އަޅުގަނޑުމެންގެ އަގު ބޮޑު މިނިވަން ރަން ދިހަ ފަހެއް ފާހަގަކުރަމުންދާ އުފާވެރި މި އަހަރުގެ ތަހްނިޔާއާއި ތަބްރީކާތުތައް، އެންމެހާ އަޚުންނަށާއި އުޚްތުންނަށް އަރިސްކުރަމެވެ. މިނިވަންކަމުގެ މި އިޙްތިފާލުތަކުގެ ތެރޭގައި ޙަޤީޤީ މިނިވަންކަމާ މެދު ބަލައިލަން ޖެހެއެވެ. ހުޅަނގުގެ މާއްދީ ރަން ދަޅައިގައި ޖެހި އަވާރާވެފައިވާ އިންސާނުން ވަނީ އެ ޙަޟާރަތުގެ ޓެކްނޮލޮޖީގެ އަރުތަތަކުގެ ކުރިމަތީގައި އިނދަޖެހި ބަލިވެފައެވެ. މި ނަފްސާނީ ބަލީގެ ތެރޭގައި ދީވާނާވެގެން ބައެއް މީހުން އިސްލާމީ މާތް ޝަރީޢަތާ މިފަދަ ލާދީނީ ނިޒާމުތައް އެއްފަސްކުރެވޭތޯ މަސައްކަތްކުރަމުން ދެއެވެ.
އިސްލާމީ ބައެއް ޤައުމުތަކަށް އިޝްތިރާކިއްޔަތު ( ސޯޝަލިޒަމް) އައުމުން އެއީ އިސްލާމް ދީނުގައި ހިމެނޭ ނިޒާމެއް ކަމަށް ބައެއް މީހުން ބުނެ އެ ކަމަށް ހެކި ދެއްކޭތޯ މަސައްކަތް ކުރިއެވެ. ރައުސްމާލީ ނިޒާމު ތަންފީޒު ކުރުމަށް ބޭނުން ވުމުން އެއީ އިސްލާމް ދީން އެ ކަމަށް ގޮވައިލާ ނިޒާމެއް ކަމަށް ބުނެ ލިޔަނޫއެވެ.
ދީމިޤްރާޠީ ނިޒާމު ފެތުރި އޭގެ ބެބުޅުންތަކުގެ ކުރިމަތީގައި ފިޔަސް ގެއްލުމުން ﷲގެ ޝަރްޢުގައި އޮތީ އެ ނިޒާމު ކަމަށް ދަޢުވާކުރަން ފެށިއެވެ. އަދި މި ނިޒާމާ ޚިލާފުވުން ހެޔޮނުވާނެ ކަމަށް ވެސް ބުނޫއެވެ. އާދެ! މި ގޮތަށް އެ ކަންތައް ކުރިއަށް ދާނެތެވެ.
މި ފަދަ ނިޒާމުތައް އިސްލާމް ދީނާ އެއްފަސް ކުރުމަށް ކުރެވޭ ނާއުއްމީދީ މަސައްކަތްތަކުން އެނގެނީ އިސްލާމް ދީނުގެ ޙަޤީޤަތާއި ޖައުހަރު ނޭނގޭކަމެވެ. އަދި ހުޅަނގުން ދުވަސްދުވަސްކޮޅުން ތަޢާރުފު ކުރަމުންދާ މިފަދަ ލާދީނީ ނިޒާމުތަކުގެ ޙަޤީޤަތާއި ލަނޑުދަނޑިތަކަށް ހޭލުންތެރިނުވެވޭ ކަމެވެ.
އިސްލާމް ދީނުގެ އަޞްލަށާއި ޖައުހަރަށާއި، މިސްރާބަށާއި ލަނޑުދަނޑިތަކަށް ބަލާއިރު މި ނިޒާމުތަކަކީ، ބައްޓަމުގައްޔާއި، މަޤްޞަދުތަކުގައްޔާއި، ވަސީލަތްތަކުގައި ވަރަށް ތަފާތު ނިޒާމުތަކެކެވެ. އެއްފަސްވުމުގެ ބަދަލުގައި ބޮޑަށް ފެންނަނީ ދެބަސްވުމުގެ ޢަލާމަތްތަކެވެ.
