އަޅުގަނޑުމެންނަކީ ފަހެ ކޮން ބައެއްތޯ އެވެ؟ ހަމަ ކަށަވަރުންވެސް އަޅުގަނޑުމެންނީ އިންސާނުންނީމުއެވެ. އާދޭހެވެ. އިންސާނުންނީމު އެވެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންނަކީ އިންސާނުން ކަން އެނގެއެވެ. ދިރޭ އެހެން އެއްޗެއްސާ ޚިލާފަށް އެއެއްޗިއްސަށް ނޭނގޭ، އިންސާނުންނަށް އެނގޭ ކިތަންމެ އެނގުންތަކެއް ހުރެއެވެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެން ކޮންމެ މީހެއްގެ މަންމައެއް ބައްޕައެއް ވާކަން އެނގެއެވެ. އުފަންވި ތަނެއް، އުޅެބޮޑުވި މުޖުތަމަޢެއް ވާކަން އެނގެއެވެ. އެ މުޖުތަމަޢުގައި އަޅުގަނޑުމެންނަށްވުރެ ކުރީން ކިތަށްމެބަޔަކު އުޅެފައިވާކަން ވެސް އަޅުގަނޑުމެންނަށް އެނގެއެވެ. އޭގެ ތެރެއިން މީގެ އެތަކެއް ސަތޭކަ އަހަރެއްގެ ކުރީން އުޅުނު މީހުން އުޅުނު ގޮތާއި އެމީހުންނަށް ދިމާވި ބޮޑެތި ކަންތައްތައް ވެސް އަޅުގަނޑުމެންނަށް އެނގެއެވެ.

މި ހުރިހައި ކަމެއް އަޅުގަނޑުމެންނަށް އަންގައިދެނީ ކޮން އެއްޗެއް ހެއްޔެވެ؟ އެ ކަންކަން އަޅުގަނޑުމެންނަށް އެނގޭ އެތަށް ގޮތެއް ހުރެ އެވެ. އަޅުގަނޑުމެންގެރާއްޖޭގެ ވާހަކަ ދައްކާނަމަ އެކަންކަން އެނގެނީ، އަޅުގަނޑުމެންގެ ބައްޕަމެން ކާފަމެން އަޅުގަނޑުމެންނަށް ކިޔައިދޭ ވާހަކަ ތަކުންނެވެ. ކުރީގައި މިރާއްޖެއަށް އައިސް ގޮސް އުޅުނު ބިދޭސީން އެކި ބަސްބަހުން ލިޔެފައި ހުރި ދަތުރުނާމާ ތަކުންނެވެ. އަހަރެމެންގެ ކާބަފައިންގެ ލިޔުން ތަކުންނެވެ.  އެމީހުންގެ މަހާނަގައު ތަކުގައި ހުރި ލިޔުން ތަކާއި އެމީހުންގެ ފެންނަން ހުރި އާޘާރު ތަކުންނެވެ. އަދި އެމީހުންގެކިބައިން އަޅުގަނޑުމެންނަނަށް ލިބުނު ރީތި އާދަތަކުންނެވެ.

 މި ހުރިހައި އެއްޗެއް ލިޔެވި އެއްކުރެވިފައިވާ ފަތްފުށް ތަކަކީ އަޅުގަނޑުމެންގެ ތާރީޚުގެ ފަތްފުށްތަކެވެ. މިރާއްޖެ ސިފަ ކުރެވޭ ގޮތެވެ. އިންސާނީ ތާރީޚަކީ އިންސާނުން މި ދުނިޔޭގައި ދިރި އުޅެން ފެށީއްސުރެ އިންސާނުން މިދެންނެވިގޮތްތަކުގެ މަތީން ދުނިޔޭގެ އެތަން މިތާނގައި އުޅެމުން އައި ގޮތްތަކުގެ ލިޔުން ތަކެވެ. ބިނާތަކެވެ. އާޘާރު ތަކެވެ. އެއީ އިންސާނީ ތާރީޚެވެ. އެހެން ކަމުން ތާރީޚަކީ ޒަމާން ތަކުގެ ތެރެއިން ބައެއްގެ ތެރޭގައި ކަންތައްތައް ހިނގަމުން އައިގޮތް ކިޔައި ދީފައިވާ ނުވަތަ ލިޔެފައިވާ ލިޔުންތަކެވެ. ނުވަތަ ފެންނަން ހުރި ދުވަސްވީ އާޘާރު ތަކެވެ.

