އެއީ ތަކުރެއް ނޫނެވެ. އަނދެ އުޅުނު މުންޑުގެ ބަދަލުގައި ލައިގެން ހުރީ ލިވައިސް ޖިންސެކެވެ. ލާ އުޅުނު ގަންޖިފަރާސް ދޫކޮށްލުމަށްފަހު ލައިގެން ހުރީ ބުރެެޒިލްގެ ދިދަ ޖަހާފައިވާ އެޑިޑާސް ޓީޝާޓެކެވެ. ބޮލުގައި އަޅަމުން އައި ތާކިހާގެ ބަދަލުގައި ނައިކްގެ ހުދު، ހެޔޮފާހަގަ ލާފައިވާ ތޮތްޕަކުން ބޯވަނީ ފޮރުވާފައެވެ. ލޮލުގައި އަޅާފައިވާ ރޭބަން އައިނު ނަގަމުން އޭނާ ވަނީ ރެސްޓޯރަންޓަކަށެވެ. އަހަރެންގެ ކުރިމަތިން ހުރަސްކޮށްލުމަށްފަހު، އޯޑަރު ދިނީ ކޯކުފުޅިއަކާއި ބަރގަރ އަކަށެވެ. އޭރު އޭނާގެ ލޯ ހުއްޓިފައިވަނީ އަތުގައި އޮތް، އައިފޯން 6ށް އައި ވައިބަރ މެސެޖަށެވެ. އަހަރެންނަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ބޭއިޚްތިޔާރުގައި އަހާލެވުނީ ތީ ތަކުރު ހެއްޔެވެ؟ ޖަވާބަކަށްވީ އެ ނަން ވެސް ބަދަލުކުރި ވާހަކައެވެ. އެންމެ ބޮޑަށް ހައިރާންވީ އަހަރެން ދިވެހި ބަހުން ކުރި ސުވާލަށް އޭނާ އިނގިރޭސި ބަހުން ޖަވާބު ދިނުމުންނެވެ. މިއީ ތަކުރަށް އެކަނި އައި ބަދަލެއް ނޫނެވެ. މުޅި ދުނިޔެއަށް އަންނަމުންދާ ބަދަލެކެވެ. ގިނަ ބަޔަކަށް އައިސްފައިވާ ބަދަލެކެވެ. ދުނިޔޭގެ މުޖުތަމަޢުތަކާއި ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ. މި ގޮންޖެހުމުގެ މަސްދަރަކީ ބަވަނަ (ގްލޯބަލައިޒް) ވުމަށްޓަކައި ކުރެވޭ މަސައްކަތްތައްކަން ގަބޫލުކުރެވެއެވެ.
ބަވަނަވުމަކީ ވަރަށް ފުޅާ ދާއިރާއެއްގައި މުޅި ދުނިޔޭގެ މުޖުތަމަޢުތަކަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރާ އޮނިގަނޑެކެވެ. އެހެން ގޮތަކަށް ބުނާނަމަ، އެއީ އިންސާނުން އެއްބަޔަކު އަނެއްބަޔަކާ ކުރާ މުއާމަލާތްތައް ސިޔާސީ ގޮތުންނާއި އިޖުތިމާޢީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުންނާއި ތިމާވެށީގެ ގޮތުންނާއި ވިސްނުމުގެ ގޮތުން އެއްގޮތްކުރުމަށްޓަކައި އިންސާނުންގެ މެދުގައި އޮންނަ އިންތައް ނައްތާލުމެވެ. މިއީ މިއަދަކު އިއްޔެއަކު ފެށުނު ކަމެއް ނޫނެވެ. މިކަންކަމުގެ ނަތީޖާއިން ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި ވަމުންދާ ގޮތާމެދު އިންސާފުގެ ލޮލަކުން ބަލައިފިނަމަ ފެންނަނީ މާޔޫސްކަމާއި ނުތަނަވަސްކަމެވެ.
