ތާރީޚްގެ ގަނޑުތައް އުކެމުން ދަނީއެވެ. ދިވެހި އުދަރެހުގައި ބޯކުރަމުންދިޔަ ކަޅުވިލާތައް ކެހިގެން ދިޔަތާ އަހަރު ތަކެއް ވަނީއެވެ. މިނިވަން އުފާވެރި ޖައްވަކަށް ދިވެހީން ނޭވާލަމުން އަންނަތާ ފަންސާސް އަހަރު ވަނީއެވެ. އެއީ މިއަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. އެދުވަހުގެ ހެނދުނުގެ އެންމެ ހެޔޮ ސާޢަތެވެ. އެއީ ގަޑިން ދިހައެއް ޖަހާވަގުތެވެ. އެދުވަހަކީ، ދުވަހަކުވެސް ދިވެހީން ހަނދާން ނައްތައިލާނޭ ދުވަހެއް ނޫނެވެ. މުޅިދުނިޔެ އިސްތިޢުމާރު ކުރަމުން ދިޔަ އިނގިރޭސީންގެ އަތްދަށުން ދިވެހީން މިނިވަންވެ، ފުރިހަމަ މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ދިވެހި ރާއްޖޭގެ ނަން ދުނިޔެއަށް އިޢުލާން ވެގެން ދިޔައީ އެދުވަހުއެވެ. އެއީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 10 ޖެހި ވަގުތެވެ.
އުފާވެރިކަމުގެ ހިނިތުންވުމަކާއެކު ޣާފިލުވެގެން ތިބެވޭކަށް ނެތެވެ. ދިވެހި ޖައްވުގައި މިނިވަންކަމާއެކު ވިހުރެމުން އެދާ ޤައުމީ ދިދައާ ދިމާއަށް ބަލަހައްޓައިގެން އަތްއުރާލައިގެން ތިބެވޭކަށް ނެތެވެ. އެ ދިދައަށް އަދިވެސް އިރުއޮއްސުމެއް އަތުވެދާނޭ ކަމާމެދު ވިސްނާ ފިކުރު ކުރަން ޖެހެއެވެ. ޒަމާނުގެ އޮއިވަރު ދެމެމުން ދާގޮތުން، އަދި އަނިޔާވެރި ކަމުގެގޮފިތައް އޮޮފިލާ ހެދެމުން ދާގޮތުން އޭގައި އަޅާމޭވާ ކިތަންމެ ހިތިނަމަވެސް ކާންޖެހިދާނޭ ކަމުގެ ވިސްނުން ނުގެންގުޅެ ތިބޭކަށް ނުވާނެއެވެ.
ޞުލްޙަވެރިކަމާއި އަމާން ކަމުގެ ބަނދަރަކަށް އަބަދުވެސް ދަތުރުވެރިން ބަލަމުން ދާނެކަން އަޅުގަނޑުމެން ދަންނަން ޖެހޭނެއެވެ. އެފަދަ ކޮންމެ ބަނދަރަކީ ”ދަތުރުވެރީންގެ“ މަންޒިލް ކަމުގައި ހަދާނެ ކަމާމެދަކު ޝައްކެއްވެސް ކޮށްގެން ނުވާނެއެވެ. އަބަދުވެސް ޔަގީން ކުރަން ޖެހޭނެ ހަގީގަތަކީ އެއީއެވެ. ދުނިޔެއަށް ނުކުޅަދާނަ ވެގެން ހަތަރުފަރާތުން ނަގައި ބޯމަތި ކުރަމުން އަންނަ ”ވިލާގަނޑުގަނޑުގެ“ ވައި ދިވެހި ރާއްޖެއާ ހަމައަށްވެސް މިދަނީ ފޯރަަމުންނެވެ. އެރޯޅިފަށުގެ ވައިގައި އިސްލާމްދީނުގެ މަތިވެރި ކިއްލާގައި ރެނދު އެޅިޔަ ދީގެން ނުވާނެއެވެ. މިނިވަން ކަމުގެ ޝަރަފުވެރި ޤައުމީދިދަ ވީދި ކުދިކުދިވިޔަ ދީގެންވެސް ނުވާނެއެވެ. ޞުލްޙަވެިރިކަމާއެކު މި ބިންމަތީގައި އުޅުނު އުޅުމަށް ބުރޫ އެރިޔަ ދީގެންވެސް ނުވާނެއެވެ. އެކަންކަމަށް އަޅުގަނޑުމެން ތިބެން ޖެހޭނީ ފިސާރި ސަމާލު ވެގެންނެވެ. އެހެންކަމުން އަޅުގަނޑުމެންގެ މާޒީވި ދިގު ތާރީޚްގެ ތެރެއިން ފެނުނު މަންޒަރު ތަކާއި ލިބުނު ތަޖުރިބާގެ ޢަލީގައި މުސްތަޤްބަލް ބިނާކުރަން ނުވިސްނިއްޔާ ޖީލު ތަކުގެ ދިވެހި ދަރީންގެ ލޯތަކުން ކަރުނަ ނުހިކޭނެކަން ދަންނަން ޖެހޭނެއެވެ.
