އިންސާނީ ޙައްޤުތަކާބެހޭގޮތުން ކުރެވޭ ބަޙުޘުތަކުގެ އެންމެ ފަލަ ސުރުޚީތަކުގެތެރޭގައި ހިމެނޭ އެއް ސުރުޚީއަކީ، ދީނީ މިނިވަންކަމުގެ ބަޙުޘެވެ. ވަކީން ޚާއްޞަގޮތެއްގައި މުސްލިމުންގެ އާބާދީ ގިނަ ޤައުމުތަކާއި އެ ޤައުމުތަކުގެ ދުސްތޫރީ ނިޒާމު ނިޔާ ކުރާގޮތުގެމަތީން އިސްލާމް ދީނަށް ދެވޭ ޚާއްޞަކަމާގުޅޭ ގޮތުން ދީނީ މިނިވަންކަމުގެ ބަޙުޘަކީ ވަރަށް ހޫނު ބަޙުޘަކަށްވެގެން ދެއެވެ. ދީނީ މިނިވަންކަމުގެ މައްސަލަ ޖުމްލަގޮތެއްގައި އަމާޒުވެގެންވަނީ ދުނިޔޭގައި މިހާރު އޮތް ތަފާތު ދީންތަކުގެތެރެއިންވެސް އިސްލާމް ދީނަށެވެ. ދީނީ މިނިވަންކަމާގުޅޭ ގޮތުން ކުރެވޭ ގިނަ ޒުވާބުތަކާއި ޖަދަލުތައް ބުރުޖަހަމުން ދަނީވެސް އިސްލާމް ދީނުގެ ވަށައިގެންނެވެ. އިސްލާމް ދީނަކީ، އެހެން އެއްވެސް ދީނަކަށް ފުރުޞަތުދޭ ދީނެއް ނޫންކަމާއި އެދީނުން ބޭރުވާ މީހުންނަށް ދެވޭ ޢުޤޫބާތަކީ މެރުންކަމުގައި އެއްބަޔަކު ހާމަކުރަމުން ގެންދާއިރު، އަނެއް ބަޔަކު ވަކާލާތުކުރަނީ، ކޮންމެ ދީނަކަށް އުޅުމާއި އަދި އެއްވެސް ދީނެއް ޤަބޫލުނުކުރުމަކީ އިންސާނީ މިނިވަންކަމުގެތެރޭގައި ހިމެނޭ ވަރަށް މުހިންމު އުސޫލަކަށް ހެދުމަށެވެ. މި މުހިންމު މައްސަލައާ ގުޅޭ ގޮތުން އުފެދޭ ސުވާލަކީ، ބޭނުން ދީނަކަށް ވަނުމުގެ މިނިވަންކަން އިސްލާމް ދީން ދޭހެއްޔެވެ؟ ދީނީ މިނިވަންކަމުގެ މާނައަކީ ކޮބައިހެއްޔެވެ؟
”މިނިވަންކަން“ މިބަހުގެ މާނައަކީ، ވަކި ޚާއްޞަކަމެއް ކުރުން ވާޖިބުވެގެން ނުވުމެވެ. ކުރުމާއި ނުކުރުން ހަމަހަމަވެގެން ވުމެވެ. އެހެނީ، ވަކި ކަމެއް ކުރުން ލާޒިމުވެގެންވާނަމަ، އެކަމާ އިދިކޮޅުކަމެއް ކުރުމުގެ މިނިވަންކަމެއް ނޯންނާނެއެވެ. މިސާލަކަށް ޤާނޫނަށް ތަބަޢުވުމަކީ ލާޒިމު ކަމަކަށްވާއިރު ޤާނޫނާ ޚިލާފުވުމުގެ މިނިވަންކަމެއް ނޯންނާނެއެވެ. މިއާޚިލާފަށް ވިޔަފާރިކުރުމަކީ ހުއްދަކަމެއްކަމުގައިވާއިރު، ވިޔަފާރި ކުރުމާއި ނުކޮށް ދޫކޮށްލުމުގެ މިނިވަންކަން ލިބުނީއެވެ. އެހެންވީމާ، މިނިވަންކަމޭ ބުނެވެނީ ކުރުމާއި ނުކުރުން ހުއްދަވެގެންވާކަންކަމަށެވެ. މިހަމައިން ވިސްނާއިރު، އިސްލާމު ދީނުގައި ދީނީ މިނިވަންކަން އެބައޮތޭ ބުނެވޭނީ، ކޮންމެ ދީނަކަށް އުޅުނަސް ނުވަތަ ދީނެއް ޤަބޫލުނުކުރިޔަސް އެކަން އިސްލާމް ދީން ހުއްދަކުރާނަމައެވެ.
