ސިފައިންގެ ލަވައިގެ ގޮތުގައި އެންމެ ފުރަތަމަ ބޭނުންކުރެވެމުން އައީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ހެއްދެވި ލަވައެކެވެ. އެމަނިކުފާނަކީ އޭރު ސިފައިންގެ އެންމެ މަތީވެރިޔާއެވެ. މި ލަވަ އޭރު ސިފައިންގެ އެކިއެކި ކަންކަމުގައި ބޭނުންކޮށް އުޅުނެވެ. ސިފައިންގެ ޚިދުމަތަށް ސަތޭކަ އަހަރު ފުރުނު އިރު ސިފައިންގެ ޚިދުމަތް ތަރައްޤީވަމުން އައިސް ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާއި ޒިންމާތައް ބޮޑުވެ ސިފައިންގެ ޚިދުމަތްތައް އެތައް ތަނެއް ވަނީ ކުރިއަރައިފައެވެ. ނަމަވެސް މި ބަދަލުތައް ސިފައިން އެހާތަނަށް ބޭނުންކުރަމުން އައި ސިފައިންގެ ލަވަޔަކުން ފެންނާކަށް ނެތެވެ. ސިފައިންގެ ޚިދުމަތް، ސިފައިންގެ ޤުރުބާނީ، ސިފައިންގެ އިޖުތިމާޢީ ޚިދުމަތް، ކަނޑުމަތީގެ ޚިދުމަތްތައް މިހުރީ ހައްތާވެސް ސިފައިންގެ ލަވަޔަކުން ފެންނަން ޖެހޭނެ ކަމަށް ބެލެވޭ ބައިތަކެވެ.

1992ވަނަ އަހަރަކީ ސިފައިންގެ ޚިދުމަތަށް ސަތޭކަ އަހަރު ފުރުނު އަހަރެވެ. މި އަހަރު ފާހަގަކުރުމުގެ ގޮތުން ކުރެވުނު ކަންތައްތަކުގެ ތެރޭގައި ސިފައިން ބޭނުންކުރަމުން އައި ލަވައިގެ ބަދަލުގައި އާލަވައެއް ހެދުން ހިމެނެއެވެ. މި ލަވަ ހައްދަވާދެއްވާފައި ވަނީ ރާއްޖޭގެ ކުޅަދާނަ ޝާޢިރެއް ކަމުގައިވާ އަލްމަރުޙޫމް ސައިކުރާ އިބްރާހީމް ނަޢީމެވެ. ލަވަ ހައްދަވާފައިވަނީ 1992ވަނަ އަހަރުގެ ޖަނަވަރީ 30ވަނަ ދުވަހުއެވެ. އަޅުގަނޑު މި ލިޔުމުގައި ބަލައިލެވޭތޯ މި ބަލަނީ ލަވައިގެ ޝާޢިރު އަލްމަރުޙޫމް ސައިކުރާ އިބްރާހީމް ނަޢީމް ސިފައިންގެ ލަވަ ހެއްދެވުމުގައި ގެންގުޅުއްވި ވިސްނުންފުޅާއި، ލަވައިގެ ޅެން ޝަރަޙަ ކުރައްވައި އެމަނިކުފާނުގެ ގަލަންކޮޅުން ލިއުއްވާފައިވާ ލިއުއްވުމެއްގެ މައްޗަށެވެ.

ލަވަ ހެއްދެވުމުގައި މައިގަނޑާއި ކަޑިތައް ޚާއްޞަކުރައްވާފައިވާ ގޮތްތަކަށް ބަލާއިރު ލަވައިގެ މައިގަނޑު އެކުލަވާލެއްވުމުގައި ފާހަގަކުރައްވާފައިވަނީ ސިފައިންނަކީ އަބަދުވެސް ވަކި ޢަޒުމެއްގައި އެއްގޮތެއްމަތީ ސާބިތުވެ ތިބެ މާތްވެގެންވާ އިސްލާމްދީނާއި މި ޤައުމަށް ނަޞްރުދިނުމުގައި ދެމިތިބޭ ބަޔަކަށްވާތީ، ލަވައިގެ މައިގަނޑު ޚާއްޞަކުރައްވާފައިވަނީ އެ ވިސްނުމުގެ ތެރެއިންނެވެ. 

