އަޅުގަނޑު ރަންފުތު ނުކުރާށެވެ. އަޅުގަނޑަށް އެނގޭ އަޅުގަނޑު ބޭނުންވާ ކޮންމެ އެއްޗެއް މައިންބަފައިންނަށް ހޯދައި ނުދެވޭނެކަން. ނަމަވެސް ބޭނުންވާ އެއްޗެތީގެ ވާހަކަ ބުނަނީ މައިންބަފައިން އަޅުގަނޑުދެކެ ވާ ލޯބި އަޖުމަ ބަލާލުމަށެވެ.
އަޅުގަނޑުގެ އުމުރާއި ނުގުޅޭ އަމުރާއި އިންޒާރު ދީ ނުހަދާށެވެ. އަދި އަޅުގަނޑު އުމުރަށްވުރެ ކުޑަ ނުކުރާށެވެ. އެކަމުގެ ސަބަބުން ފަހަރުގައި އަޅުގަނޑުގެ އުޅުމަށް ބަދަލު އައިސް އަޅުގަނޑަކީ ބޮޑު މީހެއްކަމަށް އަޅުގަނޑަށް ވިސްނިދާނެއެވެ.
އަޅުގަނޑުގެ އުޅުން ރަނގަޅު ކުރުމަށް މީހުންގެ ކުރިމަތީގައި އަދަބުދީ ރުޅިވެރިކަމުގެ ބަސްބުނެ، ލަދުގަންނަޒާތުގެ ކަންތައް ނުކުރާށެވެ. އަޅުގަނޑުގެ ޢަމަލުތައް ރަނގަޅު ކުރުމަށް މަޑުމަތިރިކަމާ އެކު އެހެންމީހުންނާ އެކަހެރިކޮށް ނަސޭޙަތްތެރިވެ އެހީތެރިވާށެވެ.
އަޅުގަނޑުގެ ފުށުން އެނގުމަކާ ނުލާ ކުރެވޭ ނޭދެވޭ ކަންތަކާއި އަޅުވާ ކުށްވެރިކޮށް، ބޮޑު ފާފައެއް ކަމުގައި ނުހަދާށެވެ. އެކަމުގެ ސަބަބުން އަޅުގަނޑަކީ ދީނަށް ލޯބިކުރުމާއި އަމިއްލަ ނަފުސުގެ އަގުވަޒަން ކުރުމާއި، އިތުބާރު ކުރަން ނުދަންނަ ކުއްޖަކަށް ވެދާނެއެވެ.
އަޅުގަނޑު މައިންބަފައިން ދެކެ ރުޅިއަންނަ ވާހަކަ ބުނާ ބުނުމަށް ދެރަނުވާށެވެ. އެއީ މައިންފައިން އަޅުގަނޑު ދެކެ ރުޅިއަންނާތީ ބުނާ ބުނުމެއް ނޫނެވެ. އެހެނަސް އަޅުގަނޑު އިސްލާހު ކުރުމުގެ އާރާއި ބާރު ތިޔަ މައިންބަފައިންގެ ކިބައިގައި ވާނެވެ.
ބައެއްފަހަރު އަޅުގަނޑުގެ ފުށުން ކުރެވޭ ކުޑަކަމެއް، އެއީ ބޮޑުކަމަކަށް ނުހަދާށެވެ. އަޅުގަނޑަށް އެކަންތައްތައް އެ ކުރެވުނީ މައިންފައިންގެ އެހީތެރިކަމާއި ސަމާލުކަން ހޯދުމަށެވެ.
މައިންފައިން އަޅުގަނޑާ އަޅާނުލުމަކީ، ފެންނަ ފެނުމަށް އަޅުގަނޑުގެ ކަންފަތަށް އަޑުނީވެނީ ކަމުގައި ނުހިތާށެވެ.
އަޅުގަނޑު ގާތު ދޮގު ވަޢުދުތައް ނުވާށެވެ. ފަހަރުގައި މައިންބަފައިން ބުނާ އެފަދަ ދޮގު ވަޢުދުން އަޅުގަނޑަކީ ވަޢުދަށް ކަމޭ ނުހިތާ ދޮގު ވަޢުދުވާ މީހަކަށް ވެދާނެއެވެ.
އަޅުގަނޑަށް ބުނެދޭ ބުނެދިނުންތަކުގައި ޙަޤީގަތާ ދުރު ވާހަކަތައް ނުކިޔާށެވެ. އެކަމުން އަޅުގަނޑަށް ކަންކަން ދެނެގަތުމަށް ހުރަސް އެޅި ރަނގަޅު، ނުރަނގަޅު ދެނެގަންނަން އޮޅިދާނެވެ.