އިސްލާމް ދީނަކީ ފުރިހަމަ ޝާމިލު ޙަޔާތެއްގެ މަންހަޖެކެވެ. އެ މަންހަޖުގެ ޢަނާޞިރުތަކަކީ އެއާ ވައްތަރުކަމެއް ނެތް ލާސާނީ ޢަނާޞިރުތަކެކެވެ.
އިންސާނާ މި ދުނިޔެއަށް ފޮނުއްވާފައި ވަނީ އެކަލާނގެއަށް އަޅުކަން ކުރުމަށްޓަކައެވެ. މީސްތަކުން ހެއްދެވި ރަސްކަލާނގެއަށް އަޅުކަންކުރުމަށްޓަކައި މީސްތަކުންނަށް ގޮވައިލުމަށެވެ. އެ ކަލާނގެއަށް އަޅުވެތިވެ އެހެން ފަރާތްތަކަށް އަޅުވެތި ނުވުމަށް ގޮވައިލުމަށެވެ. މާތްﷲ އިންސާނާއާ ޙަވާލުކުރެއްވި މި ވަޒީފާއަށް ހުރަސްއަޅައި ކޮންމެ ކަމަކާ އިންސާނާ ދެކޮޅުހަދަން ޖެހޭނެއެވެ. މާތްﷲ ވަޙީ ކުރައްވަނީ “ وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ﴿٥٦﴾ مَا أُرِيدُ مِنْهُم مِّن رِّزْقٍ وَمَا أُرِيدُ أَن يُطْعِمُونِ ﴿٥٧﴾ إِنَّ اللَّـهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ – الذاريات: 56 – 58 – ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ. އެއުރެންގެ ކިބަޔަކުން ތިމަންރަސްކަލާނގެ ރިޒްޤަކަށް އެދިވޮޑިއެއް ނުގަންނަވަމެވެ. އަދި ކާންދިނުމަކަށް ވެސް އެދިވޮޑިއެއް ނުގަންނަވަމެވެ. ހަމަކަށަވަރުން، اللَّه އީ، ރިޒްޤު ދެއްވާ، ބާރުވެރިވަންތަ ގަދަފަދަވަންތަ ރަސްކަލާނގެއެވެ. ”
މާތްﷲ ފޮނުއްވި ހުރިހާ ރަސޫލުންގެ ވެސް ރިސާލަތަކީ ތައުޙީދެވެ.ނުވަތަ މި ޢިބާދަތެވެ. މާތްﷲ ވަޙީ ކުރައްވަނީ “ وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَـٰهَ إِلَّا أَنَا فَاعْبُدُونِ – الأنبياء : 25 – ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ އިލާހަކު ނުވާކަމަށް އެބޭކަލަކަށް ވަޙީ ނުކުރައްވާ އެއްވެސް ރަސޫލަކު، ކަލޭގެފާނުގެ ކުރިން ވެސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންރަސްކަލާނގެއަށް އަޅުކަން ކުރާށެވެ! ”