ލަވައިގެ ކަޑިތައް އެކުލަވައިލުމުގައި އެމަނިކުފާނު ބައްލަވާފައިވާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ގައުމީ ސަލާމަތާ ބެހޭ ކޮންމެ ކަމެއް ވެސް ފެށިގެން އަންނަނީ އުތީމު މަހާރަދުން ފަދަ ގައުމީ އަބުތާލުން ކުރެއްވި މަތިވެރި ޖިހާދުގެ ރޫޙުން ކަމަށްވާތީ ފުރަތަމަ ކަޑި ވަނީ އެ ރޮނގުން ޚާއްޞަކުރައްވާފައެވެ. ދިވެހި ސިފައިންގެ އެންމެ މަތީ ޤުރުބާނީ ޚާއްޞަކުރެވިފައިވަނީ ރައްޔިތުންނާއި ޤާނޫނު ރައްކާތެރިކުރުމާއި ދިވެހި ފަސްގަނޑު ހުރިހާ ރޮނގަކުން ރައްކާތެރިކުރުމުގެ މައްޗައްކަމުން ދެވަނަ ކަޑި ޚާއްޞަކުރައްވާފައިވަނީ މި ކަންތައްތަކުގެ މައްޗަށެވެ.

ދިވެހި ސިފައިން ރައްޔިތުންނަށް ދޭ އަގުބޮޑު ޚިދުމަތަތްތަކަށް އަލިއަޅުވާލާ އިރު އެންމެ މަތިވެރި ޚިދުމަތްތައް ދިނުމުގައި ބޮޑެތި ހާދިސާތަކުގައި ވަރުބަލިކަމެއްނެތި އެހީތައް ފޯރުކޮށްދިނުމާއި، ހުރި ކޮންމެތާކުން އައި ކޮންމެ އޯޑަރަކަށް ތައްޔާރުވެގެން ޚިދުމަތް ކުރަމުން ގެންދިޔުމާ މެދު ޚާއްޞަ ބައެއް ފާހަގަކޮށްލަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާތީ ތިންވަނަ ކަޑި ޚާއްޞަކުރައްވާފައި ވަނީ އެ ރޮނގުންނެވެ. ޤައުމަށް ހުރި ބޮޑެތި ނުރައްކާތަކުން ދިވެހިންގެ ކަނޑުތަކާއި ބިންތައް ސަލާމަތްކޮށްދިނުމަކީ ދިވެހި ސިފައިންގެ ރެއާއިދުވާލުގެ އުފަލެވެ. ބާޣީންގެ ނުރައްކަލާއި ލާދީނީ ކަންތައްތަކާއި ބޭރުގެ ނޭދެވޭ އަސަރުތައް ނެތިކޮށްލުމަށް ކުރާ ޖިހާދު ބަޔާންކުރަން ޖެހޭތީ އެ ރޮނގުން ހަތަރުވަނަ ކަޑި ޚާއްޞަކޮށްލާފައިވެއެވެ. ހަތަރުވަނަ ކަޑީގައި ހިމަނާފައިވާ ވާހަކަތަކަކީ އެއީ އެ ހިނދަށް ވެސް އެންމެ ބޮޑު މައްސަލަކަމުން އެންމެފަހަށް އެ ކަޑި ގެނައީކަމަށް ލިއުއްވާފައިވެއެވެ.

އިސްނަގާ ކުރިޔަށް ދާނީ ސިފައިން ޢަޒުމުގާ ސީދާ ވާހެން
ޤައުމީ ޚިދުމަތް ރޭދުވާ ހޭދަކޮށްލައިގެން ދޭނީ
ފަސްގަނޑާ ދީނާ ޤައުމަށް ޓަކާ އޭގެ ރޫޙާނީ ބާރުން
ޤައުމީ ޚިދުމަތް ނަޞްރު އެދި ޝަހީދީ ލޭ ޖިހާދުގާ ދޭނީ

ލަވައިގެ މައިގަނޑުގެ ޝަރަޙަ ލިއުއްވާފައިވާ ގޮތަށް ބަލާ އިރު، އެއް މާނައެއްގެ ގޮތުގައި ލިޔުއްވާފައިވަނީ އެއްވެސް ޖެހިލުމެއްނެތި އިސްއުފުލައިގެން ކުރިޔަށް ދިޔުމެވެ. އަނެއް މާނައަކީ ކޮންމެ ކަމެއްގައި ވެސް އެންމެ އިސްކޮށް ހަރަކާތްތެރި ވާނީ ސިފައިންނެވެ. މައިދާނުގައާއި އަޑީގައި ތިބެގެންނެވެ. އެގޮތުގައި ސިފައިން ކުރިޔަށްދާނީ ސިފައިންގެ އަޒުމާ މުޅިން އެއްގޮތަށެވެ. އެގޮތުގައި ރެއާއި ދުވާލު ޤައުމީ ޚިދުމަތްކުރާނީއެވެ.

