އާދެ! އަޅުގަނޑުމެން ސިފައިންގެ އަޒުމް ގުޑުވާލެވިފައިވާތީއެއް ނުފެނެއެވެ. ބަންޑާރަކޮށީގެ ބޮޑުގޭޓުން ވަންނަ އިރު ހިތަށް އަރައެވެ. ސެނގަރުގައި ހުރީ ޝަހީދު ޙުސައިން އާދަމް ނަމަ، ގޭޓުން ވަދެގެންދާ ކޮންމެ ފަހަރަކު ދާނީ ކުރުނީހެއް ވެސް ކޮށްފައެވެ. އެ ނަސީބު ނުލިބުނު ނަމަވެސް އަޅުގަނޑުމެން ސިފައިންނާއި އާންމު ރައްޔިތުންގެ ފަރާތުން ޝަހީދު ޙުސައިން އާދަމަށް ދެވިފައިވާ ޤަދަރަކީ ދުވަހަކު ވެސް ފަނޑުވެގެން ނުދާނެ ފަދަ މާތް ޤަދަރެކެވެ. އާދެ! ދިވެހީން މި މިނިވަން ޖައްވަށް ނޭވާލަމުންދާ ކޮންމެ ހިނދެއްގައި އަޅުގަނޑުމެންގެ މި ލޮބުވެތި ވަޒަނަށް ޓަކައި ލޭއޮހޮރުވާލި މާތް ބަތަލުންގެ ހަނދާން އަދި ޒިކުރާ އައުކުރާނެއެވެ. މާތް ﷲ، މި ގައުމުގެ ހައްގުގައި ޝަހީދުވެދިޔަ އެންމެހާ ފުރާނަތައް ސުވަރުގޭގެ އެންމެ މަތީ ދަރަޖާގައި ލަހައްޓަވާށިއެވެ. އާމީން!

އާދެ! ގޮވާލާ ކޮންމެ ގޮވާލުމަކަށް އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނުޖެހި ޤައުމިއްޔަ ރޫހުގައި ސިފައިން ކުރަމުންދަނީ އަގު ނުކުރެވޭނެ މާތް ޚިދުމަތެކެވެ. ދިރިއުޅުމުގެ ބުރަ ތާވަލާ އެކު ވެސް، އެއްވެސް ކަމެއް ގައުމަށް ވުރެ އިސްނުކޮށް ސިފައިން ކުރާ މަސައްކަތާއި އަދާކުރާ ކޮންމެ ޑިއުޓީއަކީ މި ގައުމުގެ ހައްގުގައި ކުރަމުންދާ ހަނގުރާމައެކެވެ. ކޮންމެ ފަހަރަކު ކަނޑިޔާއި ބަޑިން ހަނގުރާމަ ނުކުރި ނަމަވެސް ގައުމު ދިރި އޮތިއްޔާ ސިފައިން ތިބޭނީ ހޭލައެވެ. ގައުމާއި ރައްޔިތުންގެ މުހުތާދުތައް ދެކޮޅު ޖެއްސުމުގައި އެންމެ ބޭނުންތެރިވާނީ، ޝައްކެއް ވެސް ނެތް ގޮތުގައި މިނިވަންކަމާ އެކު ހަށްޓަށް ލުއި ނޭވާއެއް ބޭރުކޮށްލުމެވެ. އެ ކަން އެ ގޮތުގައި ދެމެހެއްޓުމަށް ސިފައިންގެ ލަޝްކަރު އަބަދުމެ އޮންނާނީ ތައްޔާރަށެވެ. ގައުމިއްޔަތު ދިރޭނީ ސިފައިންގެ ދަރީންގެ ހުރި ރޫހާޢި ޤާބިލުކަމުންނެވެ. ގައުމަށް އޮތް ލޯތްބާއި ވަފާތެރި މަސައްކަތުންނެވެ.

