ރާއްޖޭގެ ދަތުރުފަތުރާއި މުވާޞަލާތު 1965 ގައި އޮތް ޙާލަތުގެ މައްޗަށް ”އައްޑަނަ“ އިގެ 16 ވަނަ ޢަދަދުގައި އަޅުގަނޑު ބަލައިލީމެވެ. ޔޫއެންޑީޕީގެ ވަފުދެއް ރާއްޖެއައިސް އޭރު ރާއްޖޭގެ ޙާލަތު އޮތްގޮތް ދިރާސާކުރުމަށްފަހު ދިވެހި ސަރުކާރަށް ހުށައެޅި ރިޕޯޓަކުން މަޢުލޫމާތު ހޯދައިގެންނެވެ. މިލިޔުމުގައި މިވަނީ ރާއްޖޭގެ ތަޢުލީމީޙާލަތު 1965 ގައި އޮތް ގޮތް ކަމަށް އެރިޕޯޓުގައި ލިޔެފައިވާ ގޮތެވެ.
133 – ތަރައްޤީވަމުން އަންނަ ޤައުމަކަށް ފުދޭވަރަކަށް ދިވެހިރާއްޖޭގައި ތަޢުލީމު ދިނުމުގެ ވަސީލަތް ތަކެއް ޤާއިމުވެފައެއް ނެތެވެ. ރާއްޖޭގައި ތަޢުލީމުދޭ ދެ ނިޒާމެއް ގެންގުޅެއެވެ. އެއީ މާލޭގައި ގެންގުޅޭ ނިޒާމަކާއި އެނޫން ރަށްރަށުގައި ގެންގުޅޭ ނިޒާމެކެވެ. މާލޭގައި ޒަމާނީ ތަޢުލީމުދޭ 2 ސްކޫލު ހުރެއެވެ. މީގެ އިތުރުން ތުއްތު ކުދިންނަށް ހިންގާ މޮންޓެސޫރީ ސްކޫލެއް ހުރެއެވެ. ފިރިހެން ކުދިންގެ މިދެންނެވި ސްކޫލަށް އަދި އަންހެން ކުދިންގެ ސްކޫލަށްވެސް ވަދެވެނީ ކުއްޖާގެ އުމުރުން 6 އަހަރު ނުވަތަ 8 އަހަރުގައެވެ. ކްލާސްތައް ނިމެނީ ގްރޭޑް 6، 8 ހިސާބުންނެވެ. ޕްރައިމަރީ ސްކޫލްގެ ކޯސްތަކާއި ސެކަންޑްރީ ފެންވަރުގެ ކޯސްތަކުގައި ކޮންމެ ފެންވަރެއްގައިވެސް ސްކޫލުގައި ކުދިން އުޅެނީ 6 އަހަރު ދުވަހުއެވެ. ސްކޫލުން ވަކިވާއިރު ކުދިންގެ އުމުރަކީ 16 އަހަރާއި 18 އަހަރާދެމެދެވެ. ލަންޑަން ޗެމްބަރ އޮފް ކޮމާސް (އެލިމެންޓްރީ އަދި އިންޓަރމީޑިއެޓް ލެވެލް) އަށާއި ލަންޑަނުގެ ރޯޔަލް ސޮސައިޓީ އޮފް އާޓްސް (އޯޑިނަރީ ލެވެލް) ޖެނެރަލް ސެޓިފިކެޓަށް ކުދިން ތައްޔާރު ކުރުވައެވެ. މިދެ ސްކޫލުގައި ތަޢުލީމު ދިނުމަށް ބޭނުންކުރަނީ އިނގިރޭސި ބަހެވެ. ސްކޫލްތަކުގައި އާންމުކޮށް ކިޔަވައިދޭ ހުރިހާ މާއްދާއެއް މިދެ ސްކޫލުގައި ކިޔަވައިދެއެވެ. ސީނިއަރ ކުދިންގެ ތެރެއިން ކޮމާސްގެ ރޮނގުން ކުރިޔަށްދާން ބޭނުންވާ ކުދިންނަށް ކޮމާސްއާގުޅޭ މާއްދާތަކާއި ޓައިޕްކުރާށާއި ޝޯޓުހޭންޑުން ލިޔަން ދަސްކޮށްދެއެވެ. މާލޭގައި ހުރި ފިރިހެން ކުދިންގެ މިދެންނެވި ސްކޫލަށް ވަފްދުގެ މެމްބަރުން ޒިޔާރަތްކުރިއެވެ. އާންމު ތަޢުލީމްގެ ބޭރުން އެސްކޫލުގައި ހިންގާ އެހެނިހެން ޙަރަކާތްތައް ފެނިފައި ވަފްދުގެ މެމްބަރުން އެކަމާ ވަރަށް އުފާކުރިއެވެ. ސިލޯނުގެ އެންމެ ފެންވަރު ރަނގަޅު ގިނަ ޢަދަދެއްގެ ސިލޯނުގެ ސްކޫލްތަކަކާ ވާދަކޮށް މިސްކޫލް ވަނީ ކެޑޭޓް މުބާރާތަކުން 2 ވަނަ ޙާޞިލްކޮށްފައެވެ. މިސްކޫލްގެ ޕްރައިމަރީ ފެންވަރުގައި 375 ކުދިން އަދި 98 ދަރިވަރުން ސެކަންޑްރީ ކްލާސްތަކުގައި ތިއްބެވެ. ސްކޫލުގައި ތިބީ މުޅިއެކު 25 މުދައްރިސުންނެވެ. އޭގެތެރެއިން 6 މީހުންނަކީ ދިވެހިންނެވެ. ދެން ތިބީ ސިލޯނު މީހުންނެވެ.
