ދިވެހި ކާބަފައިންނަކީ، އެމީހުންގެ ގޮތާއި ފޮތުގައި އުޅުމާއި ގުޅުމުގައި ނިކަން ހަރުދަނާ ގޮތްތަކަކާއި ސިފަތަކެއްގައި ހިފަހައްޓައިގެން ތިބި ބަޔެކެއެވެ.  އެކަން ބޯދާ ބުނުންތަކުން ދޭހަވެއެވެ. ހަރުދަނާ ބަހެއް ބުނެވޭނީ ހަރުދަނާ ކަމެއް ކުރެވޭނީ ހަރުދަނާ ބަޔަކަށެވެ. ހަރުދަނާ މީހަކަށެވެ. ދުވާލަކު ދެ ދަޅަޔަށް ދެގޮތަށް ވާހަކަދައްކާ ދެފަހަރު އެކައްޗެއް ނުކިޔާ، ދީނެއް މަޛުހަބެއް މިއްލަތެއް ނުހިފާ ތެޅިފޮޅި ހޫރޭ މީހަކަށް، ބަޔަކަށް ނޫނެވެ. ހަނދު ބޮޑުވާ ދުވަސްވަރަށް މޮޔަފަރިވެފައި ހުންނަ މީހަކުފަދަ މީހަކުކަމުގައި ވުމަކީ ދިވެހި ހަރުދަނާ ކާބަފައިން ގަބޫލުކުރި ބުއްދިވެރި އުޞޫލެއް ނޫނެވެ. މިދަންނަވަނީ ދިވެހި ކާބަފައިންގެ ހަރުދަނާ ވާހަކައެވެ. ބުއްދިވެރިކަމާއި ވިސްނުންތެރިކަމުގެ ވާހަކައެވެ. ކަންކަމުގެ އެކޮޅާއި މިކޮޅު ބަލައި ކަންކަމުގައި ދުރުވިސްނެވި ވާހަކައެވެ. ހަމަ މީހަކު ބުނާހާ އެއްޗަކަށް ބަޔަކު ދައްކާހާ ދަޅައަކަށް ހެއްލި ގެއްލިނުދިޔަ ވާހަކައެވެ. އަދި އެއީ ދަޅަދާނަވުން ހުރިބައެކޭ ދެންނެވުމެއްވެސް ނޫނެވެ. ދިވެހި ކާބަފައިންނީވެސް ހަމަ އިންސާނުންނެވެ.

މިނިވަންކަމަށް ފަންސާސް އަހަރުފުރޭ މިއަހަރު މިނިވަންކަމުގެ ވާހަކަ އަޑުހަރުކޮށް ދައްކަމުން ދާއިރު، އަދި ހަރުދަނާ ދިވެހި ކާބަފައިންނަށް ނިސްބަތްވުމުގެ ވާހަކައިން ފަޚުރުވެރިވަމުންދާ ހިނދު މިޤައުމުގެ މިނިވަންކަން ގެއްލި އަޅުވެތި ވުމަށް ދިމާވި ސަބަބުތަކާ މެދު ވިސްނާލައި އެކަމުން ޢިބުރަތް ޙާޞިލްކުރުމަކީ ހަމަ ކޮންމެ ދިވެއްސެއްގެ ފަރުދީ ޒިންމާއެކެވެ. އެއީ، ދިވެއްސަކު އަނބުރާ އިޢާދަވުމަށް ނޭދޭނެ ދުވަހެވެ.

މި ރާއްޖެއަށް ދެހާސް ފައްސަތޭކަ އަހަރަށްވުރެ ގިނަދުވަސްވީ ދިގު ތާރީޚެއް ލިބިފައިވާއިރު، ދިވެހިންގެ މިނިވަންކަން ގެއްލުމުގައި ބޭރުގެ ޢުދުވާންތަކާއި މަދުފަހަރަކު ކުރިމަތިލާން ޖެހުނު ނަަމަވެސް، ރާއްޖޭގައި އުފެދޭ ދާޚިލީ ފިތުނަތަކާ ވަނީ އެއްފަހަރަށްވުރެ ގިނަފަހަރު  ކުރިމަތިލާންޖެހިފަ ވެއެވެ.