އިސްލާމް ދީނުގައި ދީނީ މިނިވަންކަމުގެ މާނައަކީ އެމީހަކު ބޭނުން ދީނަކަށް އުޅުމާއި ދީނުން ބޭރުވުމުގެ ހުއްދަލިބުންނޫންކަމުގެ ކިތަންމެ ހެކިތަކެއް ކީރިތި ޤުރުއާނާއި ސުންނަތުގައި ބަޔާންވެގެންވެއެވެ. އިސްލާމް ދީން ނޫން އެހެން އެއްވެސް ދީނެއް މާތްﷲ ޤަބޫލުނުކުރައްވާނެކަން އާލު ޢިމްރާނު ސޫރަތުގެ 85 ވަނަ އާޔަތުން އެނގިކަށަވަރުވެއެވެ. އިސްލާމް ދީނުގައި ކުރުން ހުއްދަވެގެންވާ އެއްވެސްކަމަކީ، ޢަޛާބަށް ހުށަހެޅިގެންދާނެކަމެއް ނޫނެވެ. އެކަމަކު، އިސްލާމު ދީނުން ބޭރުވެ، މުރުތައްދުވުމަކީ ކަޑައެޅިގެން ނަރަކައިގެ ޢަޛާބަށް ހުށަހެޅިގެންދާނެކަމެކެވެ. އެހެންވީމާ، ދީނީ މިނިވަންކަމަކީ އިސްލާމް ދީން ޤަބޫލުކުރާ އައިޑިއޮލޮޖީއެއްނޫނޭ ދެންނެވިދާނެއެވެ. މިގޮތުން ބާޒާރަށް ގޮސް އުޅޭމީހާ، ގަންނަށް ބޭނުންވާ އެއްޗެއް ލިބެންދެން ފަހަރަކުފިހާރަކަށް ވަދެ ނުކުމެ އުޅުމުގެ މިނިވަންކަން އޮންނަފަދައިން އިސްލާމް ދީނަށްވަދެ ނުކުތުމުގެ މިނިވަންކަން އިސްލާމް ދީނެއް ނުދެއެވެ. އެހެންވީމާ، އިސްލާމްދީނަށް ވަނުމާއި އެދީނުން ބޭރުވުމުގެ މައްސަލައަކީ، އިންސާނީ މިނިވަންކަމާގުޅިފައިވާ މައްސަލައެއްގެ ގޮތުގައި ނިންމާލެވެން އޮތް މައްސަލައެއްނޫނެވެ. ސަބަބަކީ، މިއީ ޤާނޫނީ މައްސަލައަކަށް ވުމުގެ އިތުރުން އިޖްތިމާޢީ ހަމަޖެހުމާއި ދީނީ އެއްބައެއްވަންތަކަމާވެސް ގުޅިފައިވާ މައްސަލައެއްކަމުގައިވާކަމެވެ. އިސްލާމު ދީނުގެ ސާބިތުކަމާއި ތެދުކަމާވެސް ގުޅިފައިވާކަމެވެ. އިސްލާމް ދީނަށް ވަނުމާއި އެދީން ދޫކޮށްލުމުގެ ހުއްދަ ލިބިގެންވުމުގެ މާނައަކީ، އިސްލާމުދީނުގެ އެއްވެސް ސާބިތުކަމެއްނެތްކަމެވެ. އެދީނުގެ ތެދުކަމާމެދު ޝައްކުއުފެދުމެވެ.