ބަވަނަ ވުމުގެ ސަބަބުން ދުނިޔޭގެ ވެށްޓަށް އަންނަމުންދާ ބަދަލުތަކާމެދު ވިސްނާލުމަކީ މުހިންމު ކަމެކެވެ. ބަވަނަވުމުގެ ތިއަރީއެއްކަމުގައިވާ ވޯލްޑް ސިސްޓަމްތިއަރީ ބުނަނީ ބާރުގަދަ ޤައުމުތަކުން ވަސީލަތްތަކާއި މަސައްކަތްކުރާނެ މީހުން ގެންގޮސް އެމަސައްކަތް ކުރުވާކަމަށެވެ. އެކަމުގެ ސަބަބުން މަސައްކަތްތެރިކަން ކުރިއަރައި ގިނަ ޤައުމުތަކެއްގައި ސިނާޢީ މަސައްކަތްތައް ފެށި މުޅި ދުނިޔޭގައި މި މަސައްކަތްތައް ޢާއްމުވުމަށް މަގުފަހިވާކަމަށެވެ. މިކަމުގެ ސަބަބުން ހުރިހާ ކަމެއް ވިޔަފާރިއަށް ހިމުންވެ، ވިހަ ގޭސްތަކާއި ކެމިކަލްތައް ދުނިޔެއަށް ބޭރުކުރާ މިންވަރު އެތައް ގުނައަކަށް އިތުރުވެއެވެ. ކަނޑުގެ ލޮނުގައި އެސިޑް އެކުލެވޭ މިންވަރު މަތިވެ ކަނޑުގެ ދިރުންތަކުގެ ނަސްލަށް ގެއްލުން ލިބި، ދަނޑުވެރި ބިންތައް ދެރަވެ ގަސްހަގާހެގީގެ ބުރަށް އަސަރުކޮށް، މީރުފެނުގެ ފަށަލަ ކިލަނބުވެ، ފެނުގެ ނިޒާމު އޮޅި، ނައިޓްރޯޖަން ފޮސްފަރެސް ކަހަލަ ގޭސްތަކުގެ ސައިކަލް ބަދަލުވެ، ޖަންގަލިތައް ހަނަފަސްވެ، ގްރީން ހައުސްގޭސް އިތުރުވެގެންދެއެވެ (މައިކަލް އެންތޮނީ، 2013). މިދެންނެވި ކަންކަމަކީ ދުނިޔޭގެ ދިރުންތަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއްކުރާ ކަންކަމެވެ. އެއްގަމުގެ ދިރުންތަކާއި ކަނޑުގެ ދިރުންތަކުގެ އިތުރުން މުޅި އިންސާނިއްޔަތަށް އޭގެ ގެއްލުން ލިބިގެންދާ ކަންކަމެވެ.
ބަވަނަ ވުމުގެ ސަބަބުން ދުނިޔޭގެ ވެށްޓަށް ބޮޑެތި ބަދަލުތަކެއް އަންނައިރު، އިންސާނުންގެ ސިއްޙަތަށް ބޮޑެތި މައްސަލަތަކެއް ދަނީ ދިމާވަމުންނެވެ. އެންތޮނީ ގިޑެންސް (1990) ވިދާޅުވެފައިވަނީ ބަވަނަވުމުގެ ސަބަބުން ޤައުމުތަކުގެ އާބާދީގެ 3 ބައި ކޮށްފައި 2 ބައި އުޅެމުންދަނީ ވަޔާއި ފެން ތަޣައްޔަރުވެފައިވާ ސަރަހައްދުތަކުގައި ކަމަށެވެ. އެކަމުގެ ސަބަބުން ޞިއްޙީ އެތައް މައްސަލައެއް ދިމާވެ ތަނުގައި އާއްމު ބަލިމަޑުކަން ފެތުރި ހީނުކުރާކަހަލަ ރޯގާތައް އާއްމުވުމަށް މަގުހުޅުވިގެން ދެއެވެ. މިއީ އިންސާނީ ދަރިފަސްކޮޅު ނުރައްކަލަށް ހުށަހެޅިގެންދާ މަގެކެވެ. ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) (2002) ހާމަކުރާ ގޮތުގައި ގައިންގަޔަށް އަރާ ބަލިތައް ދުނިޔޭގައި ބާރަށް ފެތުރެން މެދުވެރިވާ މައިގަނޑު ސަބަބަކީ ބަވަނަވުމެވެ. މިހާރުވެސް ދުނިޔޭގައި މަރުވާ މީހުންގެ ބޮޑުބަޔަކީ ގައިންގަޔަށް އަރާ ބަލިތަކުގައި މަރުވާ މީހުންނެވެ. 2000 ވަނަ އަހަރު ދުނިޔޭގައި މަރުވި މީހުންގެ 22 އިންސައްތައަކީ ގައިންގަޔަށް އަރާ ބަލިތަކުގައި މަރުވި މީހުންނެވެ.
