ހަށިހެޔޮކަމަކީ ކޮންމެ އިންސާނަކު ވެސް އެންމެ އެދޭނެ އެއް ކަމެވެ. ހަށިހެޔޮކަންމަތީ ތިބުމަކީ ކޮންމެ އިންސާނަކަށްވެސް ލިބޭނެ އެހާމެ އުފާވެރި އަދި ހިންހަމަޖެހުމެކެވެ.
ހަށިހެޔޮކަން އެކި ގޮތްގޮތަށް މާނަ ކުރެވިދާނެވެ. ޖުމްލަކޮށް ބަލިތަކުން ދުރުހެލިވެ ހުރުމާއެކު، އާންމު ގޮތެއްގައި މަސައްކަތްކޮށް ކޮށް ނިމިގެން އިތުރަށް ކުޅިވަރު ކުޅެ، ނުވަތަ އެހެނިހެން ފިޒިކަލް މަސައްކަތް ކުރުމުގެ ހަކަތަ ހަށިގަނޑުގައި ހުރުމަކީ ހަށިހެޔޮކޮށް ހުރުން ކަމަށް ބެލެވިދާނެއެވެ. ބަލިތަކުން ދުރުހެލިވެ ހުރުމަށް މާނަކޮށް އުޅެނީ ދުޅަހެޔޮ ވުމަށެވެ. ހަށިހެޔޮކަމަށް ބެލެވެނީ، ބޮޑަށް ހަށިގަނޑުން ކުރާ ގިނަގުނަ މަސައްކަތް ކުރުމަށް ހަކަތަ، ޚާއްޞަކޮށް ފިޒިކަލް މަސައްކަތް ކުރުމަށް ހަކަތަ ނުވަތަ ބާރު ހުރުމަށެވެ.
ސިފައިންނަކީ ގައުމެއްގެ ’އައްޑަނަ‘ ކަމުގައި ބެލެވޭ ބައެކެވެ. ކޮންމެ ސިފައިންގެ މީހަކީވެސް ގައުމަށް ހެޔޮހިތުން ގުރުބާން ވުމަށް މާތްﷲ ގަންދީ ހުވާކޮށްގެން ތިބޭބައެކެވެ. ހެޔޮނިއަތުން ޤުރުބާން ވެވޭނީ ޤާބިލްކަން ހުރެގެނެވެ. ޤާބިލްކަން އިތުރު ކުރެވޭނީ އެތަކެއް ތަމްރީނެއް ހަދައިގެންނެވެ. އެގޮތުން ކޮންމެ ސިފައިންގެ މީހަކުވެސް އެމީހެއްގެ ޤާބިލްކަން ހުރި މިންވަރަކުން ތަމްރީނުތައް ހަދައިގެން ޤާބިލްކަށް އިތުރު ކުރުމަކީ ’ލާޒިލް‘ ކަމެކެވެ.
ސިފައިންނަކީ އާންމުންނާއި ޚިލާފަށް އެތަކެއް މަސައްކަތްތަކެއް ޤައުމެއްގެ ކުރިމަގަށް އަބަދުމެ އަބަދަށް ކުރުމަށް ތިބޭބައެކެވެ. އެހެންކަމުން ޤާބިލްކަން، ނުވަތަ ހުނަރުވެރިކަން އެކިމީހުންގެ ހުންނާއި އެކިވަރަށެވެ.
ކޮންމެ ހާލަތެއްގައިވެސް ކޮންމެ ރޭންކެއްގެ ސިފައިން ތިބި ނަމަވެސް އަދި އެމީހަކީ މަސައްކަތްކުރާ ދާއިރާގެ ފަންނީ މާހިރަކަށްވި ނަމަވެސް، ސިފައިންގެ މީހަކީ ’ހަށިހެޔޮކަން‘ އެއްކިބާ ކުރެވޭނެ މީހެއް ނޫނެވެ. ހަށިހެޔޮވުމަކީ ކޮންމެ ސިފައިންގެ މީހަކަށްވެސް ލާޒިމް ކުރާކަމެކެވެ. މާތްﷲ ގަންދީ ކޮށްފައިވާ ހުވާ ފުރިހަމަކުރެވޭނީ ހަށިހެޔޮކޮށް ތިބެގެނެވެ. އަދި ’ފިޓް‘ ސޯލްޖަރެއްގެ ގޮތުގައި ހުރުމަކީ ކޮންމެ ސިފައިންގެ މީހެއްގެ މައްޗަށް ލާޒިމް ކަމެކެވެ.