ޝައްކެއް ނެތެވެ. ތަނެއްގައި ބަޔަކު ދިރިއުޅެން ފަށާ ދުވަހުން ފެށިގެން އެ ބައެއް އެތަނެއްގައި ދިރިއުޅުމުގެ ތާރީޚު ފެށުނީ އެވެ. އެއްބަޔަކު އެ ބިމުގައި ވަޅުލެވެމުން ދިރިތިބި ބަޔަކާ ތަން ޙަވާލުކޮށްފައި ދާނެއެވެ. ހަނދާންތަކެއް ދޫކޮށްފައެވެ. އިންސާނީ ތާރީޚުގެ ވަކިހިސާބަކުން މިފަދަ ހަނދާން ތަކުގެ ބޭނުން އިންސާނާ ދެނެގަނެ، ގަސްދުގައި އެފަދަ ހަނދާންތައް، ގިނަ ޒަމާންތަކަށް ދެމިހުންނާނޭގޮތް ހަދަންފެށި އެވެ. މިސާލަކަށް މިސްރުގެ އަހްރާމު ފަދަ ތަންތަނެވެ. ޤައުމިއްޔަތާއި އަމިއްލަވަންތަ ޙަޟާރަތުގެ ނަޒަރުން ބެލިޔަސް މި ދެ ބަޔަކީ ވެސް ތާރީޚެވެ.

ކުރީގެ ޒަމާން ތަކުގައި ގަބީލާ ތަކުގައިވެސް އެމީހުންނަށް ދިމާވާ ކަންތައް ލިޔެ އުޅުނެވެ. އެއްބަޔަކު އަނެއްބަޔަކަށް ޚަބަރު ކުރުމަށެވެ. ނުވަތަ މިވެނި ކަމެއް ނުވީ، އެވެނިކަމެއް ނުކުރެވިގެންކަން ހަނދާން ކުރުމުގެ ބޭނުމުގައެވެ. އަދި ދެން ދިމާވެދާނޭކަމަކަށް ތައްޔާރު ވުމުގައި ކުރީން ކަން ހިނގައިފައިވާ ގޮތުން ޢިބްރަތް ޙާޞިލު ކުރުމުގެ ބޭނުމުގައެވެ. މި ގޮތަށް ލިޔެވުނު ”އެތިކޮޅުތައް“ މިއަދު ވެފައިވަނީއެބަޔެއްގެ ތާރީޚުގެ މުހިންމު ޞަފްޙާ ތަކަކަށެވެ.

ރާއްޖޭގެ ތާރީޚު ބައްލަވައި ލެއްވިޔަސް މި ފަދަ ކިތަންމެ މިސާލެއް ފެނި ވަޑައިގަންނަވާނެ އެވެ. މިސާލަކަށް ދޮންބަންޑާރައިން، އެހެން ގޮތަކަށް ދަންނަވާ ނަމަ، މުލީގޭ ދޮން ޙަސަން މަނިކުފާނު ހޮޅީންގެކިބައިން ރާއްޖެ ސަލާމަތް ކުރެއްވި ރޭ، އަދި އޭގެ ފަހުން ރާއްޖެ ހިފަން ހޮޅީން އައި ފަހަރު ތަކުގައި އެ އަމަލު ކުރެއްވި ގޮތް ތަކުގައި، ރާއްޖޭގެ ތާރީޚުގެ ކިތަންމެ ފިލާވަޅެއްގެ ބޭނުންފުޅު  ހިތްޕަވައިފައިވާކަން  ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުންނަށް އެނގިވަޑައި ގަންނަވާނެ އެވެ.