ދިވެހި ލޮބުވެތި ރައްޔިތުން ސިފައިންނަށް ކުރާ އިތުބާރަކީ ގައުމުގެ އެއްވެސް އެހެން ބާރަކަށް ނުވަތަ ބަޔަކަށް ކުރާނެ އިތުބާރެއް ނޫނެވެ. ދިވެހި މަސްކަނޑުތަކުން ފެށިގެން ދިވެހިރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދާއި ދިވެހި އެންމެހައި ކަނޑުފަޅާއި، ދިވެހި ރައްޔިތުންނާއި، ރައްޔިތުންގެ މުދާ ބަލަހައްޓައި ހިމާޔަތް ކުރުމަށް ސިފައިން، ވާން ޖެހުނު ކޮންމެ ޤުރުބާނީއެއް ވާނެކަން ރައްޔިތުން ޤަބޫލުކުރެއެވެ. ސިފައިންނާ ހަވާލުކުރެވިފައި މިވަނީ ކޮންފަދަ މާތް އަދި މަތިވެރި އަމާނާތެއްތޯއެވެ. އާދޭހެވެ. ގައުމުގެ ހާލުގެ ދުލުން ގޮވަމުންދަނީ ސިފައިންނާ މަތިކޮށްފައި މިވާ މާތް މަސްއޫލިއްޔަތު އަދާކުރުމުގައި ދެމިތިބުމަށެވެ. ކާބަފައިން ހިންގެވި މަގުން އެއްކިބާނުވެ، ގައުމު އަސްކަރީގޮތުން ބަލިކަށިވިޔަނުދީ ދެމެހެއްޓުމަށެވެ. އާރާއި ބާރާއި ނުފޫޒު ހުރެގެން މެނުވީ ބަވަނަވަމުންދާ މި ދުނިޔޭގެ ދަނޑުތަކުގައި ފައިހަމަކުރުމަކީ އުނދަގޫކަމަކަށްވާ އިރު، އިތުރު ތަޢުލީމާއި ތަމްރީނާއި އަސްކަރީ ބާރުވެރި ބަޔަކަށްވުމަށް ތެދުވުމަށެވެ! ޝައްކެއް ވެސް ނެތެވެ. ދިވެހި އަސްކަރިއްޔާ ދުވަހެއް ދުވަހަކަށް ދާނީ ކުރިއަށެވެ. ލަޝްކަރު އޮތީ ތައްޔާރަށެވެ. ދާންވީ މިސްރާބު ދެއްކުމާ އެކު އަބަދުވެސް ބޮޑުތަކުރުފާނުންގެ ގައުމީ ޖިހާދާއިގެން އަސްކަރުން އޮތީ ހާޒިރުގައެވެ. ކުރަންވީ އަމުރެވެ.

