ބިލާލު ބިން ރަބާޙް رضي الله عنه (ބިލާލުގެފާނު) އުފަންވެވަޑައިގަތީ މީލާދީން 580 ވަނަ އަހަރުއެވެ. ބިލާލުގެފާނުގެ ބައްޕާފުޅަކީ ރަބާޙްއެވެ. މަންމާފުޅަކީ ހަބުޝްކަރައަށް ނިސްބަތްވާ ހަމާމާ ކިޔާ ބޭކަނބަލެކެވެ. ބިލާލުގެފާނަކީ ހަންގަނޑު ކަޅު، އިސްކޮޅުންދިގު ހިމަތޮޅި ބޭފުޅެކެވެ. ބިލާލުގެފާނު އަޅެއްގެ ގޮތުގައި ގެންގުޅުނީ ބަނީ ޖުމުޢާ ވަންހައިގެ ބޮޑެއް ކަމުގައިވާ އުމައްޔާ ބިން ޚަލަފެވެ. އޭނާގެ ކިބައިން ބިލާލުގެފާނު މިނިވަން ކުރެއްވީ އަބޫބަކުރުގެފާނެވެ. ބިލާލުގެފާނަކީ މީސްތަކުންނަށް ނަމާދަށް ގޮވާލެއްވި މުސްލިމުންގެ ފުރަތަމަ މުދިމެވެ.
ބިލާލުގެފާނަކީ އިސްލާމްދީނުގެ ކުރީކޮޅު އިސްލާމްވެވަޑައިގެންނެވި ބޭފުޅެކެވެ. ބިލާލުގެފާނަށް އިސްލާމްދީނާއި ކީރިތި ރަސޫލާއާ ބެހޭ ޚަބަރު ލިބިވަޑައިގަންނަވަން ފެށްޓެވީ އެކަލޭގެފާނުގެ ނުލަފާ ސާހިބު މީހާ އާއި އޭނާގެ ބައިވެރިން ކީރިތި ރަސޫލާއާ ބެހޭ ގޮތުން ދައްކަވަމުން ދިޔަ ވާހަކަތަކުގެ ސަބަބުންނެވެ. ބިލާލުގެފާނަށް ފާހަގަ ކުރެވެންފެށި ކަމަކީ އެބައި މީހުން ވެސް ކީރިތި ރަސޫލާގެ މާތްކަމާއި މަތިވެރިކަމާއި، އެކަލޭގެފާނުގެ އަމާނާތްތެރިކަމާއި ތެދުވެރިކަމަށް އިޢުތިރާފުވާކަމެވެ. ބިލާލުގެފާނު އިސްލާމްވެވަޑައިގަތީ ކީރިތި ރަސޫލާގެ އަރިހަށް ވަޑައިގެން އެކަލޭގެފާނުގެ ކުރިފުޅުމަތީގައެވެ.
ބިލާލުގެފާނު އިސްލާމްވެވަޑައިގެންނެވުމުން އުމައްޔާ ބުން ޚަލަފާއި ބަނީ ޖުމުޢާ ވަންހައިގެ ބޮޑުން ދެކުނީ އެމީހުންނަށް ލިބުނު ބޮޑު ލަދެއްކަމަށެވެ. އެހެންކަމުން އެ މީހުން ބިލާލުގެފާނު އިސްލާމްދީނުން ބޭރު ކުރެވޭތޯ މަސައްކަތްފެށިއެވެ. ހޫނުގަދަވެ ދޮންވެފައިވާ ހިލަތަނުގެ މަތީގައި އެކަލޭގެފާނު ބާއްވައިގެން ހޫނު ހިލަ މޭފުޅު މައްޗަށް އަރުވައިގެން އަނިޔާދޭން ފެށިއެވެ. ނަމަވެސް ބިލާލުގެފާނު ކެތްތެރިވެވަޑައިގެންނެވިއެވެ. އަދި ބުދުތަކަށް ފާޅުގައި އިންކާރުކުރައްވައި އެއްޗެތި ކިޔުއްވާ ހެއްދެވިއެވެ. އަދި ވިދާޅުވަމުން ގެންދެވީ ”ﷲ… އަޙަދު….އަޙަދު“ އެވެ. ﷲ އެއްކައުވަންތަވެވޮޑިގެންވެއެވެ. އެއްކައުވަންތަވެވޮޑިގެންވެއެވެ.
ބިލާލުގެފާނުގެ ކެތްތެރިކަމާއި ހިތްވަރުފުޅާއި ޢަޒުމުފުޅުގެ ވަރުގަދަކަމުން އަނިޔާވެރިންގެ ހިތްތަކަށް ރަޙުމްވަދެ، އެބައިމީހުންގެ ކަލާނގެތަކާ ބެހޭގޮތުން ހުތުރުބަސްތައް ވިދާޅުނުވެ، ކޮންމެވެސް ރަނގަޅުބަހެއް ވިދާޅުވެއްޖެނަމަ ދޫކޮށްލުމަށް ހުށަހެޅިއެވެ. އެ ހުށަހެޅުން ވެސް ބިލާލުގެފާނު ގަބޫލުފުޅެއް ނުކުރެއްވިއެވެ.
