ޕްރިފެރެންޝަލް ވޯޓިންގ ނިޒާމަކީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ވޯޓުލާ މީހާއަށް އެންމެ ކަމުދާ ކެންޑިޑޭޓުންނަށް ތަރުތީބުން ނަންބަރު ޖަހައިގެން ވޯޓުލުމުގެ ފުރުސަތު އޮންނަ ނިޒާމެކެވެ. ޕްރިފެރެންޝަލް ވޯޓިންގގައި ވޯޓު ކަރުދާހުގައި އޮންނަ ކެންޑިޑޭޓުންގެ ނަންތަކުގެ ތެރެއިން ވޯޓުލާ މީހަކަށް އެންމެ ކަމުދާ ކެންޑިޑޭޓުގެ ނަމާ ދިމާލުގައި 1 ޖަހައި، ދެން ކަމުދާ ކެންޑިޑޭޓުގެ ނަމާ ދިމާލުގައި 2 ޖަހައި މިގޮތަށް ހުރިހާ ކެންޑިޑޭޓުން ތަރުތީބުކުރެއެވެ.

ޕްރިފެރެންޝަލް ވޯޓިންގ އޮންނަ ބައެއް ގައުމުތަކުގައި ހުރިހާ ކެންޑިޑޭޓުން ތަރުތީބުކުރުމުގެ ބަދަލުގައި ވޯޓުލާ މީހާއަށް އެންމެ ކަމުދާ ތިން ކެންޑިޑޭޓެއް ނުވަތަ ވަކި އަދަދަކަށް ކެންޑިޑޭޓުން ތަރުތީބުކުރުމަށް ކަނޑައަޅާފައި ހުރެއެވެ. ސްރީލަންކާގައި އޮންނަނީ މި ފަދަ ލިމިޓެޑް ޕްރިފެރެންޝަލް ވޯޓިންގ ނިޒާމެކެވެ.

ޕްރިފެރެންޝަލް ވޯޓިންގ ނިޒާމުގައި ވޯޓު ކަރުދާހުގައި އޮންނަ ހުރިހާ ކެންޑިޑޭޓުންގެ ތެރެއިން ވޯޓުލާ މީހާއަށް ވޯޓުލާނެ ކެންޑިޑޭޓުންގެ އަދަދު ކަނޑައެޅުމުގެ އިޚުތިޔާރު  ދޫކޮށްލާފައި ވެސް ހުރެއެވެ. މިއީ އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ވޯޓުދިނުމާއި ނުދިނުމުގެ އިޚުތިޔާރު ވޯޓުލާ މީހާއަށް ދޫކޮށްލުމެވެ. މިއިން ކޮންމެ ގޮތަކަށް ވޯޓުލީ ކަމުގައި ވިޔަސް މި ނިޒާމުގައި ވޯޓުލުމުގެ ދެވަނަ ބުރެއް ނޯވެއެވެ. އޭގެ ބަދަލުގައި އޮންނަނީ ކޮންމެވެސް އެއް ކެންޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ މަތިން ވޯޓު ލިބެންދެން ވޯޓު ގުނުމުގެ ބުރުތަކެކެވެ.

