މާލޭއަކީ މިހާރު ކޮންކްރީޓް ޖަންގަޔެއްފަދަ ވަށައިގެން ބިލްޑިންގ ތައް މަތިމައްޗަށް އަރަމުންދާ ރަށެކެވެ. ބިރުވެރިކަމަކީ މަތިމައްޗަށް އިމާރާތް އެރުމެއް ނޫނެވެ. ބިރުވެރިކަމަކީ އެފަދަ ތަންތަނުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޯދިޔާވުމެވެ. އިމާރާތް ބޭނުންކުރަން ފަށާއިރު ގާއިމްކޮށްފައިވާ އަލިފާންނިވުމުގެ ނިޒާމް އިތުރަށް ނުބެލެހެއްޓި އޭގެ ފެންވަރު ދުވަހެއް ދުވަހަކަށް ދަށްވެ ވީރާނާ ވެގެންދިޔުމެވެ. އިމާރާތުގައި ނުރައްކާތެރި ހާދިސާއެއް ދިމާވާ ވަގުތު ބޭނުންކުރުމަށް އެއްވެސް އިތުބާރެއް ނެތް އެއްޗަކަށް އަލިފާންނިވާ ނިޒާމް ވެގެން ދިޔުމެވެ. އަދި އަލިފާނާއި އެނޫންވެސް ނުރައްކާތެރި ހާދިސާއެއް ދިމާވުމުން އެކަން ދެނެގަތުމަށް ދޭތެރެ ދޭތެރެއިން ޕްރީ އިންސިޑެންޓް ސާރވޭ އެއްވެސް ހިންގިފައި ނުވެއެވެ. މިހާރުވެސް މާލޭގައި ޚިދުމަތް ދެމުން ގެންދާ ބޮޑެތި އިމާރަތްތަކާއި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ތަންތަނުގައި ހިނގާ އަލިފާނުގެ ހާދިސާތަކަށް އަވަހަށް ހަރަކާތްތެރި ވުމަށް ޓީމެއް ބޭއްވުމަކީ ބޮޑު ގެއްލުމަކުން ސަލާމަތްވުމަށް އޮތް ރަނުގެ ފުރުސަތަކަށް ނޫނީ ނުވާނެއެވެ.

ކުރީޒަމާނުގައި ގެދޮރު އިމާރާތްކޮށްފައިވާ ގޮތާއި ތަފާތުކޮށް، ބުރިބުރިއަށް އިމާރާތް ކޮށްފައިވާ އުސްތަންތަނަކީ، ވަރަށް ގިނަގޮތްގޮތުން ގޮންޖެހުންތައް އެކުލެވިގެންވާ ތަންތަނެވެ. ސަލާމަތުން ނުކުތުމަށް ގިނަވަގުތު ނެގުމާއި، ތަނުގެ ތެރޭގައި ދުން ފެތުރުމުން ފެނުމަށް އުނދަގޫވުމާއި އަލިފާންނިއްވާ މީހުންނަށް ހުރި ގޮންޖެހުންތައްވެސް ވަކި މަދެއްނޫނެވެ. އުސް އިމާރާތަކުން ނުކުތުމަށް ގިނައަދަދެއްގެ ބަޔަކު ތިބިނަމަ އެކަމުން ވެސް ވަރަށް ބޮޑު އުނދަގުލެއް ސަލާމަތުން ނުކުތުމަށް ކުރިމަތިވާނެއެވެ. މިގޮތުން ކުރިމަތިވެދާނެ ބައެއްކަހަލަ ގޮންޖެހުންތަކަށް ބަލައިލާނަމެވެ.

އަލިފާނުގެ ހާދިސާތަކުގައި އިމާރާތަށް ވަދެ ނުކުމެވޭނެ މަގުތައް:

އަލިފާންނިވާ މީހުން ނޭވާލުމަށް ބޭނުންކުރާ ”ބްރީދިންގ އެޕަރޭޓާސް“ ބޭނުންކޮށްގެން ވެސް އާންމުކޮށް ބައިގަޑިއިރު ވަންދެން ފަސޭހަކަމާއެކު މަސައްކަތް ކުރެވިދާނެއެވެ. ނަމަވެސް އަލިފާންނިއްވުމާއި ރެސްކިޔު އޮޕަރޭޝަންތައް ހިންގުމުގައި މިފަދަ އިމާރާތްތަކުގައި މިއީ ޗެލެންޖެކެވެ. ގިނަފަހަރަށް ދުމާހެދި މީހުން ކެތްނުކުރެވުމުން އަވަހަށް އެންމެން ވެސް ތިރިއަށް އައުމަށް ނުވަތަ އެތަނަކުން ނުކުތުމަށް އެހީއަށް އެދެން ފަށާނެއެވެ. އެހެންކަމުން އިތުރު ވަގުތު މިކަމަށް ހޭދަވުމާއި މަސައްކަތް ކުރާ މާހައުލުގެ އުނދަގޫ ކުރިމަތިލާންޖެހެއެވެ.