ސިފައިންގެ ނަމުގައި ވެސް ވަނީ ފަޚުރެވެ. މަސައްކަތުގައި ވެސް ވަނީ ފަޚުރެވެ. ގައުމުގެ އެންމެ ފަޚުރުވެރި މަގާމުގައި ތިބެމެ، ގައުމާ މެދު އަބަދުވެސް ފަޚުރާ އެކު ކުރިއަރައި ދަމާހެއްޔެވެ؟ އާދޭހެވެ! މި މަގުން ކުރިއަރައި ދެވޭނީ ގައުމީ ނިދާގެ އާދޭސްތަކާ މެދު މިއަދަށް ވުރެ ބޮޑަށް ވިސްނައި ފިކުރުކޮށްގެންނެވެ. ގައުމު އެދި ގޮވާގޮވުންތަކަށް އިޖާބީ ހިތަކާ އެކު ކަންފަތަށް އަޑު ވެސް އިވޭނެ ނަމައެވެ. ޝައްކެއް ވެސް ނެތެވެ! ގައުމުގެ ގޮވާލުންތަކުގެ އަޑު ދަނީ ގަދަވަމުންނެވެ. ދުވަހެއްދުވަހަކަށް އަޅުގަނޑުމެންގެ ގައުމު ދަނީ އަސްކަރީ ގޮތުން ކުރިއަރައިދިއުމަށް މަސައްކަތްކުރުމަށް ގޮވާލަމުންނެވެ. ކައިރިއާއި ދުރު ކަރަކަރައިން އަންނަ ބިރުވެރި ކޮންމެ ފުސްގަނޑަކަށް އަޅުގަނޑުމެން ހޭލާ ތިބުމަށް މަސައްކަތްކުރުމަށް އެދެމުންނެވެ. ލޯބިވާ މި ވަތަނާއި މައުސޫމު ކުށެއްނެތް ދޮންވެލި ފަސްގަނޑުތަކަށް އެހެން ވިހަ ބާރަކުން އަރައިގަނެދާނެކަމުގެ ރަތް ރަނގަބީލުގެ އަޑު ވެސް ގަދަކުރަމުން ދާތީއެވެ. މިއީ، އަޅުގަނޑުމެން ސިފައިންނަށް ގައުމު މަތިކޮށްފައިވި އެންމެ މުހިންމު މަސްޢޫލިއްޔަތެވެ. މި ކަމަށް އަޅުގަނޑުމެންގެ ފެހި ލަޝްކަރު ފަރުވާކުޑައެއް ނުކުރާނެއެވެ. ދުނިޔޭގެ ކަންކޮޅުތަކުން ފެށިގެން އަމިއްލަ ފަސްގަނޑުގައި ހަދާ ތަމްރީނުތަކުން ހޯދަމުންދާ ކުރިއެރުމަކީ ގައުމުގެ މީސްކޮޅު ކިތަންމެ މަދު ނަމަވެސް ކޮންމެ ބަޔަކާ ވެސް ކުރިމަތިލާން ތައްޔާރަށް ތިބޭކަމުގެ އަލިގަދަ ހެއްކެކެވެ. އިލްމީ ގޮތުންނާއި އަސްކަރީ ގޮތުން ދުވަހެއްދުވަހަކަށް ގައުމު އެދޭ ފަދައިން ޚިދުމަތްކުރަން މި ގައުމަށް ލަޝްކަރު އޮތީ ކަމަރުބަނދެގެންނެވެ.

ސިފައިންގެ މީހަކަށްވީތީ އަންނަ އަމުރަށް ފުރިހަމައަށް ކިޔަމަންވެ ބޯލެނބުމަށް އެއްވެސް ބަހަނާއެއް ނެތެވެ. ސިފައިންގެ މީހާއަށް އަންނާނީ ގައިމު ވެސް އެއަށް ތަބައުވާންޖެހޭ އަމުރުކަން ދެނަތިބެންޖެހެނީ އަޅުގަނޑުމެން، ޚާއިނުންގެ ތެރެއިން ނުވާނެތީއެވެ. މާތް ﷲ ގަންދީ ކޮށްފައިވާ ހުވާގެ މަތީގައި ތިބިހާ ހިނދަކު އަމުރުތަކަށް ކިޔަމަންތެރިކަން އަދާކުރާނީ އެއްވެސް ފަސްޖެހުމެއް ނެތިއެވެ. ލަޝްކަރީންނަށް ގޮވާލެވޭ ހިނދުގައި ދެ އަތް ތިރިއަށް ދަމާލާފައި މޭ ފުއްޕާލާ އިރު އަމުރު އަންނަލެއް ލަސްވެގެން އާދޭސްކުރާ ކަހަލައޭ ހީނުވޭ ހެއްޔެވެ؟ ކިޔަމަންތެރިކަން އަދާކުރަންވީ ކޮންގޮތަކަށްތޯ ހިތަށް ނާރާހެއްޔެވެ؟ މޭތައް ތައްޔާރުކުރެވިފައިވަނީ އައްޑަނަތަކެއް ފަދައިންނޭ ހިތަށް ނުގެނެވޭތޯއެވެ؟ ޝައްކެއް ވެސް ނެތެވެ. މިއީ ހައްތަހާ ވެސް އަޅުގަނޑުމެންގެ ފަޚުރުން ފުރިފައިވި ހިތްތަކަށް އަރައިފައިބާ ޖަޒުބާތުތަކަކަށް ވުރެ ބޮޑަށް، ޙަޤީޤަތެކެވެ. އަޅުގަނޑުމެންގެ ލޭގައި ވަނީ ގައުމީ އަސަރެވެ. ގައިން އޮހޮރޭ ދަލުގައި ވަނީ ވަތަނީ އަޒުމެވެ. ކުރާ މަސައްކަތުގައިވަނީ ކިޔަމަންތެރިކަމާ އެކު އަމުރަށް ކިޔަމަންވުމެވެ.

