ލިބިފައިވާ ނިޢުމަތެއްގެ މަތިވެރިކަން އިޙްސާސް ކުރެވޭނީ އެ ނިޢުމަތެއް ބީވެ ދިޔުމުންނެވެ. މިއީ ޙިކުމަތްތެރި، ދޮށީ މީހުން ބުނެއުޅޭ ބުނުމެކެވެ. ޝައްކެއްވެސް ނެތެވެ. މިއާމެދު ވިސްނައިފިނަމަ މިއީ ވަރަށް ޢިބުރަތްތެރި ވާހަކައެކެވެ. އޭގައި ފުން މާނަތަކެއް އެކުލެވިގެންވާ ބުނުމެކެވެ. އެހެނީ، އިންސާނީ ޠަބީޢަތަކީ ނިޢުމަތުގައި ދެމިހުންނައިރު، ތިމާއަށް ލިބިފައިވާ މަތިވެރިކަމުގެ މަތިން ހަނދާން ނެތުމެވެ. އެ ނިޢުމަތްތަކުގެ މުހިއްމުކަމާއި ބޮޑުކަން އިޙްސާސް ނުކުރެވުމެވެ. ގިނަފަހަރަށް މިކަން އިޙްސާސް ކުރެވެނީ އެއިންކަމެއް ފުރޮޅިގެން ދިޔުމުންނެވެ. ގެއްލި ދިޔުމުންނެވެ. މިނިވަންކަމަކީ ވެސް ހަމަ މިފަދަ ނިޢުމަތެކެވެ.
އަޅުގަނޑުމެންނަކީ ޒަމާނުއްސުރެ އަމިއްލަވަންތަކަމާއި މިނިވަންކަމުގައި އުޅެމުންއަންނަ ބަޔަކީމުއެވެ. ތާރީޚީގޮތުން ބަލާއިރުވެސް، ރާއްޖޭގައި މީހުން ދިރިއުޅެން ފެށިފަހުން ވޭތުވެދިޔަ ދިގު މާޒީގެ ތެރޭގައި، ނިސްބަތުން ވަރަށް މަދު އަހަރުތަކެއްގައި މެނުވީ އަޅުވެތިކަމުގައި ދިވެހިން އުޅެފައެއް ނުވެއެވެ. މިޒަމާނުގެ ތާރީޚުގައި، އާދެ، 19 ވަނަ ޤަރުނުގައި އޭރުގެ ބޮޑެތި ބާރުތަކުގެ އަޅުވެތިކަމުގެ ވަކިތައް މުޅި ދުނިޔޭގައި ވަކިހިއްޕަމުން ދިޔައިރުވެސް، ރާއްޖެ އަޅުވެތިކަމުގެ ތެރޭގައި މުޅިން ޣަރަޤު ނުވާކަން ތާރީޚުން އެނގެއެވެ. މިހެންވުމުން ދިވެހިންގެ ތެރެއިން މިހާރު ދިރިހުރި އެއްވެސް މީހަކަށް މިދެންނެވިފަދަ އަޅުވެތިކަމެއްގެ ތެރޭގައި ރާއްޖެ އޮތް ޒަމާނެއް ފެނިފައިވެދާނެ ކަމަކަށް ނުބެލެވެއެވެ. ކަންމިހެން ހުރުމާއެކު އަޅުވެތިކަން މިއީ ކިހައި ވޭންގަދަ، ދިލަހުރި ކަމެއްކަން ޢާއްމު މީހަކަށް ތަޞައްވުރު ނުކުރެވިދާނެއެވެ. އަޅުވެތިވެފައިވާ ޤައުމެއްގެ ގޮތުގައި، އަޅުވެތިކަމުގެ ވޭނާއި ހިތާމަ ތަޙައްމަލް ކުރަން ޖެހިފައި ނުވެދާނެއެވެ.