އިސްލާމް ދީނަކީ، އެހެންދީންތަކުގެ އަހުލުވެރީންނަކީ ވެސް އިންސާނުންކަމުގައި ދެކޭ ދީނެކެވެ. އެދީންތަކުގެ އަހުލުވެރީންނަށް އެވެރީންގެ ދީނާ އެއްގޮތްވާ ގޮތުގެމަތީން އަޅުކަންކުރުމުގެ ފުރުޞަތުދޭ ދީނެކެވެ. އެކަމަކު، އެހެން ދީންތަކުގެ އަހުލުވެރީން އެވެރީންގެ ދީނާއެއްގޮތަށް އަޅުކަންކުރުމުގެ ފުރުޞަތު ދިނުމާއި، އެވެރީންނަށް ކަމޭހިތުމަށް އިސްލާމް ދީން ގޮވާއިލަނީ، އެމީހަކު ބޭނުން ދީނަކަށް އުޅުން ހުއްދަވެގެންވާތީއެއް ނޫނެވެ. އާދަމުގެ ދަރީންނަށް އިސްލާމު ދީން ކުރާ އިޙްތިރާމެއްގެ ގޮތުންނެވެ. އިންސާނީ ޟަމީރަށް ފެންނަގޮތް ބަލައިގަތުމުގެ ޠަބަޢީ ބާރެއް ދެއްވާފައިވުމާއެކު، އެ އިޚްތިޔާރުގެދަށުން ޚިޔާރުކުރި ގޮތެއްގެ ފުރިހަމަ ޖަޒާ ދެއްވުމުގެ އިންސާފަށް މަރުވެ ދިޔުމަށްފަހު ކޮންމެ އިންސާނަކުމެ ހުށަހެޅިގެންދިޔުމަށް ހަމަޖެހިފައިވާތީވެސްމެއެވެ.
ދީނީ މިނިވަންކަމާބެހޭގޮތުން ކުރެވޭ ބަޙުޘްތަކުން ދޭހަވެގެންދަނީ، ބޭނުން ދީނަކަށް އުޅުމުގެ ހުއްދަ އިސްލާމް ދީން ދޭކަހަލަ މާނައެކެވެ. 1948ވަނަ އަހަރު އެކަށައެޅުނު އިންސާނީ ޙައްޤުތަކާބެހޭ ބައިނަލް އަޤްވާމީ ޤަރާރުގެ 18 ވަނަ މާއްދާއާ ޚިލާފުވާކަމެއްކަމުގައިވާތީ ބޭނުން ދީނަކަށް އުޅުމާއި ނޫޅުން ހުއްދަކުރުން ނޫންގޮތެއް ނެތްކަމުގެމާނައެކެވެ. ބޭނުން ދީނަކަށް އުޅުމުގެ ހުއްދަ ނުދިނުމަކީ، އިންސާނީ ޙައްޤުތަކުގެތެރޭގައި ހިމެނޭ އަސާސީ ޙައްޤެއް ނިގުޅައިގަތުމުގެ މާނައެކެވެ. އެހެންކަމާއެކު، ދީނީ މިނިވަންކަމާބެހޭގޮތުން ހިނގާބަޙުޘުތަކުގެ ޙަޤީޤީ ބޭނުމަކީ، އިސްލާމް ދީނުން ބޭރުވެގެން ދިޔުމުގެ ލައިސަންސެއް ހޯދުމޭވެސް ދެންނެވިދާނެއެވެ.
