މި ހަފުތާގެ ލިޔުން ޚާއްޞަކޮށްލަން ބޭނުން ވަނީ ދިވެހިބަހުގެ ގަވާއިދުގެ ބައިތަކުގެ ތެރެއިން ވަރަށް ބޮޑަށް ފާހަގަކުރެވުނު އަދި އެ ގަވާއިދަކާ ބެހޭ ގޮތުން ކުޑަކޮށް މަޝްވަރާކުރެވި ފޮތްތައް ހުޅުވައި މައުލޫމާތުތަށް އެއްކުރެވުނު, ގަވާއިދެއްގެ ނުކުތާއަކަށެވެ. އާދެ! މި ލިޔުމުގައި ބަލައިލާނީ 2024ވަނަ އަހަރުގެ އެޕްރީލު މަހުގެ 14ވަނަ ދުވަހު ދިވެހިބަހުގެ އެކެޑަމީން ޝާއިޢުކޮށްފައިވާ، ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދުގެ އާ އިސްދާރުގައި ހިމަނާފައިވާ ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދުތަކުގެ ތެރެއިން 5ވަނަ ނުކުތާ (ވިޔައަކުރާއި ހިސާބު އަދަދު) އަށެވެ.
އޮފީހުގެ އެކިއެކި ބޭނުމުގައި ދިވެހިބަހުން ލިޔާލިޔުންތަކާއި ސިޓީބިޓީތަކާއި ރިޕޯޓުތަކާއި ބެނާތަކުގައި ވިޔައަކުރާއި ހިސާބު އަދަދު ވަރަށް ގިނައިން ބޭނުންކުރަން ޖެހެއެވެ. މިގޮތަށް ބޭނުންކުރުމުގައި ވިޔައަކުރާއި ހިސާބު އަދަދު ލިޔުމުގެ ގަވާއިދު، އެންމެންނަށް އެނގިފައި އޮތުން ވެގެން ދާނީ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ކަމަށް ދެކެމެވެ. އެހެންކަމުން ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގަވާއިދުތައް އޮޅުންފިލުވައިދެވޭތޯ މަސައްކަތްކުރާނަމެވެ.
ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދުތަކުގެ 5ވަނަ ނުކުތާ (ވިޔައަކުރާއި ހިސާބު އަދަދު) ގެ (ހ) ގެ ދަށުން އަންނަނީ މިންވަރު ބަޔާންކުރާ އަދަދު ލިޔަންވީ ގޮތެވެ. މި ގަވާއިދު ބަޔާންކޮށްފައި ވަނީ ތިރީގައި މިވާ އިބާރާތުންނެވެ.
(ހ) މިންވަރު ބަޔާންކުރާ އަދަދު:
ވިޔަކުރުމުގެ ގޮތުން ނުވަތަ މިންވަރެއް ބަޔާންކުރުމުގެ ގޮތުން ހިސާބުގެ އަދަދުތައް ލަފުޒުން ލިޔުނަސް ވިޔައަކުރުން ލިޔުނަސް ލިޔާނީ މިސާލުގައި ވާ ފަދައިން ކޮންމެ އަދަދެއް ވަކީންނެވެ.
މިސާލު:
- ތޭރަ ކުދީން، ސަތޭކަ ރުފިޔާ، ސައްބީސް ކުދީން، ފަސް ސަތޭކަ ރުފިޔާ
- 13 ކުދީން، 100 ރުފިޔާ، 26 ކުދީން، 500 ރުފިޔާ
މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިސާލުތަކުން ދޭހަވަނީ ހިސާބު އަދަދެއް ނަމަ އޮންނަން ވާނީ ވަކީންކަމެވެ. ލަފުޒުން ލިޔުމުގައި ވެސް ”ތޭރަ“ އާއި ”ކުދީން“ އާ އޮންނަން ވާނީ ލަފުޒު ވަކިކޮށް ވަކީން ދުރުގައެެވެ. އަދި ”ސަތޭކަ“ އާއި ”ރުފިޔާ“ ވެސް އޮންނަން ވާނީ ލަފުޒު ވަކިކޮށް ވަކީން ދުރުގައެވެ. އަދި ވިޔައަކުރުން ލިޔާ އިރު ވެސް ”13“ ލިޔުމަށް ފަހު ”ކުދީން“ ލިޔާނީ ދުރުގައެވެ. އެހެންކަމުން، މި ގަވާއިދަށް ބަލާ އިރު މިންވަރު ބަޔާންކުރުމަށް ލިޔާ ހިސާބު އަދަދާ އެއްވެސް ލަފުޒެއް ކައިރި ނުކުރާނެއެވެ. އަބަދުވެސް ލިޔާނީ ލަފުޒު ދުރުކޮށް ވަކީންނެވެ.
ވިޔައަކުރާއި ހިސާބު އަދަދު ލިޔުމުގެ ގަވާއިދުގެ (ށ) ގެ ދަށުން އަންނަނީ ހިސާބު އަދަދު ލަފުޒުން ލިޔާންވީ ގޮތެވެ. މި ގަވާއިދުގައި ބަޔާންކޮށްފައި ވަނީ ތިރީގައި މިވާ އިބާރާތުންނެވެ.
(ށ) ހިސާބު އަދަދު ލަފުޒުން ލިޔުން:
ހިސާބު އަދަދު ލަފުޒުން ލިޔާ ނަމަ ލިޔާނީ ކޮންމެ އަދަދެއް ވަކިކޮށްގެން ވަކީންނެވެ.