މަދުފަހަރަކު ފިޔަވައި ބޭރުގެ ބާރުތަކުން ދިވެހިންނާ ތޮޅުނު ހަމަ ކޮންމެފަހަރަކު އެފަރާތްތަކަށް ދަޢުވަތުދީގެން ގެނެސް ދިވެހިންތެރެއަށް ވައްދާފައިވަނީ ދިވެހިންނަށް ހެޔޮކަންނޫން އެހެންކަމެއް ނޭދޭ، އާދެ! ”ހެޔޮއެދޭ“ ދިވެހިންނެވެ.

ދިވެހިންގެ ދިގު ތާރީޚުގައި ދިހަވަނަ ޤަރުނުގެ ތެރޭގައި، ޤައުމުގެ ބަޔަކުން މިނިވަންކަން ގެއްލިދިޔައެވެ. މިއަޅުވެތިކަމުގެ ސަތޭކަވަރަކަށް އަހަރުފަހުން މިނިވަންކަން އަނބުރާ ހޯއްދަވާ ދެއްވީ ތީމުގޭ މަހާ ބާރަނަ މަހާ ރަދުންނެވެ. މީލާދީން ފަނަރަވަނަ ޤަރުނުގައި ޗައިނާއިން އިންޑިއާ ކަނޑުގައި ބާރުގަދަކުރަމުން އައި ދުވަސްވަރު އެގަދަ ޠޫފާނީ ކަޑުން ވިސްނުންތެރިކަމާއެކު ދިވެހި ޤައުމު ސަލާމަތުގެ އައްސޭރިއަަށް ގެންގޮސްދެއްވި މާލިމީއަކީ އައްސުލްޠާން ޔޫސުފު (ދެވަނަ) ލޯކަ މަހާރަދުން (1402 – 1425) ނެވެ. ނަތީޖާއަކަށްވެގެން ދިއައީ މީލާދީ ހަތްވަނަ ޤަރުނުތެރޭގައި ސިރީ ބާލާދީއްތިޔަ މަހާރަދުން އެވޭލާގަ ސީނުކަރައިގައި ވެރިކަންކުރެއްވި ޓޭންގް ޑައިނަސިޓީ އާއެކު އުފެއްދެވި އެކުވެރި ރަޙުމަތްތެރިކަމުގެ ގުޅުން އައުވެގެން އައުމެވެ. ޗައިނާއާ ދިވެހިން ލޯތްބާއި ކުލުނުވެރިކަމުގެ އާގުޅުމަކުން ގުޅި ލޯބީގެ އައު ބާބެއް ފެށިގެން ދިއުމެވެ. 

އިންޑިއާ ކަނޑުގައި މިއޮތް ކުޑަކުޑަ ދިވެހިރާއްޖެއަކީ އިހު އެވޭލާ ބޯދާ ޒަމާނުއްސުރެން ފެށިގެން މިއަދާ ހަމައަށްވެސް ގިނަބައެއްގެ ލޯތައް ހުއްޓިފައިވާ ގައުމެކެވެ. ބިމުގެ ބޮޑުކަމަކުން، ލިބިފަވާ ގުދުރަތީ މުއްސަދިކަމަކުން ނޫނެވެ. އެކަމަކު އިންޑިއާ ކަނޑުގައި ޤައުމުއޮތް ތަނުގެ ގޮތުންނެވެ.