ސިފައިންގެ ޚިދުމަތުގައި ކުރިޔަށް ދާނީ ވަރަށް ވެސް މާތްގޮތެއްގައެވެ. މާއްދީ ބާރަކުން ނޫނެވެ. ލިބޭ މުސާރައަކަށް އަނބިދަރީންނަކަން އަދި އިނާމަކަށް ބަލައިގެނެއް ނޫނެވެ. އެފަދަ މާއްދީ ބާރަށް ވުރެ މާ މާތް ރޫޙާނީ ބާރެއް ފުރާނަޔާ ގުޅިގެންނެވެ. އެއީ ދިވެހި ފަސްގަނޑާއި އިސްލާމްދީނާއި ދިވެހި ޤައުމަށް ޓަކައި ހުރިހާ އަމިއްލަ އެދުމަކާ ވަކިވެފައިވާ ރޫޙާނީ ބާރަކުން ފުރާނަ އެޅިގެންނެވެ. (އެގޮތުގައި ތިބެގެންކުރާ ޖިހާދަކުން އެއްކަމެއްގައި ވެސް ބަލިވުމެއް ނެތެވެ.)

ސިފައިންގެ ހުރިހާ ވެސް އެއްޗަކީ އަދި ކަމަކީ ޤައުމީ ޚިދުމަތެވެ. ސިފައިންގެ އެއް ޢަޒުމަކީ ރާއްޖެއަށް ލިބިފައިވާ ދާއިމީ މިނިވަންކަން ދިފާޢު ކުރުމުގެ ޢަޒުމެވެ. އެ ޢަޒުމުގައި ޤައުމަށް ނަޞްރު އެދިގެން ޝަހީދުވެ ދިޔުމަށް ކުރިމަތި ލާނޫއެވެ. އަދި ޤައުމީ ޚިދުމަތުގެ ޖިހާދުގައި ޤައުމަށް ޓަކައި ޝަހީދުވެގެން އަމިއްލަ ލޭ އޮހޮރާލުމަށް ސިފައިން ފަހެއް ނުޖެހޭނޫއެވެ. 

ޤައުމީ ބަޠަލުން ދެއްވިހާ ޢިބްރަތާ ދަރެހާ ރޫޙުން
ހިންމަތާ ޖޯޝާ އާހިތްވަރުން ކާމިޔާބު ދާނީ ހޯދަން، ކާމިޔާބު ވާނީ އޭރުން ސަފުން
ދުޝްމަނުން ރާވާ ރޭވުންތަކުން ގެއްލުމެއް ނާންނާނޭހެން
ޤައުމީ ޚިދުމަތް ރޭދުވާ ހޭދަކޮށްލައިގެން ދޭނީ
ފަސްގަނޑާ ދީނާ ޤައުމަށް ޓަކާ އޭގެ ރޫޙާނީ ބާރުން
ޤައުމީ ޚިދުމަތް ދާއިމީ މި މިނިވަންކަން ދިފާޢުކޮށް ދޭނީ 

ޣާޒީ ރަދުންނާއި އެނޫން ވެސް ކުލަގަދަ ޤައުމީ އަބްޠާލުން ދެއްވާފައިވާ ޢިބްރަތްތަކާއި ދަރުސްތަކަކީ ސިފައިންގެ އަތްމަތީ ފިލާވަޅުތަކެވެ. އެ ބޭފުޅުން ކުރެއްވި ހިންމަތާއި މިންނަތާއި ހިތްވަރުން ރޫޙް ލިބިގެން ހުރިހާ ކަމެއްގައި ވެސް ކާމިޔާބު ކުރާނޫއެވެ. ކާމިޔާބު ވާނީ އެގޮތުގައި ދެމިތިބެގެންނެވެ. ސިފައިން ރެޔާއި ދުވާލު މަސައްކަތް ކުރާނީ ޤައުމުގެ ދުޝްމަނުންގެ ރޭވުންތަކުން އެއްވެސް ގެއްލުމެއް ޤައުމަށް އަޔަ ނުދިނުމަށެވެ. ދިވެހި ފަސްގަނޑާއި ދީނާއި މުޅި ޤައުމަށް ޓަކައި ރާއްޖޭގައި އޮތް ދާއިމީ މިނިވަންކަން ދިފާޢުކޮށްދިނުމަށް ޓަކައި ޤައުމީ ޚިދުމަތް ކުރާނޫއެވެ.

