އަސްކަރީ ވިސްނުމުގައި އެއްޗެއް ނުވަތަ ކަމެއްގެ އެންމެ މުހިންމު އަދި އަސާސީ ޙަޤީޤަތްތައް (nitty-gritty) ދެނެގަނެ އެ ކަންކަމަށް ސަމާލުކަން ދިނުމަކީ އަސްކަރީ އޮޕަރޭޝަންތައް ކާމިޔާބުކުރުމުގައި ވަރަށް މުހިންމު ކަމެކެވެ. ހަމައެހެންމެ މިއީ އަސްކަރީ ކަމެއްގައި ނޫނަސް ކަންތައްތައް ރާވައި ޕްލޭންކޮށްގެން އޮމާންކަމާ އެކު ކުރިއަށް ގެންދަން ބޭނުން ނަމަ ސަމާލުކަން ދެވިދާނެ ކަމެކެވެ.

އަސްކަރީ ނަޒަރުން ބަލާ އިރު ”ނިޓީ-ގްރިޓީ“ އަށް ނިސްބަތްވަނީ އޮޕަރޭޝަންތަކާއި، ލޮޖިސްޓިކްސް ނުވަތަ ޕްލޭނިންގގެ ވަކި، އަމަލީ، އަދި މުހިންމު ތަފުސީލުތަކަށެވެ. އެއީ ބޮޑުމަންޒަރުން ބޭރަށް ގޮސް، ހާލަތެއްގެ ނުވަތަ މަސައްކަތެއްގެ މައިގަނޑު، އަސާސީ އުނިއިތުރުތަކުގެ ތެރެއަށް ފުންކޮށް ވަދެގެން ބެލުމެވެ. ކަންތައްތައް ހަވާލުކުރުމުން މައްސަލައެއް ނުޖެހި ނުވަތަ ”ކުންޏެއް ނުޖެހި“ އޮމާންކަމާ އެކު ކުރިއަށް ގެންދެވެނީ އެކަމެއްގެ ވަށައިގެންވާ އެންމެ ކުދިކުދި ކަންތައްތަކަށް ވެސް ސަމާލުކަން ދީގެންނެވެ. ހަމައެކަނި ބޮޑެތި ކަންތައްތަކަށް ސަމާލުކަން ދީގެން ކަންތައްތައް ކުރާ ނަމަ ނުވަތަ އެކަމެއްގެ ވަށައިގެންވާ އެންމެ ކުދިކުދި ކަންތައްތަކަށް ސަމާލުކަން ނުދޭ ނަމަ ހީވެސްނުކުރާ ކަހަލަ މައްސަލަތައް ފަހުން ދިމާވެއެވެ. އަދި ބައެއް ފަހަރު ކުރިން އެއީ ކުދިކުދި ކަންތައްތައްކަމަށް ހީވިޔަސް އެއީ ވަރަށް ބޮޑެތި ކަންތައްތަކަށް ވެދެއެވެ.

އަސްކަރީ އޮޕަރޭޝަންތަކުގައި ނިޓީ-ގްރިޓީ އެންމެ މުހިންމު ވަނީ ލޮޖިސްޓިކްސްގެ ކަންތައްތައް ރާވާ ޕްލޭންކޮށް ތަންފީޒުކުރާއިރުއެވެ. ލޮޖިސްޓިކްސް ޚިދުމަތްތައް ޕްލޭންކޮށް، ހޯދައި، ސަޕްލައިކޮށް، މެނޭޖްކޮށް، ދެމެހެއްޓުމުގައި ނިޓީ-ގްރިޓީއަށް ސަމާލުކަންދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ލޮޖިސްޓިކްސްގައި ސަމާލުކަން ނުދެވޭ ކުޑަކަޑަ ކަމަކުން މި އޮޕަރޭޝަންނަށް އަސަރުކުރާނެއެވެ. އަދި އެ އޮޕަރޭޝަނެއް ކާމިޔާބުވުމާއި ނާކާމިޔާބުވުމުގެ ސަބަބަކަށް އެކަންތައް ވެދާނެއެވެ.

އަސްކަރީ ވިސްނުމުގައި ނިޓީ-ގްރިޓީއަށް ދެންމެ އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހެނީ އޮޕަރޭޝަންތަކާއި އެކިއެކި ހަރަކާތްތަކާއި ކަންތައްތައް ޕްލޭންކުރާއިރުގައެވެ. އަސްކަރީ ޕްލޭނިންގތައް ކުރުމުގައި ”ނިޓީ-ގްރިޓީ“ ގެ ގޮތުގައި ޚާއްޞަ ސަމާލުކަމެއް ދެނީ ކަނޑައެޅިފައިވާ މަގުސަދެއް ހާސިލުކުރުމަށް ބޭނުންވާ ވަކި އޮޕަރޭޝަނަލް ސްޓެޕްތަކާއި، ޓެކްޓިކަލް މެނޫވަރތަކާއި، ރިސޯސް އެލޮކޭޝަންއަށެވެ. މިސާލަކަށް ނޯމަންޑީ އިންވޭޝަންގެ ޕްލޭނިންގގައި އޮޕަރޭޝަނަލް ޕްލޭންގެ ތަފުސީލު ލިޔެފައިވާ 100،000 ސަފުހާގެ ބޮޑު ލިޔުމެއް ހިމެނިފައިވެއެވެ.

