ޒަމާނުންސުރެ ދިވެހިން ސަރުކާރަށާއި ސަރުކާރުގެ ތަންތަނަށް ނިސްބަތްކޮށް ބަސްތައް ބޭނުން ކޮށްއުޅުނީ އެންމެ މާތް ބަހުރަވައިންނެވެ. މިކަން މިގޮތުގައި ދެމެހެއްޓުމަށް ޓަކައި ”ބަހުގެ ހަމައިގެ“ 49 ވަނަ ދެންނެވުމުގައި މިކަމަށް ބާރު އަޅުއްވައި އޮފީސްތަކަށް ފޮނުއްވާފައިވެއެވެ.
ސަރުކާރާ ސަރުކާރުގެ އޮފީސްތަކަށް ނިޞްބަތްވާގޮތަށް ވާހަކަދެކެވެމުންދަނީ އެންމެ މާތްކޮށެވެ.
މިސާލަކަށް:
- ހ. ރައީސް އޮފީހުން އަންގަވަނީ ސަރުކާރުގެ އޮފީސް އޮފީހުން ދޫކުރައްވާ އެކިއެކި ރަސްމީ ލިޔުންތަކަށް އުނިއިތުރެއް ގެންނަވައިފައި ދޫނުކުރެއްވުމަށެވެ.
- ށ. ޑިޕާޓްމެންޓް އޮފް ޕަބްލިކް ހެލްތުން އަންގަވަނީ ސާފުފެން ނުވަތަ ކެއްކިފެން ބުއިމަށެވެ.
- ނ. ސަރުކާރުން އަންގަވާ މިފަދަ އެންގެވުންތަކަށް ޢަމަލުކުރަން ޖެހޭނެއެވެ.
އިސްލާމްދީނާ ކީރިތި ޤުރުއާނަށް ނިޞްބަތްވާގޮތަށް ބައެއް ބަސްބަސް ބޭނުންކުރެވެމުންދަނީ ވެސް އެންމެ މާތް ގޮތަށެވެ.
މިސާލަކަށް:
- ހ. އަޅުގަނގަޑުމެންގެ މާތް އިސްލާމްދީނުގައި ތެދުވެރިވުމަށް އަމުރު ކުރައްވައިފައިވެއެވެ.
- ށ. ކީރިތި ޤުރުއާނުގައި އަންގަވާފައިވަނީ ”މާތް ރަސްކަލާނގެ ވޮޑިގެން ވަނީ ތެދުވެރިންނާ އެކުގައެވެ.“ މިފަދައިންނެވެ.
މިގޮތަށް ލިޔެކިޔުންތައް ކުރިޔަށް ގެންދަވަނިކޮށް މި ދޭތެރެއަކުން މީޑިޔާއިން މި ހުރިހައި ތަންތަނަށް އާދައިގެގޮތަށް ވާހަކަދެކެވި ލިޔެވެމުން ދާން ފަށައިފިއެވެ. މީގެ ސިއްރެއް އެއްގޮތަށްކަށް ވެސް ނޭނގުނެވެ.
އަޅުގަނޑަށް ވިސްނިފައި އޮންނަ ގޮތުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބަޔާނެއް ދެއްވާ ނަމަ އެ ދެއްވަނީ، އެތާނގެ އިއްޒަތްތެރިއެކެވެ. އެ އިމާރާތް އެތާނގައި ހުރެގެން ގޮވަނީއެއް ނޫނެވެ. އެހެންކަމުން އެ ބޭފުޅަކަށް ވާހަކަދައްކަން ވާނީ، އެންމެ މާތް ބަހުރަވައިންނެވެ.
މިހެން މި ދެންނެވީ، ޚަބަރުފަތުރާ އިރު ކިޔަނީ މިސާލަކަށް ”އެ ސުކޫލްގެ ފެންވަރު ރަނގަޅު ކުރާނެކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.“ މިހެންނެވެ. ހަމަ ދެވަނަ ޖުމްލައިގާ ”އެ މިނިސްޓްރީގެ ނައިބު ވިދާޅުވިއޭ“ އެބަބުނެއެވެ. ކުރީ ޖުމްލައިގައި އެ ބުނަނީ، ހަމަ އެބޭފުޅާގެ ވާހަކައެވެ. މިތާނގައި އޭނާ ބުންޏޭ، ބުނެވޭ ނަމަ، އެ ހަމަ ކަމުހިނގައްޖައީހެވެ.
