ފުލުސް ކޯޓަކީ ފުލުސް އޮފީހަށާއި މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީ އަށް ހުށަހެޅޭ މައްސަލަތަކަށް އަވަސް އަދި އިންސާފުވެރި ޙައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި 1979 ފެބުރުއަރީ 11 ވަނަ ދުވަހު އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މަޢުމޫން ޢަބްދުލް ޤައްޔޫމް އުފެއްދެވި ކޯޓެކެވެ. މިކޯޓް ހިނގަމުން ދިޔައީ މިނިސްޓްރީ އޮފް ޕްބަލިކް ސޭފްޓީ (މިހާރުގެ ނަމުން ނަމަ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ) ގެ ދަށުންނެވެ. އޭރު މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީގެ މަޤާމްގައި ހުންނެވީ ވެސް ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މަޢުމޫން ޢަބްދުލް ޤައްޔޫމްއެވެ. ނައިބަކީ އޮނަރަބަލް އިލްޔާސް އިބްރާހިމްއެވެ. އޭރު ސިފައިންގެ އެންމެހާ ކަންތައްތައް ބަލަހައްޓަވަމުން ގެންދެވީ މިނިސްޓްރީ އޮފް ޕަބްލިކު ސޭފްޓީގެ ޑިރެކްޓަރ ޖެނެރަލް އަންބަރީ ޢަބްދުއްސައްތާރުއެވެ. މައްސަލަތަކާ ގުޅިގެން ފުލުސް ކޯޓަށާއި މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީއަށް ގެނެވޭ މީހުންނާބެހޭ ކަންތައްތައް ބެއްލެވުމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ހިންގާ ސެކެޓަރީ އަލްފާޟިލް އިސްޠަފާ އިބްރާހީމް މުޙަންމަދު މަނިކުއެވެ.
ދިވެހިރާއްޖޭގެ ތާރީޚަށް ބަލާއިރު ފުލުސް ކޯޓަށް ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ ކަނޑައެޅުއްވި ޤާޟީއަކީ މ.ޒޭވަރު ޢަބްދުއްރަޝީދު ޢަލީ (މއ.ހަނީސަކްލް) އެވެ. މިކޯޓް އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ ހުށަހެޅޭ މައްސަލަތައް އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖެގެ ޤާނޫނު އަސާސީއާއި ޤާނޫނުލް އުޤޫބާތުގައިވާ ގޮތުގެމަތިން އިންސާފުވެރިކަމާއެކު ވީހާވެސް އަވަހަށް މައްސަލަތައް ނިންމާ އެންމެހާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމެވެ. މި ކޯޓުން ބެލި މައްސަލަތަކުގެތެރޭގައި ފުލުހުންނަށް ހުށަހެޅި ތަޙްޤީޤްކުރަމުންދާ މައްސަލަތަކާއި މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީއަށް ހުށަހެޅެމުންދިޔަ މައްސަލަތައް ހިމެނެއެވެ. މިގޮތުން އެކޯޓުންބަލާ މައްސަލަތަކުގެތެރޭގައި ވައްކަމާއި ފޭރުމާއި، މާރާމާރީއާއި ޓްރެފިކްގެ މައްސަލަތަކުގެ އިތުރުން ފައިސާގެ މައްސަލަތަކާއި އެހެނިހެން މައްސަލަތައް ވެސް ހިމެނެއެވެ.
ސިފައިންގެ ތާރީޚަށް ބަލާއިރު 1960 އޮގަސްޓް 27 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ސިފައިން ތަޙްޤީޤްކުރާ ބައި ޢާއްމު ނަމުންނަމަ ފެހި އޮފީސް އުފައްދައި ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ތަޙްޤީޤްކުރަންފެށިއެވެ. މިގޮތުން ފެހި އޮފީސް ނުވަތަ ފުލުހުންގެ ތަޙްޤީޤް އޮފީހުން އެންމެ ފުރަތަމަ ބަލަން ފަށާފައި ވަނީ ތިން ބާވަތެއްގެ މައްސަލަތަކެވެ. އެއީ ސިޔާސީ ކަންކަމާ ބެހޭ މައްސަލަތަކާއި، ވައްކަމާ ބެހޭމައްސަލަތަކާއި، މާރާމާރީއާ ބެހޭ މައްސަލަތަކެވެ. އަދި މިތިން ބަޔަށް ތިން ސެކްޝަން ހެދިފައިވެއެވެ. އެއަށްފަހު 1978 ވަނަ އަހަރު ފުލުހުންގެ މަސައްކަތްތައް ތަރުތީބުވެގެން ދިޔަފަހުން ފުލުސް އޮފީހަށް ހުށަހެޅޭ މައްސަލަތައް ބެލުމަށް ފުލުސް އޮފީހުގައި އިތުރު ބައިތައް ނުވަތަ ސެކްޝަންތައް ވަނީ އުފައްދާފައެވެ. މީގެތެރޭގައި ސިޔާސީ އަދި ދާޚިލީ ކަންކަމާ ބެހޭ ބަޔާއި ޓްރެފިކާ ބެހޭ ބަޔާއި، ވައްކަމާ ބެހޭ ބަޔާއި، ފައިސާއާ ބެހޭ ބަޔާއި، ވެލްފެއަރ ކަންތައްތަކާ ބެހޭ ބަޔާއި، މާރާމާރީއާ ބެހޭ ބައި ހިމެނެއެވެ.
ފުލުސް ކޯޓްގެ ސަބަބުން ފުލުސް އޮފީހުން ބަލާ ތަޙްޤީޤްކުރާ މައްސަލަތަކުގައި އެކިއެކި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ނުވަތަ ބަންދުކުރެވޭ މީހުންނަށް އަދި ވަކިގޮތެއް ކަނޑައެޅިފައިނުވާ މައްސަލަތަކަށް އަވަސް ހައްލެއް ލިބިގެން ދިޔައެވެ. މިކޯޓް ހިނގަމުން ދިޔައީ ބަނޑޭރިގޭ މަތީބުރީ އިރުމަތީ ބައިގައެވެ.
މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ދަށުން 1979 ފެބުރުއަރީ 11 ވަނަ ދުވަހު އުފެއްދި މި ފުލުސް ކޯޓް އުވާލައްވާފައިވަނީ 1990 މެއި 20 ވަނަ ދުވަހުއެވެ. އޭރު މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ނަން ވަނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ ނަމަށް ބަދަލުވެފައެވެ. އަދި މި ފުލުސް ކޯޓް ހިނގަމުން ގޮސްފައިވަނީ ފަހުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ ދަށުންނެވެ. އަދި ފުލުސް ކޯޓް އުވާލެއްވުމާއެކު އެކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާއި ބެހޭގޮތުން ސަރުކާރުން ހަމަޖައްްސަވާފައިވަނީ އެ މައްސަލަތައް މިނިސްޓްރީ އޮފް ޖަސްޓިސްއާ ޙަވާލު ކުރެއްވުމަށެވެ.
ރިފަރެންސް:
- ޤައުމީ އަރުޝީފުގެ ކަންކަން ފޮތްތަކުން..
- ފުލުހުންގެ ޚިދުމަތުގެ 80 އަހަރު
- އެމްއެންޑީއެފްގެ ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ސައީދު
