މި ސަރަހައްދުގެ އެންމެ ވާދަވެރި ހަތުރުންގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ އިންޑިއާއާއި ޕާކިސްތާނު މި ދުވަސްވަރު އޮތީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ. މި ނުތަނަވަސްކަން މެދުވެރިވި ސަބަބަކީ އެޕްރީލު 22ވަނަ ދުވަހު އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރު ފަޅީގައި ދިން ނިރުބަވެރި ހަމަލާއަކާ ގުޅިގެން އެއްބަޔަކު އަނެއް ބަޔަަކަށް ކުރާ ތުހުމަތުތަކެވެ. މި ލިޔުމުގައި މި ބަލާލަނީ، މި ހަމަލާއާ ގުޅިގެން އުފެދިފައިވާ އެންމެ ފަހުގެ ޓެންޝަންތަކުގެ މައްޗަށެވެ.
ޕަހަލްގަމް ހަމަލާ
އޭޕްރީލް 22ވަނަ ދުވަހު އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ މަޤުބޫލު ފަތުރުވެރިންގެ މަންޒިލެއް ކަމަށްވާ ޕަހަލްގަމްގައި ހަތިޔާރާ އެކު ހަރަކާތްތެރިވި ބަޔަކު ވަނީ، އެ ސަރަހައްދަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް ހަމަލާދީ 26 މީހަކު މަރާލާފައެވެ. އޭގެތެރޭގައި ހިމެނެނީ އިންޑިއާގެ 25 ރައްޔިތުންނާއި ނޭޕާލްގެ ރައްޔިތެކެވެ. މިއީ ފާއިތުވި އަހަރުތަކުގައި މި ސަރަހައްދުގައި ދިން އެންމެ ނުރައްކާތެރި އެއް ނިރުބަވެރި ހަމަލާއެވެ. އަދި، މިއީ 2000 ވަނަ އަހަރަށް ފަހު އެ ސަރަހައްދުގައި ހިނގި އެންމެ ނުރައްކާތެރި ހަމަލާގެ ގޮތުގައި މީޑިއާތަކުން ސިފަކޮށްފައިވެއެވެ.
އެ ހަމަލާތައް ހަމަލޮލުން ފެނުނު ބައެއް މީހުން، އެ ބިރުވެރި މަންޒަރުތައް މީޑިއާތަކާ ހިއްސާކުރަމުން ބުނެފައިވާ ގޮތުގައި، ހަތިޔާރުއެޅި މީހުންގެ ހަމަލާތައް އަމާޒުކުރީ، ޚާއްޞަކޮށް ފިރިހެނުންނަށެވެ. އަދި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތާއީދުކުރާ ފަރާތްތައް ވެސް އެމީހުންގެ ހަމަލާގެ ޝިކާރައަށް ހެދި ކަމުގައި ބައެއް މީހުން ކިޔައިދީފައިވެއެވެ.
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ދަނީ، މި ހަމަލާތައް ދީފައިވަނީ ޕާކިސްތާނަށް ވާގިވެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުން ކަމުގައި ތުހުމަތުކުރަމުންނެވެ. އެ ހަމަލާތައް ދީފައިވާ ޖަމާއަތަކީ އެ ސަރަހައްދުގައި އަލަށް ހަރަކާތްތެރިވާން ފެށި ޕާކިސްތާނަށް ސަޕޯޓްކުރާ ”ކަޝްމީރު ރެސިސްޓެންސް“ ނުވަތަ ”ދަ ރެސިސްޓެންޓް ފްރަންޓް“ ނަމަކަށް ކިޔާ ޖަމާއަތަކުން ކަމުގައި އިންޑިއާގެ ބައެއް އޮތޯރިޓީތަކުން ފާހަގަކޮށްފައިވެއެވެ. އަދި އެ ހަމަލާދިން ނިރުބަވެރިންގެ ތެރޭގައި ހިމެނޭ ތިން މީހެއްގެ ނަން ވަނީ ހާމަކޮށްފައެވެ. އެއީ، އާސިފް ފުޖީ، ސުލޭމާން ޝާހް އަދި އަބޫ ތަލްހާ ކިޔާ ތިން މީހުން ކަމުގައި ސަލާމަތީ އެޖެންސީތަކުން ބުނެފައިވެއެވެ. ނަމަވެސް އެކަން އެއްވެސް މިނިވަން މަސްދަރަކުން އަދި މިހާތަނަށް ޔަގީންކޮށްދީފައެއް ނުވެއެވެ.