އިސްލާމް ދީނުން ބޭރުވުން ހުއްދަކުރުމާއި އެމީހަކު ބޭނުން ދީނެއް އިޚްތިޔާރުކުރުމުގެ ޠަބަޢީ ބާރެއް ކޮންމެ އިންސާނަކަށްވެސް ލިބިގެންވާކަމަށް އިޢުތިރާފުވުމާ ވަރަށް ތަފާތެވެ. އެއްކަމަކީ، ޝަރްޢީގޮތުން ކަމެއްކުރުމާއި ނުކުރުމަށް ގޮތެއްކަނޑައެޅުމެވެ. މިއީ އެއްވެސް އިންސާނަކަށް ކުރެވޭނެކަމެއްނޫނެވެ. މިކަން އޮތީ ކަޑައަޅައި ނިމިފައެވެ. އިސްލާމް ދީނުން ބޭރުވެގެންދިޔުން ހުއްދަވެގެންވާ މިނިވަންކަމެއް އެދީނުގައި ނެތެވެ. އަދި އަނެއްކަމަކީ، ޠަބަޢީގޮތުން ކޮންމެ އިންސާނަކަށްމެ މާތްﷲ ދެއްވާފައިވާ އިޚްތިޔާރުކުރުމާއި ނުކުރުމުގެ ކުޅަދާނަކަމެކެވެ. މި އިޚްތިޔާރުގެ ދަށުން ދީނީ ގޮތުންނާއި ޤާނޫނީ ގޮތުން ކުރުން ހުއްދަވެގެންވާކަންކަމާއި މަނާކަންކަން ކުރުމާއި ނުކުރުމުގެ އިޚްތިޔާރު ކޮންމެ އިންސާނަކަށްމެ ލިބިގެންވެއެވެ. އިސްލާމް ދީނަށް ވަނުން ނުވަތަ އެ ދީނުން ބޭރުވެގެންދިޔުމަކީވެސް މިބާވަތުގެ ކަމެކެވެ. މުސްލިމަކަށްވުމަކީ، މާތްﷲ ވާޖިބުކުރައްވާފައިވާ ކަމެކެވެ. އަދި އެދީނުން ބޭރުވުމަކީ، ކުފުރުވުމެވެ. ނަރަކައިގެ ޢަޛާބަށް ހުށަހެޅިގެންދާނެކަން ކަށަވަރު ކަމެކެވެ. އެހެންވީމާ، އިސްލާމު ދީނުން ބޭރުވެގެންދިޔުމުގެ މިނިވަންކަމެއް އެ ދީނެއް ނުދެއެވެ. ދީނީ މިނިވަންކަން އޮތުމާއި ދީނެއް އިޚްތިޔާރު ކުރުމާ ދެމެދުގައިވާ ތަފާތަކީ މިއީއެވެ.
ދިވެހި ރާއްޖޭގެ ތާރީޚަށް ނަޒަރު ހިންގައިލާއިރު، ހާމަވަމުންދާ ޙަޤީޤަތަކީ، މި ކުޑަޖަޒީރާ ޤައުމުގެ އެވޭލާ ޒަމާނުގެ އަހުލުވެރިންނަކީ، އިސްލާމުދީން މަތީގައި ތިބި ބަޔެއް ނޫންކަމުގެ ޙަޤީޤަތެވެ. މީލާދީން ސަނަތުން 1153ގައި މި ޤައުމުގެ އަހުލުވެރިންނަށް މިންވަރުވެގެން ދިޔަ އިލާހީ ޢިނާޔަތާއެކު، މުޅި ޤައުމުގެ އެންމެންނަށް އިސްލާމް ދީނުގެ ހިދާޔަތް ލިބިގެން ދިޔައެވެ. އަދި އެ ދުވަހުންފެށިގެން ދިވެހިންގެ މުޅި ދިރި އުޅުމަށާއި އާދަކާދައަށް ބަދަލުތަކެއް އައެވެ. ދިވެހީންގެ ބަހުގެތެރެއަށް އައު އިޞްޠިލާޙުތަކެއް ތަޢާރަފުވެގެން ދިޔައެވެ. އިސްލާމް ދީނާ ބީރައްޓެހި އާދަކާދަތައް މަޑުމަޑުން ނެތެމުން ދިޔައެވެ. ބުދު ދީނުގައި 1400 ވަރަކަށް އަހަރުވަންދެން ދެމި ތިބި ބަޔެއްގެ ތެރޭގައި ފެތުރިފައި އޮތް، ޚުރާފީގޮތްތަކާއި ބާޠިލު ޢަޤީދާއެއްގެ ސަބަބުން ވެރިވެފައި އޮތް ޖާހިލުކަމާއި އަނދިރިކަންނެތި، ސާބިތު ޢަޤީދާއެއްގެ މަތީގައި ދިރިއުޅުން ބިނާކުރުމުގެ ފުރުޞަތު ތަނަވަސްވެގެންދިޔައެވެ.
