ޙަޤީޤީ ކާމިޔާބު މީހުންނަކީ ކޮބައިކަން ބުނެދެވޭނީ ކާކަށް ހެއްޔެވެ؟ ކާމިޔާބު މީހެކޭ ބުނެއުޅެނީ އެމީހަކު އެ މަސައްކަތްކުރާ ދާއިރާއަކުން އާދަޔާ ޚިލާފް ކުރިއެރުންތަކެއް ހޯދާފައިވާ ފަރާތްތަކަށެވެ. ދިރިއުޅުމާއި ވިޔަފާރީގެ ދާއިރާގައެވެ. ނަމަވެސް ކާމިޔާބު މީހަކަށް ވުމަށް ޓަކައި ކިހާވަރެއްގެ ހުރަސްތަކަކާ ކުރިމަތިލާން ޖެހިފައިވާކަން އެނގެނީ ކާކަށް ހެއްޔެވެ؟ މި ދެންނެވި ކާމިޔާބު މީހުން ކުރިއަރައި ދިއުމުގައި ފެއިލްވެފައިވަނީ ކިތައް ފަހަރުކަން އެނގެނީ ކާކަށް ހެއްޔެވެ؟ މި ލިޔުމުގައި މި ބަލާލަނީ މޮޓޯސް އުފެއްދުމުގައި ދުނިޔޭގައި އެންމެ ނުފޫޒުގަދަ އެއް ފަރާތް ކަމުގައިވާ ”ހޮންޑާ“ ކުންފުނީގެ ބާނީ ސޮއިޗީރޯ ހޮންޑާގެ ހަޔާތުގެ ޞަފުޙާތަކުގެ މައްޗަށެވެ.

ހޮންޑާއަކީ އަޅުގަނޑުމެން އެންމެން ވެސް ދަންނަ ފަރިތަ ނަމެކެވެ. ހޮންޑާ ކުންފުނީގެ ސައިކަލެއް ނެތް ޒުވާނަކު ރާއްޖޭގައި މަދުވާނެއެވެ. ހޮންޑާގެ މަޝްހޫރުކަން ފެތުރިފައިވަނީ ރާއްޖޭގައި އެކަންޏެއް ނޫނެވެ. އޭޝިޔާއާއި ޔޫރަޕް އަދި މުޅި ދުނިޔޭގައެވެ. ނަމަވެސް މި ކުންފުނި ކާމިޔާބު ކުންފުންޏަކަށް ހެދުމަށް އެ ކުންފުނީގެ ބާނީ ސޮއިޗީރޯ ހޮންޑާއާ ކުރިމަތިލާންޖެހުނު ގޮންޖެހުންތައް އެނގެނީ ކާކަށްތޯއެވެ؟

ސޮއިޗީރޯ ހޮންޑާ އުފަން ވެފައިވަނީ 1906 ނޮވެންބަރު 17 ވަނަ ދުވަހު ޖަޕާނަށެވެ. އެހެން ޤައުމުތަކެކޭ ވެސް އެއްފަދައިން ނަވާރަސަތޭކަ ތިރީހުގެ އަހަރުތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް އައިސްފައިވާ ބޮޑުތަދުގެ އަސަރު ޖަޕާނަށް ވެސް ވަރަށް ބޮޑަށް ކުރި ދުވަސްވަރެކެވެ. ޖަޕާނުގެ އުފަން ރައްޔިތެއް ކަމުގައިވާ ސޮއިޗީރޯ ހޮންޑާ، ސުކޫލްގައި އުޅެމުން ކުޑަ ވޯކްޝޮޕެއް ހިންގަން ފެށީ 1938 ވަނަ އަހަރުގައެވެ. މި ވޯކްޝޮޕްގައި ސޮއިޗީރޯ ހޮންޑާ ކުރާ މަސައްކަތަކީ ޕިސްޓަން ރިންގެއް ޑިޒައިން ކުރުމުގެ މަސައްކަތެވެ.

ސޮއިޗީރޯ ހޮންޑާގެ މަޤުޞަދަކަށްވީ އޭނާގެ މި އުފެއްދުން “ޓޮޔޯޓާ“ ކުންފުންޏަށް ވިއްކާލުމެވެ. ސޮއިޗީރޯ ހޮންޑާ ޤަބޫލުކުރަމުން އައީ މި އުފެއްދުމަކީ ފުރިހަމަ އަދި އަގުހުރި އުފެއްދުމަކަށް ހެދޭނެ ކަމުގައެވެ. މި ކަން ކާމިޔާބުކުރުމަށް ޓަކައި ރެޔާއިދުވާލު މަސައްކަތް ކުރިއެވެ. އޭނާގެ ރައުސްމާލު އިތުރު ކުރުމަށް ސޮއިޗީރޯ ހޮންޑާ، އޭނާގެ އަނބިކަނބަލުންގެ ގަހަނާކޮޅު ވެސް ވިއްކާލިއެވެ.

