ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ މުސްލިމުން އެންމެ ބޮޑަށް ތައްޔާރުވެ އެ މަހަކަށް މަރުޙަބާ ކިޔާ މަހަކީ ބަރަކާތްތެރި ރަމަޟާންމަހެވެ. އެކި މުޖުތަމަޢުތަކުގައި ހުންނަ ސަޤާފީ އާދަކާދަތަކާއެކު ކޮންމެ މުޖުތަމަޢަކުން ވެސް ރަމަޟާންމަހަށް މަރުޙަބާ ކިޔައެވެ. މިގޮތުން ބަލާއިރު ދިވެހީންގެ ތެރޭގައި ވެސް ވަރަށް ވަރުގަދަ ސަޤާފީ އާދަކާދަތަކެއް ހުރެއެވެ.

ދިވެހީން ރޯދަމަހަށް ތައްޔާރުވުމަށް ކުރާ މައިގަނޑު އެއް ކަމަކީ ދިރިއުޅޭ ގޯތިގެދޮރާއި އާންމު މައިދާންތައް ސާފުކުރުމެވެ. ހިފާގެންގުޅޭ ސާމާނު ދޮވެ ރީތި ކުރުމެވެ. ގޯތިގެދޮރާއި މިސްކިތްތަކުގައި ފަންލައި، އާބާތުރަ ފިލުވުމެވެ. ގޯއްޗާއި ގޭތެރޭގައި އޮންނަ ވެލިގަނޑު ކަހައި ނެގުމަށްފަހު އަތިރިމަތިން ރީތި ކަށިވެލިލުމެވެ. ފެންވަޅުތަކާއި ވެވުތައް ދިޔަހިއްކައި ސާފުކުރުމެވެ. މިގޮތަށް ކުރާ މަސައްކަތްތައް ނިންމާލަނީ މާހެފުމާއި ރޯދައަށް ހިނައި ޠާހިރުވުމުންނެވެ.

ޒަމާނަށް އައި ބަދަލުތަކާއެކު ދިވެހީންގެ އާދަކާދައަށް ވެސް ވަރަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. މިގޮތުން ރޯދަމަހަށް ތައްޔާރުވުމަށް ޓަކައި ދިވެހީން ކޮށްއުޅޭ ކަންތައްތަކަށް ބަދަލުތަކެއް އަޔަސް އަދިވެސް ދިވެހީންނަކީ ރޯދައަށް ތަންތަން ސާފުކުރާ ބައެކެވެ. ފަރުނީޗަރާއި ހިފާގެންގުޅޭ އާލާތްތައް އާކުރާ ބައެކެވެ. އާ މިސްކިތްތައް ރޯދައަށް ހުޅުވުމާއި މިސްކިތްތައް ރޯދައަށް މަރާމާތުކުރުމުގެ އާދަކާދަ ދިވެހީންގެ ތެރޭގައި އަދިވެސް އެބައޮތެވެ.

ބަރަކާތުން ފުރިގެންވީ ރަމަޟާންމަހަށް ތައްޔާރުވުމަށްފަހު ދެން އޮންނަނީ އެ މަހުގައި ކަންތައްތައް ކުރާގޮތެވެ. ދީނީ މި ބޮޑު މައްސަރުގައި ދިވެހީންގެ ސަޤާފަތުގެ ތެރޭގައި މުނިފޫހި ފިލުވުމާއި ކުޅިވަރުގެ ކަންތައްތައް އެއްޒަމާނެއްގައި ވަރަށް ފޯރީގައި އޮތެވެ. މިހާރު އެކަންކަން ބަދަލުވެ، އަޅުކަމަށް ދޭ ސަމާލުކަން ބޮޑުކަން ފާހަގަ ކުރެވެއެވެ. މި ބަދަލުތަކަކީ ދިވެހީންގެ މެދުގައި އޮންނަ ދީނީ ހޭލުންތެރިކަމާއެކު އަންނަ ހެޔޮ ބަދަލުތަކެވެ.

