ވ. ކެޔޮދޫން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ ގަލޮޅު ޕެންޒީމާގޭ މުޙައްމަދު ޝާކިރުގެ ޔޮޓު ދޯނީގައި 13 މީހުން ތިއްބެވެ. އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެވެ. ކުއްލިއަކަށްއައި ކޮޅިގަނޑު މަޑުވެލަންދެން ދޯނި މަޑުކޮށްލީ ކ. ގުޅީކައިރީގައި އޮންނަ ފުށިދިއްގަރު ފަރު ކައިރީގައެވެ. ބައެއް މީހުންތިބީ ނިދާފައެވެ. އެހެންތިއްބާ ކުއްލިއަކަށް ނެގި ބިޔަރާޅަކާއެކު ދޯނި ފަރުމައްޗަށް ބަންޑުންޖަހާލިއެވެ. އެ ހާދިސާގައި ގަލޮޅު ޕެންޒީމާގޭ މުޙައްމަދު ޝާކިރާއި އޭނާގެ އަނބިކަނބަލުން މުއުމީނާ ޢަލިދީދީ އާއި ގަލޮޅު އާކަކާގޭ ޢާރިފާ އާއި އޭނާގެ ހަތަރު އަހަރުގެ ދަރިކަލުން ޝަމްސުއްދީން އަޝްރަފް ޙިލްމީއާއި ގަލޮޅު ދުންފިނިވިލާ ފާޠިމާމަނިކެ ނިޔާވިއެވެ. އަދި މ. އަތޮޅު ދިއްގަރު ނޫރާނީގޭ އަޙްމަދު މޫސާ ގެއްލުނެވެ. އުފާވެރި ޗުއްޓީ ދަތުރު ނިމިގެން ދިޔައީ 5 މީހުން ގެއްލިގެންނެވެ. މި ހާދިސާ ހިނގީ 1991 ވަނަ އަހަރުގެ ޖުލައިމަހުގެ 28 ވަނަ ދުވަހުގެރޭ ގާތްގަޑަކަށް 7:30 ހާއިރުއެވެ.
ޚަބަރުދިނުމަށް ފަތާފައި 4 ނޯޓިކަލް މޭލަށް
ދޯނި ބަންޑުންޖަހާލުމާއެކު އެދޯނިން ދަތުރުކުރި ހއ. އުތީމު ކުދިރަތްމާގޭ ޙަސަން މުޙައްމަދު ފުށިދިއްގަރު ފަރުމަތިން ދަތުރުކޮށް ގުޅިއާއި ފުށިދިއްގަރުފަރާ ދެމެދުގައި އޮންނަ ކަނޑުއޮޅި ހުރަސްކޮށް ގުޅިއަށްއަރާ އެޚަބަރު އެރަށުގެ މީހުންނަށް ދިނެވެ. ގާތްގަޑަކަށް 4 ނޯޓިކަލް މޭލަށް ފަތާފައިއޭނާ ދިޔައީ އޭނާގެ އަނގަމަތި ވަރަށް ބޮޑަށް ޒަޚަމްވެފައި އޮއްވައެވެ. ދޯނި ބަންޑުންޖަހާލުމުން މީހުން ސަލާމަތް ކުރަން އުޅެނިކޮށް އެދޯނީގައި ތާށިވެފައިއޮތް ތެޔޮފީފާއެއް ނައްޓާލައިގެން އައިސް އަނގަމަތީގައިޖެހި އޭނާގެ ދަތްޕިލާ އޮތީ ފުނޑުފުނޑުވެފައެވެ.
”ދޯނި ބަންޑުންޖަހާލުމުން ފުރަތަމަ އުޅުނީ މީހުން ސަލާމަތްކުރުމަށް. އެ މަސައްކަތުގައި އުޅުމަށްފަހު އަޅުގަނޑާއި ދިއްގަރު އަޙްމަދު މޫސާއާ ދެމީހުން ހާދިސާގެ މަޢުލޫމާތު ދިނުމަށް ރަށެއް އަތުޖެހޭތޯ މަސައްކަތްފެށީ. ދެމީހުން ފަތައިގަތްތަނުން ދެ ލައިފް ޖެކެޓް ފެންމަތިން އަތުޖެހިއްޖެ. ދެމީހުން ލައިފް ޖެކެޓް އަޅައިގެން އެކީގައި ފަތައިގަތީ. އޭރުވެސް ވާރޭވެހޭ. ދުނިޔެމަތި ވަރަށް އަނދިރިކޮށް އޮތީ. ދެމީހުންނަށް ފަތާފައިގޮސް އެރުނީ ފަރުމަތީގައިއޮތް އިސްކޮޅުޖެހޭ ތިލައެއް މައްޗަށް. އެތަނުގައި ތިބީ ވިއްސާރަ ހުއްޓާލާ ކުޑަކޮށް މަޑުވޭތޯ ބަލަން. އެގޮތަށް ވިއްސަކަށް ތިރީހަކަށް މިނިޓް ތިބެފައި އަނެއްކާވެސް ފަތައިގަތީ ރަށެއްގެ އަލި ފެންނާތީ“ ޙަސަން މުޙައްމަދު ކިޔައިދެއްވިއެވެ.