އަޅުގަނޑު މެންނަށް މިނިވަންކަން ހޯއްދަވައި ދެއްވީ ﷲ ގެ ވާގިފުޅާއެކު، ކާބަފައިން މަތިވެރި ޤުރުބާނީ ތަކެއް ވެގެންނެވެ. ﷲ ގެ ރަޙުމަތްފުޅާ އިރާދަފުޅުން ދެން މިނިވަންކަން ނަގައެއް ނުލެވޭނެއޭ ބުނަމާތޯއެވެ. އެހިތްވަރު ލިބިގަންނަމާތޯއެވެ. މިނިވަންކަމާ ތޮޅެން ދިމާކުރި ކޮންމެ މީހެއްގެ އަރުތެރޭގައި ފިސާރި ހިތިރަހަ ލައްވާލާނެކަން ހަނދާން ކޮށްދިނުމަށް ޢަޒުމް ކަނޑައަޅަމާތޯއެވެ. އެކަން ވަނީ އަހަރެމެންގެ ލޮބުވެތި ކާބަފައިންވެސް ކޮށްފައެވެ. އަހަރެމެން ﷲ ގެ ރަޙުމަތްފުޅާއެކު މިނިވަން ކަމުގެ މަތިވެރި ނިޢުމަތް ހޯދީ އެތައް ޤަރުނެއްގެ މާޒީއަކުން، އެތައް ބައެއްގެ ލޭ އޮހޮރުވައިގެން ނޫންހެއްޔެވެ. ތާރީޚްގެ ފަތްފުށްތަކުން އެކަން އެއޮތީ ފެންނާށެވެ. ލޮބުވެތި ކާބަފައިން ފުރާނައިން ޤުރުބާން ވެގެން މިޤައުމު އާބާދު ކޮށެއް ނުދޭތޯއެވެ. ނޫނެކެވެ. އެމީހުންގެ ވާޖިބު އެމީހުން ކިތަންމެހައިވެސް ރަނގަޅަކަށް އަދާ ކޮށްފިއެވެ.
މިލޮބުވެތި ވަޒަނަށް ބަޑިތައް އަމާޒުކުރި ކޮންމެ ފަހަރަކު، މި ޤައުމުގެ ދިފާޢުގައި ދިއްކުރީ އަޅުގަނޑުމެންގެ ކާބަފައިންގެ މެއެވެ. އުރައިން ދަމައިގެން ކޮންމެ ކަނޑިއެއްގެ މިޔަމައްޗަށް ނުކުތީ ހިނިތުން ވުމާއެކީގައެވެ. އެކަނޑިތަކުގެ ތޫނުކަމުން ޒަޚަމްވާން ފަޚުރުވެރި ކަމާއެކު ދިއްކުރީ ކާބަފައިންގެ ހަށިތަކެވެ. ހިނިތުންވެ ތިބެއެވެ. އުފަލާއެކުއެވެ. ދުނިޔެމަތީގެ ސުވަރުގެއެއްފަދަ މި ރީތި ދިވެހި ޤައުމު ﷲ ގެ ރަޙުމަތްފުޅާއެކު ޙިމާޔަތްކުރީ ހާދަ ހާލެއްގައި އުޅެގެންނެވެ. ހައުދަހައި ގިނަ ވޭން ތަކެއްވެސް އުފުލައިގެންނެވެ.
