އަޅުގަނޑުމެންގެ ޙަޔާތް ބާއްޖަވެރި ކުރުމަށް ޓަކައި ރިވެތި އަޚުލާޤަކީ އެންމެ މުހިންމު އެއް ސިފައެވެ. ﷲގެ ރުއްސެވުން އެދި މަސައްކަތްކުރުމަށް ނަފުސު ތަރުބިޔަތުކޮށްދޭ ސިފައަކީ މަކާރިމުލް އަޚްލާޤެވެ. ވަކިވަކި ފަރުދުންނާއި ހަމައިން ބޮޑެތި ޖަމާޢަތްތަކާއި ޢަސްކަރީ އަދަބު އަޚުލާޤަށް ބަލައިލިއަސް އަޅުގަނޑުމެންނަށް ފެންނަނީ، ރިވެތި އަޚްލާޤް އެ ތަނަކުން ނެތިއްޖެ ނަމަ އެ މުޖުތަމަޢުއެއް ފަސާދަވެގެން ހިނގައިދާނެ ކަމެވެ. އެ މުޖުތަމަޢެއްގައި އޮންނަން ޖެހޭ ބަދަހި ގުޅުމާއި މާތް ސިފަތައް ނެތިފަނޑުވެގެން ދަނީ މަކާރިމުލް އަޚްލާޤު އެތަނަކުން ނެތިގެން ދިއުމުންނެވެ. މިފަދަ މަކާރިމުލް އަޚްލާޤެއް އަށަގަންނުވަން ބޭނުން ނަމަ އިސްލާމީ ތާރީޚުގެ މަތިވެރި ޝަޚްޞިއްޔަތުތަކަށް ތަބާވެ އެބޭކަލުން ކޮޕީކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެކެވެ.
މި ލިއުމުގައި އަޅުގަނޑު ހިމަނާލަން ގަސްތުކުރަނީ، އެ ބަޔަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ނަމޫނާކަމުގައި ބަލަންޖެހޭ މާތް ޞަޙާބީންގެ ތެރެއިން ސުވަރުގެވަންތަވެރިއެއްކަމުގެ އުފާވެރި ޚަބަރު މާތް ނަބިއްޔާ صلى الله عليه وسلم ގެ ދޫފުޅުން ދެއްވާފައިވާ މާތް ޚަލީފާ އަބޫބަކުރު رضي الله عنه ގެ ޙަޔާތްޕުޅުން ފާހަގަކޮށްލެވޭ ބައެއް ކަންކަމެވެ. ދުޢާއަކީ، ﷲ ޞުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުގެ މި ލިއުމުގެ ސަބަބުން ގިނަ ބަޔަކަށް ފައިދާކުރަނިވި މަޢުލޫމާތުތަކެއް ލިބި، މީގެ ސަބަބުން އީމާންތެރިކަން އިތުރުވެ ނަފުސުތަކަށް ހެޔޮ ބަދަލުތަކެއް އައުމެވެ.
އަބޫބަކުރުއްޞިއްދީޤު ނުވަތަ ޢަބްދުﷲ ބިން އަބޫ ޤުޙާފާ رضي الله عنه
މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުއްޞިއްދީޤު رضي الله عنه އަކީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޒުވާން ދުވަސްވަރުން ފެށިގެން މުސްކުޅިފުޅު ޢުމުރާ ހަމައަށް ވެސް އެކަލޭގެފާނުގެ ލޮބުވެތި ރަޙްމަތްތެރިޔާއެވެ. އެކަލޭގެފާނަކީ ރަސޫލުﷲ صلى الله عليه وسلم ގެނެސްދެއްވި ރިސާލަތު ޤަބޫލުކުރައްވައި އެންމެ ފުރަތަމަ އިސްލާމްދީނަށް ވެދެވަޑައިގެންނެވި ބޭކަލެވެ. އެކަލޭގެފާނަކީ ބަސްމޮށުންތެރިކަމުގައި ބަލާޣާތްތެރި، މީސްތަކުންނަށް އޯގާތެރި އަދި އެހާމެ ދީލަތި ބޭކަލެކެވެ. ﷲގެ މަގުގައި ދީލަތިވެލެއްވުމުގައި އެކަލޭގެފާނަކީ ދެވަނައެއްނެތް ނަމޫނާ ބޭކަލެކެވެ. އިންސާނެއްގެ ކިބައިގައި ހުންނާނެ އެންމެހާ މާތް ސިފަތަކެއް އެކަލޭގެފާނަށް ލިބިގެންވެއެވެ. ބަލިކަށިމީހުން އެކަލޭގެފާނުގެ އެހީތެރިކަމުން ވަރުގަދަ މީހުންކަމުގައި ހެއްދެވިއެވެ. ދަތިއުނދަގޫ ޙާލަތްތަކުގައި، ހިތްތަކަށް ޖޯޝް ގެނުވައިދޭ ޝަޚްޞިއްޔަތެއްކަމުގައި އެކަލޭގެފާނުވިއެވެ. އަދި ރަސޫލާ صلى الله عليه وسلم ގެނެސްދެއްވި ދަޢުވަތާ ޚިލާފު އެންމެހައި ކަންތައްތަކުން އެކަލޭގެފާނު ދުރުހެލިވެލެއްވިއެވެ.