އަނެއްކޮޅުން އިންޑިއާގެ އެ ތުހުމަތުތައް ޕާކިސްތާނުން ވަނީ ދޮގުކޮށްފައެވެ. އެ ހަމަލާއަކީ އިންޑިއާއިން ހިންގާ ”ފޯލްސް ފުލޭގް އޮޕަރޭޝަން“އެއް ކަމަށް ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ”ފޯލްސް ފުލޭގް އޮޕަރޭޝަން“އަކީ ހަމަލާގެ ޙަޤީޤީ ޒިންމާ އުފުލަންޖެހޭ ފަރާތުގެ މަސްދަރު ފޮރުވައިގެން އެހެން ފަރާތެއް އެކަމުގައި ކުށްވެރިކުރުމުގެ ނިޔަތުގައި ހިންގާ އަމަލުތަކަށް ބޭނުންކުރާ ޓާމެކެވެ.
ރައްދު ފިޔަވަޅުތައް
އެ ހަމަލާއާ ގުޅުވައި، ދެ ގައުމުން ވެސް ދަނީ އެއްބަޔަކު އަނެއް ބަޔަކަށް ބަދަލުކުރަމުންދާ ބަހުގެ ހަމަލާތަކަށް ރައްދުދީ، ފިޔަވަޅުތައް އަޅައި މަޝްރަހު އިތުރަށް ހޫނުކުރަމުންނެވެ. އެގޮތުން މަޝްރަހު އެންމެ ބޮޑަށް ހޫނުވެފައިވާ އެއް ފިޔަވަޅަކީ، 1960 ވަނަ އަހަރުން ފެށިގެން ދެ ގައުމުން އަމަލުކުރަމުންދާ ”އިންޑަސް ވޯޓާސް ޓްރީޓީ“ (މުއާހަދާ) އިންޑިއާއިން ސަސްޕެންޑްކުރުމެވެ.
”އިންޑަސް ވޯޓާސް ޓްރީޓީ“ މުއާހަދާއަކީ، ދެ ގައުމުގެ އިމުގެ ތެރެއަށް ވަދެފައިވާ އިންޑަސް ކޯރާއި އެ ކޯރާ ގުޅިފައިވާ އެހެނިހެން ކޯރުތައް ދެ ގައުމުން ހިއްސާކުރެވޭނެ ”އުސޫލުތައް“ ބަޔާންކޮށް، އެއްބަސްވެވިފައިވާ މުއާހަދާއެކެވެ. މި މުއާހަދާގައި ކަނޑައަޅާފައިވާ ގޮތުން، އިންޑަސް ކޯރާ ގުޅިފައިވާ އިރުމަތީ ކޯރުތައް (ރަވީ، ބީސް، ސުޓްލެޖް ކޯރުގެ ބައެއް ބައިތައް) ނިސްބަތްވަނީ އިންޑިއާގެ އިމުގެ ތެރެއަށެވެ. ހުޅަނގު ބިތުގައި އޮންނަ ކޯރުތައް (އިންޑަސް، ޖެލަމް، ޗެނަބް ކޯރުގެ ބައެއް ބައިތައް) އަކީ ޕާކިސްތާނަށް ނިސްބަތްވާ އިމުގެ ތެރޭގައި ހިމެނޭ ކޯރުތަކެވެ. އިންޑަސް ކޯރުގެ ފެން ދައުރުވާ ނިޒާމަށް ބަލާ އިރު، އެ ކޯރަށް ވަރަށް ބޮޑު ނުފޫޒެއް އިންޑިއާއިން ފޯރުވެއެވެ. އޭގެ ފައިދާ ނަގައި، ފެނުގެ ވަސީލަތްތައް ހިއްސާކުރުމާ ބެހޭ ގޮތުން ދެ ގައުމުން ސޮއިކޮށްފައިވާ އެ މުއާހަދާއަށް އަމަލުކުރުން އިންޑިއާއިން ވަނީ ހުއްޓާލާފައެވެ. ނަތީޖާއަކަށް ވެގެންދަނީ އެ ކޯރުތަކުގެ ފެނަށް ބަރޯސާވާ ޕާކިސްތާނުގެ ދަނޑުބިންތަކަށާއި ދިރުންތަކަށް އޭގެ ސަބަބުން ވަރަށް ބޮޑު ގެއްލުންތަކެއް ވެގެންދިޔުމެވެ. އިންޑިއާގެ މި ޢަމަލަކީ، ”ހަނގުރާމައިގެ ޢަމަލެއް“ (އެކްޓް އޮފް ވޯރ) ގެ ގޮތުގައި ޕާކިސްތާނުން ވަނީ ސިފަކޮށްފައެވެ. އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވީ އެއްބަސްވުމަށް އަލުން އަމަލުކުރަން ފަށާނީ ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމްގެ އަމަލުތައް ޕާކިސްތާނުން އެކަށީގެންވާ ގޮތެއްގައި ކުށްވެރިކޮށް، އެ ކަންކަމަށް ދެކޮޅު ހެދުމުން ކަމަށެވެ.

މި ޓެންޝަންތަކުގައި އިންޑިއާއިން އަޅާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި، ބޯޑަރު ހުރަސްކޮށް ދެ ގައުމުގެ ދެމެދުގައި ދަތުރުކުރާ މައިމަގުން އިންޑިއާއަށް ވަދެވޭ މައިބޯޑަރު ބަންދުކުރުމާއި، ދިއްލީގައި ހުންނަ ޕާކިސްތާނު އެމްބަސީގައި މަސައްކަތްކުރާ ބައެއް ޑިޕްލޮމެޓުން ގައުމަށް އަނބުރައި ފޮނުވާލުމާއި، ޕާކިސްތާނުގެ ރައްޔިތުންނަށް އިންޑިއާއިން ދީފައިވާ ވިސާ ބާތިލުކޮށް، ޕާކިސްތާނުގެ ރައްޔިތުން 48 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން ބޭރުވުމަށް އަމުރުކުރުން ފަދަ ހަރުކަށި ފިޔަވަޅުތައް ފާހަގަކޮށްލެވެއެވެ.
އިންޑިއާއިން އަޅަމުންދާ ފިޔަވަޅުތަކާ ދެކޮޅަށް ޕާކިސްތާނުން ވެސް ދަނީ ރައްދު ދެމުންނެވެ. އޭގެތެރޭގައި، ޕާކިސްތާނުން އިންޑިއާއާ އެކު ކުރަމުންދިޔަ ހުރިހާ ޓްރޭޑްތައް ހުއްޓާލުމުގެ އިތުރުން، ޕާކިސްތާނުގެ ވައިގެ ސަރަހައްދު އިންޑިއާގެ މަތިންދާބޯޓުތަކަށް މަނާކޮށް، ލޭންޑް ބޯޑަރުތައް ބަންދުކުރުން ހިމެނެއެވެ. އަދި ޕާކިސްތާނުގައި މަސައްކަތްކުރާ އިންޑިއާގެ ޑިޕްލޮމެޓިކް މުވައްޒަފުން އެނބުރި ގައުމަށް ދިޔުމަށާއި، އިންޑިއާގެ ރައްޔިތުން 48 ގަޑިއިރުގެ ތެރޭގައި ޕާކިސްތާނުން ފުރުމަށް އަމުރުކޮށްފައިވެއެވެ.