އެތައް ދުވަހެއްގެ މަސައްކަތަށްފަހު ޕިސްޓަން ރިންގްގެ މަސައްކަތް ނިންމައި އޭގެ ނަމޫނާއެއް ހިފައިގެން ސޮއިޗީރޯ ހޮންޑާ ދިޔައީ ޓޮޔޯޓާ ކުންފުންޏަށެވެ. އެ ޕިސްޓަން ރިންގު ޓޮޔޯޓާ ކުންފުންޏަށް ވިއްކާލުމަށެވެ. ނަމަވެސް ޓޮޔޯޓާ ކުންފުނީގެ މިންގަނޑުތަކަށް ނުފެތޭކަމަށް ބުނެ އެ ޕިސްޓަން ރިންގު ގަތުމަށް އެމީހުން ދެކޮޅު ހެދިއެވެ. މީގެ އިތުރުން ސޮއިޗީރޯ ހޮންޑާގެ އެ އުފެއްދުމަށް ޓޮޔޯޓޯ ކުންފުނީގެ އިންޖިނިއަރުން މަލާމާތް ވެސް ކުރިއެވެ. ޓޮޔޯޓޯ ކުންފުނީގެ އިންޖިނިއަރުންގެ މަލާމާތާ އެކުވެސް އެ މަސައްކަތް ހުއްޓާ ނުލާ ކުރިއަށް ގެންދިޔައެވެ. އެ މަސައްކަތް ސޮއިޗީރޯ ހޮންޑާ ކުރަމުންދިޔައީ ސްކޫލަށް ވެސް ދަމުންނެވެ.

އާ ހިތްވަރަކާ އެކު ސޮއިޗީރޯ ހޮންޑާ ދެ އަހަރާއިބައި ވަންދެން ކުރި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޓޮޔޯޓާ ކުންފުންނިން އިއުލާނުކޮށްފައިވާ ޕިސްޓަން ރިންގު ހެދުމުގެ ކޮންޓްރެކްޓެއް، ސޮއިޗީރޯ ހޮންޑާ ކާމިޔާބު ކުރިއެވެ.

ކަންދިމާކުރި ގޮތުން ސޮއިޗީރޯ ހޮންޑާ ޓޮޔޯޓާ ކުންފުނީގެ ކޮންޓްރެކްޓް ކާމިޔާބުކުރި ދުވަސްވަރަކީ ޖަޕާނު ދެވަނަ ބޮޑުހަނގުރާމައަށް ތައްޔާރުވަމުން ދިޔަ ދުވަސްވަރެވެ. މި ސަބަބާ ހުރެ، ޖަޕާނުގެ މޮޓޯ ކުންފުނިތަކަށް ޑިމާންޑް ބޮޑުވަމުން ދިޔައެވެ. ނަތީޖާއަކަށް ވެގެންދިޔައީ ޓޮޔޯޓާ ކުންފުންޏަށް ޕިސްޓަން ރިންގު ސަޕްލައި ކުރުމަށް ފެކްޓްރީއެއް ހަދަން ޖެހުމެވެ. ނަމަވެސް ދުނިޔެއަށް އައިސްފައިވާ ތަދުމަޑުކަމުގެ ސަބަބުންނާއި އަދި ދެވަނަ ބޮޑުހަނގުރާމައިގެ ސަބަބުން ޖަޕާނުގެ ހާލަތު އޮތް ގޮތުން ފެކްޓްރީ ހަދަން ބޭނުން ކުރާނެ ސާމާނު ހޯދުމުގައި ސޮއިޗީރޯ ހޮންޑާއަށް ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ. މިކަން މިހެން އޮތްނަމަވެސް ސޮއިޗީރޯ ހޮންޑާ އޭނާގެ މަސައްކަތް ހުއްޓައެއް ނުލިއެވެ. ކޮންކްރީޓް ހެދުމުގެ އައު ގޮތެއް އީޖާދުކޮށްގެން ސޮއިޗީރޯ ހޮންޑާ އޭނާގެ ފެކްޓްރީ ހަދާ ނިންމާލިއެވެ.