މި ހަމަ ބޭނުންކުރާ ބައެއް މީހުން ބުނަނީ އިމާރާތް ވާހަކަ ނުދައްކާނެ ކަމަށެވެ. އެހެންވެ އެހެން ނުކިޔެނީއެވެ. އެކަމަކު ހައިރާންވާކަމަކީ، އެ އިމާރާތް އެބަބުނެއެވެ. ވާހަކަ ނުދައްކާ އެއްޗެއް ބުނާނީ ކިހިނެއްބާއެވެ؟ ވީއިރު މި ހަމައަކީ، ”ފުލެއް ބިތެއް މައްޗެއް“ ނެތް ހަމައެކެވެ.
ދިވެހިބަހުގެ “ފުންނާބުއުސް“ އަދި އިސްކޮޅުފުޅުން ދިގު ބޭފުޅުންގެ އިބާރާތްކޮޅެއް ބައްލަވާލައްވާށެވެ.
“ރާއްޖެ އިސްލާންވުން“ މި މައުޟޫއަށް އޒ، މުޙައްމަދު ޖަމީލު ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ވިދާޅުވެއެވެ. – ވުޒާރަތުލް ދާޚިލިއްޔާގެ ފަރާތުން ނެރުއްވާ “ދިވެހި ތާރީޚަށް އައު އަލިކަމެއް“
ދެން 1974 “އަމާޒުގައި“ އެމަނިކުފާނުލިޔުއްވި މަޒުމޫނެކެވެ. ”ދާދި އަވަހަށް ނެތިފަނާ ވިޔަކަސް އަގެއްނެތް ޖިސްމުތައް“ މި މައިގަނޑު ނަމަށް ލިޔުއްވި މަޒްމޫނުގައި ލިޔުއްވާފައިވެއެވެ. ”ތާއަބަދު ދެމިހުންނަ ހެޔޮ ޒިކުރާއަކަށް ނިމުމެއް ނެތޭ.“
1932 ވަނަ އަހަރު ދިވެހި ދައުލަތް ދުސްތޫރީ ދައުލަތަކަށް ބަދަލުވެ ވުޒާރާތައް އުފެދެމުން ދިޔަ އިރު، ވުޒާރާތުލް ހައްޤާނިޔާގެ ކާތިބެއްގެ ގޮތުގައި ދައުލަތުގެ ވަޒީފާ މުޙައްމަދު ރަޝީދަށް ދެއްވައިފިއެވެ. 1977 ވަނަ އަހަރު “އަމާޒު“ ގައި ލިޔުއްވާފައިވާ މި ދެންނެވި މަޒުމޫނުގެ އަނެއް އިބާރާތެވެ. އަރުވާލެވިފައި ހުންނަވަނިކޮށް ލަސްތަކެއްނުވެ ސަރުކާރުން މާފުކުރައްވައި މާލެ ގެންނަވައިފިއެވެ. ކުޑަދުވަސް ކޮޅެއްގެ ފަހުން މަހުކަމަތުލް އައުގާފުގެ ކާތިބެއް ގޮތުގައި ދައުލަތުގެ ވަޒީފާ ދެއްވައިފިއެވެ.
ހަމަ މި މަޒުމޫނުގެ ދެވަނަ ބައިގައި އާދޭ ”ދާދިއަވަހަށް ނެތިފަނާވިޔަކަސް އަގެއްނެތް ޖިސްމުތައް“
- ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމަ ފެށުމާ އެކު ދައުލަތުގެ ފަރާތުން މާލޭގެ ހަތަރު އަވަށުގެ ރައްޔިތުންނަށް އެކިއެކި ބާވަތުގެ އިރުޝާދުތައް ދެއްވާން ޖެހިއްޖެއެވެ.
- މަހުކަމަތުލް ދާޚިލިއްޔާގެ އެންގެވުންތަކާއި ރައްޔިތުންނަށް އިރުޝާދު ދެއްވުމުގެ ގޮތުން….. ލިޔުންތައް ގިނަވެއްޖެއެވެ.
- ލަސްތަކެއްނުވެ އޭނާ މަހްކަމަތުލް އައުގާފުން ދާޚިލިއްޔާއަށް ބަދަލުކުރައްވައިފިއެވެ. އަދިވެސް، ބޮޑުތަދު ތެރޭގައި
- ކާބޯތަކެތި އުފައްދާ ގަސް އިންދުމަށް ދައުލަތުން އަންގަވައިފިއެވެ.
