނެވިއްޖެއެވެ. މިދުވަހު މިޚަބަރު އާމުންނަށް ލިބި ގަނޑުވަރުގެ ސަރަޙައްދު އޮތީ މީހުން ޖަމާވުމުގެ ސަބަބުން ތޮއްޖެހިފައެވެ. ޗިމަލްސީ ގަނޑުވަރަށް ގެނެވުނު ވަގުތަކީ ރަސްގެފާނު ޝިކާރައަށް ނިކުމެވަޑައިގަތް ވަގުތެވެ. ރަސްގެފާނު އިންނެވީ ޝިކާރައަށް ދިއުމަށް ފުރިހަމައަށް ތައްޔާރުވެ، އަސް މައްޗަށް ސަވާރުވެވަޑައިގެން ފައިންޕުޅު އަސްގާޑިއަލަށް ލައްވައިގެންނެވެ. ރަސްގެފާނު ޝިކާރައަށް ދިއުމަށް ސަވާރުވެ އިންނެވި އަހަށްވެސް ނަންދީފައިވަނީ ޗިމަލްސީގެ ނަމުންނެވެ.

ރަސްގެފާނަށް ޗިމަލްސީ ފެނިވަޑައިގަތުމުން އޭނާއަށް ބައްލަވައި އަމުރު ކުރެއްވިއެވެ.

އޭ ޗިމަލްސީއެވެ. އަހަރެންގެ އަނބިކަނބުލޭގެ ދިރިއުޅުއްވާ ގަނޑުވަރަށް ގޮސް އެކަމާނާގެ އަރިހުގައި ދަންނަވާށެވެ. ރަސްގެފާނު ވީ ޝިކާރަ ކުރެއްވުމަށް ނުކުންނަވައެވެ. އަދި ޝިކާރަކުރެއްވުން ނިންމަވައި، މާދަމާ މެންދުރުގެ ފަރިއްކޮޅަށް ގަނޑުވަރަށް ވަޑައިގަންނަވާނެއެވެ. އަދި އަހަރެން ދާންވާއިރަށް ބޮޑުވެގެންވާ ޖާފަތެއް މެންދުރުގެ ފަރިއްކޮޅަށް ތައްޔާރުކުރުމަށްވެސް ދަންނަވާށެވެ. އަދި މިފަރިއްކޮޅުގައި އަހުރެންގެ އަރިހު ކަލޭ ބައިވެރިވާނެ ވާހަކަވެސް ދަންނަވާށެވެ.

ރަސްގެފާނު މިހެން އަމުރު ކުރެއްވުމުން ކިޔަމަންތެރިކަން އަދާކޮށް، އޭނާގެ ބޯ ރަސްގެފާނުގެ އަމުރުފުޅަށް ތިރިކުރައްވައި އަނބިކަނބަލުންގެ ގަނޑުވަރަށް ދިއުމަށް މިސްރާބު ޖެހިއެވެ. ޗިމަލްސީ ރަސްގެފާނުގެ ދަރުބާރުން ނިކުމެގެން ދިއުމުން އަރިސް ބޭކަލުންނަށް ޝިކާރައަށް ނުދާނެކަމަށް ވިދާޅުވެ، ސަވާރުވެއިންނެވި އަހުން ފައިބާވަޑައިގެން މާލާމާތުގެ ރާގަކަށް ވަރަށް ބާރަށް ހިނިފުޅުވަޑުވައި ހެއްދެވިއެވެ. އަދި އަރިސްބޭކަލުންނަށް ދެންނެވިއެވެ. ޗިމަލްސީ ހަމަޔަޤީނުންވެސް މިފަހަރު ދޮގު ހަދާނެތާއެވެ. އަހަރެން އޭނާ ލައްވާ މިކަން ކުރާ ހުށީމެވެ.

ޗިމަލްސީ ރަސްގެފާނުގެ އަމުރުފުޅާ އެއްގޮތަށް އަނބިކަނބަލުންގެ ގަނޑުވަރަށް ދިޔައެވެ. އަދި އެކަމަނާއަށް ދެންނެވިއެވެ. ރަސްގެފާނު މިއަދު ޝިކާރައަށް ވަޑައިގަންނަވާ ވާހަކަ ދެންނެވިއެވެ. އަދި ޝިކާރަ ކުރެއްވުމުން ނިންމަވައި، މާދަމާ މެންދުރުގެ ފަރިއްކޮޅަށް ކަމަނާގެ މިގަނޑުވަރަށް ވަޑައިގަންނަވާނެ ވާހަކަ ވެސް ދެންނެވިއެވެ.  ކަމަނާއަށް ފެނިވަޑައި ގަންނަވަނީނަމަ، މާދަމާ މެންދުރުގެ ފަރިއްކޮޅަށް ބޮޑުވެގެންވާ ޖާފަތެއް ތައްޔާރު ކުރައްވާށެވެ. އަދި ކަމަނާއަށް މިކަން މިގޮތަށް ކުރަން ނުފެންނަނީނަމަ، މެންދުރުގެ ފަރިއްކޮޅަށް ޖާފަތް ތައްޔާރު ނުކުރިޔަސް އެންމެ ރަނގަޅެވެ. އެއީ ރަސްގެފާނު މެންދުރުގެ ފަރިއްކޮޅަށް ވަޑައިގަންނަވާ ވާހަކަ ދެންނެވި ނަމަވެސް، ފަހަރުގައި ވަޑައިނުގެންނެވުމަކީ ވެސް  އެކަށީގެންވާ ކަމެކެވެ. އަދި ވަޑައިނުގެންނެވިއްޖެނަމަ، ހަވީރުގެ ސައިފޮދު ހިތްޕަވަން ވަޑައިގަތުންވެސް އެކަށީގެން ވެއެވެ. ޗިމަލްސީ މިވާހަކަ ދެންނެވުމުން، ރަސްގެފާނުގެ އަނބިކަނބަލުން ދެންނެވިއެވެ. ރަސްގެފާނު ވަޑައިގަންނަވާނެކަން ނުވަތަ ނޫންކަން ތިމަން ކަމަނާ އަރިހުގައި ބުނެދޭށެވެ.