ޕިސްޓަން ރިންގު ހެދުމަށް ސޮއިޗީރޯ ހޮންޑާ ހެދި މި ފެކްޓްރީގެ މަސައްކަތް ފެށިތާ ދުވަސްކޮޅެއް ނުވަނީސް ދެ ފަހަރެއްގެ މަތިން ޖަޕާނުގެ ދުޝްމިނުން އެ އިމާރާތަށް ބޮން އެޅިއެވެ. ހަމައެޔާ އެކު ސޮއިޗީރޯ ހޮންޑާއަށް ދަގަނޑު ލިބުން ވެސް ހުއްޓުނެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތުން ކޮޅަށްޖެހި ވިޔަފާރި ބިމާ ހަމަވީއެވެ. ހެދޭނެ އެއްވެސް ގޮތެއް ނެތީއެވެ.

ނަމަވެސް ސޮއިޗީރޯ ހޮންޑާ ހިތްވަރު ދޫނުކޮށް އެ މަސައްކަތް ކުރުމަށް ކުރެވެން އޮތް އެންމެހާ މަސައްކަތްތައް ކުރަމުން ދިޔައެވެ. މިގޮތުން ސޮއިޗީރޯ ހޮންޑާއަށް އަލިމަގެއް ފެނުނެވެ. އެއީ އެމެރިކާގެ ބޮން އަޅާ ބޯޓުތަކުން އުކާލާ ތެޔޮ ހުސްކުރި ދަގަނޑު ފީފާއެވެ. މި ފީފާތައް އެއްކުރުމުގެ މަސައްކަތް ސޮއިޗީރޯ ހޮންޑާ ފެށިއެވެ. މި ތަކެއްޗަށް އޭނާ ދިން ނަމަކީ “ރައީސް ޓްރޫމަންގެ ހަދިޔާ“ އެވެ. އަދި ފެކްޓްރީ ކޮޅަށްޖަހާ އަލުން އެ ފެކްޓްރީގެ މަސައްކަތް ފެށިއެވެ. ޖަޕާނަށް އައި ބިންހެލުމުގައި އަނެއްކާ ވެސް މި ފެކްޓްރީ ހަލާކުވިއެވެ.

ސޮއިޗީރޯ ހޮންޑާ މިވަރުން ވެސް ހިތްވަރު ދޫނުކޮށް މަސައްކަތް ކުރަމުން ދިޔައެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ފަހުން ޖަޕާނަށް ތެޔޮ ލިބުމުގެ ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށް ފައިމަގުގައި ނުވަތަ ބައިސްކަލު ޚިޔާރު ކުރަން ޖަޕާނުގެ ރައްޔިތުންނަށް ޖެހުނެވެ. މި ސަބަބާ ހުރެ ކުޑަ އިންޖީނެއް ފަރުމާކޮށް ސޮއިޗީރޯ ހޮންޑާ އޭނާގެ ބައިސްކަލުގައި އެ އިންޖީނު އެޅުވިއެވެ. ސޮއިޗީރޯ ހޮންޑާގެ ބައިސްކަލުގައި އިންޖީނެއް އަޅުވައިގެން ދުއްވާތަން ފެނުމުން އޭނާގެ އަވައްޓެރިން ވެސް އެ ވައްތަރުގެ އިންޖީނެއް ބައިސްކަލުގައި އަޅުވަން ބޭނުންވިއެވެ. ނަމަވެސް އެ އަވަށްޓެރިން ބޭނުންވާ ވަރަށް އިންޖީނު އުފެއްދުމަށް ބޭނުންވާ އާލާތްތައް ހޮންޑާއަކަށް ނުލިބުނެވެ.

މިހާ ހިސާބުން ވެސް ސޮއިޗީރޯ ހޮންޑާ އޭނާގެ މަސައްކަތް ހުއްޓައެއް ނުލިއެވެ. ޖަޕާނުގެ އިޤުތިޞާދު ކުރިއެރުވުމަށް ސޮއިޗީރޯ ހޮންޑާ ކުރާ މަސައްކަތުގައި އެހީތެރިވުމަށް އެދި 18000 ބައިސްކަލު ވިއްކާ ފިހާރައިގެ ވެރިންނަށް އޭނާ ސިޓީއެއް ފޮނުވިއެވެ. ބައިސްކަލުގައި އިންޖީނު އެޅުމަށް ރިކުއެސްޓްކޮށްފައިވާ 5000 މީހުންގެ ބައިސްކަލުގައި އަޅުވާ ކުޑައިންޖީނު ހެދުމަށް ބައިސްކަލް ވިއްކާ ފިހާރަތަކުގެ ވެރިން ސޮއިޗީރޯ ހޮންޑާއަށް ވީވަރަކުން ފައިސާގެ އެހީތައް ދިޔައީ ފޮނުވަމުންނެވެ.