ޤަވާއިދުން ކަސްރަތު ކޮށްގެން މެނުވީ ހަށިހެޔޮކޮށް ނުތިބެވޭނެއެވެ. އެހެންކަމުން ޤަވާއިދުން ކަސްރަތު ކުރުމަކީ ކޮންމެ ސިފައިންގެ މީހަކުވެސް ކުރަންޖެހޭ، އަދި ކުރަން ފަސޭހަވެސް ކަމެކެވެ. ކޮންމެ އިންސާނަކަށް ވެސް ލިބެނީ ދުވާލަކު 24 ގަޑިއިރެވެ. އެހެންކަމުން ކޮންމެ ރޭންކެއްގެ ސޯލްޖަރަކަށްވެސް ހަމަހަމައެވެ. ކަސްރަތު ނުކޮށް ފިޓްނަސް ޓެސްޓުން ފެއިލްވުމަކީ ސިފައިންގެ މީހެއްގެ ގޮތުގައި ހުރުމަށް ކުފޫ ހަމަނުވާކަމުގެ ހެއްކެކެވެ. އެހެންކަމުން ސިފައިންގެ މީހަކަށް ހުރެގެން ވާނީ ސިފައިންގެ ފިޓްނަސް މިންގަޑުން ރަނގަޅަށް ފާސްވާ މީހުނަށް އެކަނިކަން ހުރިހާސިފައިން ހިތުގައި ބިންވަޅު ނެގިފައި ވާންވާނެއެވެ. ސުނާމީއެއް ނުވަތަ އެފަދަ ބޮޑު ކާރިސާއެއް ނުވަތަ ހާދިސާއެއް ގައުމަށް ދިމާވާނީ ނޭގި ހުއްޓައެވެ. އެހެންކަމުން ހަށިހެޔޮކޮށް އަބަދުމެ ތިބުން މިވަނީ އިންތިހާއަށް މުހިންމު ކަމަކަށް ވެފައެވެ.
1988 ނޮވެމްބަރު 3 ފަދަ ދުވަހެއް އަތުވެއްޖެނަމަ ގައުމު ސަލާމަތް ކުރުމުގައި ހަށިގަނޑާއި ފުރާނައިން ޤުރުބާން ވާން ޖެހިއްޖެނަމަ ޤުރުބާންވުމަކީ ކޮންމެ ސިފައިންގެ މީހެއްގެ މައްޗަށް ވާޖިބު ވެގެންވާ ކަމެކެވެ. ނޮވެމްބަރު 3 ވަނަ ދުވަހު ޤައުމަށްޓަކައި ޤުރުބާންވި ބަޠަލުންގެ ތެރޭގައި ހިމެނިލައްވާ ޝަހީދު ޝޭޑީ، (މެކާނޯ) އަދި ޙުސައިން އާދަމް ފަދަ ބަޠަލުންނަކީ ހަށިހެޔޮކަމަށް ލޯބިކުރި، ހަށިހެޔޮ ސޯލްޖަރުންތަކެކެވެ. އެބަޠަލުން އެދުވަހު ފުރާނައިން ޤުރުބާންވުމަށް ޖެހިލުމެއްނެތި ކުރިމަތިލީ، ހަށިހެޔޮކޮށް ތިބުމުން ކަމާއި މެދަކު ޝައްކެއްނެތެވެ. ޝަހީދު ޙުސައިން އާދަމަށް ބަލައިފިނަމަ، އޭނާއަކީ ކުޅަދާނަ ދުވުންތެރިއެއްގެ އިތުރުން ކުޅަދާނަ ފެތުން ތެރިއެއްވެސްމެއެވެ. މިފަދަ ކަންކަމުން ދޭހަވަނީ ޝަހީދު ކޯޕްރަލް ޙުސައިން އާދަމްއަކީ ޤަވާއިދުން ކަސްރަތުކުރާ ސޯލްޖަރެއްކަމެވެ. ނަތީޖާއަކީ ޤައުމަށްޓަކައި ފުރިހަމަ ސޯލްޖަރެއްގެ ޒިންމާ، އެންމެ ތަންކޮޅެއްވެސް ފަސްނުޖެހި ކުރިމަތިލާ ޤައުމު ދިފާއުކުރުމެވެ.
