ދިވެހި ސިފައިން އުފެދުނީ އައްސުލްޠާނު އިބްރާހީމް ނޫރައްދީން އިސްކަންދަރުގެ ރަސްކަމުގެ ދެވަނަ ފަހަރު މީލާދީން 1892 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 21 ގައިކަމަށް މިވަނީ ސަރުކާރުން ކަނޑައަޅާފައެވެ. މިއުފެދުނު ސިފައިންގެ މަސައްކަތެއްގެ ގޮތުގައި އެއްމެ ފުރަތަމަ ވެފައި އޮތީ ރަދުންގެ އަރިހުގައި ފައި އެއްވަރުކޮށް ހިނގުމެވެ. ނަމަވެސް ދުވަސްތައް މާޒީވަމުން ދިޔަދިޔަހެން އަދާކުރަންޖެހޭ ދައުރާއި މަސްއޫލިއްޔަތު ދިޔައީ އިތުރު ވަމުންނެވެ. ސިފައިން އުފެދުނުތާ ގާތްގަނޑަކަށް 17 އަހަރުފަހުން ކުރިމަތިވި އެންމެ ބޮޑު އެއްކަމަކީ ”ޕިޝޯރީންނާއި ކުރަންޖެހުނު ހަނގުރާމަ“އެވެ. އެހަނގުރާމައާއި ގުޅިގެން ސިފައިން ކުރަންޖެހުނު މަސައްކަތްތައް ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ.

އޭގެފަހުންވެސް ޤައުމަށް ތަފާތު ލޮޅުންތަކާ ކުރިމަތިލާންޖެހުނު ކޮންމެ ފަހަރަކު ސިފައިން ވަރަށް ބޮޑު ދައުރެއްވަނީ އަދާކޮށްފައެވެ. 1940ގައި އިނގިރޭސީން އައްޑުއަތޮޅު ގަމަށް ފޭބުމާއިގުޅިގެން  އިނގިރޭސީންނާ އުފެދުނު ގުޅުމުގެ ތެރެއިން 1942 ގައި ސިފައިންގެ ޤާބިލްކަން އިތުރުކުރުމުގެ ގޮތުން ރާއްޖޭންބޭރުން ތަމްރީނު ހޯދުމުގެ ފުރުސަތެއް އޭރުގެ ސަރުކާރުން ހޯއްދަވައިދެއްވިއެވެ. އެކަމުގައި އިސްވެ އުޅުއްވީ އޭރުގެ މަޙުކަމަތުލް އަމަންޢާންމުގެ ވެރިޔާ އަލްއަމީރު ޙަސަންފަރީދު ދީދީއެވެ. އެފަހަރު އަލްއަމީރު ޙަސަންފަރީދު ދީދީގެ އަރިހުގައި ސިލޯނަށް ދިޔަ ސިފައިންގެ ޓީމުގައި 13 ބޭފުޅުން ހިމެނެއެވެ.  އެއީ އޭރު ތިބި ސިފައިންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައެވެ. އެމީހުން ތަމްރީނު ހޯދީ އޭރު ސިލޯނުގައި އޮތް އިންޑިޔާގެ 16 ވަނަ ޕަންޖާބު ރެޖިމެންޓް ގައެވެ. އޭގެ ދޮޅު އަހަރެއްހާ ދުވަސްފަހުން، އެބޭފުޅުން މާލެ ވަޑައިގަތުމާއެކު ސިފައިންގެ ކަންތައްތަކަށް އަންނަމުން ދިޔަ ހެޔޮބަދަލުތަކުގެ ތެރެއިން އެއްކަމަކީ ސިފައިންގެ ފުރަތަމަ އަހަރީ ދުވަހެއް ފާހަގަ ކުރުމެވެ.

ސިފައިންގެ ޚިދުމަތް ވުޖޫދަށް އައިތާ ގާތްގަނޑަކަށް ފަންސާހަކަށް އަހަރު މާޒީވެ ދިޔަފަހުން ފާހަގަ ކުރި ފުރަތަމަ އަހަރީދުވަސް ފާހަގަ ކުރީ ހިޖުރައިން 1366 ވަނައަހަރު ރަޖަބުމަހު 16 ވަނަދުވަހު (މީލާދީ ސަނަތުން 1947 ވަނައަހަރުގެ ޖޫންމަހުގެ 6 ވަނަދުވަހު) އެވެ. އޭރު ރާއްޖޭގެ ވެރިކަން ހިނގަމުން ދިޔައީ ވަލީ ކޮމެޓީގެ ދަށުންނެވެ. ރާއްޖޭގެ ރަސްކަމަށްވަނީ ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު އައްޔަން ކުރެވިފައެވެ. ނަމަވެސް ތަޚްތަށް އިސްވެ ވަޑައެއް ނުގަންނަވައެވެ. އޭރު ސިފައިންގެ ވެރިޔާއަކީ އޭރުގެ ވަޒީރުލް އަޢުޡަމް ސުމުއްވުލްއަމީރު މުހައްމަދުއަމީން ދޮށިމޭނާ ކިލެގެފާނެވެ.

