ދިވެހިރާއްޖޭގެ ފަހުގެ ތާރީޚުގައި އެ ހާދިސާއެއްގެ އަޑުއިވުމުން އަދިވެސް ދިވެހީން ހިތާމަކުރާ އެއް ހާދިސާއަކީ 17 މާރޗް 2004 ވީ ބުދަ ދުވަހުގެ ރޭ 20:45 ގައި ހިނގާދިޔަ ގދ.ތިނަދޫ އެނަމާބޯޓް ބަންޑުން ޖަހާލި ހާދިސާއެވެ. މި ހިތާމަވެރި ހާދިސާގައި ހާލުގައި ޖެހުނު އެންމެނަށް ޞިއްޙީ ފަރުވާދޭން ހުންނެވި ބޭކަލަކީ އޭރުގެ ކޯޕްރަލް އިލްޔާސް ޢަބްދުﷲ (2734) އެވެ.
ލެފްޓިނަންޓް ޑރ. އިލްޔާސް ޢަބްދުﷲއަކީ ސިފައިންގެ ޚިދުމަތަށް ބޭނުންވެގެން ސިފައިންގެ ވަޒީފާއަށް ގެނެވުނު ބޭކަލެކެވެ. ލެފްޓިނަންޓް ޑރ.އިލްޔާސް ޢަބުދުﷲއަކީ ސްކޫލު ދައުރުގައި ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެފައިވާ ބޭކަލެކެވެ. މިގޮތުން އޭނާއަކީ ސްކޫލްގެ ކެޑޭޓެކެވެ. ހިތްވަރުގަދަ ސްކައުޓެކެވެ. އަދި މީގެ އިތުރުން އިންޓަރ ސްކޫލްގެ އެކިއެކި ހަރަކާތްތަކުގައި ބައިވެރި ވެފައިވެއެވެ. މިގޮތުން އަދަބީ ހަރަކާތްތައް ވަކިން ފާހަގަކޮށްލެވެއެވެ.
ސްކޫލް ނިންމާލުމަށްފަހު ޞިއްޙީ ދާއިރާގައި މަސަކަތް ކުރުމަށްޓަކައި ފެކަލްޓީ އޮފް ހެލްތު ސައިންސްއިން ފާރމަސީ ކޯސް ހަދަން ފެށިއެވެ. ނަމަވެސް ކޯހުގެ މެދެއްހާތަނުން ސިފައިންގެ ޚިދުމަތަށް ބޭނުންވެގެން ސިފައިންގެއަށް ވެއްދިއެވެ. ނަމަވެސް ފާރމަސީ ކޯސް ފުރިހަމަ ކުރުމަށްޓަކައި އަލުން ކޯހަށް ދޫކުރެވުނެވެ. އަދި މި ކޯސް ފުރިހަމަ ކުރުމަށްފަހު ސިފައިންގެ ޚިދުމަތަށް ގެނެވި ސިފައިންގޭގެ މެޑިކަލް ސާރވިސްގައި މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. މެޑިކަލް ސަރވިސްގައި މަސައްކަތް ކުރައްވަނިކޮށް ކެޕްޓަން ޢާޒިމް އެދި ލައްވައިގެން ގިރިފުށީ ގައި އެމެރިކާ ސިފައިން ހިންގި ކޮމްބެޓް ލައިފް ސޭވާރ ކޯސް ފުރިހަމަ ކުރެއްވިއެވެ. އަދި މިކޯސް ފުރިހަމަ ކުރެއްވުމަށްފަހު 6 މަސް ދުވަހުގެ އަސާސީ ތަމްރީންކޯސް ފުރިހަމަ ކުރެއްވިއެވެ. އެއަށްފަހު ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނެވެ. މިގޮތުން ގިރިފުށީ ގައި ހިންގުނު އެކިއެކި ކޯސްތަކުގައި ފަސްޓް އެއިޑް ކިޔަވައިދިނުމާއި ބަލި މީހުން ބެލުމުގެ ހުރިހާ ޒިންމާއެއް ނަންގަވަމުން ގެންދެވިއެވެ.