ދުނިޔޭގެ އެތަންމިތާނގައި އިންސާނުން އާބާދު ވުމާއި ތަފާތު ޙާލަތު ތަކުގައި އުޅެން ފެށުމާހަމައިން ތާރީޚް ފެށެ އެވެ. އިންސާނީ ނަސްލުތައް އުފެދި ދަރިކޮޅު ތަކަށްބެހި، ބަސްތައް އުފެދި، ދީންތައް ފެތުރި، މިއިން ކޮންމެ ކަމަކުން ކުރިތައް ފަޅަމުން ހެދެމުން ބޮޑުވަމުން މިއަންނަނީ އިންސާނީތާރީޚުގެ ބިޔަ ގަހެވެ. އެ ގަހުގެ އޮށުން ފަޅައިގެން ހެދުނު ގަސް ތަކުގެ ބޮޑު ބަގީޗާގެ ކޮންމެ ގަހެއްގެ އެންމެ ފަތަކީވެސް ތާރީޚްޢިލްމުގެ ތަފާތު މައުޟޫޢެކެވެ.

ޤައުމު ތަކުގެ ތާރީޚަށް ކުޑަކޮށް ވިސްނާ ވަޑައިގެން ބައްލަވާށެވެ. އެއްބަޔަކު އެމީހުންގެ އަމިއްލަ ވަޒަނުގައި އެތިބަ އުޅެނީ އަހަރުގެ ގިނަ ދުވަސް ތަކެއްގައި ނުލާހިކު ގަދަ ހޫނު ގައެވެ. އުފަލުންނެވެ. އެމީހުންނަކަށް މި ދުނިޔެއަކު އެ އަށްވުރެ ލޯބިވާ ތަނެއް ނެތެވެ. އެޔާޚިލާފަށް އަނެއް ބަޔަކު އެ އުޅެމުން އަންނަނީ އަހަރުގެ ގިނަ ދުވަސްތަކެއްގައި ގަދަ ފިނީގައެވެ. ގަނޑުފެނުގަ އެވެ. އުފަލުންނެވެ. އެއީ އެމީހުންގެ ލޯބިވާ ވަޒަނެވެ. އެތަނަކާ ދުޝްމަނެއްގެ ގޮތުން ހަމަ އެކަކަށްވެސް  ކައިރި އެއް ނުވެވޭނެއެވެ. ސަބަބަކީ ވިސްނައިލަން ވަރަށް ފަސޭހަ ސަބަބެކެވެ. ތިމާމެން އުޅެ ބޮޑުވި ފަސްގަނޑަށް ޖެހިފައިވާ ލޯތްބެވެ. ތިމާމެންގެ ޙަޟާރަތު އެތާނގައިވުމެވެ. ހަމައެކަނި ތިމާމެންގެ ތާރީޚަކީ އެއީ ކަމުގައި ވުމެވެ.

ތިމާމެންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ބައެއް ފަރާތް ތަކުން ކުރާބިނާތައް ތާރީޚީބިނާ ތަކަށް ވެއެވެ. މިސާލަކަށް ޗައިނާގެ ބޮޑުފާރެވެ. ހަމަ އެފަދައިން ތިމާމެންގެ ހަނދާން ދިރުވުމަށް ކުރާ ބައެއްބިނާ އަށްވެސް ތާރީޚީ ޙައިޘިއްޔަތު ލިބިފައި އެބަހުއްޓެވެ. މިސާލަކީ އާގަރާ ގައި އެހެރަ ތާޖުމަހަލް އެވެ. މި އެކަންޏެއް ނޫނެވެ. ކޮންމެ ޙަޟާރަތެއް ގައިވެސް ތިމާމެންނަކީ ތިމާމެންކަން ދެއްކުން ވެފައިވަނީ އިންސާނުން އަބަދުވެސް ހޯދަން ބޭނުންވާ ޝަރަފަކަށެވެ. ތިމާމެންނަކީ މިވެނި ދަރިކޮޅަކަށް ނިސްބަތްވާ، މިވެނި ވެރިޔެއްގެ ޚިދުމަތުގައި އުޅުނު މިވެނި މީހުންގެ ދަރީންނޭ ނުވަތަ ތިމާގެ ޤައުމަށް މިވެނި ޚިދުމަތް ކޮށްފައި ތިބި މީހުންނޭ ބުނުން ވެފައި ވަނީ ގިނަ މީހުން ވަރަށް ފަޚްރުވެރި ކަމާއެކު ބުނެ އުޅޭބަހަކަށެވެ.  ތިމާމެން ތިމާމެންނަށްޓަކައި ފަޚްރުވެރި ވުމުން ދައްކަނީ، ނުވަތަ ތިމާގެޤައުމުގެ މާޒީއަޓަކައި ފަޚްރުވެރި ވުމުން ދައްކަނީ، ނުވަތަ އެކަން ދަންނަ ކަމަށްހެދޭ ހެދުމުން ދައްކަނީ ތާރީޚަކީ ޤައުމިއްޔަތުގެ އަސާސެއް ކަމެވެ. ކަން މިހެން ހުރުމާއެކު، ޤައުމީލޯބި، ޤައުމުގެ ދަރީންގެ ހިތްތަކުގައި އަށަގެންނެވުމަށްޓަކައި ޤައުމުގެ ތާރީޚު ޤައުމުގެ ދަރީންނަށް އުނގަންނައި ދިނުމަކީ ހުރިހައި ޤައުމެއްގައިވެސް މިއަދު ކުރާ ކަމެކެވެ.

އެންމެ ރަނގަޅެވެ. މިހައި ހިސާބުން  ދެން ހިތަށް އަންނަ ސުވާލަކީ ޤައުމުގެ ދަރީންނަށް ޤައުމުގެ ތާރީޚު އެނގުމަކީ ހަމަ އެހައި މުހިންމު ކަމެއް ހެއްޔެވެ؟ އެޤައުމެއްގެ ދަރީންނަށް އެ ޤައުމެއްގެ ތާރީޚު ހަމަ ކޮންމެހެން އެނގެން ޖެހޭނެ ހެއްޔެވެ؟ ނޭނގުނިއްޔާ ވާނީ ކީއްހެއްޔެވެ؟

ފުރަތަމަ ދެ ސުވާލުގެ ޖަވާބަކީ ވެސް އާދޭހެވެ.  ހަމަ ކޮންމެ ޤައުމެއްގެ ދަރީންނަށްވެސް އެމީހުން ގެ ތާރީޚު އެނގުމަކީ މުހިންމު ކަމެކެވެ. އެއީ ހުރިހައި ޤައުމަކުންވެސް މުހިންމުކަން ދޭ ކަމެކެވެ. އާދޭހެވެ. ކޮންމެ ޤައުމެއްގެ ދަރީންނަށްވެސް އެބައެއްގެ ތާރީޚު އެނގެންޖެހޭނެ އެވެ. ނޭނގުނިއްޔާ ވާނީ ކީއްހެއްޔޭތޯއެވެ؟ ވާނޭ ގޮތަކީ މިއެވެ.

ތާރީޚު ނޭނގި ތިމާއަކީކާކު ކަމެއް ތިމާއަކަށް ނޭނގޭނެއެވެ. ތާރީޚަކީ މާޒީ ދައްކައިދޭ ލޯގަނޑެވެ. ތިމާމެންގެ އަސްލާއި ނަސްލާއި ކުރީގައި އުޅުނު މީހުން ކުރި ރަނގަޅު ކަންތަކާއި ހެދި ގޯސް  ތަކުގެ ފިލާވަޅުތައް ފެންނާނީ ތާރީޚުންނެވެ. މިއަދު ޤައުމުގެ މިވެނި ކަމެއް މިވެނި ގޮތަކަށް މި އޮތީ ނުވަތަ ނެތީ ކީއްވެގެންކަން އެނގޭނީވެސް ތާރީޚުންނެވެ. ރަނގަޅު މުސްތަޤްބަލެއް ހޯދަން ބޭނުން މީހުން އަބަދުވެސް ބަލާނީ އެމީހުންގެ މާޒީ އަށެވެ. ތާރީޚަށެވެ. ޢިބްރަތް ހޯދާނީ ތާރީޚުންނެވެ. ތާރީޚު ނޭނގި އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ ޤައުމުގެ ދަރީންނަށް ޤައުމުގެ ތާރީޚު ނޭނގޭ ނަމަ އެމީހުންނަކަށް އެމީހުންގެ ޤައުމެއް ނޭނގޭނެއެވެ. އެޅޭ ފިޔަވަޅުން މިދެވެނީ ކުރިޔަށް ކަމެއް ނުވަތަ ފަހަތަށް ކަމެއްވެސް ނޭނގޭނެއެވެ.