ބަވަނަވުމުގެ ސަބަބުން ދުނިޔޭގެ ރަހަތައް އެއް ރަހައަކަށް ބަދަލުވެގެން ދެއެވެ. ތަފާތު ރަހަތައް ލަމުން އައި ސަގާފަތްތައް މަސްހުނިވެ ނުފޫޒުގަދަ ސަގާފަތްތަކުގެ ތެރެއަށް ބާރުދެރަ ސަޤާފަތްތައް ވިރިގެންދެއެވެ. ޖޯން ސްކޮޓް (2005) ވިދާޅުވާ ގޮތުގައި ބަވަނަވުމުގެ ސަބަބުން ދުނިޔޭގެ ތަފާތު ސަގާފަތްތައް މަރާ ހަނގުރާމަކުރަން ޖެހިފައިވާއިރު، އެފްރިކާގެ ޤައުމުތަކުގައި ހުރި ސަޤާފީ ބޮޑެތި ތަފާތުތައް ދަނީ ނެތެމުންނެވެ. މިބަދަލު އަޅުގަނޑުމެންގެ ތެރެއިންވެސް ދަނީ ފެންނަމުންނެވެ. ހެދުން އެޅުމާއި ގަބޫލުކުރުންތަކާއި ވިސްނުންތަކަށް ވަނީ ހުޅަނގުގެ ގޮތްތަކާއި އެނޫން ސަޤާފަތްތަކުގެ އަސަރުކޮށްފައެވެ. ހަސަން ހަމީދު (2003) ވިދާޅުވެފައިވަނީ އާދަކާދައަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ގްލޯބަލައިޒޭޝަން ނުވަތަ ބަވަނަކުރުމުގެ ނަމުގައި އެއް ސަޤާފަތެއް މުޅި ދުނިޔެއަށް ފަތުރަން ބައެއް ފަރާތްތަކުން ކުރާ މަސައްކަތެވެ. މިކަން ގޮސްފައި އޮތް މިންވަރު ބަޔާންކޮށްދެއްވަމުން ހަސަން ހަމީދު (2003) ވިދާޅުވަނީ “ ރާއްޖޭގެ ތާރީޚެއް އާދަކާދަތަކެއް މަދަރުސާގައި ކިޔަވައިދެވެނީ 10 އަހަރުގެ ރަސްމީ ތަޢުލީމުގައި ހަމައެކަނި އެއް ގްރޭޑެއްގައި ދެތިން ހަފުތާ ވަންދެނެވެ. [އަމާކީތީ ފަރަށްދާގޮތަށް] ބޭރު ބަހަކުންނެވެ. ބޭރު މީހުންނެވެ. ކުޑަކުދިންނަށް މިތަކެތި އުނގަންނައި ނުދެވޭނަމަ އާދަކާދަ، އެއް ޖީލުން އަނެއް ޖީލަށް ދެމި ނަގުލުވާނީ ކިހިނެއްތޯއެވެ؟ އެމެރިކާގެ އެމް.ޓީ.ވީ މިހާރު ދައްކާ ހާޑްރޮކް މެޓަލިކް މިއުޒިކުގެބަދަލުގައި ދިވެހި އާދަކާދަ ދައްކާނެތޯވެ؟“(ޞ.8). މި މައްސަލަ ދުނިޔޭގެ ސަޤާފަތްތަކަށްވެސް ދަނީ ކުރަމުންނެވެ. ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ސަޤާފަތްތަކަށެވެ.
ގްލޯބަލައިޒޭޝަންގެ ސަބަބުން ދުނިޔޭގެ އެކި ޤައުމުތަކަށް އެކި ނަސްލުގެ އެކި މާދަރީން ހިޖުރަކުރެއެވެ. އެކަމުގެ ސަބަބުން ޤައުމުތަކުގެ ބަސްތަކަށް ބަދަލު އައުމަށް މަގުފަހިވެއެވެ. މީގެ އިތުރުން ބާރު ގަދަ ޤައުމުތަކުން ދުނިޔެ އިސްތިޢުމާރުކުރުމުގެ ސަބަބުން އެއްބަސް އަނެއްބަހާ ފުށުއަރާ، ބައެއް ބަސްތައް ނެތިގެންދެއެވެ. މިގޮތަށް ގިނަފަހަރަށް އަސަރުކުރަނީ އެތަނެއްގެ އަސްލު ވަޒަންވެރިންގެ ބަހަށް ކަމަށް މުޙަންމަދު އައްބާސް ޢަބުދުއްރައްޒާޤު (2011) ހާމަކުރައްވައެވެ. މިފަދަ ބަދަލުތައް ބަހަށް އަންނައިރު ތަފާތު މަރުހަލާތަކެއް ކަޑައްތުކޮށް އަމިއްލަ މާދަރީބަސް ދޫކޮށްލާކަމަށް ޑޭވިޑް ކްރިސްޓަލް (2000) ހާމަކުރައްވައެވެ. މިހާލަތުގައިވާ އެތައް ބަހެއް ދުނިޔެއިން ފެނިގެންދާކަމަށް މައިކަލް ކްރޯސް (1992) ގެ ދިރާސާތަކުން ހާމަވެއެވެ. އެގޮތުން އުތުރު އެމެރިކާގެ ޤައުމުތަކުގެ 78 އިންސައްތަ (266 ބަހުގެ ތެރެއިން 207 ބަސް) ދަނީ މަރާ ހަނގުރާމަކުރަމުންނެވެ. މިބަސްތަކަކީ ކުޑަކުދިންނަށް ދަސްކޮށްނުދޭ ހާލަތުގައި އޮތް ބަސްތަކެކެވެ. އޮސްޓްރޭލިއާ އާއި ނިއުޒިލޭންޑްގެ ބަސްތަކުގެ ތެރެއިން 85 އިންސައްތަ (388 ބަހުގެ ތެރެއިން 329) ބަސް މަރާ ހަނގުރާމަ ކުރާއިރު، ދެކުނު އެމެރިކާ، 48% (521 ބަހުން 242) ބަސް ވަނީ މަރުގެ ތުންފަތް މަތީގައެވެ. ހުޅަނގު އޭޝިއާގެ 41% (93 ބަހުގެ ތެރެއިން 38) ބަސް ނެތިދިއުމުގެ ބިރުވަނީ ހީވެފައެވެ. ބަވަނަވުމުގެ ސަބަބުން ބަހަށް ދިމާވެފައިވާ މި ގޮންޖެހުންމުގެ ސަބަބުން ބަސްބަހުގެ ތާފަތުތަކާއި ބަސްތަކަށް ލިބިގެންވާ ޚާއްޞަކަމާއި އޭގެ ފޮނި ރަހަ ދުނިޔެއިން ނެތިގެން ދެއެވެ.