އަޅުގަނޑުމެންގެ ޢިއްޒަތް ވެއްޔާ މޮޑެލެވިދާނެކަމަށް، ދުޝްމަނުން ފަހަރެއްގައިވެސް ހީކުރިޔަ ނުދެމާތޯއެވެ. ނިިކަން ވިދާޅުވެ ބައްލަވާށެވެ. އަނިޔާވެރިންނަށް ވަފާތެރި ކަމުގެ ކުރިމަތީގައި ދެއްކޭނީ ކޮން ގަދައެއް ހެއްޔެވެ. ގަދަ ވައިގެ ތެރޭގައި ހުޅުގަނޑަކަށް ރޯވެފައި ހުރެވޭނީ ކޮންފަދައަކުންް ހެއްޔެވެ. އެތައް ލައްކަ ފައުޖެއް އައި ކަމުގައި ވިޔަސް އަޅުގަނޑުމެންގެ މި އެއްބައިވަންތަ ކަމެއް ހުއްޓުވައެއް ނުލެވޭނެއެވެ. އެކަން ލޮބުވެތި ކާބަފައިން މާޒީގެ ރަން ޞަފުޙާތަކުންވެސް ދައްކައިދީފިއެވެ. އަޅުގަނޑުމެން ދިވެހީންނަކީ ބޭރުމީހުންނަށް، އެއީ ޕޯޗްގީޒުން ކަމުގައިވިޔަސް، ހޮޅީން ކަމުގައިވިޔަސް އަދި އިނިގިރޭސީންނާއި ތަމަޅަ ޓައިގަރުން ކަމުގައި ވިޔަސް އެހައި ފަސޭހައިން ހަލުވާލެވޭވަރަށް ވުރެ ބުރަދަން ހުރި ބައެއް ކަން ދުނިޔެއަށް ވަނީ އޭރުވެސް ދައްކައިދީފައެވެ.
މިނިވަން ކަމުގެ މަގުތަކުގައި ﷲ ގެ ރަޙުމަތްފުޅާއެކު އަހަރެމެން އެކުއެކީގައި ހިނގަމުން ދާނަމުއެވެ. ކޮންމެ ފިޔަވަޅަކާއެކު އަހަރެމެންގެ ޙަޔާތުގެ މިސްރާބު ބަދަލު ކުރަމުން ދާނަމުއެވެ. އަހަރެމެންގެ ޤައުމުގެ ތެރެއިންވެސް ޣައްދާރަކު އަތުޖެހިއްޖިއްޔާ އެކަމުގެ އަގު އެމީހަކު އަދާކުރަން ޖެހޭނެކަން އަބަދުވެސް ހަނދާން ކުރަންވާނެއެވެ. އަހަރެމެން އެތައް ބޮނޑިއެއް ބޮއިފީމުއެވެ. ދެން އަހަރެމެން އެކަން ތަކުރާރު ވިޔަ ނުދިނުމަށް މިތިބީ ޢަޒުމް ކަނޑައަޅައިގެންނެވެ. މާތް ﷲ ގެ އިރާދަފުޅާއި މިންވަރުފުޅުން ދެނެއް އިތުރު ބޮނޑިއެއް އަހަރުމެން ނުބޯނަމެވެ.
ވަގުތުގެ ޠޫފާނުގައިޖެހި އަނިޔާއާއި، މި އުފުލާ ވޭންތައް ބެހިގެން ހިނގައިދާނެއެވެ. އުޑާއިހަމައަށް މިއުފުލާ އަހަރެމެންގެ ނިޝާން (އަހަރެމެންގެ ޤައުމީ ދިދަ) އުފުލަމުން މިގޮތަށް އަބަދުވެސް ގެންދާނަމެވެ. މިއީ އަޅުގަނޑުމެންގެ ޢަޒުމެވެ. އަޅުގަނޑުމެންގެ ލޮބުވެތިކާބަފައިން އަޅުގަނޑުމެންނަށް ދަސްކޮށްދެއްވި ޤައުމިއްޔަތުގެ ފިލާވަޅު ދުވަހަކުވެސް އަޅުގަނޑުމެންގެ ހަނދާނުން ފުހެވިގެންނެއް ނުދާނެއެވެ.
ހިންދު ކަރައިގެ ޅެންވެރިއަކުވެސް ވިދާޅުވެފައިވާ ޢިބާރާތެއްގެ އަޑު އަޅުގަނޑުވެސް އަހަމެވެ. އޭނާ ވިދާޅުވެފައި ވެއެވެ.