ލެފްޓިނަންޓް ޑރ.އިލްޔާސް ޢަބުދުﷲއަކީ ވަރަށް ގިނަ އަސާސީ ތަމްރީން ކޯހާއި އެސްޓީއެފް، އެންސީ އޯ ކޭޑަރ އަދި އެކިއެކި ކެޑޭޓް ކޭމްޕްތަކުގައި މަސައްކަތް ކުރައްވައި ވަރަށް ގިނަ ތަޖުރިބާ ލިބިލައްވާފައިވާ ބޭކަލެކެވެ. އަދި އެމްއެންޑީއެފްގެ އެކިއެކި ޔުނިޓް ތަކަށް ހުޅުވާލައިގެން ހިންގި ފީލްޑް ފަސްޓް އެއިޑް ކޯސްތަކުގައި ޢަމަލީ ގޮތުން އިސްވެ ހަރަކާތްތެރިވެފައިވެއެވެ.
ޑިފެންސް އިންސްޓިޓިއުޓް ފޯރ ޓްރޭނިންގ އެންޑް އެޑިޔުކޭޝަންގެ މުދައްރިބެއްގެ ގޮތުގައި އުޅުއްވަމުން ވެސް ލެފްޓިނަންޓް ޑރ. އިލްޔާސް ޢަބްދުﷲ ވަނީ މިލިޓަރީ ދާއިރާއިން ވެސް އެކިއެކި ކޯސްތައް ހައްދަވާފައެވެ. މިގޮތުން، ސްޕެޝިއަލް ޓާސްކް ފޯރސް، ނަން ކޮމިޝަން އޮފިސަރ ކޯސް، އޮފިސަރ ކެނޑިޑޭޓް ކޯސް ފުރިހަމަ ކުރައްވާފައިވެއެވެ. އަދި މީގެ އިތުރުން އެމްއެންޑީއެފާއި އެމެރިކާ ސިފައިން ގުޅިގެން ހިންގި ބެލެންސް މެޓަލް ކޯސް ފުރިހަމަ ކުރައްވައި އޭގެ ފަހުން ހިންގި ކޯސްތަކުގެ މުދައްރިބެއްގެ ގޮތުން ވެސް މަސައްކަތް ކުރައްވާފައިވެއެވެ.
ލެފްޓިނަންޓް ޑރ. އިލްޔާސް ޢަބްދުﷲ އަކީ އަބަދުވެސް އޭނާ މަސައްކަތް ކުރައްވާ ދާއިރާއިން އެކިއެކި ހުނަރާއި މައުލޫމާތު މުއްސަނދިކޮށް ދާއިރާގައި ކުރިއަށް ދިއުމަށް ވަރަށް މަސައްކަތް ކުރައްވާ ބޭކަލެވެ. މިގޮތުން ޞިއްޙީ ދާއިރާއިން ވެސް އޭނާ ވަނީ އެކިއެކި ކޯސްތައް ފުރިހަމަ ކުރައްވާފައެވެ. މިގޮތުން ފެކަލްޓީ އޮފް ހެލްތު ސައިންސަސްއިން ފާރމަސީ ކޯހާއި، ކޮމިޔުނިޓީ ހެލްތު ވޯކަރ ކޯހާއި، ޑިޕްލޮމާ އިން ޕްރައިމަރީ ހެލްތު ކެއަރ ކޯސް ފުރިހަމަ ކުރައްވާފައިވެއެވެ. އަދި ސްރީލަންގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު ސައިންސަސްއިން ވަނީ މަސައްކަތުގެ ތަޖްރިބާ ހޯދާފައެވެ. އަދި އެއަށްފަހު ރޫމޭނިޔާގެ ޔުނިވާރސިޓީ އޮފް މެޑިސިން އެންޑް ފާރމަސީ އިން، މެޑިސިންގެ ދާއިރާއިން ވަނީ އެމްޑީ ޙާސިލު ކުރައްވާފައެވެ.