ބަވަނަ ވުމުގެ ސަބަބުން ދުނިޔޭގެ ބައެއް އިގުތިޞާދުތަކަށް ފައިދާ ވީނަމަވެސް މުޅި ދުނިޔޭގެ އިގުތިޞާދަށް ލިބޭ ގެއްލުން ބޮޑުވެގެންދާކަމަށް ވޯލްޑް ހެލްތު އޮގަނައިޒޭޝަން (2001) ހާމަކުރެއެވެ. ބަވަނަ ވުމުގެ ސަބަބުން ޤައުމުތަކުގެ އިމްޕޯޓް ޑިއުޓީ މަޢާފުވެގެން ދެއެވެ. ބޮޑެތި ކޯޕަރޭޝަންތަކުން ޤައުމުތަކުގައި އަތްގަދަކުރުމަށް މަގުފަހިވެގެން ދެއެވެ. ވޯލްޑް ހެލްތު އޮގަނައިޒޭޝަން (2001) ހާމަކުރައްވާ ގޮތުގައި މިއަދު ނައިކް ކުންފުނީގެ 10 ހާހަށްވުރެ ގިނަ ގޮފިތައް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދަނީ ޙަރަކާތްތެރިވަމުންނެވެ. މިގޮތުން ބޮޑެތި ކުންފުނިތަކުން އުފެއްދި ގޮފިތައް ލެޓިން އެމެރިކާގައި 58 އިންސައްތައަށް އިތުރުވިއިރު، ސަބްސަހާރަން އެފްރިކާގައި 74 އިންސައްތަ، އުތުރު އެފްރިކާގައި 43 އިންސައްތަ އޭޝިއާގައި 62 އިންސައްތައަށް އިތުރުވެގެން ގޮސްފައިވާކަމަށް ވޯލްޑް ހެލްތު އޮގަނައިޒޭޝަން (2001) ހާމަކުރައްވައެވެ. މިކަންކަމުގެ ސަބަބުން އެޤައުމުތަކަށް އިންކަމް ޓެކްސް ވަންނަވަރު އެތައް ގުނައެއް މަދުވެގެން ދެއެވެ. ގައުމަށް ވަންނަ ބޭރު ފައިސާގެ ބޮޑުބައެއް އެޤައުމުތަކުން ބޭރުވެގެން ދެއެވެ. ޤައުމުގެ މުހިންމު މަސައްކަތްތަކުގެ މައްޗަށް އެހެންބަޔަކު އަތްގަދަކޮށް އިގުތިޞާދީގޮތުން ޤައުމުތައް އަޅުވެތިކުރުމަށް މަގުފަހިވެގެން ދެއެވެ.
ބަވަނަވުމުގެ ސަބަބުން ޤައުމުތަކުގައި ވަޒީފާނެތް އާބާދީ އިތުރުވުމެވެ. މިގޮތަށް މެދުވެރިވަނީ ކުޑަ އަގެއްގައި މަސައްކަތްކޮށްދޭނެ މަސައްކަތްތެރިން ބަވަނަ ވުމުގެ ސަބަބުން ޤައުމުތަކަށް ހިޖުރަކުރާތީއެވެ. މިކަމުގެ ސަބަބުން އެ ޤައުމުތަކުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތު ގެއްލި، ވަޒީފާގެ ހަމަހަމަކަން ގެއްލި، އިންފުލޭޝަން އުފުލި އިގުތިޞާދީގޮތުން ގިނަ ގެއްލުންތަކެއް ގައުމަށް ލިބިގެންދެއެވެ. ޖިއޯފް ރިލޭ (2006) ހާމަކުރައްވާ ގޮތުގައި 1995 ވަނަ އަހަރު ދުނިޔޭގައި މަސައްކަތް ނުކުރާ އާބާދީ 157 މިލިއަންގައި އުޅުނު އިރު، 2005 ވަނަ އަހަރު އެ ޢަދަދު ވަނީ 191.8 މިލިއަނަށް އަރާފައެވެ. މީގެ ތެރޭގައި 112.9 މިލިއަން ފިރިހެނުންނާއި 78.9 މިލިއަން އަންހެނުން ހިމެނެއެވެ. މިއީ ޤައުމުތަކުގެ ފަގީރު ހާލަތަށާއި ހަމަނުޖެހުންތަކަށް މަގުފަހިވާނެ ކަންކަމެވެ.