- މާލޭގެ ހަތަރު އަވަށަށް އެކަމާ ބެހޭ މުބާރާތެއް ހުޅުއްވާލެއްވިއެވެ.
- ”ރޯގާއިން ދިފާޢުވުމާ“ ބެހޭގޮތުން އެމަނިކުފާނު ލިޔުއްވި ލިޔުއްވުމެއްގައިވެއެވެ.
- ސަރުކާރުން ގޭގެއަށް ހަކުރު ފާރޮށި ސާގުފަދަ ތަކެތި ފޮނުއްވައި މަރުވާ މީހުން ވަޅުލެވޭނެ ގޮތް ހައްދަވައި ދެއްވާން ފަށްޓަވައިފިއެވެ.
- ދިވެހި ޤައުމު ސަލާމަތް ކުރެއްވުމަށް ޓަކައި ދައުލަތުން އެޅުއްވި ހަރުދަނާ ފިޔަވަޅުތައް ތާރީޚް ފާހަގަކުރާނެކަން ކަށަވަރެވެ. މިއީ މުސްތަޤްބަލްގެ ދަރީންނަށް ދައުލަތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކެކެވެ. – ސަރުކާރުގެ ޚަބަރު 12
”ދިވެހިރާއްޖެ ހަގުރާމައިގެ ވިލާގަޑެއްގެ ދަށުގައި“ މީގައި ލިޔެވިފައިވާ ބައެއް އިބާރާތް.
- މަޙުކަމަތުލް ޝަރުޢިއްޔާ އިން އިސްލާމްދީނާއި ގާނޫނުގެ ހަމަތަކުގެ މަތީން އިންސާފުކުރައްވައި އެމީހުން އަރުއްވާލައްވައި ނިމުނީއެވެ.
- ސަރުކާރުން ކާއެއްޗެތި ލައްވާފައި ފޮނުއްވެވި ޑަންގީ ރަހުމާނީ ފާދިއްޕޮޅުގައި ޖެއްސުމަށްފަހު ފުރައިގެން ހިނގައްޖެއެވެ.
މިހިސާބުން ނަކަލު ކޮށްލަނީ،
”މަދްރަސީ ޙަޔާތުގެ އައު މަންޒަރެއް“ އަލްއުސްތާޒު އިބްރާހީމް ޝިހާބުގެ ޢިބާރާތްކޮޅެކެވެ.
- ދުވަހަކީކޮންމެ މަދަރުސާއަކަށް ދައުލަތުން އެކަށީގެންވާ އަދަދަކަށް މުދައްރިސުން ޚާއްޞަ ކުރެއްވި ދުވަހެވެ.
- ފަރީދިއްޔާގެ ނާޒިރަކު ކަމުގައި އަންނަބީލު މުޙައްމަދު ލަތީފު އިސްކުރެއްވުނެވެ.
- އިނގިރޭސި ދައުލަތާ ދިވެހި ދައުލަތާ ދެމެދު ވެވުނު އެގްރިމެންޓްގެ 1 ވަނަ ނަންބަރުގައި ލިޔުއްވާފައިވެއެވެ.
- ދިވެހި ދައުލަތާއި ބޭރު އެހެން ދައުލަތް ދައުލަތާ ދެމެދުގައި ހިނގާ ހުރިހައި ގުޅުމެއް ހިންގަވާނީ އިނގިރޭސި ދައުލަތް މެދުވެރިކުރައްވައެވެ.
”ދިވެހީންގެ ފުރަތަމަ އެއަރޕޯޓް“ މި މައިގަނޑުގެ ދަށުގައި ލިޔުއްވާފައިވާ ލިއުއްވުމެއްގައި ވެއެވެ.
- ”ދަޢުލަތުން އެންގެވި އެންގެވުމަށް“ ފުރިހަމައަށް އިޖާބަދެވުނެވެ.
ބަހުގެ ބޮޑެތި އުސްތާޒުންގެ ލިއުއްވުންތައް މިގޮތަށް ހުރިއިރު، މިއަދުގެ ލިޔުންތެރީން ޚާއްޞަކޮށް ރިޕޯޓަރުން އެގޮތަށް އެލިޔާ ސިއްރެއް އަޅުގަނޑަކަށް ނޭނގުނެވެ. އެގޮތެއް އެނގޭނަމަ ހާދަ ރަނގަޅޭ ހީކުރަމުން މި ލިޔުމުން ގަލަން ވަކިކޮށްލަމެވެ.