އެނަމާބޯޓްގެ ހާދިސާގައި ކުރެވުނު ތަޖްރިބާ:
އެނަމާ ބޯޓަށް ދިމާވި އެހާދިސާގެ އަޑުއިވުމުން އަދިވެސް ދިވެހީން ހިތާމަކުރާ އެ ހާދިސާއަކީ މީގެ 11 އަހަރު ކުރިން ހިނގާދިޔަ ހިތާމަވެރި ހާދިސާއެކެވެ. މި ހިތާމަވެރި ހާދިސާގައި 24 މީހުންވަނީ މިދުނިޔެ ދޫކޮށްފައެވެ. މީގެތެރޭގައި ކުޑަކުދިންނާއި ޒުވާނުން ގިނައެވެ. މިހާދިސާ ހިނގިއިރު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްގެ ޑިފެންސް އިންސްޓިޓިއުޓް ފޯރ ޓްރޭނިންގ އެންޑް އެޑިޔުކޭޝަނުން ހިންގި 16 ވަނަ ސްޕެޝަލް ޓާސްކް ފޯރސްގެ ފައިނަލް އެކްސަސައިޒް ހިންގުމަށްޓަކައި ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ޤާއިމްވެ ތިބީ ގއ.ވިލިނގިލީގައެވެ. މިހާދިސާ ހިނގި ޚަބަރު ލިބުމާއެކު އެހީވުމަށްޓަކައި 16ވަނަ ސްޕެޝަލް ޓާސްކް ފޯރސް ތަމްރީން ކޯހުގެ މުދައްރިބުންގެ ތެރެއިން ހޮވާލެވުނު ޓީމުގައި ލެފްޓިނަންޓް ޑރ.އިލްޔާސް ޢަބްދުﷲ ހިމެނުނެވެ.
ލެފްޓިނަންޓް ޑރ.އިލްޔާސް ޢަބުދުﷲ އަކީ 2004 މާރޗް 17 ވީ ބުދަ ދުވަހުގެ ރޭ 20:45 ގައި ހިނގާދިޔަ އެނަމާ ބޯޓް ބަނޑުން ޖަހާލި ހިތާމަވެރި ހާދިސާގައި ދިވެހި ސިފައިންގެ ތާރީޚްގައިވެސް ފެނިފައި ނުވާފަދަ ޤައުމީ ވާޖިބު އަދާ ކުރުމުގައި ބިރުކުޑަކަމާއި، ހިތްވަރާއި ޢަޒުމް ދައްކުވާދީފައިވާ އަދި އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ މުޅި މުޢައްސަސާވެސް ފަޚުރުވެރިވުން ޙައްޤު ބޭކަލެކެވެ. މިހާދިސާ ހިނގައިގެން އުޅޭކަމުގެ ޚަބަރު ލިބުމާއެކު 16 ވަނަ ސްފެޝަލް ޓާސްކް ފޯރސް ތަމްރީން ކޯހުގެ މުދައްރިބުން އެވަގުތު ބޭނުން ކުރަމުން ދިޔަ އެލްސީވީ ގައި ބޯޓް ބަންޑުން ޖަހާލި ސަރަހައްދަށް ގޮސް އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވޭތޯ މަސައްކަތް ފެށިއެވެ. ލެފްޓިނަންޓް ޑރ.އިލްޔާސް ޢަބްދުﷲ ހިމެނިފައިވަނީ އަމިއްލަ ނަފްސަށްވުރެ ދިވެހި ޤައުމު އިސްކޮށް، ފުރާނަ އަތްމައްޗަށް ލައިގެން އެބޯޓް ތެރޭގައި އިންޗިއެއްގެ ބޯމިނަށް ހުރި ކަޅުތެޔޮ ތަކުގެ ތެރޭގައި، ބަނޑުގައި ވާ އައްސައިގެން އެއްވެސް ބިރެއްނެތި ހަރަކާތްތެރިވި ހިތްވަރުގަދަ ސިފައިންގެ ޓީމުގެ ފަސްޓްއެއިޑަރެއްގެ ގޮތުގައެވެ. ތެޔޮތަކުގެ ތެރެއިން ނެގުނު މީހުންނަށް ސީޕީއާރު ދިނުމަށް އެ ކުރެއްވި ބުރަ މަސައްކަތަކީ ދިވެހި ޤައުމާއި މުޅި މުޢައްސަސާވެސް ފަޚުރުވެރިވުން ޙައްޤު މަސައްކަތެކެވެ.