ބަވަނަވުމަކީ ދުނިޔޭގެ މަސައްކަތުގެ ބާޒާރަށް ބަދަލުތައް އައިސް ފަގީރުންގެ އާބާދީ އިތުރުވުމަށް ކޮށޭ މަގެކެވެ. ބަވަނަވުމުގެ ސަބަބުން މަސައްކަތްތައް ހުޅުވިގެން ދިޔަނަމަވެސް ދުނިޔޭގެ މުދަލުގެ އަގު ދިޔައީ މަތިވަމުންނެވެ. ކާބޯތަކެތީގެ އަގު ފާއިތުވީ 10 އަހަރު ދުވަހުގެ ތެރޭގައި 1.5 ގުނައަށް ވަނީ އިތުރުވެފައެވެ (ޔޫރަޕިއަން އެންވައިރަންމަންޓް އެޖެންސީ، 2010). ނަތީޖާއަކީ އާބާދީގެ ކޮންމެ ބޮލަކަށް ޖެހޭ މިންވަރު މަތިވެ، ކުރަންޖެހޭ މަސައްކަތް އިތުރުވެ، ވިޔަފާރީގެ ކުންފުންޏަކަށް މުޅި މުޖުތަމަޢު ބަދަލުވެގެން ދިއުމެވެ. ހިލޭ އެއްޗެއް ލިބޭނެ މަގުތައް ބަންދުވުމާއި ނިކަމެތި މީހާއަށް އަމިއްލަ މަސައްކަތުން އެއްޗެއް ހޯދޭނެ މަގުވެސް ބަންދުވެގެން ދިއުމެވެ. މިކަމުގެ ހެކި އެފްރިކާއިން އެކަނިވެސް ފެނެއެވެ. ނިއު އިންގްލޭންޑް ކޮމްޕްލެކްސް ސިސްޓަމްސް އިންސްޓިޓިއުޓް (2011) ހާމަކުރައްވާ ގޮތުގައި 1990 ގައި އެފްރިކާގައި އުޅެނީ ދުނިޔޭގެ ފަގީރުންގެ އާބާދީ 6 ބައިކުޅަ 1 ބައެވެ. ނަމަވެސް މިއަދު ދުނިޔޭގެ ފަގީރުންގެ އާބާދީގެ ދެބައި ކުޅަ އެއްބައި އުޅެނީ އެފްރިކާގައެވެ.
ބަވަނަވުމުގެ ސަބަބުން އެކި ހާލަތްތަކުގައި އުޅޭ ފަގީރުންގެ ހާލަތު ގޯސްވުމަށް މަގުފަހިވެގެން ދެއެވެ. ދުނިޔޭގެ ފަގީރުންގެ ހާލަތާ ގުޅިފައިވާ ކުށްކުރުން އިތުރުވުމުގެ ފުރުޞަތު މި ބަވަނަ ދުނިޔެއަށް ހުޅުވިގެން ދެއެވެ. މިކަމަށް މަގުފަހިވެފައިވާ އެއް ވަސީލަތަކީ އިންޓަނެޓެވެ. އިންޓަނެޓުން ފައިދާތަކެއް ވީނަމަވެސް، ކުޑަކުދިން ހިމާޔަތްކުރުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ދިމާވެފައެވެ. އޮންލައިން މާކެޓިންގައި އުމުރާ ނުގުޅޭ އުފެއްދުންތަކަށް ވަދެވުމާއި، އެކަހަލަ ކަންކަމުގައި ގުޅުން އުފެދުމާއި އޮންލައިން ފުރައްސާރަ ކުރިމަތިވުމާއި ޖިންސީގޮތުން ނާޖާއިޒު ފައިދާ ނެގުމާއި ހަނގާކުރުމާއި ގާނޫނާ ޚިލާފު މުއާމަލާތްތައް ހިންގުމާއި ބޮޑެތި ކުށްތައް ރޭވުމާއި ކުޑަކުދިން ވަގަށް ނަގައިގެން ވިއްކާމީހުންނަށް އެކުދިންގެ މަޢުލޫމާތު ލިބުން ފަދަ އެތައް ކަމެއް ހިމެނެއެވެ (ޔުނިސެފް، 2014).