ޤައުމެއް، ރަސްމީގޮތުން ބައެއްގެ އަޅުވެތިކަމުގެ ދަށުގައި ނެތުމަކީ އަދި އެޤައުމެއްގެ މިނިވަންކަން އޮތުމެއް ނޫނެވެ. ޒަމާނާއެކު އަޅުވެތިކުރެވޭ ގޮތްތައް މިވަނީ ބަދަލުވެފައެވެ. އިސްތިޢުމާރީ ވަކިތައް ޤައުމުތަކުގައި ހިއްޕުމަށް ބޭނުންކުރެވޭ އުކުޅުތައް މިވަނީ ތަފާތު ވެފައެވެ. މިޒަމާނުގައި ބަޔަކު އަޅުވެތިކުރުމަށް ކޮންމެހެން އެބަޔަކު ދިރިއުޅޭ ތަނަކަށް އަރައިގަންނާކަށް ނުޖެހެއެވެ. ހަނގުރާމަވެރި ހަތިޔާރު ބޭނުންކުރާކަށް ނުޖެހެއެވެ. މީހުން ހިފައި ހައްޔަރުކޮށް، ޖިސްމާނީ އަނިޔާ ދޭކަށް ނުމެޖެހޭމެއެވެ. އެހެނަސް ތަފާތު އެކި އުކުޅުތައް، އާދެ، މާ ނުރައްކާތެރި އުކުޅުތަކެއް ބޭނުންކޮށްގެން މިއަދުވެސް އަޅުވެތިކުރުމުގެ އޮއިވަރު ދުނިޔޭގައި ހިންގާލެއް ނުހަނު ބާރެވެ. މިއޮއިވަރުތަކުގައި ޖެހި ޣަރަޤުވެ، ނިމިގެންދާ މީހުން އެހާމެ ގިނައެވެ. ވަކިވަކި ފަރުދުންނާއި ޖަމާޢަތްތަކެވެ. ޤައުމުތަކެވެ. އެނގި ތިބޭ ހާލުގައްޔާއި ނޭނގިތިބެ ވެއްޓޭ އަނދަވަޅެއްގެ ސަބަބުންނެވެ. އަޅުވެތިކަމުގެ ދަންތުރަތައް ގިނަކަމުންނެވެ.
މިއަދު އަޅުގަނޑުމެން މި ދިރިއުޅޭ މުޖުތަމަޢަށް ނަޒަރު ހިންގައިފިނަމަ މިނިވަންކަމުގެ ވާހަކަ ނުހަނު ހަރުއަޑުން ދެކެވޭކަން އެނގެއެވެ. އެކަމަށް ވަކާލާތު ކުރެވޭތަން ފެންނާނެއެވެ. މިގޮތުން އެންމެ ބާރަށް ދެކެވޭ އެއްވާހަކަ އަކީ ފަރުދީ މިނިވަންކަމުގެ ވާހަކައެވެ. ކޮންމެ މީހަކަށްމެ ފަރުދީ މިނިވަންކަން އޮންނަން ޖެހޭނެކަމުގެ ވާހަކައެވެ. ޝައްކެއްވެސް ނެތެވެ. ކޮންމެ އިންސާނަކަށްމެ ފަރުދީ މިނިވަންކަން އޮތުމަކީ އަސާސީ ޙައްޤުތަކުގެ ތެރެއިން ލިބިދެވެންޖެހޭ އެންމެ އަސާސީ އެއް ޙައްޤެވެ. އެއަކާ ދެބަސްވެވޭނެ ގޮތެއް ނޯންނާނެއެވެ. ނަމަވެސް މިނިވަނުންކަމަށް ދައުވާކޮށް، އަދި އެމިނިވަންކަން އިތުރަށް ފުޅާކުރުމަށް ގޮވާލައި މިއަދު މަސައްކަތް ކުރާ ގިނަ މީހުންނަކީ ޙަޤީޤަތުގައި މިނިވަނުންތޯ ސުވާލު އުފެދެއެވެ. އެމީހުން ދައްކާ ވާހަކަތަކުގެ ސަބަބުންނެވެ. ޢަމަލުތަކުގެ ސަބަބުންނެވެ. އެހެނީ، އަޅުގަނޑުގެ ނަޒަރުގައި ތިމާއަކީ ޙަޤީޤީ މިނިވަނެއް ނަމަ، ތިމާގެ އަމިއްލަ ބުއްދިން ވިސްނަން އެނގޭނެއެވެ. ވިސްނާނެއެވެ. ދައްކާ ވާހަކަތަކަކީ ތިމާގެ އަމިއްލަ ފިކުރަށް ވާނެއެވެ. އަމިއްލަ ބަސްމަގަށް ވާނެއެވެ. ތިމާގެ ޢަމަލުންފެންނަ ޙަރަކާތްތަކަކީ ތިމާގެ ޒާތާއި ކަރާމަތަށް އުނިކަން އަންނަފަދަ ކަންކަމަށް ނުވާނެއެވެ. ތިމާގެ ޒަރޫރީ ބޭނުންތައް ފުއްދުމުގައި އަމިއްލަ ނަފްސުގެ މައްޗަށް ބަރޯސާ ވެވޭނެމެއެވެ. މިކަންކަން މިހެންނުވެ، ތިމާއަކީ އެހެންމީހެއްގެ ނުވަތަ ބައެއްގެ ހިޔަންޏަކަށް ވުމަކީ، އަޅުގަނޑުގެ ނަޒަރުގައި ތިމާގެ މިނިވަންކަމެއް ނެތުމެވެ. ފަރުދީ އަޅުވެތިކަމެއްގައި ފިތިފައި ވުމެވެ.