ޕްރިފެރެންޝަލް ވޯޓިންގ ނިޒާމުގައި ވޯޓު ގުނާ އިރު ފުރަތަމަ ގުނަނީ ހުރިހާ ވޯޓުކަރުދާސްތަކުން ވޯޓުލީ މީހުން އިޚްތިޔާރުކޮށްފައިވާ 1ވަނަ އެކަންޏެވެ. ވޯޓު ގުނުމުގެ މި ބުރުގައި އެއް ކެންޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ އިތުރަށް ވޯޓު ލިބިއްޖެ ނަމަ އެ ކެންޑިޑޭޓަކު އެ އިންތިޚާބެއް ކާމިޔާބުކުރީ ކަމަށް ނިންމައެވެ. ވޯޓު ގުނުމުގައި ދެވަނަ ބުރަކަށް ދާނީ ވޯޓު ގުނުމުގެ ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ އިތުރަށް ވޯޓު ނުލިބިއްޖެ ނަމައެވެ. ވޯޓު ގުނުމުގެ ދެވަނަ ބުރަށް ދާ އިރު އިންތިޚާބުގައި އެންމެ މަދުން ވޯޓުލިބުނު ކެންޑިޑޭޓުގެ ނަން އުނިކުރެއެވެ. ނުވަތަ އެ ކެންޑިޑޭޓް އެލިމިނޭޓްވެއެވެ. ބައެއް ގައުމުތަކުގައި ދެ ކެންޑިޑޭޓުން ނުވަތަ ތިން ކެންޑިޑޭޓުން ވެސް އެލިމިނޭޓްކުރެއެވެ. ނުވަތަ އެންމެ ގިނަ ވޯޓު ލިބޭ ތިން ކެންޑިޑޭޓުން ފިޔަވައި އެހެން ހުރިހާ ކެންޑިޑޭޓުން ވެސް އެލިމިނޭޓްކުރެއެވެ. މިގޮތަށް ހަދަނީ ވޯޓު ގުނުމުގެ ބުރުތައް މަދުކުރުމަށެވެ.

އުނިކުރާ ކެންޑިޑޭޓުންގެ ނަން އުނިކުރުމަށް ފަހު ވޯޓު ގުނާ އިރު އެ ކެންޑިޑޭޓަކީ އެއްވަނަ ކަމަށް އިޚްތިޔާރުކުރި ވޯޓު ކަރުދާސްތަކުގައި ދެން އިޚްތިޔާރުކޮށްފައިވާ ކެންޑިޑޭޓުންނަށް އެ ވޯޓުތައް ބަހާލައެވެ. މި ބަދަލާ އެކު ވެސް އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ މަތިން ވޯޓު ނުލިބޭ ނަމަ އެންމެ މަދުން ވޯޓު ލިބޭ ކެންޑިޑޭޓް އެލިމިނޭޓްކުރަމުން ކޮންމެވެސް އެއް ކެންޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ މަތިން ވޯޓު ލިބެންދެން ވޯޓު ގުނުން ތަރުކާރުކުރަމުން ގެންދެއެވެ.

ޕްރިފެރެންޝަލް ވޯޓިން ނިޒާމަށް ބަލާ އިރު މިއީ ޚަރަދު ކުޑަ ނިޒާމެކެވެ. ވޯޓު ބޭކާރު ނުވާ އަދި ވޯޓުލާ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކުރެވޭ ނިޒާމެކެވެ. މިއީ އިންތިޚާބުތަކުގައި ނައްސި ކެމްޕޭންކުރުމުން ދުރުވެ، ސުލުހަވެރި ކެމްޕޭނަކަށް މަގުފަހިވެގެންދާ ކަމެކެވެ. ޕްރިފެރެންޝަލް ވޯޓިންގ ނިޒާމުގައި ކެންޑިޑޭޓުންގެ މައިގަނޑު ސިޔާސަތަކީ ވޯޓުލާ ހުރިހާ އެންމެންގެ މެދުގައި ވެސް މަގުބޫލުކަން ދެމެހެއްޓުމެވެ. އެއްވެސް ފިކުރެއް ނުވަތަ މުޖުތަމަޢެއްގެ ބައެއްގެ މެދުގައި މަގުބޫލުކަން އެންމެ މަތިން ނުލިބޭ ހާލަތުގައި ވެސް އެންމެ ދަށަށް ނުވެއްޓުމެވެ. މީގެ ސަބަބުން ހުރިހާ ފަރާތްތަކުން ވެސް ކުރާނީ ފައްސި ކެމްޕޭންތަކެކެވެ.

މަޢުލޫމާތު:

ޝެއަރކުރެއްވުމަށް