ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގެ މެދުތެރޭގައި އޮންނަ، ކުދިކުދި ޖަޒީރާތަކުން އެކުލެވިގެންވާ ޤައުމެކެވެ. މި ޤައުމުގެ ޖިއޮގްރަފީ ވަނީ އެހެން ގިނަ ޤައުމުތަކާ ތަފާތު ގޮތަކަށެވެ. މި ފަދަ ޚާއްޞަ ސިފަތައް އެކުލެވިފައިވާ ވެށްޓެއްގައި އޮންނަ ޤައުމަކަށް ވައިގެ ބާރެއް އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއަދު ދުނިޔޭގެ ޤައުމުތަކުގެ ދިފާޢީ އައްޑަނަ ވަރުގަދަކުރުމަށް ޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި އެއްގަމާއި ކަނޑުގެ ބާރު ވަރުގަދަ ކުރުމާ އެކު ފުރިހަމަ އަސްކަރީ ވައިގެ ބާރެއް ބޭއްވުމަށް ވެސް ނުހަނު ބޮޑު ސަމާލުކަމެއްދެއެވެ. ހަނގުރާމައިގެ އުކުޅުތަކަށް އައިސްފައިވާ ބަދަލުތަކާ އެކު، ހަނގުރާމަތަކުގެ ފުރަތަމަ ފިޔަވަހީގައި އަސްކަރީ ވައިގެ ބާރަށް އިންތިހާއަށް އަސްކަރީ ކޮމާންޑަރުން ބަރޯސާ ކުރެއެވެ. އަދި މިހާރުގެ އަސްކަރީ ޕްލޭންތައް ހެދިގެން ދަނީ ވައިގެ ބާރުގެ ދައުރު ވަރަށް ފުޅާކޮށެވެ. މި ހުރިހާ ކަމަކަށް ބަލާ އިރު ވެސް، އަސްކަރީ ވައިގެ ބާރެއް އޮތުމުގެ މުހިންމުކަން ވަނީ ބޮޑުވެފައެވެ.
އަސްކަރީ ވައިގެ ބާރަކީ ޤައުމީ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެހެން ބޭނުންވާ އެއްޗެއް ކަމުގައި ވިއަސް، ޤައުމަކަށް އަސްކަރީ ވައިގެ ބާރެއް ހަމައެކަނި މުހިންމު ވަނީ އަސްކަރީ ދައުރެއް އަދާކުރާކަށް ނޫނެވެ. އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި އިންސާނިއްޔަތުގެ ދާއިރާއިން ވެސް ޤައުމީ ފެންވަރުގައި ރައްޔިތުންނަށް ވަރަށް ޚިދުމަތްތެރި ދައުރެއް ވައިގެ ބާރަށް އަދާކުރެވޭނެއެވެ. މިގޮތުން ކުއްލި ޙާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވައިގެ ބާރެއް އޮތުން ވަރަށް މުހިންމެވެ. ދިވެހިރާއްޖޭގެ ރަށްތައް ވަކިވަކިން އޮންނަ ގޮތުން، ކާރިސާއެއް ދިމާވެއްޖެ ޙާލަތެއްގައި އަވަހަށް އެހީ ފޯރުކޮށްދިނުމަށް ވައިގެ ބާރު ބޭނުންކުރެވިދާނެއެވެ.
ރާއްޖޭގެ އިޤްތިޞާދީ އިތުބާރު ގާއިމުކޮށް ދެމެހެއްޓުމުގައި ވެސް ވައިގެ ބާރަށް މުހިންމު ދައުރެއް އަދާކުރެވިދާނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ތަފާތު ކަންކަމަށް ނަޒަރު ހިންގާ އިރު، ހަލުވިކަމާ އެކު ހަރަކާތްތެރިވެވޭ ފަދަ ފުރިހަމަ އަސްކަރީ ފައުޖެއް ޤައުމުގައި އޮންނަ ނަމަ، އިންވެސްޓަރުންގެ ވިޔަފާރިތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ލިބިގެންދާ ބާރަކާއި އިތުބާރެއްގެ ގޮތުގައި އެ ފަރާތްތަކުން ދެކެއެވެ. ހަމަ މި ބީދައިން ކަނޑަށް ތެޔޮ އެޅުން ފަދަ ކަންކަމުގެ ތެރެއިން ތިމާވެށި ރައްކާތެރިކުރުމުގައި ވެސް ވައިގެ ބާރަށް މުހިންމު ދައުރެއް އަދާކުރެވޭނެއެވެ. އެގޮތުން ވައިގެ ބާރުގެ އެހީގައި ރާއްޖޭގެ ތިމާވެށްޓަށް ކުރިމަތިވާ ބައެއް ކަހަލަ ނުރައްކާތައް ދެނެގަނެ، އަވަހަށް ފިޔަވަޅު އެޅިދާނެއެވެ.
އަސްކަރީ ގޮތުން ޤައުމުގެ ދިފާޢީ އައްޑަނަ ވަރުގަދަކުރުމަށާއި ޤައުމުގެ ސިޔާދަތާއި އިސްތިޤްލާލު ޙިމާޔަތްކޮށް ރައްކާތެރިކުރުމަށާއި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި އަސްކަރީ ވައިގެ ބާރެއް އޮތުމަކީ ކޮންމެހެން ވެސް މުހިންމު ކަމެކެވެ. ދިވެހިރާއްޖޭގެ ޚާއްޞަ ޖިއޮގްރަފީއަށް ރިޢާޔަތްކޮށް، އަސްކަރީ ވައިގެ ބާރެއް ގާއިމުކުރުމަކީ ޤައުމުގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ. އަސްކަރީ މަޤްސަދުތައް ހާސިލުކުރުމަށާއި ޤައުމީ ހައިސިއްޔަތު ހިފަހައްޓާ ދެމެހެއްޓުމަށް ޓަކައި އަސްކަރީ ވައިގެ ބާރެއް އޮތުމަކީ މުހިންމު ކަމެކެވެ.
