ތުއްތުކުއްޖެއް ދުނިޔެއަށް އުފަންވާއިރު އެކުއްޖާގެ ކިބައިގައި ވަކި ޚާއްޞަ ބަހަކުން ވާހަކަ ދައްކާ މުޢާމަލާތް ކުރުމުގެ ޤާބިލްކަމެއް ނުހުރެއެވެ. އެހެންނަމަވެސް ކޮންމެވެސް ގޮތަކުން މުޢާމަލާތް ކުރަން ބޭނުންވާކަން އެނގެއެވެ. އެހެނީ ބަނޑުހައިވުމުންނާއި މިނޫންވެސް ޒަރޫރީ ބޭނުންތައް މަންމަ ނުވަތަ އެނޫންވެސް އެހެން ފަރާތެއްގެ މަދަދުވެރިކަމާއެކު ކުރަންޖެހޭނެތީއެވެ.

ކުއްޖާ ދުނިޔެއަށް އުފަންވުމަށްފަހު އެކުއްޖާގެ ކިބާގައި އެންމެ ފުރަތަމަ އަށަގަންނަ ބަހަކީ މާދަރީ ބަހެވެ. އެހެންނަމަވެސް މާދަރީ ބަސް އަށަގަނެ، އެބަހުގެ ޤަވާޢިދަށް ފައްތައިގެން ފަރިތަކަމާއެކު ވާހަކަދައްކަނީ ކިހިނެތްކަމާމެދު ސުވާލު އުފެދެއެވެ. މިކަމާމެދު ވިސްނަވާ ބަހުގެ ޢިލްމުވެރިންވަނީ 19 ވަނަ ޤަރުނުގައި ދިރާސާތަކެއް ތަހުލީލުކުރަން ފަށާފައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ބަސް އަށަގަތުމާމެދު ތަފާތު ތިން ނަޒަރިއްޔާތެއް ވަނީ ހޯދިފައެވެ. އަދި ބަސް އަށަގަތުމުގައި ތަފާތު މަރުހަލާތަކެއް ކުއްޖާ ކަޑައްތު ކުރާކަމަށް ވަނީ ލިންގުއިސްޓިކް ހޯދުންތަކުން ހާމަވެފައެވެ.

ބަސް އަށަގަތުމުގެ ނަޒަރިއްޔާތުތައް:

ކުދިން ބަސްދަސްކުރަނީ ކޮޕީ ކޮށްގެންނޭ ބުނާ ނަޒަރިއްޔާތު (Imitation Theory)

މި ނަޒަރިއްޔާތުގައި ބުނާގޮތުން ކުޑަކުދިން ބަސް ދަސްކުރަނީ އަނެކުންގެ ވާހަކަ ދެއްކުން ކޮޕީ ކޮށްގެންނެވެ. އެހެން ނަމަވެސް މި ނަޒަރިއްޔާތުގައި ބޮޑެތި މީހުންގެ ވާހަކަ ދެއްކުން ކުދީންނަށް އެންމެ ފުރިހަމައަށް ކޮޕީ ނުކުރެވުން މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ.

ކުދިން ބަސްދަސްކުރަނީ  ބޮޑެތި މީހުން ތަރުހީބު ދީގެންގޭ ބުނާތިއަރީ (Reinforcement Theory)

މިތިއަރީ ބުނާގޮތުން ކުދިން ބަސް ނުވަތަ ރަނގަޅު ޖުމްލަ ބޭނުންކުރަނީ ބޮޑެތިމީހުން ތަރުހީބު ދީގެނެވެ. މި ތިއަރީއިން އެނގޭގޮތުގައި ކުދިން ރަނގަޅަށް ވާހަކަ ދައްކަން ދަސްކުރަނީ ނުބައިކޮށް ބޭނުންކުރާ ލަފްޒުތައް އަނެކުން ރަނގަޅުކޮށްދީ ކިޔައިދީގެންނެވެ. މިގޮތުން ނުބައިކޮށް ބޭނުންކުރުމުން ރަނގަޅުކޮށްދިނުމުގެ އިތުރުން ރަނގަޅަށް ބޭނުންކުރުމުން އެކަމަށް ތައުރީފުކުރެއެވެ.

ކުދިން ބަސްދަސްކުރަނީ ޠަބީއީގޮތުންނޭ ބުނާތިޔަރީ (Innateness Theory)

މި ތިއަރީ ބުނާގޮތުން ބަސްދަސްކުރަނީ ވާރުތަވާ ޠަބީއީ ކަންތައްތަކެއްގެ ސަބަބުންނެވެ. މިގޮތުން ބަހެއް ރަނގަޅަށް އަށަގަތުމަށްޓަކައި ޠަބީއީ ބައެއް ޤާބިލްކަން ލިބިފައި ހުންނަންޖެހެއެވެ. ނުވަތަ ހުރެއެވެ. މިގޮތުން ކުއްޖާ ދުނިޔެއަށް އުފަންވާއިރު، އެކުއްޖާގެ ކިބައިގައި ބަހެއް ހަރުލުމުގެ ހުރިހާ އިންތިޒާމެއް ގުދުރަތީ ގޮތުން ހަމަޖެހިފައިވެއެވެ.