ޤައުމުގެ ތާރީޚު ދަސްކުރާއިރު،އެކި ޒަމާނުގައި އެކި ކަންކަމުގައި އެކި ގޮތްގޮތަށް ޤައުމަށް ޚިދްމަތް ކުރި ޚިދްމަތްތެރީން ފެންނާނެއެވެ.  ޤައުމުގެ ސިޔާދަތަށްޓަކައި ޖިހާދު ކުރެއްވި އަބްޠާލުން ފެންނާނެއެވެ. އެކިވަރަށް ޤައުމާދެކޮޅަށް ތެދުވި އަމިއްލަ ޤައުމުގެ ޚާއިނުން ވެސް ފެންނާނެއެވެ. ޤައުމަށް އެކިގޮތް ގޮތުން އުނދަގޫކުރި  އަދި ޤައުމު އަޅުވެތި ކުރަން އުޅުނު ފަރާތްތައް ވެސް އެނގޭނެއެވެ. މި ޙާލަތުގައި ހަނދާން ބަހައްޓަންޖެހެނީ އަޅުގަނޑުމެން މި ދަސް ކުރަނީ ތާރީޚު ކަމެވެ. މިދެންނެވީ މި ދިރާސާ ތަކުން އަޅުގަނޑުމެންގެ ހިތް ތަކުގައި  ޤައުމީ ޝުޢޫރާއި ލޯބި އުފެދޭނޭ ވާހަކަ އެވެ. އަދި މީސް ނުމީސް ވަކިވުމަކީ، ކަންކަމުގެ ޙަޤީޤަތް އެނގުމަކީ ޠަބީޢީ ގޮތުން ބަޔަކަށްދެވޭ ޤަދަރު އުފުލި،ބަޔަކާމެދު ހިތްބަރުކަން  އުފެދި ދާނޭކަމެކެވެ. ތާރީޚް ޢިލްމުވަކި މިއުސޫލަކުން އިސްތިސްނާ އެއް ނުވާނެއެވެ.

އާދޭހެވެ. ތާރީޚް ޢިލްމަކީ، ޚާއްޞަކޮށް ތިމާގެ ޤައުމުގެ ތާރީޚަކީ އަޅުގަނޑުމެން އުނގެނި ދަސްކުރަން ޖެހޭ އެއްޗެކެވެ.  އަޅުގަނޑުމެންނަކީ ކޮންތާކުން ކިހިނެއް އައި ބަޔެއްކަން އަންގައިދެނީ ތާރީޚް ކަމަށް ވާތީއެވެ. ޒަމާނާއި އާދަކާދަޔަށް އަންނަ ބަދަލު އަޅުގަނޑުމެންނަށް އަންގައިދެނީ ތާރީޚް ކަމަށް ވާތީއެވެ. މާޒީގައިޤައުމަށް ކުރިމަތިވި މުސީބާތްތަކުން ޤައުމު ސަލާމަތް ވީ ކިހިނެއްކަން، އެކަމުގައި އިސްނެންގެވީ ކޮން އަބްޠާލުންނެއްކަން އަޅުގަނޑުމެންނަށް އަންގައިދިނީ ތާރީޚް ކަމަށް ވާތީއެވެ. އިއްޔެ އަޅުގަނޑުމެންނަށް ހެދުނު ގޯސް ތަކުން މިއަދު ސަލާމަތްވެ ތިބުމުގެ ފިލާވަޅު އަޅުގަނޑުމެންނަށްލިބެނީ ތާރީޚް ގެތެރެއިން ކަމަށް ވާތީ އެވެ.

ޝެއަރކުރެއްވުމަށް