އިޚްލާޞްތެރީންނަކީ ތިބޭ ބައެކެވެ. އިޙްސާންތެރީންނަކީ ދުނިޔެ ދެކެފައި ވާ ބައެކެވެ.  ޤައުމުޤައުމަށް ހެޔޮ އެދޭ ފަހުލަވާނުންނަކީ، ޒަމާނުގެ ފުރޮޅުންތަކުގެ ތެރެއިން ހާމަވެ ފާޅުވެފައި ވާ، އަދި ފާޅުވަމުން ދާނެ ބައެކެވެ.  އަގުހުރި މަޢުދަންތަކުން ފުރިފައި ވާ ބިންބިމުންނާއި، ވެލައި ކަހަނބު ބިސްއަޅައި އުޅޭ ދޮންވެލި [ފުށިރަށްތަކުން] ވެސް މެއެވެ.

އައްޞުލްނުލްޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން) އަކީ ދިވެހި ތާރީޚުގައި މި ފަދަ މަތިވެރި ޝަޚުޞިއްޔަތެކެވެ. އެ ރަދުން ތާރީޚަށް ދޫކުރައްވައިފައި ވަނީ އަޖާބެއް ފަދަ ރީތި ނަމޫނާއެވެ.  ޢިބްރަތުގެ ރަން މުތްތަކެކެވެ. ކޮންކަމެއްގައި ތޯއެވެ؟ އަޅުގަނޑުމެންނަށް މި އަދު އެންމެ އުނދަގޫ ވާ ކަންތަކުގަވެ. އަމިއްލަ މަޞްލަޙަތުގެ މައްޗަށް ދީނާއި ޤައުމާއި ރައްޔިތުންގެ ޙައްޤުތައް އިސްކުރުމުގައެވެ. ދުނިޔެއަށް ވުރެ އާޚުރަތް މުހިންމުވުމުގައެވެ.

މި މަޒުމޫނުގައި ބަލައިލާނީ ވަފާތެރިކަމާއި އިޚްލާޞްތެރިކަމުގެ ތެރެއިން،  ދޮންބަންޑައިގެން ސީރަތުން ފާހަގަ ކުރެވޭ އާދަޔާ ޚިލާފު ބައެއް ނުކުތާތަކަށެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން ހިޖުރައިން 1166ވަނަ އަހަރުގެ ޞަފަރު މަހުގެ 13 ވަނަ ވިލޭރެއިން ހޮޅީން މާލެއެރިއެވެ. މާލޭގެ ތިންބައިކުޅަ ދެބައިގައި ހުޅުޖެހިއެވެ. ވެޔޮ ދޮށުގަނޑުވަރާއި އާންމުންގެ އެތައް ގެއެއް އަންދައި އަޅިއަށް ހަދައިލިއެވެ. ތަޚުތުގައި އިންނެވީ އައްސުލްޠާނު މުކައްރަމު މުޙަންމަދު ޢިމާދުއްދީން (III) އެވެ. ވަރަށް އިހާނެތި ގޮތުގައި ދުޝްމަނުންގެ ބާރުގެ ދަށަށް ރަދުން ގެނައެވެ. އެކި ވަންނި ވަންނީގެ އަނިޔާތައް ކުރިއެވެ. އެންމެ ފަހުން ހައްޔަރުކޮށްގެން މަލިކަށް ގެންދިޔައެވެ. އެއަށް ފަހު އެމީހުން މާލޭގެ މައްޗަށް ފިސާރިއަކަށް ވެރިވެގަތެވެ. ހޮޅީންގެ ފުރިހަމަ ބާރުގެ ދަށަށް މާލެގެނައެވެ.  ހަތިޔާރު އެޅި 100 ޖައްލާދުންގެ ބާރުގެ ދަށުގައި ވާ ތަނަކަށް މުޅި މާލެ ވިއެވެ.