ސޮއިޗީރޯ ހޮންޑާގެ ބައިސްކަލް އިންޖީނުގެ ފުރަތަމަ އުފެއްދުންތައް ރަނގަޅަށް މަސައްކަތް ކުރާ ވަރަށް ވުރެ ބޮޑުވުމުން އިތުރު ބަދަލުތައް ގެނެސް ސޮޗިރޯ ހޮންޑާގެ ކުންފުނިން “ދަ ސުޕަރ ކަބް“ ގެ ނަމުގައި ކުޑަ އިންޖީނެއް ވުޖޫދަށް ގެނައެވެ. މި އިންޖީނު ވެގެންދިޔައީ ޖަޕާނަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއަކަށެވެ. ޖަޕާނުގެ އިޤުތިޞާދުގައި ހޮންޑާ ކުންފުންޏަކީ ފުރަތަމަ ފަހަރަށް ނުފޫޒުގަދަ ކުންފުންޏަކަށް ވެގެންދިޔައެވެ. އެހެން ކަމުން ސޮއިޗީރޯ ހޮންޑާ އޭނާ އުފެއްދި ބައިސްކަލް އިންޖީނުތައް ޔޫރަޕާއި އެމެރިކާއަށް އެކްސްޕޯޓު ކުރަން ފެށިއެވެ.

މިހާހިސާބުން އޭނާގެ ވާހަކަ ނިންމާލީކީ ނޫނެވެ. ސޮޗައިރޯ ހޮންޑާގެ ވިޔަފާރި އެންމެ ބޮޑަށް ހިނގާ އެމެރިކާއަށް 1970 ގެ އަހަރުތަކުގެ ތެރޭގައި ތެޔޮ ލިބުމުގެ ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. އެހެންކަމުން އެމެރިކާގައި ކުދި ކާރުގެ ޑިމާންޑް ބޮޑުވެގެން ދިޔަތަން ސޮއިޗީރޯ ހޮންޑާއަށް ފެނުމުން ފުރުޞަތުގެ ބޭނުން ހިފާ، ކުދި އިންޖީނު ފަރުމާކުރުމުގެ މާހިރުންގެ ނަމުން މަޝްހޫރުވެފައި އޮތް ހޮންޑާ ކުންފުނިން، ކުދި ކާރުތައް އުފެއްދުމުގެ މަސައްކަތް ފެށިއެވެ. މި ކާރުތައް ވެގެންދިޔައީ އޭގެ ކުރިން ދުވަހަކު ވެސް އިންސާނުން ދެކިފައިނުވާވަރުގެ ކުދި ކާރުތައް ކަމުގައެވެ. ހޮންޑާ ކުންފުނީގެ މި އުފެއްދުމާ އެކު ދުނިޔޭގެ މާކެޓްގައި ހޮންޑާ ކުންފުނި ދިޔައީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. ސޮއިޗީރޯ ހޮންޑާ މަރުވީ ލިވަރ ފެއިލްވުމުގެ ސަބަބުން 1991 އޮގަސްޓު 5 ވަނަ ދުވަހުއެވެ.

މިއަދު އެމެރިކާއާއި ޖަޕާނުގައި ހުންނަ ”ހޮންޑާ“ ކުންފުނީގައި 100,000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ. ހޮންޑާ ކުންފުންޏަކީ މިއަދު ދުނިޔޭގައިވާ އެންމެ ބޮޑު އެއް މޮޓޯ ކުންފުންޏެވެ. މި ކާމިޔާބީއަށް ސޮއިޗީރޯ ހޮންޑާއަށް ވާސިލު ވެވުނީ ކިހިނެއްތޯއެވެ. ހޮންޑާ ކުންފުނީގެ ބާނީ ސޮއިޗީރޯ ހޮންޑާގެ ކާމިޔާބީގެ ތަޅުދަނޑިއަކީ ހަޔާތުގެ މަޤުޞަދެއް ކަނޑައަޅާ އެތައް ގޮންޖެހުންތަކަކާ އެކު ވެސް އެ މަޤުޞަދު ހާސިލުކުރުމަށް ހުއްޓުމެއްނެތި ހިތްވަރާއެކު ކުރަމުން ދިޔަ މަސައްކަތްތަކެވެ. ހަޔާތުގެ މަޤްޞަދު ހާސިލު ކުރުމަށް ކުރަމުންދާ މަސައްކަތުގައި ކުރިމަތިވާ ނާކާމިޔާބީއަކީ ނިމުމެއް ނޫނެވެ. އެއީ ފެށުމެކެވެ. އާ ހިތްވަރަކާ އެކު މަސައްކަތް ފަށަންވީ ކަމުގެ ސިގްނަލެކެވެ. ގިނަ ނާކާމިޔާބީތަކާ އެކު ހާސިލުކުރާ ކާމިޔާބީއަކީ ޙަޤީޤީ ކާމިޔާބީއެވެ.

ޝެއަރކުރެއްވުމަށް