ޤައުމަށް ދިމާވާ މިފަދަ ޢުދުވާނީ ހަމަލާތަކުގެ އިތުރުން އެހެނިހެން ބުރަމަސައްކަތްވެސް ސިފައިން އަންނަނީ ކުރަމުންނެވެ. 2011 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާކު ސަމިޓަށް އައްޑުއަތޮޅުގައި އެޅުނު ކޮންވެންޝަން ސެންޓަރުގެ މަސައްކަތްތަކަކީ، ސިފައިންގެ ހަށިހެޔޮކަން ރަމްޒުކޮށްދިން ފަހުގެ ތާރީޚުގައި ކުރެވުނު އެހާމެ ބޮޑު މަސައްކަތެކެވެ. ފޫހިކަމެއްނެތި، ކެއިންބުއިމެއްނެތި ތިބެންޖެހުނު ނަމަވެސް ޝަކުވާއެއްނެތި ކުރި އެމަސައްކަތް އެހާ ފުރިހަމަޔަށް ކުރެވޭނީ ހަމަ ޔަޤީނުންވެސް ހަށިހެޔިކޮށް ތިބޭ ބަޔަކަށްކަން ޔަޤީނެވެ.
ޤަވާއިދުން ކަސްރަތުކޮށް އުޅުމަކީ ދިރިއުޅުމުގެ ބަޔަކަށް ހަދަން އުނދަގޫ ކަމެއް ނޫނެވެ. ހަފްތާއަކު 4 ނޫނީ 5 ދުވަހު، ކޮންމެ ދުވަހަކު ތިރީސް ނޫނީ ސާޅިސް ފަސް މިނެޓްވަންދެން ކަސްރަތު ކުރުމުން ފުދޭނެއެވެ. ކަސްރަތު ކުރާކަށް ވަކި ވަގުތެއް ނޯވެއެވެ. ހެދުނާއި މެންދުރާއި ހަވީރާއި ރޭގަނޑެވެ. އަދި ދަންވަރުވެސްމެއެވެ.
ކަސްރަތު ގަޑީގައި ކުރެވިދާނެ ކަސްރަތުތައްވެސް އެހާމެގިނައެވެ. ހިނގުމެވެ. ދުވުމެވެ. ފެތުމެވެ. ބައިސްކަލު ދުއްވުމެވެ. ކުޅިވަރުކުޅުމެވެ. މިހެންގޮސް ކޮޅުން ނުލާހާ ގިނައެވެ.
ކަސްރަތުން ލިބޭފައިދާތަށް އެހާމެގިނައެވެ. ހަށިގަނޑު ބައްޓަންވެ ރީތިކޮށްދެއެވެ. ހަށިގަނޑު ލުއިވުމެވެ. ނޭވާލާ ނިޒާމް ރަނގަޅުވުމެވެ. ކަށިތައް، މަސްތައް، ހުޅުތައް ވަރުގަދަ ކޮށްދެއެވެ. ސިކުނޑި ތަނަވަސް ކޮށްދެއެވެ. އެކިބާވަތްތަކުގެ ސްޓްރެސްތަކުން ދުރުހެލި ކޮށްދެއެވެ. އަރާމުކޮށް ނިދާލެވެއެވެ. އުވާވެރިކަން އިތުރުކޮށްދެއެވެ. ބަލިތަކުން ދުރުހެލި ކޮށްދެއެވެ. މިހެންގޮސް ކަސްރަތުގެ ސަބަބުން ލިބޭ ފައިދާތައް ކިތަންމެހާވެސް ގިނައިން ބުނެދެވިދާނެއެވެ.
ސިފައިންނާއި އާމުންނާ ހުންނަ އެންމެ ބޮޑު އެއް ތަފާތަކީވެސް ހަށިހެޔޮކަމެވެ. ކުފޫ ހަމަވާ ސިފައިންގެ މީހެއްގެ ބައްޓަން (އެތެރެއިން އެގުމުގެ ބަދަލުގައި) ބޭރަށްވެސް އެގޭނެއެވެ. ސްމާޓު ވާނެއެވެ. ބަޑެއް ނުހުންނާނެއެވެ. މަސައްކަތެއް ކުރަންވެއްޖެނަމަ، ވާރެއެއް އަތްވެއް ނޯންނާނެވެ. ރެއެއް ދުވާލެއް ނޯންނާނެއެވެ. ވަކިން ޚާއްޞަކޮށް ’ވަރުބަލިކަން“ އިޙްސާސް ނުވާނެއެވެ. އަދި ވަރުބަލިވި ނަމަވެސް ބޭރުފުށުން އެކަމެއް ނުފެންނާނެއެވެ.
އެހެންކަމުން ސިފައިންނާއި ހަށިހެޔޮކަން މިވަނީ ލާމެހިލެވިފައެވެ. އަދި ސިފައިންނަކީ ގައުމުގައި ތިބި އެންމެ ”ހަށި ރީތި“ މީހުން ކަމުގައި ހެދުމަށް އިތުރަށް މަސައްކަތް ކުރަމާތޯއެވެ.