134 – އަމިއްލަ ގޮތުން ހިންގާ ބައެއް މަދަރުސާ މާލޭގައި ހުރެއެވެ. އެއީ ފީނަގާ ތަންތަނެވެ. ސަރުކާރުގެ 2 ސްކޫލަށްވުރެ މިދެންނެވި ތަންތަނުގެ ކިޔަވައިދިނުމުގެ ފެންވަރު މާބޮޑަށްވެސް ދަށެވެ. އެތަންތަން ހިންގަނީ ބޭރުގެ އިމްތިޙާންތަކުގައި ބައިވެރިވެވެން ނެތުމާއި ސަރުކާރުން ގެންގުޅުއްވާ އިނގިރޭސި ތަޢުލީމު ދިނުމުގެ ސިޔާސަތު އެތަންތާނގައި ހިންގަން އޭރު ބޭނުން ނުވާތީއެވެ.
135 – އަތޮޅުތަކުގެ ތަޢުލީމީ ޙާލަތު ރަނގަޅެއް ނޫނެވެ. އަތޮޅުތަކުގެ ދަރިންނަށް ތަޢުލީމް ދިނުގެ މަސައްކަތް އޮތީ އަތޮޅު ކޮމެޓީއާއި ރަށު ކޮމެޓީގެ ބެލުމުގެ ދަށުގައެވެ. މާލޭގައި ހިންގަވާ ތަޢުލީމުގެ ނިޒާމަށް ދެއްވާ އަހަންމިއްޔަތު ފިޔަވައި އެހެން ތަނެއްގައި ހިންގާ ތަޢުލީމުގެ ޙަރަކާތަކަށް ސަރުކާރަކުން އެއްވެސް އެހީތެރިކަމެއް ނުދެއްވައެވެ. މީހުން އުޅޭ ރަށްރަށުގައި ހުރި ތަޢުލީމްދޭ ތަންތަނަކީ ”މަދަރުސާ“ ވައްތަރުގެ ތަންތަނެވެ. އެތަންތާނގައި ކިޔަވައިދެނީ ކީރިތި ޤުރުއާން، ދިވެހި ދެން ހިސާބެވެ. އާންމު ގޮތެއްގައި މިއިން ތަނެއްގައި ކިޔަވައިދޭން ހުންނަނީ އެންމެ މީހެކެވެ. ރަށުގެ އާބާދީގެ ނިސްބަތުން ދަރިވަރުންގެ އަދަދު އެކި ރަށްރަށުގައި ފަންސާހުން ސަތޭކަޔާއި ދެމެދަށް ތަފާތުވެދެއެވެ. މުދައްރިސަށް ދެވޭ މުސާރައަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތަކަށް ދެވޭ އުޖޫރައެއް ކަހަލަ އެވެ. އެހެންކަމުން މުދައްރިސަކަށް ލިބެނީ ވަރަށްވެސް ކުޑަކުޑަ އެއްޗެކެވެ. ބައެއް ހާލަތުގައި ދިހަރުފިޔާ ނުވަތަ ވިހި ރުފިޔާއެވެ. އެހެންކަމުން މުދައްރިސް ކަމުގެ މަސައްކަތަކީ އަދާކުރާ އެހެން ވަޒީފާއެއްގެ އިތުރުން ކުރާ ކަމެކެވެ. ގިނަ ފަހަރަށް މިކަހަލަ މީހުން ވެފައިވަނީ ރަށު އޮފީހުގައި ނުވަތަ އަތޮޅު އޮފީހުގައި ވަޒީފާ އަދާކުރާ މީހަކަށެވެ. ވަފުދުގެ މެމްބަރުން ޒިޔާރަތްކުރި އެއްރަށެއްގައި މުދައްރިސަކު ނެތުމުގެ ސަބަބުން ކިޔަވައި ނުދޭތާ 6 މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. މިފަދަ މަދަރުސާ ތަކުގައި މުދައްރިސްކަން ކުރާ މީހުންނަކީ މުދައްރިސް ކަމުގެ ތަމްރީނު