ވަތަން އެދޭ ގޮތަށްދަމާހެ ހެޔޮހިތުން މި ޖާނުދޭން

ވަތަންގެ އާ ޒުވާނުނޭ ފަށާށެ އަދު އިޖާބަދޭން

އާދެ! އަޅުގަނޑުމެން ފެހި ލަޝްކަރުގައި ޒުވާނުންގެ ދައުރު ކިތަންމެހާ ވެސް ފުޅަލެވެ. މިއަދު ދުނިޔޭގައި ނެތް ނަމަވެސް އަބަދުވެސް އަޅުގަނޑުމެންގެ ގައުމު އެ ބަޔަކަށް ޓަކައި ފަޚުރުވެރިވާ ޝަހީދުން، އާދެ! ދޮންބަންޑާރައިންނާއި ބޮޑުތަކުރުފާނާއި އުތީމު ބަދަވީންގެ އިތުރުން ޝަހީދު ޙުސައިން އާދަމް ވެސް މިއަދުގެ ސިފައިންގެ، މި ޖީލާ މެދު ފަޚުރުވެރިވާނެކަމާ މެދު ޝައްކެއް ނެތެވެ. އެހެނީ އިހުގައި ނެތް ހަތިޔާރާއި އިހުގައި ނުލިބުނު ތަމްރީނާއި އިހުގައި ނެތް ވަޞީލަތްތަކާ އެކު މިއަދު ދިވެހި މި ހުއްބުލްވަޠަނުގައި އެ ފަދަ ވަޞީލަތްތަކާއި އަދި އެ ބޭނުންކުރަން އެނގޭ ޒުވާން ލަޝްކަރެއް އޮތަތީއެވެ. ގައުމާ މެދު ފަރުވާ ކުޑަނުކުރާނެކަން ޔަގީންވާނެތީއެވެ. ކިޔަވައިގެން ތިބި އެތައް ދަރީންނެއް ސިފައިންގެއާ ގުޅި ތަމްރީނުތަކުގައި ކުރިއަރައި މުޅި ދުނިޔޭގެ ލެވެލްގައި ވަނަތައް ހާސިލުކޮށް ގައުމަށް އަދި މި ލަޝްކަރުގެ ނަން ރަން އަކުރުން ފަވާތީއެވެ.