ދިވެހީންނަކީ ރޯދަމަހަށް ހެޔޮހިތުން މަރުޙަބާ ކިޔާ ބައެކެވެ. ހިތުގެ އިޚްލާޞްތެރި ކަމާއިއެކު އެ މަހާ ބައްދަލުކުރާ ބައެކެވެ. އެ މަހުގެ ބަރަކާތާއި ސަވާބު ހޯދަށް އިންތިޒާރުކުރަމުން އެ މަހަށް މަރުޙަބާ ކިޔާ ބައެކެވެ. ރޯދަމަހަށް ދިވެހީންގެ ހިތްތަކުގައި އޮންނަ ގަދަރާއި ހައިބަތު ވަރަށް ބޮޑެވެ. މިގޮތުން ރަމަޟާންމަހަށް ތައްޔާރުވުމުގައި ތެދުވެރި ތައުބާއަކުން ތައުބާވާ މީހުންނާއި، ރަމަޟާންމަހުގެ ދަރުމައާއި ސަވާބު ހޯދުމަށް ގަދައަޅައި މަސައްކަތްކުރާ މީހުން ދިވެހީންގެ ތެރޭގައި ގިނައެވެ. ޢާއިލީ ގުޅުންތަކާއި އަވަށްޓެރިންނަށް ހެޔޮކޮށް ހިތުންފަދަ އާދަތައް ދިވެހީންގެ ތެރޭގައި އަދިވެސް އެބައޮތެވެ.

ރަމަޟާންމަހަކީ އުފާވެރި މައްސަރެކެވެ. މިއީ ހެޔޮކަމުގެ މޫސުމެކެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވޭ މޫސުމެކެވެ. ނަރަކައިގެ ދޮރުތައް ބަންދުކުރެވޭ މޫސުމެކެވެ. މި މަހުގައި އެއްހާސް މައްސަރަށްވުރެ އިތުރުވެގެންވާ ލައިލަތުލްޤަދުރި ވިލޭރޭ ހިމެނިގެންވާކަމީ މި މަހަށް ލިބިގެންދާ ފުރިހަމަކަމެކެވެ.

ރަމަޟާންމަހުގެ ޙަޤީޤީ މަޤްޞަދަކީ ތަޤްވާވެރިވުމެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. ”يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ“  (ބަޤަރާ 183). މާނައީ: ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤްވާވެރި ވުމަށްޓަކައެވެ.“

ރަމަޟާންމަހުގެ ރޯދައިގަ ހުރި ދަރުމައާއި ސަވާބާއި ބެހޭގޮތުން ރަސޫލާ صلى الله عليه وسلمގެ އެތައް ޙަދީޘްފުޅެއް ގައި އައިސްފައިވެއެވެ. އޭގެތެރެއިން ބުޚާރީއާއި މުސްލިމް ރިވާކުރެއްވި ޙަދީޘްފުޅުގެ މާނައިގައި ވެއެވެ. ”ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ. ”އީމާންކަމާއެކު، ﷲގެ ޙަޟްރަތުން ދަރުމައަށްއެދި ރަމަޟާންމަހު ރޯދަ ހިފައިފި މީހާގެ ވޭތުވެދިޔަ ފާފައެއް ފުހެވިދެއެވެ.“ އަދި އައްނަސާއީ ރިވާކުރެއްވި ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ: [ތިޔަބައިމީހުންގެ ގާތަށް ބަރަކާތްތެރި ރަމަޟާން މަސް އަތުވެއްޖެއެވެ. އެމަހުގެ ރޯދަހިފުން ﷲ ޢައްޒަ ވަޖައްލަ ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރެއްވިއެވެ. އެމަހުގައި އުޑުތަކުގެ ދޮރުތައް ހުޅުވޭހުއްޓެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވޭހުއްޓެވެ.]

ރަމަޟާން މަހާއި އެރަމަޟާން މަހަށް ފުރިހަމަ ގޮތުގައި އިސްތިޤްބާލު ކުރާ ބަޔަކު ކަމުގައި އަޅަމެން ލައްވާށި! އާމީން!

ޝެއަރކުރެއްވުމަށް