ސަޢުދު ބިން މުޢާޛު رضي الله عنه އުފަންވެވަޑައިގަތީ މީލާދީން 590 ވަނަ އަހަރު މަދީނާގައެވެ. ބައްޕާފުޅަކީ  އައުސް ވަންހައިގެ ޢަބްދުލްއަޝްޙާލް ދަރިކޮޅުގެ މުޢާޛު ބިން އަލް ނޫމާނެވެ. މަންމާފުޅަކީ ޔަހޫދީންގެ ބަނޫ އަލްޙަރީޘް ވަންހައިގެ ކަބްޝާ ބިންތު ރާފީ އެވެ.

ސަޢުދު ބިން މުޢާޛު رضي الله عنه އިސްލާމްވެ ވަޑައިގަތީ އުމުރުން 31 އަހަރުފުޅުގައެވެ. އަދި ޝަހީދުވެވަޑައިގެންނެވީ އުމުރުން 37 އަހަރުފުޅުގައެވެ. ސަޢުދުގެފާނަކީ އިސްކޮޅުން ދިގު އަލި މޫނެއްގެ ވެރިއެކެވެ. ސަޢުދުގެފާނު އިސްލާމްވެވަޑައިގެންނެވީ މާތް ޞަޙާބީ މުޞްޢަބު ބިން ޢުމައިރުގެ އަތްޕުޅު މައްޗަށް މަދީނާގައެވެ. ސަޢުދުގެފާނަކީ އަންޞާރުންގެ ލީޑަރެވެ.

ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަކުރައްވައި އިސްލާމީ ދައުލަތުގެ ބިންގާ އެޅުއްވުމުގައި އަންޞާރުން ވަނީ ވަރަށް މަތިވެރި ޤުރުބާނީއެއް ވެވަޑައިގެންފައެވެ. އަދި ކީރިތި ރަސޫލާއަށާއި މުހާޖިރުންނަށް ރައްކާތެރިކަމާއި އަމާންކަން ދެއްވާފައެވެ. މައްކާގެ މުޝްރިކުން މުސްލިމުންނާ ހަނގުރާމައަށް އަންނަ ޚަބަރު ލިބިވަޑައިގެން ހިނދު އަންޞާރުންގެ ފަރާތުން ވާހަކަ ދައްކަވަމުން ސަޢުދުގެފާނު ވިދާޅުވިއެވެ. ”އޭ ﷲގެ ރަސޫލާއެވެ! ކަލޭގެފާނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކަންތައްތައްކުރައްވާށެވެ. އަޅުގަނޑުމެން ކަލޭގެފާނުގެ އަރިހުގައި ތިބޭހުށީމެވެ. ޙައްޤު ދީނައިގެން ކަލޭގެފާނު ފޮނުއްވެވި އިލާހު ގަންދީބުނަމެވެ. ކަލޭގެފާނު ކަނޑެއްގެކައިރިއަށް ވަޑައިގެން އެކަނޑު ހުރަސްކުރެއްވިކަމުގައި ވިޔަސް ތިމަންމެން ކަލޭގެފާނާ އަތާއި އަތްގުޅައިގެން ތިބެ އެކަނޑު ހުރަސްކުރާހުށީމެވެ.“

ސަޢުދުގެފާނު ވަނީ ބަދުރު ހަނގުރާމައާއި އުހުދު ހަނގުރާމައާއި ޚަންދަޤު ހަނގުރާމައިގައި ކީރިތި ރަސޫލާގެ އަރިހުގައި ބައިވެރިވެވަޑައިގެންފައެވެ. ސަޢުދުގެފާނުގެ ޝަހީދުވެވަޑައިގަތީ ޚަންދަޤު ހަނގުރާމައިގައި ލިބިވަޑައިގެންނެވި ޒަޚަމުތަކުގެ ސަބަބުންނެވެ.

ޚަންދަޤު ހަނގުރާމައަށް މައްކާގެ މުޝްރިކުންނާ ޔަހޫދީންނާ ގުޅިގެން ބޮޑު ލަޝްކަރެއް އެކުލަވާލިއެވެ. އެ ލަޝްކަރު ރޫޅާލުމުގެ އެދުންފުޅުގައި ބަނީ ޤަތުފާނު ވަންހައިގެ ޔަހޫދީން އެ ލަޝްކަރުން ވަކިވާނަމަ  މަދީނާގެ ދަނޑުބިމުގެ ތިންބައިކުޅަ އެއްބައި ދެއްވަން ހުށަހަޅުއްވަން ކީރިތި ރަސޫލާ ބޭނުންފުޅުވިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ކުރިން، މަޝްވަރާއަށް އެއްސެވި އެހިނދު ސަޢުދުގެފާނަށް އިހުސާސްވެވަޑައިގެންކަމަށް ވަނީ މާތްﷲ ޞުބުޙާނަހޫ ވަތަޢާލާ އެ ބޭފުޅުންގެ އީމާންތެރިކަން އިމްތިޙާންކުރައްވަނީއެވެ. ސަޢުދުގެފާނު އެރުވި ލަފާފުޅަކީ އެބައި މީހުންނާ ހަނގުރާމަކުރެއްވުމެވެ. އެގޮތް ކީރިތި ރަސޫލާ ޤަބޫލުފުޅު ކުރެއްވިއެވެ. ”މާތްﷲ ގަންދީ ބުނަމެވެ. އަޅުގަނޑުމެންނަށް މި އެއްބަސްވުމާ ނުލައި ވެސް މިކަންކުރެވޭނެއެވެ. އަދި އަޅުގަނޑުމެންގެ ކަންތައްތައް الله سبحانه وتعالى ހަމަޖައްސަވައިދެއްވައިފުމަށް ދާންދެން އަޅުގަނޑުމެން އެބައިމީހުންނާ ހަނގުރާމަކުރުންނޫން އެހެންކަމެއް ނުކުރާނޫއެވެ.“

