ދިވެހިރާއްޖެއަކީ މިނިވަންކަމުގެ ދިގު ތާރީޚެއް ލިބިފައިވާ ފަޚުރުވެރި ޤައުމެކެވެ. ޤައުމު ކުޑަވެފައި މީސްކޮޅު މަދުވެފައި، ވަސީލަތްތަކާއި ފުރުސަތުތައް ހަނިވިޔަސް، ދުނިޔޭގެ ޗާޓުން ރާއްޖެއަށް ލިބިފައިވާ މަޤާމުގެ މުހިންމުކަން ކުޑައެއް ނޫނެވެ. އެކަން އެނގެނީ ދުނިޔޭގެ ބާރުތަކުންނާއި އަވައްޓެރިންގެ ފަރާތުން ކުރިމަތިވެފައިވާ ނުރައްކާތަކާއި ރާއްޖެ އަޅުވެތި ކުރުމަށް ކޮށްފައިވާ ހަނގުރާމަތަކާއި ދީފައިވާ ނުރައްކާތެރި ޙަމަލާތަކުންނެވެ. ދިވެހިންނަކީ މިނިވަންކަމަށް ލޯބިކުރާ، އަދި ދީނާއި ޤައުމުގެ މިނިވަންކަމުގެ ޙައްޤުގައި ކޮންމެ އަގެއް ވެސް އަދާކޮށްފާނެ ކެރޭ ހިތްވަރުގަދަ ރައްޔިތެއްކަން އަންގައިދެނީ ދިވެހި ކާބަފައިން ކޮށްފައިވާ މަތިވެރި ޖިހާދުތަކުންނެވެ.
އެ ޖިހާދުތަކުން ހިތްވަރު ލިބިގެން މިއަދު މި ލޮބުވެތި ވަޠަނާއި މާތްވެގެންވާ އިސްލާމްދީނުގެ ދިފާޢުގައި ޤައުމަށް ޓަކައި ޖިހާދުކުރުމަށާއި، އެ ޖިހާދުގައި ޤުރުބާންވާން ޖެހިއްޖެ ނަމަ އެކަމަށް ވެސް ފަސްނުޖެހުމަށް މާތްﷲ ގަންދީ ހުވާކޮށްގެން ތިބި ބަޔަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ހިތްވަރުގަދަ ސިފައިންނެވެ.
ދިވެހިންނަކީ އެއްވެސް ދުވަސްވަރެއްގައި އަޅުވެތިކަމަށް ރުހިގެން އުޅެން ބޭނުންވި ބައެއް ނޫނެވެ. ދިވެހިންނަށް އަޅުވެތިކަން ތަޖުރިބާކުރަން ޖެހުނު ކޮންމެ ފަހަރަކު ވެސް ޤައުމުދެކެ ލޯބިވާ ބަޔަކު ނުކުމެ ދުޝްމަނުންގެ ކިބައިން ޤައުމު ސަލާމަތް ކުރެއެވެ. ކަނޑުފޭރޭ މީހުންނާއި ރާއްޖޭގެ މިނިވަންކަމަށް ހަމަލާދިން ކޮންމެ ބައެއްގެ ކިބައިން ވެސް ޤައުމު ސަލާމަތް ކުރުމަށް ދިވެހިން ވަނީ ނުކުމެފައެވެ. މީލާދީން ނުވަވަނަ ޤަރުނުން ފެށިގެން 13 ވަނަ ޤަރުނާ ހަމައަށް ދިވެހިރާއްޖެއާ އެންމެ ގިނައިން ތޮޅެހެދި ބަޔަކީ ދެކުނު އިންޑިއާގެ ޗޯޅާއިންނެވެ. ޗޯޅާއިން ސަތޭކަވަރަކަށް އަހަރު އޭރު ދިވެހިރާއްޖޭގެ އެންމެ އުތުރުގައިއޮތް މަލިކު އަތޮޅާއި ތިލަދުންމަތި ހިފައިގެން ތިއްބެވެ. ދިވެހިރާއްޖެއަށް މިނިވަންކަން ހޯއްދަވައި ދެއްވި ބަޠަލަކީ 1120 ން 1142 ށް ރާއްޖޭގައި ރަސްކަން ކުރެއްވި ސިރީ މަހާބަރަނަ މަހާރަދުންނެވެ.
