ކުޑަކުއްޖަކު ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. މި ކުއްޖާ މުދައްރިސަކަށް، ޢިލްމުވެރިޔަކަށް، ބަސްވާރަކަށް، މަސްވެރިއަކަށް ދަނޑުވެރިއަކަށް ތާރީޚު ޢިލްމުވެރިއަކަށް، ދީންވެރިއަކަށް، ތެދުވެރިޔަކަށް، މިނިސްޓަރަކަށް ރައީސަކަށް މި ހަދަނީ އަޅުގަނޑުމެންނެވެ. މިހެން ގޮސް އަޅުގަނޑުމެން ގައުމަށް ޚިދުމަތްކުރާން އެކި ދާއިރާތަކަށް މީހުން އުފައްދާން އަޅުގަނޑުމެން ބޭނުންވެއެވެ. މި ދެންނެވި ބޭނުމުގައި އަޅުގަނޑުމެން މިކުރާ ކަމަކީ ތަޢުލީމު ދިނުމެވެ. ވަރަށް ބޮޑަށް ތަޢުލީމު ދިނުމެވެ. ތަޢުލީމު ދިނުމުގައި އަޅުގަނޑުމެންނަށް ހަނދާންނެތިފައި އޮންނަ ކުޑަކުޑަ ތަންކޮޅެއް އެބަ އޮވެއެވެ. އެއީ އެއަށް އަޅުގަނޑުމެންނަށް ފަރުވާ ނުކުރެވޭ ކަމެކެވެ. އެއީ އެކަށީގެންވާ ރަނގަޅު ތަރުބިއްޔަތެއް ކުރުމެވެ. އަޅުގަނޑަކީ ވެސް މުދައްރިސެކެވެ. އެހެންނަމަވެސް ކަން އޮތްގޮތް ދަންނަވާލީއެވެ.
އިންޑިޔާގެ ކުރީގެ ރައީސެއް ކަމުގައިވާ ޑރ. އަވުލް ޕަކިރު ޖައިނުލަބްދީން އަބްދުލް ކަލާމް ވިދާޅުވެފައި ވަނީ ތިން މީހަކު ފެއިލް ވެއްޖެ ނަމަ އެ މުޖުތަމަޢެއް ފެއިލްވީ ކަމުގައެވެ. އެއީ ކޮން ތިން މީހުންނެއް ބާވައެވެ؟ ފުރަތަމަ މީހާއަކީ މަންމައެވެ. ދެވަނަ މީހާއަކީ ބައްޕަ ކަމުގައެވެ. އަދި ތިންވަނަ މީހާކީ މުދައްރިސް ކަމުގައެވެ.
ޑރ. އަބްދުލްކަލާމް ވިދާޅުވެފައި ވަނީ މަންމަ ފެއިލް ވެއްޖެ ނަމަ އެ ގައުމެއް ފެއިލްވީ ކަމުގައެވެ. މަންމައަކީ ދަރީން ބަލައި ތަރުބިއްޔަތުކޮށް ވަކި ގޮތަކަށް ހާނުވާ މީހާއެވެ. މިކަން މި ޒަމާނުގެ ކުދީންނަށް އެނގޭނީ ހުޅަނގުގެ މިސާލަކުންނެވެ.
ކަރަންޓް އުފެއްދުމާއި، މާސް ކޮމިއުނިކޭޝަން، އަޑު ރެކޯޑިންގ، އަދި މޯޝަން ޕިކްޗަރ ފަދަ ދާއިރާތަކުން ގިނަ ޑިވައިސްތަކެއް އުފައްދައި، އަދި ކެމެރާއާއި، އިލެކްޓްރިކް ލައިޓް އީޖާދުކުރި، އެމެރިކާގެ ތާރީޚުގައި އެންމެ އުފެއްދުންތެރި އީޖާދުވެރިޔާ، ތޯމަސް އަލްވާ އެޑިސަން, މީހަކަށް ހެދީ އޭނާގެ މަންމައެވެ. އޭނާ ވަރަށް ކުޑަ ދުވަސްކޮޅަކު ސްކޫލަށް ދިޔައެވެ. އެ ދުވަސްކޮޅު ކުލާހުގައި ސުވާލު މާ ގިނަވުމާއި އޭނާގެ އުޅުމުގެ ސަބަބުން ޓީޗަރަށް ކިޔަވައިދޭން އުނދަގޫވާތީ އޭނާ ސްކޫލުން ކަނޑާލީއެވެ. އެޑިސަން އޭނާގެ ޑައިރީގައި ލިޔެފައިވަނީ “ތޯމަސް އޭ އެޑިސަން އަކީ ނަފްސާނީ ގޮތުން އުނިކަމެއް ހުރި ކުއްޖެއް ކަމަށާއި އޭނާގެ މަންމަ އޭނާ އެ ގަރުނުގެ ޖީނިއަސްއަކަށް ބަދަލުކުރި ކަމަށެވެ.”