އޭނާ ބުނިގޮތުގައި ފަރުމަތިން ނެއްޓި ކަނޑުއޮޅި ހުރަސްކުރަން ފަތައިގަތްއިރު ދެމީހުން ތިބީ އެއަކު އަނެކަކުގެ އަތުގައި ހިފައިގެންނެވެ. އަތުންދޫކޮށްލީ ކަނޑުއޮޅީގެ މެދަކާ ހަމައަށް ދެވުނުތަކާ ދެމީހުންވެސް އަކުނިވަޔަށް ދަމަން ފެށުމުންނެވެ. ދެމީހުންވެސް އެކަކު އަނެކަކާ ވާހަކަ ދައްކަންބުނެފައި މަސައްކަތް ކުރަމުންދިޔައީ އަކުނިވަޔަށް ދަމާފައިވާ ފައި ރަނގަޅު ކުރެވޭތޯއެވެ. އަކުނިވަޔަށް ދަމާފައިވާ ޙަސަން މުޙައްމަދުގެ ފައި ކޮންމެވެސް ވަރަކަށް ރަނގަޅުވުމުން އޭނާ އަޙްމަދު މޫސާއަށް ގޮވަންފެށިއެވެ. އެކަމަކު އޭނާގެ އެއްވެސް ޚަބަރެއް ނުވިއެވެ. ”ގޮވާގޮވާ އޭނާގެ ޚަބަރެއް ނުވުމުން އަޅުގަނޑު ވަރަށް ދެރަވެއްޖެ. ވަރަށް ކަންބޮޑުވެ ހާސްވެ ބިރުގެންފި. އެހިސާބުން އަޅުގަނޑަކަށްވެސް ވާނުވާއެއް ނޭނގެ. ދެން ނޭނގުނު ދެވޭ ނުދެވޭ ތަނެއްވެސް. އެކަމަކުވެސް އަޅުގަނޑު ހިތްވަރުކޮށްފައި މޫނު ހުރި ދިމާލަށް ދިޔައީ ފަތަމުން“ ޙަސަން މުޙައްމަދު ބުނުއްވިއެވެ.
ކުއްލިއަކަށް ބާނިތައް ބޮޑުވަމުންދާކަން ޙަސަން މުޙައްމަދަށް ފާހަގަކުރެވެން ފެށިއެވެ. އެއީ ކޮންމެވެސް ހިކިފަސްތަނެއް ކައިރިވަނީކަން އޭނާއަށް އެނގުނެވެ. އެގޮތަށްނެތި ތިންވަނަ ބާނި ބިންދާލީ އޭނާގެ ބޯމައްޗަށެވެ. އެބާންޏާއެކު ފަޅެއްގެ ތެރެއަށް އޭނާއަށް ވަދެވުނެވެ. ކުރިމަތިން ފެންނަންއޮތް ރަށާދިމާލަށް ދެވޭތޯ އޭނާ ހިތްވަރު ކުރަމުންދިޔައެވެ. ”އަޅުގަނޑަށް ރަށަކަށް އެރިއްޖެ. އޭރު ގަޔަކު އެއްވެސް ވަރެއްނެތް. އެހިސާބުން އަޅުގަނޑުގެ މޫނުމައްޗަށް އަދިރިވި. އަޅުގަނޑު ހޭއެރިއިރުއޮތީ އެރަށުގެ ގޮޑުދޮށުގައި. އެއީ ކޮންރަށެއްކަމެއް ނޭނގެ. ރަށުތެރެއަށް އަރައިގެންގޮސް ގެތައް ފެންނަން ފެށުމުން އެއީ މީހުން ދިރިއުޅޭ ރަށެއްކަން އެނގުނު.“ ޙަސަން މުޙައްމަދު ބުނުއްވިއެވެ.