ސިފައިންގެ ފުރަތަމަ އަހަރީ ދުވަހަށް ޚާއްޞަ ކުރެވިފައި އޮތް ކަންތަތަކުގެ ތެރޭގައި އެންމެ ޚާއްޞަ އެއްކަމަކީ ސިފައިންގެ ފުރަތަމަ ބަޑިމުބާރާތެވެ. މިބަޑި މުބާރާތް ބޭއްވުނީ ދޫނިދޫގައެވެ. އެދުވަހު ބަޑިމުބާރާތު ގައި ސިފައިން ބަޑިޖަހާ ނިމުނިއިރު އެއްވަނަ ދަރަޖައިގައި ދެބޭފުޅަކު ހޮވިގެން ދިޔައެވެ.  އެދެ ބޭފުޅުންނަކީ ބަންދު މުޙައްމަދު ކަލޭފާނާއި  ޅަރީތި ދޮންތުއްތުއެވެ. މިދެބޭފުޅުންނަކީ ޕަންޖާބް ރެޖިމެންޓުގައި ތަމްރީނު ހޯއްދެވި ދެބޭފުޅުންނެވެ. ޅަރީތި ދޮންތުއްތުއާއި ނާއިބުގޭ ޅަތުއްތު އަކީ އެތަމްރީނުގައި އެންމެ މޮޅު ބަޑިޖެހުންތެރިންގެ ތެރޭގައި ފާހަގަ ކުރެވުނު ދެބޭފުޅުންނެވެ.  ދެވަނަ ދަރަޖައިގާ ހޮވިފައިވަނީ ސިފައިންގެ ވެރިޔާ އަލްއަމީރު މުޙައްމަދު އަމީން ދީދީއާއި މޫސާ ކަލޭފާނު ދޮންތުއްތު އެވެ. ތިންވަނަ ދަރަޖައިގައި ތިންބޭފުޅުން ހޮވިފައި ވެއެވެ. އެއީ ކެޔޮޅުގޭ އަލިފުޅާއި، ނައިބުގޭ ޅަތުއްތު އާއި އޮގަރު ކަޅުހުއްތު އެވެ. މިބޭފުޅުންނަށް އިނާމް ދެއްވީ ވަލީކޮމެޓީގެ މެމްބަރު އަލްއަމީރު އަލީކުޑަ ރަންނަބަނޑޭރި ކިލެގެފާނުގެ އަތްޕުޅުންނެވެ.

އެދުވަހު ދެން ފާހަގަ ކުރެވުނު އަނެއްކަމަކީ ސިފައިންނަށް ދިދަ ދެއްވުމެވެ. ސިފައިންގެ ދިދަ ތައްޔާރުކުރެވުނީ އޭރު ތަޚުތަށް އިންތިޚާބު ކޮށްފައިވާ އަލްއަމީރު އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ރާއްޖެ ވަޑައިގަންނަވާ ދުވަހަށް އެމަނިކުފާނަށް  ޢިއްޒަތް އެރުވުމައްޓަކައި، ސިފައިންގެ ކަންތައްތައް ފުރިހަމަ ކުރުމުގެ ގޮތުންނެވެ. ސިފައިންނަށް ފުރަތަމަ ދެއްވި ދިދައަކީ ފެއްސާ ހުދާ ނޫ ކުލަ ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ދިދައެވެ. އެދުވަސްވަރަކީ ރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގައި އޮތް ދުވަސްވަރު ކަމަށްވާތީ ދިދައިގެ ދަނޑިޔާވީފަރާތުގައި ހުދު ފޮތިފަށަކުން ދަނޑިމައްޗެއް ލާފައި ހުރިކަމަށް އެކިއެކި ކަންކަން ހިނގާފޮތުގައި ލިޔެފައިވާ ލިޔުމުން އެނގެއެވެ.  ސިފައިންނަށް ދިދަ ދެއްވުމުގެ ވަގުތުގައި، އެކަންހިނގި ގޮތަކީ،  އެދުވަހު ހެންވޭރު ބޯޅަބިމުގައި ސިފައިން ސިފައިންގެ ފުރަތަމަ ލަވަ ކިޔާފައި ބޭންޑާއެކު ރޫޓު މާރޗް ކޮށްފައި އައިސް ހެންވޭރު ބޯޅަބިމުގައި ހުއްޓުމަށް ކަނޑައެޅިފައިވާ ތަނަށް ހުއްޓުނެވެ. އެވަގުތު ޢަލީ ކުޑަ ރަންނަބަނޑޭރި ކިލެގެފާނާއި، އައްޝައިޚް ޢަބްދުﷲ ފަހުމީދީދީ އާއި މުޙައްމަދު އަމީން ދީދީ ކޮޅައްތެދުވެ ވަޑައިގެންނެވިއެވެ. އެވަގުތު ކެރަފާ މުޙައްމަދު ކަލޭފާނު ސިފައިންގެ ދިދަ ހިއްޕަވައިގެން ވަޑައިގެން ޢަލީ ކުޑަ ރަންނަބަނޑޭރި ކިލެގެފާނު އަރިހަށް ހުއްޓިވަޑައި ގެންނެވިއެވެ. އެވަގުތު ޤާޟީ ޞަލަވާތް ވިދާޅުވުމަށްފަހު ޢަލީ ކުޑަ ރަންނަބަނޑޭރި ކިލެގެފާނު އަތްޕުޅަށް ދިދައެރުވުމުން އެދިދަ ކުޑަ ރަންނަބަނޑޭރި ކިލެގެފާނު ދެއްވީ ސިފައިންގެ ވެރިޔާ އަލްއަމީރު މުޙައްމަދު އަމީނު އަތްޕުޅަށެވެ. މުޙަންމަދު އަމީނު އެދިދަ އެރުވީ ސިފައިންގެ އޮފިސަރ ވެލާނާގޭ އިބްރާހީމް މުޙައްމަދުދީދީ އަތްޕުޅަށެވެ. މިދުވަހު ހިނގި މުހިންމު ކަންތައްތަކުގެ ތެރޭގައި ސިފައިން ބޭންޑާއެކު ފުރަތަމަ ފަހަރަށް ރޫޓް މާރޗް ކުރިއެވެ. އޭރު އޮތް ބޭންޕާޓީއަކީ ސިފައިންއެކަނި ހިމެނޭ ބޭންޕާޓީ އެއް ނޫނެވެ. އޭރު ބޭންޕާޓީގައި ތިބެނީ ސިފައިންނާ ޢާންމުންނެވެ. އޭގެތެރޭގައި ހިމެނޭ އެއްބޭފުޅަކީ ރަތް ނިޒާރެވެ. އަދި ބެއްޔަ ތުއްތުއަކީ ބޭންޕާޓީގައި ތިބި ޢާންމުންގެ ތެރެއިން ސިފައިންގެއާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ. ސިފައިން ބޭންޑާއެކު ރޫޓުމާޗެއް ފުރަތަމަ ކުރީވެސް ސިފައިންގެ ފުރަތަމަ އަހަރީ ދުވަހުއެވެ. މިދުވަސްވަރު ބޭންޑް ދަސްކޮސްދެއްވަނީ މޫނިމާގޭ ސީދީއެވެ. ފަރިތަކުރުންތައް އޮންނަނީ މޫނިމާ ގޭގައެވެ.