އަޅުކަމޭ ބުނުމުން އޭގައި ހިމެނެނީ، އަދާކުރުމަށް ފަރްޟުކުރައްވާފައިވާ ނަމާދު، ރޯދަ، ޒަކާތް، ޙައްޖު ފަދަ މަނާސިކުތަކާއި ޝަޢާއިރުތަކެއް ނޫނެވެ. އެހެނެއްކަމަކު އޭގައި ﷲ ރުހިވޮޑިގަންނަވާ ކޮންމެ ކަމަކާއި ބަހެއް ހިމެނެއެވެ. ﷲގެ އަޅާގެ ދިރިހުރުމާއި މަރުވުން އޭގައި ހިމެނެއެވެ. އޭގައި އިންސާނާގެ މުޅި ޙަޔާތް ﷲއަށް ޚާލިޞް ކުރުން ހިމެނެއެވެ. މާތްﷲ ވަޙީ ކުރައްވަނީ “ قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّـهِ رَبِّ الْعَالَمِينَ لَا شَرِيكَ لَهُ ۖ وَبِذَٰلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ – الأنعام : 162-163 – ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ (އެހެނިހެން) އަޅުކަންތަކާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، ޢާލަމްތަކުގެ ވެރި اللَّه އަށެވެ. އެކަލާނގެއަށް އެއްވެސް ޝަރީކަކު ނުވެއެވެ. އަދި ތިމަންކަލޭގެފާނަށް އަމުރު ކުރައްވާފައިވަނީ އެގޮތަށެވެ. އަދި ތިމަންކަލޭގެފާނީ (މި އުއްމަތުގެ) މުސްލިމުންކުރެ، އެންމެ ފުރަތަމަ މީހާއެވެ.“
ޙަޤީޤަތުުގައި މާތްﷲއަށް އަޅުވެތިވުމަކީ، އެކަލާނގެއަށް ބޯލެބުމާއި ކިޔަމަންތެރިވުމެވެ. ﷲގެ އަޅާ އޭނާގެ ވެރިރަސްކަލާނގެއަށް ބޯލަނބައި ކިޔަމަން ގަނެ، އެކަލާނގެ އަމުރުފުޅުތަކަށާއި ނަހީކުރެއްވުންތަކަށް ފުރިހަމައަށް އިޖާބަ ދޭން ޖެހޭނެއެވެ. ﷲގެ ރުބޫބިއްޔަތަށާއި ﷲގެ ސިޔާދަތަށް ބޯލެނބުމާއި، ﷲގެ ޤަޟާޤަދަރު ރުހި ޤަބޫލުކުރުމާއި، ﷲގެ ޙުކުމްފުޅުތަކަށް ޢަމަލުކުރަން ޖެހޭނެއެވެ.
އިންސާނާއަކީ އޭނާގެ ޠަބީޢަތުގައި ﷲއަށް އަޅުކަންކުރުން މަތީގައިވާ މަޚްލޫޤެކެވެ. އަރަހުށި ﷲއަށް އަޅުކަންކުރުމާ އޭނާ ފޭވެ ދުރަށް ހިގައްޖެނަމަ ޝައިޠާނާގެ ދަލުގައި ޖެހި، އެހެން އިންސާނުންނަށާއި ، ގަސްގަހާގެއްސަށާއި، ގެރިއަށް އަޅުކަން ކުރަން ފަށާފާނެތެވެ. އޭނާގެ ހަވާނަފްސުގެ އަޅަކަށްވެ، އޭނާގެ ޣަރީޒާތަކުގައި ބަދެވި ،ހައްޔަރުވެދާނެއެވެ. رسول الله – صلى الله عليه وسلم – ޙަދީސް ކުރައްވަނީ “ إن الله عز وجل قال إني خلقت عبادي حنفاء كلهم وإنه أتتهم الشياطين فاجتالتهم عن دينهم فحرمت عليهم ما أحللت لهم وأمرتهم أن يشركوا بي– شرح مشكل الآثار – الطحاوى : 9 / 161 – ހަމަކަށަވަރުން އަރަހުށި ﷲ ވަޙީކުރެއްވިއެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އަޅުން