އިންޑިއާ ކަނޑުގައި ފޭރޭ މީހުން ވެރިކަންކުރަމުން ދިއައިރުވެސް ދިވެހިންނަކީ ޞުލްޙަވެރި ޞުލްޙައަށް ލޯބިކުރި ބައެކެވެ. އެކިމިންވަރަށް މިނިވަންކަން ގެއްލުނު އެކިއެކި ފަހަރު އައިނަމަވެސް ގަދަ ހިތްވަރާއެކު މަސައްކަތްކޮށް މިނިވަންކަން ދިފާޢުކޮށް ޞުލްޙަވެރި ދިރިއުޅުމެއް އުޅެމުން އައި ބަޔެކެވެ. އަވައްޓެރި ޤައުމުތަކާއި ބާރުގަދަ ބޮޑެތި ޤައުމުތަކާއެކުވެސް އެކުވެރިކަން ބާއްވައިގެން ބޭރުގެ އެއްވެސް ނުރަނގަޅު ނުފޫޒެއް ވެރިވިޔަ ނުދީ އުޅުނުބަޔެކެވެ.

ތީމުގޭ ދަރިކޮޅުގެ ބަނިޔާދަން ރަސްކަންނިމި ހިލާލީ ދަރިކޮޅުގެ ބޭފުޅުންގެ އަތްމައްޗަށް ރަސްކަން އެރުންވީ ހަނގުރާމައިގެ މައިދާނަކަށް ހުޅުލުންފަދަ ކަމަކަށެވެ. އެއީ، ދާޚިލީ ހަމަނުޖެހުން އޭގެ އިންތަކާއި މިންތައް ފަހަނައަޅާގޮސް އޮއިދަނޑިން ބޭރުވެ ދިއަ ދުވަސްތަކަކެވެ.

އައްސުލްޠާން މުޙަންމަދު ދަންމަރު ބަވަނަ މަހާރަދުން 1491ވަނަ އަހަރު ރަސްކަމަށް އިސްވެ ވަޑައިގަތުމާއެކު ރަސްކަމުގެ ކޯލުތެރޭގައި ފިތުނަ ކޯދުލައި އުތުރިގެންފިއެވެ. މުޅި ޤައުމު ދާޚިލީ ހަމަނުޖެހުމެއްގެ ތެރެއަށްވެއްޓި ގައުމަށާއި ރަޢިއްޔަތުންނަށް ”ހެޔޮއެދިގެން“ މަސައްކަތްކުރި ބޭފުޅުންކޮޅެއްގެ އަތްމައްޗަށް ރަސްކަން އެރީއެވެ. ނަތީޖާއަކަށްވީ ރަސްކަމުގެ އާރާއި ބާރު ގެއްލޭ ކޮންމެފަހަރަކު ގެއްލުނު އާރާއި ބާރު ހޯދުމަށް އޭރަކު ވެރިކަމުގައި ހުންނެވި ބޭފުޅަކު ނޫނީ ވެރިކަން ބޭނުންވެގެން އުޅުއްވާ ޚާއިނަކު، ބައެއްފަހަރު ކަންނަންނޫރު ޢަލީރާޖާއަށް އަނެއްބައެއްފަހަރު މަލަބާރީންނަށް ނުވަތަ ހޮޅީންނަށް ގޮވައި ނޫނީ ނުފޫޒާއި ބާރުހުރި ފަރާތެއްގެ މަދަދަށް އެދުމެވެ. އައްސުލްޠާނު މުޙަންމަދު ދަންމަރު ބަވަނަ މަހާރަދުން މިއުނގަންނަވާ ދެއްވި ފިލާވަޅުން ދިވެހި އުދަރެސް އަލިވެ އުޖަލާވުމުގެ ބަދަލުގައި ކަޅުވިލާތައް ވަށައިގެން ނަގައި ދިވެހި އުދަރެސް ބަނަކުރުމެވެ. ދިވެހިން އިސްލާޙުވެ ތަރައްޤީވުމުގެ ބަދަލުގައި ޤައުމުގެ ހަފަރާތުން ގެއްލުމާއި ހަލާކު އައިސް ކުރިމަތިލުމެވެ. ދިވެހިން ކުރަމުން އައި ވިޔަފާރި ބޭރުބައެއްގެ އަތްމައްޗަށް އެރުމެވެ. ރާއްޖެ އިގުތިޞާދު އަޅުވެތި ކަމެއްގެ ތެރެއަށް ވެއްޓުމުވެ. ތިމަތިމާމެންގެ އަތުން ތިމަތިމާމެންގެ އަޚުން ކަތިލާ މަރަންފެށުމެވެ.