ދިވެހީން މުލީގެ ދޮން ޙަސަން މަނިކުފާނު ދުށީ މާ ފަހުންނެވެ. އެންމެ ފުރަތަމަ ދުށީ ’މުލީގޭ ހަސަން އަޅާ‘ އެވެ. މާނައަކީ ކޮބައިތޯއެވެ؟ ޤައުމުގެ ދިފާޢުގައި ނިމުވެވަޑައިގަތީ މަޤާމުގެ ޒިންމާއެއްގެ ގޮތަކުން ނޫނެވެ. ދިވެހި ފަރުދެއްގެ ވާޖިބު އަދާ ކުރެއްވީއެވެ. ހޮޅީން ދިވެހިންގެ އަމިއްލަ ވަޠަން ގަދަ ބަދަވިކަމުން ފިރުކައިގަނެގެން، އުފާކުރާކަށް މުލީގެ ދޮން ޙަސަން މަނިކުފާނު  އެ މީހުންނަކަށް މާ ގިނަ ދުވަސްތަކެއް ނުދެއްވިއެވެ. ތާރީޚު ބުނާ ގޮތުން، ގާތް ގަނޑަކަށް ތިން ހަތަރު މަހެއް ހައި  ދުވަހުގެ ތެރޭގައި އެ މީހުންގެ ދުވަސް ދުއްވައިލައްވައިފިއެވެ.  ޤައުމާއި ދީނާއި ރައްޔިތުން ސަލާމަތް ކުރައްވައިފިއެވެ. ކިހިނެއްތޯއެވެ؟ އަޅުގަނޑުމެން އެންމެން ދަންނަމުއެވެ. ސިއްރިއްޔާތުގައި ކުރެއްވި ތަދުބީރުތަކެކެވެ. ރޭއްވެވި ރޭއްވެވުންތަކެކެވެ. ހަސަން މަނިކުފާނަށް އިތުބާރު އޮތް އާންމު ދިވެހީން ބައިވެރިކުރައްވައިގެނެވެ. ހަތިޔާރެއް ނެތިއެވެ. ބާރެއް ނެތިއެވެ. ހުސް އަތްތަކެކެވެ. އެކަމަކު އީމާނާއި ޢަޒުމާއި އިޚްލާޞްތެރިކަމުން ފުރިގެން ވާ ހިތްތަކެކެވެ. 

ކާމިޔާބު ޖިހާދަކަށް ފަހު ދިވެހި ޤައުމު މިނިވަން ވީ އެވެ. ބޭރުން އައި ދުޝްމަނުން ރޭރުވެގެން ބޭރުވެގެން ދިޔައީއެވެ. އެއަށް ފަހު ކަންތައްތައް ވެގެން ދިޔައީ ކިހިނެއްތޯއެވެ؟ ޙިކުމަތްތެރި ބަހެއްގައި ވަނީ މީހުންނާއި ނުމީހުން ވަކިވެ އެނގޭނީ ފޮންޏާއި ހިތީގައި އޭނާ ތަޖުރިބާ ކުރެވުނީމާ ކަމަށެވެ.

ރަސްކަމަށް އިންކާރު ކުރެއްވުން:

 މުލީގޭ ޙަސަން މަނިކުފާނުގެ ޤިޔާދަތުގެ ދަށުގައި ތިބޭން ދިވެހި ރައްޔިތުން ބޭނުންވިއެވެ. ރައްޔިތުން ދެންނެވީ ޙަސަން މަނިކުފާނު ރަސްކަމުގެ ތަޚުތުގައި އިށީނދެ ވަޑައިގަތުމަށެވެ. އެކަމަކު ގަބޫލުފުޅެއް ނުކުރެއްވިއެވެ. ބޭނުންފުޅުވީ މަލިކުގައި ވީ ރަދުން ގެންނަވައި އެ ރަދުން ތަޚުތުގައި ވަޑުވާށެވެ.  މަސައްކަތްޕުޅު ފެށްޓެވި އެ ރަދުން ގެންނަވާށެވެ. ތަޚުތާ ދުރުވެވަޑައިގަންނަވާށެވެ. ތާޖާއި ތާރީފާއި ތާއީދަށް ވުރެ، އިޚްލާޞްތެރިކަމާއި ޚިދުމަތްތެރިތެރިކަން އިސްކުރެއްވިއެވެ. ވަރަޢަވެރިކަމާއި ތަވާޟުޢުވެރިކަން ކުރިޔަށް ނެރުއްވިއެވެ.