އުފެއްދެވީ ސާފު ސީދާ ދީނުގެ މަތީގައެވެ. އެއަށްފަހު އެމީހުންގެ ގާތަށް ޝައިޠާނުން ގޮސް އެމީހުންގެ ދީނާ އެމީހުން ދުރުކުރިއެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންނަށް ޙަލާލުކޮށްދެއްވި އެއްޗެހި އެމީހުންނަށް ޙަރާންކުރިއެވެ. އަދި ތިމަންރަސްކަލާނގެއަށް ޝަރީކުކުރުމަށް އެމީހުންނަށް އަމުރުކުރިއެވެ.“
އިންސާނާ އެހެން ހުރިހާ އަޅުވެތިކަމަކުން ސަލާމަތްކޮށްދީ މިނިވަންކޮށްދޭ ބާރަކީ އޭނާ ހެއްދެވި ފަރާތަށް، އަރަހުށި ﷲއަށް އަޅުވެތިވުމެވެ. އޭނާއާ ކުރިމަތިލާން ޖެހިފައިވާ ފަލްސަފީ ، ނުވަތަ ސިޔާސީ، ނުވަތަ އިޤްތިޞާދީ، ނުވަތަ ޤާނޫނީ ހުރިހާ އަނިޔާވެރިކަމަކުން، ހުރިހާ އިހާނެތިކަމަކުން މިނިވަންކޮށްދެނީ ﷲއަށް ޚާލިޞްކުރާ އަޅުވެތިކަމުންނެވެ. ދުނިޔޭގެ ދަތިތަކާއި، ޝަހްވާތްތަކުގެ ކަސްތޮޅުތަކުން، އޭނާ ބޭރަށް ނެރެދެނީ، ﷲއަށް އޭނާ އަޅުވެތިވުމުންނެވެ. އޭނާ ދުނިޔެއާއި އާޚިރަތުގެ ތަނަވަސްކަމަށް ނެރެދެނީ މި އަޅުވެތިކަމެވެ. އޭނާއަށް ސަލާމަތްކަމާއި، އަމާންކަމާއި، ރައްކައުތެރިކަން ގެނެސްދެނީ ﷲއަށް އަޅުވެތިވާ އަޅުވެތިވުމެވެ.
ރުބަޢިއްޔު ބުނު ޢާމިރު އިސްލާމްދީނުގެ ދަޢުވަތު ސިފަކުރައްވަމުން ވިދާޅުވެފައިވަނީ ”ﷲ سبحانه وتعالى އަހުރެމެންގެ ގާތަށް އިސްލާމީ ރިސާލަތު ފޮނުއްވީ އިންސާނާއަށް އަޅުވެތިވުމުން ﷲއަށް އަޅުވެތިވުމަށް، ދުނިޔޭގެ ނުތަނަވަސްކަމުން އާޚިރަތުގެ ތަނަވަސްކަމަށް، ދީންތަކުގެ އަނިޔާވެރިކަމުން އިސްލާމްދީނުގެ އިންޞާފުވެރިކަމަށް ނެރުއްވުމަށްޓަކައެވެ.“
އިބްނު ތައިމިއްޔާ ވިދާޅުވަނީ ”މަޚްލޫޤުގެ ފުރިހަމަކަން އޮތީ ޚާލިޤަށް އަޅުވެތިވުމުގައެވެ. ﷲގެ އަޅާ އޭނާގެ ޚާލިޤަށް އަޅުވެތިކަން ފުރިހަމަ ކުރި ވަރަކަށް އޭނާގެ މިނިވަންކަން ފުރިހަމަވެގެން ދާނެއެވެ. އެހެން ގޮތަކުން، އޭނާއަށް އެކަން ކުރެވިދާނެ ކަމަށް ހީވެއްޖެނަމަ އޭނާ ގެއްލެނިވެ މަގު ފުރެދިދާނެއެވެ. އެހެނީ އިންސާނާއަކީ ﷲގެ އަޅުވެތިކަމުން ބޭރުވެއްޖެނަމަ އެންމެ ޖާހިލުކަން ބޮޑު އެންމެ ބޮޑަށް މަގުފުރެދިފައިވާ މަޚްލޫޤެވެ.