މާތްވެގެންވާ އިސްލާމް ދީނަށް މި ދީބުގެ އަހުލުވެރިން، މިޞްރާބު ހިފި ހިސާބުންފެށިގެން، މުޅި ދިވެހިންގެ ވުޖޫދަށް ވެރިވެގެންދިޔައީ އުޖާލާކަމާއި ފަހިކަމެވެ. އަމިއްލަވަންތަ ބަޔެއްގެ ސިފަ ޖެހި، އެއްބައެއްވަންތަ އުންމަތަކަށް ނިސްބަތްވެގެން ދިޔައެވެ. ދިވެހި ތާރީޚު ހެކިދޭފަދައިން، ދިވެހިރާއްޖޭގެ އަހުލުވެރިންގެ ކިބާގައި އުފެދިގެންދިޔަ ޤައުމީ ލޯތްބާއި، އެއްބައެއްވަންތަ ޝުޢޫރުތައް އެންމެ ބޮޑަށް ދިރިގެން ދިޔައީ ވެސް، މާތްވެގެންވާ އިސްލާމް ދީނުގެ ހިދާޔަތު ދިވެހީންނަށް ލިބިގެން ދިޔަ ހިސާބުންނެވެ. މި ދީބުގެ އަހުލުވެރިން، އިސްލާމް ދީން ޚިޔާރުކުރި ތާރީޚީ ޙާދިޘާއަކީ، ދުނިޔޭގައިވެސް އެފަދަ ދެވަނަ މިސާލެއް ނެތް ޙާދިޘާއެކޭ ދެންނެވިދާނެއެވެ. ދިވެހި ރާއްޖޭގެ އަހުލުވެރިން، އިސްލާމް ދީނުގެ ހިދާޔަތު ލިބިގަތުމުގެ މުނާޞަބާއަކީ ފާހަގަކޮށްނުލައި ދޫކޮށްލެވޭ ވަރަށްވުރެ މުހިންމު ޙާދިޘާއަކަށް ވީ އެހެންވެއެވެ. އިސްލާމް ދީނުގެ ހިދާޔަތުގެ މަތީގައި ދިވެހިން ސާބިތުބެގެން ތިބުމުގެ ނަތީޖާއިން ދުނިޔެވީ ޙަޔާތާއި އަޚްރަވީ ޙަޔާތް ކާމިޔާބުވެގެންދާތީއެވެ. ދިވެހިންނަށް ލިބުނު ހިތްވަރާއި ކެރުން އިސްލާމު ދީނުގެ ސަބަބުން ލިބިގެން ދިޔައީތީއެވެ. އާލު ޢިމްރާނު ސޫރަތުގެ 139 ވަނަ އާޔަތުގައި ވާފަދައިން [ތިޔަބައިމީހުން (ފިނޑިވެ) ނިކަމެތި ނުވާށެވެ! އަދި، ތިޔަބައިމީހުން ހިތާމަވެސް ނުކުރާށެވެ! މަތިވެރިކަން ބޮޑުވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. (އެއީ) ތިޔަބައިމީހުން مؤمنން ކަމުގައި ވާނަމައެވެ.] މި ފަދަ ބަސްފުޅުތަކުން ހިތްވަރު ލިބިގެން ދިޔައީތީއެވެ.