އަލިފާންނިއްވުމުގެ މަސައްކަތް ކުރުން:

އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތަނެއްގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ތާށިވެގެން ތިބެއްޖެނަމަ އެމީހުން އެތަނުން ނުކުތުމުގައި ގިނައިރުވުމާއި އެމީހުންނާއި ހުރެ އަލިފާންނިއްވުމުގެ މަސައްކަތް ލަސްވުން މިއީ އާންމުކަމެކެވެ. އަދި ތާށިވެފައިތިބި ބަޔަކު ވެސް އެތަނުން ނުކުތުމުގައި އިމާރާތުގެ އުސްކަމުން ސިޑިތަކާއި ލިފްޓްތައް ބޭނުންކުރުމުން ވެސް އެތަންތަނުގައި ޖަމާވެފައިވާ ވިހަދުމުގެ ސަބަބުން އިތުރު ނުރައްކަލަކަށް ހިގައިދާނެއެވެ. މިފަދަ ސިޑިގޮޅިތަކަކީ ފަސޭހައިން ދުންތައް މައްޗަށް ދަތުރުކުރުމަށް ހުރި މަގުތަކެކެވެ. އެހެންކަމުން އަލިފާންނިވާ މީހުންގެ ހުޝިޔާރުކަމާއި ރަނގަޅު ތަމްރީނު ލިބިގެން މެނުވީ އުސް އިމާރާތްތަކުގައި  އަލިފާންނިއްވުމުގައި އެކަށިގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވޭނެކަން ޤަބޫލުކުރަންޖެހެއެވެ.

އިމާރާތްކުރެވިފައިވާގޮތް:

އިމާރާތްތެރޭގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އިމާރާތް ކުރެވިފައިވާގޮތުން އެތަނުގައި އުފެދޭ ދުން ތަނުގެ ތެރޭގައި ޖަމާވެފައި ހުރެއެވެ. އަދި ޚާއްޞަކޮށް އިމާރާތްކޮށްފައިވާ މެޓީރިއަލެއްގެ ގޮތުން އަލިފާން އިތުރަށް ފެތުރިގެން ދިޔުމަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެން ދެއެވެ. އެހެންކަމުން މިފަދަ އުސް އިމާރާތްތަކުގައި ފަސޭހައިން އަލިފާން ނިއްވާލެވޭނެ ނިޒާމެއް ނުވަތަ ފަސޭހައިން ފެންލިބޭނެ ވަސީލަތެއް ގާއިމްކުރުމަކީ ބޭނުންތެރިކަމެކެވެ.

އިމާރާތުގައި ކުރެވޭ ތަފާތު ބޭނުންތައް:

އިމާރާތްތެރޭގައި އެކިބޭނުންތަކަށް ބޭނުންކުރާ ހޮޅިލައިންތަކާއި އެއަރކަންޑިޝަން ޔުނިޓްތަކާއި ގޭސް ލައިންތަކާއި ކަރަންޓް ކޭބަލްތައް ގުޅައިފައި ހުންނަކަން ފާހަގަކުރެވެއެވެ. އަދި ހަމައެއާއެކު އަލިފާންނިއްވުމަށް ގާއިމްކުރާ ނިޒާމްވެސް މިފަދަ އިމާރާތްތަކުގެ ތެރޭގައި ލޭއައުޓްކުރެވިފައި ހުރެއެވެ. ނަމަވެސް ކަމެއް ދިމާވެގެން ފެންކަޑާލުމުން ނުވަތަ އެހެންވެސް މަސައްކަތެއް ކުރުމަކީ އުސްއިމާރާތްތަކުގައި ފަސޭހަކަމެއް ނޫނެވެ. އަދި އިމާރާތުގެ ބޭނުންކުރެވޭ ގޮތުން އިތުރު ލޯޑެއް ލިބި ހާދިސާއެއް ދިމާވުމުން އިމާރާތް ބަލިކޮށްދެއެވެ. މިފަދަ އިމާރާތްތަކުގެ ކައިރީގައި ފަޔަރ ހައިޑްރަންޓް ހުރުމަކީ ފަސޭހައިން ފެންހޯދުމަށް ކުރެވިދާނެކަމެކެވެ.

 މިހާރުން މިހާރަށް އިމާރާތްތަކުގެ އަލިފާންނިވާ ނިޒާމް ޤާއިމް ކުރުމާއި ރައްކާތެރިވުމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ފަށާށެވެ. އަދި އަލިފާންނިވާ މީހުންގެ ގާބިލްކަން އިތުރުކުރާށެވެ. ފަޔަރ ސޭފްޓީއަށް ވިސްނައިގެން ފަޔަރ ސޭފްޓީ ޑްރޯވިންގތައް ފާސްކޮށްގެން އިމާރާތްކުރާށެވެ. މި މަސައްކަތް ކުރާއިރު ހުއްދަ އޮންނަ ފަރާތްތައް މެދުވެރިކޮށް ކުރުމާއި ބޭނުންކުރާ ތަކެއްޗަކީ ކަމާއިބެހޭ ފަރާތްތަކުން ޤަބޫލުކުރާ ތަކެއްޗަށް ހެދޭތޯބަލާށެވެ. ރައްކާތެރި ކަމަކީ އެންމެންގެ ސަލާމަތަށް ކުރާ ކަމެއްގެ ގޮތުގައި ގަބޫލުކުރާށެވެ.

ޝެއަރކުރެއްވުމަށް