ރައްކާތެރިކަން ދިނުމުގާ ރައްޔިތުންނާ ޤާނޫނަށް
ކެރިތިބީ ޤުރުބާނީ ޢަޒުމުގާ މަރުވެދާން ޤައުމީ ރޫޙުން، މަރުވެދާނީ ޤައުމީ ޚިދުމަތުން
ގެއްލުމާ ދެރަޔާ ވާ ކަންކަމުން އެންމެނަށް ފައިދާ ވާހެން
ޤައުމީ ޚިދުމަތް ރޭދުވާ ހޭދަކޮށްލައިގެން ދޭނީ
ފަސްގަނޑާ ދީނާ ޤައުމަށް ޓަކާ އޭގެ ރޫޙާނީ ބާރުން
ޤައުމީ ޚިދުމަތް ދިވެހި ރައްޔިތުންނަށް އެންމެ ހެޔޮހިތުން ދޭނީ

ސިފައިންނަކީ ރައްޔިތުންނާއި ގާނޫނު ރައްކާތެރިކުރުމުގައި މަރުވެގެން ދަންދެން ކެރިގެން ޤުރުބާންވާން ތައްޔާރުގައި ތިބި ބަޔަކީމުއެވެ. މިގޮތުން ޚިދުމަތް ކުރާނީ ރައްޔިތުންނަށް ގެއްލުމާއި ދެރަ ކުރިމަތިވާ ކަންކަމުން އެންމެން ސަލާމަތް ކޮށްދިނުމުގައެވެ. އެންމެންނަށް ފައިދާ ވާނޭ ގޮތަށެވެ. ދިވެހި ފަސްގަނޑާއި ދީނާއި މުޅި ޤައުމަށް ޓަކައި މި ރޮނގުން ޚިދުމަތް ކުރާނޫއެވެ. މި ޚިދުމަތް ރާއްޖޭގެ ރައްޔިތުންނަށް ދޭނީ ހިތްހެޔޮކަމާ އެކީގައެވެ. (މާނައަކީ އިޚްލާޞްތެރިކަމާ އެކީގައެވެ.)

ޙާލާ މެދު ކަންބޮޑުވެދާ ޙާދިޘާތަކުގާ ސީދާ
އޯޑަރަށް ޤުރުބާނީ ޚިދުމަތުން ހުރިތަނުން ތައްޔާރުވެގެން، ދޭ އެހީ އިންސާނީ ޚިދުމަތުން
އެއްގަމާ ކަނޑުގާ ދީގެން އެހީ ލޭގެ ހަމްދަރުދީ ބާރުން
ޤައުމީ ޚިދުމަތް ރޭދުވާ ހޭދަކޮށްލައިގެން ދޭނީ
ފަސްގަނޑާ ދީނާ ޤައުމަށް ޓަކާ އޭގެ ރޫޙާނީ ބާރުން
ޤައުމީ ޚިދުމަތް ވާރެޔާ އަވީގާ ރޭދުވާ އެކީ ދޭނީ

ކަންބޮޑުވާ ފަދަ ބޮޑެތި ޙާދިޘާތަކުގައި ސިފައިންގެ ޚިދުމަތަށް އޯޑަރު އަންނަ އިރު އެ މީހަކު އެ ހުރި ތަނަކުން ތައްޔާރުވެގެން ނުކުންނާނޫއެވެ. އެފަދަ ކޮންމެ ކަމެއްގައި ވެސް ސިފައިން ޚިދުމަތް ކުރާނީ އެއްބަނޑު އެއްބަފާކަމުގެ ލޭގެ ބާރުގައެވެ. ހަމްދަރުދީއާ އެކީގައެވެ. މަތިވެރި އިންސާނީ ޚިދުމަތް ދިނުމުގެ ގޮތުންނެވެ. މިފަދަ ކޮންމެ ކަމެއްގައި ކުރިން ވެސް ދެންނެވި ވަރުގަދަ މާތް ރޫޙްގެ ބާރުން ބާރު ލިބިގެން ޚިދުމަތް ކުރާނޫއެވެ. އަތްވާއި ވާރޭގައި، ރޭގަނޑާއި ދުވާލުގެ ހުރިހާ ވަގުތެއްގައި ވެސް މީން ކޮންމެ ޚިދުމަތެއް ވެސް ކުރާނޫއެވެ. (ރޯގާތަކާއި ވަބާތަކާއި ބިރުވެރި ޙާދިޘާތަކާއި ކަނޑުމަތީގެ ނުރައްކާތެރި ޙާދިޘާތަކުގައެވެ. އެކުސިޑެންޓްތަކާއި އަދިވެސް ދިމާވާ ކޮންމެ ބޮޑުކަމެއްގައި ކުރާ ޤުރުބާނީ ޚިދުމަތްތަކެވެ.)