މިސާލު:
- ދިހަ ލައްކަ ފަންސާސް ހަތް ހާސް އެއް ސަތޭކަ ފަންސާސް ނުވަ ރުފިޔާ
- ފަންސާސް ހަތް ހާސް ނުވަ ސަތޭކަ ސާޅީސް ޑޮލަރު
- ނަވާރަ ހާސް ހަތް ސަތޭކަ ސަތުވަންނަ ރުފިޔާ ހައްޓި ލާރި
- ހާހާ ނުވަ ސަތޭކަ އެކާހައްޓިވަނަ އަހަރު
މި ގަވާއިދުގައި ބަޔާންކޮށްދީފައި މި ވަނީ ހިސާބު އަދަދު ލަފުޒުން ލިޔާ އިރު ކޮންމެ އަދަދެއް އޮންނަން ވީ މިސާލުގައި ވާ ފަދައިން ވަކީން ކަމެވެ. 3ވަނަ މިސާލާއި 4ވަނަ މިސާލުގައި އެ ވަނީ މުސްކުޅި ގުނާ ބަހުރުވައިން ގުނާ އިރު ހިސާބު އަދަދު ލިޔާންވީ ގޮތުގެ ފުރިހަމަ ނަމޫނާއެކެވެ.
3ވަނަ މިސާލުގައި ވާ ”ސަތުވަންނަ“ ލިޔާ އިރު ”ސަތު“ އާއި ”ވަންނަ“ ވަތްކެއް ނުކުރާނެއެވެ. އެއީ މުސްކުޅި ގުނުމުން ގުނާ އިރު އެކުވެގެން އުފެދިފައި ހުންނަ ލަފުޒަކަށް ވާތީއެވެ. ”ސަތުވަންނަ“ މިހާރު ކިޔާ ގޮތަށް ލިޔާ ނަމަ ލިޔާނީ ”ފަންސާސް ހަތެއް“ ލަފުޒު ވަކިކޮށްގެންނެވެ. އެހެނީ އެ ތަނުގައި އެ އަންނަނީ ދެ އަދަދެއް ގޮތަށް ވަކީން ކަމަށް ވާތީއެވެ. ހަމައެފަދައިން 4ވަނަ މިސާލުގައި އެ ވާ ”އެކާހައްޓި“ ވެސް އޮންނާނީ އެއް ލަފުޒަކަށެވެ. އެހެނަސް މިހާރު އަޅުގަނޑުމެން ކިޔާ ގޮތަށް ލިޔާ ނަމަ ލިޔާނީ ”ފަސްދޮޅަސް އެކެއް“ ލަފުޒު ވަކިކޮށްގެންނެވެ. ވީމާ، މި ގަވާއިދުން އެންގިގެން ދަނީ ހިސާބު އަދަދު ލަފުޒުން ލިޔެފައި އޮވެއްޖެ ނަމަ ކޮންމެ އަދަދެއް ވެސް ލިޔާން ވާނީ ވަކީންކަމެވެ.
މި ގަވާއިދުގެ (ނ) ގެ ދަށުން އަންނަ ތަރުތީބާއި ވަނަ ބަޔާންކުރާނެ ގޮތް، މި ގަވާއިދުގައި ބަޔާންކޮށްފައި ވަނީ ތިރީގައި މިވާ އިބާރާތުންނެވެ.
(ނ) ތަރުތީބާއި ވަނަ ބަޔާންކުރުން:
ތަރުތީބެއް ނުވަތަ ވަނަ ބަޔާންކުރުމަށް ޓަކައި އަދަދެއްގެ ފަހަތަށް ”ވަނަ“ މި ލަފުޒު އަންނަ ހާލަތުގައި އެ ދެ ލަފުޒު ލިޔާނީ މިސާލުގައި ވާ ފަދައިން ވަކިނުކޮށް ގުޅުވައިގެންނެވެ. ތާނައިން އަދަދު ލިޔެފައި އޮތަސް ނުވަތަ ވިޔައަކުރުން ޖަހައިފައި އޮތަސް ތަފާތެއް ނެތެވެ.
މިސާލު:
- ތިންވަނައަށް ދިޔަ ފަރާތްތަކަށް ވެސް އިނާމު ލިބޭނެއެވެ.
- ލިސްޓުގެ ފަސްވަނައިގައި އޮތީ ދިރޭ ކުލަބެވެ.
- ދުނިޔޭގެ ނިސްބަތުން ބަލާ އިރު ފުޓްބޯޅައިގައި ދިވެހިރާއްޖެ މިހާރު އޮތީ 155ވަނައިގައެވެ.
- އެންމެ ގަދަ 10ވަނައިގެ ތެރޭގައި އެ ކުއްޖާ ހިމެނެއެވެ.
މި ގަވާއިދުގައި ބަޔާންކޮށްފައި މި ވަނީ ހިސާބު އަދަދު ތާނައިން ލިޔެފައި އޮތަސް ވިޔައަކުރުން ޖަހައިފައި އޮތަސް ”ވަނަ“ ލިޔާނީ ވަކިނުކޮށް ކައިރީގައި ކަމަށެވެ.
މި ގަވާއިދުތަކަކީ ހުރިހާ އެންމެންނަށް ބަލައިގަންނަން ފަސޭހަ ގަވާއިތަކަކަށް ނުވެދާނެއެވެ. އެހެނަސް ދިވެހިބަހުގެ ކަންކަމުގައި ގޮތް ނިންމަވަން ތިއްބެވި ބޭފުޅުންގެ ނިންމެވުންތައް، އެންމެން ވެސް ބަލައިގަންނަން ވާނެއެވެ. އެންމެންނަކީ ވެސް މި ގަވާއިދުތަކާ އެއްގޮތަށް ލިޔުންތައް ލިޔާ ބައެއް ކަމުގައި ވަމާތޯއެވެ.
މައުލޫމާތު ހޯދީ:
- ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު (2024)