ދިވެހިރާއްޖެއަށް އަސްކަރީ ވައިގެ ބާރެއް މުހިންމުވާ އެންމެ ބޮޑު އެއް ސަބަބަކީ ޤައުމުގެ ސަރަޙައްދު ބެލެހެއްޓުމާއި ދިފާޢުކުރުމެވެ. ރާއްޖެއަކީ ވަށައިގެން ކަނޑުން ބަންދުވެފައިވާ ޤައުމަކަށް ވުމާ އެކު، ޤައުމުގެ ސަރަޙައްދަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ، އެންމެ އަވަހަށް އެކަމަކަށް އިޖާބަދެވޭނީ ވައިގެ މަގުންކަން ކަށަވަރެވެ. މީގެ އިތުރުން، ކަނޑު މަގުން ހިންގޭ ޣައިރުޤާނޫނީ ޙަރަކާތްތައް ހުއްޓުވުމަށާއި، ޤުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމަށް ވެސް އަސްކަރީ ވައިގެ ބާރަށް މުހިންމު ދައުރެއް އަދާކުރެވޭނެއެވެ.
ޤައުމުގެ މިނިވަންކަން ދިފާޢުކޮށް ދެމެހެއްޓުމުގައި އަސްކަރީ ވައިގެ ބާރަކީ މި ޒަމާނަށް ބަލާ އިރު ކޮންމެހެން ވެސް މުހިންމު ބާރެކެވެ. ދުނިޔެއާއި ސަރަހައްދީ ސަލާމަތީ ވެށްޓަށް ބަލާ އިރު ބޮޑެތި ބާރުތަކުގެ ނުފޫޒުން ސަލާމަތްވެ ތިބުމަށް އެކަށީގެންވާ ބާރު ހުރި، ޒަމާނީ އަސްކަރިއްޔާއެއް ބޭނުންވެއެވެ. އަސްކަރީ ވައިގެ ބާރަކީ މިކަމަށް އެންމެ އެކަށީގެންވާ ވަސީލަތެވެ. ހަމައެހެންމެ، ޓެރަރިޒަމްގެ ޢަމަލުތަކުން ރައްކާތެރިވުމަށް ވެސް އަސްކަރީ ވައިގެ ބާރެއްގެ މުހިންމުކަން ނުހަނު ބޮޑެވެ.
ތާރީޚީ ގޮތުން ބަލާ އިރު، އަސްކަރީ ވައިގެ ބާރުތަކުން ޤައުމުތަކަށް ކޮށްދީފައިވާ ގިނަގުނަ ކަންތައްތަކާއި ހާސިލުކޮށްފައިވާ ނަތީޖާތައް ފާހަގަކުރެވެއެވެ. މިސާލަކަށް، ދެވަނަ ބޮޑުހަނގުރާމައިގައި އިނގިރޭސިވިލާތުގެ ރޯޔަލް އެއަރ ފޯސްއިން ޤައުމު ދިފާޢުކުރުމުގައި އަދާކުރި ދައުރު ފާހަގަކޮށްލެވެއެވެ. އަދި ޤުދުރަތީ ކާރިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ގެއްލިފައިވާ މީހުން ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތްތަކުގައި ވެސް އަސްކަރީ ވައިގެ ބާރުތަކުން އަދާކުރާ ދައުރު ވަރަށް މުހިންމެވެ.
އަސްކަރީ ވައިގެ ބާރެއް އޮތުމުން ދިވެހިރާއްޖޭއާ ބައިނަލްއަޤްވާމީ ގުޅުންތައް ހަރުދަނާކުރުމަށް ވެސް މަގުފަހިވެގެންދާނެއެވެ. އެހެނިހެން ޤައުމުތަކުގެ އަސްކަރީ ބާރުތަކާ އެކު ތަމްރީނުތައް ހިންގުމާއި، ޢިލްމާއި ތަޖުރިބާ ހިއްސާކުރުމުގެ ފުރުޞަތު އިތުރުވެގެންދާނެއެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އަސްކަރިއްޔާގެ ޤާބިލުކަން އިތުރުވެ، ޤައުމުގެ ދިފާޢީ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ.
ޚުލާޞާކޮށް ދަންނަވާ ނަމަ، ތިމާވެށީގެ ގޮތުން ނާޒުކު، ވަސީލަތްތައް މަދު، މި ކުޑަކުޑަ ޤައުމުގައި އަސްކަރީ ވައިގެ ބާރެއް ގާއިމުކުރުމަކީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް މުހިންމު ކަމެކެވެ. މި ފަދަ ބާރެއް އޮތުމުން ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށާއި، ކުއްލި ހާލަތްތަކުގައި އަވަސް އިޖާބަ ދިނުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ޚާއްޞަ ޙާލަތަށް ރިޢާޔަތްކޮށް، އަސްކަރީ ވައިގެ ބާރެއް ޤާއިމުކުރުމަށް ސަރުކާރުން ނިންމަވާ ތަންފީޒުކުރައްވަމުން ގެންދަވާކަމީ ޤައުމީ ޙަޔާތުގެ އައު ސަފުޙާއެއް ލިޔެވިގެންދާ ތާރީޚީ ކަމެކެވެ.