މީގެއިތުރުން ބަވަނަވުމުގެ ސަބަބުން ދިރިއުޅުމަށް ކުރަންޖެހޭ ޚަރަދު އިތުރުވުމުން ބޮލަކަށް ޖެހޭ މިންވަރު ގިނަވުމުގެ ސަބަބުން ކުޑަކުދިންލައްވާ މަސައްކަތް ކުރުވަން މަޖުބޫރުވެއެވެ (އޮކާން ޑެގްޑެމިއަރ، ހަކާން އެއެކްރޮގްލޫ، 2010). މި ވިދާޅުވުމަށް ބާރުދެއްވަމުން އައިއެލްއޯ އާ ހަވާލާދީ އޮކާން ޑެގްޑެމިއަރ، ހަކާން އެއެކްރޮގްލޫ (2010) ހާމަކުރައްވާފައިވަނީ ”ގޭބީސީ ފަގީރުވުމަކީ ކުޑަކުދިން ލައްވާ މަސައްކަތްކުރުވުމަށް މެދުވެރިވާ އެންމެ މުހިންމު ސަބަބު“(ޞ.39). ކަމަށެވެ. މިފަދަ ކަންކަމާ ތަރައްޤީވެފައިތިބޭ ޤައުމުތަކުން ދެކޮޅު ހެދިނަމަވެސް އެއިހުސާސްތަކެއް ތަރައްޤީވެފައިވާ ޤައުމުތަކަކަށް ނުކުރެއެވެ. އެކަން މެދުވެރިވާ ސަބަބުތައް ހުއްޓުމަކަށް މަސައްކަތެއް ނުކުރެވެއެވެ. ގިނަފަހަރަށް ކުރެވެނީ އެފަދަ އަމަލުތަކަށް މަގުފަހިވާ ކަންކަމެވެ. ދުނިޔެ ބަވަނަވަމުންދާ މިންވަރު ހަލުއިވި ވަރަކަށް އޭގެ އަސަރުކުރާ މިންވަރު ބޮޑުވެ ޤައުމުތަކުގައި ހިނގާ ހަމަނުޖެހުންތައް ދަނީ އިތުރުވަމުންނެވެ. 1920ގެ އަހަރުތަކުގައި ބޮޑެތި ހަމަނުޖެހުން ހިނގި ޤައުމުތަކުގެ އަދަދު އުޅެނީ 10 ވުރެ ދަށުގައެވެ. ނަމަވެސް 2000 ގެ އަހަރުތަކުގައި މި އަދަދު 40 ށް އަރާފައިވާކަމަށް އޮކާން ޑެގްޑެމިއަރ، ހަކާން އެއެކްރޮގްލޫ (2010) ހާމަކުރައްވައެވެ. މިފަދަ ކަންކަމުގެ ސަބަބުން ޤައުމުތަކުން އެތެރޭގެ ހަމަނުޖެހުން ފިތުނައަކަށް ބަދަލުވެ މުޅި އިޖުތިމާޢީ ފޭރާން ވީދިގެން ދެއެވެ. ދަ އިކޮނޮމިސްޓް މަޖައްލާގެ އިންޓެލިޖެންސް ޔުނިޓް 2014 ގެ ދިރާސާއަކަށް ހަވާލާދީ އޮކާން ޑެގްޑެމިއަރ، ހަކާން އެއެކްރޮގްލޫ (2010) ހާމަކުރައްވަނީ ދުނިޔޭގެ 46 ގައުމެއް އޮތީ، އިޖުތިމާއީ ހަމަނުޖެހުން ފެށުމުގެ ނުރައްކަލުގެތެރޭގައި ކަމަށެވެ. އަދި 19 ގައުމެއް އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައިކަމަށެވެ. މިއިން އެނގެނީ މުޅި ދުނިޔެ އޮތީ ބިރުވެރި ނާޒުކު ހާލަތެއްގައި ކަމެވެ. ރަހުމާ ކުލުނުގެ އިންސާނިއްޔަތުކަން ނެތިގޮސް އަމިއްލަ އެދުމަށް ހުރިހާ ކަމެއް ކުރަމުންދާ ވެށްޓަކަށް ދުނިޔެ ބަދަލުވުމުގެ މަގުމަތީގައި ކަމެވެ.
ދުނިޔެ ބަވަނަވުމުގެ ސަބަބުން ދުނިޔޭގެ ޤައުމުތައް އަޅުވެތިވުމަށް މަގުފަހިވެއެވެ. އަމިއްލަ މިނިވަންކަމަށް ހުރަސްއެޅި ބޭނުންވާ ގޮތް ނިންމުމަށް ލިބޭ ފުރުޞަތު ހަނިވެގެންދެއެވެ. މިގޮތަށް މެދުވެރިވަނީ މުޅި ދުނިޔެއަށް އެއްގޮތް އުސޫލުތަކަކާއި އާދަކާދަތަކަކާއި އިޖުތިމާޢީ އޮނިގަނޑެއް ފަތުރަން މަސައްކަތްކުރާތީއެވެ (ޖޯޖް ރިޓްޒަރ 2008). އެހެންކަމުން މުހައްމަދު އައްބާސް އަބުދުއްރައްޒާގު (2011) ވިދާޅުވަނީ ”ގްލޯބަލައިޒޭޝަންއަކީ އެއް ގައުމެއްގެ މީހުންގެ ހައްގުތައް ހިފަހައްޓާފައި ބައެއް ޤައުމުތަކުގެ ކުރިއެރުންތަކަށް ހުރަސްއަޅައި އިސްތިއުމާރުކުރުމުގެ ސިފައެކެވެ“ (ޞ.67). މިކަމުގެ ސަބަބުން އެބައެއްގެ އެތެރޭގައި ހިނގާ ހަމަނުޖެހުންތަކުގައި އެގައުމެއްގެ ކޮންޓްރޯލް އޮންނަ މިންވަރު ދަނީ ކުޑަވަމުންނެވެ. ބޭނުންހާ ގޮތަކަށް ކަންކަން ކުރުމުގެ ބާރުވަނީ ގެއްލެމުންނެވެ. ދުނިޔޭގެ މުއާހަދާތަކާއި އެއްބަސްވުންތަކާއި އެގްރިމެންޓްތަކުގެ ސަބަބުން އެކިގޮތްގޮތަށް ޤައުމުތައް ދަނީ ބަނދެވެމުންނެވެ. މިކަމުގެ ހެކިދައްކަވަމުން އެންތޮނީ ގިޑެންސް (1990) ހާމަކުރައްވަނީ ޗެކްރިޕަބްލިކް މީހުންނަށް އިރާގު ހަނގުރާމާގައި އެމެރިކާއާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ތާއީދުކުރަން އިޚްތިޔާރެއް ނުލިބުނެވެ. އެމީހުން އެމެރިކާއަށް ތާއީދުކުރަން ނިންމުމުން ޔޫރަޕިއަން ޔޫނިއަންގެ މީހުން ޗެކްރިޕަބްލިކަށް ފިއްތުންތައް ކުރިމަތިކުރިއެވެ. އަދި ޗެކްރިޕަބްލިކް އީޔޫގައި ބައިވެރިވުމަށް މަސައްކަތްކުރުމުން ޖަރުމަނާއި ފުރާންސުން 2004 ވަނަ އަހަރު އެކަމަށް ހުރަސްވެސް އެޅިއެވެ (އެންތޮނީ ގިޑެންސް، 1990). މިކަމުން އެނގެނީ މިއީ ޤައުމުތަކަށް ބާރުގަދަ ޤައުމުތަކުން ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތެއް ކަމެވެ. މިކަން ރާއްޖެއިންވެސް ފެނިގެން ދެއެވެ.
ބަވަނަވުމަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ. އިގުތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ޤައުމުތަކަށް ހާސްކަމާއި ނުތަނަވަސްކަން ކުރިމަތި ކުރުވާ ރޯގާއެކެވެ. އެ ރޯގާގެ އަސަރު މުޅި ދުނިޔެއަށް ކުރަމުންދާއިރު، އެކަމުގެ ސަބަބުން ބާރުގަދަ ޤައުމުތަކަށް އެތައް ފައިދާތަކެއް ލިބެއެވެ. ފަގީރު ނިކަމެތި ޤައުމުތައް އިނދަޖެހި، ހަލާކުގެ ތެރެއަށް ވެއްޓިގެންދާއިރު، ވެންމަސް ވެނަށް ކާންދޭ އުސޫލުން ފަގީރު ޤައުމުތަކަށް މުދަލާއި ޚިދުމަތް ފޯރުކޮށްދެއެވެ. އެޤައުމުތަކުގައިވާ ގުދުރަތީ ވަސީލަތްތައް ދަމައިގަނެ، އޭގެ ފޮނިރަހަ މަދު ބަޔަކު ލިބިގަނެއެވެ. އޭގެ އަވައިގައި ޤައުމުތައް ޖައްސައި ވިޔަފާރީގެ ބާޒާރަކަށް މުޅި ދުނިޔެ ބަދަލުކޮށްލައެވެ. އޭގެ ސަބަބުން މުޅި އާބާދީގެ ސިއްޙަތަށާއި ދުނިޔޭގެ ތިމާވެއްޓަށާއި އިގުތިޞާދަށާއި ޤައުމުތަކުގެ މިނިވަންކަން ފަދަ މުހިންމު އެތައް ކަމަކަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ. މިކަންކަމުގެ ސަބަބުން ދުނިޔޭގެ ހިތް ވަނީ މަރުވެފައެވެ. ހަނގުރާމަތަކާއި ޖަރީމާތަކާއި ކުށްތަކަށް ދުނިޔެ މިވަނީ ހުޅުވިފައެވެ. ސިނާޢީ މަސައްކަތްތަކުން ދުނިޔޭގެ ވެށި ތަޣައްޔަރުވެ، ދުނިޔޭގ ނަސްލުތަކުގެ ގުދުރަތީ ނިޒާމުތައް ވަނީ އޮޅިފައެވެ. އެހެންކަމުން މެން ފްރެޑް ސްޓިގަރ (2009) ވިދާޅުވެފައިވާ ފަދައިން ދުނިޔެ މިވަނީ ހިތެއް ނެތް، ރަހަ ކެނޑިފައިވާ އަމިއްލަ ފައިދާއަށް ވިސްނާ ބާޒާރަކަށް ބަދަލުވެފައެވެ.
ރިފަރެންސް ލިސްޓް:
- ޙަސަން ޙަމީދު. (2003). ދިވެހިރާއްޖެ ނެތި ދިއުން. އަލްމަންހަޖު (21). ޞ. 36-37.