ޝައްކެއް ނެތެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ވެސް ކޮންމެހެން އޮންނަންޖެހޭ މިނިވަންކަމެކެވެ. އަމުދުން ޑިމޮކްރެޓިކް ކޮންމެ ވެއްޓެއްގައި އޮތުން ލާޒިމުކަމެކެވެ. ނަމަވެސް އަޅުގަނޑުމެން ފާޅުކުރާ ޚިޔާލުތަކަކީ، އަޅުގަނޑުމެންގެ ޚިޔާލުތަކަކަށް ނުވެއްޖެނަމަ އެއަށް މިނިވަންވުމޭ ކިޔޭނެތޯއެވެ؟ ދުލުން ބުނެވޭ ކޮންމެ ބަހަކީ އަނެކާގެ މެޔަށް ފޮނުވާލެވޭ ތީރެއްނަމަ، އެއީ މިނިވަންކަން ތޯއެވެ؟ އަނެކާގެ އަބުރާއި ޢިއްޒަތް ނަގައިލުމަކީ ފަޅި ސިކުންތެއްގެ ތެރޭގައި ކޮށްލެވޭހައި ފަސޭހަ ކަމެއްނަމަ، އެއީ މިނިވަންވުން ތޯއެވެ؟ އަޅުގަނޑަށް ވިސްނޭގޮތުގައި، މިފަދަ ”މިނިވަންކަމަކީ“ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނޫނެވެ. އަނިޔާވެރިވުމެވެ. އެހެންބަޔެއްގެ އަޅުވެތިކަމުގައި ތިމާގެ ފިކުރު ބަނދެވިފައިވުމެވެ. އެހެނީ ތިމާއަށް މިކުރެވެނީ ކީއްކަން ނޭނގި، ތިމާއަށް މާބޮޑު މަންފާއެއް ނެތްކަމެއްގައި މާދުރުގައި ހުރި މީހަކު ނުވަތަ ބަޔެއްގެ ފިކުރު ވިއްކުމަކީ އަޅުވެތިވެވިފައި ވުމެވެ. ފިކުރީ އަޅުވެތިކަމެއްގައި ބަނދެވިފައި ވުމެވެ.