ޚައްދަޤު ހަނގުރާމައަށް ދަހަނާ އަޅުއްވައިގެން ނުކުމެ ވަޑައިގެން ސަޢުދުގެފާނު ޅެންބައިތެއް ވިދާޅުވިއެވެ. އެ ޅެން ބައިތުގެ މާނައަކީ ”މިހަނގުރާމަ ފެށޭނެ ދުވަހަކަށްޓަކައި އަހުރެން ނުހަނު ކެތްތެރިކަމެއްނެތި އިންތިޒާރުކުރަމުން ގެންދިޔައީމެވެ. މަރު، އެ އަންނަންވީވަގުތުގައި އަންނައިރު ކިހާ ރީތިހެއްޔެވެ.“

ޙަންދަޤު ހަނގުރާމައިގައި ސަޢުދުގެފާނު ވަރަށް ބޮޑަށް ޒަޚަމްވެ ވަރަށް ގިނައިން ލޭ އޮހޮރުނެވެ. މި ޒަޚަމުތަކާ ގުޅިގެން ފަރުވާ ދެވެމުން ދިޔައީ ކީރިތި ރަސޫލާގެ މިސްކިތްކޮޅުގައި އެކަލޭގެފާނުގެ އަރިހުގައެވެ. އެ ހާލުކޮޅުގައި އޮންނަވައި ސަޢުދުގެފާނު ހަނގުރާމަ ކުރުމުގެ ފުރުޞަތަށް އެދިވަޑައިގެން އަދި ޝަހީދަކު ކަމުގައި ލެއްވުމަށާއި މުސްލިމުންނަށް ހަރާންކޯރުވި ބަނީ ޤުރައިޡާގެ މީހުންގެ ކިބައިން ބަދަލުހިފިއްޖައުމަށް ދާންދެން ފުރާނަ ނުހިއްޕެވުމަށް ދުޢާ ދަންނަވަމުން ގެންދެވިއެވެ.

މައްކާގެ މުޝްރިކުން ހަނގުރާމައިން ބަލިގެން ދިއުމުން ކީރިތި ރަސޫލާ ނިންމެވީ ކުރިން މުސްލިމުންނާ ހަދާފައިވާ މުޢާހަދާއާ ޚިލާފުވި މަދީނާގައި ތިބި ޔަހޫދީންނާ ދިމާކުރައްވާށެވެ. މުސްލިމުންގެ ލަޝްކަރު ޔަހޫދީން ފިލާ ތިބި ކިއްލާ ހިސޯރުކުރިތާ 25 ދުވަސްފަހުން އަމާންދިނެވެ. އަމާންދިނުމަށް ފަހު އެ މީހުން ރަސޫލާގެ އަރިހުން އެދުނީ އެބައިމީހުންނާއިމެދު ގޮތެއްނިންމެވުމަށްޓަކައި ސަޢުދުގެފާނަށް ދެންނެވުމަށެވެ. އެގޮތް ޤަބޫލުފުޅު ކުރައްވައި ނިޔާކުރެއްވުމަށް އެތަނަށް ސަޢުދުގެފާނު ހާޒިރު ކުރެއްވިއެވެ. އެހިނދު ސަޢުދުގެފާނު ވިދާޅުވީ އެމީހުންގެ ތެރޭގައި ތިބި ހަނގުރާމަވެރިން ޤަތުލުކޮށް އެމީހުންގެ އަނބިދަރީން އަޅުން ކަމުގައި ހަދައި އެމީހުންގެ މުދާތައް ޣަނީމަ މުދަލުގެ ގޮތުގައި ބެހުމަށެވެ.

ސަޢުދުގެފާނުގެ އާލާސްކަންފުޅު ބޮޑުވެ މަރަށް ހާޒިރުވެވަޑައިގަތް ހިނދު ކީރިތި ރަސޫލާ އެކަލޭގެފާނުގެ އުނގުފުޅުގައި ސަޢުދުގެފާނުގެ ބޯފުޅު ބާއްވައިގެން ހެޔޮ ދުޢާކުރެއްވިއެވެ. ސަޢުދު އަވަހާރަވުމުން ކީރިތި ރަސޫލާ ހަދީސްކުރެއްވިއެވެ. ”ސަޢުދުގެފާނު އަވަހާރަވީހިނދު ރަޙުމާންވަންތަ އިލާހުގެ ޢަރްޝިކޮޅު ހެލިގަނެގެން ދިޔައެވެ.“     والله أعلم.

ޝެއަރކުރެއްވުމަށް