ޝައްކެއް ވެސް ނެތެވެ! ގައުމަށް އެންމެ ބޭނުންތެރީ…. ޑޮކްޓަރުންނެވެ! ނަރުހުންނެވެ! މުދައްރިސުންނެވެ! ޕައިލެޓުންނެވެ! ހީވާގި ސިވިލް ސާވަންޓުންނާއި އެންމެހާ ރޮނގުތަކުން ގައުމު ހިންގަން ހުންގާނުގައި ހިފަން ކެރޭ މާލިމީންތަކެކެވެ. މިދެންނެވި ދާއިރާތައް ފިޔަވައި ވެސް، ގައުމީ ނަވުގައި ހިމެނޭ ކޮންމެ ކެޔޮޅެއް މާލިމީއެއް އަދި ފަޅުވެރިއަކީ ވެސް ގައުމަށް ނުހަނު ބޭނުންތެރި އަދި މުހިންމު ޚިދުމަތްތަކެއް ކުރަމުންގެންދާ ފަހުލަވާނެކެވެ. މި ފެހި ލަޝްކަރުގައި މިއިން ކޮންމެ ރޮނގަކުން މަސައްކަތް ކުރާނެ ފުރުޞަތު އެބައޮތެވެ. އަދި ކޮންމެ ރޮނގަކުން ކުރިއަރައި ގައުމަށް ޚިދުމަތްކުރަން ބޭނުންކަމަށްވާ ކޮންމެ ދަރިއަކަށް މި ފުރުޞަތު އެބައޮތެވެ. މި ލަޝްކަރުގައި ފަޚުރުވެރި، ޑޮކްޓަރުންނާއި ފިޒީޝަނުން އެބަތިއްބެވެ. އެ މީހަކަށް ބޭނުންވާ ދާއިރާއަކުން ކުރިއަރާ ގޮސްފައިވާ ސްޕެޝަލިސްޓުން މަދެއް ނޫނެވެ. އިންޖިނިއަރުންނާއި ސިވިލް އިންޖިނިއަރުން އަދި އިލެކްޓްރިކް އިންޖިނިއަރުންގެ އިތުރުން ސޮފްޓްވެއަރ އިންޖިނިއަރުން އެބަތިއްބެވެ. މި ދާއިރާތަކުން މި ފަރާތްތައް މުޅި މުއައްސަސާއާއި ގައުމަށް ޚިދުމަތްކުރުމުގައި ދެމި ތިބޭކަމީ ކޮން ފަދަ ނަސީބެއްތޯއެވެ. އަދި މި ނޫން ނަމަވެސް، މިހާރު އެންމެ ކުރިއަރަމުން އަންނަ އައިޓީ ދާއިރާގައި ސޮފްޓްވެއަރ ޑިވެލޮޕަރުންނާއި ވެބް ޑިވެލޮޕަރުންގެ އިތުރުން ނެޓްވޯކް އިންޖިނިއަރުންގެ ދައުރަކީ، ކަމަރު ބަނދެގެން ތިބި ސިފައިންގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ދާއިރާތަކެކެވެ. ހަމައެއާ އެކު ބިޒްނަސް އެންޑް ފައިނޭންސް ދާއިރާގެ މާހިރުންނަކީ ވެސް މި ލަޝްކަރުގައި މުހިންމު ބައެކެވެ. އަދި ހިއުމަން ރިސޯސް ދާއިރާއާއި ފައިނޭންސް ދާއިރާގެ ތަޖުރިބާކާރުންނަކީ ވެސް މި ލަޝްކަރުގައި އެ ބައެއްގެ ބޭނުން އިންތިހާއަށް ބޭނުންތެރި ބައެއްކަމުގައި ފާހަގަކުރެވެއެވެ. މީގެ އިތުރުން، ލޯޔަރުންނާއި ފޮޓޯގްރާފަރުން އަދި މިއުޒިޝަނުންނާއި ފިލްމު ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ ދާއިރާތަކަކީމެ މި ލަޝްކަރުގައި ހުޅުވިފައި ހުރި ދޮރުތަކެކެވެ. ހަމައެއާ އެކު ދަންނަވާލަންޖެހެނީ އަޅުގަނޑުމެންނަށް އެ ބައެއްގެ މަސައްކަތް ވަރަށް ކައިރިން ފެންނަ ފަޔަރމަނުންގެ ވާހަކައެވެ.

އާދެ! ފަޔަރމަނުންނަކީ ހަމައެކަނި އަލިފާން ނިއްވާ ބައެއް ކަމަށް ގިނަ ބަޔަކަށް ހީވެފައި ވާތީ ފެނެއެވެ. ނަމަވެސް ފަޔަރމަނުންގެ މަސައްކަތަކީ ފެން ހިންދުމާއި އަލިފާން ނިއްވާލުމާ ހަމައިން ނިންމާލެވޭނެ މަސައްކަތެކޭ ނުދެންނެވޭނެއެވެ. ގުދުރަތީ ކާރިސާތަކާއި ހާދިސާތަކުގައި ފަޔަރމަނުންގެ ދައުރަކީ ބުރަ އަދި އެހާމެ ބޮޑު މަސައްކަތެކެވެ. މި ލިޔުމުގައި މި މަސައްކަތްތައް ކޮންމެވެސް ވަރަކަށް ހިއްސާކޮށްލެވޭނެ ކަމަށް އަޅުގަނޑުގެ މަސައްކަތް ފަށާނަމެވެ.