އެހެންވީމާ އެޑިސަންގެ މަންމަ ފެއިލް ނުވީމާ އެޑިސަން މިވަނީ މީހަކަށް ވެފައެވެ. ގައުމު ބިނާކުރި، ދުނިޔެއަށް ކުރިއެރުން ހޯދައިދިން މީހަކަށް ވެފައެވެ.
ތިންވަނަ މީހާއަކީ ކާކުތޯއެވެ؟ އާދެ އެއީ މުދައްރިސެވެ. މުދައްރިސް ފެއިލް ވީއެވެ. މަންމަ ފެއިލްވީ އެވެ. ބައްޕަ ފެއިލްވީ އެވެ. މިހާ ހިސާބުން ގައުމު ފެއިލްވީ އެވެ.
ގައުމެއް ބިނާވަނީ އެ ގައުމެއްގައި ދިރިއުޅޭ ރައްޔިތުންގެ މައްޗަށެވެ. އެ ރައްޔިތުން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ނުކުރެވޭކަމަށް ވަންޏާ އެ ގައުމެއް ފެއިލްވީއެވެ.
މިއަދު ކޮންމެވެސް ވަރަކަށް ދައްކާލަން މި އުޅެނީ މި ވާހަކައެވެ. މި ވާހަކައޭ މި ދެންނެވީ ކުދީން ތަރުބިއްޔަތުކުރުމުގައި ގައުމީ ތާރީޚަށް، ގައުމީ ސަގާފަތަށް، ގައުމީ އާދަކާދައަށް ލޯބިޖައްސާނީ ކިހިނެއްތޯ އަހައި ކުރާ ސުވާލުގެ ޖަވާބަށެވެ. މި ޖަވާބު ދެވޭންއޮތީ ލޯބީގެ ތެރެއިންނެވެ. ލޯތްބަކީ ވަރަށް މުހިންމު އެއްޗެކެވެ.
ލޯބީގެ ވާހަކަ ދައްކާލަން ގަސްދުކޮށް ހޯދިހޯދުމުން ފެނުނީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހު 16ވަނަ ދުވަހު ދި ޓައިމްސް އޮފް އިންޑިއާގައި ޑޮކްޓަރ ސަހާނާ ޕްރަސާދު ޝާއިޢުކުރައްވާފައިވާ ލިއުއްވުމެކެވެ. މި ލިޔުމުގެ އަސްލު އޮތީ އިނގިރޭސިބަހުންނެވެ. މި ލިޔުމުގެ ގާތް ތަރުޖަމާއެއް މި ވަނީ އަޅުގަނޑުމެންގެ ލޯބިވާ މާދަރީބަހަށް ބަދަލުކޮށްފައެވެ. ތިޔަބޭފުޅުންނާއި އަޅުގަނޑުގެ ވެސް ފަސޭހައަކަށެވެ.
ސަހާނާ ވިދާޅުވެފައި ވެއެވެ. ޕްރޮފެސަރެއްގެ ހައިސިއްޔަތުން އަޅުގަނޑާ ގިނައިން ކުރެވޭ ސުވާލަކީ، ބޭރުދުނިޔެ އިނގިރޭސި ބަހުން ފުރިފައި އޮތްއިރު، ދަރިވަރުން މާދަރީ ބަހަށް ފޯކަސް ކުރަންވީ ކީއްވެގެންތޯ އަހައި ކުރާ ސުވާލެވެ. އެ ސުވާލުގެ އެންމެ ކުރު، އެންމެ ފޮނި ޖަވާބަކީ، މާދަރީ ބަހަށް ފޯކަސްކުރަންވީ މާދަރީބަހަކީ ގައުމީ ލޯބި އުފެއްދުމުގެ މައިކާރުޚާނާކަމަށް ވާތީއެވެ. މި ލޯބި ހުރިހައި ލޯތްބެއް ފަތަޙަ ކުރެއެވެ. ގައުމެއްގެ ތާރީޚަށް އޮންނާންޖެހޭ ލޯތްބެވެ. ގައުމިއްޔަތަށް އޮންނާން ޖެހޭ ލޯތްބެވެ. ބަހާއި ސަގާފަތާއި އާދަކާދައާއި އުޅުމާއި ގުޅުންތަކަށް އޮންނާންޖެހޭ ލޯބި ވެސް މެއެވެ.
ސަގާފީ ކާކުވަންތަކަން (އައިޑެންޓިޓީއާއި) ތަރިކަ
ގިނަ ފަހަރަށް މީހެއްގެ މާދަރީ ބަހަކީ އެމީހެއްގެ ސަގާފީ ކާކުވަންތަކަމާއި ތަރިކައާ ވަރަށް ފުންކޮށް ގުޅިފައިވާ ބަހެކެވެ. އަދި ހަމައެހެންމެ މާދަރީ ބަހަކީ ވަކި ގައުމެއްގެ ނުވަތަ ވަކި ޖަމާޢަތެއްގެ ނުވަތަ ސަރަޙައްދެއްގައި ދިރިއުޅޭ ބައެއްގެ ސަޤާފަތާއި އާދަކާދައާއި އަގުތަކާއި ތާރީޚު އެއިން ދައްކައިދޭ އެއްޗެކެވެ. އެހެންކަމުން ތިމާމެންގެ މާދަރީ ބަސް ރައްކާތެރިކޮށް ދަމަހައްޓައި ބޭނުންކުރުމަކީ ތިމާމެންގެ އަމިއްލަ ނަފްސު ވަރުގަދަކޮށްދީ ގައުމީ ލޯބީގެ އިހުސާސް އިންތިހާއަށް ކުރުވައި ގައުމު ކުރިއެރުވުމުގެ ޢަޒުމުގައި ދެމިތިބުމަށް އެހީތެރިވެދޭ ކަމެކެވެ. މިއީ ތާރީޚް ހެކިވާ ހެކިވުމެކެވެ.
ފައިދާހުރި މުވާޞަލާތުކުރުން
މާދަރީ ބަހަށް ފަރިތަވުމަކީ އާއިލީ ގުޅުންތަކާއި، އިޖުތިމާޢީ ގުޅުންތަކާއި އެކިއެކި އިޖުތިމާޢީ ބައްދަލުވުންތަކުގައި ތިމާއާއި އެހެންމީހުންނަށް އެންމެ ފައިދާހުރި ގޮތުގައި މުޢާމަލާތުކޮށް އެންމެންގެ އިޙްތިރާމާއި ލޯބި ހޯދައިގަނެވޭ މަގެކެވެ. އެހެނީ މާދަރީބަހުން ވާހަކަދެއްކުމުން މީހުންނަށް މާ ސާފުކޮށް، މާ ޞައްޙަކޮށް ދޭހަވެއެވެ. އަދި މާ ޖަޒުބާތީ ގޮތްގޮތަށް މާދަރީ ބަހުން ޚިޔާލު ފާޅުކުރެވި އެހެންމީހުން ތިމާގެ ޖަޒުބާތުގައި ޖެއްސެއެވެ. އެހެންކަމުން މާދަރީ ބަހަކީ ދޭދޭ މީހުންގެ މެދުގައި ހިނގާ މުއާސަލާތުތަކުގައާއި ވަކީން ޚާއްޞަކޮށް އާ މައުޟޫޢުތަކާއި އާކޮންސެޕްޓްތައް އޮޅުންފިލުވައިދިނުމުގަ އާއި އިހުސާސާއި ޝުޢޫރު ފާޅުކޮށް އެކެއްގެ ހިތުގެ ފުނުގައި ހުރި ވާހަކަތައް ނެރެ ހާމަކޮށްދީ ދެ މީހުންގެ މެދުގައި ލޯބީގެ ވަރުގަދަ ގުޅުމަކުން ގުޅުވައިދިނުމަށް ބޭނުންކުރެވޭ އެންމެ ފައިދާހުރި އަދި އެންމެ ވަރުގަދަ ހަތިޔާރެވެ.
ތޫނުފިލި ވުމާއި އުނގެނުމުގައި ކާމިޔާބުހޯދުން
ދިރާސާތަކުން ދައްކާ ގޮތުގައި މާދަރީ ބަހުން އުނގެނުމަކީ ތިމާގެ ވިސްނުން ތޫނުފިލިވުމަށާއި ތައުލީމީ ގޮތުން ރަނގަޅު ކާމިޔާބީއެއް ހޯދުމަށް މަގުފަހިކޮށްދޭ ކަމެކެވެ. މާދަރީ ބަހުންް ތައުލީމު ހާސިލުކޮށްފައިވާ ކުދިންގެ ކިބައިގައި ބަހުގެ ހުނަރުގެ ބިންގާ ވަރުގަދަ ކަމުން އުނގެނުމުގެ ޤާބިލުކަމަށް ހެޔޮ އަސަރު ކުރާނެއެވެ. މި ހެޔޮ އަސަރުގެ ސަބަބުން އުނގެނުމަށް ލޯބިޖެހި އުނގެނުމުގައި ކާމިޔާބު ހޯދާނެއެވެ.
މާދަރީ ބަސް ރައްކާތެރިކުރުން
ދުނިޔޭގެ ގިނަ ބަސްތަކަކީ ބަވަނަވަންތަކަމާއި ރަށްވެރިކަމާ ގުޅިގެން މީހުންގެ ވިސްނުމަށާއި މުއާމަލާތަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ވަރަށް ގިނަ ބަސްތަކަކީ ނެތިދިއުމުގެ ނުރައްކާތެރިކަމާ ކުރިމަތިލާފައިވާ ބަސްބަހެވެ. މި ބަސްތައް ނެތި އުވިގެން ދާ އިރު ގެއްލިގެން އެ ދަނީ ހަމައެކަނި ވާހަކަދެއްކުމަށް އެ ބަޔަކު ބޭނުންކުރި ލަފުޒުކޮޅު އެކަންޏެއް ނޫނެވެ. އެހެނެއް ކަމަކު އެ ބަސްބަހާ ގުޅިފައިވާ ޚާއްޞަ ޢިލްމުތަކާއި އެ ބަހުގެ މާހައުލުގައި ސަޤާފީގޮތުން ކޮށްއުޅުނު އެތައް ކަމަކާއި އެ ބަހުން ވާހަކަދެއްކި މީހުންނާމެދު ދުނިޔެ ދެކެމުންއައި އެތައް ގޮތަކަށް ބަދަލު އާދެއެވެ. އެހެންކަމުން ތަޢުލީމު ދިނުމުގައްޔާއި މާދަރީ ބަސް ބޭނުންކުރުމަށް ދިވެހި ދަރީންނަށް ދެވޭ ފުރުސަތުތަކުގެ ތެރެއިން ދިވެހި ބަސް ރައްކާތެރިކޮށް ދިރުވައި އާލާކުރުމަކީ ގައުމުގެ ކޮންމެ ކުރިއެރުމަކަށާއި ކާކުވަންތަކަމަށާއި ގަބޫލުކުރުންތަކަށާއި ގައުމުގެ ގައުމީ ބަހާތަކަށާއި ގައުމުގެ ތަރިކަތަކަށް ލޯބިކުރުމުގެ ސިފަ ކޮންމެ ދިވެހި ދަރިއެއްގެ ކިބައިގައި ހަރުލެއްވުމަށް ހަމަ ކޮންމެ ދިވެހި ދަރިއަކު ވިސްނާންޖެހޭ ވަރަށް މުހިންމު ކަމެކެވެ.
ގިނަބައްސަ ތަޢުލީމާއި ބަވަނަވަންތަ ގާބިލުކަން
ބަވަނަވެ ގުޅި ލާމެހިފައިވާާ އަދުގެ ދުނިޔޭގައި ގިނަބައްސަ ތަޢުލީމަކީ ވަރަށް ބޮޑު ރައުސްމާލެކެވެ. އަގު މަތިވެގެންވީ ޖަވާހިރެކެވެ. މުދަލާއި ފައިސާއާއި އެކުވެރީން ހޯދުމުގެ ހަލިމަގެކެވެ. ނަމަވެސް އޭގެމާނައަކީ ތިމާއާއި ތިމާގެ އަމިއްލަ ނަފުސާއި އެނަފުސު ނުއަގެއްގައި ވިއްކާލާފައި ދުނިޔޭގެ މަޝްހޫރު ބަހަކުން ވާހަކަދެއްކުމެއް ނޫނެވެ. މީގައި ވިސްނަންވީ އެހެނިހެން ބަސްބަސް ދަސްކުރުމަކީ އަސްދަނޑީން ބޭރުގައި މުއާމަލާތު ކުރުމަށް ކޮންމެހެން ބޭނުންވާ ކަމެއްކަމުގައި ވިޔަސް، ތިމާގެ މާދަރީ ބަހުގެ ވަރުގަދަ ބިންގަލެއް އެޅި މާދަރީބަހަށް ތިމާގެ ހިތުގައި ލޯބި އޮތުމަކީ އިސްވެ ބަޔާންކުރި ކަންކަން އެގޮތުގައި ހިނގުމަށާއި އަދި ހަމައެހެންމެ އިތުރު ބަސްތައް ދަސްކުރުމަށް ވެސް ފަސޭހަވެގެން ދާނެ ކަމެކެވެ. ގިނަ ބަސްބަހުން ވާހަކަ ދައްކާ މީހުން ކަންކަމާމެދު ދެކޭގޮތް ފައްސި ވެއެވެ. ޚިޔާލުތައް ފުޅާވެ ފުންވެއެވެ. އެހެންކަމުން މާދަރީބަހުގެ ވަރުގަދަ ބިންގަލެއްގެ މަތީގައި ދެވޭ ގިނަބައްސަ ތަޢުލީމާއި ބަވަނަވަންތަ ގާބިލުކަމުގެ ސަބަބުން ދަރީން ގައުމު ދެކެ ވާ ލޯބީގެ މިންވަރު އެތައް ގުނައަކަށް އިތުރުވާކަން އެތައް ދިރާސާއަކުން ސާބިތުވާކަމަށް ސަހާނާ(2023).އޭނާގެ ދިރާސާގައި ބަޔާންކޮށްފައި ވެއެވެ.
އަދަބީ ފޮނިމީރުކަމާއި ފަންނުވެރިކަމުގެ އިޙްސާސްކުރުން
އަދަބާއި އަދަބިއްޔާތުގައި ހިމެނޭ ލިޔުންތެރިކަމާއި ޅެންވެރިކަމާއި، ކުރެހުމާއި މިއުޒިކާއި މިބާވަތުގެ އަދަބީ ފަންނުގެ ގިނަ މަސައްކަތްތަކަކީ ކޮންމެ ބައެއްގެ ވެސް މާދަރީ ބަހާއި އެބައެއްގެ ސަޤާފަތުގެ ތެރޭގައި ހިމެނި އެބައެއްގެ ދިރިއުޅުމާ ވަރަށް ފުންކޮށް ގުޅި ލާމެހިގެން ކޮށްފައި ހުންނަ މަސައްކަތްތަކެކެވެ. މާދަރީބަހުގެ އުފެއްދުންތަކަކީ އެ ބަހެއްގެ އަހުލުވެރީން ޝައުގުވެރިކުރުވައި ބަހަށާއި ބަހުގެ އުފެއްދުންތަކަށް ލޯބިޖައްސުވާ ބީދައަކުން އުފައްދާފައި ހުންނަ އުފެއްދުންތަކެކެވެ. މި އުފެއްދުންތައް ޅެންވެރީންނާއި އަދީބުން އުފައްދަނީ ގައުމީ ވިސްނުމެއްގައި ލޯބި އުފަންކުރުވައި ބަހުގެ އަހުލުވެރީންގެ ހިތުގެ އެންމެ ފުންމިނަށް އެ އުފެއްދުންތަކުން އަސަރުކުރުވުމަށެވެ. މިއަސަރުކުރުވުމަށް މިފަދަ އުފެއްދުން ތަކުގައި ބޭނުންކޮށްފައި ހުނަނީ އެ ބަހެއްގައި ހިމެނޭ އެންމެ ރީތި އެންމެ އަސަރުގަދަ އަދި އެންމެ ފުރިހަމަ ބަސްތަކާއި ލަފުޒުތަކާއި އަދަބީ ބުނުންތަކެވެ. އެހެންކަމުން މި ދެންނެވި އަދަބީ އުފެއްދުންތައް ވެފައިވަނީ ގައުމީ ލޯބީގެ އިހުސާސް އެ ބަހެއްގެ އަހުލުވެރީންނަށް އެންމެ ބޮޑަށް ކުރުވާ ވަޞީލަތްކަމުގައެވެ.
އެންމެން ޝާމިލުވާގޮތަށް ބާރުވެރިކުރުވުން
އެންމެން ޝާމިލުވާގޮތަށް މުޖުތަމަޢު ބާރުވެރިކުރުމުގައި އެބައެއްގެ މާދަރީބަސް ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. އެހެނީ މާދަރީބަހުން ވާހަކަދެއްކުމުން އާންމު ބައްދަލުވުންތަކުގައި ދައްކާ ވާހަކަތަކުގައި ފުރިހަމައަށް ބައިވެރިވެވެއެވެ. އަދި މައުލޫމާތު ހޯދައި ތިމާއަށް ފެންނަ ޚިޔާލަކާއި ތިމާ ގަބޫލުކުރާ ކުރުމެއް ފަސޭހަކަމާއެކު މުޖުތަމަޢަށް ހުށަހަޅައިލެވެއެވެ. ހަމައެހެންމެ އިޖުތިމާއީ ނިންމުންތައް ނިންމުމުގެ މަރުހަލާތަކުގައި މާދަރީ ބަސް ބޭނުންކޮށްގެން ބައިވެރިވެވެއެވެ. މި ދެންނެވި ބައިވެރިވުމުގެ ސަބަބުން ތިމާއަކީ ތިމާ އުފަންވި ގައުމާއި އުޅެ ބޮޑުވާ މުޖުތަމަޢުގެ އިޖުތިމާޢީ ކަންކަމުގަޔާއި ގައުމީ ކަންކަމުގައި ބަސްބުނާނެ ފުރުސަތު އޮތް، ބައިވެރިއެއްގެ އިހުސާސް ކުރެވެއެވެ. އޭގެ ނަތީޖާއަކީ ގައުމަށްޓަކައި ތިމާގެ ހިތުގައި އޮންނަ ލޯބި އިތުރުވެގެންދިއުމެވެ.
އިޤްތިޞާދީ އަދި އިޖުތިމާޢީ ފުރުޞަތުތައް
މާދަރީ ބަސް ބޭނުންކުރުމަށް، ހައިސިއްޔަތާއި ބާރު އޮތުމަކީ ބަހުގެ އަހުލުވެރީންނަށް އިޤްތިޞާދީ އަދި އިޖުތިމާޢީ ފުރުޞަތުތައް ހުޅުވޭނޭ ކަމެކެވެ. އަދި އެކިއެކި ރަސްމީ ބައްދަލުވުންތަކުގައި ކާމިޔާބު މުވާސަލާތުތަކެއް ކުރުމަށް މަގު ފަހިކޮށްދޭ ކަމެކެވެ. މީގެ މިސާލަކީ ރައްޔިތުންގެ މަޖިލީހާއި ޝަރީޢަތުގެ މަޖިލީހާއި ރައްޔިތުންގެ ބައްދަލުވުންތަކެވެ. މި މަޖިލިސް މަޖިލީހާއި ބައްދަލުވުންތަކުގައި މާދަރީބަހުން ވާހަކަދެއްކުމަކީ ގައުމީލޯބި ވަރުގަދަވާކަމެކެވެ. ނަމަވެސް މާދަރީބަހަށް އިސްކަންދިނުމުގެ ނަމުގައި ބާރުހުރި ވަރުގަދަ ގާނޫނުތަކާއި ގަވާޢިދުތައް ހަދައިގެން ތިބެ އިސްވެ ދެންނެވިފަދަ މުހިންމު މުއައްސަސާތައް ފަދަ މުއައްސަސާތަކުން އެ ގާނޫނުތަކާއި ގަވާޢިދުތަކަށް އިޚްލާޞްތެރިކަމާއެކު ޢަމަލު ނުކުރުމަކީ މާދަރީ ބަސް ބޭނުންކުރާންޖެހޭ ފަރާތްތަކަށް އެ ފުރުޞަތު ގެއްލި އިޤްތިސާދީ އަދި އިޖުތިމާޢީ ފުރުޞަތުތައް މާދަރީބަހުގެ ތެރެއިން ލިބި ނުދިނުމަށް ގަސްތުގައި ކޮށާ ސީދާ ރާސްތާއެކެވެ. މީގެ ސަބަބުން ގައުމީ ލޯބީގެ ބަދަލުގައި ރައްޔިތުންގެ ހިތްތަކުގައި ނުރުހުންތެރިކަމާއި ނަފުރަތުގެ އޮށްތައް އިންދި އެ ގަސްތައް ހެދި ބޮޑުވެ ފޯދެއެވެ. މިސާލަކަށް ދަރިޔަކު ކިޔަވަނީ އިނގިރޭސި ބަހުންނެވެ. ނަމަވެސް އޭނާގެ މަސައްކަތުގެ ދާއިރާގައި ބޭނުންކުރާންޖެހެނީ މާދަރީ ބަހެވެ. މާދަރީ ބަސް ބޭނުންކުރާން މަޖުބޫރުވާ މާހައުލުގައި އެހާލަތާ ހިސާބަށް އޭނާ ދަތުރުކުރީ މާދަރީބަހަށް ބީރައްޓެއްސެއްގެ ގޮތުގައެވެ. އެހެންކަމުން މާދަރީބަހުން ލިޔެކިޔުމާއި ވާހަކަދެއްކުމުގައި މައްސަލަތައް ދިމާވެ، އިގުތިސާދީ ފައިދާތަކާއި އިޖުތިމާއީ ހަމަޖެހުންތަކަށް ގެއްލުމާއި ތުރާލާ ކުރިމަތިލާން ޖެހެއެވެ. ވީމާ މާދަރީބަސް ބޭނުންކޮށްގެން އިޤްތިޞަދީ ނަފަޔާއި އިޖުތިމާޢީ ނަފާ ލިބިގަނެވޭނޭ އިޖުރިމާޢީ ނިޒާމެއް ހަރުދަނާ ގޮތެއްގައި ބޭނުންކުރާން ޖެހެއެވެ. އެފަދަ ނިޒާމަކުން އުފެދޭނީ ގައުމީ ލޯތްބެވެ. ޞުލްހަ މަސަލަސްކަމެވެ. އޭރުން ގައުމު ދަތުރުކުރާނީ އެއް މިސްރާބަކަށެވެ. ނަތީޖާ ނެރެން މަސައްކަތްކުރާނީ އަތާ އަތް ގުޅުވާލައިގެން ތިބެއެވެ. އަދި އޭރުން ގައުމު ދަތުރުކުރާނީ ދިވެހި ގައުމީ ވަހުދަތުގައި މަތިވެރިވެގެންވާ އިސްލާމް ދީނުގެ ސީދާމަގުގައި ތިބެއެވެ.
ޖީލުތަކުގެ މެދުގައި މުއާމަލާތްކުރުން
މާދަރީބަހުން މުއާސަލާތުކުރުމަކީ އެކިއެކި ޖީލުތަކުގެ މެދުގައި ގުޅުން އުފައްދާކަމެކެވެ. އެހެނީ ކާފައާއި މާމައާއި ބައްޕައާއި މަންމައާއި ކުދީންގެ މެދުގައި ވާހަކަދެއްކުމަށް މާދަރީބަސް ބޭނުންކުރުމަކީ ޖީލުތަކުގެ މެދުގައި އެއް ބަހެއް ދެމެހެއްޓުމަށާއި މާމަ ކާފައާއި މައިންބަފައިންނާއި ކުދިންގެ މެދުގައި ފަހިކޮށް މުވާސަލާތު ކުރުމަށް މަގުފަހިކޮށްދިނުމުގެ އެންމެ ވަރުގަދަ އަދި އެންމެ ކާމިޔާބު މަދަދުގާރެވެ. މި ދެންނެވި މުއާސަލާތުތަކުން ނުކުންނަ ޢަރަގުން ގައުމުގެ ގައުމީ ސަގާފީ އަގުތަކާއި ޅެންތަކާއި ވާހަކަތަކާއި ފަލްސަފާތަކާއި ޙިކުމަތްތަކާއި ދީނީ ގަބޫލުކުރުންތައް އެއްޖީލުން އަނެއް ޖީލަށް ކަށަވަރުކަމާއެކު ވާޞިލުކޮށްދެއެވެ. މި ކަންކަމާއި ސިފަތައް މި ބީދައިން ޅަ ދަރީންނަށް ވާޞިލުކޮށް ދެވުމުން ޅަ ދަރީންގެ ހިތްތަކުގައި އޮންނަ ލޯބި އިންތިހާއަށް އިތުރުވެގެން ދެއެވެ.
ޖަޒުބާތީ ގުޅުން
މާދަރީބަސް ބޭނުންކޮށްގެން އުނގެނުމާއި އިޖުތިމާއީ އެކިއެކި ބޭނުން ފުއްދުމަކީ މާދަރީ ބަހާއި ތިމާއާ ދެމެދު ޖަޒުބާތީ ގުޅުމެއް އުފެދޭ ކަމެކެވެ. އެހެނީ މާދަރީބަހަކީ ގިނަފަހަރަށް ޖަޒުބާތާއި ތިމާގެ ހިތްހަމަޖެހުމާ ދެމެދު ގުޅުންއުފައްދާ އެއްޗެކެވެ. އެއީ އޭގެ މާނައާއި އަސަރު އެއް ހިތުން އަނެއް ހިތަށް ތެދުވެރިކަމާއި ވަފާތެރިކަމާއެކު އުފުލައިދޭ ސަވާރީއެވެ.
ނިންމުން
އިސްވެ މިދެންނެވި ހުރިހައި ގޮތަކުން ބަލާއިރު މާދަރީ ބަހަކީ އަދުގެ ދުނިޔޭގައި ހަމައެކަނި ދޭދޭ މީހުންގެ މެދުގައި މުވާޞަލާތުކުރުމަށް ބޭނުންކުރާ ވަސީލަތަކަށްވުރެ މާ ބޮޑު އެއްޗެކެވެ. އެހެނީ މާދަރީބަހަކީ އެގައުމެއްގެ ތާރީޚާއި ސަގާފަތް ރައްކާތެރިކުރުމާއި، ފައިދާ ކުރަނިވި މުއާޞަލަތެއް ކުރުމަށާއި، ތޫނުފިލި ވުމަށާއި އުނގެނުމުގައި ކާމިޔާބުހޯދުމަށާއި، އެންމެން ޝާމިލުވާގޮތަށް ބާރުވެރިކުރުވުމަށް ބޭނުންކުރާން ޖެހޭ ސަވާރީއެކެވެ.
މާދަރީބަހަކީ މުއްސަނދި ސަގާފަތެއް އޭގެ ވަށައިގެން ދައުރުކުރާ ނާރެހެވެ. އެއީ މުޖުތަމަޢުގެ ހިމޭންކަމަށާއި ކުށް މަދު މާހައުލަކަށް ދަރީން ތަރުބިއްޔަތުކޮށް ތަމްރީނުކޮށް ތަންޒީމު ކުރުމަށް އޮތް ފުޅާ ތަނަވަސް، ކައްޗާ ނުދާނެ ސީދާ ރަސްމަގެވެ. އެއީ މުޢާމަލާތްތަކުގައި އިތުބާރު ގާއިމުކުރެވި ޞުލްޙަ މަސްލަހަތަށް ހިޔާ ލިއްބައިދޭ އެންމެ ބޮޑު ގަހެވެ. އެއީ އަމިއްލަވަންތަކަމާއި އަނެކާގެ އިތުބާރާއި ގުޅުންތަކުގައި އިހުސާސް އުފައްދައިދޭ ވަފާތެރި މިތުރެވެ. އެއީ ޖަޒުބާތީ ގުޅުންތަކުގެ އިހުސާސުގެ ސަބަބުން އަސަރު ހުރި ގޮތެއްގައި އަދި މާނަހުރި ގޮތެއްގައި ތިމާގެ އަމިއްލަ ގައުމަށާއި އެ ގައުމުގެ ތާރީޚާއި ސަގާފަތާއި އުޅުންތަކާއި ގުޅުންތަކަށް ލޯބިކުރުމަށް ހިތްޖައްސުވާ ދެއްވެވެ. އެއަށް ކުރުކޮށް ކިޔަނީ ގައުމީ ލޯތްބެވެ. ގައުމީ ލޯތްބަކީ ހުރިހައި ލޯތްބެއް ފަތަޙަކުރާ ”ބޮޑުފޮއްޗެވެ“.
- ޑރ.ސަހާނާ ޕްރަސާދު (16 އޮގަސްޓް 2023). ދި ޓައިމްސް އޮފް އިންޑިޔާ.
- ޚުލާސާ ތަރުޖަމާ ކުދި ބަދަލުތަކާއެކު ދިވެހި މާހައުލަށް ގެންސްފައި: އަޙްމަދު ޝަފީޤު (19 ފެބުރުއަރީ 2025)
- ހުށަހެޅީ 27 ފެބުރުއަރީ 2025 ވަނަ ދުވަހު. ގައުމީ ތާރީޚް ދުވަސް ފާހަގަކުރުމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މާލަމުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ދިވެހިބަހުގެ އެކެޑަމީ ގުޅިގެން ބޭއްވެވި ޖަލްސާގައި ނަގައިދިން ފިލާވަޅެއްގެ ގޮތުގައި. ފިލާވަޅު ނަގައިދިނީ އަޙްމަދު ޝަފީޤު ފޭރުމާގެ ގދ.ހޯނޑެއްދޫ.