މި ނުތަނަވަސްކަމުގައި، ޕާކިސްތާނުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ވަނީ އިންޑިއާގެ ޕްރޮވޮކޭޝަންތަކާ ދެކޮޅަށް ”ފުރިހަމަ ބާރު“ (ވިތު ފުލް ފޯސް) ބޭނުންކޮށްގެން ޖަވާބުދާރީވާނޭ ކަމަށް ވައުދުވެފައެވެ.
މި މައްސަލާގައި އިންޑިއާއާއި ޕާކިސްތާނުން އަސްކަރީ ގޮތުން ވެސް ދަނީ ކުރިމަތިލަމުންނެވެ. އެގޮތުން، ކަޝްމީރުގައި ދިރިއުޅޭ ނިރުބަވެރި ހަނގުރާމަވެރިން ކަމަށް ޝައްކުކުރެވޭ 8 މީހެއްގެ ގެދޮރު އިންޑިއާގެ ސަލާމަތީ ބާރުތަކުން ގޮއްވާލާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. އޭގެ އިތުރުން، ކަޝްމީރުގެ އިންޑިއާ ފަޅިއާއި ޕާކިސްތާނު ފަޅިން ބޯޑަރުގައި ސިފައިން ދަނީ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް އެއްބަޔަކު އަނެއް ބަޔަކަށް ހަތިޔާރުން ހަމަލާތައް ދެމުންނެވެ.

ކަޝްމީރުގެ މައްސަލަ
އިންޑިއާއާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ މި ޓެންޝަންގެ އަސްލަކީ، ކަޝްމީރާ މެދު ދެ ގައުމުގެ ދެމެދުގައި ދިގު މުއްދަތަކަށް އުފެދިފައިވާ ހައްލު ނުކުރެވުނު މައްސަލަތަކެވެ. 1947 ވަނަ އަހަރު އިނގިރޭސިން އިންޑިއާއިން ފައިބައިގެން ދިޔައިރު، ދީނީ ލައިންތަކުގެ މައްޗަށް ބިނާކޮށް، އިންޑިއާ، މިނިވަން ދެ ޑޮމިނިއަންއަކަށް ބައިކުރިއެވެ. އެއީ، ”ޔޫނިއަން އޮފް އިންޑިއާ“ އާއި ”ޑޮމިނިއަން އޮފް ޕާކިސްތާން“ ގެ ނަމުގައި ވަކި ދެ ދައުލަތުގެ ގޮތުގައެވެ. އެ ގައުމުގެ ދެމެދުގައި އޮތް ކަޝްމީރު އޮތީ ޕްރިންސްލީ ސްޓޭޓެއްގެ ގޮތުގައެވެ. ބޭނުންވާ ޑޮމިނިއަންއަކާ ގުޅުމުގެ ނުވަތަ މިނިވަންކަމާ އެކު ދެމިތިބުމުގެ އިޚްތިޔާރު ކަޝްމީރަށް އޮތެވެ. ނަމަވެސް، ކަޝްމީރު ސަރަހައްދުގައި ބާރު ގަދަކުރުމަށް އިންޑިއާއާއި ޕާކިސްތާނުން ކުރާ ތަޅާފޮޅުންތަކުގެ ސަބަބުން އެ ސަރަހައްދަކީ ފްލެޝްޕޮއިންޓަކަށް އޮތީ ވެފައެވެ. އެ ސަރަހައްދުގައި އެ ދެ ގައުމުން ވަނީ ބޮޑެތި ތިން ހަނގުރާމައެއް (1947، 1965، 1971) ކޮށްފައެވެ. އަދި، އެތައް ހަމަނުޖެހުމަކާއި ލޭއޮހޮރުވުންތައް ހިންގާފައެވެ. އިންޑިއާއާއި ޕާކިސްތާނުގެ ވެރިކަމުގައި މިހާރު ބައިކުރެވިފައިވާ ކަޝްމީރުގެ ބޯޑަރަކީ ދުނިޔޭގެ އަސްކަރީ ހަރަކާތްތައް އެންމެ ގިނަ އަދި، އެންމެ ގިނަ ސިފައިން ގާއިމްވެގެން ތިބޭ ބޯޑަރުތަކުގެ ތެރެއިން އެއް ބޯޑަރެވެ.