އާދޭހެވެ! މި ފަހަކަށް އައިސް އަޅުގަނޑުމެންގެ މި ގައުމުގައި އަލިފާނުގެ ހާދިސާތައް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އަދި މި ފަދަ ހާދިސާތަކުގައި އެތައް ބަޔަކު މި ދުނިޔެ ދޫކޮށްފައިވެއެވެ. މިހެން ދިމާވާ ހާދިސާތަކުގައި ރައްޔިތުންނާއި މުދާ ސަލާމަތްކުރުމަށް އަލިފާނުގެ ތެރޭގައި އެއްވެސް ޖެހިލުމެއް ނެތި މަސައްކަތްކުރާ މި ލަޝްކަރުގެ ސިފައިންނަކީ ހިތްވަރުގަދަ ދަރީންތަކެކެވެ. ކޮންމެ ފަހަރަކު ތައުރީފުގެ ބަސްތަކުން ހާރު، ކަރުގައި ނޭޅުވި ނަމަވެސް ދެމުންގެންދާ ޚިދުމަތުގައި މި ފަރާތްތަކަކީ ގައުމުގެ ހީރޯއިންނެވެ.

އަދިވެސް ދަންނަވަމެވެ! ފަޔަރމަނުންގެ މަސައްކަތްތައް ދަންނަވާ ނަމަ ކިތަންމެ ދިގުކޮށް ވެސް ލިޔެވިދާނެއެވެ. އަލިފާނުގެ ހާދިސާތަކުގައި ނޫން ނަމަވެސް މީހުން ސަލާމަތްކުރުމުގެ ހާދިސާތަކާއި، އެކްސިޑެންޓްތަކާއި ދިމާވާ އިންސިޑެންޓުތަކުގައި އެންމެ އަވަހަށް އެންމެ ގާތުން އެހީތެރިވެ، މީހުން އިވެކުއޭޓް ކުރުމުގައި ފަޔަރމަނުންގެ ދައުރު ފެނިގެންދެއެވެ. އަދި ހަމައެހެންމެ ގޭސް ލީކްވާ ހާދިސާތައް ފަދަ ހެޒްމަތު އިންސިޑެންޓްތަކުގައި މި ފަރާތްތަކުން ރައްޔިތުންގެ ސަލާމަތްތެރިކަމަށް ހަލުވިކަމާ އެކު އަޅަމުންދާ ފިޔަވަޅުތަކަކީ މި ފަދަ ދާއިރާއެއްގައި މަސައްކަތްކުރާ ފަރާތްތަކަށް މެނުވީ އެހާގާތުން ފެނިގެންދާނެ ކަންތައްތަކެއް ނޫނެވެ. މީގެ އިތުރުން ފަޔަރމަނުންގެ އެންމެ މުހިންމު އަދި އެންމެ ހިންގުންތެރި މަސައްކަތްތަކެއްގެ ގޮތުން ރާއްޖޭގެ ހުރިހާ ލެވެލެއްގައި، އެހެނީ ރިސޯޓްތަކާއި ސިވިލް ސަރވިސް އޮފީސްތައް އަދި އަމިއްލަ ފަރާތްތަކާއި ރަށްރަށުގެ ކައުންސިލް ފެންވަރު އަދި ސްކޫލުތަކުގެ ދަރިވަރުން ހިމެނޭހެން، ހިންގާ އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކަކީ އެ ފަރާތްތަކަށް ޝުކުރު ޙައްޤު މަސައްކަތްތަކެކެވެ. އާދެ! ފަޔަރމަނުންގެ މި މަސައްކަތަކީ ދިމާވާ ނުރައްކާތެރި ކަންކަމުން އަމިއްލަ މީހާއާއި ތިމާގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކުގެ އިތުރުން ހުރިހާ އެންމެންގެ ފުރާނަ ސަލާމަތްކުރުމަށް ދަސްކޮށްދޭ މުހިންމު މަސައްކަތްތަކެކެވެ. އެގޮތުން ބޭސިކް ފަޔަރ އެވެއަރނަސް ސެޝަންތަކާއި، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓިންގ އަދި އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯސްތަކަކީ ރައްޔިތުންގެ ސަލާމަތްތެރިކަމަށް ފަޔަރމަނުން ހިންގާ މުހިންމު ޕްރޮގްރާމް އަދި ހަރަކާތްތަކެކެވެ.