މިފިތުނަ ދޮންވެ ފައްކާވީ ކަޅުމުޙަންމަދު ރަސްގެފާނުގެ ކާފަ ދަރިކަލުން އައްސުލްޠާން ޙަސަން (ނުވަ ވަނަ) ސިރީ ދިރިކުސަ ލޯކަ މަހާރަދުން 1551ވަނަ އަހަރު އަމިއްލަފުޅަށް ރަސްކަން ދޫކުރައްވައި ފިއްލަވައިގެން ކޮއްޗެއަށް ވަޑައިގެން ނަޞާރާ ދީނަށް ވެދެވަޑައިގެން ގޯވާގައި ހުންނެވި ޕޯޗްގީޒް ވައިސް ރޯއީ އަރިހުގައި ޝަކުވާ ދަންނަވައިގެން ރާއްޖޭގެ ވެރިކަން ހޯއްދެވުމަށް މަސައްކަތްކުރައްވަން ފެއްޓެވި ހިސާބުންނެވެ. އާޚިރު ނަތީޖާއަކީ ކޮށިދަނޑު ގެއްލި މަރިޔަބު ގެއްލުމެވެ. އާދެ! އެމަނިކުފާނަށް ދިވެހި ތަޚުތާއި ދީނާއި ދުނިޔެއާއި އާޚިރަތް ގެއްލި ދިވެހިންގެ ލަޢުނަތް ތާއަބަދަށް ލިބިލިބި ހުރުމެވެ. ރާއްޖޭގެ ބިމުން ކޯޅިއެއްގެ މިންވަރުވެސް އެމަނިކުފާނަށް އަދި އެމަނިކުފާނުގެ ޚާންދާނުގެ ބޭފުޅަކަށްވެސް ލިބިވަޑައި ނުގަތުމެވެ. އެއްދުވަހު އެމަނިކުފާނަށް ދުނިޔެ ރަންކޮށްދިން ޕޯޗުގީޒުންގެ މަލާމާތާއި ނަފުރަތަށް ހުށަހެޅިގެން ދިއުމެވެ. އެމީހުންގެ ނަޒަރުގައި، އެމަނިކުފާނުގައިކޮޅުގައި ފުށިރަށްގަޑެއްގެ ވެރިކަން ކުރާނެ ގާބިލުކަންވެސް ނެތެވެ.  އާއެކެވެ! ގާބިލު ވެރިޔަކު ނޫނީ ވެރިކަމަށް ގާބިލު ބޭފުޅަކު ރަޢިއްޔަތުންނަށް ދެރައެއްލިބޭނެ އެއްވެސް ކަމެއް ނުކުރައްވާނެއެވެ. ވާހަކަފުޅެއް ނުދައްކަވާނެއެވެ. ފިސާރި މަވެގެން މަ މޮޅު ވާހަކަފުޅެއް ވިދާޅެއްނުވާނެއެވެ. އެބޭފުޅަކު އިސްކުރައްވާނީ އަމިއްލަ ނަފުސު ނުރައްކަލުގައި މެކުނަސް އޭނާގެ ރަޢިއްޔަތުންނެވެ.