ބިލާލުގެފާނަށް އަނިޔާކުރަމުންދާ ތަނަށް އަބޫބަކުރުގެފާނު ވަޑައިގެން އުމައްޔާ ބިން ޚަލަފު ކީ އަގެއް ދެއްވާފައި ބިލާލުގެފާނު ބައްލަވައިގަތެވެ. ކީރިތި ރަސޫލާ މަދީނާއަށް ހިޖުރައަށް ވަޑައިގެން މުސްލިމުންނަށް ނަމާދަށް އައުމަށް ޓަކައި ބަންގި ގޮވުމުގެ މަސްއޫލިއްޔަތު ހަވާލު ކުރެއްވީ ބިލާލުގެފާނާއެވެ. ތާރީޚީގޮތުން މުސްލިމުންގެ ފުރަތަމަ މުދިމަކަށް ބިލާލުގެފާނު ވެވަޑައިގެންނެވީއެވެ.
ބަދުރު ހަނގުރާމައިގެ މޮޓޯއެއްކަމުގައި ކީރިތި ރަސޫލާ ހަމަޖެއްސެވީ ބިލާލުގެފާނަށް ކާފަރުން އަނިޔާތައް ދެމުންދިޔަ ހިނދު އެކަލޭގެފާނު ގޮވާލެއްވި ގޮވާލެއްވުމެވެ. ”އަޙަދު… އަޙަދު“ އެވެ. މި ޝިޔާރުން ބަދުރުގެ މައިދާން ގުގުމާލުމުން ބިލާލުގެފާނަށް އަނިޔާދޭން އުޅުނު އުމައްޔާ ބިން ޚަލަފަށް ވަރަށް ބޮޑު އަސަރެއް ކުރިއެވެ. ބަދުރު ހަނގުރާމައިގެ މައިދާނުގައި އުމައްޔާ ބުން ޚަލަފް ޤަތުލުވެގެން ދިޔައީ ބިލާލުގެފާނުގެ ބައިވެރިވުމާއެކުގައެވެ.
ބިލާލުގެފާނާ ގުޅިފައިވާ އެންމެ އަސަރުގަދަ ހާދިސާއަކީ މައްކާ ފަތަޙަކުރެއްވުމެވެ. މައްކާ ފަތަޙަ ކުރެއްވުމަށްފަހު، ގެފުޅުމައްޗަށް އަރައިވަޑައިގެން ބަންގިދެއްވުމަށް ބިލާލުގެފާނުގެ އަރިހުގައި ކީރިތި ރަސޫލާ އެދިވަޑައިގެންނެވިއެވެ. އެހިނދު ބިލާލުގެފާނު ގެފުޅުގެމައްޗަށް އަރާވަޑައިގެން ބަންގިދެއްވަން ފެއްޓެވިއެވެ. އޭރު އެތަނުގައި ތިބި ހުރިހާ މުސްލިމުން އެ ކަލިމަތައް ބިލާލުގެފާނުގެ އަޑުދަށުން ތަކުރާރުކުރަމުން ގެންދިޔައެވެ. އެ މަންޒަރު ފެންނަ ހިސާބުގައި ތިބި މުޝްރިކުން ތިބީ ހައިރާންވެ އަންތަރީސްވެފައެވެ. މައްކާގައި ނިކަމެތި އަޅެއްގެ ގޮތުގައި އުޅުނު އެ ޞަހާބީ އިސްލާމްދީނާއެކު އަރާވަޑައިގެން ހުންނެވި މަތިވެރި ދަރަޖަ އެ މީހުންނަށް ގަބޫލުކުރަން އުނދަގޫވިއެވެ.
ބިލާލުގެފާނަކީ ދުނިޔޭގަ ތިއްބަވަނިކޮށް ސުވަރުގެ ވަންނާނެކަމުގެ އުފާވެރި ޚަބަރު ކީރިތި ރަސޫލާ ދެއްވި ދިހަ ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ކީރިތި ރަސޫލާގެ މުދިމެއްގެ ގޮތުގައި ހުންވެނި ބިލާލުގެފާނު، ކީރިތި ރަސޫލާ ސުވަރުވަޑައިގަތުމުން ބަންގި ދެއްވުން ހުއްޓާލެވިއެވެ. ބިލާލުގެފާނު ހަޔާތްޕުޅުގައި އެންމެ ފަހުން ބަންގި ދެއްވީ އަމީރުލް މުއުމިނީން ޢުމަރުގެފާނުގެ ޚަލީފާކަމުގައެވެ. އެއީ އެކަލޭގެފާނު ސޫރިޔާއަށް ވަޑައިގަތުމުން ސޫރިޔާގެ މުސްލިމުން ބިލާލުގެފާނު ލައްވާ ބަންގި ގޮވައިދިނުމަށް އެދުމުންނެވެ. ޢުމަރުގެފާނުގެ އެދިވަޑައިގަތުމަށް އެ ދުވަހު ބިލާލުގެފާނު ބަންގިދެއްވަން ފެއްޓެވުމުން ޢުމަރުގެފާނާއި ޞަޙާބީން ވަރަށް ބޮޑަށް ކީރިތި ކުރެއްވިއެވެ. އެއީ އެބޭފުޅުންނަށް ކީރިތި ރަސޫލާގެ ނަބަވީ ހަޔާތްޕުޅު ހަދުމަފުޅުވެ ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. ބިލާލުގެފާނު
އަވަހާރަވެވަޑައިގަތީ މީލާދީން 640 ވަނަ އަހަރު ސޫރިޔާގެ ދިމިޝްޤުގައެވެ.
- މަޢުލޫމާތު:
