ދިވެހި ގައުމު ދިފާޢުކުރުމުގައި ދިވެހި އަސްކަރިއްޔާގެ އެއްގަމުގެ ބާރާއި ކަނޑުމަތީގެ ބާރު ހަރަކާތްތެރިވާތާ އެތައް ޒަމާނެއް ވެއްޖެއެވެ. ދިވެހި އަސްކަރީ ތާރީޚުގައި ގައުމު ދިފާޢުކުރުމުގެ ގޮތުން ދިވެހި އަސްކަރިއްޔާގެ އެއްގަމުގެ ބާރާއި ކަނޑުމަތީގެ ބާރުން ބޮޑެތި ހަނގުރާމަތަކެއް ވަނީ ކޮށްފައެވެ. މިގޮތުން ކުރި ގިނަ ހަނގުރާމަތަކެއްގައި ދިވެހި ލަޝްކަރުން ވަނީ ކާމިޔާބާއި ނަޞްރު ހޯދާފައެވެ. ދިވެހީންނަށް މިނިވަންކަމުގެ ދިގު ތާރީޚެއް ލިބިފައިވަނީ މި ގައުމުގެ އަސްކަރިއްޔާއިން ވެފައިވާ މަތިވެރި ޤުރުބާނީތަކުގެ ސަބަބުންނެވެ. ދިވެހި އަސްކަރިއްޔާގައި އެއްގަމުގެ ބާރާއި ކަނޑުމަތީގެ ބާރުގެ އިތުރުން ވައިގެ ބާރު އުފެއްދެވުމަކީ ޤައުމީ ސަލާމަތަށް ޓަކައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. އަދި އެއީ ޤައުމީ އެންމެ މަތީ މަޞްލަޙަތުތައް ދިފާޢުކޮށް ހިމާޔަތްކުރުމަށް ލިބުނު ވަރަށް ބޮޑު ޔަގީންކަމަކާއި އިތުބާރެކެވެ. ދިވެހި އަސްކަރިއްޔާގައި ވައިގެ ބާރު އުފެއްދެވުމަކީ ބޭރުގެ ފަރާތަކަށް ބަރޯސާނުވެ، ވައިގެ މަގުން ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓައި، މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމުގެ ޤާބިލުކަން ދިވެހީންނަށް ލިބިގެންދިއުމެވެ. އެ ތާރީޚީ ދުވަހަކީ 2024 ވަނަ އަހަރުގެ މާރިޗު މަހުގެ 15 ވަނަ ދުވަހެވެ. އެއީ ދިވެހި އަސްކަރިއްޔާގައި ވައިގެ ބާރެއްގެ ގޮތުގައި ”އެމްއެންޑީއެފް އެއަރ ކޯރ“ އިފުތިތާހު ކުރެއްވި ދުވަހެވެ.
މި ތާރީޚުގެ ކުރީގައި ވެސް ދިވެހި އަސްކަރިއްޔާގައި އެކި ދުވަސްވަރު އެކި ނަންނަމުގައި ވައިގެ ޚިދުމަތް އޮތެއެވެ. ނުވަތަ ވައިގެ ޚިދުމަތެއް ދިވެހި އަސްކަރިއްޔާގައި ތަރައްޤީ ކުރެވޭތޯ މަސައްކަތް ކުރައްވާފައިވެއެވެ. ނަމަވެސް އެއީ އަސްކަރީ ނަޒަރަކުން ބަލާއިރު އެއްގޮތަކަށް ވެސް ވައިގެ ބާރެއްގެ ގޮތަކު ނޫނެވެ. މިގޮތުން އެންމެ ފުރަތަމަ 1975 ވަނަ އަހަރު ހަތަރު ބޭކަލުންނާ އެކު އުފެއްދެވި ”ސިފައިންގެ އެއަރ ކްރާފުޓް ސެކްޝަން“ ގެ މަގުސަދަކީ ދިވެހިރާއްޖޭގައި އެ ދުވަސްވަރު ފެށިގެން ދިޔަ ދިވެހިރާއްޖޭގެ މަދަނީ ވައިގެ ޚިދުމަތަށް ގެނެވުނު ކުދިކުދި މަތިންދާ ބޯޓުތައް ބެލެހެއްޓުމާއި، ބޭރުގެ ޕައިލެޓުން ދުއްވަމުން ދިޔަ އެ ބޯޓުތަކުން ކުރަމުން ދިޔަ މަދަނީ ވައިގެ ދަތުރުތަކުގެ ކަންތައްތައް ބެލެހެއްޓުމެވެ. ޕައިލެޓްކަމުގެ ކޯސް ފުރިހަމަކުރައްވައިގެން 1983 ވަނަ އަހަރު ރާއްޖެ ދުރުވި ދެ ބޭކަލަކަށް ސިފައިންގެ ވަޒީފާ ދެއްވުމާ އެކު ސިފައިންގެ ޕައިލެޓުން މަދަނީ ވައިގެ ޚިދުމަތްތަކުގައި ހަރަކާތްތެރިވިއެވެ. ދިފާޢީ ވުޒާރާގެ ދަށުގައި އޭރު އޮތް އެއަރ ކްރާފުޓް ސެކްޝަން، 1991 ވަނަ އަހަރު ކޯސްޓްގާޑުގެ ދަށަށް ބަދަލުކުރެއްވިއެވެ. އަދި 1994 ވަނަ އަހަރު އެ ސެކްޝަން ވަނީ އުވާލައްވާފައެވެ.
ސިފައިންގެ އެއަރ ކްރާފުޓް ސެކްޝަން އުވާލެއްވިތާ 15 އަހަރު ފަހުން، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި 2009 ވަނަ އަހަރު ”އެމްއެންޑީއެފް އެއަރ ވިންގު“ އުފެއްދެވިއެވެ. ދިވެހި އަސްކަރިއްޔާގައި ވައިގެ ޚިދުމަތް ޤާއިމުކުރެއްވުމުގެ މަގުސަދުގައި އުފެއްދެވި އެމްއެންޑީއެފް އެއަރ ވިންގުގައި ބޭނުންކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމެއް ދަށުން އިންޑިއާ ސަރުކާރުން 2010 ވަނަ އަހަރު ދްރޫވް މަރުކާގެ ހެލިކޮޕްޓަރެއް ރާއްޖެ ގެންނެވިއެވެ. އެމްއެންޑީއެފް އެއަރ ވިންގު، 2012 ވަނަ އަހަރު ކޯސްޓްގާޑުގެ ދަށަށް ބަދަލު ކުރެއްވިއެވެ. އަދި ފަހުން އިތުރު ހެލިކޮޕްޓަރަކާއި ޑޯނިއާ މަތިންދާ ބޯޓެއް އެއަރ ވިންގުގެ ބެލުމުގެ ދަށުން އޮޕަރޭޓްކުރާގޮތަށް އިންޑިއާ އިން ރާއްޖެ ގެނައި ނަމަވެސް، މި ހުރިހާ އުޅަނދުތަކެއް ދުއްވަމުން ގެންދިޔައީ އިންޑިއާ ސިފައިންނެވެ. މި ޕްލެޓްފޯމުތައް ބޭނުން ކުރަމުން އައީ ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން މެޑިކަލް އިވެކްއުއޭޝަން އޮޕަރޭޝަންތައް ނުވަތަ ބަލި މީހުން އިމަޖެންސީކޮށް މާލެ ގެނައުމުގައެވެ. އަދި ކަނޑުމަތީގައި ހާލުޖެހޭ އުޅަނދުފަހަރާއި ކަނޑުމަތީގައި ގެއްލޭ މީހުން ހޯދުމުގައި ހިންގާ ސައިވައިލަންސް އޮޕަރޭޝަންތަކުގައި މި ޕްލެޓްފޯމުތައް ހަރަކާތްތެރިވިއެވެ. މި ޕްލެޓްފޯމުތަކަކީ ދިވެހި ސިފައިން ދުއްވާ އުޅަނދުފަހަރަށް ނުވެފައި، އަދި އެ އުޅަނދު ފަހަރަކީ ދިވެހި ސަރުކާރުގެ އުޅަނދު ފަހަރަށް ނުވުމާއެކު މި އުޅަނދުތަކާއެކު އެމްއެންޑީއެފް އެއަރ ވިންގު އޮތީ ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރުގެ ގޮތުގައެއްނޫނެވެ. މާޒީން ފެންނަ ޙަޤީޤަތަކީ ދިވެހިރާއްޖޭގެ މަދަނީ ވައިގެ ޚިދުމަތުގެ ތާރީޚުގައި ދިވެހި ސިފައިންގެ ހިއްސާ ކިތަންމެ ބޮޑު ނަމަވެސް، އަސްކަރީ ވައިގެ ބާރެއްގެ ގޮތުގައި މީގެ ކުރިން ދިވެހި އަސްކަރިއްޔާގައި ބައިގެ ޚިދުމަތެއް ނެތްކަމެވެ.
ދިވެހި އަސްކަރިއްޔާގައި ވައިގެ ބާރެއްގެ ގޮތުގައި ”އެމްއެންޑީއެފް އެއަރ ކޯރ“ އިފްތިތާޙުކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ. އެމްއެންޑީއެފް އެއަރ ކޯރއަކީ ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމުގެ ގޮތުން، އެ ސަރަހައްދު ބެލެހެއްޓުމަށް ޓަކައި ދިވެހި ސިފައިން ހިންގަންޖެހޭ އެންމެހާ ވައިގެ އޮޕަރޭޝަންތައް ހިންގުމަށް ޓަކައި އުފެއްދެވި ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރެވެ. މި ތާރީޚީ ފެށުމަކީ ވައިގެ މަގުން ދިވެހިރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގެ ޢަމަލީ މަސައްކަތް ކުރުމުގެ ޤާބިލުކަން ދިވެހި އަސްކަރިއްޔާއަށް ލިބިގެން އެ މަސައްކަތް ޢަމަލީގޮތުން ފެށުމެވެ.
އެމްއެންޑީއެފް އެއަރ ކޯރ އުފެއްދެވީ ގައުމުގެ ވައިގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާ އުފުލަންޖެހޭ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޮމްބަޓް އެންޑް މެނޫވަރ ފޯސްތަކުގެ ތެރެއިން ފޯހެއްގެ ގޮތުގައެވެ. އަދި ވައިގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ދިވެހި އަސްކަރިއްޔާއިން ހިންގަން ޖެހޭ ހުރިހާ ވައިގެ އޮޕަރޭޝަންތަކެއް ހިންގައި ބެލެހެއްޓުމަށް ޓަކައެވެ. ދިވެހީންގެ މިނިވަންކަމާއި ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށް ޓަކައެވެ. ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ދިފާޢުކޮށް، ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދާއި، ޚާއްޞަ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމަށާއި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގުމަށެވެ. ޤައުމީ އިސްތިރާޖީ ތަރުކީބުތަކާއި ނާގިދު ބިނާރުތައް ވައިގެ މަގުން ރައްކާތެރިކޮށް ބެލެއްޓުމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި ދިވެހި އަސްކަރުގެ ހަނގުރާމަވެރި އަދި ހޭރިޔާ ފައުޖެއްގެ ގޮތުގައި އަދި ވައިގެ ދިފާޢުއަށް ޒިންމާވާ ބާރުގެ ގޮތުގައެވެ. އެމްއެންޑީއެފް އެއަރ ކޯރ އުފެއްދެވުމާއެކު ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ގެއްލޭ މީހުންނާއި އުޅަނދުފަހަރު ހޯދުމުގެ ގޮތުން ހިންގަންޖެހޭ ވައިގެ އޮޕަރޭޝަންތަކާއި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން މެރިޓައިމް ޑޮމެއިންގެ އޭރިއަލް ސަވައިލެންސް މިޝަންތައް ދަނީ ހިންގަމުންނެވެ. އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ސިފައިންގެ ޤާނޫނުން ދިވެހި އަސްކަރިއްޔާއާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ގޮތުން ރެއާއި ދުވާލު ސައުވީސްގަޑިއިރު ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ދިފާޢުކޮށް ބެލެހެއްޓުމުގެ ޒިންމާ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ވައިގެ ބާރުން ގެންދަނީ އަދާކުރަމުންނެވެ.
ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރާއެކު ދިވެހިރާއްޖޭގެ ސަރޗް އެންޑް ރެސްކިއު ރީޖަންގެ ތެރޭގައި ވައިގެ މަގުން ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމަށް ވަނީ ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންގޮސްފައެވެ. އަދި ދިވެހި އަސްކަރިއްޔާއިން ހިންގާ ވައިގެ އޮޕަރޭޝަންތައް ހިންގުމަށް އޮޕަރޭޝަނަލް ރެޑިނަސް ދެމެހެއްޓުމާއެކު، އެމްއެންޑީއެފް އެއަރ ކޯރ ވެގެން ގޮސްފައިވަނީ ދިވެހި އަސްކަރިއްޔާގެ އެހެން ބާރުތަކާ ވިލަރެސްކޮށްގެން އަސްކަރީ ވައިގެ އޮޕަރޭޝަންތައް ހިންގަމުންދާ ބާރަކަށެވެ. މި ދާއިރާއިން ފަންނީ މީހުން ބިނާކޮށް، ވައިގެ ބާރު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ދަނީ ހަރުދަނާ މަސައްކަތްތަކެއް ކުރަމުންނެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ހިމާޔަތްކޮށް ދިފާޢުކުރުމަށް ވައިގެ ބާރު އުފައްދަވައި، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތަށް ވަނީ ތަޢާރަފުކޮށްދެއްވާފައެވެ. މިއީ ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމާއި، ޚާއްޞަ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމުގައި އަދި ވައިގެ ވަޞީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޭރިއަލް ސަރވެއިލަންސް އޮޕަރޭޝަންތައް ހިންގުމުގައި ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރުން ބޭނުންކުރަމުން ދަނީ ޒަމާނީ ވަސީލަތްތަކާއި ފަހު ޓެކްނޮލޮޖީއެވެ. އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ނުވަތަ ޓީ.ބީ.ޓޫ ޑްރޯންތައް ދިވެހި އަސްކަރިއްޔާގައި ބޭނުންކުރަން ފެށުމުން ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.
ދިވެހިރާއްޖޭގެ 99.7 އިންސައްތައަކީ ކަނޑުގެ ސަރަހައްދެވެ. ދިވެހިރާއްޖެއާއި ބޭރުގެ އެހެން ގައުމުތަކާ، އިން ވަކިކުރެވިފައިވާ ސަރަހައްދީ އިންރޮނގުތައް ދެމިފައި ހުރީ ކަނޑުމަގުންނެވެ. މި އިންރޮނގުތަކާއި ކަނޑުމަތީގެ ބިޔަ ބޮޑު ސަރަހައްދުގައި ހިންގާ ޣައިރުޤާނޫނީ ޢަމަލުތައް ހުއްޓުވައި އެ ސަރަހައްދު ބެލެހެއްޓުމަކީ އަބަދުވެސް ސިފައިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އަދި މިއީ ޤައުމީ ސަލާމަތަށް ވެސް އޮތް ވަރަށް ބޮޑު ނުރައްކަލެއް ވެސް މެއެވެ. ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އުފެއްދެވުމުން، ދިވެހިރާއްޖޭގެ ކަނޑުގެ ބިޔަ ސަރަހައްދު ބެލެހެއްޓުމުގައި މިހާރު ސިފައިންނަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުންތަކަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ވަނީ ލިބިގެން ގޮސްފައެވެ. ކުރިމަގުގައި ވައިގެ ޚިދުމަތުގެ ބާރު ތަރައްޤީވަމުން ދިޔަ ވަރަކަށް ޤައުމީ ދިފާޢުއާއި ޤައުމީ ސަލާމަތް އިތުރަށް ކަށަވަރުވަމުން ދާނެއެވެ. ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އުފެއްދެވުމާއެކު ދިވެހިރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގައި ޒަމާނީ ވަސީލަތްތަކާއެކު ދިވެހި އަސްކަރިއްޔާއިން މި ވަނީ އަމިއްލަ ފައިމައްޗަށް ތެދުވެފައެވެ. މިއީ ގައުމުގެ ދިފާޢުއާއި ސަލާމަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ޔަގީންކަމަކާއި އިތުބާރެކެވެ.