މި ދެ ގައުމަކީ ވެސް ނިއުކްލިއާ ހަތިޔާރު ހުރި ގައުމުތަކަށް ވާތީ، މި ދެ ގައުމުން ފުޅާ ދާއިރާއެއްގައި ހަނގުރާމައަކަށް ނުކުމެއްޖެ ނަމަ އޭގެ ސަބަބުން ދުނިޔެއަށް އޭގެ ބިރުވެރި އަސަރުތައް ކުރާނެއެވެ. 1999 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ހިނގި ކާގިލް ހަނގުރާމަ ވެސް، އެންމެ ބޮޑުވަރު ނުވަނީސް ހުއްޓުވުނީ، ދެ ގައުމުގެ ދެމެދުގައި ރޯވެފައިހުރި ހުޅުގަނޑަށް ފެންޖަހައި ނިއްވާލުމަށް ބައިނަލްއަގުވާމީ ގޮތުން ގިނަ ގައުމުތަކެއް މެދުވެރިވެގެން ކުރެވުނު މުއާމަލާތްތަކާއި މަސައްކަތްތަކެއްގެ ސަބަބުންނެވެ. އެހެނަސް، ބޭރު ދުނިޔޭގެ މަޝްރަޙު ދިރާސާކުރައްވާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އޭރާ އަޅާބަލާ އިރު ދުނިޔޭގެ މަޝްރަޙު މިއަދު އޮތީ ވަރަށް ތަފާތު ހާލަތެއްގައެވެ. މިހާރު ފުޅާ ދާއިރާއެއްގައި ދެ ގައުމުން ހަނގުރާމައަކަށް ނުކުމެއްޖެ ނަމަ، އެ ހަނގުރާމައެއް ބައިނަލްއަގުވާމީ ބާރުތަކުން ހުއްޓުވަން އުނދަގޫވާނެ ކަމުގައި ތަހުލީލުކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
އެހެނީ، ސަރަހައްދީ ޑައިނަމިކްސްއަށް ނަޒަރު ހިންގާލާ އިރު، ޗައިނާ-ޕާކިސްތާނު އިކޮނޮމިކް ކޯރިޑޯ (ސީޕީއީސީ) މެދުވެރިކޮށް ޕާކިސްތާނާ އެކު ޗައިނާގެ ގުޅުން އޮތީ ވަރަށް ބަދަހިކޮށެވެ. އަދި، އިންޑިއާއިން ލަޑަކް ސްޓޭޓްގެ ބޯޑަރު ހިއްސާކުރާ ޗައިނާއާ ދެމެދު އިންޑިއާއާއި ޗައިނާ ސިފައިންގެ މެދުގައި ހިނގި ”ގަލްވާން ވެލީ ކްލޭޝް“ ގެ ނުތަނަވަސްކަން އަދިވެސް ހަނދާން ނެތިގެން ދާހާ ދުވަހެއް ނުވެއެވެ. 2020 ވަނަ އަހަރުގެ ޖޫން މަހު ގަލްވާން ވެލީގެ ބޯޑަރު ސަރަހައްދުގައި އިންޑިއާއާއި ޗައިނާ ސިފައިންގެ މެދުގައި ނުރައްކާތެރި އަސްކަރީ ކުރިމަތިލުމެއް ހިނގާފައިވެއެވެ. މި ކަންކަން މިހެން ހުރީތީ ޗައިނާއާއި ޕާކިސްތާނާ އެކު ދެފަރާތުން ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު އިންޑިއާއަށް އެބައޮތެވެ.