ބަސް އަށަގަތުމުގެ މަރުހަލާތައް:

ކުއްޖާގެ ކިބައިގައި ބަސް އަށަގަތުމުގެ ޕްރޮސަސް ފެށެނީ އަޑުއަޑު ލެއްވުމުގެ (ބެބްލިންގް) މަރުހަލާއިންނެވެ. މި މަރުހަލާ އަންނަނީ ކުއްޖާގެ އުމުރުން 6 މަހާއި 8 މަހާ ދެމެދުގައެވެ. މި މަރުހަލާގައި ލައްވާ އަޑުތަކުގެ ތެރޭގައި އެކިފަހަރުމަތިން ލައްވާ ރުއިމުގެ އަޑާއި އެނޫނަސް ލައްވާ ތަފާތު އަޑުތައް ހިމެނެއެވެ. މިފަދަ އަޑުތަކަކީ ކޮންމެހެން ކުއްޖާގެ މާހައުލުގައި ހިމެނޭ އަޑުތަކަށް ނުވެދާނެއެވެ. މިމަރުހަލާގައި ކުއްޖާ ގިނައިން ބޭނުންކުރާނީ ތުންފަތުގެ (ބައިލޭބިއަލް) އަޑުތައްކަމަށްވާ /މަ،/ބަ،/ޕަ/ ފަދަ އަޑުތައް ކަމަށް ލިންގްއިސްޓުން ހާމަކުރައްވައެވެ.

ތުއްތު ކުއްޖެއްގެ ކިބައިގައި ބަސްއަށަގަތުމުގެ ދެވަނަ ހަރުފަތަކީ އެއް ލަފުޒުގެ މަރުހަލާ (One word phrases) އެވެ. މި މަރުހަލާ އަންނަނީ ކުއްޖާގެ އުމުރުން 9 މަހާއި 18 މަހާ ދެމެދުގައެވެ. ބަހަވީ އިލްމުވެރިން ހާމަކުރައްވަނީ މިމަރުހަލާގައި ކުއްޖާ ގިނައިން އޮއްޓަރުގެ ލަފުޒުތައް ބޭނުންކުރާނެ ކަމަށެވެ. މިސާލަކަށް ’ބައޯ’، ’ބޭބެ‘ ފަދަ ލަފުޒުތައް ބޭނުންކުރެއެވެ. މިގޮތަށް ބޭނުންކުރާ އެއްލަފުޒެއް އެތައް ކަމަކަށް، އެތައް މާނައެއްގައި ބޭނުންކޮށްފާނެއެވެ. މިގޮތުން ’ބައޯ‘ މިލަފުޒު ހުރިހާ ޖަނަވާރުންނަށް ނިސްބަތްކޮށްފާނެއެވެ. އަދި ’ބޭބެ‘ މިލަފުޒު ފިރިހެނުންނަށް ނިސްބަތް ކޮށްފާނެއެވެ. މިފަދަ ކޮންމެ ލަފުޒަކީވެސް ތުއްތުކުއްޖާއަށް ޖުމްލައެއް ކަމުގައި މަޝްހޫރު ބަހަވީ އިލްމުވެރިޔާ ވިކްޓޯރިޔާ ފުރޮމްކިން ހާމަކުރައްވާފައިވެއެވެ. މިސާލަކަށް އެއޮތީ ބުޅަލެއް ނުވަތަ އެހެންވެސް ޖަނަވާރެކޭ ބުނުމުގެ ބަދަލުގައި ހަމައެކަނި ’ބައޯ‘ މިހެން ބުނެފާނެއެވެ. މިފަދަ އެއްލަފުޒުގެ ޖުމްލައަށް ހޯލޯފުރެސްޓިކް ސެންޓެންސްއޭ ކިޔެއެވެ.