އަބޫބަކުރުގެފާނު އެއްވެސް ފަސްޖެހިވަޑައިގަތުމެއްނެތި އެންމެ ފުރަތަމަ ވެސް އިސްލާމްދީން ޤަބޫލުކުރެއްވީ، އިތުރު ރަސޫލާ صلى الله عليه وسلم ގެ ފަރާތްޕުޅުން އެކަލޭގެފާނަށް ތަޖުރިބާކުރެވިފައިވާ އެންމެ ފުރިހަމަ މާތް ސިފަތަކުގެ ސަބަބުންނެވެ. މި މާތް ސިފަތަކުގެ ސަބަބުން، އިސްލާމްދީނުގެ ފުރިހަމަ ތަޞައްވުރު ސިފަކުރެއްވުމުގައި އެކަލޭގެފާނަށް އެއްވެސް އޮޅުމެއްނެތެވެ.
އެކަލޭގެފާނު އީމާންވުމަށް ފަހުގައި މުޝްރިކުންގެ ނުހަނު ގިނަ ދުއްތުރާތައް ތަހައްމަލުކުރައްވަން ޖެހިވަޑައިގަތެވެ. ޢަބްދުﷲ ބިން ޢަމްރު رضي الله عنه ގެ އަރިހުން އިމާމް ބުޚާރީ ރިވާކުރައްވާފައި ވެއެވެ. ”އެއްދުވަހަކު މުޝްރިކުންގެ ބަޔަކު ﷲގެ ގެފުޅުގެ ކައިރީގައި އިށީނދެ ތިއްބެވެ. އެމީހުން ވާހަކަދައްކަމުން ދިޔައީ އެމީހުންގެ ކަލާނގެތަކާ މެދު ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި ވާހަކަފުޅުތަކެއްގެ ވާހަކައެވެ. އެ ވާހަކަތަކުގައި އެބައިމީހުން ވަނިކޮށް ﷲގެ ރަސޫލާ صلى الله عليه وسلم އެތަނަށް ވެދެވަޑައިގަތެވެ. އެމީހުން ސުވާލުކުރާ ކަމަކާ މެދު ވަރަށް ސާފުކޮށް އެކަލޭގެފާނު ޖަވާބުދެއްވައެވެ. އެމީހުން ބުންޏެވެ. ކަލޭގެފާނު މިވެނިއެވެނި ވާހަކަފުޅުތަކެއް ތިމަންމެންގެ ކަލާންގެތަކާ މެދު ޙަދީޘްފުޅު ކުރެއްވީމު ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”އާއެކެވެ. ހަމަކަށަވަރުން އެހެން ބުނީމެވެ.“ އެވަގުތު އެމީހުން އެކަލޭގެފާނުގެ ގައިކޮޅުގައި ތަޅަންފެށިއެވެ. މީސްތަކުން ބުންޏެވެ. އޭ އަބޫބަކްރެވެ. ކަލޭގެފާނުގެ އެކުވެރިޔާ ސަލާމަތްކުރައްވާށެވެ. އެކަލޭގެފާނު އަވަސްއަވަހަށް ވަޑައިގެންހިނދު ކާފިރުތަކުން އެކަލޭގެފާނު ވަށައިލައިގެން ވާތީ ދެކެވަޑައިގެން ވިދާޅުވިއެވެ. ”ކަލޭމެންނަށް ހަލާކުހުއްޓެވެ. ފާޅުވެގެންވާ ހެކިތައް އެކަލޭގެފާނު ކަލޭމެންނަށް ގެނެސްދިން ހިނދު ވެސް، ތިމަންނާގެ ކަލާނގެއަކީ ﷲ އޭ ބުނާ މީހަކު ކަލޭމެން މަރަނީ ހެއްޔެވެ؟“ – ސުނަނު ސަޢީދު ބުނު މަންޞޫރު (މުޙައްމަދު އައްޔޫބް ސިޕްރާ، (2002)، ދަ ޕްރެޝިއަސް ޕާރލްސް، ރިޔާދް، ދާރުއްސަލާމް) މި ޙާދިސާއިން ސާބިތު ވަނީ އެކަލޭގެފާނުގެ ސާބިތުކަމާއި ރަސޫލުﷲ صلى الله عليه وسلم އަށް ހިމާޔަތް ދެއްވުމުގައި ދެމިހުންނަވާ މިންވަރެވެ.