މާތްﷲ އިންސާނާ އުފައްދަވައި އެހެން މަޚްލޫޤާތުތަކުންގެ މައްޗަށް މާތްކުރެއްވީ އިންސާނައަށް ދެއްވި ބުއްދީގެ ސަބަބުންނެވެ. މި ބުއްދީގެ ސަބަބުން އިންސާނާ މުކައްލަފަކަށް ވެގެން ދިޔައެވެ. އިންސާނާގެ ވުޖޫދުގެ މަޤްޞަދަށާއި އޭނާގެ ޙަޔާތަށާއި ނިމުމަށް ބަލާއިރު އިންސާނާއަށް މާތްﷲ ދެއްވާފައިވާ އެންމެ ބޮޑު ނިޢުމަތަކީ މިނިވަންކަމުގެ ނިޢުމަތެވެ. މި މިނިވަންކަން ދެއްވި ފަރާތުގެ ދަޢުވަތަށް ބަލާއިރު، ހުޅަނގުން އަޅުގަނޑުމެން އަޅުވެތިކުރުމަށްޓަކައި ރާވަމުންދާ ތަފާތު ފިކުރުތަކަށާއި ފަލްސަފާތަކަށާއި ޝިޢާރުތަކަށް އަޅުގަނޑުމެން ދެކޮޅު ހަދަން ޖެހެއެވެ. އިންސާނީ މި ފިކުރުތައް ޤާއިމުކޮށްފައިވަނީ ﷲގެ މަންހަޖުން މީސްތަކުން ދުރުކުރުމުގެ، ނުބައި މަޤްޞަދުގައެވެ. މީސްތަކުން އަޅުވެތިކުރުމުގެ ނުބައި އަމާޒަށް ވާޞިލުވުމަށްޓަކައެވެ. ހުޅަނގުގެ މި ނަޡަރިއްޔާތުތަކާއި ފަލްސަފާތައް ބިނާކޮށްފައިވަނީ އިސްލާމީ އުޞޫލުތަކާ އަރާރުންވާ އަސާސްތަކެއްގެ މަތީގައި ކަމުގައި ވާތީއެވެ.
ހުޅަނގުގެ މި ފިކުރުތަކާއި ވިސްނުންތައް ޤާއިމުކޮށްފައިވަނީ އިންސާނާއަކީ ބިމުގައިވާ ކާއިނެއްކަމުގައި ބަލައިގެންނެވެ. އޭނާގެ ޝުޢޫރުތަކާއި ވިސްނުންތަކާއި ޖަޒްބާތުތައް ބިމުން މައްޗަށް އުފުލިގެން ނުދާނެ ކަމަށް ބަލައިގެންނެވެ. މާތްﷲ އިންސާނާ އޭގެ މަތީގައި ޚަލްޤުކުރައްވާފައިވާ ފިޠުރަތުގައިވާ ރޫޙާނީ ދުރުމިންތައް މަތިން ހަނދާން ނައްތާލައިގެންނެވެ. ފްރޮއިޑާއި، ޑާރވިންއާއި، ކާރލް މާރކްސްއާއި، ލެނިންއާއި، ފްރޭންސިސް ބޭކަންއާއި، ސާޓަރ އާއި، ކެންޓާއި އަދި މިމީހުންގެ ކުރިން، ޕްލޫޓޯއާއި، އެރިސްޓޯ ފަދަ ހުޅަނގުގެ އިލްމުވެރިން އެމީހުންގެ ފަލްސަފާތައް ބިނާކޮށްފައިވަނީ، ހުޅަނގުން މިއަދު މި ފެންނަ މާއްދިއްޔަތުގެ ތިޔަރީތަކުގެ މަތީގައެވެ. ހުޅަނގުގެ ޙަޟާރަތާއި ސަޤާފަތުގެ ބޮޑުބައި އާރާސްތުކޮށްފައި ވަނީ މި ޢިލްމުވެރިންގެ މި ޚިޔާލަތުގެ ވަށައިގެން ދައުރުކުރާ ގޮތަށެވެ.
ހުޅަނގުގެ މި ފަލްސަފާތަކާއި ތިޔަރީތަކުގައި އުޚްރަވީ ޙަޔާތަށް އެއްވެސް މިންވަރެއްގެ އަޅައިލުމެއް ދީފައެއް ނުވެއެވެ. އެ ފަލްސަފާތައް މަސައްކަތްކޮށްފައިވަނީ އިންސާނާގެ މި ދުނިޔަވީ ޙަޔާތަށެވެ. މި ޙަޔާތް ބާއްޖަވެރިކުރުމަށެވެ. އެހެންކަމުން ހުޅަނގުގެ ޚިޔާލާތާއި ފަލްސަފާތައް އިންސާނާގެ ކުރިމަތީގައި ތަންމިނަށް ހުޅުވާލައިފައިވަނީ އޭނާގެ އެދުންތައް ޙާޞިލުކުރެވޭނެ މަގުތަކެވެ. ދީނީ، ނުވަތަ އަޚްލާޤީ އެއްވެސް ޤަވާއިދެއް، ހިފެހެއްޓުމެއް ނެތިއެވެ.