އޭރުވެސް ވާރޭވެހެއެވެ. އެރަށުން ފުރަތަމަ ޖެހުނު ގޭގެ ދޮރުމައްޗަށް އަރާ ސަލާންގޮވާލުމުން ޚަބަރެއްނުވިއެވެ. އެ ގޭގެ އަސްކެނިން ވާރޭފެންފޮދެއް ބޯލައިގެން ހިނގައިގަތީ ކުރިއަށެވެ. ދެވަނައަށް ދިމާވި ގޭގެ ދޮރުމައްޗަށް އަރާ ސަލާންގޮވާލުމުން އެގެއިން ނުކުތީ ގާތްގަޑަކަށް ވިހިބާވީސް އަހަރުގެ އަންހެން ކުއްޖަކާއި މުސްކުޅި ފިރިހެނެކެވެ. ”މިއީ ފުށިދިއްގަރު ފަރުމައްޗަށް ބަންޑުންޖަހާލި ދޯންޏެއްގެ މީހެކޭ. މިއައީ އެޚަބަރު ދޭށޭ ބުނީމާ ފުރަތަމަ އެ މުސްކުޅި މީހާއަށް އެކަމެއް ޤަބޫލެއް ނުކުރެވުނު. އެކަމަކު އަޅުގަނޑުހުރި ހާލު ފެނުމުން އެމީހާ އެހެން މީހުންނަށް އަންގައިގެން މީހުން ސަލާމަތް ކުރުމުގެ ކަންތައްތައް ފެށި“ ޙަސަން މުޙައްމަދު ބުނުއްވިއެވެ. މި ޚަބަރު ލިބުމާއެކު ގުޅީ ރައްޔިތުންނާއި ގުޅީ ސްލިޕްވޭގައި މަސައްކަތްކުރާ މީހުން ދޯނިފަހަރުގައިގޮސް ބަންޑުންޖަހާލި ދޯނީގެ މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާން ފެށިއެވެ. އަދި ސިފައިންގެ ކޯސްޓްގާޑަށް މި ޚަބަރު ދިނެވެ.
ކޯސްޓްގާޑް ހިންގި އޮޕަރޭޝަން
ދޯނި ބަންޑުން ޖަހާލިކަމުގެ މަޢުލޫމާތު ސިފައިންނަށް ލިބުނީ އެރޭ ގާތްގަޑަކަށް 11:30 ގައެވެ. މިހާދިސާގެ މަޢުލޫމާތު ލިބުނުއިރު ކޯސްޓްގާޑް އޮޕަރޭޝަންސްގައި ޑިއުޓީގައި ހުންނެވީ ލެފްޓިނަންޓް ކާނަލް ރިޓަޔަރޑް އިބްރާހީމް އަފްޒަލެވެ. މި އޮޕަރޭޝަން ކުރިއަށްގެންދެވީ ކޯސްޓްގާޑުގެ އޭރުގެ ކޮމާންޑިންގ އޮފިސަރ އަލްމަރުޙޫމް ކާނަލް ޙުސައިން އިބްރާހީމްފުޅުގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ. ދޯނި ބަންޑުންޖަހާލި ކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް ދިނީ ކ. ގުޅިން އެ މަޢުލޫމާތު ބޮލިފުށި ރިސޯޓަށް ދިނުމުން އެރިސޯޓުންނެވެ. އެ މަޢުލޫމާތު ލިބުނުތާ ވިއްސަކަށް މިނިޓުގެ ތެރޭގައި ހާދިސާ ހިނގައިގެންއުޅޭ ސަރަޙައްދަށް ކޯސްޓްގާޑުގެ ސިފައިން ދިޔައެވެ.