މި ކަންކަމުން ދޭހަކޮށްދެނީ މިހާރު އޮތް ލަޝްކަރު ގައުމާއިގެން އަދާކުރާ މަތިވެރި ޒިންމާތަކެވެ. މި ޒިންމާ އަދާކުރުމުގައި އެންމެ ހިނދުކޮޅަކަށް ވެސް ފަސްނުޖެހޭނެ ކަމެވެ. ސުކޫލުތައް ނިންމާ އިތުރަށް ކިޔެވުމާއި ކޯސްތަކުގައި ކުރިއަރާގޮސް ޚިދުމަތްކުރާ ނަމަ ގައުމަށް ޚިދުމަތްކުރުމުގައި ކޮންމެ ދިވެހި ދަރިއަކުމެ އަތުކުރިއޮޅާލާ ތައްޔާރުވާށެވެ. ގައުމީ ރޫހު ހުރި ކޮންމެ ދަރިއަކަށް ސިފައިންގެ ފެހި ލަޝްކަރުގައި ފުރުޞަތުތައް އިންތިހާއަށް އެބައޮތެވެ. ކެރިގެން ކުރިމަތިލައި ފެހި ލަޝްކަރުގެ ނަވަށް އަރައި ބޭނުން ދާއިރާއަކުން ކުރިއަށް ދިއުމުގެ އަޒުމުގައި ފަސްނުޖެހި ކުރިމަތިލާށެވެ. މި ލަޝްކަރުގެ ކުރިއެރުމަކީ އަދި ކުރިމަގަކީ އަންނަން އޮތް ޖީލުގެ ހިތްވަރުގަދަ ދިވެހި ދަރީންނެވެ. ގައުމީ ނިދާގެ އަސަރުތަކުގައި ވަނީ ގައުމަށް ފުރަގަސް ނުދޭނެ، އަދި ނުގުޑާ އަޒުމެއްގައި ދެމިތިބޭނެ ބަތަލުންތަކެކެވެ.

ސިފަވަންތަ، އަޚުލާގު ރަނގަޅު، ކެރޭ، ހީވާގި އަދި ފަސްނުޖެހޭ، ދުޝްމަނުންނާ ކުރިމަތިލާން ކެރޭ، ފިޓްނަސް ރަނގަޅު ކޮންމެ މީހަކީ މި ލަޝްކަރުގެ ޒިންމާ ނެގޭނެ ގާބިލު މީހެކެވެ. ފަހަތަށް ނުޖެހި ބަތަލުން ފަދައިން ވާށެވެ. ޝަހީދުންގެ ފަހަތުން ޝަހީދުވާން އެދޭ ފަދަ މާތް އަޒުމުގައި ބަންޑާރަކޮށީ ގޭޓުން ފަޚުރުވެރިކަމާ އެކު ވަންނަން ހިތްވަރުކޮށް އަތުކުރިއޮޅައި ކުރިމަތިލާށެވެ.  ކުރިއަށް ދިވެހި ގައުމު، ކުރިއަށް ދިވެހި ސިފައިން.

ޝެއަރކުރެއްވުމަށް