އަޅުގަނޑު ބިރުގަންނަ ކަންކަމަކީ މައިންބަފައިންގެ މަޖަލަކަށް ނުހަދާށެވެ. އަދި އެކަމަށް ބިރުނުދައްކާށެވެ. އެފަދަ ބިރުގަންނަ ކަންތައް އަޅުގަނޑަށް ވާނީ ވަރަށް ބޮޑު ބިރަކަށެވެ. އެހެންކަމުން މައިންބަފައިން އަޅުގަނޑު ބިރުގަންނަ ގަތުން ދެނެގަނެ އެކަންކަން ޔަގީންކުރާށެވެ.
މައިންބަފައިންގެ ޢިއްޒަތާއި ޤަދަރުވެރިކަމުން އަޅުގަނޑަށް މައާފު ކުރުމަށް ފަސް ނުޖެހޭށެވެ. އެހެނީ މައިންބަފައިންގެ މަޢާފު ކުރުމުން އަޅުގަނޑަށް ދަސްވަނީ ތެދުވެރިކަން އިސްކުރުމާއި މައިންބަފައިން ދެކެ ލޯބިވުމާއި އެހެންމީހުންނަށް އިޙްތިރާމް ކުރުމެވެ.
އަޅުގަނޑު ބޮޑުވަމުން އަންނަ އައުން މައިންބަފައިން ހަނދާން ނައްތާނުލާށެވެ. ފަހަރުގައި އަޅުގަނޑުގެ އުޅުމުން މައިންބަފައިންނަށް އުނދަގޫ ކުރިމަތި ވެދާނެވެ. ނަމަވެސް އަޅުގަނޑު ހަމަމަގަށް އެޅުވުމަށް އެހީތެރިވުން ހުއްޓާނުލާށެވެ.
އަޅުގަނޑު ލޯބި ތަހުލީލު ކުރަނީ ކަމުގައި ނުހިތާށެވެ. ޙަޤީގަތުގައި ވެސް މައިންބަފައިން ދެކެ އަޅުގަނޑު ވަރަށް ލޯބިވެއެވެ.
އަޅުގަނޑަށް މަގުދައްކާ އިރު ލިބެންނެތް ފުރުޞަތު އިޚްތިޔާރު ކުރުމަށް ނުބުނާށެވެ. އެކަމުން އަޅުގަނޑަށް، ދިރިއުޅުމުގައި ކުރިޔަށް ދާނެ މަގު އިޚްތިޔާރު ކުރުމުގައި އޮޅިދާނެވެ.
އަޅުގަނޑު އެހެން ކުދިންނާ އަޅާ ނުކިޔާށެވެ. އަޅުގަނޑު ގެ ގޮތުގައި އަޅުގަނޑު ދެކޭށެވެ.
މަދަރުސާއިން ގެންނަ އަޅުގަނޑުގެ އުފެއްދުންތެރިކަމަށް ރައްދުކޮށް މަލާމާތްކޮށް ނާއުންމީދުގެ ބަސް ބުނެ ނުހަދާށެވެ. އަޅުގަނޑުގެ އުފެއްދުންތެރިކަމަށް ހިތްވަރުދޭށެވެ. ފަޚުރުވެރިވާށެވެ.
އަޅުގަނޑު ތިޔަ މައިންބަފައިންގެ އޯގާތެރިކަމާއި އަޅާލުމާއި ރައްކާތެރިކަން އަބަދުވެސް ބޭނުންވެއެވެ. އެކަން އަދި ވެސް ތަކުރާރުކޮށް ހަނދާންކޮށް ދިނުމަށް އަޅުގަނޑު ބޭނުމެވެ. އެކަމަކު ވެސް އަޅުގަނޑު އެވާހަކަ މީގެ ކުރިން ނުބުނަމެވެ. އެއީ އަޅުގަނޑުގެ އަޑު ތިޔަ މައިންބަފައިންނަށް އިއްވާނެ ގޮތެއް ނެތީމައެވެ. ނަމަވެސް ތިޔަ މައިންބަފައިން ދެކެ އަޅުގަނޑު ވަރަށް ލޯބިވަމެވެ. އަދި މައިންބަފައިން ވެސް އަޅުގަނޑު ދެކެ ވަރަށް ލޯބިވާކަން އަޅުގަނޑަށް އެނގެއެވެ.