ކީއްކުރަން ހެއްޔެވެ، އެންމެ ކުޑަވެގެން އޭލެވެލް ގެ ފާހެއްވެސް އެއިން މީހެއްގެ އަތުގައި އޮންނަ މީހުންނެއް ނޫނެވެ. މިއިން މަދަރުސާއަކަށް ވަންނަ ކުއްޖަކުވެސް އުމުރުން 6 އަހަރު، 7 އަހަރުގައި މަދަރުސާއަށް ވަދެފައި އުމުރުން 13 ނުވަތަ 14 އަހަރުގައި މަދަރުސާއިން ވަކިވެދާނެއެވެ. ދަރިވަރުންގެ ޙާޟިރީ ދައްކާގޮތުން ކުދިން މަދަރުސާއަށް އައުމުގައި އެކަށީގެންވާ ފަރުވާތެރިކަމެއް ނުބަހައްޓައެވެ. މިފަދަ މަދަރުސާތަކަކީ އެތަންތާނގެ ރެކޯޑު ބެލެހެއްޓިފައި ހުރި ތަންތަނެއް ނޫނެވެ.
136 – ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް ވަރަށް ގިނައެވެ. ގިނަ މައްސަލަތަކުގެ އަސްލަކީ ޤުދުރަތީ ގޮތުން ރާއްޖެ އޮތް ގޮތެވެ. ކުދިކުދި އާބާދީތަކެއް ދިރިއުޅޭ ރަށްތަކެއް މުޅިން ވަކިވެ ބައިބައިވެ އެކި ހިސާބަށް ފެތުރިފައިވުމެވެ. މިހެން އޮތް ޤައުމެއްގެ ހަމަ ކޮންމެ ރަށެއްގައި ސެކަންޑްރީ ފެންވަރުގެ ތަޢުލީމްދޭތަނެއް ހުންނާނޭ ދުވަހެއް އެއްވެސް މީހަކަށް ތަޞައްވުރެއް ނުކުރެވޭނެއެވެ. އެހެނެއްނޫނެވެ. ކޮންމެ ރަށެއް ޕްރައިމަރީ ތަޢުލީމް ފެންވަރަށް ބޭއްވުމަށް ވިސްނައި ކޮންމެ އަތޮޅެއްގައި ސެކަންޑްރީ ތަޢުލީމް ދޭ މަރުކަޒެއް އުފެއްދުމަކީ ޙަޤީޤަތަކަށް ހެދިދާނޭ ކަމެކެވެ. ދެން އޮތް މައްސަލައަކީ ޓީޗަރުން ނުވަތަ މުދައްރިސުންގެ މައްސަލައެވެ. ރާއްޖޭގައި ތަޢުލީމު ދޭނީ އިނިގިރޭސި މީޑިއަމުން ކަމަށް 1961 ހާތާނގައި ދިވެހި ސަރުކާރުން ނިންމެވިއެވެ. ޙަޤީޤަތުގައި ވާގޮތަކީ އިނގިރޭސިބަހުން ތަޢުލީމު ޙާޞިލް ކުރާ ކުދިންނަށް ސްކޫލު ނިމުމާއެކު ވަގުތުން މާލެއިން ސަރުކާރުގެ އޮނިގަނޑުގެ ތެރެއިން މަތީ ދަރަޖައާއެކު ބޮޑު މުސާރައިގެ ފުރުޞަތު ލިބޭގޮތްވުމެވެ. އެހެންކަމުން އިނގިރޭސި ބަހުން ތަޢުލީމު ޙާޞިލްކޮށްފައިވާ މީހުންކުރެ މާލެ ދޫކޮށް ރާއްޖެތެރެއަށް ވަޒީފާ އަދާކުރަން ދާނޭ މީހަކު އަމްދުން ނުވަނީއެވެ. ވަފުދަށް ފާހަގަ ކުރެވުނު 3 ވަނަ މައްސަލައަކީ ފައިސާގެ މައްސަލައެވެ. މިއީވަރަށް ސާފުކޮށް ފެންނަން އޮތް ކަމެކެވެ. ސަރުކާރުގެ ފުރިހަމަ އެއްބާރު ލެއްވުމާނުލައި ހަރުދަނާ ސްކޫލު ނިޒާމެއް އަތޮޅު ތަކުގައި ހިންގުމަކީ މުސްތަޙީލު ކަމެކެވެ. ރާއްޖެތެރޭގެ ޢިމާރާތްތައް ހުންނަގޮތަށް ބަލާއިރުކިޔަވައި ދޭނޭ ތަނެއް މާބޮޑުޚަރަދަކާނުލައި ހެދިވެސް ދާނެއެވެ. އެހެން ނަމަވެސް ޙަޤީޤީ މައްސަލައަކަށްވާނީ ކަމަށް ޤާބިލް ޓީޗަރުން ހޯދުމާއި އެމީހުންނަށް ރަނގަޅު މުސާރަ ދިނުމާއި ތަން ހިންގުމެވެ. އެންމެ ފަހު ކަމަކަށް ވަފުދުން ފާހަގަ ކުރަނީ ރަނގަޅު ތަޢުލީމީ އޮނިގަނޑެއްގެ މައްސަލައެވެ. އިނގިރޭސި ވިލާތުން ސަރޓިފިކެޓެއް ހޯދަންޏާ އެކަމަށް ދަރިވަރުން ތައްޔާރު ކުރަން ގެންގުޅޭނޭ ފޮތްތައް އެހެރީ އިނގިރޭސި ވިލާތުގައެވެ. ހިސްޓްރީ، ޖިއޮގްރަފީ، ބަސް މިއިން އެއްވެސް މާއްދާއެއް އިނގިރޭސި ބަހުން ދަރިވަރުންނަށް ކިޔަވައި ދެވޭނޭ އެއްވެސް ފޮތެއް، ވަސީލަތެއް ދިވެހިރާއްޖެއަކު ނެތެވެ.
138 – ނިންމައިލަމުން، ރަށްރަށުގެ ބޭނުންތަކަށް ވިސްނުމަށްފަހު ކަރިކިއުލަމް ގެތެރޭގައި އެގްރިކަލްޗަރ ހިމެނުމަކީ ވަފުދުގެ ހުށައެޅުމެކެވެ. ޙާލަތު އޮތްގޮތުން ރާއްޖޭގެ ތަޢުލީމީ ނިޒާމާބެހޭ ގޮތުން އިތުރު ހުށައެޅުމެއް ސަރުކާރަށް ހުށައަޅާކަށް ވަފުދުގެ މެމްބަރުންނަކަށް ނުފެނުނެވެ. އެއާ ޚިލާފަށް ތަޢުލީމީ ދާއިރާގެ މާހިރެއް ގެންނަވައިގެން މުޅި ދާއިރާ ރަނގަޅަށް ދިރާސާ ކުރައްވައި ދިވެހިރާއްޖެ އަށް ކަމުދާ ކަހަލަ ތަޢުލީމީ ނިޒާމުގެ އޮނިގަނޑެއް ތައްޔާރު ކުރެއްވޭތޯ ބެއްލެވުން ރަނގަޅުވާނޭ ކަމަށް ވަފުދުގެ މެމްބަރުންނަށް ފެނުނެވެ.
139 – ހަޔަރ އެޑިއުކޭޝަންއާބެހޭ ގޮތުން ވަފުދުގެ މެމްބަރުންނަށް ފެންނަ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން ދިވެހިރާއްޖެ ބޭރު ޤައުމުތަކުގެ ވަސީލަތްތަކަށް ބަރޯސާވެގެން އުޅެންޖެހޭނެއެވެ. ދިވެހިންގެ ތެރޭގައި އެއްވެސް ވަރަކަށް ޔުނިވަރސިޓީ ގްރެޖުއޭޓުންނެއް ނެތެވެ. ކޮލޮމްބޯ ޕްލޭންގެ އެހީގައްޔާއި އަދި އެހެންވެސް ގޮތްގޮތުން ރާއްޖެއަށް ލިބިފައިވާ އެހީ ބޭނުން ކުރައްވައިގެން 1965 ވަނަ އަހަރު ރާއްޖޭގެ 103 މީހަކު ރާއްޖެއިން ބޭރުގައި މިހާރު ތަޢުލީމު ޙާޞިލު ކުރަމުން އެބައާދެއެވެ.
- ޙަވާލާ: ޔޫއެންޑީޕީ ރިޕޯޓު 1966