ދިވެހިން އިސްލާމްދީން ޤަބޫލުކުރީ 1153 ވަނަ އަހަރުއެވެ. އޭރުން ފެށިގެން އަދާހަމައަށް ދިވެހިން ތިބީ އިސްލާމް ދީނުގެ މަތީގައެވެ. އިސްލާމްދީން ވެފައިވަނީ ދިވެހިންނަށް ލިބިފައިވާ އެންމެ އަގުބޮޑު އަދި އެންމެ މަތިވެރި ނިޢުމަތް ކަމުގައެވެ. ރާއްޖެ އިސްލާމްވުމަށްފަހު ދިވެހިންނަށް މިނިވަންކަމުގެ ދިގު ތާރީޚެއް ލިބިފައިވަނީ މާތްވެގެންވާ އިސްލާމްދީނުގައި ސާބިތުވެތިބެ، ދިވެހިރާއްޖެއަށް ކުރިމަތިވި ދުއްތުރާތަކާއި ދުޝްމަނުންގެ ނުރައްކާތެރި ހަމަލާތަކާ ކެރިގެން ކުރިމަތިލައި ކުރި ހިތްވަރުގަދަ ޖިހާދުތަކުގެ ސަބަބުންނެވެ. ސަރަޙައްދީ ބާރުތަކުގެ އިތުރުން ދުނިޔޭގެ ބާރުތަކާ ދެކޮޅަށްވެސް ދިވެހިން ނުކުމެ ހަނގުރާމަކޮށް ނަޞްރާއި ފަތަޙަ ހޯދީ، މާ ބާރުގަދަ ހަތިޔާރުތަކަކާއި، މާގިނަ ވަސީލަތްތަކެއް ހުރެގެންނެއް ނޫނެވެ. ދިވެހިންނަށް މިނިވަންކަން ދިފާޢުކޮށްދިން އައްޑަނައަކީ ދިވެހިންގެ ހިތްތަކުގައި އޮތް އިސްލާމީ އަޤީދާއާއި ޤައުމީ ލޯތްބެވެ. މީލާދީން 1350 ވަނަ އަހަރު ރާއްޖެއަށް ވަޑައިގެންނެވި މޮރޮކޯގެ ދަތުރުވެރިޔާ އިބުނު ބަތޫތާ ވިދާޅުވެފައިވަނީ ދިވެހިންގެ އެންމެ ބާރުގަދަ ހަތިޔާރަކީ ދުޢާ ކަމުގައެވެ.
ދިވެހިރާއްޖެ އަޅުވެތިކޮށްގެން އެންމެ ގިނަ ދުވަހު ތިބި ބަޔަކީ ޕޯޗްގީޒުން ނުވަތަ ފުށެތިލާކުން ނެވެ. ޕޯޗްގީޒުން އިންޑިޔާ ކަނޑަށް 1503 ވަނަ އަހަރު ވެރިވީއްސުރެ ރާއްޖެއަށް އަތްގަދަ ކުރުމަށް ދިޔައީ މަސައްކަތް ކުރަމުންނެވެ. އެދުވަސްވަރު ރާއްޖޭގެ ރަސްކަމުގެ ތެރޭގައި އޮތް ފިތުނަވެރިކަމާއި، ދިވެހިންގެ ތެރޭގައި ދީނީ އަޤީދާ ބަލިކަށިވުމުގެ ފައިދާ އެމީހުން ނެގިއެވެ. ނަތީޖާއަކީ ރަސްކަމުގައި އިންނެވި 9 ވަނަ ޙަސަން ރަސްގެފާނު ކްރިސްޓިއަންދީން ޤަބޫލު ކުރައްވައި، އިންޑިއާއަށް ވަޑައިގެންނެވި އެވެ. އެ ރަދުން މެދުވެރިކޮށް ކްރިސްޓިއަން ދީން ރާއްޖޭގައި ފެތުރުމަށްޓަކައި އަލުން އެރަދުން ރަސްކަމަށް ގެނައުމަށް ޕޯޗްގީޒުން ރާއްޖެއަށް ދޭންފެށި ހަމަލާތަކުގެ ނިމުން އައީ 1558 ވަނަ އަހަރު އައްސުލްޠާން ޢަލީ ހަވަނަ ޝަހީދުވި ހިތާމަވެރި ހާދިސާއަށް ފަހުގައެވެ. އެފަހުން ރާއްޖޭގައި 15 އަހަރުގެ އަނިޔާވެރި ވެރިކަމެއް ކުރީ ޕޯޗްގީޒުންނެވެ.