”އަޅުގަނޑުމެންނަށް އެހާ އަވަހަކަށް ދެވުނީ ކޯސްޓްގާޑް އޮޕަރޭޝަނުން އަޅުގަނޑުމެންނަށް އެކަން ނާނގަނީސް އެ ސަރަޙައްދަށް ދިއުމަށް ދަތުރުފެށުމުން. ސެޓުން ދައްކަމުންދިޔަ ވާހަކަތަކުން އަޅުގަނޑުމެންނަށް އެ ހިތާމަވެރި ހާދިސާގެ މަޢުލޫމާތު ދިޔައީ ލިބެމުން. އެހެންވެ، ކޯސްޓްގާޑް އޮޕަރޭޝަނުން އޯޑަރު އައިއިރު އަޅުގަނޑުމެން ގާދޫކޮލުން ނިކުމެއްޖައިން“ ފުރަތަމަ އެސަރަޙައްދަށް ދިޔަ އެން.އެސް.އެސް 11 (ފަހުން ކާނި ލޯންޗް) ގައި ދިޔަ މޭޖަރ ރިޓަޔަރޑް އަޙްމަދު ނަޢީމް (ބްރެޑް) ވިދާޅުވިއެވެ. ނަޢީމް ވިދާޅުވިގޮތުގައި އޭރު އެން.އެސް.އެސް 11 ގެ ކެޕްޓަނަކީ ޢަބްދުލް ޢަޒީޒް ޢަލީ (ނަންނާރި ޢަޒީ) އެވެ.
ސިފައިންކުރި ޖެހިލުންކުޑަ މަސައްކަތް
ފުށިދިއްގަރު ފަރާ ކައިރިއަށް ކޯސްޓްގާޑަށް ދެވުނުއިރު އެސަރަޙައްދުގައި ވަރަށް ރާޅުބޮޑެވެ. ފަރުމައްޗަށް ބިންދަމުންދިޔަ ބޮޑެތި ބިޔަ ރާޅުތަކުގެ ތެރެއަށް ފޭބުމަށް ކެޕްޓަން، ލެފްޓިނަންޓް ޢަބްދުލް ޢަޒީޒް ނެންގެވީ ހަތަރު މީހުންގެ ޓީމެކެވެ. އެއީ ސާރޖަންޓް އަޙްމަދު ނަޢީމް (މޭޖަރ ރިޓަޔަރޑް އަޙްމަދު ނަޢީމް) އާއި ކޯޕްރަލް އަޙްމަދު ޢަލީ (އަހަންމައިދީ) އާއި ޕްރައިވެޓް އަޙްމަދު މުޙައްމަދު (ފަސްޓް ސާރޖަންޓް މުޙައްމަދު) އާއި ޕްރައިވެޓް އަދުޙަމް ރަފީޢު އެވެ. ފުރަތަމަ ފޭބީ އަޙްމަދު ނަޢީމާއި އަދުޙަމް ރަފީޢުއެވެ. އެއަށްފަހު އަހަންމައިދީ އާއި އަޙްމަދު މުޙައްމަދު (މަނަދޫ) ފަރުމައްޗަށް ފޭބިއެވެ.
”އަޅުގަނޑުމެން ފޭބީ ލައިޕް ޖެކެޓް އަޅައިގެން ފިންސް ލައްވައިގެން. ލައިފްޖެކެޓަށް ވައިއަޅައިގެން އެވެސްމަރޭ މިވެސްމަރޭ ބުނެފައި އަޅުގަނޑާއި އަހަންމައިދީއާ ދެމީހުން ފަރުމައްޗަށް ޖަހައިގަތީ. އެވަގުތު ދެމީހުންނަށް އެއަކުއަނެކަކު ގެއްލިއްޖެ. ދެން އަޅުގަނޑުމެންނަށް ރާޅާއެކު ދެވުނީ ސީދާ ބަންޑުންޖަހާލާފައިގޮތް ދޯނި އޮތް ތަނަށް. އެތަނުން ފުންމާލި ހަތަރު މީހުން ބައްދަލުވި. ދެން ފަރުމަތި ބަލަމުން ދިޔައީ. އެރޭ ފަތިސްވީއިރުވެސް އަޅުގަނޑުމެން ތިބީ ފަރުމަތީގަ.“ ފަސްޓް ސާރޖަންޓް އަޙްމަދު މުޙައްމަދު ބުނުއްވިއެވެ.