ދިހަވަނަ ޤަރުނުގެ ތެރޭގައި ތީމުގޭ މަހާ ބަރަނަ ރަސްގެފާނު ދިވެހިންނަށް ހޯއްދަވައި ދެއްވި މިނިވަންކަން ގެއްލިދިޔައީ 1558ވަނަ އަހަރު ދިވެހިރާއްޖޭގެ ތަޚުތުގައި އޭރު އިންނެވި އައްސުލްޠާން ޢަލީ (ހަ ވަނަ) ސިރީ އައުދަ ސިއާކަ ކައްތިރި ބަވަނަ މަހާރަދުން (1557 – 1558) ޝަހީދުކޮށް ދިވެހިރާއްޖެ ޕޯޗްގީޒުންެ އަޅުވެތިކުރުމުންނެވެ. އައްސުލްޠާނު ޙަސަން (ނުވަވަނަ) ގައުމަށްވުރެ އަމިއްލަފުޅު އެދުން ކުރިއަށް ނެރުއްވުމުގެ ނަތީޖާގެގޮތުން ދުވަހަކު ފޫނުބެއްދޭނެ ބޮޑުގެއްލުމެއް ދިވެހިގައުމަށް ލިބިގެން ދިޔައީއެވެ. ހިލާލީ ދަރިކޮޅުގެ ރަސްރަސްކަލުން ދިވެހި ތާރީޚުގައި މިޖެއްސެވި ކަޅު ލައްގަނޑަށް  މިއަނދިރިކުރި ކުރުމަށް ދުވަހަކުވެސް ދިވެހިން މަޢާފެއް ނުކުރާނެއެވެ. އަމުދުން އެދުވަހުގެ ދިވެހި ދަރިން މަޢާފެއް ނުކުރާނެއެވެ.

ޕޯޗްގީޒުގެ އަޅުވެތިކަމުގައި ދިވެހިން ހޭދަކުރި ކަޅު ފަނަރަ އަހަރު ނިމުމަކަށް ގެންނެވި އައްސުލްޠާނު މުޙަންމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާއްދީއްތަ މަހާރަދުން (1573 – 1585) އާއި، އެރަދުން އެއްކުރެއްވި ހިތްވަރުގަދަ ވަޠަނީ ލޯތްބާއި ގައުމީ ޖޯޝުންފުރިގެންވާ އެކަމަކު ކުޑަކުޑަ ލަޝްކަރު ގަދަހޫނާއި އަވީގައި ގަދަ ވަޔާއި ވިއްސާރައާއި ފިނީގައި، ކަޅު އަނދިރި ޠޫފާނީ ރޭތަކުގައި ކަނޑުމަތީ އެކުރެއްވި ބުރަ މަސައްކަތްޕުޅުން ހޯއްދަވައިދެއްވި މިނިވަންކަމަށް ބުރޫ އަރުވަން އައްސުލްޠާނު ޙަސަން (ނުވަވަނަ) ގެ ޚާންދާނުގެ ބޭބޭފުޅުންނާއި ކަންނަންނޫރާއި މަލަބާރީންނާއި ހޮޅީންގެ ބާރުތަކުން 1649ވަނަ އަހަރާއި ހަމައަށް ކުރިމަސައްކަތްތަކަށް ދިވެހި ރަސްރަސްކަލުންނަށް ކުރިމަތި ލައްވަން  ޖެހިވަޑައިގަތެވެ.

1558ވަނަ އަހަރު އައްސުލްޠާން ޢަލީ (ހަވަނަ) ޝަހީދުކޮށް މާލެ ހިފައި ދިވެހިން އަޅުވެތިކޮށްގެން ތިބި ޕޯޗްގީޒު ސިފައިންނާއި އަލްސުލްޠާނު މުޙަންމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާ ރަދުން 1573 ޖުލައި 1 ވަނަ ދުވަހު ހަނގުރާމަ ކުރައްވައި އެމީހުން ބަލިކޮށް ދިވެހިންގެ މިނިވަންކަން އަނބުރާ އިޢާދަކޮށްދެއްވި ފަހުންވެސް ގޯވާގައި ތިބި ޕޯޗްގީޒު މީހުންނާއި މަލަބާރީންނާއި ކަންނަންނޫރު ޢަލީރާޖާގެ މީހުން ދޭތެރެ ދޭތެރެއިން ދިވެހިންނާ ހަނގުރާމަކޮށް ދިވެހިން ފޭރި ލޫޓުވަމުން ދިއައެވެ.