ބޭރުން ޤައުމަށް އަންނަހާ ފިތުނަޔާ ބާޣީ ބާރާ
ބިރުތަކާ ލާދީނީ ކަންކަމާ ވިހަ ނުބައި ސުންޕާއޮއިވަރު ނެތިކުރާނީ އެންމެން އެކުވެގެން
ފައްސަމުން ޤައުމުން ބޭރަށްލަމުން ނަޞްރު ދެމިއޮންނާނޭހެން
ޤައުމީ ޚިދުމަތް ރޭދުވާ ހޭދަކޮށްލައިގެން ދޭނީ
ފަސްގަނޑާ ދީނާ ޤައުމަށް ޓަކާ އޭގެ ރޫޙާނީ ބާރުން
ޤައުމީ ޚިދުމަތް އެއްގަމާ ކަނޑާ ވައި ޚިދުމަތުން ފުރާދޭނީ

ރާއްޖޭގެ ދިގު ތާރީޚަށް ބަލާއިރު ވެސް ހުރިހާ ބަޣާވާތަކާއި ފިތުނައެއް އައިސްފައިވަނީ ރާއްޖޭން ބޭރުންނެވެ. އެ ކަންކަމުގައި މަދު ދިވެހިންކޮޅެއް ބައިވެރި ވިޔަސް ހަމަ ކޮންމެ ފަހަރަކު ވެސް އެކަންކަން އައިސްފައިވަނީ ބޭރުންނެވެ. ހަމަ އެހެން ދީނަށާއި ޘަޤާފަތަށާއި ދިވެހިންގެ އަޚްލާޤަށް ކުރިމަތިވާ ހުރިހާ ބިރެއް ވެސް ރާއްޖެއަށް އަންނަނީ ބޭރުންނެވެ. އަދި ލާދީނީ ޝުޢޫރުތަކާއި މަސްތުވާތަކެއްޗާއި އަމަލުވާ ތަކެތީގެ ވަބާ، ވިހަ ނުބައި އަދި ސުންޕާކަން ގަދަ އޮއިވަރެއްގެ ސިފައިގައި ރާއްޖެއަށް އަންނަނީ ވެސް ހަމަ ރާއްޖޭން ބޭރުންނެވެ. ބޮޑެތި ވައްކަންތަކާއި މީހުން މެރުމާއި މާރާމާރީގެ ނުރައްކާތައް ވެސް އަންނަނީ ބޭރުންނެވެ. މި ހުރިހާ ކަމެއް ދިވެހިރާއްޖޭން ނެތިކޮށްލުމުގައި ސިފައިންނާއި ޢާންމުން އެކުވެގެން ނޫނީ އެދެވޭ ނަތީޖާއެއް ނުނެރެވޭނެއެވެ.

ވީމާ މި ކަންތައްތައް ރާއްޖެއިން ނައްތާލައި ފައްސާލައި ޤައުމުން ބޭރުކޮށްލުމުގައި އެންމެން އެކުވެގެން ސިފައިން ޚިދުމަތް ކުރާނޫއެވެ. ދިވެހިންނަށް ލިބިފައިވާ ގަދަފަދަ ނަޞްރު ދެމިއޮތުމަށް ޓަކާ ގައުމަށް ބޭނުންވެފައިވާ މި ވަރުގަދަ ޖިހާދުގައި ސިފައިން ޤައުމީ ޚިދުމަތް ކުރާނީ އެއްގަމާއި ކަނޑާއި ވައިގެ ޚިދުމަތްތަކުގެ ތެރެއިންނެވެ. މުޅި ރާއްޖޭގެ ސަލާމަތަށް ޓަކައެވެ. ރާއްޖޭގެ ފަޚުރުވެރި ނަޞްރާއި ނަސީބަށް ޓަކައެވެ. ސިފައިންގެ މޮޓޯއަކީ ޤައުމީ ޚިދުމަތެވެ.

ޝެއަރކުރެއްވުމަށް