ކޮންމެ އަސްކަރީ އޮޕަރޭޝަނެއް ނުވަތަ އެހެން ވެސް މުހިންމު މަސައްކަތަކާ ކުރިމަތިލާ އިރު އެކަމެއްގައި ހިމެނޭ ނުވަތަ އެކަމެއްގެ ވަށައިގެންވާ މުހިންމު ތަފުސީލުތަކަށް ނުވަތަ އަސާސީ ޙަޤީޤަތަތަކަށް ޚާއްޞަ ސަމާލުކަމެއް ދެވިދާނެއެވެ. އިސްތިރާޖީ ލެވެލްގައާއި ޓެކްޓިކަލް ލެވެލްގައި ވެސް މިއީ ކޮންމެހެން އަލިއަޅުވާލަން ޖެހޭ ކަމެކެވެ.

ނިޓީ-ގްރިޓީއަށް ސަމާލުކަން ދިނުމަކީ އެކަމެއްގެ ނުވަތަ އެކަމެއްގެ ވަށައިގެންވާ އެންމެހާ ކަންތައްތަކުގެ ތެރެއިން ވަކިވަކި ކަންކަމާއި، އަސާސީ ޙަޤީޤަތްތަކާއި، މުހިންމު ތަފުސީލުތަކަށް ފުންކޮށް ވަނުމެވެ. މައުޟޫޢެއް ފުރިހަމައަށް ދެނެގަތުމަށް ޓަކައި ނިޓީ-ގްރިޓީ ދެނެގަތުމަކީ މުހިންމު ކަމެކެވެ. ނިޓީ-ގްރިޓީއަށް ސަމާލުކަން ދިނުމަކީ ނިންމުންތައް ނިންމުމާއި މައްސަލަތައް ހައްލުކުރުމުގެ ފުރުޞަތު ލިބިގެންދާ ކަމެކެވެ. ކަންކަމުގައި ނިޓީ-ގްރިޓީއަށް ސަމާލުކަން ދެވިފައިވާ ނަމަ ކުއްލިއަކަށް ކަމެއް ދިމާވިޔަސް އެކަމަކާ މެދު ހައިރާނެއް ނުވާނެއެވެ. އެގޮތަށް ކުއްލިއަކަށް ދިމާވާ ކަމެއް ވެސް ވާނީ ކުރިން އެކަމާ މެދު ޚިޔާލު ހިންގިފައިވާ އަދި އެކަމެއް ދިމާވެއްޖެ ނަމަ ދެން ކަންތައްތައް ކުރާނެގޮތަކާ މެދުގައި ވެސް ގޮތްތަކެއް ކަނޑައެޅިފައިވާ ކަމަކަށެވެ.

ނިޓީ-ގްރިޓީގައި ޚާއްޞަ ސަމާލުކަން ދެނީ އެ ހާލަތެއްގައި ހިމެނޭ މެކޭނިކްސްއާއި ޕްރޮސެސްތަކަށެވެ. ވަކިވަކި ފަރުދުން އެ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭނަމަ އާޚިރުގައި އެކަމެއް ވަރަށް ފުރިހަމަވާނެއެވެ. މިގޮތުން ކަމެއް ރާވާއިރު އެކަމެއް ކުރުމުގައި ކުރަންހުރި އެންމެ ބޮޑެތި ކަންތައްތަކުން ފެށިގެން އެންމެ ކުދި ކަންތައްތަކަށް ނަޒަރު ބަހައްޓައިގެން ކަންތައްތައް ރާވާނަމަ އެކަމެއް ފުރިހަމަވުމުގެ ވަރަށް ބޮޑު ބާރަކަށް އެކަން ވެއެވެ. ނިޓީ-ގްރިޓީއަށް ވިސްނައިގެން ވަކިވަކި ފަރުދުން މަސައްކަތްކުރާ ނަމަ ހާސިލުކުރެވޭ ނަތީޖާ އަދި މާބޮޑަށް އިތުރުވެއެވެ. އަދި ދިމާވާ މައްސަލަތައް ހައްލުކުރަން މާ ފަސޭހަވެއެވެ.

މަޝްރޫޢުތަކާ މެދު މަޝްވަރާކުރާ އިރު، ނިޓީ-ގްރިޓީގެ ވިސްނުމުގައި ނުވިސްނައި، ވަކި މަސައްކަތްތަކާއި، މުއްދަތުތަކާއި، ބޭނުންވާ ވަސީލަތްތަކާއި، ކުރިމަތިވެދާނެ ގޮންޖެހުންތަކަށް އަޅާނުލާ މީހުން އެ ބައިމީހުން ދެކޭ ”ކުދިކުދި“ ކަންތައްތަކުގެ ސަބަބުން ގިނަ ފަހަރަށް ފޭލިވާނެއެވެ.

ޝެއަރކުރެއްވުމަށް