އައްސުލްޠާނު އިބްރާޙީމް (ތިންވަނަ) ސިރީ ސުއްދަ ސުވަރުދަ މަހާރަދުން (1558 – 1609) ޝަހީދުވެ ވަޑައިގަތީވެސް އެފަދަ ހާދިސާއެއްގައެވެ. އައްސުލްޠާނު އިބްރާޙީމް (ތިންވަނަ) ޝަހީދުވެ ވަޑައިގަތުމުން ދެން ރަސްކަމަށް އިސްވެ ވަޑައިގަތް އައްސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު (1609 – 1620) ގެ ރަސްކަމުގެ ސާފު ޚަބަރުތައް އެނގެން ނެތް ނަމަވެސް އޭރު ކަންހިނގަމުން އައިގޮތަށް ބަލާއިރު މިރަދުންނަށް ވެސް ވަކި ހަނުހުންނެވޭނެ ވަގުތުކޮޅެއް ލިބިވަޑައިގެންފަ ވާނެކަމަކަށް ނުފެނެއެވެ. އައްސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު އަވަހާރަަވުމުން ރަސްކަމަށް އިސްކުޅައީ އައްސުލްޠާނު މުޙަންމަދު ޢިމާދުއްދީން (އެއްވަނަ) ސިރީ ކުލަސުންދުރަ ކައްތިރި ބަވަނަ މަހާރަދުން (1620 – 1648) އެވެ. މިރަދުންގެ ރަސްކަމުގެ ދުވަސްވަރަކީ  މައްސަލަތައް ގިނަ ދުވަސް ވަރެކެވެ. ދާޚިލީ މައްސަލަތަކެވެ. ސާމިޔާކިލެގެ އާދެ، މާފިލާފުށީ ރަސްގެފާނު ރާއްޖޭގެ ވެރިކަން ހޯއްދެވުމުގެ އެދުންފުޅުގައި ރާއްޖޭގެ މަޞްލަހަތު ނަގާލެއްވިއެވެ. އަދި އެއީ ބޭރުގެ ޢަދުއްވުން ރާއްޖެއާ ގިނައިން ތޮޅެމުން ދިޔަ ދުވަސްވަރެކެވެ.

އައްސުލްޠާން މުޙަންމަދު އިމާދުއްދީނަށްފަހު ރަސްކަމަށް އިސްވެވަޑައިގަތީ، އައްސުލްޠާން އިބްރާހީމް އިސްކަންދަރު ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން (1648 – 1687) ނެވެ.

”ރާވެރިއެއްގެ ދަރިއަކަށްވެސް ހަތަރެތިން އެކަތި އޮންނާނެއެވެ.“ ދިވެހި މުސްކުޅިބަހެއްގައި ބުނެފައޮންނަ ބުނުން މޮޓޯއަކަށް ނަންގަވައިގެން މިފަހަރު ހަތަރުވަނަ ބޮނޑިއެޅުއްވީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން (1648 – 1687) ނެވެ. މިރަދުުންގެ ރަސްކަމުގެ ވަރަށް ކުރީކޮޅުގައި 1649ވަނަ އަހަރުތެރޭ ނުވަވަނަ ހަސަން ރަސްގެފާނުގެ ކާފާބޭފުޅުންނާއެކު ޕޯޗްގީޒުން ރާއްޖެ އައިސް މާލެއާ ޙަމަލާ ދިނުމުން އިސްކަންދަރު ރަސްގެފާނު އިސްވެ ހުންނަވައިގެން ޕޯޗްގީޒްމީހުންނާ ހަނގުރާމަކޮށް ބަލިކުރެއްވުމަށްފަހު، ފިސާރި ކެރިހުންނަވައިގެން ކަޅުމުޙަންމަދު ރަސްގެފާނު ޒަމާނުއްސުރެ ކަންނަންނޫރު ޢަލީރާޖާއަށާއި ގޯވާމީހުނަށްދީ އުޅުނުޖިޒީ ދެއްވުން ހުއްޓާލެއްވިއެވެ. މިވަރުން ކަންނަންނޫރު ޢަލީ ރާޖާގެ ދުއްތުރާތަކުން ދިވެހިން ސަލާމަތްނުވުމުން، ޢަލީރާޖާއާ ދެކޮޅަށް ހަނގުރާމަމަތީ އަރުމާދު ތައްޔާރުކުރައްވާ ދީވަންދްރޯގެ ރަށްތަކަށް ފޮނުއްވިއެވެ. ދިވެހި ލަޝްކަރު ހަތިޔާރާއެކު ދީވަންދްރޯ ގެ ރަށްތަކަށް އަރައި ޢަލީރާޖާގެ ސިފައިންނާ ހަނގުރާމަކޮށް އެމީހުންގެ ވަޒަނުގައި އެމީހުން ބަލިކޮށް ފައްސައި އެމީހުންގެ މުދާތައް ފޭރި، ގޭގެ އަންދައި މަލިކު ހިފައި އެތަނުގެ ވެރިމީހާއާއި ބޮޑުން ހައްޔަރުކޮށްގެން މާލެގެންނެވިއެވެ. މަލިކުގެ ވެރިމީހާއާއި ބޮޑުން ދޫކޮށްލެއްވީ އަހަރުން އަހަރަށް ދިވެހި ރަސްގެފާނަށް ޖިޒީ ދިނުން ޝަރުޠުކުރައްވާފައެވެ.

އައްސުލްޠާން އިބްރާހީމް އިސްކަންދަރު ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން (1648 – 1687) ހަނގުރާމައިގެ ލަޝްކަރުގައި އިސްވެ ހުންނަވައިގެން، ލަޝްކަރާއެކު ނުކުމެވަޑައިގެން އެއްގަމާއި ކަނޑުގައި، ޕޯޗްގީޒުންނާއި އަދި ކަންނަންނޫރު ޢަލީރާޖާގެ ސިފައިންނާ ކުރިމަތިލައްވާ ނަސްރު ހޯއްދެވިއެވެ.

އަޅުގަނޑުގެ ޚިޔާލުގައި ދިވެހިތާރީޚުގައި ޣާޒީގެ ލަޤަބު އަރުވާފައިވާ ވަރަށް މަދު ރަސްރަސްކަލުންގެ ލިސްޓްގައި އައްސުލްޠާން އިބްރާހީމް އިސްކަންދަރު ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން (1648 – 1687) ގެ ނަންފުޅު ޣާޒީގެ  މަތިވެރި ލަޤަބާއެކު ލިޔެވެން ޖެހެއެވެ. އާދެ! ޚިޔާލަކީ ތަފާތު އެއްޗެއް ދޮގެއްތޯއެވެ؟

މިނިވަންކަމަށް ފަންސާސް އަހަރުފުރޭއިރު ހަނދާންކުރަންޖެހޭނީ، މިހާރުވެސް މިޤައުމުގެ އެވޭލާގައި ތިބިފަދަ ”ހެޔޮއެދޭ ޖައްލާދު“ ންނާއި ”ދުވަހަކު ހެޔޮބަހެއް ނުބުނާ“ މުޞްލިޙުން ތިބޭނެކަމެވެ. ކަޅުމުޙަންމަދު ރަސްގެފާނާއި ނުވަވަނަ ޙަސަން ރަސްގެފާނު ފަދަ ބޭރުގެ ބާރުތަކަށް ބޭނުންވާާ ”ރަސްރަސްކަލުން“ ނާއި ދާޚިލީ ހަމަޖެހުން ނެތިކުރަން މަސައްކަތްކުރާ ”ސާމިޔާ ކިލެގެ“ އިން ”އެހެން ފޭރާމެއްގަ“ އުޅޭނެކަމެވެ.

ޝެއަރކުރެއްވުމަށް