ދޯނި ބަންޑުންޖަހާލި ސަރަޙައްދަށް ކޯސްޓްގާޑު ދިޔައިރު ގުޅީގެ ދެ ދޯންޏެއް ބަންޑުން ޖަހާލި ދޯނީގެ މީހުންނަށް އެހީތެރިވުމަށް އެސަރަޙައްދުގައި އުޅެއެވެ. އޭރު އެހާދިސާގައި ނިޔާވި މީހުންގެ ތެރެއިން ފެނުނު މީހުންގެ ހަށިތަކާއި ހާލުދެރަވެފައިވާ ބައެއް މީހުންވަނީ ގުޅިއަށް ގެންގޮސްފައެވެ. ނިޔާވެފައިވާ 3 މީހުންނާއި ހާލު ދެރަވެފައިވާ 7 މީހުން ގޮވައިގެން ސިފައިންގެ ކޯސްޓްގާޑް މާލެއަށް ދަތުރު ކުރިއެވެ. ފުރަހަމަ މާލެގެނައި މީހުންގެ ތެރެއިން ގ.ޕެންޒީމާގޭ މުޙައްމަދު ޝާކިރާއި އޭނާގެ އަނބިކަނބަލުން މޫމިނާ ޢަލިދީދީއާއި ގ.ދުންފިނިވިލާ ފާޠިމާމަނިކެ ވަނީ ނިޔާވެފައެވެ. އޭރުވަނީ ބަންޑުން ޖަހާލި ދޯނިން ދަތުރުކުރި ފިރިހެނަކާއި އަންހެނެއްގެ އިތުރުން ކުޑަ ކުއްޖަކު ގެއްލިފައެވެ. އޭރު ސިފައިންގެ އިތުރު ލޯންޗް ފަހަރު އެސަރަޙައްދަށްގޮސް ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. އެމީހުން ހޯދުމުގެ މަސައްކަތުގައި ހަމިންބާޑް ހެލިކޮޕްޓަރުވެސް ހަރަކާތްތެރިވިއެވެ. ގެއްލިފައިވާ މީހުން ހޯދުމުގައި ހެލިކޮޕްޓަރުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި ލެފްޓިނަންޓް ކާނަލް ރިޓަޔަރޑް އިބްރާހީމް އަފްޒަލް ވިދާޅުވީ ގެއްލުނު އަންހެން މީހާއާއި ތުއްތު ކުއްޖާ ފެނުނީ ޖެހިގެންއައި ދުވަހު ހެލިކޮޕްޓަރުގައި ތިބި މީހުންނަށް ކަމަށާއި އެމީހުން ނެގީ އޭރު ފަރުމަތީގައި ހަރަކާތްތެރިވަމުންދިޔަ ސިފައިން ކަމަށެވެ.
”ގެއްލުނު އަންހެން މީހާއާއި ތުއްތުކުއްޖާ ނެގީ އަޅުގަނޑާއި އަޙްމަދާ. އެދެމައިން އޮތީ ވަރަށް ކައިރި ކައިރީގައި. އެދެމައިން އޮތްގޮތުން ހީވަނީ އެންމެ ފަހުވަގުތާޖެހެންދެންވެސް އެ އަންހެންމީހާ މަސައްކަތްކޮށްފައި ވަނީ އެކުއްޖާގެ ފުރާނަ ސަލާމަތް ކުރެވޭތޯހެން“ މިހާރު ސިފައިންގެ ޚިދުމަތުން ވަކިވެލައްވާފައިވާ އަޙްމަދު ޢަލީ (އަހަންމައިދީ) ބުނުއްވިއެވެ. އެ އަންހެން މީހަކީ ގ. އާކަކާގޭ ޢާރިފާ އެވެ. ތުއްތު ކުއްޖަކީ އޭނާގެ ހަތަރު އަހަރުގެ ދަރިކަލުންނެވެ.
ހުއްޓުމެއްނެތި ސިފައިން ހިންގި އޮޕަރޭޝަން އިތުރު ދުވަސްތަކަކަށް ކުރިއަށް ގެންދިޔައެވެ. އެހެންނަމަވެސް މި ހާދިސާގައި ގެއްލުނު އަޙްމަދު މޫސާ ފެނިފައެއް ނުވެއެވެ. މީގެ 21 އަހަރު ކުރީގައި ހިނގާފައިވާ މި ކުއްލި ހިތާމަވެރި ހާދިސާގެ ހަނދާންތައް އަދިވެސް އެހާދިސާގައި ޝާމިލުވި މީހުންނާއި އެހާދިސާގައި ނިޔާވި ފަރާތްތަކުގެ އާއިލާތަކުގައި އިއްޔެވީ ކަމެއްހެން ހަނދާން އެބަހުއްޓެވެ. އަދި މީހުންގެ ފުރާނަ ސަލާމަތްކޮށްދިނުމަށް މަސައްކަތްކޮށް މަރުވެފައިވާ މީހުން ހޯދުމުގައި ހަރަކާތްތެރިވި ސިފައިންގެ ހިތްތަކުގައިވެސް އެހަނދާންތައްވަނީ ބިންވަޅު ނެގިފައެވެ.