ޖަވާބުގައި، ޗިމަލްސީ ބުންޏެވެ. ފަހަރުގައި ރަސްގެފާނަށް މާދަމާ ވަޑައި ނުތުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެއީ ރަސްގެފާނުގެ ހިތްޕުޅުގައިވާ އެއްޗެއް އަޅުގަނޑަށް ނޭންގޭތީއެވެ. އަޅުގަނޑު ގަނޑުވަރުން ނުކުތްއިރު، ރަސްގެފާނު އިންނެވީ ޝިކާރައަށް ވަޑައިގަތުމަށް ފުރިހަމައަށް ތައްޔާރުވެ، އަސްމައްޗަށް ސަވާރުވެވަޑައިގެން، ފައިންޕުޅު އަސްގާޑިއަލްގެ ޖޯޑަށް ލައްވައިގެންނެވެ. އެކަމަކު، އަޅުގަނޑު ގަނޑުވަރުން ނުކުތްފަހުން އަނެއްފައި، ބިންމަތީގައި ޖައްސަވައި ފައިބާވަޑައިގެންނެވީކަމެއް ނުވަތަ ނޫންކަމެއް އަޅުގަނޑަކަށް ނޭނގެއެވެ.

ޖެހިގެންއައި ދުވަހު، ރަސްގެފާނުގެ ރާނީގެ ގަނޑުވަރަށް ވަޑައިގަތެވެ. އަދި ފެނިވަޑައިގަތީ، މުޅި ގަނޑުވަރު ރަސްގެފާނަށް ޚާއްޞަ ޖާފަތެއް ތައްޔާރުކޮށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާތަނެވެ. އަދި އަނބިކަބަލުންނަށް ދެންނެވިއެވެ. އެއްކަލަ ދުވަހަކުވެސް ދޮގެއްނުހަދާ ޗިމަލްސީ ހަމަޔަޤީނުންވެސް ކަމަނާއަށް އިއްޔެ ދޮގު ހަދައިފިއެވެ. އަހުރެން ޝިކާރައަކަށް ނުދަމެވެ. ރަސްގެފާނުގެ މިބަސްފުޅުން، އެކަމަނާއަށް ކުއްލި ސިހުމެއް ލިިބިވަޑައިގަތެވެ. އަދި ޗިމަލްސީ އެކަމަނާއަށް ވިދާޅުވި ވާހަކަ ހަމައެގޮތަށް ރަސްގެފާނަށް އެޢިބާރާތުން ދެންނެވިއެވެ.

ރާނީގެ މިވާހަކައިން ރަސްގެފާނަށް ކުއްލި ސިހުމަކާއި ހައިރާންކަމެއް ލިބިގެން ދިޔައެވެ. ރަސްގެފާނުގެ މޫނަށް ނުތަނަވަސްކަން ވެރިވެގެން ދިޔައެވެ. އެވަގުތު ރަސްގެފާނުގެ ހިތްޕުޅަށް އަރާވަޑައިގަތެވެ. ޗިމަލްސީއަކީ ދޮގުހަދާ މީހެއް ނޫނެވެ. އޭނާގެ ދުލުން ބޭރުވަނީ ހަމައެކަނި އޭނާ އަމިއްލަ ލޮލަށް ފެނި ޔަޤީންވާ އެއްޗެއް އެކަންޏެވެ. އަދި ހަމައެކަނި ފެނުނު މިންވަރެއް އެކަންޏެވެ.

މިޢިބްރަތްތެރި ވާހަކައިން ވީގޮތް އިނގިލައްވައިފިތޯއެވެ. އެނގިވަޑައިނުގަތްނަމަ، އިތުރަށް ވިސްނަވާށެވެ. މިއީ ތުންތުން މަތިން ދެކެވެމުން އަންނަ ވާހަކައަށް ވިއަސް އަޑުއަހާލާހިތްވާ ޒާތުގެ ވާހަކައެވެ. ރަސްގެފާނު ވިދާޅުވި ފަދައިން ދޮގަކީ ހަދަން ފަސޭހަ އެއްޗެކެވެ. އަދި ބޭނުންވެއްޖެނަމަ، އިންސާނާގެ ދުލަކީ އެކަމަށް ފަސޭހަ ހަތިޔާރެކެވެ.

ޝެއަރކުރެއްވުމަށް