ތިމާގެ އަމިއްލަ ބަސް ނޫން އެހެން ބަހެއް ތިމާއަށް ދޭހަނުވުމަކީ، ނުވަތަ އެބަހަކަށް ތިމާ ކޮށިވުމަކީ، ނުވަތަ އެބަހެއް ތިމާއަށް ނޭނގުމަކީ، އެބަހަކާ ހުރެ ތިމާ ތިމާގެ މުޖުތަމަޢުގެ އެއްވެސް ކަމަކުން ބާކީވެ އެކަހެރިވާން ޖެހޭނޭ ސަބަބެއް ނޫނެނެވެ. ބަހަކީ އިލާހީ އެއްޗެކެވެ. އެއީ އިންސާނުނަށް ﷲ ދެއްވި އަގުބޮޑު ނިޢުމަތެވެ. ކޮންމެ ބަޔަކަށް ވެސް އެބަޔެއްގެ ޝުޢޫރާއި އިޙުސާސްތައް ފާޅުކޮށް ބަޔާންކުޅައުމަށް ﷲވަނީ ބަހެއް ދެއްވައިފައެވެ. އެބަޔަކަށް ﷲދެއްވި މި ނިޢުމަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފަން ޖެހެއެވެ. ﷲ ދެއްވި ބަހުގެ ނިޢުމަތަށް ޝުކުރުވެރިވުންކަމުގައި ވާނީ ޝައްކެއް ވެސް ނެތެވެ. އެބަހެއްގެ އަހުލުވެރީން އެބަސް ބޭނުންކުރުމެވެ. އެބަހަށް އަޅައިލުމެވެ. އެބަހުގެ ވާސިޠާއިން ހެޔޮކަންތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުމެވެ. ޝައްކެއް ވެސްނެތް، ހަމަހަމަކަމާއި އިންޞާފުގެ މަގުން ކޮންމެ ކަމެއްގައިމެ މީސްތަކުން ހިމެނުމުގައި އެބައިމީހުންގެ އަމިއްލަ ބަހުގެ މައްޗަށް މުޖުތަމަޢުގެ ކަންކަން ތަބަޢަކޮށް ބިނާކުރުވާނީ މުޖުތަމަޢުން އެކަހެރިވުމާއި ބާކީވުމުގެ ބައްޔަށް ދެވޭ ލާބަހުރި ދަވާއެވެ.
އާދޭހެވެ. ބަސްބަހުން އަންގައިދެނީ އެބަހެއްގެ އަހުލުވެރީންނެވެ. ބަހެއް ލިބިގެންވުމަކީ ޤައުމެއްގެ ޙައިޘިއްޔަތު ބޮޑުވުމުގެ އިތުރަށް އެ ޤައުމެއްގެ މުސްތަޤިއްލުކަމާއި އެޤައުމުގެ ޤައުމީ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ މަތިވެރި ޝަރަފެއް އޮތްކަމުގެ ފުރިހަމަ ދަލީލެއްވެސްމެއެވެ. ޤައުމެއްގެ ތާރީޚާއި އެޤައުމެއްގެ ވާހަކަ ޖީލުން ޖީލަށް އުފުލައިދެނީ ބަހުގެ ވާސިޠާއިންނެވެ. ޤައުމެއްގެ އަހުލުވެރީންނަށް އެބައިމީހުންގެ ޖަޒުބާތުތަކާއި ޝުޢޫރުތައް ބިރެއް ސިހުމެއް ޖެހިލުމެއް ނެތި ފާޅުކޮށް ބަޔާންކުރެވެނީ އެބައިމީހުންގެ ބަހުންނެވެ. އަމިއްލަ ބަހުންނެވެ. އާދެ މާދަރީބަހުންނެވެ. އެންމެން ޝާމިލްކުރުމަށްޓަކައި މާދަރީބަސް އިސްކުރަން ޖެހެނީ އިޖުތިމާޢީ އެކިކަންކަމުގައި، އެއީ އުނގެނުން ކަމުގައި ވިޔަސް، ކުޅިވަރު ކުޅުންކަމުގައި ވިޔަސް، މުބާރާތެއްގައި ބައިވެރިވުން ކަމުގައި ވިޔަސް، މަޝްވަރާއެއް ކުރުންކަމުގައި ވިޔަސް، ކޮންމެ ކަމެއް ކަމުގައި ވިޔަސް އެންމެންނަށް ހަމަހަމަކަމާއެކު އެއްވެސް ހުރަހެއް ނެތި ބައިވެރިވުމުގެ ނުވަތަ ޝާމިލްވުމުގެ ފުރުޞަތު ލިބެނީ އެ ބައެއްގެ އަމިއްލަ ބަސް ނުވަތަ މާދަރީބަހުގެ ތެރެއިން ކަމުގައި ވާތީއެވެ.