“ ދިރިތިބެން ބޭނުމިއްޔާ ވަގުތު އެބައޮތޭ ހީކުރެވިދާނެއެވެ. އެކަމަކު ބުނަން ހެއްޔެވެ. ލޯބިވާ ޤައުމަށްޓަކައި، ދީނަށްޓަކައި މަރުވެދާން ގިނަފުރުޞަތު ތަކެއް ނުލިބި ހިނގައިދާނެއެވެ. އެހެންވީމާ ކަރުނަޔާއި ގިސްލުމަކަށް މިއަދަކު ވަގުތެއް ނެތޭ ހީކުރާށެވެ. އަދި ތިބާގެ އުމުރުގެ ހަގުކަމުގެެ އުފަލެއްވެސް ލިބޭކަށް ނެތޭ ހީކުރާށެވެ. އަދި ބުނަން ހެއްޔެވެ. އަނބިދަރީން އެކަނިވިޔަކަސް ކުރާނެކަމެއް ނެތެވެ.“
ޖާނު ޤުރުބާން ކޮށްގެން ކޮށިމަގެއް ދުވަހަކުވެސް ފަޅެއް ނުވާނެއެވެ. މާޒީއަށް ބައްލަވާށެވެ. އައްސުލްޠާން މުޙައްމަދު ބުނި ޢަބުދުﷲ ނުވަތަ ދަރުމަވަންތަ ރަސްގެފާނު ކޮށްޓަވައި ދެއްވި ސާފުސީދާ މަގުން އަޅުގަނޑުމެން ހިނގަމުން އައި އައުމުގައި ކަޅުމުޙައްމަދު ރަސްގެފާނާއި، 9 ވަނަ ޙަސަން ރަސްގެފާނުގެ ސަބަބުން މެދުވެރިވި ހުރަސް ތަކުން އަޅުގަނޑުމެން އެއްކިބާވެގެން އައި އައުމުގައި ޢަލީރަސްގެފާނުގެ ފުރާނަފުޅު ޤުރުބާން ކުރެއްވިއެވެ. އަނދިރިއަނދިރީން މިއުންމަތުގައި ފަތުރާލި އަނިޔާވެރި ދަލުގެ ތެރެއިން ފުރޭނިގެން މާތްވެގެންވާ އިސްލާމްދީނާއި ޤައުމުގެ މިނިވަންކަމާއެކު ގެނަސް ދެއްވުމުގައި ﷲ ގެ ރަޙްމަތްފުޅާއެކު އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނާއި އެރަދުންގެ ހިތްވަރުގަދަ އެކުވެރީން މީލާދީން 17 ވަނަ ޤަރުނުގެ ތެރެއަށް ގެނެސް ދެއްވިއެވެ. އަދި މަލާބާރީންނާއި ހޮޅިންގެ ދަންތުރަ ތަކުން ސަލާމަތް ކޮށްދެއްވުމަށް އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން) ކުރެއްވި ވަރުގަދަ ޖިހާދުން ނަޞްރު ލިބިގެން 19 ވަނަ ޤަރުނުގެ ތެރެއަށް ވަނުމަށް ﷲ މިންވަރު ކޮށްދެއްވިކަން އަޅުގަނޑުމެންގެ ހަނދާނުގައި އަދިވެސް އެބަހުއްޓެވެ. އިނގިރޭސީންގެ ދަގަނޑު ދަހަނާ ފޫއަޅުވައިލާފައި 20 ވަނަ ޤަަރުނުގެ ތެރެއިން 1965 ވަނަ އަހަރު މި ޤައުމުގެ މިނިވަން ކަމުގެ ބަޠަލު ސުމުއްވުލް އަމީރު އިބްރާޙީމް ނާޞިރު ރަންނަ ބަނޑޭރި ކިލެގެފާނު (ނ.ޣ.ޢ.ވ) އަޅުގަނޑުމެންނަށް ފުރިހަމަ މިނިވަންކަންވެސް ހޯއްދަވައި ދެއްވިއެވެ. އަދި 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިވެހީންގެ ދެތިން މީހަކާ އެކީގައި ޕްލޯޓް ޖަމާޢަތުންދިން ހަމަލާ ނާކާމިޔާބު ކޮށްލައި ފުރާނައިން ޤުރުބާންވި ޖެހިލުންކުޑަ، ޙުސައިން އާދަމް އާއި ސިފައިންގެ ހިތްވަރު ގަދަ މަސައްކަތުން ﷲ ގެ ރަޙުމަތްފުޅާއެކު އެމިނިވަންކަން ދަމަހައްޓަވައި ދެއްވިއެވެ. އެތައް ސިފައިންނެއްގެ ލޭ މިފަސްގަނޑަށް އޮހޮރައިލައިގެންނެވެ.