މިއަދު އަޅުގަނޑުމެންގެ ކަރަށް އަޅުވެތިކަމުގެ މަޅި މެހެނީ، ހުރިހައި ފަހަރަކު އަޅުގަނޑުމެންނަށް ފެނިގެނެއް ނޫނެވެ. ނޭނގި ތިއްބައެވެ. ނުހަނު ދަޅައަޅާ ކުލަވަރުތަކެއްގެ އަވައިގައި ޖައްސައިގެންނެވެ. މަކަރުވެރިކަމުގެ އަނދަވަޅަކަށް ވައްޓާލައިގެންނެވެ. އޯގާތެރިކަމުގެ ނަމުގައި ދިއްކުރާ އަތްތަކެއްގެ ބާރުގައެވެ. އާދޭހެވެ. އަޅުގަނޑު ކުރިންވެސް އިޝާރާތްކުރި ފަދައިން، މިޒަމާނުގައި އަޅުވެތިކުރުމަކީ އިހު ކުރިގޮތަށް ކޮށްއުޅޭ ކަމެއް ނޫނެވެ. ދުރާލައި ރާވައިގެން، ލަސްލަހުން ކުރާކަމެކެވެ. ލަވަމުންލަވަމުން ގޮސް މަޅިފަތީގައި ދޫންޏެއް ޖައްސާ މިސާލުން ކުރާ ކަމެކެވެ. އަތުގައި އޮންނަ ފޯނުން ކުޅޭ ގޭމެއް މެދުވެރި ކޮށްގެންނެވެ. ސޯޝަލް މީޑިޔާ މެދުވެރިކޮށެވެ. ތަކުރާރުކޮށް އެއްފިކުރަކަށް އަމާޒުކޮށްގެން ފަތުރާ ފޮޓޯއިންނެވެ. ލިޔުންތަކުންނެވެ. ގޭގެ ސިޓިންރޫމުގައި ބަލާ ޑްރާމާ އާއި ފިލްމު މެދުވެރިކޮށެވެ. ތިމާމެންނަށް ޖެހިފައިވާ މުހުތާދެއް ފުއްދައި ދީގެންނެވެ. މިފަދަ އެތައް ކަމަކުން ތިމާމެންގެ ފިކުރާއި ޚިޔާލު ބާރުވެރި ”އެހީތެރިޔާ“ގެ މައްޗަށް ދޫވެއެވެ. ދެން އޭނާ ޖަހާ ކޮންމެ ރަނގަބީލަކަށް ހަރަކާތް ކޮށްލެވެއެވެ. އޭގެފަހުން، އޭނާގެ އިޒުނަޔާލައިގެން މެނުވީ ތިމާގެ އަތް ހިއްލައި ލެވޭނެގޮތެއް ނޯވެއެވެ. އަމިއްލަ ގޭގައެވެ. ރަށުގައެވެ. ޤައުމުގައެވެ. އަދި ކީއްހެއްޔެވެ؟ ބައިނަލް އަޤުވާމީ މުޖުތަމަޢުގައި ވެސްމެއެވެ. މިއީ އަޅުވެތިކަން ނޫންތޯއެވެ؟ މިފަދަ މަންޒަރެއް އަޅުގަނޑުމެންގެ ތެރެއިން ފެންނަ ނަމަ، އަޅުގަނޑުމެންނަށް މިނިވަނުންނޭ ކިޔޭނެތޯއެވެ؟
އާދޭހެވެ. އިސްވެ ދެންނެވުނު ގޮތުގެމަތިން މިނިވަންކަމަކީ ފިޠުރީގޮތުން އިންސާނަކަށް ބޭނުންވާ އަސާސީ ކަމެކެވެ. ބަންދުވެފައިވާ ކޮށްޓެއްގައި އުޅޭކަށް އެއްވެސް މަޚުލޫޤަކު ބޭނުމެއް ނުވާނެއެވެ. ނަމަވެސް ނިކަން ފާރަވެރިވެ ނެތްނަމަ، މިޒަމާނުގައި ތިމާގެ މިނިވަންކަން ބީވެ ހިނގައިދާނެ އެވެ. އަޅުވެތިކަމުގެ ކަސްތޮޅުން ތިމާ ބަނދެވި ހައްޔަރު ވެދާނެއެވެ. ގިނަފަހަރަށް، ރޭކާލާއިރު އޮންނަނީ ލަސްވެފައެވެ. މުޅިން ވަގުތު ފާއިތުވެފައެވެ. ވީމާ، ތިމާގެ ޙަޤީޤީ މިނިވަންކަން ދެމެހެއްޓުމަށް ނިކަން ފާރަވެރިވަމާ ހިނގާށެވެ. މިނިވަންކަމުން އަޅުވެތިކަމަށް ނުދިޔުމަށް ޢަޒުމް ކަނޑައަޅަމާ ހިނގާށެވެ.