ކަންކަމުގައި އެންމެން ޝާމިލްކުރުމުގައި މާދަރީބަހަށް އިސްކަން ދީ މާދަރީބަހުން ކަންކަން ކުރުމަކީ އިންސާނީ އަސާސީ ޙައްޤެކެވެ. މުޖުތަމަޢުގެ އެންމެންގެ ބައިވެރިވުން އެހެންނޫނީ ނުލިބޭނެއެވެ. ތިމާ ނުދަންނަ ބަހަކުން ނުވަތަ ތިމާއަށް ދޭހަވުންކުޑަ ބަހަކުން މުޢާމަލާތުކުރަން ޖެހުމުގެ ސަބަބުން ތަޢުލީމުގެ އެތައް މަރުޙަލާއަކުން ނާކާމިޔާބީއާ ކުރިމަތިލައި ބާކީވެފައި އެތައް ހާސް އެތައް ލައްކަ އިންސާނުން ދުނިޔޭގެ އެތައް މިތާނގައި އެބަ ތިއްބެވެ. އުނގެނުމާއި އުނގަންނައި ދިނުމުގައި ބޭނުންކުރާ މައިގަނޑު ބަސް އެއީ އެބައެއްގެ އަމިއްލަ ބަސް ކަމުގައި ހެދުމަކީ މިދެންނެވި އިޖުތިމާޢީ ބަލިމަޑުކަމަށް އޮތް ފަރުވާއެކެވެ. ޙައްލެކެވެ.
މާދަރީބަހަކީ ވަރަށް ބާރުގަދަ ވަސީލަތެކެވެ. އެއީ އެއްބައިވަންތަކަމުގެ އަސްލެވެ. ދިވެހީންގެ މާދަރީބަހަކީ ދިވެހިބަހެވެ. ދިވެހިބަހަކީ ދިވެހީންގެ އަމިއްލަވަންތަކަމުގެ ރަމްޒެވެ. ދިވެހީންގެ ފަޚުރާއި ޝަރަފެވެ. ދިވެހިބަސް ޙިމާޔްތަކޮށް ކުރިއަރުވައި ތަރައްޤީކުރުމަކީ ދިވެހީންގެ ކަމެކެވެ. ބަވަނަވަމުން އަންނަ ދުނިޔެއަށް ދިވެހިރާއްޖެ ހުޅުވެމުންދާ ހަލުވި ދުވެއްޔާއެކު ދިވެހިބަސް ވެސް ދަނީ ބައިނަލްއަޤުވާމީ ދުނިޔެއަށް ތަޢާރަފްވަމުންނެވެ. މިއަދު ދިވެހިބަހަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޭރުބަސްބަހުގެ ނުފޫޒާއިބާރު ދިވެހިބަހުގެ މައްޗަށް ފޯރުމެވެ. ޔުނެސްކޯއިން ދުނިޔޭގެ ދައުލަތްތަކަށް އިލްތިމާސްކުރަނީ އަމިއްލަބަހުގެ ތެރެއިން ބަވަނަވެރި ރަށްވެހިކަން ހޯދައިދިނުމަށް ފުރުޞަތު ފަހިކުރުމަށެވެ. ތަޢުލީމުގެ ތެރެއިންނާއި ތަޢުލީމުގެ ޒަރިއްޔާއިން މީސްތަކުން އެކިކަންކަމުގައި ޝާމިލްކުރެވޭނީ އެބައެއްގެ މާދަރީބަހަށް އިސްކަން ދީގެންނެވެ. މިއަހަރުގެ ބައިނަލް އަޤުވާމީ މާދަރީބަހުގެ ދުވަހަށް ޔުނެސްކޯއިން ކަނޑައަޅުއްވައިފައިވާ ޝިޢާރަކީ އުނގެނުމުގައި އެންމެން ހިމެނުމަށް:މާދަރީބަސް މިއެވެ.
