އިލެކްޓްރޯނިކް ސިނގިރޭޓު ނުވަތަ އީ ސިނގިރޭޓަކީ އާދައިގެ ސިނގިރޭޓެއްގެ ވައްތަރު ޖަހާނޭހެން ޑިޒައިން ކުރެވިފައިވާ، ކުޑަ ބެޓެރީއެއްގެ ބާރުން މަސައްކަތްކުރާ އެއްޗެކެވެ. އެހެން ސިނގިރޭޓެކޭ އެއްފަދައިން، އީ ސިނގިރޭޓުގައި ވެސް ނިކޮޓިންއޭ މި ކިޔާ މާއްދާ ހިމެނެއެވެ. މީގައި ހިމެނޭ ”އެޓޮމައިޒޭ“ އަކުން ނިކޮޓިން ހިމެނޭ މާއްދާ ހޫނުކޮށް އާތްވަށް ބަދަލުކޮށްލައެވެ. އަދި އެތެރެއަށް ދަމާލާ އިރު މި އާވިގަނޑު ހަށިގަނޑު އެތެރެއަށް ވަދެގެންދެއެވެ. މި އާވި ދުންކޮޅު ފެންނާނީ ސިނގިރޭޓު ދުމުގެ ސިފައިގައެވެ.
އިލެކްޓްރޯނިކް ސިނގިރޭޓާއި، އާދައިގެ ސިނގިރޭޓަކީ ވެސް އޭގެން ބޮޑެތި ގެއްލުންތައް ދޭ އެއްޗެއްސެވެ. އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން އަންނަނީ މި ތަކެތީގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދަމުންނެވެ. އެފްޑީއޭއިން ކުރި ދިރާސާތަކެއްގައި މި ތަކެތިން ނިކޮޓިންގެ އިތުރުން ވިހަ މާއްދާތަކެއް ވެސް ވަނީ ފެނިފައެވެ. އޭގެ ތެރޭގައި ކެންސަރަށް މަގު ފަހި ކޮށްދޭ މާއްދާތައް ހިމެނެއެވެ. އެފްޑީއޭއިން ވަނީ އިލެކްޓްރޯނިކް ސިނގިރޭޓުން އެ ބޭނުންކުރާ މީހުންގެ ޞިއްޙަތަށް ނުރައްކާ ހުރި ކަމުގެ އިންޒާރުތަކެއް ނެރެފައެވެ.
އެހެން ކަމުން މީގައިވާ ޙަޤީޤީ ނުރައްކާތައް ނޭނގޭ ޙާލުގައި މިފަދަ ތަކެތި ބޭނުން ނުކުރަމާތޯއެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވާން މަސައްކަތް ކުރަމާތޯއެވެ.