މަލިކަށް ގެންދެވުނު ރަދުން ގެންނެވޭތޯ މަލިކު މީހަކު ވެދުވެރިކޮށް މަސައްކަތް ކުރެއްވިކަމަށް ވެއެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ. ހަނގުރާމަވެރި ރޭއްވެމުންތައް ވެސް ރޭއްވެވި އެވެ. ނަމަވެސް އެކަމުގައި މެދުވެރި ކުރެއްވި މީހާ ހަރާންކޯރު ވުމުން، ދުޝްމަނުންނަށް މިކަންކަން ހާމަވީ އެވެ. ނަތީޖާ ވަރަށް ހިތްޗެވެ. އެންމެ ފަހުން ރަދުން، މަލިކުގައި ޝަހީދު ކޮށްލެވުނީއެވެ.

މާލީ އެހީއަށް ނޫނެކޭ ވިދާޅުވުން:

މުލީގެ ޙަސަން މަނިކުފާނަށް ޝުކުރު އަދާ ކުރުމުގެ ގޮތުން، ރައްޔިތުން ދެން ރައްދުކޮށް ދޭން  ބޭނުންވީ މާލީއެކެވެ. އެކަމުން ވެސް ދުރުވެވަޑައިގަތެވެ. އެ އެހީގައި ހިއްޕެވި ކަމަކަށް  ނުވެއެވެ. މިހިރީ ޚުލާފާއުއްޝާދޫންގެ ތެރެއިން ’ފަސްވަނަ ޚަލީފާ‘ މަޝްހޫރު ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ ފަރާތްޕުޅުން ފެނިފައި ވާ ފަދަ ރީތި އަދި އަޖައިބު ކުރުވަނިވި ނަމޫނާ ނޫންތޯއެވެ؟

ތަޚުތުގައި އިށީނދެވަޑައިގަތުން:

އެތައް ސަބަބަކަށްޓަކައި ޙާލަތު ނިޔާ ކުރީ ދޮން ޙަސަން މަނިކުފާނު ޤައުމު ހިންގެވުމާ މަތިވެވަޑައިގަންނަވާށެވެ. އެ ޚިދުމަތް ވީ، އެހިނދަށް ކޮންމެހެން އަދާ ކޮށްދެއްވާން ޖެހިފައި ވާ ކަމަކަށެވެ. މަޖުބޫރު ހާލަތެކެވެ. ދޮން ޙަސަން މަނިކުފާނު ގައުމު ހިންގަވާން ފެށްޓެވިއެވެ. ރަސްކަލެއްގެ ގޮތުގައެއް ނޫނެވެ. ކީއްތޯއެވެ؟ ފުރަތަމަ، ރަދުންގެ އަންހެން ބޭފުޅަކު ދައުލަތުގެ އެންމެ ބާރުވެރި ފަރާތުގެ ގޮތުގައި މަތިކުރައްވައިގެނެވެ. ފަހުން އެ ކަމަނާ އައްޑުއަށް ވަޑައިގަތީއެވެ. ދެން އެ ކަމަނާގެ ކޮއްކޯފުޅެވެ. ނަމަވެސް އެ ދެ ބޭފުޅުން ވެސް ފަހުން އެކަމަށް އުޒުރުވެރިވެވަޑައިގަތެވެ. ނަތީޖާއަކަށް ވީ ރަސްކަލެއްގެ މަޤާމު ގަބޫލު ކުރެއްވުމަށް ދޮންޙަސަން މަނިކުފާނުގެ މައްޗަށް ވަގުތާއި ޙާލާއި ޒަމާން މަޖުބޫރު ކުރުމެވެ. ދެން އެކަން  އެ ގޮތުގައި ބަލައިގަންނަވައިފިއެވެ. ރަސްކަމާ ހަވާލުވެވަޑައިގެންފިއެވެ. އަލްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒައްދީނުގެ ނަންފުޅުގައެވެ.

ހޮޅީންގެ ވަރުގަދަ ޙަމަލާއެއް:

ދޮންބަންޑާރައިންގެ ރަސްކަމުގައި ހޮޅީންގެ ބައެއް ހަމަލާ އައިކަމަށްވެއެވެ. އެންމެ ފުރަތަމަ ހަމަލައިގައި އެމީހުން ބަލި ކުރެއްވީ ހިންޏަށް ހަކުރު އޮޅުވައިލައްވައިގެނެވެ. ހޮޅީންނަކީ މާލެއާއި މާލޭގެ ރަސްކަމުގެ އާޖު ފާޖަށް ފަރިތަބައެކެވެ. ހޮޅީން މާލެއާ ދިމާއަށް އަންނަކަން އެނގިވަޑައިގެން ދޮންބަންޑާރައިން ކަން ކުރެއްވި ކަމަށް ބުނެވޭ ގޮތަކީ، ހޮޅީންގެ ޔުނީފޯމު ލައްވައިފައި ދިވެހި ’ސިފައިން‘ ބުރުތަކު މައްޗަށް ނެރުއްވުމެވެ. މި ދަންތުރައިގައި ހޮޅީން ފިސާރި ރަނގަޅަށް ޖެހުނެވެ. އެ މީހުން ހީކުރީ މާލޭގައި އެ ހިނގި ހަނގުރާމައެއް ހިނގައި އެ ވީ ގޮތެއް ވުމަށް ފަހު ވެސް އަލުން އަނެއްކާ ހޮޅީންގެ ވެރިކަމެއް މާލޭގައި އޮތީކަމަށެވެ. މާލޭ ކަނޑިމައިން އެ މީހުން ވަނުން ވީ،  ދަތި މަތީ އޮތް މަސްކޮޅު ފެނިގެން އުފަލުން އައިސް މީދާދަތީގެ ތެރެއަށް މީދާ ބޯ ބޭނުން ފަދަ ކަމަކަށެވެ. ޖަހައި ތަޅައި މަރައިގެންފިއެވެ. ދުޝްމަނުން ވިއްސި ވިހާލި ކުރައްވައި ބަލި ކުރައްވައިފިއެވެ. ދިވެހި ޤައުމަށް ހޯއްދަވައި ދެއްވީ މިނިވަންކަމެވެ.

ރަދުންގެ އަޚާ މާލެ ގެންނެވުން:

ޝަހީދުކޮށްލެވުނު ރަދުންގެ އަޚަކު (ފަހުން ޣިޔާޘުއްދީނު ރަދުން) އިންޑިޔާގެ ރަށެއްގައި ދިރިއުޅުއް ވާ ޚަބަރު ދޮންބަންޑާރައިންނަށް ލިބިވަޑައިގެންފިއެވެ. ބަންގާޅު ދަތުރު ކުރާ އޮޑިއަކުން އައި ޚަބަރެކެވެ. އެ ޚަބަރު ލިބިވަޑައިގަތުމުން އެ މަނިއްޕުޅު ބަލައި ފޮނުއްވައިގެން މާލެ ގެންނެވިއެވެ. ބެހެއްޓެވީ ރަސްކަމުގެ ގަނޑުވަރުގައެވެ.  ޝާހީ ބޮޑެތި ރަސްމިއްޔާތުތަކުގައި އެ މަނިއްޕުޅަށް ޚާއްޞަ އިސްކަމެއް ދެއްވާކަމަށްވެއެވެ.  މިހިރީ ކޮން ފަދަ ރީތި ނަމޫނާ ތޯއެވެ؟ މިއީ ކޮން ފަދަ  ހިތްޕުޅު ތިރި، ނިތްޕުޅު އަލި، ޝަޚުޞިއްޔަތެއް ތޯއެވެ؟

ވަސިއްޔަތްޕުޅު:

ދޮންބަންޑާރައިން އަވަހާރަވީ އިރު އެ ރަދުންގެ ބޭފުޅުން ދުނިޔޭގައި ތިއްބެވިއެވެ.  އާލާސްކަންފުޅު ބޮޑުވުމުން ރަސްކަން އެއިން ބޭފުޅަކާ ހަވާލު ކުރެއްވިދާނެއެވެ. ނޫނީ އަވަހާރަ ވުމުން ރަސްކަން ’ލިބިގަތުމަށް‘ އެ ބޭފުޅުންނަށް އަމުރު ވެސް ކުރެއްވި ދާނެއެވެ. ނަމަވެސް އެ ކަން ވެސް އޮތީ، އެހެނެއް ނޫނެވެ. އެބޭފުޅުންނަށް ކުރެއްވި ވަޞިއްޔަތްޕުޅަކީ، މިއެވެ. [ރަސްކަމުގެ ވާރުތަވެރީންނަކީ ތިޔަ ކުދީންނެއް ނޫނެވެ. ރަސްކަމުގެ ވާރުތަވެރިޔަކީ، މުޙަންމަދު މަނިކުފާނު (އައްސުލްޠާނު މުޙަންމަދު ޣިޔާޘުއްދީން) އެވެ. އިހު ހުންނެވި ރަދުންގެ އަޚާއެވެ. ތިޔަ ކުދީންނާއި މާތް ﷲއާއި ވަކީލެވެ.]