އެހެންވީމާ ޖާނު ޤުރުބާން ކޮށްގެން ކޮށި އެންމެ މަގެއްވެސް ފަޅުވެއްޖެހެއްޔެވެ. ނޫންނަމަ ފަޅުކޮށްލެވުނު ހެއްޔެވެ. ނޫނެކެވެ. އަދި ކީއްހެއްޔެވެ. ތާއަބަދު އެ މަގުތަކަށް ދިރުން ލިބި އާބާދުވޭވޭ ހުރެއެވެ. އަދި ކޮބައިހެއްޔެވެ. ﷲގެ ޥަޙީ ބަސްފުޅުގެ މަތިން ނިކަން ހަނދުމަފުޅު ކުރައްވަ ބައްލަވާށެވެ. ފަަތަޙައާއި ނަސްރު ގައުމަށް ގެނެސްދިނުމުގެ ޖިހާދުގައި މަރުވެދާ ދަރީން މަރުވެ ދިޔަޔަސް އެމީހުން މަރެއްވެސް ނުމެވޭމެެއެވެ.
”ދިރިވާ ބައެކެ ޝަހީދުނީ ވިރިވާ ގޮތުން ފޮތުން
ލާ ތަޙުސަބަންނަ އާޔަތުން ވިސްނައިފި މީހަކަށް“
މިއަދުގެ ޒުވާނުން، ހަރުމީހުން، އިސްރައްވެހީން އެންމެން އެއްހިތުން ބުނަންވީ އެއްވާހަކަ އެކެވެ. ތިބާގެ ޤައުމާއި ދީނުގެ ސަލާމަތަށްޓަކައި މިރާއްޖޭގެ ހަމަ ކޮންމެ ރަށެއްގެ ކޮންމެ މަގެއް، ތިބާގެ ހަށިގަނޑުން އޮހޮރާ ލެއިން ތެންމާލާށެވެ. އަދި އެޢަޒުމުގައި ދަތުރު ކުރަމުންދާ ދިއުމުގައި އެމަގުން ފެންނަ ކޮންމެ ހަތުރަކު އެއީ ކާކުކަން ރަނގަޅަށް ދެނެގަންނާށެވެ. އަދި އެފާފަވެރި އަތުން ދެވަނަފަހަރަށް މިދީނާއި ޤައުމު ހަލާކު ކުރަން ފުރުސަތު ނުދޭށެވެ.
ޒުވާނުންނޭވެ. އަހަރެމެން، ދުވަސްވީ މީހުން މާޒީގެ އަނދިރި ފަރުދާގެ ތެެރެއަށްގޮސް އިސާހިތަކު ގެއްލިދާނެއެވެ. މިހާރުވެސް އެތައް ބަޔަކުވަނީ ގެއްލިފައެވެ. ދިރިތިބޭނީ ތިޔަކުދީންނެވެ. ނޭވާ މިހެރަދަނީ ކުރުވަމުންނެވެ. ދުވަސްތައް މިއޮޮއްދަނީ ގުނެމުން ކަލަންޑަރުގެ ގަނޑުތައް ދަނީ ކެނޑެމުންނެވެ. ޖޯޝް ހައްތަހައި މިހެރަދަނީ އިތުރު ވަމުންނެވެ. ޝާޢިރަކު ވިދާޅުވެފައި ވެއެވެ.
”ދުޝްމަނުންގެ ކަނޑިތަކުން އަހަރެމެންގެ ބޯ ކަނޑައި ލެވިދާނެއެވެ. އެކަމަކު ބޯ ގުދެއް ނުކުކުރެވޭނެ އެެވެ.“ މޭ ފޫއަޅުވައި ލެވިދާނެއެވެ. އެކަމަކު މަރުވެދާއިރުވެސް އަހަރެމެންގެ ދުލުކުރީގައި ވަނީ މިޝިޢާރު އުފުލާނަމުއެވެ. ”ދިވެހީން ދިވެހީންގެ ގޮތުގައި މިނިވަންކަން މަތީ އަބަދަށެވެ.“
އަހަރެމެންގެ ބޯމަތީގައި ފަޚުރުވެރިކަމާއި މިނިވަންކަމާއެކު ޤައުމީ ދިދަ އެގޮތަށް ވިހުރެމުން ދާކަމަށްވަންޏާ މަރުވެދާނޭތީ އަހަރެމެން ބިރެއް ނުގަނެއެވެ. ލޯބިވާ އެކުވެރިންނޭވެ. މިއީ ތިޔަކުދީންގެވެސް ޤައުމެވެ. ތިޔަކުދީންވެސް އަދި ތިޔަކުދީންގެ ދަރީންވެސް ﷲ ގެ ރަޙުމަތްފުޅާއެކު ދިރިއުޅޭނީ މިތާނގައެވެ. އެހެންވީމާ ޞުލްޙަވެރި ކަމުގެ ދާވަނި އަތުން ދޫކޮށްނުލާށެވެ.