ސިފައިން ފުރަތަމަ ބޭނުން ކުރި ސިފައިންގެ ލަވަ ”ލެފް ރައިޓް ކުރިއަށް ފައިގެންދަމާ“ މިލަވަ އަކީ ސުމުއްވުލް އަމީރު މުޙައްމަދު އަމީނު ހެއްދެވި ލަވައެކެވެ. އަންޖަމަން އަމީންގައި ޝާއިޢު ކޮށްފައިވާ މިލަވައިގެ މައިގަނޑު ފެށެނީ [ފައްޓަމާ ސާދާ ބޭނުންނަޔާ! ގެންދަމާ ތާޒާވާހެން] މިފަދަ އިންނެވެ. މިލަވަ ފުރަތަމަ ފަހަރަށް ކީދުވަހަކީވެސް ސިފައިންގެ ފުރަތަމަ އަހަރީދުވަހެވެ.

ފުރަތަމަ ފާހަގަ ކުރެވުނު އަހަރީ ދުވަހު މިފާހަގަ ކުރެވުނު ކަންތައްތަކަކީ ސިފައިންގެ ސިފަވަންތަކަން އިތުރުވެ ރައްޔިތުންގެ މެދުގައި ސިފައިންގެ މަޤަބޫލުކަން އިތުރުވެގެން ދިޔަ ކަންތައްތަކެކެވެ. އެދުވަހަށްފަހު ސިފައިންގެ އަހަރީދުވަސް މެދުނުކެނޑި 1387 (1967) އާއި ހަމައަށް 16 ރަޖަބު ގައި ފާހަގަ ކުރަމުން އައެވެ. މިގޮތުން ފުރަތަމަ ފާހަގަ ކުރެވުނު އަހަރީ ދުވަސް ވެގެން ދިޔައީ ވަރަށް ބޮޑު ސިފައިންގެ ޢީދެއްގެ ގޮތުގައެވެ. ސަރުކާރުގެ ލިޔުންތައް މީލާދީ ތާރީޚުން ބަލާގޮތަށް ހަމަ ޖެހުމާ ގުޅިގެން 33 އަހަރަށްފަހު، ފުރަތަމަ އަހަރީ ދުވަސް ފާހަގަކުއި ހިޖުރީ ތާރީޚް ދިމާވާ މީލާދީ ތާރީޚަށް ބަލައިގެން 6 ޖޫންގައި އަހަރީ ދުވަސް ބަލަން ފެށިއެވެ.  އޭގެފަހުން 1992 އިން ފެށިގެން އަހަރީ ދުވަސް ފާހަގަ ކުރަމުން ދަނީ 21 އޭޕްރިލް ކަމުގައި ބަލައިގެންނެވެ.  

ޝެއަރކުރެއްވުމަށް