އަޅުގަނޑުމެންގެ ދަރީންގެ ދަރީންނަށް ދާން ދެން، އެ ކުދީން ހިތްތަކުގައި ކުރެހިފައި ވާންވީ މި ފަދަ ރީތި ތަސްވީރުތައް ނޫންތޯއެވެ. ޤައުމަށާއި ދީނަށް ވަފާތެރި ޚުލްޤު ހެޔޮ މި ފަދަ ކިތައް ނަމޫނާ ދިވެހި އުންމަތުގެ ތާރީޚު ދެކެފައި ވޭ ތޯއެވެ. މި ފަދަ ބޭބޭފުޅުންގެ ކިބައިން ނަމޫނާ ލިބިގަންނާނެ ޖީލަކަށް އުންމީދު ކުރަމާތޯއެވެ. ދަރީންގެ ތަރުބިއްޔަތާ މި ފަދަ ފިލާވަޅުތަކާ ގުޅުވަމާތޯއެވެ. ޢިބްރަތާއި ޙިކްމަތް ލިބިގަންނަމާތޯއެވެ. ހެރީ ޕޮޓާއާއި ގެރީގެ ފޮޓޯއާއި، ޓޮމް އެންޑް ޖެރީން އަޅުގަނޑުމެންގެ ދަރީންގެ ސިކުނޑިތަކަށް ފޯރަނީ ކޮން އެއްޗެއްތޯއެވެ؟ އަޅުގަނޑުމެންގެ ޤައުމަށް ދީނަށް ސަގާފަތަށް އެ ކުދީންގެ އުޅުމަށް އަޚުލާޤަށް އެއިން  ލިބެނީ ކޮން ފައިދާއެއް ތޯއެވެ؟

ޤައުމު ދަރިއެއްގެ މަދަދަށް ބޭނުންވި ވަގުތު ދޮން ބަންޑާރައިން އެ ކަމަށް ލައްބައިކައޭ ވިދާޅުވެ އިޖާބަދެއްވީ ޖާނާ ފުރާނައިންނެވެ. ޤައުމު ވެރިއެއްގެ ޚިދުމަތަށް ބޭނުންވި ހިނދު ދޮން ބަންޑާރައިން އެ ކަން ކުރެއްވީ އަގެއް އުޖޫރައެއް ނެތި ދަރުމައަށެވެ. ޤައުމު ހިމޭންކަމާއި އަމާންކަމަށް ބޭނުންވި ވަގުތު ދޮންބަންޑާރައިން ވެވަޑައިގަތީ، ރަސްކަމުގެ ތަޚުތުގެ އަވައިގައި ޤައުމުގެ ހިމޭންކަން ސުންނާފަތި ކުރާ ދައްބާބާ(bulldozer)   އަކަށް ނޫނެވެ.  ކީއްތޯއެވެ؟ ވެވަޑައިގަތީ، އެންމެ ހެޔޮ މަޞްލަޙަތު ކުރިޔަށް ނެރުއްވި، މުޞްލިޙަކަށެވެ. އެންމެ ފުނުން ޙިކަމަތުގެ މުތްތައް ނެރުއްވި ޙިކަމްތެރިއަކަށެވެ. އެންމެ ބޭކާރު ހިޔަނިތައް (ދުނިޔޭގެ ޒީނަތާއި މުދާ) ދޫކުރެއްވި އަޅުވެރި، ވަރަޢަވެރިޔަކަށެވެ.  އެންމެ މަތިވެރި އަޚުލާޤީ ސިފަތައް ޖަމާކުރެއްވި އިޚްލާޞްތެރި ޤަދަރު ހުރި، ދިވެހި ދަރިޔަކަށެވެ. ސުވާލަކީ،  މި ކަންކަން ތިބާގެ އަމިއްލަ ނަފުސާ ގުޅުވައިލީމާ މި ހިނދު، މި ވަގުތު، ނިކުންނަ ނަތީޖާ އަކީ ކޮބައިތޯއެވެ!!  މަދު، ސިކުންތުކޮޅަކަށް  ނަމަވެސް،  ފިކުރު ހިންގަވައި ލައްވާށެވެ!   

ޝެއަރކުރެއްވުމަށް