- ނިއު އިންގްލޭންޑް ކޮމްޕްލެކްސް ސިސްޓަމްސް އިންސްޓިޓިއުޓް. (2011). ދަ ފުޑް ކްރައިސިސް އެންޑް ޕޮލިޓިކަލް އިންސްޓެބިލިޓީ އިން ނޯތު އެފްރިކާ
- އެންޑް މިޑިލް އީސްޓް. ނެގީ http://necsi.edu/research/social/foodcrises.html ން
- އެންތޮނީ ގިޑެންސް. (2003). ރަންއަވޭ ވޯލްޑް:ހައު ގްލޯބަލައިޒޭޝަން އިސް ރީ ސޭޕިންގް އަވރ ލައިވްސް. ކޭމްބްރިޖް: ޕޮލިޓީ ޕަބްލިޝިންގ.
- އޮކާން ޑެގްޑެމިއަރ، ހަކާން އެއެކްރޮގްލޫ. (2010). ދަ އިފެކްޓް އޮފް ގްލޯބަލައިޒޭޝަން އޮން ޗައިލްޑް ލޭބަރ އިން ޑިވެލޮޕިންގް
- ކަންޓްރީސް. ބިޒްނެސް އެންޑް އިކޮނޮމިކް ހޮރިޒޯންސް. 2 (2)، ޞ.37-47.
- ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ). (2002). ވޯލްޑް ހެލްތު ރިޕޯޓް 2002. ޖެނީވާ: ޑަބްލިއުއެޗްއޯ.
- ވޯލްޑް ހެލްތު އޮގަނައިޒޭޝަން (2001). ބްލެޓިން އޮފް ވޯލްޑް ހެލްތު އޮގަނައިޒޭޝަން، 2001، ގޯވެނީ އެންޑްރިއާ ކޯނިއާ
- އެޑިޓްކުރެއްވި ގްލޯބަލައިޒޭޝަން އެންޑް ހެލްތު: ރިޒަލްޓް އެންޑް އޮޕްޝަންސް. ވޮލިއުމް 79 (9)، ޞ. 834-841.
- މައިކަލް އެންތޮނީ. (2013). ގްލޯބަލް ހެލްތު ގްލޯބަލައިޒޭޝަން، ކްލައިމެޓް ޗޭންޖް، އެންޑް ހިއުމަން ހެލްތު. ދަ ނިއު އިންގްލޭންޑް ޖަރނަލް އޮފް
- މެޑިސިން. 368، 1335-1343. DOI: 10.1056/NEJMra1109341.
- މުހައްމަދު އައްބާސް އަބުދުއްރައްޒާގު. (2011). ގްލޯބަލައިޒޭޝަން އެންޑް އިޓްސް އިމްޕެކްޓް އޮން އެޑިއުކޭޝަން އެންޑް
- ކަލްޗަރ. ވޯލްޑް ޖަރނަލް އޮފް އިސްލާމިކް ހިސްޓްރީ އެންޑް ސިވިލައިޒޭޝަން، 1(1)، 59-69.
- މެން ފްރެޑް ސްޓިގަރ. (2009). ގްލޯބަލައިޒޭޝަން: އަ ވެރީ ޝޮޓް އިންޓްރޮޑަކްޝަން. ނިއުޔޯކް: އެކްސްފޯޑް ޔުނިވަރސިޓީ .
- ޑޭވިޑް ކްރިސްޓަލް. (2000). ލޭންގުއޭޖް ޑެތު. ނިއުޔޯކް: ކޭމްބްރިޖް ޔުނިވަރސިޓީ ޕްރެސް.
- ޔުނެސެފް (2014). ޗައިލްޑް އައުޓްލުކް އަ ޕޮލިސީ ބްރީފިން އޮން ގްލޯބަލް ޓްރެންޑްސް އެންޑް ދެއަރ އިމްޕްލިކޭޝަން
- ފޮރ ޗިލްޑްރެން. ނިއުޔޯކް: ޔުނެސެފް.
- ޔޫރަޕިއަން އެންވައިރަންމަންޓް އެޖެންސީ. (2010). ދަ ޔޫރަޕިއަން އެންވައިރަންމަންޓް -ސްޓޭޓް އެންޑް އައުޓްލުކް 2010.
- ސިންތެސިސް. ކޯޕަންހޭގެން: އީއީއޭ.
- ޖިއޯފް ރިލޭ. (2006 ސެޕްޓެމްބަރ). އޭ2 މެކްރޯ އިކޮނޮމިކްސް/ އިންޓަރނެޝަނަލް އިކޮނޮމީ. ނެގީ ފެބްރުވަރީ 27، 2014،ޓިއުޓަރ 2 ޔޫ.http://tutor2u.net/economics/revision-notes/a2-macro-globalisationeffects.html ން.
- ޖޯން ސްކޮޓް، ގޯޑޮން މާޝަލް. އެޑިޓްކުރެއްވި. (2005). އެކްސްފޯޑް ޑިކްޝަރީ އޮފް ސައިކޮލޮޖީ. އޮކްސްފޯޑް: އެކްސްފޯޑް ޔުނިވަރސިޓީ ޕްރެސް.
- ޖޯޖް ރިޓްޒަރ. (2008). ސޯސިއޮލޮޖިކަލް ތިއަރީ. ނިއުޔޯކް: މެގްރޯހިލް ޕަބްލިޝަރ.