މުޝްރިކުންގެ ދުއްތުރާތައް ނިހާޔަތަށް ދިއުމުން ރަސޫލުﷲ صلى الله عليه وسلم މުސްލިމުންނަށް ހިޖްރަކުރުމުގެ ހުއްދަ ދެއްވިއެވެ. މިއާއެކު އަބޫބަކުރުގެފާނު ވެސް ހިޖްރަކުރެއްވުމުގެ ހުއްދައަށް އެދިވަޑައިގެން ރަސޫލާ صلى الله عليه وسلمގެ އަރިހުގައި ދެންނެވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”އަވަސްވެ ނުގަންނާށެވެ! ފަހަރުގައި ﷲ ކަލޭގެފާނަށް ބައިވެރިޔަކު ކަނޑައަޅުއްވާފާނެއެވެ.“ އެ ބައިވެރިޔަކީ ރަސޫލުﷲ صلى الله عليه وسلم ކަމުގައި ވުމަށް އުންމީދުކުރާ ޙާލު ދެ ސަވާރީ އެކަލޭގެފާނު ތައްޔާރުކުރެއްވިއެވެ. ރަސޫލުﷲ صلى الله عليه وسلم އަށް ހިޖްރަކުރެއްވުމުގެ ހުއްދަ ލިބިވަޑައިގަތުމުން އެ ވާހަކަ އަބޫބަކުރުގެފާނަށް ވިދާޅުވިއެވެ. އެހިނދު ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި އަބޫބަކުރުގެފާނު ވަޑައިގަތުމާ މެދު ދެންނެވުމުން އެކަމަށް ރަސޫލާ صلى الله عليه وسلم އެއްބަސްވެވަޑައިގަތެވެ. އަސްމާ رضي الله عنها ވިދާޅުވަނީ، ”މާތް ﷲ ގަންދީ ބުނަމެވެ. އެ ދުވަހު ތިމަންކަމަނާގެ ބައްޕާފުޅު އުފާފުޅުވެ ކީރިތިކުރެއްވި ފަދަޔަކުން އެހެންމީހަކު އުފަލުން ކީރިތިކުރެއްވީތީ ތިމަންކަމަނާ ނުދެކެމެވެ.“ (މުޙައްމަދު އައްޔޫބް ސިޕްރާ، (2002)، ދަ ޕްރެޝިއަސް ޕާރލްސް، ރިޔާދް، ދާރުއްސަލާމް) މިއީ ރަސޫލުﷲ صلى الله عليه وسلم ދެކެ ލޯބިވުމުގެ ފުރިހަމަ ނަމޫނާއެކެވެ.
ޚަލީފާކަމުގެ ބުރަ ޒިންމާ އެކަލޭގެފާނާ ޙަވާލުވެވިގެން ދިއުމާ އެކު، މާނައިން ފުރިގެންވާ ތަޤުރީރެއް އެކަލޭގެފާނު ދެއްވިއެވެ. މި ޒަމާނުގައި މިކިޔާ ޑިމޮކްރެސީ އުޅޭނީ މިފަދަ މިސާލުތަކަށް ވުރެ މާފަހަތުގައެވެ. މަސްއޫލިއްޔަތު ޙަވާލުވެގެން ދިއުމާ އެކު މިންބަރަށް އަރައިވަޑައިގެން، ﷲއަށް ބިރުވެތިވާ ޙާލު، އެކަލާނގެއަށް ޙަމްދުކުރުމަށްފަހު ވިދާޅުވިއެވެ.