ޕަހަލްގަމް ހަމަލާއާ ގުޅިގެން އެތެރޭގެ ޕްރެޝަރު ވެސް އިންޑިއާގެ ސަރުކާރަށް އޮތީ ބޮޑުވެފައެވެ. ޕާކިސްތާނާ ދެކޮޅަށް އޮތް އިންޑިއާގެ އާންމުންގެ ރުޅިވެރިކަމާއި، މުމްބާއީ އަދި އަހުމަދުއާބާދު ފަދަ ބޮޑެތި ސްޓޭޓްތަކުގައި ކުރެވެމުންދާ ހޫނު މުޒާހަރާތަކުގައި ޕާކިސްތާނަށް ހޫނު ރައްދެއް ދިނުމަށް ސަރުކާރަށް ދަނީ ބާރުއަޅަމުންނެވެ.
ބައިނަލްއަގުވާމީ އިޖާބަ
މި ހަމަނުޖެހުންތައް އިތުރަށް ގޯސްވިޔަ ނުދިނުމަށް އދ. އިން ވަނީ ގޮވާލާފައެވެ. އަދި، ދެ ގައުމުގެ ނުތަނަވަސްކަން ފުޅާވަމުން ދާތީ ކަންބޮޑުވާކަން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވަނީ ފާޅުކުރައްވާފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ހަމަލާއަށް ނިސްބަތްކޮށް ”އެއީ ގޯހެއް“ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ މައްސަލަ އިންޑިއާއާއި ޕާކިސްތާނުން ހައްލުކުރެވޭނެ ކަމުގެ ޔަގީންކަން ފާޅުކުރައްވައި، ފިނި ގޮތަކަށް ވާހަކަފުޅު ދައްކަވާފައިވެއެވެ. ދެ ގައުމުގެ ނުތަނަވަސްކަމާ ގުޅިގެން އުފެދޭ ކަންކަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ދަނީ މޮނިޓަރ ކުރަމުންނެވެ. ނަމަވެސް މާޒީގައި އެމެރިކާއިން ޢަމަލުކޮށްފައިވާ ގޮތްތަކާ ޚިލާފަށް މިފަހަރު މީޑިއޭޝަންގެ ދައުރެއް ހުށަހަޅާފައެއް ނުވެއެވެ.
މަޝްރަހު އޮތް ގޮތުން ހާލަތު އޮތީ ނުރައްކާތެރި ފައްތަރެއްގައެވެ. ދެ ފަރާތުން ވެސް ”ޓިޓް ފޯ ޓެޓް“ ފިޔަވަޅުތަކެއް އަޅަމުންދާ އިރު، ފުޅާ ކުރިމަތިލުންތަކަކަށް ދިއުމުގެ ނުރައްކާ ބޮޑެވެ. މާޒީގައި ދެ ގައުމުގެ ދެމެދުގައި ހިނގާފައިވާ ހަމަނުޖެހުންތަކާއި ކުރިމަތިލުންތަކާ ޚިލާފަށް، ހަރުދަނާ ބައިނަލްއަގުވާމީ މެދުވެރިއެއްް މި ވަގުތަށް ނެތުމަކީ، ހާލަތު އިތުރަށް ގޯސްވެދާނޭ ކަމެއްކަން ތަޖުރިބާކާރުން ދަނީ ފާހަގަކުރަމުންނެވެ.
މަސްދަރުތައް
- މި ލިޔުމަށް މަޢުލޫމާތު އެއްކޮށްފައިވަނީ ސީއެންއެން، ބީބީސީ، އަލްޖަޒީރާ، އޭޕީ ނިއުސް، އިންޑިއާ ޓުޑޭ، ޓައިމްސް އޮފް އިންޑިއާގެ ޚަބަރު ރިޕޯޓްތަކާއި ތަޙުލީލުތަކާއި، އެކްސްގައި ބައެއް އާންމު ފަރާތްތަކުން ލިޔެފައިވާ ޕޯސްޓްތަކުންނެވެ.