ކަނޑުގެބާޒުގެ ނަމުން މަޝްހޫރު ޕޯޗްގީޒުންގެ އަނިޔާވެރި އަޅުވެތިކަމުން ދިވެހިން މިނިވަން ކުރެއްވީ އުތީމު ބޮޑު ތަކުރުފާނު ނުވަތަ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީސަވާދީއްތަ މަހާރަދުންނެވެ. އެތަކުރުފާނު ޕޯޗްގީޒުންނާ ހަނގުރާމަކޮށް އެވެރިން ބަލިކޮށް ދިވެހިރާއްޖެ މިނިވަންކުރީ ކަނޑުމަތީގައި ފަސްވަރަކަށް އަހަރު ކުރެއްވި ވަރުގަދަ ގެރިއްލާ ހަނގުރާމައަކަށް ފަހުގައެވެ. އެޖިހާދުގައި ދިވެހިންގެ އެތައް ބަޔަކު އެތަކުރުފާނަށް އެހީތެރިވެދީ އެއްބާރުލުން ދެއްވިއެވެ. ބޮޑުތަކުުރުފާނު އިންޑިއާގެ ބޭދާޅީން ތަޢުލީމާއި ތަމްރީނާއި ހެވިކަން ދަސްކުރައްވައި، ކަންނަންނޫރު ޢަލީރާޖާގެ އެހީތެރިކަން އެ ޖިހާދަށް ހޯއްދެވިއެވެ. ރާއްޖެ މިނިވަން ކުރައްވައި، ބޮޑުތަކުރުފާނު ޤައުމު ބިނާކުރެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. މިނިވަން އިސްލާމީ ދައުލަތެއްގެ ގޮތުގައި ދިވެހި ދައުލަތް، “އައްދައުލަތުލް މަޙަލްދީބިއްޔާ” ނަމުގައި އުފައްދަވައި، އެ ދައުލަތް ހިމާޔަތްކުރުމަށް ދިވެހި ލަޝްކަރެއް ހަނގުބޭކަލުންގެ މައްޗަށް އުފެއްދެވިއެވެ. މާލޭގައި ދިފާޢީ ޙަމަލާ ދެވޭނެ ބުރުޒުތައް ބިނާކުރައްވައި، ދިވެހި ލަޝްކަރަށް ހެވިކަމުގެ ތަމްރީނުތައް ދެއްވަން ފެއްޓެވިއެވެ.
ޕޯޗްގީޒުންގެ އަތްދަށުން ބޮޑުތަކުރުފާނު ރާއްޖެ ސަލާމަތްކުރެއްވިތާ 185 އަހަރު ފަހުން، 20 ޑިސެމްބަރު 1752 ގައި މަލާބާރީން ނުވަތަ ހޮޅިން ރާއްޖޭގެ މައްޗަށް ވެރިވެގަތެވެ. އޭރު ތަހުތުގައި އިންނެވި ރަދުން އައްސުލްތާން މުކައްރަމް މުޙައްމަދު ޢިމާދުއްދީން (ތިންވަނަ) ސިރީ ނަވަރަންނަ ކީރިތި މަހާރަދުން އަތުލައިގެން ކަންނަން ނޫރަށް ގެންގޮސް މަލާބާރީން މާލޭގައި އެމީހުންގެ ވެރިކަން ގާއިމް ކުރިއެވެ. މިކަން ހިނގީ ޤައުމަށް ޚިޔާނާތްތެރިވި އަލްޤާޒީ ޙަސަން ތާޖުއްދީންގެ ދެ ދަރިކަލުންކަމަށްވާ އޭރު ފަނޑިޔާރު ކަލޭގެފާނު މުޙައްމަދު ޝަމްސުއްދީނާއި އޭނާގެ އެއްބަނޑު އެއްބަފާ ޚަތީބު އަޙްމަދު މުޙިއްޔުއްދީން، ކަންނަންނޫރަށް ސިޓީއެއް ފޮނުއްވާ ޢަލީ ރާޖާއަށް ދިވެހިރާއްޖޭގެ ވެރިކަން ހޯދައިދެއްވަން ވިދާޅުވުމުންނެވެ. ޢަލީ ރާޖާގެ ސިފައިން ރާއްޖެ ހިފައި އެދެބެންވަނީ ކަނޑުފައްތައި މަރާލާފައެވެ. ހޮޅިންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވީ 7 އޭޕްރީލް 1753 ގައި ދޮންބަންޑާރައިން ނުވަތަ އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީނެވެ.