ތާރީޚު ހެކިދޭގޮތުގައި، ދިވެހިރާއްޖޭގެ އަހުލުވެރިން، ޣައިރު ދީނަށް ވެއްދުމަށްޓަކައި، ނުވަތަ، މި ރާއްޖޭގައި އެހެން ދީންތަކަށް ފުރުޞަތު ހޯދައި ދިނުމުގެ ގޮތުން ނުރައްކާތެރި އެތައް މަސައްކަތްތަކެއް ކުރެވިފައިވެއެވެ. އަދި ހުއްޓުމެއްނެތި އެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ދިވެހިރާއްޖޭގެ މައްޗަށް ޕޯޗުގީޒުން ވެރިވެގަނެގެން އުޅުން ދުވަސްވަރުވެސް އެވެރިންގެ އެންމެ އިސްކަމެއްގެ ގޮތުގައި ހިންގަމުން ގެންދިޔަކަމަކީ، ރާއްޖޭގެ އަހުލުވެރިން ކްރިސްޓިއަން ދީނަށް އަނބުރައިލުމެވެ. އަދި މިހާރަކަށް އައިސް، ދޭތެރެ ދޭތެރެއިން، ރާއްޖޭގައި އެހެން ދީންތަކަށް ފުރުޞަތު ލިބޭތޯ ތަފާތު ފެންވަރުގައި ދަނީ މަސައްކަތް ކުރެވެމުންދާކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. އެހެންނަމަވެސް، ރާއްޖޭގެ ގިނަ ރައްޔިތުންގެ ފިކުރާއި، ވެރިކަމުގެ ސިޔާސަތު ހިންގަމުން އަންނަ ނިޒާމުގެތެރެއިން، އެވެރިންގެ ހުވަފެނުގައި ކުލަޖެހުމަކީ އެ ހާފަސޭހަކަމެއް ނޫންކަން ޔަޤީނެވެ. މި ޔަޤީންކަން ލިބިގެން ދިޔުމުގެ އެންމެ ވަރުގަދަ ވަސީލަތަކީ، ހަމަ މި ރާއްޖޭގެ ގިނަ ރައްޔިތުންގެ ހިތްތަކުގައި އަދިވެސް ބިންވަޅު ނެގިފައިވާ ޢަޤީދާއަކީ އިސްލާމީ ޢަޤީދާކަމުގައިވުމެވެ. މާތްﷲ މި ރާއްޖޭގެ އަހުލުވެރިންނަށް އިސްލާމް ދީނުގެ ހިދާޔަތު ދެއްވި ހިނދު، އެ ނިޢުމަތުގައި ގަދައަށް ހިފަހައްޓައިގެން ތިބޭހައި ދުވަހަކު ދުނިޔެވީ ނިކަމެތިކަމެއް ނުލިބޭނެކަން ކަށަވަރުވުމާއެކު އެކީގައި އުޚުރަވީ ޙަޔާތް ބާއްޖެވެރިވެގެން ދާނެ ކަމާމެދު އެއް އެއްވެސް ޝައްކެއްނެތެވެ. މި މަތިވެރި ނިޢުމަތާ ދިވެހިން ފުރަގަސް ދީފިނަމަ، އެފަދަ ދުވަހެއް ވެގެންދާނީ، ދިވެހި އުންމަތަށް ވެރިވެގެންދާނޭ އެންމެ ބަނަ، އަބާއްޖަވެރި ދުވަހެއްކަމުގައެވެ. އަދި އުޚުރަވީ ޙަޔާތުގައި ކަންވެ ނިމިގެންދާނޭ ގޮތް ބަޔާންކުރައްވައި މާތްﷲ، ޠާހާ ސޫރަތުގެ 125-126ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވަނީ: [އެމީހާ ދަންނަވާނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ކަނުމީހެއްގެ ގޮތުގައި މިއަޅާ މަޙުޝަރަށް ފޮނުއްވީ ކީއްވެތޯއެވެ؟ ހަމަކަށަވަރުން، ލޮލަށްފެންނަ މީހަކު ކަމުގައި (ދުނިޔެމަތީގައި) މިއަޅާވީމެވެ. އެކަލާނގެ ވަޙީކުރައްވާނެތެވެ. ހަމައެފަދައިން ތިމަންރަސްކަލާނގެ އާޔަތްތައް ކަލެޔާ ހަމަޔަށްއައެވެ. ފަހެ، އެ އާޔަތްތައް ކަލޭ ހަނދާން ނައްތައިލީމުއެވެ. ހަމައެފަދައިން، މިއަދު ކަލޭގެމަތިން ހަނދާން ނައްތައިލެވޭނެތެވެ. (އެބަހީ: اللَّهގެ ރަޙުމަތުން މަޙްރޫމު ކޮށްލެވޭނެތެވެ.)]
ދިވެހިންގެ ޙަޔާތަށް ތަނަވަސްކަމާއި ތިޔާގިކަންވެރިވެ، ޤައުމުގެ އެކި ދިމަދިމާއިން، އިހުގޮތްތައް ދޫކޮށް، ޒަމާނީ ފަސޭހަ ގޮތްތައް ފެތެރުމުންދާ މަންޒަރު ފާޅުވުމުގެ މާނައަކީ، ދިވެހީންގެ ހަރުދަނާ އުޞޫލުތަކާއި އިސްލާމް ދީނުގެ މަތިވެރި ހިދާޔަތުން އެއްކިބާވެގެން ދިޔުމެއް ނޫނެވެ. ތަރައްޤީއާއި ފަސޭހަތައް މި ދީނުގައި ދެމި ތިބެގެންވެސް ލިބިގެންދާނެކަމީ ޝައްކެއް އޮތްކަމެއްނޫނެވެ.
އިސްލާމް ދީނަކީ އިންސާނާގެ މިނިވަންކަމަށް ހުރަސް އަޅާ ދީނެއް ނޫންކަން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. ޙަޤީޤަތުގައިވެސް، އިސްލާމް ދީން މާތްﷲ، ބާވައިލެއްވީ، އިންސާނީ ކަސްތޮޅުތަކުން އިންސާނުން މިނިވަންކުރުމަށެވެ. އިންސާނުންގެ އަޅުވެތިކަމުގެ ދަށުން މިނިވަންކޮށްދެއްވުމަށެވެ. މިކަން މިމަގުން ހިގަމުން ދިޔަ ނަމަވެސް، އިންސާނީ ކަރާމަތްތެރިކަމާއި ޢިއްޒަތުއް ނަފުސުގެ ޙުރުމަތްތެރިކަމަށް ރިޢާތްކުރުމާއެކު، އެހެން ދީންތަކަށް ބަދުބަސްތަކާއި އެ ދީންތަކުގެ މީހުންނާމެދު ނަފުރަތުގެ ޝުޢޫރުތައް ފާޅުކޮށް،އިސްލާމް ދީނުގެ ނަމުގައި ސުލްޙައާއި އަމާންކަން ނަގައިލުމަކީވެސް އިސްލާމް ދީން ދަސްކޮށް ދިން ތަހުޛީބާއި މަދަނިއްޔަތުގެ ސިފަތަކާވެސް މުޅިން ޚިލާފުކަމެކެވެ.