ފެންވަރުހުރި ތަޢުލީމެއް، އެކަކުވެސް ބާކީނުވާނޭހެން އެންމެން ޝާމިލްވާ ގޮތަށް ފޯރުވައިދެވޭނީ ވެސް އެބައެއްގެ މާދަރީބަހުގެ މައްޗަށް ތަޢުލީމީ ނިޒާމް ބިނާކޮށްގެންނެވެ. އެ ތަޢުލީމު ހަމަހަމަކަމާއި އިންސާފާއެކު އެންމެންނަށް ޝާމިލްވެވޭނޭ ތަޢުލީމެއްކަމުގެ ޔަޤީންކަން ލިބޭނީ އޭރުންނެވެ. އަދި ބަވަނަވެރި ރަށްވެހިކަމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންތެރި ތަޢުލީމެއްކަމުގައި ވެސް އެ ތަޢުލީމު ވާނީ އޭރުންނެވެ. އެހެންކަމުން އެކިއެކި ޢިލްމުތައް ފަސޭހައިން އުނގެނި ދަސްކުރުމުގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށްޓަކައި މާދަރީބަހުން ތަޢުލީމު ދިނުމަކީ މުހިންމުކަމެކެވެ. އެހެންކަމުން އިޖުތިމާޢީ އެންމެހައިކަންކަމުގައި އެކަކުވެސް ބާކީ ނުކޮށް ހިމެނުމަށްޓަކައި އަޅުގަނޑުމެންގެ ފަޚުރާއި ޝަރަފްކަމުގައިވި އަޅުގަނޑުމެންގެ މާދަރީބަސް އާދެ ދިވެހިބަހަށް އިސްކަން ދެމާތޯއެވެ.! ދިވެހިޤައުމުގެ ޝަރަފަށްޓަކައެވެ. ދިވެހިޤައުމުގެ އަމިއްލަވަންތަކަމަށްޓަކައެވެ. ދިވެހި ކޮންމެ މުވާޠިނެއްގެ އިންސާނީ އަސާސީ ޙައްޤަށްޓަކައިވެސް މެއެވެ.
އަމިއްލަ ބަސްބަސް ނުވަތަ މާދަރީބަސް ބޭނުންކޮށްގެން އެންމެ މިޒަމާނުގެ ސައެންސުގެ ޢިލްމާއި، ހިސާބު ޢިލްމާއި، ފިޒިކްސްއާއި ޓެކްނޯލޮޖީއާއި އަދި އެހެނިހެން ދާއިރާތަކުގެ ޢިލްމުވަރަށް ފުރިހަމައަށް ރައްދުކުރެވޭކަމަށް ދިރާސާތަކުން ދައްކައެވެ. އަޅުގަނޑުމެންގެ ދުނިޔޭގެ އެކި ހިސާބުތަކުގައި ސައެންސްގެ ދާއިރާގައި ބޭނުންކުރަމުންދާ ގިނަ ބަސްބަހަކީ އަމިއްލަ ބަސްބަހެވެ. އެންމެ ބޮޑަށް ނުރައްކާތެރިކަން ކުރިމަތިވެފައިވަނީ ވެސް މިބަސްބަހަށެވެ. ބަސްބަސް އެކަހެރިކުރުމަކީ، އެބަސްބަހުން ވާހަކަދައްކާ މީހުންގެއިންސާނީ ޙައްޤުތަކުގެ ތެރެއިން އަސާސީ ޙައްޤެއްކަމަށްވާ ސައެންސްގެ މަޢުލޫމާތު ލިބިގަތުމުން އެމީހުން އެކަހެރިކުރުމެވެ. މިއީ ޙަޤީޤަތުގައި ވަރަށް ބޮޑު ބޭއިންޞާފެކެވެ.