ދިވެހިން، އިނގިރޭސިންގެ “ހިމާޔަތުގެ ދަށަށް” ދިޔައީ 16 ޑިސެމްބަރު 1887 ގައެވެ. އޭރު ރާއްޖޭގެ ރަސްކަމުގައި އިންނެވި އައްސުލްޠާން މުޙައްމަދު މުޢީނުންދީން ( 2ވަނަ) އާއި އިނގިރޭސި ރާނީ ވިކްޓޯރިއާގެ ފަރާތްޕުޅުން ސިލޯނުގައި ހުންނެވި އިނގިރޭސި ގަވަރުނަރު ސަރ އޭއެޗް ގޯޑުން އާ ދެބޭފުޅުން (ދެ ޤައުމުގެ ދެމެދުގައި) ކުރެއްވި މުއާހަދާއެއްގެ ދަށުންނެވެ. ދިވެހިރާއްޖެއަށް އިނގިރޭސިންގެ އަތްދަށުން ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވީ 26 ޖުލައި 1965ގައި ވަޒީރުލް އަޢުޒަމް ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަޑޭރި ކިލެގެފާނުގެ ޙިކުމަތްތެރި މަސައްކަތްޕުޅުން، އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލްގެ ރަސްކަމުގައެވެ. ދިވެހިރާއްޖެ އިނގިރޭސިންގެ އަތްދަށުގައި ވަނިކޮށް 1909 ވަނަ އަހަރު މިހާރުގެ ޕާކިސްތާނުގެ ޕިޝާވަރުން ހަތިޔާރާއެކު ކުލީ ސިފައިން (ޕިޗޯރީން) ގެނެސްގެން ރާއްޖޭގެ ވެރިކަން ހޯދުމަށް ނާކާމިޔާބު ބަޣާވާތެއް ވެލާނާގޭ މުޙައްމަދު ދީދީ ހިންގެވިއެވެ. އެއީ ސިފައިން އުފެދުނުފަހުން ކުރިމަތިވި ފުރަތަމަ ޢުދުވާނެވެ. އެ ޢުދުވާނާ ސިފައިން ކުރިމަތިލައި ދުޝްމަނުންނާ ހަނގުރާމަކޮށް ޤައުމަށް ނަޞްރު ހޯދައިދިނެވެ. މީގެއިތުރުން އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި ރާއްޖެ އޮތް ދުވަސްވަރު، އިނގިރޭސިން އަޑީގައި އޮވެގެން، ރާއްޖެ ބައިބައިކޮށް، ރާއްޖޭގެ ދެކުނުގައި ވަކި ދައުލަތެއް އުފެއްދުމަށް ކުރި މަސައްކަތް ނާކާމިޔާބު ކޮށްލުމުގައި ވެސް ސިފައިން ކޮށްފައިވަނީ އަގުހުރި މަސައްކަތްތަކެކެވެ.
ފަހުގެ ތާރީޚުގައި ދިވެހިންގެ މިނިވަންކަމަށް ކުރިމަތިވި އެންމެ ނުރައްކާތެރި ހާދިސާއަކީ 1988 ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއެވެ. އެދުވަހު ދިވެހި ސިފައިން ހިތްވަރާއެކު ޖިހާދުކޮށް ﷲގެ ހެޔޮ ރަޙުމަތުން ނަޞްރާއި ކާމިޔާބާއި ފަތަޙަ ހޯދިއެވެ. އެދުވަހު ޖިހާދުކުރި ސިފައިންގެ ތެރެއިން ބަޔަކު ދީނާއި ޤައުމުގެ ޙައްޤުގައި ޝަހީދުވެގެން ދިޔައެވެ. މީލާދީން 1892 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 21 ވަނަ ދުވަހު އައްސުލްޠާން އިބްރާހީމް ނޫރައްދީން ސިރީ ބަރިކުސަލޯކަ މަހާރަދުން، ސިފައިން އުފެއްދެވީއްސުރެ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލް ހިމާޔަތްކޮށް ދެމެހެއްޓުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން ގެންދަނީ ދިވެހި ސިފައިންނެވެ. ދިވެހި ކާބަފައިންގެ ޖިހާދުން ހިތްވަރު ލިބިގަނެގެން، އޭރު ވެސް އަދި މިހާރު ވެސް ޤައުމަށްޓަކައި ސިފައިން ކުރަމުންދާ މަތިވެރި ޖިހާދަކީ ފަޑުކޮށް ނުލެވޭނެ އަގުހުރި ޚިދުމަތެކެވެ. ދިވެހިންނަކީ އަމިއްލަ ބަހަކުން ވާހަކަ ދައްކާ، ފަޚުރުވެރި ސަޤާފަތަކާއި އާދަކާދައެއް އޮތް، 50 އަހަރުގެ މިނިވަންކަމުގެ ސާފު ތާރީޚެއް ލިބިފައިވާ ސައްތައިން ސައްތަ މުސްލިމު ޤައުމެކެވެ. މި ފަޚުރާއި ޝަރަފު ﷲގެ ވާގިފުޅާއެކު ލިބިފައި އޮތީ އަދި މިހިސާބަށް ދެމިގެން އައީ ޤައުމު ދެކެ ލޯބިވާ ދަރިންނާއި ސިފައިން ކުރި ބުރަ މަސައްކަތާއި މަތިވެރި ޤުރުބާނީންނެވެ. މިއީ އިންކާރު ނުކުރެވޭނެ ޙަޤީޤަތެކެވެ.