މި ފަލްސަފާތަކާއި ތިޔަރީތައް ބުނާގޮތުގައި މިކައުނުގައި ވެރިއަކީ އިންސާނާއެވެ. އޭނާއަކީ މިނިވަން ވިސްނުމާއި ފިކުރުގެ ވެރިއާއެވެ. އޭނާއަށް އިރްޝާދުދީ މަގުދައްކަން ފަރާތަކަށް ބޭނުމެއް ނުވެއެވެ. އޭނާއަށް އޭނާ އެދޭގޮތަކަށް އޭނާގެ ޙަޔާތް ފަރުމާކޮށް ބައްޓަންކުރުމުގެ ބާރާއި މިނިވަންކަން ލިބިގެންވެއެވެ. އަދި އޭނާއަށް ބޭނުންވާ ޤާނޫނޫތަކާއި ޤަވާޢިދުތައް ހެދުމުގެ މިނިވަންކަން ވެސް ލިބިގެންވެއެވެ. އޭނާ ބުނާގޮތުގައި ރައްބާނީ ތަޝްރީޢަކަށް ބޭނުމެއް ނުވެއެވެ. އެ ފަދަ ތަޝްރީޢެއް އޮތަސް އޮންނަން ޖެހޭނީ ހަމައެކަނި ފައްޅީގެ ތެރޭގައެވެ. ދީނީ ޝަޢީރާތަކާއި އަޅުކަންތަކުގެ ހަނި ދާއިރާގެ ތެރޭގައި ބެނދެވިފައެވެ.
މި ފަލްސަފާތަކާއި ފިކްރުތަކަކީ އިންސާނާއަކީ ﷲގެ އަޅެއްކަން ޤަބޫލުކުރުމާ ދެކޮޅު ހަދާ ފަލްސަފާތަކެކެވެ. މިނިވަންކަމާއި، އިންސާނީ ޙައްޤުތަކާއި، ތަހްޒީބާއި، ކުރިއެރުމާއި، ޙަޟާރަތްފަދަ ރީތި އޮފުގަދަ ޝިޢާރުތަކާއި ޢިބާރާތްތަކުގެ ތެރޭގައި އިންސާނާ ﷲގެ ބައެއް ސިފަފުޅުތަކާ އެއްގޮތްކޮށް ކުފުރާއި އިލްޙާދުގެ ވަޅުގަނޑަކަށް، އޭނާއަށް ނޭނގޭފަދަ ގޮތަކަށް ވައްޓައިލުމަށްޓަކައެވެ.
އެބައިމީހުންގެ މައްޗަށް ﷲ ބާވައިލެއްވި ފޮތްތައް ބަދަލުކޮށް އޮޅުވައިލީ ”ފިކުރުގެ މިނިވަންކަމުގެ“ ތެރޭގައެވެ. ރަސޫލުބޭކަލުން ޤަތުލުކޮށް އެބޭކަލުންގެ އަބުރާބެހި، ﷲގެ ޙުކުންފުޅުތަކާމެދު ފާޑުކިޔަމުންދަނީ މި މިނިވަންކަމުގެ ނަމުގައެވެ. ”ސިޔާސީ މިނިވަންކަމުގެ“ ރީތީ ޝިޢާރުގެ ތެރޭގައި އެމީހުން ﷲގެ ޝަރީޢަތާ ދެކޮޅުހަދައި އެމީހުންގެ އެދުންތައް ޙާޞިލުކުރުމަށް ބޭނުންވާ ޤާނޫނުތައް އެކުލަވައިލިއެވެ. އަދި ﷲގެ ޝަރީއަތް ޒަމާނާ ނުގުޅޭ ކަމަށް ދަޢުވާ ކުރިއެވެ.
”ޝަޚްޞީ މިނިވަންކަމުގެ ”ރީތި ދަޅައިގައި މީސްތަކުން ޖައްސައިގެން ބަދުއަޚްލާޤީ ޢަމަލުތަކުގެ ޝިކާރައަކަށް އިންސާނާ ވެއްޖެވެ.
”ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ“ ދަށުން ލައިފައި ގޮސް އިސްލާމްދީނަށާއި އެދީނުގެ ނަބިއްޔާއަށް ފުރައްސާރަކުރުމަށް ދޮރުތައް ހުޅުވައިލިއެވެ. ނަމަވެސް ޔަހޫދީންނާ ދެކޮޅަށް ފާޑުކިޔުމަކީ ސީދާ މިނިޒަމާ ދެކޮޅުހެދުން ކަމަށް ބުނެ އެކަން ކުރާ މީހުން ކުށްވެރި ކުރެތެވެ.
ފަރަންސޭސި އިންޤިލާބާއި ޔޫރަޕުގެ ޞިނާޢީ އިންޤިލާބުގެ ވެރިން އުފުލި މިނިވަންކަމުގެ ޝިޢާރުގެ ސަބަބުން، އެމީހުންގެ ފައްޅިތަކުގެ އަނިޔާވެރިކަމާއި ރަސްރަސްކަލުންގެ ބޭއިންސާފުން މިނިވަންވިއެވެ. އަދި ޢިލްމީ ގޮތުންނާއި ޓެކްނޮލޮޖީގެ މައިދާނުގައި މާއްދީ ހަލުވި ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދިޔައެވެ. މިނިވަންކަމަށް ޖާދުވީ ބާރުތަކެއް ގެނުވީ މި ކަމުގެ ސަބަބުންނެވެ. ނަމަވެސް މި ކަމުގެ ސަބަބުން އެމީހުންގެ ހަވާނަފްސުގެ ޝަހްވަތްތަކާއި އެދުންތަކުގެ އަޅުންކަމުގައި ވެގެން ގޮސް އިންސާނީ އަގުތަކާއި އަޚްލާޤީ މިންގަނޑުތައް ނެތިވެ ފަނާވެ ދިޔައެވެ.
އިސްލާމް ދީން އައީ މި އަޅުވެތިކަމުން އިންސާނިއްޔަތު ސަލާމަތްކުރުމަށެވެ. އިންސާނާއަށް ގެއްލިފައިވާ ޙަޤީޤީ މިނިވަންކަމާއި ކަރާމަތް ލިބޭނީ މި ދީނަށް އެބުރި ދެވިގެންނެވެ. އެ ދީނުގެ އުޞޫލުތަކުގައި ހިފެހެއްޓުނު މިންވަރަކުންނެވެ. މާތްﷲ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވަނީ “ وَلَقَدْ صَرَّفْنَا فِي هَـٰذَا الْقُرْآنِ لِلنَّاسِ مِن كُلِّ مَثَلٍ ۚ وَكَانَ الْإِنسَانُ أَكْثَرَ شَيْءٍ جَدَلًا – الكهف :54 – ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މި ޤުރުއާނުގައި ހުރިހާ ބާވަތަކުންވެސް މީސްތަކުންނަށް މިސާލުބަޔާންކުރެއްވީމެވެ. އަދި ޖަދަލުކުރުން ގިނަ މީހަކު ކަމުގައި އިންސާނާ ވިއެވެ.“
އިންސާނާ އުފެއްދެވި ދުވަހުން ފަށައިގެން، އިންސާނާ ހޯދަން މި އުޅޭ ޙަޤީޤީ މިނިވަންކަން އިންސާނާއަށް ލިބޭނީ އޭނާގެ ޚާލިޤު ﷲعز وجلއަށް އަޅުވެތިވެވުނު މިންވަރަކުންނެވެ. އާދަމުގެފާނަށް މާތްﷲ ދެއްވި މިނިވަންކަން އާދަމުގެ ދަރިންނަށް ގެއްލުނީ ޝައިޠާނާގެ ބަހަށް ހެއްލެނު ދުވަހުއެވެ. މި ޝައިޠާނާއާ ދުރަށް ދެވުނު ވަރަކަށް މި އިންސާނާއަށް އޭނާގެ މިނިވަންކަން ލިބެމުން އިތުރުވަމުން ފުޅައުވަމުން ދާނެއެވެ.