”އޭ މީސްތަކުންނޭވެ! ތިޔަބޭފުޅުންގެ މައްޗަށް ވެރިޔަކު ކަމުގައި އަހުރެން ޚިޔާރުކުރެވިއްޖެއެވެ. އަހުރެންނީ ތިޔަބައިމީހުންގެ ތެރެއިން މިކަމަށް އެންމެ އެކަށީގެންވާ މީހާ ކަމުގައި ނުދެކެމެވެ. އަހުރެން އިންޞާފާއި ޙައްޤުގެ މަގުގައި ހުރިހާ ހިނދަކު ތިޔަބައިމީހުން އަހުރެންނަށް އެއްބާރުލުން ދޭށެވެ! އަހުރެން އިންޞާފުގެ މަގުން އެއްކިބާވެއްޖެ ނަމަ މަގަށް އަޅުވާދެއްވާށެވެ! ތެދުވެރިކަމަކީ އިތުބާރެކެވެ. ދޮގުވެރިކަމަކީ ޚިޔާނާތްތެރިކަމެކެވެ. ތިޔަބައިމީހުންގެ ތެރެއިން އެންމެ ނިކަމެތި މީހަކީ އަހުރެންގެ ގާތުގައި އެންމެ ގަދަފަދަ މީހާއެވެ. އެއީ އޭނާގެ ޙައްޤު އޭނާއަށް ލިބިދިނުމުގައެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން އެންމެ ގަދަފަދަ މީހަކީ އަހުރެންގެ ގާތުގައި އެންމެ ނިކަމެތި މީހާއެވެ. އެއީ އެހެންމީހުންގެ ޙައްޤުތައް އޭނާގެ ކިބައިން ހޯދައިދިނުމުގައެވެ. އަހުރެން ﷲއަށް ކިޔަންތެރިވާހާ ހިނދަކު ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންގަންނާށެވެ! އަހުރެން ﷲގެ މަގުން އެއްކިބާވެއްޖެ ނަމަ ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިކަން އަދާކުރުމެއް ނުވެއެވެ.“ މުސައްނަފް ޢަބްދުއްރައްޒާޤް (މުޙައްމަދު އައްޔޫބް ސިޕްރާ، (2002)، ދަ ޕްރެޝިއަސް ޕާރލްސް، ރިޔާދް، ދާރުއްސަލާމް)
ސުވަރުގެވަންތަވެރިއެއްކަމުގެ އުފާވެރި ޚަބަރު ރަސޫލުﷲ صلى الله عليه وسلم ގެ މަތިވެރި ދޫފުޅުން އެއްފަހަރަށް ވުރެ ގިނަފަހަރު ވަނީ އަބޫބަކުރުގެފާނަށް ދެއްވާފައެވެ. އަބޫހުރައިރާ رضي الله عنه ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްފުޅުކުރެއްވިއެވެ. ”ދެ ވައްތަރެއް (އެއްޗެއް ނުވަތަ މުދަލެއް) ﷲގެ މަގުގައި ހޭދަކޮށްފި މީހާއަށް ސުވަރުގޭގެ ދޮރުކޮޅުތަކުން ގޮވައިލާ މުޚާތަބު ކުރެވޭނެއެވެ. އޭ ﷲގެ އަޅާއެވެ. މިއީ އުފާވެރިކަމުގެ ގޮވައްޗެވެ. މީސްތަކުންގެ ތެރެއިން ނަމާދުކޮށް އުޅުނު މީހުންނަށް ނަމާދުގެ ދޮރުކޮޅުން ގޮވައިލެވޭނެއެވެ. މީސްތަކުންގެ ތެރެއިން ޖިހާދުކޮށް އުޅުނު މީހުންނަށް ޖިހާދުގެ ދޮރުކޮޅުން ގޮވައިލެވޭނެއެވެ. މީސްތަކުންގެ ތެރެއިން ރޯދަހިފައި އުޅުނު މީހުންނަށް އައްރައްޔާންގެ ދޮރުކޮޅުން ގޮވައިލެވޭނެއެވެ. މީސްތަކުންގެ ތެރެއިން ޞަދަޤާތްކޮށް އުޅުނު މީހުންނަށް އައްޞަދަޤާގެ ދޮރުކޮޅުން ގޮވައިލެވޭނެއެެވެ. އަބޫބަކުރުގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ މައިންބަފައިން ކަލޭގެފާނަށް ޓަކައި ޤުރުބާނެވެ. އޭ ﷲގެ ރަސޫލާއެވެ. މި ދޮރުކޮޅުތަކުން ގޮވައިލެވިއްޖެ މީހަކަށް އެއްވެސް ހިތާމައެއް އަދި ބޭނުމެއް ނުޖެހޭ ހުއްޓެވެ. މި ހުރިހާ ދޮރުކޮޅުތަކަކުން ގޮވައިލެވޭނޭ މީހަކު ވާނޭ ހެއްޔެވެ؟ ރަސޫﷲ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. އާއެކެވެ. އަދި ކަލޭގެފާނަކީ އޭގެތެރެއިން މީހެއްކަމުގައި އުންމީދުކުރަމެވެ.“ – ޞަޙީޙުލް ބުޚާރީ، ޞަޙީޙް މުސްލިމް. (މުޙައްމަދު އައްޔޫބް ސިޕްރާ، (2002)، ދަ ޕްރެޝިއަސް ޕާރލްސް، ރިޔާދް، ދާރުއްސަލާމް)
އަބޫބަކުރުގެފާނުގެ ޚަލީފާކަމުގައި މުރުތައްދުވީ މީހުންނާ ދެކޮޅަށް ހަނގުރާމަކުރައްވާ އެމީހުންގެ މައްޗަށް ކާމިޔާބު ހޯއްދެވިއެވެ. އަދި ޔަމާމާ ހަނގުރާމާގައި ރަސޫލުކަމަށް ދައުވާކުރެއްވި މުސައިލަމަތުލް ކައްޒާބާ ދެކޮޅަށް ހަނގުރާމަކުރައްވައި އޭނާގެ ލަޝްކަރު ބަލިކުރެއްވިއެވެ.
މީގެ އިތުރުން އަބޫބަކުރުގެފާނު ކުރެއްވި އެންމެ މުހިންމު މަސައްކަތަކީ ކީރިތި ޤުރުއާން އެއް މުސްޙަފްގެ ގޮތުގައި އެކުލަވައިލުމެވެ. މި މަސައްކަތް ކުރެއްވުމަށް އެކަލޭގެފާނު ޤަސްތުކުރެއްވީ، ޔަމާމާ ހަނގުރާމާގައި މުސްލިމުންގެ ތެރެއިން ޤުރުއާން ހިތުދަސް ގިނަ އަޞްޙާބުންނެއް ޝަހީދުވުމާ ގުޅިގެން ޤުރުއާން ގެއްލި ހިނގައިދާނެކަމުގެ ބިރަށް ޓަކައެވެ. މިގޮތުން ޢުމަރުގެފާނުގެ ލަފާފުޅާ އެއްގޮތަށް ޤުރުއާން އެއްކޮށް ޖަމާކުރުމުގެ މަސައްކަތް ޒައިދު ބިން ޘާބިތު رضي الله عنه އާ ޙަވާލުކުރެއްވިއެވެ. މިގޮތުން ކުރެއްވި މަސައްކަތުން އެކުލަވައިލެވުނު މުޞްޙަފު އަބޫބަކުރުގެފާނު ދުނިޔެ ދޫކުރެއްވުމާ ހަމައަށް އޮތީ އެކަލޭގެފާނުގެ އަތްޕުޅުގައެވެ. އެއަށްފަހު ޢުމަރުގެފާނު، އެއަށްފަހު ޢުމަރުގެފާނުގެ ދަރިކަނބަލުން ޙަފުޞާގެފާނުގެ އަތްޕުޅަށެވެ. (މުޙައްމަދު އައްޔޫބް ސިޕްރާ، (2002)، ދަ ޕްރެޝިއަސް ޕާރލްސް، ރިޔާދް، ދާރުއްސަލާމް)
އަބޫބަކުރުގެފާނުގެ ޙަޔާތްޕުޅުން އަޅުގަނޑުމެންނަށް ލިބޭ ފިލާވަޅުތައް ނުހަނު ގިނަގުނައެވެ. ވުމާއެކު، އަޅުގަނޑުމެންގެ ދީނާއި ބީރައްޓެހި ޝަޚްޞިއްޔަތުތައް ކޮޕީކުރުމުގެ ބަދަލުގައި މިފަދަ މާތް ޝަޚްޞިއްޔަތުތަކުން މިސާލު ލިބިގަތުން އަޅުގަނޑުމެންނަށް މާ އަޢުލާކަން ބޮޑުވެގެންވެއެވެ.
- މިލިޔުން އިޞްލާޙުކޮށްފައިވަނީ އައްޝައިޚް އަޙުމަދު ސަމީރު ބިން އިބްރާހީމްއެވެ.