ކުޑަކުއްޖެއްގެ ކިބައިގައި ބަސް އަށަގަތުމުގެ ތިންވަނަ މަރުހަލާއަކީ ދެލަފުޒުގެ މަރުހަލާ (Two word phrases) އެވެ. މި މަރުހަލައަކީ ކުއްޖާގެ އުމުރުން 18 މަހާއި 24 މަހާ ދެމެދު އަންނަ މަރުހަލާއެކެވެ. މި މަރުހަލާގައި ކުއްޖާ ބޭނުންކުރަނީ އެއްލަފުޒުގެ މަރުހަލާގައި އޭނާ ބޭނުންކޮށްފައިވާ ލަފުޒުތައް ގުޅުވައިގެން ކަމަށް ވިކްޓޯރިޔާ ފުރޮމްކިން ހާމަކުރައްވާފައިވެއެވެ. މި މަރުހަލާގައި ތުއްތުކުއްޖާ ދެލަފުޒު ހުއްޓުމެއްނެތި ބޭނުންކުރެއެވެ. އެހެން ނަމަވެސް އާންމު ގޮތެއްގައި ބޭނުންކުރަނީ އޮއްޓަރުގެ ދެ ލަފުޒެވެ. މި މަރުހަލާގައި ނަން އެކަހެރިކޮށް ގިނަކޮށެއް ނުހަދައެވެ. އަދި މަސައްކަތުގެ ލަފުޒުތައްވެސް ބޭނުންކޮށެއް ނުހަދައެވެ.

ކުއްޖާގެ ކިބައިގައި ބަސް އަށަގަތުމުގެ ހަތަރުވަނަ ހަރުފަތަކީ ދެލަފުޒަށް ވުރެ ގިނަ ލަފުޒު ބޭނުންކުރާ(better multi-morpheme)  ހަރުފަތެވެ. މި މަރުހަލާއަކީ ކުއްޖާގެ އުމުރުން 24 މަހާއި 30 މަހާ ދެމެދުގައި އަންނަ މަރުހަލާއެކެވެ. މިމަރުހަލާ ފެށިގެން އަންނައިރު ތުއްތުކުއްޖާ ބޭނުން ކުރަނީ އޮއްޓަރުގެ ލަފުޒުތަކެވެ. އަދި ގުޅުވާ އަކުރުތައް ބޭނުމެއް ނުކުރެއެވެ. މި މަރުހަލާގައި މަސައްކަތުގެ ލަފުޒަށްވުރެ ގިނައިން އޮއްޓަރުގެ ލަފުޒު ބޭނުންކޮށްގެން ޖުމްލަ ހަދަންފަށައެވެ. އެގޮތުން މި މަރުހަލާގައި ތިން ހަތަރު ލަފުޒު އެއްކޮށްގެން ޖުމްލަ ހަދައެވެ. އަދި ބައެއްފަހަރު އެއަށްވުރެ ދިގު ޖުމްލަވެސް ހަދައިފާނެއެވެ.

ބަސް އަށަގަތުމުގެ އެންމެ ފަހު މަރުހަލައަކީ ރަނގަޅަށް ވާހަކަ ދެއްކުމުގެ މަރުހަލާ (Later multiword stage) އެވެ. މި މަރުހަލާއަކީ ކުއްޖާގެ އުމުރުން 30މަސް ވުމަށްފަހު އަންނަ މަރުހަލާއެކެވެ. މި މަރުހަލާގައި ގިނަ ލަފުޒުތައް ގުޅުވައިގެން ރަނގަޅަށް ވާހަކަ ދައްކަން ފަށައެވެ. އަދި އޮއްޓަރުގެ ލަފުޒުތަކުގެ އިތުރުން މަސައްކަތުގެ ލަފުޒުތައްވެސް ރަނގަޅަށް ބޭނުން ކުރެއެވެ. އަދި ބަސްކޮށާރު ވަރަށް ބޮޑަށް މުއްސަދިވެ، އެއްލަފުޒުގެ މަރުހަލާގައި ބޭނުންކުރާ ’ބައޯ‘ ގެ މާނަ ހަނިވެ، އޭގެ ބަދަލުގައި ’ބުޅާ‘ ނުވަތަ ’މުސަޅު‘ ފަދަ އެ ޖަނަވާރެއްގެ އަސްލު ނަން ބޭނުންކޮށްގެން ވާހަކަ ދައްކައެވެ.

މިޒަމާނުގެ ބަހުގެ މާހިރުން ޤަބޫކުރައްވާ ގޮތުގައި ބަހަކީ އެކުއްޖަކު ދިރިއުޅޭ މާހައުލުގެ ކަންކަމާ ލާމެހިގެން ޠަބީއީ ގޮތުން ކުދިންނަށް އެނގި އޮޅުންފިލަމުންދާ އެއްޗެކެވެ. އެހެން ނަމަވެސް ޅަފަތުގައި ބަހުގެ މާހައުލަށް ކުއްޖާ ތަޢާރަފް ނުކުރެވިއްޖެނަމަ ފަހުން އެބަހެއް އަށަގަތުމުގައި ބޮޑެތި މައްސަލަތަކެއް ކުރިމަތިވެއެވެ. އެހެންކަމުން މާދަރީ ބަސް ކުއްޖާގެ ކިބައިގައި އަށަގެންނެވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ ބަހުގެ ރަނގަޅު މާހައުލަކަށް ކުއްޖާގެ ޅައުމުރުގައި ތަޢާރަފް ކޮށްދިނުމެވެ.

ޝެއަރކުރެއްވުމަށް