މި ހާދިސާގައި ދުނިޔެ ދޫކުރި ފަރާތްތަކުގެ އާއިލާތަކުގެ ގިނަ ޢަދަދެއްގެ ބަޔަކު އެސަރަހައްދުގައި އިންތިޒާރު ކޮށްކޮށް ތިބީ ފުރާނަހުރި އިންސާނަކު ސަލާމަތް ކުރެވޭނީ ކޮން ވަގުތަކަށްތޯ ބަލަބަލައެވެ. މެދު ކެނޑުމެއްނެތި 4 ދުވަސް ވަންދެން މަސައްކަތް ކުރި މިހާދިސާގައި ލެފްޓިނަންޓް ޑރ.އިލްޔާސް ޢަބްދުﷲ އާއި އޭނާގެ ޓީމުން ފީނައިގެން ވިންދުހުރި 4 މީހެއްގެ ހަށިގަނޑު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނަގާ އެމީހުންގެ ފުރާނަ ސަލާމަތް ކުރެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއްކުރިއެވެ. އަދި މިހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ފަހުން އައި ގއ. ވިލިނގިލީ ޞިއްޙީ މަރުކަޒުގައި މަސައްކަތް ކުރައްވާ މެޑިކަލް ޓީމުންވެސް ލެފްޓިނަންޓް ޑޮކްޓަރ އިލްޔާސް ޢަބްދުﷲގެ މަސައްކަތަށް ތަޢުރީފް ކުރައްވައި އައްސަރިބަހާއި ސާބަސް ރައްދުކޮށްފައިވެއެވެ.
މި ހާދިސާގައި ޑީސަލްތަކުގެ ތެރެއިން ނެގުނު މީހުންނަށް ސީޕީއާރު ދޭން ޖެހުނީ ކަމަށް އެކަށޭނަ އެއްވެސް އާލަތެއް ނެތިކަމުން، އެތެރެހައްޓަށް ތެލުގެ އަސަރު ކުރުމާއި ގިނަ އަދަދެއްގެ ގަބުރު އަތްމަތީގައި އުފުލުމުގެ ސަބަބުން ގިނަ ދުވަސް ތަކެއްވަންދެން ހަމަ ނިދި ނުލިބުންފަދަ އެތައްކަމެއް ދިމާވެ ނަފްސާނީ އަދި ޖިސްމާނީ ގޮތުން އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ.
ކުލައާއި ހަނދާނި ލިޔުން:
2004 މާރޗް 17 ވަނަ ދުވަހު އެނަމާ ބޯޓް ބަންޑުން ޖަހާލި ހިތާމަވެރި ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފުން ހިންގި ޚާއްޞަ އޮޕަރޭޝަންގައި ބައިވެރިވެ ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގުވަޒަންކޮށް ލެފްޓިނަންޓް ޑރ. އިލްޔާސް ޢަބްދުﷲއަށް 2004 އޭޕްރިލް 21 ގައި ވަނީ ހަނދާނީ ލިޔުން ދެއްވާފައެވެ. އަދި 2013 އޮކްޓޯބަރގައި 02 ވަނަ ދުވަހު ވަނީ ހިތްވަރުގަދަކަމުގެ ކުލަ ދެއްވާފައެވެ.