މާދަރީބަހުން ޢިލްމު ފޯރުވައި ދިނުމަކީ އެއްވެސް ފަރުދަކު ބާކީ ނުކޮށް މުޅި ނިޒާމުގައި ޝާމީލްކުރުމުގެ އެންމެ އަސާސީ ރުކުނެއްކަމަށް ވުމުގެ އިތުރުން އިންސާނުންގެ ސިކުނޑި ހުޅުވައިދީ ތަނަސްވަކޮށްދޭ މައި ފުރަފާރައަކީ ވެސް އެ ބައެއްގެ މާދަރީބަހެވެ. މިހެންވުމުން ފުޅާ ދާއިރާއެއްގައި ސިކުނޑިތައް ބައްޓަންކުރުމުގައި އަމިއްލަބަސްބަހުގެ ދައުރު މުހިންމެވެ. އަދި ހަމައެހެންމެ އެކި މުޖުތަމަޢުތަކުގައި ދިރިއުޅުން ފަހިކުރުވުމުގައްޔާއި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާން ދަންނަ ބަވަނަވެރި ރައްޔިތެއް އުފެއްދުމުގައި މާދަރީބަސް އަދާކުރާ ދައުރުގެ ބޮޑުކަމާއި އިސްކަން ވެސް އެހައިމެ މުހިންމެވެ.
ދިވެހި ބަހުގެ ޝަރަފާއި އޭގެ ޤަދަރާއި ހައިބަތަށްޓަކައި، އަދި މުޅި މުޖުތަމައުގެ އެންމެން ހަމަކޮންމެ ކަމެއްގައިމެ ހިމެނުމަށް، ޝާމިލްކުރުމަށްޓައި އިޖުތިމާޢީ އަދި މަދަނީ ތަރައްޤީގެ އެކިކަންކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކާއި، ތަޢުލީމުދޭ ފަރާތްތަކާއި، ސަގާފީ ޖަމްޢިއްޔާތަކާއި އަދި މީޑިއާތަކަށް ޔުނެސްކޯފަދަ ދުނިޔޭގެ މައި ބޮޑެތި ޖަމާޢަތްތަކުން އިލްތިމާސްކުރަނީ ބަސްބަހުގެ ސިންދަފާތުގެ ބޭނުން، ޞުލްޙަވެރިކަމަށާއި ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލްކުރުމުގައި ފުރިހަމައަށް ހިފުމަށެވެ. އަމިއްލަ މާދަރީ ބަސް ޙިމާތްޔަތްކޮށް ރައްކައުތެރިކޮށް އާލާކޮށް ދިރުވަން ކެނޑިނޭޅި މަސައްކަތްކުރުމަށެވެ. އިންސާނީ ބަހަވީ ޙައްޤުން އެއްވެސް އިންސާނަކު ބާކީ ނުކޮށް އަމިއްލަ ބަހުގެ ތެރެއިން ހަމަ ކޮންމެ ކަމެއްގައިމެ ޝާމިލްވެ އުޅުމުގެ ފުރުޞަތު ހޯދައި ދިނުމަށެވެ. ދިވެހިބަހުގެ އަހުލުވެރީންނަށް ދިވެހިބަހުގެ ތެރެއިން ޝާމިލްވުން ހޯދައިދޭށެވެ.
